
މީދޫ ކައުންސިލްގެ ރައީސް ޙަސަން ޝަރީފް ވިދާޅުވީ މި ދަތުރަކީ ވަރަށް ތާރީޚީ އަދި ވަރަށް މުހިންމު ދަތުރެއް ކަމަށާއި ދަތުރުން ދެ ރަށުގެ މެދުގައިވާ ޒަމާންވީ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށެވެ.
"މި ދަތުރު ރޭވި އިރު ކުރީގެ އިސްރަށްވެހީންނާ ވާހަކަދައްކާ ކުރިއަށް އޮތް ޖީލުތަކަށް މި ގުޅުން ދެމިގެންދާނެ ގޮތަކަށް މިކަން ރޭވޭތޯ ބެލީ. އިރާދަކުރެއްވިއްޔާ އެކަން ވަރަށް ފުރިހަމައަށް ކާމިޔާބު ވެއްޖެ. މި ދަތުރުގެ ތެރެއިން ފަހުމު ނާމާގައި ސޮއިކުރެވި. ޚިޔާލުތައް ބަދަލުކުރެވުނު" ރައީސް ވިދާޅުވިއެވެ.
މީދޫ ކައުންސިލްގެ ނައިބު ރައީސް ޢަލީ ރަޝީދު ވިދާޅުވީ މީދޫ ރައްޔިތުންނަށް ތުޅާދޫ ރައްޔިތުން ކީ މެހުމާނުދާރީއަކީ ނަމޫނާއެއް ކަމަށާއި އެ މެހުމާނު ދާރީން އެކަނި ވެސް ތުޅާދޫ ރައްޔިތުން މީދޫ ރައްޔިތުނަށް ދެއްވާ ޚާއްޞަކަމާއި ގަދަރު އެނގިގެން ދިޔަކަމަށެވެ.
"ހަގީގަތުގައި ވެސް އަޅުގަނޑުމެން މިތިބީ ވަރަށް އުފަލުން. އެރަށުން އަޅުގަނޑުމެން ފުރީ އުފަލުގެ ކަރުނަޔާއެކު. ތުޅާދޫ ރައްޔިތުންގެ ލޯތަކުން ފޫދިގެން ދިޔަ ކަރުނައިން ވެސް މި ގުޅުމުގެ ޚާއްޞަކަން އެނގުނު. މި ދަތުރުން އަޅުގަނޑަށް އިހުސާސްކުރެވުނު އިހު އޮތް ގާތްކަން މިއަދު ވެސް އޮތްކަން. އެ ގުޅުން ދަމަހައްޓަން ދެ ރަށުގެ ރައްޔިތުން ބޭނުންވެފައިވާ މިންވަރު. އަޅުގަނޑުމެން ކައުންސިލުން އަދި މުޅި މީދޫ ރައްޔިތުންގެ ފަރާތުން މުޅި ތުޅާދޫއަށް ޝުކުރު ދަންނަވަން. ތިޔަ އޯގާތެރިކަން ދުވަހަކު ވެސް ހަނދާނަކުން ނުނެތޭނެ" މީދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.
މީދޫ ރައްޔިތުން ތުޅާދޫއަށް އައީ ޑިސެންބަރު 25ވީ ބުރާސްފަތި ދުވަހުގެ މެންދުރު 15:30 ހާ އިރުއެވެ. މި ދަތުރުގައި ތަފާތު އެތައް ހަރަކާތެއް ދެ ރަށު ރައްޔިތުންގެ މެދުގައި ހިންގާފައިވެއެވެ. މި ގޮތުން ފުޓްބޯޅަ މެޗެއް ކުޅުމާއި، ގަސް އިންދުމުގެ ހަރަކާތެއް ބޭއްވުމާއި ތުޅާދޫން ޚާއްޞަ ޖާފަތެއް ދިނުމާއި ދެ ރަށުގެ މެދުގައި ފަހުމުނާމާއެއްގައި ސޮއިކުރުމާއި ދެ ރަށު މީހުން ހަދިޔާ ބަދިޔާ ބަދަލުކުރުންފަދަ ކަންކަން ހިމެނެއެވެ.
މިއީ ފަހުގެ ތާރީޚެއްގައި މީދޫގެ ގިނަ ބަޔަކު އެއްފަހަރާ ތުޅާދޫއަށް ކުރި މިފަދަ އެންމެ ކާމިޔާބު ޒިޔާރަތެވެ.