ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ވާހަކަ

އެކުވެރިޔާ

އެންމެ ދުރު ހަނދާންތައް ގުޅެނީ ބައްޕަގެ ކޮޓަރީގައި ހަރުކޮށްފައި ހުންނަ ފުޓޯ ލޯގަނޑަށެވެ. އޭގައި ވަނީ އަހަރެންނާ އެއް އުމުރެއްގެ ކުއްޖެކެވެ. ކަރުގައި އަޅާފައި އޮތް ފަށައި ލައިގެން ހުރި ކުރު ސޯޓުން އެއީ މަންމަން ކުއްޖެކޭ ބުނެއެއް ނުދެއެވެ. ގަޔަށް އެއްޗެއް ލާފައި ނެތުމުން ދައްކާ ވާހަކަ އޭނާއަށް އަޑު ނުއިވޭނެއެކޭ ނުބުނެވޭނެއެވެ. ނަމަވެސް ހަގީގަތަކީ އެއެވެ. އެއީ މަންމަނެކެވެ. ރަށުގެ ގިނަ މީހުންގެ ބަހުން ނަމަ މަންމަނު ރައޫފެވެ. އަހަރެންގެ ބަހުން ނަމަ އެކުވެރި ރައޫފެވެ.

މިއަދު ރައޫފަކީ ވެސް ޒުވާނެކެވެ. އާރާބާރު ހުރި މީހެކެވެ. އެހެން ޒުވާނުންގެ އިހްޞާސްތައް ހުންނަ ފަދައިން، ޒުވާންކަމުގެ އުފާތައް އުތުރި އަރާ އެކުވެރިއެކެވެ. ރައޫފު ދެކޭ ގޮތުގައި ލޯތްބަކީ ވެވޭ އެއްޗެކެވެ. ލޯބިވާން ޖެހޭނީ ވެސް ރީތި ކުދިންނާއެވެ. އެންމެ ރީތި މީހަކީ އެންމެ ރަނގަޅު މީހާއެވެ. އެކަމަކު އެންމެ ލޯބިވީ ބައްޕަދެކެއެވެ. އެންމެ ބަރާބަރު މީހަކީ އަހަރެންނެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އޭނާ ދައްކާ ހުރިހާ ވާހަކައެއް އެނގެނީ އަހަންނަށެވެ. އެއީ ރައޫފަށް ވިސްނިފައި އޮތް ގޮތެވެ. ހަގީގަތަކީ އޭނާ ދައްކާ ބައެއް ވާހަކަތައް އަހަރެންނަށް ވެސް ނޭނގޭކަމެވެ. ބައެއް ފަހަރު އެނގޭކަމަށް ހެދެން ޖެހޭކަމެވެ. 

މީގެ އަހަރުތަކެއް ކުރިއެވެ. އަހަރެން ވެސް އުޅުނީ ރަށުގައެވެ. ރަށު މަދަރުސާގައެވެ. އޭނާވީ އަހަރެންގެ ހިޔަންޏަށެވެ. ކޮންމެ ކަމެއްގައި ވެސް އުޅުނީ އަހަރެންނާ އެކުއެވެ. އެންމެ ކުޑަ އިރުއްސުރެ ވެސް އެއީ އާދައެވެ. އަހަރެން އިންނަ ކޮންމެ ކުލާހެއްގައި އޭނާ ވެސް އިންނަން ބޭނުންވެއެވެ. އަހަރެން ހޯދާ ކޮންމެ އެއްޗެއް އޭނާ ވެސް ހޯދަން ބޭނުންވެއެވެ. އެންމެ ކުޑަމިނުން ރިޕޯޓްފޮތް ވެސް ޖެހެނީ އެއްގޮތްވާށެވެ. މާކުސްތަކާ، ގްރޭޑް ވެސް އެއްގޮތް ވުމަށް އޭނާ ބޭނުންވެއެވެ.

ގްރޭޑް 6 ނިމިއްޖެއެވެ. ނަސީބަކުން ރައޫފްގެ ހުރިހާ އުއްމީދެއް ދިޔައީ ފުރިހަމަވަމުންނެވެ. ހުރިހާ ޓީޗަރުންގެ އެހީތެރިކަމާ އެކު، އޭނާ ވެސް ދިޔައީ އަހަރެންނާ އެކު، އެއް ކުލާހެއްގައި ކިޔަވަމުންނެވެ. ފިލާވަޅުތައް ހަދަނީ އަހަރެންގެ ފޮތް ބަލައިގެންނެވެ. ޓެސްޓްގައި އިންނަނީ އަހަންނާ ޖެހިގެންނެވެ. ބައެއް ފަހަރު އަހަރެންގެ ޕޭޕަރު ބަލައެވެ. ނުބަލާކަމަށް ހެދެން ވެސް އުޅެއެވެ. ކޮޕީ ކުރުމަކީ މަނާކަމެއްކަން ޚުދު ރައޫފަށް ވެސް އެނގެއެވެ. ބައެއް ފަހަރު އަހަރެންގެ ޕޭޕަރުގެ ގަނޑުތައް އޭނާއަށް ފެންނާނެހެން ބަހައްޓަމެވެ. ބޭނުމަކީ އޭނާއަށް ދެއްކުމެވެ. ކިތަންމެ ބިރުން އިނދެ ވެސް އެކަން ކުރީ އެކުވެރިޔާއަށް އެއިން ފައިދާއެއް ކޮށްފާނެ ކަމުގެ ނިޔަތުގައެވެ.

އެއްފަހަރަކު ދިމާވިގޮތެކެވެ. ޓެސްޓްގެ މާރކްސްތައް ދެއްކި އިރު އެއް މާއްދާއަކުން އަހަންނަށް ލިބުނީ އަށްޑިހަ ހަތަރެކެވެ. ރައޫފަށް ނުވަދިހަ ދީފައި އޮތެވެ. ރައޫފަކަށް ގަބޫލެއް ނުކުރެވުނެވެ. އޭނާގެ މާކުސް ވެސް ޖެހުނީ ދަށް ކުރާށެވެ. އަހަރެންނަށް ލިބުނު މާކުހާ އެއްވަރަށް އޭނާގެ މާކުސް ވެސް ބަދަލުކުރާށެވެ. އެންމެ ފަހުން ޓީޗަރުގެ ގާތަށް ގޮސް އެ ބަދަލު ރިޕޯޓު ފޮތަށް ގެނައެވެ. އެ ކަން އެނގުމުން ވަރަށް ގިނަ ކުދިން ހީނހީފައި އެ ވާހަކަ ދެއްކިއެވެ. ކުރި މޮޔަ ކަންތަކުގެ ވާހަކައިން ޖޯކު ޖަހައި އުޅުނެވެ. ނަމަވެސް ރައޫފަށް އެ ކަންވީ ވަރަށް ހަމަޖެހޭ ކަމަށެވެ. މާކުސް ބަދަލުކުރެވުމުން ރައޫފް ހުރީ ހިތްހަމަ ޖެހިފައެވެ. އޭނާއަށް ގަބޫލުކުރެވުނީ އަހަރެންނަށް ވުރެ މަތިން އޭނާއަށް މާކުސް ނުހޯދޭނެކަމެވެ. އަހަރެންގެ ޕޭޕަރު ބަލައިގެން ޓެސްޓު ހަދާ އިރު އަހަރެންނަށް ވުރެ މަތިން މާކުސް ލިބެންވީ ކީއްވެ ހެއްޔެވެ؟

ދުވަސްކޮޅެއް ފަހެވެ. ރައޫފުގެ ބައްޕަގެ މަތިވެރި ގުރުބާނީން އޭނާ ރާއްޖޭން ބޭރަށް ދިއުމުގެ މަގު ފަހިވިއެވެ. އަޑުއިވުމަށް އަލި މަގެއް ފެނޭތޯ ކުރި އުންމީދަށް އަލިވިލޭ ގޮތްވިއެވެ. ރައޫފަށް އެކަން ވީ އުފާވެރި ކަމަކަށެވެ. އޭނާއަށް ފިލްމްތަކުން ފެންނަމުން ދިޔަ މަންޒަރުތައް ބޭރަށް ގޮސް ހަމަ ލޮލުން ބަލައިލުމުގެ ފުރުޞަތު ހުޅުވުނު ކަހަލައެވެ. އެ ދުވަސްވަރުގެ ކަމަކީ އެ ވާހަކަދެއްކުމެވެ. ބޭރަށް ގޮސް އަންނައިރު ކަންފަތް ރަނގަޅުވާނެކަމަށް އޭނާ ބުންޏެވެ. އެ އުންމީދު އޭނާ ކުރިއެވެ. އެ ވާހަކަތައް އަހަންނަށް ކިޔައިދިނެވެ.

އަހަރެން ވެސް ދިޔައިމެވެ. އޭނާ ފުރާތަނަށް ގޮސް ވަދާޢީ ސަލާމް ކުރީމެވެ. އެ ހިނދު ހިތުގައި އޮތީ އެންމެ ކަމެކެވެ. ރައޫފަށް އަޑުއެހުމުގެ ނިއުމަތް ދެއްވުމެވެ. އެ ނަސީބު މިންވަރު ކުރެއްވުމެވެ.

ފޮނިފޮނި އެތައް ވާހަކަތަކަކަށް ފަހު، ރައޫފް ރަށުން ފުރައިގެން ދިޔައީ ވަރަށް އުންމީދާ އެކުއެވެ. އެތައް ހަދިޔާއެއް އަހަންނަށް ގެނެސްދޭނަމޭ ބުނަމުންނެވެ. އަހަރެން ވެސް ހުރީ އުފަލުން ފޮޅިފައެވެ. އޭނާ ދައްކާ ވާހަކަތައް ތެދުވާނޭ ނަމައޭ ހިތަށް އަރާފައެވެ.

އެއް މަސް ފަހުން ރައޫފު އެނބުރި ރަށަށް އައެވެ. ނަމަވެސް އޭނާ ހުރީ ހަމަ އެގޮތަށެވެ. ޑޮކްޓަރުންގެ ބަހަކަށް ވީ އެކަމަށް ބޭސްކުރުން މާ ލަސްވީ ކަމުގައެވެ. އެކަމަކު އެންމެންނަކީ މުއްސަނދިންނެއް ނޫނެވެ. ވަގުތުން ފަރުވާ ކުރެވޭ ފެންވަރުގެ ތަނަވަސްކަން ލިބިފައިވާ ބައެއް ވެސް ނޫނެވެ. އެހައި ބޮޑު ޚަރަދެއް ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ދުލުން ބުނެލާހައި ފަސޭހައިން އެހައި ދުރަށް ދާނީ ކިހިނެއް ހެއްޔެވެ؟ ޑޮކްޓަރުންނަށް ކަމެއް ނުވަނީ ތާއެވެ. އެހައި ދުރަށް، އެހައި ބޮޑު ޚަރަދު ކޮށްގެން ދިއުމުން އެ ބުނީ ފަރުވާއެއް ނެތް ވާހަކައެވެ. މިހާރު އެ ކަންރަނގަޅު ވާން ނެތް ވާހަކައެވެ.

     ހިތުގައި އުފެދުނީ ހިތްހަމަނުޖެހުމެވެ. ޑޮކްޓަރުންނާމެދު އުފެދުނީ ނަފުރަތެވެ. ރައޫފާ މެދު އުފެދުނީ ހަމްދަރުދީއެވެ. އޭނާގެ ގާތުގައި އެ ވާހަކަތައް އަހާކަށް ނުކެރުނެވެ. އެކަމާ އޭނާ ދެރަވާނެ ވަރު އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އަހަރެންނެވެ. އޭނާގެ މަންމައަށް ނުކުރާ އިތުބާރު އަހަންނަށް ކުރިއެވެ. ކޮއްކޮމެންނަށް ނުދޭ ސަމާލުކަން އަހަންނަށް ދިނެވެ. އެހެންވެ، އެކަން އަހަރެން ވެސް ދަންނަމެވެ. އެ އެކުވެރިޔާގެ ހާލަށް ހަމްދަރުދީވެ ކެތްކުރަމެވެ.

ކަލަންޑަރގެ ގަނޑުތައް ބަދަލުވެ ދުވަސްތައް ފާއިތުވެއްޖެއެވެ. އަހަރެންގެ ކިޔެވުން ރަށު މަދަރުސާއިން ނިމުނީއެވެ. ދެން އޮތީ މާލެ ދިއުމެވެ. އެ ވާހަކަ ރައޫފަށް އެނގުނު ހިސާބުން ކަންތައް ގޯސްވިއެވެ. އެއީ މާ ކުރިން ވެސް ރައޫފް ދެއްކި ވާހަކައެކެވެ. އަހަރެންގާތުގައި ވެސް އެތައް ފަހަރަކު އެ ވާހަކަ ދެއްކިއެވެ. އެ ފުރުސަތު އޭނާއަށް، އޭނާގެ ބައްޕަ ހޯދައިދޭނެ ވާހަކަ ބުންޏެވެ.

އެންމެ ފަހުން ކިޔެވުމަށް ޓަކައި މާލެ އައުމަށް އަހަރެން ފުރީމެވެ. ފުރަން އޮތް ރޭ ރައޫފަކަށް ނުވެސް ނިދެއެވެ. އިރުއިރުކޮޅާ އަހަރެންގެ ގެއަށް އާދެއެވެ. އަހަރެންނާ ކޮންމެ ވެސް ވާހަކައެއް އަތުގެ ޙަރަކާތްތަކުން ދައްކައެވެ. ސިޓީ ފޮނުވާނެ ވާހަކައާއި ފޯނުކުރާނެ ވާހަކަ ވެސް ބުނެއެވެ. އޭނާ ވެސް މާލެ ދާނެވާހަކަ ތިން ހަތަރު ފަހަރު ބުންޏެވެ.

ދެ މީހުން ދެ ތަންވީއެވެ. އެކު އުޅުނު އެންމެ ގާތް ރަހުމަތްތެރިޔާ، ލޯމަތިން ގެއްލުނީއެވެ. ހިޔަނިފަދައިން ރަށުގައި އުޅުނު މިތުރާއާ ވަކިވީއެވެ. މިއީ ގުދުރަތުން ރޭވި ހަމަޖެހުނު ގޮތެވެ. ކިތަންމެ ވަރަކަށް ހަނދާންވިޔަސް، ދެނެއް ކޮންމެ ދުވަހަކު ރައޫފެއް ނުފެންނާނެއެވެ. ކޮންމެ ދުވަހަކުހެނދުނު ހެނދުނާ އައިސް އަހަރެންނަށް ގޮވާނެ މީހަކު ނުހުންނާނެއެވެ.

މާލެ އައިތާ ފުރަތަމަ ދުވަސްކޮޅު ވަރަށް ހަނދާންވެއެވެ. ރަށް މަތިން ހަނދާން ވަނީ އެ ރަށާ ގުޅިފައިވާ މީހަކަށް ވާތީއެވެ. އެންމެ ގާތް އެކުވެރިންނާ، އެންމެ ލޯބިވާ މީހުން ތިބީ އެ ފަސްގަނޑުގައި ކަމަށް ވާތީއެވެ. ފާއިތުވީ ހުރިހާ ދުވަހެއްގެ މަޖާކަން އެ އުފަން ބިމާ ލާމެހިފައި ވާތީއެވެ.

މީހުން ބުނެއެވެ. ދުނިޔެއަކީ އަޖައިބެއް ކަހަލަ ތަނެކެވެ. އެކި ދުވަހު ދައްކާނީ އެކި މޫސުމެވެ. އެކި ފަހަރު ފޮޅޭނީ އެކި މަލެވެ. ތެދެކެވެ. މޫސުން ބަދަލުވީ ފިސާރި އަވަހަށެވެ. އެ ބަދަލު އައީ އަހަންނަށެވެ. އަހަރެންގެ ރައްޓެހިން ބަދަލުވީއެވެ. އާ ބަޔަކު އެ ރައްޓެހިކަމުގެ އިމަށް ވަނީއެވެ. އެއާއެކު އިހުގެ އެންމެ ގާތް މިތުރުން ދުރަށް ޖެހުނީއެވެ. ދުރުގައި ތިބި މީހުން ދުރު ކުރެވުނީއެވެ. އެ ލިސްޓުގައި ރައޫފު ވެސް ކޮންމެ ވެސް ގޮތަކަށް ހިމެނުނީއެވެ. ކުރިން އޮތް ގާތްކަން ކުޑަވަމުން ފަނޑުވަމުން ދިޔައީއެވެ.

އަހަރެންނަށް އިނދެވުނީ ޚިޔާލަކަށް ގެއްލިފައެވެ. އެ ޚިޔާލުތަކުން ނުކުންނަން މަޖުބޫރުވީ ފޯނު ރިންގުވާން ފެށުމުންނެވެ. ދެތިން ފަހަރު ރިނގުވެފައި ފޯނު ކެނޑުނެވެ. އަހަރެން ނަންބަރު ބަލައިލާން އުޅެނިކޮށް އަނެއްކާ ވެސް ރިންގުވާން ފެށިއެވެ. އަވަސް އަވަހަށް ފޯނު ޖީބުން ނެގުމަށް ފަހު، "ހަލޯ" ގޮވާލީމެވެ.

"އަންވަރު. މީ ސިއްތައްތަ. ޔޫސުއްބެ ނިޔާވެއްޖެ. އަޅެ، ރައޫފު ގާތަށް ދޭ ބަލަ. އޭނާ ހަމައަކަށް އަޅުވައިދީބަލަ. މިހާރު އޭނާ މާލެ ދާނެ. އެކަން ވިޔަސް ވާނީ އަންވަރަށް. އެހެން މީހެއްގެ ބަހެއް ނާހާނެ" ރުއިމުގެ ރާގުގައި ވާހަކަދެއްކީ ރައޫފުގެ މަންމައެވެ. އެ އާދޭހުގައި ވަނީ ހިތާމައިގެ އަސަރެވެ. އެ އަސަރުން އަހަރެންގެ ހަވާސް ހޭލައްވާލިއެވެ. ޖަހަމުން ދިޔަ ހުވާސް އަވަސްކުރުވިއެވެ. ރައޫފަށް ވާނެ ވަރު ވިސްނުނެވެ.

ރައޫފު މުޅިގޭގައި ދުވަނީއެވެ. ބާރު ބާރަށް ރޮނީއެވެ. ބައްޕަ މަރެއް ނުވާނޭ ގޮވަމުންނެވެ. އެ އަނގައިން ބަސްތައް އަތުރަން ނޭނގުނަސް އޭނާ ގޮވަމުން ދިޔައީ އެ ވާހަކައެވެ. އެ އަޑު އިވޭ ކޮންމެ މީހަކަށް އެ މަންމަން ޖުމުލަތަކުގައި ވާ އިބާރާތްތައް ސިފަކުރެވޭހާ ވެއެވެ.

އޭނާ ބައްޕަ މަރުވާންވީ ކީއްވެ ހެއްޔެވެ؟ އުޅުނީ ގަދަފަދަ ކޮށެވެ. އެންމެ ފަހުން އަހަރެންނާ ވާހަކަ ދެއްކި އިރު ވެސް ގަދަފަދައެވެ. ބަލިކަމަކަށް ނުބުނެއެވެ. އުމުރުން މާ ގިނަ ދުވަސްތަކެއް ވީކީ ނޫނެވެ. ނުނިމި ހުރި އެތައް ހުވަފެނެއް އެބަ ހުއްޓެވެ. ކުރާން ރާވާފައި ވާ އެތައް ކަމެއް އެ ހުރީއެވެ. ބައްޕަ މަރެއް ނުވާނެއެވެ. އެއީ ދޮގެކެވެ. ގަބޫލެއް ނުކުރާނަމެވެ. ރައޫފުގެ މަންމަން ބަހުރުވައިން ކޮންމެ މީހަކާ ވެސް ކުރަނީ ޒުވާބެވެ. އެ ބައްޕައާ މެދު އޭނާ އުންމީދު ކަނޑައެއް ނުލައެވެ.

ދެ ފައިމައްޗަށް ތިރިވެ، އިނދެ، ރައޫފު ރޮމުން ދިޔައީ، ބިންމަތީގައި ތަޅަމުންނެވެ. މީހުން އެއްވެ، އޭނާއަށް ވިސްނައި ދެވޭތޯ އުޅުނެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. މަންމަން ބަހުރަވަ ނޭނގޭތީއެއް ނޫނެވެ. ރައޫފު އިހުސާސްތައް ނުދަންނާތީއެއް ވެސް ނޫނެވެ. އެ ވާހަކަތައް އަޑުއަހަން ރައޫފު ބޭނުން ނުވާތީއެވެ. ރައޫފް މާލެ އައީ އެ ސަބަބާ ހުރެއެވެ. ރަށުގެ އެތައް ބަޔަކާ ޒުވާބުކޮށްފައެވެ. އޭނާ ގެ "ކޮޅު" ގަދަވާނެކަން ޔަގީންކޮށްފައެވެ.

މާލޭގައި ފައިޖެހުމާ އެކު، ރައޫފު ތުރުތުރު އަޅަންފެށިއެވެ. ފުރަތަމަ ވެސް މުޅި މާހައުލަށް ނަޒަރު ހިންގާލީއެވެ. އެއްވެފައިތިބި މީހުންގެ މޫނުމަތިން އޭނާ އެތައް ކަމެއް ދެނެގަތެވެ. ހައްތާ ވެސް އާއިލާ މީހުންނެވެ. ރަށު މީހުންނާއި ރައްޓެހިންނެވެ.

ކާރަކަށް އެރުމަށް ފަހު، ރައޫފް ދިޔައީ އާސަހާރާ މިސްކިތަށެވެ. ރައޫފަކަށް ކެތެއް ނުކުރެވުނެވެ. ކޮއްކޮމެންގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބާ މަންޒަރު ބަލާކަށް އެ ލޮލަކަށް ކުޅަދާނައެއް ނުވިއެވެ. އޭގެ ޖަވާބުގައި ރައޫފަށް އަޑުގެކޮޅަށް ހަޅޭއްލަވައިގަނެވުނެވެ. އަދި ގަދަ އަޑާއެކު ރޮވޭގޮތްވިއެވެ. އެހިސާބުން އޭނާގެ ބާރުދާހެން ހީވިއެވެ. ބަނޑުގައި އަތް އެޅުމަށް ފަހު، ހާސްވެ ވެއްޓޭ ގޮތް ވިއެވެ. ކައިރީގައި ތިބި މީހުން އޭނާ ހިފެހެއްޓީއެވެ.

އަހަރެންނާ ރައޫފް ދިމާވި ހޮސްޕިޓަލުންނެވެ. ރައޫފް ހޮސްޕިޓަލަށް ގެންދިޔަކަން އެނގިގެން އަހަރެން ދިޔައީ އެ ތަނަށެވެ. އަހަރެން ހަމަ ފެނުމާއެކު އޭނާ އޮޅުލައިގަތެވެ. ދަރިއަކު ބަފަޔަކުގައި އޮޅުލައިގަންނަ ގޮތަށެވެ. އޭނާގެ އިހްޞާސްތައް ބުނެދިނީ އެ ވާހަކަތަކެވެ. އޭނާ ކިޔައިދެން ބޭނުންވި އެތައް ވާހަކަތަކެއް ހުރިކަން އަހަންނަށް އެނގުނެއެވެ. އެކަމަކު އެ ހުރިހާ ވާހަކަތަކެއް، އޭގެ އަސަރާއެކު ބަޔާން ކުރާނީ ކިހިނެއް ހެއްޔެވެ؟

މިއީ ދުނިޔޭގެ އާދައެވެ. ކޮންމެ މީހަކަށް ވެސް އަންނާނެ ދުވަހެކެވެ. އަހަރެން ވެސް މަރުވާނެއެވެ. ރައޫފު ވެސް މަރުވާނެއެވެ. ބައްޕަ ވެސް މަރުވާނެއެވެ. ޖެހޭނީ ކެތްކުރާށެވެ. ކެތްތެރިވާށެވެ. ރައޫފު ރޯ ނަމަ ކޮއްކޮމެން ވެސް ރޯނެއެވެ. ކޮއްކޮމެން ރޯ ނަމަ މުޅި އާއިލާ ވެސް ރޯނެއެވެ. އަހަރެން މަސައްކަތްކުރީ ރައޫފަށް ވިސްނައި ދެވޭތޯއެވެ. ހޮސްޕިޓަލްގެ އަވަސް ފަރުވާ ކޮޓަރީގައި އެތައް ވާހަކައެއް ރައޫފާ ހިއްސާކުރީމެވެ. އޭނާ ހިތްހަމަޖައްސައި ދެވޭތޯ އެތައް ވާހަކައެއް އަތުގެ ހަރަކާތުން ދެއްކީމެވެ. އެކަމަކު އިރުއިރުކޮޅާ ރައޫފު ރޮއެގަނެއެވެ. އެ ހަނދާންތައް ހިތަށްގެނެސް ހޭރިގަނެއެވެ.

އެންމެ ފަހުން އަހަރެން ބުނީމެވެ. ރޯކަމަށްވާ ނަމަ، ދެން ސަހަރާއަކަށް ނުގެންދާނަމެވެ. ބައްޕަގެ މޫނުބަލާލަން ދާން ބޭނުން ނަމަ، ރުއިން ހުއްޓާލާށެވެ. ރައޫފް އެއްބަސްވިއެވެ. އެ ވަގުތު ވެސް އަހަންނަށް އެނގެއެވެ. އޭނާއަކަށް ކެތެއް ނުވާނެއެވެ. އެ ބައްޕަގެ ހަނދާންތަކާ ވަތްކެއް ނުވެވޭނެއެވެ. އެއީ ރައޫފްގެ ބައްޕައެވެ. ރައޫފަކީ އެ ހަށީގެ ލެއިން އުފެދުނު ދަރިއެވެ. އޭގެ އަސްލުނެތި ފަނާވެދާ އިރު، އޭގެ މޭވާއަށް ކެތްކުރެވޭނެ ހެއްޔެވެ؟

އަހަރެންނާއެކު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ރައޫފު އާސަހަރާއަށް ދިޔައެވެ. އެތައް ނަސޭހަތެއް ދިނުމަށްފަހު އެތައް ވާހަކަތަކެއް ދެއްކުމަށް ފަހުއެވެ. އެ ހިސާބުން ބައްޕަގެ މޫނު ރައޫފަށް ފެނުނެވެ. ލޮލުން ފައިބައިގަތް ހޫނު ކަރުނަތައް ފޭދުނީ އަހަރެންގެ ގަމީހަށެވެ. އަހަރެންގެ ލޮލުން ވެސް އެ އަސަރު، ބަންޑުންވިއެވެ. އޮޅުވާލުމަށް ޓަކައި އަހަރެން ހުރީ މަތި ބަލަހައްޓައިގެންނެވެ. އެކަމަކު ދެ ފަރާތަށް ދެމިގެން ދިޔަ ކަރުނަތައް، އެއްވެސް ހިފެހެއްޓުމެއް ނެތި ފޭބީ ދެ ކޮނޑަށެވެ. ރައޫފްގައި އަހަރެން އޮޅުލައިގަތީމެވެ. އަހަރެންގެ އިހްސާސްތައް އޮޅުވާލީމެވެ. އޭނާ ވެސް ކުރީ އެ މަސައްކަތެވެ. ދެ ލޯ ފުހެލީ އަހަރެންގެ ކޮނޑުގައި ބޯ އަޅާލަމުންނެވެ.

އިރުކޮޅެއް ފަހުން މޫނު ނިވާކުރަން ފެށުނެވެ. ރައޫފް އޭނާގެ ބައްޕަގެ މޫނަށް އެންމެ ފަހު ފަހަރަށް ބަލާލިއެވެ. އަދި 'ބައްޕާ' އޭކިޔާ ގޮވާލަން އުޅުނުހެން ހީވިއެވެ. އޭނާގެ ބަހުރުވައިން އޭނާ ސަލާމްކުރީއެވެ. އެއަށް ފަހު، އޭނާގެ އަތުގައި އޮތް ކަފަކޮޅު ބައްޕަގެ އެ ލޮބުވެތި މޫނުގައި ބޭއްވިއެވެ. ތުރުތުރު އަޅައަޅައި ހުރި އެ އަތުން، ނުބާއްވަން ގޮވައެވެ. އެކަމަކު އޭނާއަށް މަޖުބޫރެވެ. ކުރިމަތީ ތިބި އެންމެންގެ ލޯތައް ހުއްޓިފައި ވަނީ އޭނާއާ ދިމާއަށެވެ.

ކަށުނަމާދު ވެސް ކުރެވުނީއެވެ. އެންމެން ހިގައިގަތީ ވަޅުލުމަށް ޓަކައި ގަބުރުސްތާނާ ދިމާއަށެވެ. އަހަރެން ވެސް ހުރީ ރައޫފުގެ އަތުގެ ތެރެއަށް އިނގިލިތައް މޮހާލައިގެންނެވެ. އޭނާއާއެކު އަބަދު ވެސް ހުންނާނަމޭ ބުނަމުންނެވެ. ކޮނެފައިވާ ފުންވަޅުގަނޑުގެ ތެރެއަށް އެ ސަންދޯއް ބޭލުނެވެ. އެއާއެކު "ފަސް މުއް" އުކެމުންދިޔައެވެ. އެ ހިތާމަވެރި މަންޒަރު ބަލާކަށް ރައޫފުގެ ހިތް ޖާގައެއް ނުދިނެވެ. އޭނާ ހާސްވާ ގޮތްވެ، ވެއްޓޭން އުޅުނެވެ.

އެހިސާބުން ޖެހުނީ ރައޫފް އެ ތަނުން ނެރޭނެއެވެ. އޭނާޔާއެކު އަހަރެން ނިކުތީމެވެ. ތިން މީހެއްގެ ބާރުން ރައޫފު ބޭރަށް ނެރުނެވެ. އަދި ކާރަކަށް ގުޅަމަށް ފަހު ގެއަށް ގެންދިޔުމަށް މަސައްކަތްފެށިއެވެ. އޭރު ވެސް އަހަރެންގެ ހިތް ތެޅެއެވެ. ރައޫފުގެ އިހްސާސްތައް އަޑުއިވި ރޮވެއެވެ. ދެން ކެތެއް ނުކުރެވުނެވެ. ކާރުއައުމާ އެކު ދެ މީހުން ވެސް އެރީ ކާރަށެވެ. ރައޫފް އިނީ ގަބުވެފައެވެ. އަހަރެން ވެސް އިނދެވުނީ އެ ކަހަލަ ގޮތެއް ވެފައެވެ.

ކާރު މިސްރާބު ޖެހީ ސަހަރާޔާ ދުރަށެވެ. ރައޫފުގެ ބައްޕަގެ މަހާނައާ ފެޔަށެވެ. މިއީ ދުނިޔޭގެ އާދައެވެ. ކޮންމެ މީހަކަށް ވެސް އޮތީ އުމުރެކެވެ. ކަނޑައެޅި ނިމިފައިވާ ދުވަސްތަކެކެވެ. އެއީ ބަދުނަސީބެއް ނޫނެވެ. މަރުވުމަކީ ވެސް ނަސީބެކެވެ. އަހަރެމެންނަށް އޮތީ ހެޔޮ ދުއާކުރުމެވެ. ރަހުމަތް ލައްވާތޯ ދެންނެވުމެވެ. މި ދެންނެވުންތަކުގައި ވަނީ ރައޫފުގެ އާދޭހެވެ. އޭނާގެ ހިތުން ކުރެވޭ ދުއާތަކެވެ. އެކަނި އިނދެ، ކިޔޭ ތަސްބީހަތަކެވެ.

މިއަދު (މި ވާހަކަ ލިޔުނު ދުވަސްވަރު) އަހަރެންގެ އެކުވެރިޔާ އުޅެނީ މާލޭގައެވެ. އަހަރެންނާ އެއް ފަސްގަނޑެއްގައެވެ. ކޮންމެ ހުކުރު ދުވަހަކު އަހަރެންނާ އެކުވެރިޔާ ދިމާވެއެވެ. 11 ޖެހުމާއެކު އަހަރެންގެ ފޯނަށް އެކުވެރިޔާ ގުޅަން ފަށައެވެ. އެކުވެރިޔާ ގުޅާ ސަބަބު އަހަރެންނަށް އެނގެއެވެ. އެއީ އެކުވެރިޔާ މަތިން ހަނދާން ކޮށްދިނުމަށެވެ. ކޮންމެ ހުކުރު ދުވަހަކު އެކުވެރިޔާއާ އެކު ހުކުރަށް ދިއުމަށެވެ. ކިތަންމެ ލަސްވިޔަސް އެކުވެރިޔާ އަހަރެންނަށް އިންތިޒާރު ކުރާނެއެވެ. މާލޭގައި އުޅޭ ނަމަ އެކުވެރިޔާ ގޮވައިގެން ހުކުރަށް ދިއުމަކީ އަހަރެންނަށް މަޖުބޫރު ކަމެކެވެ. ނުދެވިއްޖަ ނަމަ ކަންތައް ވަރަށް ގޯސްވާނެއެވެ. އެކުވެރިޔާ ވަރަށް ދެރަވާނެއެވެ. ފާއިތުވީ 5 އަހަރު ކޮންމެ ހުކުރު ދުވަހަކު އެކުވެރިޔާއާ އެކު އެއް ސުފުރާއަކުން އަހަރެން ވެސް އިންސާފުކުރަމެވެ. އެތައް ވަގުތެއް އެކުވެރިޔާއާއެކު ހޭދަކުރަމެވެ. ނަމަވެސް އެއީ މަންމަނެކެވެ. އަނގައިން ވާހަކަނުދެއްކޭ މިތުރެކެވެ. އެ "ނުދެއްކޭ" ވާހަކަތަކުން ހާދަ ވާހަކަތަކެއް އަހަރެންނަށް ކިޔައިދެއެވެ. އެކުވެރިކަމުގެ މި ގުޅުން ދަމަހައްޓައިދެއެވެ.   

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
86.666666666667%
އުފާވި
13.333333333333%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
14 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments