
ލިޔެލާޖެހުމުގެ ފަންނުވެރި މަސައްކަތް، ތުޅާދޫގެ ތާރީޚާ ގުޅިފައިވާ އެންމެ މުހިންމު އެއް ދާއިރާއަކީ، ތުޅާދޫގެ ތަޢުލީމީ ދާއިރާއެވެ. ތުޅާދޫގެ ރަސްމީ ތަޢުލީމުގެ ފެށުން ގުޅިފައިވަނީ ތުޅާދޫގައި ފެށްޓި ފުރަތަމަ ސްކޫލާއެވެ. އެންމެ ފުރަތަމަ، ތުޅާދޫ ސްކޫލުގައި ކިޔަވައިދިނީ، ރައްޔިތުން އިހު ކީ ބޮޑުމާއުލޫދު ކިޔުމަށް ދަނޑިފަނުން އަޅާފައިހުރި މައުލޫދު ހަރުގޭގައެވެ. 1936ވަނަ އަހަރުގެ އޮގަސްޓްމަހުގެ 17ވަނަ ދުވަހު ފެށިގެން ދިޔަ އެ ސްކޫލް އުފެއްދެވީ، އޭރުގެ ރާއްޖޭގެ ފަނޑިޔާރު މަނިކުފާނުގެ ދަރިކަލުން (ޙުސައިން ޞަލާޙުއްދީނުގެ ދަރިކަލުން) މުހައްމަދު ސަޢީދުލް އަޒުހަރީ ތުޅާދޫގައި ހުންނަވައިގެން ސީދާ އެމަނިކުފާނެވެ.
ތުޅާދޫ ސުކޫލު ކުރިން ހިންގި ޢިމާރާތް
މިހައި ހިސާބުން އުފެދޭ ސުވާލަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްކޫލު ކަމުގައިވާ މަޖީދިއްޔާ ސްކޫލުގެ ނާޒިރު، ހުސައިން ޞަލާހުއްދީނުގެ ދަރިކަލުން ތުޅާދޫގައި ހުންނަވައިގެން ތުޅާދޫގައި ސްކޫލެއް ފެށްޓެވީ ކީއްވެ ހެއްޔެވެ؟ ރާއްޖޭގައި ތަޢުލީމުދިނުން އާންމުނުވާ ޒަމާނެއްގައި އަދި އަމުދުން ރާއްޖޭގެ އެންމެ ހުޅަނގު ބިތުގެ ވެސް އެންމެ ހުޅަނގުގައި މާލެއާ މާދުރުގައި އޮތް ބިން ކުޑަ ތުޅާދޫގައި މާލޭގެ ބޮޑުންގެ ތެރެއިން ބޭފުޅަކު އިސްވެ ހުންނަވައި ސްކޫލެއް ހުޅުވުމުގެ ފަހަތުގައި ވަނީ ކޮން ކަމެއް ހެއްޔެވެ؟
ތ. ކަނޑޫދޫގެ ނަމުގައިވާ ފޭސްބުކް އެކައުންޓަކުން 30 އޮގަސްޓް 2021ގައި ޕޯސްޓްކޮށްފައިވާ ޕޯސްޓުގައިވާ މަލާފަތުގައިވާ ލިޔުމަށް ބަލާއިރު އެއީ ފަނޑިޔާރުގޭގައި ނައިބުކަމާ ހިނގާ ދުވަހު، ބިލެތްޖަހަން، ޞަލާހުއްދީން (ބަންޑާރަ ނައިބު މަނިކުފާނުން) ތުޅާދޫ ދޮން އިސްމާޢީލް ކަލޭގެ ގެންނަވައި ހިޖުރައިން 1338 ވަނަ އަހަރު (މީގެ 109 އަހަރު ކުރިން) ކުރިން ލިޔުއްވާފައިވާ މަލާފަތެއްކަން އެނގެއެވެ. ޙުސައިން ޞާލާހުޢްދީނަކީ އެ ދުވަސްވަރު ފަނޑިޔާރުގޭ ފެންޑާގައި ކިޔަވައިދޭން އެންމެ ފުރަތަމަ ފެށްޓެވި މަދަރުސަތުއްޞަލާޙިއްޔާ، އެއަށް ފަހު މަދަރުސަތުއް ސަނިއްޔާ، އޭގެފަހުން މަދަރުސަތުލްމަޖީދިއްޔާ އަދި އެންމެ ފަހުން މަޖީދިއްޔާ ސްކޫލުގެ ނަމުގައި ރާއްޖޭގައި އެންމެ ފުރަތަމަ ފެށްޓެވި ސްކޫލުގެ ނާޒިރެވެ. ފަނޑިޔާރު މަނިކުފާނު ތުޅާދޫ ދޮންއިސްމާޢިލް ގެންނަވައި ލިޔުއްވި ތާރީޚީ މަލާފަތާ ތުޅާދޫ ސްކޫލާ ގުޅުމެއް ނުވޭ ހެއްޔެވެ؟ ފަނޑިޔާރު މަނިކުފާނުގެ ދޮށީ ދަރިކަލުން ތުޅާދޫގައި ހުންނަވައިގެން އެންމެ ފުރަތަމަ ތުޅާދޫ މަދަރުސާގެ ނަމުގައި ފެށްޓި، ރާއްޖޭގެ ތިންވަނަ ސްކޫލް، ތުޅާދޫގައި ފެށްޓެވި ފެށްޓެވުމާ ގުޅުމެއް ނުވޭ ހެއްޔެވެ؟
ޞަލާހުއްދީން (ބަންޑާރަ ނައިބު މަނިކުފާނުން ތުޅާދޫ ދޮން އިސްމާޢީލް ކަލޭގެ ގެންނަވައި ހިޖުރައިން 1338 ވަނަ އަހަރު ލިޔުއްވާފައިވާ މަލާފަތް
ތުޅާދޫގެ އެންމެ އިހު މީހުންގެ ފަރާތުން މިއަދާ ހަމައަށް ޔަގީންކަމާއެކު ފޯރާފައިވާ ހަގީގީ ވާހަކަތަކުގެ ތެރެއިން އެއް ވާހަކައަކީ އެންމެ އިހުއްސުރެ ފެށިގެން މާލޭގެ ބޮޑުން ތުޅާދުއަށް ވަޑައިގެން ތުޅާދޫގައި އުޅުއްވާ ވާހަކައެވެ. އެ ގުޅުމުގެ ތެރެއިން ތުޅާދޫގެ ތަޢުލީމާއި ތުޅާދޫގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރެއްވުމަށް އެ ބޭބޭފުޅުން ވަރަށް ބޮޑަށް ބާރު އެޅުއްވި ވާހަކައެވެ. ތުޅާދޫގައި ފުރަތަމަ ސްކޫލެއް ހުޅުއްވި ދުވަސް ވަރުން ފެށިގެން ވަރަށް ފަހަކާ ޖެހެންދެން މަސްވެރިކަމަށް ކިޔެވުމަށް ވެސް މާލޭގެ ބޮޑުންގެ ތެރޭގައި ހިމެނި ވަޑައިގެންނަވާ ބޭބޭފުޅުން ތުޅާދުއަށް ވަޑައިގެން އުޅުއްވާކަމަށް ވެއެވެ. އެއްގޮތުން ސައްޔިދު ސައީދާއި ސައްޔިދު އަހުމާދާއި ސައްޔިދު އައްބާސް ފަދަ ބޭބޭފުޅުން ތުޅާދުއަށް ވަޑައިގެން ތުޅާދޫގައި ވަރަށް ގިނައިން އުޅުއްވާފައި ވެއެވެ.
ތުޅާދޫ ހުޅަނގު ފަރާތުގައި ހުރި ހަރުގެތަކެއް. ތުޅާދޫއަކީ އަބަދުވެސް މަސްވެރިރަށެއް
މި ހުރިހައި ގުޅުމެއްގެ ފެށުމަކީ ވެސް އަދި ރަސްކަމުގެ ދުވަސްވަރުން ފެށިގެން ގަނޑުވަރުގެ ތެރޭގެ ބޭފުޅުންނާ ތުޅާދޫގެ ލިޔެލާޖެހުމުގެ މަސައްކަތްތެރިންނާ ދެމެދުގައި އުފެދިފައިވާ ގާތްގުޅުމުގެ އަސްލަކީ ވެސް ލިޔެލާޖެހުން ކަމަށް ތުޅާދޫގެ އެންމެ އިހު މީހުން ގަބޫލުކުރައްވައެވެ. މިކަމުގެ ތެދުކަން ތުޅާދޫ ދޮންއިސްމާޢީލް މާލެ ގެންދަވައި، ޙުސައިން ޞަލާހުއްދީން ލިޔުއްވި މަލާފަތުންނާއި ހުސައިން ޞަލާހުއްދީންގެ ދޮށީ ދަރިކަލުން، 1936 ވަނަ އަހަރު ތުޅާދޫގައި ފެށްޓެވި ސްކޫލުން އެކަނި ވެސް ސާބިތުވެއެވެ.
މާލޭގެ ބޮޑުންނާއި ތުޅާދޫގެ ވެރިންނާ ދެމެދު އުފެދުނު ގުޅުމުގެ ސިއްރަކީ ލިޔެލާޖެހުން ކަމަށް ގަބޫލުރެވޭ، އެހެން ކިތަންމެ ސަބަބެއް ވެސް އެބަ ހުއްޓެވެ. ތުޅާދޫ މީހުން ފިޔަވައި ބޮމަކަނދުގައި އަރިޔަން ލިޔެ ދެފަށްލާޖެހުމާއި ލާފެންކުރުމުގެ މަސައްކަތްކުރާ އިތުރު ބަޔަކު ރާއްޖޭގައި އެ ދުވަސްވަރު އުޅޭކަމުގެ އެއްވެސް ކިތާބީ ހެއްކެއް ފެންނާން ނެތުމަކީ ވެސް އެ ކަމުގެ ސަބަބެކެވެ. މިއަދު ފެންނަން އޮތް، 109 އަހަރުވީ މަލާފަތުގެ މާކުރިއަށް ޖެހިލާއިރު ވެސް، ތުޅާދޫގެ ލިޔެލާޖެހުމުގެ މަސައްކަތުގައި ކުރިއަރާފައިވާ މިންވަރު އަންގައިދޭ ކިތަންމެ ނިޝާނެއް ކިތަންމެ ބިނާއެއް ފެންނަން އެބަ ހުއްޓެވެ. ތުޅާދޫގެ ޒަމާންވީ، އިހުގެ ހުކުރު މިސްކިތަކީ އެފަދަ އެއް ބިނާއެވެ.
ތުޅާދޫ އިހުގެ ހުކުރު މިސްކިތުގެ ބޭރުން އިރު އުތުރުން ނަގާފައިވާ ފޮޓޢެއް- ފޮޓޯ: އިބްރާހީމް ޢަފީފު
ތުޅާދޫގެ މުސްކުޅި ހުކުރު މިސްކިތަކީ ތުޅާދޫގެ ގަބުރުސްތާނުގެ ދެކުނުގައި ސްކޫލާ އިންވެގެން ހުޅަނގުގައި، މިހާރު ފެންނަން އެ ހުރި ތުޅާދޫ މަސްޖިދުއް ރަޙްމާނު ހުރި ބިމުގައި ބިނާކުރެވިފައިވާ ވަރަށް އާސާރީ މިސްކިތެކެވެ. ވަޑާމުގެ ފަންނުވެރިކަމާއި ލިޔެ ލާޖެހުމާއި ލާފެންކުރުމުގެ ހުނަރުވެރިކަން ދައްކައިދީފައިވާ އެ މިސްކިތަކީ މާލޭގެ ހުކުރު މިސްކިތް ހުންނަހެން، މިސްކިތުގެ ތެރޭގައިވާ މައިގެ ދެ ފަރާތާއި ފަހަތުގައި ފެންޑާ ހިމެނޭހެން ހިރިގަލުގެ، އެއްގާ އަނެއްގަލާ ތަޅުއިލި އެޅޭހެން ބިނާކޮށްފައިވާ މިސްކިތެވެ. އަދި އެއިން ކޮންމެ ދެ ހިރިގަލެއް ތަޅުއިލި އެޅޭ އިރު، ކޮންމެ ދެ ގަލެއްޖެހޭ ފަށަލަ ވަރުގަދަކުރުމުގެ ގޮތުން ދެ ގަލުގެ ހިންމި ބައްދާފައިވަނީ، އުވަ ފުރާނައިގެން އެންމެ އޮލަ ބިލެއް ހުނީގެ ފަށަލައަކުންނެވެ. އެއީ ފާރުތަކުގެ ދެ ފަރާތުގައި އުވަޖަހައި އޮމާންކޮށްފައިވާ، ވަރަށް ތަނަވަސް މިސްކިތެކެވެ.
އެ މިސްކިތުގެ އުތުރާއި ދެކުނު ފަރާތުގައި ދެ ދާލައަށި ހަދާފައި ހުރި އިރު، މިސްކިތުގެ ގޯތިރެތޭގައި އިރުމަތި ފަރާތުގައި ވަރަށް ބޮޑު ދެ ވަޅު ވުޟޫކުރުމަށް ބަހައްޓާފައި ހުރެއެވެ. އަދި ނަމާދުގެ ވަގުތު ބެލުމަށް ޓަކައި އެ ދެ ވަޅުގެ ތެރެއިން އިރު އުތުރުގައި ހުރި ވަޅާ ވަރަށް ކައިރީގައި މިސްކިތުގެ ހަރިންމަ ފާރަށް ލައްވާހެން އިރު އުތުރުގައި، ވަގުތު ގަލެއް ބަހައްޓާފައި ހުރެއެވެ. މި ވަގުތުގަލަކީ އެ ދުވަސްވަރު ނަމާދު ވަގުތު ވެއްޖެކަން ދެނެގަންނަން ބަހައްޓާފައި ހުންނަ ގަލެކެވެ. ގަލުގެ މަތީގައި ލޮއިން ހަދާފައިވާ ތުނި ލޯ ފޮތިކޮޅެއް އޮވެއެވެ. އެ ލޯފޮތީގައި ހިސާބު އަދަދުތަކެއް ޖަހާފައި ހުރެއެވެ.
އެ މިސްކިތުގެ ޖާގައިގެ ގޮތުން ބަލާނަމަ، އެއީ މާލޭގެ ހުކުރު މިސްކިތަށް ވުރެ، ބޮޑު މިސްކިތެކެވެ. މުޅި މިސްކިތުގެ މަތިވަޑާންގަނޑުގައި ހުރީ، އެކި ފަރުމާތަކަށް ހަދާފައި ހުރި ލިޔެލާޖެހި ތަކެއްޗެވެ. މިސްކިތުގެ ތަޅުން އަޅާފައިވަނީ ހަމަ ބިމަށް ވުރެ ގާތްގަނޑަކަށް ދެ ފޫޓް ބައި ތިން ފޫޓް ވަރު އުހުގައެވެ. މިސްކިތުގެ ތަނބުތައް ހަދާފައިވަނީ ތަޅުމުން ފެށިގެން ގާތްގަނޑަކަށް ދެ ފޫޓު ބައި ތިން ފޫޓަށް ހިރިގަލުން ރާނައި ވަރަށް ރީތިކޮށް ވަށްކޮށް، ފޮފަނަގައި އުވައިން އޮމާންކޮށްފައެވެ. އޭގެ މައްޗަށް ތަނބުތަކުގެ މަތީބައި ހަދާފައި ހުންނަނީ، ލަކުޑީގައި ލިޔެލާޖަހައިގެންނެވެ. ތަނބުތަކުގެ މަތީބަޔާ ގުޅިފައިވާ ލަކުޑީގެ މަތިވަޑާންގަނޑު ހުންނަނީ އެކި ކަހަލަ ޑިޒައިންތައް އަޅާފައެވެ. ލަކުޑިއާ ލަކުޑިފިލާގައި ވަރަށް ރީތިކޮށް އަރަބިން ލިޔުންތައް ލިޔެ، އޭގެ މަތީގައި ވަނީ ލާފެން ކޮށްފައެވެ. ހުކުރު މިސްކިތުން ފެންނަން ހުރި ގަލުވަޑާމާއި ލަކުޑިވަޑާމާއި ލިޔެލާޖެހުމާއި ލާފެންކުރުމުގެ މަސައްކަތްތަކަށް ބަލާއިރު، ތުޅާދޫގައި ވަރަށް ފަންނުވެރި މަސައްކަތްތެރީން އުޅެފައިވާކަން އެނގެއެވެ. ތުޅާދޫގެ ތާރީޚާ ގުޅިފައިވި ލިޔެލާޖެހުމުގެ ފަންނުވެރިކަމުގެ ފުރިހަމަކަން ތުޅާދޫގެ ޒަމާންވީ އެ ހުކުރު މިސްކިތުން ވެސް ރަމްޒު ކޮށްދެއެވެ.
ތުޅާދޫ އިހުގެ ހުކުރު މިސްކިތުގެ އެތެރެއިން ފެންނަ ލިޔެލާޖެހުމާ ލާފެންކުރުމުގެ މަސައްކަތް
ތުޅާދޫ ސްކޫލުގެ އެންމެ ގިނަ ދުވަހުގެ ޚިދުމަތްތެރިޔާ، އޭރުގެ މުދައްރިސް އަދި އޭރުގެ ހުކުރު މިސްކިތުގެ މުދިމް އަލްމަރުޙޫމް އިބްރާހީމް ހުސައިންފުޅު، މީގެ 42 އަހަރު ކުރިން، ދުވަހުގެ ޔައުމީއްޔާއެއްގެ ގޮތުގައި ލިޔުއްވާފައިވާ ލިޔުމަކުން އެނގޭ ގޮތުގައި ތުޅާދޫގެ އެންމެ އިހު ހުކުރު މިސްކިތް ތަޅާލީ މީލާދީ ގޮތުން 1983ވަނަ އަހަރުގެ އޭޕްރީލް މަހުގެ 6 ވީ ބުދަ ދުވަހުއެވެ. މިސްކިތް ތަޅާލުމުގެ މަސައްކަތްކުރީ އެ ދުވަހު ރައްޔިތުން ބަންދުވެ ތިބެގެންނެވެ.
ތުޅާދޫ ހުކުރު މިސްކިތް (މިހާރުގެ މަސްޖިދުއް ރަޙުމާން ހުންނަ ސަރަހައްދުގައި ކުރިން ހުރި މިސްކިތް) ތަޅާލީ އޭރުގެ ރަށުގެ އާބާދީއަށް ބަލާއިރު، އެ މިސްކިތް ކުޑަކަމުންނާއި، މީހުންނަށް ހުކުރުގެ ޖަމާޢަތަށް އެރުން ދަތިކަމުންނާއި، ވިއްސާރަ މޫސުމުގައި ވާރޭވެހޭތީއާއި ޤިބުލައަށް ތެދުކުރެވިފައި ހުރި މިސްކިތަކަށް ނުވާތީ، އެ ބިމުގައި އެހެން މިސްކިތެއް ބިނާކުރުމުގެ ޚިޔާލު ރައްޔިތުންނާއި ވެރީން ކުރައްވަމުން ގެންދަވާތާ އެތައް ދުވަހެއް މާޒީވެ ދިއުމަށްފަހުގައި ކަން ވެސް އިބްރާހީމް ހުސައިންފުޅުގެ އެ ލިޔުއްވުމުން އެނގެން އެބަ އޮތެވެ.
އިބްރާހީމް ޙުސައިންފުޅު ލިޔުއްވާފައިވާ އަސްލުލިޔުމުގެ ސަފުހާތަކެއް
ތުޅާދޫގެ ކައުންސިލްގެ ވެބްސައިޓާއި އަދި ތުޅާދޫގެ ކުރީގެ ކަތީބު، ބ. ތުޅާދޫ ހިރިޔާ، އަޙުމަދު މުހައްމަދާ ޙަވާލަދެއްވައި 2020ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 12ވަނަ ދުވަހު، އަލްއުސްތާޒު އިބްރާހީމް އަފީފު އޭނާގެ ފޭސްބުކް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، މި މިސްކިތް ތަޅާލިއިރު، މިސްކިތުގައި ހުރި ފިލައެއްގައިވާ ލިޔުމަށް ބަލާއިރު، މި މިސްކިތަކީ 1983 ވަނަ އަހަރާ ހަމައަށް ތިންސަތޭކަ އަހަރުވެފައިވާ މިސްކިތެއްކަމަށް އެ ލިޔުމުން އެނގެން އޮވެއެވެ. އެ މިސްކިތް ތަޅާލި ފަހުން ވެސް މިއަދާ ހަމައަށް 42 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
ތުޅާދޫގެ އިހު ހުކުރު މިސްކިތުން ފެންނަން ހުރި ހެކިތަކަށާއި އެ މިސްކިތުގެ މަސައްކަތްތަކާއި ބޭނުންކޮށްފައިވާ ލަކުޑި، ދިރާސާކޮށްފައިވާ ތުޅާދޫގެ އެކިއެކި ބޭބޭފުޅުންގެ ވާހަކަ ތަކުންނާއި ތުޅާދޫގެ އެންމެ އިހު މީހުންގެ ފަރާތުން މިއަދާ ހަމައަށް އައިސްފައިވާ ވާހަކަތަކަށް ބަލާއިރު ތުޅާދޫގެ ހުކުރުމިސްކިތަކީ މީގެ 300 އަހަރަށް ވުރެ ކުރިން ބިނާ ކޮށްފައިވާ މިސްކިތެއްކަން ޔަގީންވެއެވެ. އެ މިސްކިތުގައި ކޮށްފައިވާ މަސައްކަތްތަކުން، ލިޔެލާޖެހުމާއި ލާފެން ކުރުމުގެ ނިކަން ކުޅަދާނަ ހުނަރުވެރިން ތުޅާދޫގައި، އެހައި ކުރީގައި ވެސް އުޅޭކަން ހާމަކޮށްދެއެވެ. އަދި ރަސްކަމުގެ ޒަމާނުއްސުރެ ފެށިގެން ގަނޑުވަރުތެރޭގެ ބޭބޭފުޅުންނާއި މާލޭގެ ބޮޑުންނާއި ތުޅާދޫގެ ވެރިންނާ އުފެދިވާ ގުޅުމުގެ ސިއްރަކީ ލިޔެލާ ޖެހުމާ ލާފެންކުރުމުގެ މަސައްކަތުގެ ތެރެއިން އުފެދިފައިވާ ގުޅުމެއް ކަން މި މިސްކިތުގެ މަސައްކަތުން ވެސް ހާމަކޮށްދެއެވެ.
ދިވެހިރާއްޖެއިން ފެންނަން ހުރި، އަދި ވަކިން ޚާޢްޞަކޮށް މާލެއިން ފެންނަން ހުރި އާސާރީ ބިނާތަކަކީ ހިރިގަލުގެ މިސްކިތްތަކަށްވާ އިރު، އެފަދަ ކޮންމެ ބިނާއަކީ ލިޔެލާޖަހައި ލާފެންކުރުމުގެ ފަންނުވެރި މަސައްކަތް ފެންނަން ހުރި ބިނާއެކެވެ. ބޮމަކަނދުގައި ލަކުޑި ތަތްކޮށްގެން، އަރިޔަންލިޔެ ދެފަށްލާޖަހައި ލާފެންކުރުމަކީ ތުޅާދޫގައި މީހުން ވަޒަންވެރިވެ އުޅެން ފެށީއްސުރެ ތުޅާދޫގައި ކުރަމުން އަންނަ މަސައްކަތެއްކަން އަންގައިދޭ ކިތާބީ ހެކި، މިއަދު ވެސް ފެންނާން ހުރިއިރު، އެންމެ އިހުއްސުރެ ފެށިގެން ވެރިކަމުގެ ފަރާތުން މާލޭގައި ކުރެވުނު އެފަދަ ކޮންމެ މަސައްކަތެއްގައި ތުޅާދޫގެ ފަންނުވެރިން ހިއްސާވާކަން، އެންމެ އިހުގެ ތާރީޚީ ލިޔުންތަކުން ވެސް ހާމަކޮށްދެއެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގައި ބިނާކުރެވިފައިވާ އެންމެ ޒަމާންވީ މިސްކިތްތަކުގައި ކުރެވިފައި ހުރި ލިޔެލާޖެހުމާއި ލާފެންކުރުމުގެ މަސައްކަތްތަކަކީ ވެސް ތުޅާދޫގެ ފަންނުވެރިންނާ ގުޅިފައިވާ މަސައްކަތްތަކެއް ކަމަށް ގަބޫލުކުރުމުގެ ފުރުޞަތު ކިތަންމެހައި ވެސް ބޮޑެވެ.
"މީލާދީން 1705ވަނަ އަހަރު އަޅުގަނޑުމެން ރަށުގައި ބިނާކުރެވުނު ހިރިގަލުގެ މިސްކިތުގައި ހުރި ލާފެންކުރުމުގެ މަސައްކަތާއި ލިޔެލާޖެހި ހަތަރު ތަނބަކީ، މީދުގެ އޭރުގެ ވެރިންގެ އެދުމުގެ މަތިން ސީދާ ތުޅާދޫގެ މަސައްކަތްތެރިން ކޮށްދީފައިވާ މަސައްކަތެއް" މީދުގެ ކުޑަކަތީބުކަމާއި މުދިންކަން ކުރެއްވި ޙުސައިން އަޙުމަދު (ހުސައިންކުޑޭ) ވިދާޅުވިއެވެ.
ތުޅާދޫ ފަންނުވެރީން ލިޔެލާޖެހި ތަނބުތަކެއް ހަދައިދިންކަމަށް ބުނާ ރ. މީދޫގައި ހުންނަ އާސާރީ މިސްކިތް.
"އެންމެ ކުރީއްސުރެ ފެށިގެން އަޅުގަނޑުމެންނާ ހަމައަށް ވާރުތަވެފައި ހުރި ލިޔެކިޔުންތަކަށާއި ފެންނަންހުރި ތަންތަނާއި ތަކެއްޗަށް ބަލާއިރު ވެސް އަޅުގަނޑުމެންނަށް މިހާރު ވެސް ފާހަގަކުރެވެނީ، މާލޭގެ ހުކުރުމިސްކިތް ފަދަ ތަންތަން. އަދި ދަރުމަވަންތަ ރަސްގެފާނުގެ މިސްކިތް ވެސް ވަރަށް ފަހަކުން ވެސް ބަލާލިން. ލިޔެލާޖެހުމުގެ މަސައްކަތް ކޮށްފައި އެބަހުރި. އިސްކަންދަރު ރަސްގެފާނުގެ ޒަމާނަށް ބަލާއިރު އެއީ 1600ގެ އަހަރުތަކުގެ ތެރޭގައި ކުރެވިފައި ހުރި މަސައްކަތް. އެ ހުރިހައި ޒަމާނަކުން ފެށިގެން މިއަދާ ޖެހެންދެން ވެސް އެއްވެސް ބޭފުޅަކު ލިޔުއްވާފައެއް ނޯންނާނެ ލިޔެލާޖެހުމުގެ މަސައްކަތުގައި ތުޅާދޫ ފިޔަވައި އެހެން ރަށެއްގެ ނަމެއް" ދިވެހި ތާރީޚު ދިރާސާކުރެއްވުމުގައި މަސައްކަތްކުރައްވާ ކަށިމާ އަޙުމަދު ޝާކިރު ވިދާޅުވިއެވެ.
ތުޅާދޫގެ ކުރީގެ ހުކުރު މިސްކިތަށް ވުރެ މާ ކުރިން ބިނާކޮށްފައިވާ ވަރަށް ގަދީމީ މިސްކިތެއް ތުޅާދޫގައި ހުރެއެވެ. އެ މިސްކިތުގެ ފަހުން ބިނާކުރެވުނު ހުކުރު މިސްކިތަކީ، ތުޅާދޫގައ ބިނާކޮށްފައިވާ އެ ގަދީމީ ހިރިގަލުގެ މިސްކިތް ކުޑަވެގެން ބިނާކުރި މިސްކިތެއްކަމަށް ތުޅާދޫގެ ޞިއްޙީ އަދި ތަޢުލީމީ ޚިދުމަތްތެރިޔާ މަރިޔަމް އަބޫބަކުރު ވިދާޅުވިއެވެ.
"އަހަރެން ވަރަށް ކުޑައިރު ވެސް ބައްޕަ ބުނާނެ ތުޅާދޫގެ އެންމެ ކުރީގެ ކުޑަ މިސްކިތް ކުޑަވެގެން އެޅި މިސްކިތެކޭ ތުޅާދޫގެ އިހުގެ ހުކުރު މިސްކިތަކީ. ދެން ބައްޕައަކީ ރައްޔިތުންގެ ތެރޭގައި ނަގާ ކިޔާ އުޅޭ ރައްޔިތުންގެ ވެރިއެއް. ބައްޕަ މަސައްކަތް ކުރަނީ އަބަދުވެސް ރަށުގެ ވެރިންނާ ވަރަށް ގާތުން. އެހެންވީމާ ރަށުގެ އެ ކަހަލަ ތާރީޚީ ކަންކަން ވެރިކަމުގެ ފަރާތުން ވެސް ބައްޕަމެންނަށް ފޯރާފައި ހުންނާނެ" މަރިޔަމް އަބޫބަކުރު އެ ވިދާޅުވެ ދެއްވީ އުމުރުގެ ވަރަށް ކުރީކޮޅުގައި އޭނަގެ ބައްޕަ ބުނެދެއްވާފައި ހުރި ވާހަކަތަކެވެ.
ތުޅާދޫގެ މިހާރު ކޯޓް އެ ހުރި ސަރަހައްދުގައި ހުރި އެ ގަދީމީ މިސްކިތަކީ، 300 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ތުޅާދޫގެ ހުކުރު މިސްކިތަށް ވުރެ، މާ ދުވަސްވީ މިސްކިތެއް ކަމަށް އެ މިސްކިތް ފެނުނު ހަމަ ކޮންމެ މީހަކުހެން ފާހަގަކުރައްވައެވެ.
"މިހާރު ކޯޓް ހުރި ބިމުގައި ވަރަށް ދުވަސްވީ މިސްކިތެއް ހުންނަން ހަނދާންވޭ. އެ މިސްކިތް ހުންނަނީ މިސްކިތުގެ އުތުރުފަރާތާއި ދެކުނު ފަރާތާ ދެ ފަރާތުގައި ދެ ދާލަ ލައިގެން. މިސްކިތުގެ އެތެރޭގެ މަތި ވަޑާންގަނޑު ހުންނަނީ ލަކުޑިން ހަދާފަ. ލަކުޑިގައި ވެސް ކަނޑާ ނަފާފަ. ތަނބުތައް ހުންނަނީ ލިޔެލާޖަހާފަ. ދެން މައިގެ ތެރެ ވަށައިގެން ފެންޑާލާފަ ހުންނަނީ، ފެންޑާގައި ސަފެއްގައި ތިބެވެނީ ދެތިން މީހުންނަށް. އޭރު ރަށުގައި ހުންނަ ދުވަސްވީ އިހުގެ ހުކުރު މިސްކިތަށްވުރެ ވެސް ކުޑަ މިސްކިތް މާ ދުވަސްވާނެ. އެ މިސްކިތް ވަށައިގެން ހުރީ ބޮޑެތި ހިރިގާ ކީހައިގެން، އެއްގާ އަނެއްގާ ތަޅު އިލި އެޅޭގޮތަށް. އެ ގޮތަށް ހިރިގަލުން ރާވަފައި ހުންނަނީ. އަހަރެން ކިރިޔާ ހަނދާންވާ އިރު ވެސް ފާހަގަކުރެވެނީ ހުކުރު މިސްކިތަށް ވުރެ އެ މިސްކިތް މާ ދުވަސްވެފައިހުރި މިސްކިތެއްގެ ގޮތަށް" ތުޅާދޫ ސްކޫލުގެ ކުރީގެ ނާޒިރު އަހުމަދު މުޙައްމަދު، އެ އާކުރެއްވީ އޭނާގެ އުމުރުގެ ވަރަށް ކުރީކޮޅުގެ ހަނދާނެކެވެ.
ތުޅާދޫގައި ހުރި ގަދީމީ ހިރިގަލުގެ ކުޑަ މިސްކިތް ހަނދާންވާ ވަރަށް ގިނަ ބަޔަކު ގަބޫލުކުރައްވާ ގޮތުގައި އެ މިސްކިތުން ފެންނަން ހުރި ލިޔެލަޖެހުމާއި ލާފެންކުރުމުގެ މަސައްކަތަކީ ވަރަށް ރީތިކޮށް، ކޮށްފައި ހުރި ވަރަށް ފަންނުވެރި މަސައްކަތެކެވެ. އަދި އެ މިސްކިތުގެ ގޯތިތެރޭގައި ވެވެއް އޮތުމާއި އެ މިސްކިތް ފެންނަ ފެނުމަށް ވެސް މިސްކިތުގެ ދޮށިކަން ފާހަގަކުރެވޭތީ އެއީ ވަރަށް ޒަމާންވީ، މިސްކިތެއްކަމަށް ތުޅާދޫގެ ވަރަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
ތުޅާދޫގެ ގަދީމީ މިސްކިތް ހުރި ސަރަހައްދު އޭރު އޮންނާނެ ކަމަށް ލަފާކުރެވޭ ގޮތުގެ ކުރެހުމެއް
ތުޅާދޫގައި ހުރި، ޒަމާންވީ އެ ކުޑަ މިސްކިތުގެ ދޮށިކަމަށް ބަލާ އިރު އެއީ ކަލާފާނުގެ ރަސްކަމުގައި ބިނާކޮށްފައިވާ މިސްކިތެއްކަމަށް އެ މިސްކިތުގައި ހުރި ބޯގަފަތުގައިވާ ލިޔުމުން އެނގޭކަމަށް މިވަގުތު ދުނިޔެ ދޫކޮށްފައިވާ ބައެއް ބޭފުޅުންގެ ފަރާތުން އެނގޭ އިރު، މި ވަގުތު ދުނިޔޭގައި ތިއްބެވި ބައެއް ބޭފުޅުން ވެސް އެފަދައިން ވިދާޅުވެފައި ވެއެވެ. އެ މިސްކިތަކާ ގުޅޭގޮތުން ވާހަކަދެކެވެމުން މިދާ ތުޅާދޫގެ އެންމެ ގަދީމީ މިސްކިތުގައި އެންމެ ފަހުން މުދިންކަން ކުރެއްވި އަލްމަރުޙޫމް ހުސައިން ޢަފީފު ވިދާޅުވެފައިވާ ގޮތުން، އެ މިސްކިތަކީ ކަލާފާނުގެ ޒަމާނުގައި ބިނާކުރެވިފައިވާ މިސްކިތެއްކަން އެނގެއެވެ. އެ މިސްކިތުގެ ބޯގަފަތުގައިވާ ގޮތުން އެ މިސްކިތް ބަލަހައްޓާނީ ތުޅާދޫ ފަޅުގައި، ތުޅާދުއާ ވަރަށް ކައިރީގައި އޭރު އޮންނަ ފުށިން ލިބޭ އެއްޗަކުން ކަމަށްވެއެވެ. މި ބޯގަފަތުގެ ވާހަކަ، ހުސައިން އަފީފުގެ ރަށްޓެހިންނާއި އޭނާގެ ބައެއް ދަރިންނަށް ވެސް ވަނީ ކިޔައިދެއްވާފައެވެ. އަދި އެ ވާހަކަ އަޑު އަހާފައިވާ ކިތަންމެ މީހަކު، މިއަދު ވެސް ދުނިޔޭގައި އެބަ ތިއްބެވިއެވެ.
18ވަނަ ގަރުނުގައި ތުޅާދޫ ފަޅުތެރެ އޮންނާނެކަމަށް ލަފާކުރެވޭ ގޮތުގެ ކުރެހުމެއް. އެ ދުވަސްވަރު ފުށި ކިޔާ ރަށެއް ފަޅުތެރޭގައި އޮތް
"ރަށުގައި ހުރި ކުރީގެ ހުކުރުމިސްކިތަށް ވުރެ މާ ދޮށިވާނެ ހިރިގަލުގެ ކުޑަކުޑަ މިސްކިތް. އެ މިސްކިތުގައި ހުރި ބޯގަފަތުގައި އެ މިސްކިތުގެ ވާހަކަ ލިޔެފައި އޮންނަ ވާހަކަ އެނގޭ. އެއީ ކަލާފާނު ރަސްކަމުގައި އެޅި މިސްކިތެއްކަމަށް އެ ފަތުގައި ލިޔެފައި އޮންނަ ކަމަށް ބައްޕަމެން ވެސް ކިޔައިދިން. ހަމަ ޔަގީނުން ވެސް މިހާރު ފެންނަން އެ ހުރި، މާލޭގެ ހުކުރު މިސްކިތަށްވުރެ ތުޅާދޫގެ ކުޑަ މިސްކިތް މާ ދޮށިވާނެ" ހިރިގަލުގެ މަސައްކަތާއި ލިޔެލާޖަހައި ލާފެންކުރުމުގެ މަސައްކަތުގައި އޭނާގެ މުޅި އުމުރު ހޭދަކުރައްވައި 80 އަހަރަށް ވުރެ ގިނަ ދުވަސްވީ، ބ. ތުޅާދޫ އޮފްދާރު މުހައްމަދު ޢުމަރު ބުނުއްވިއެވެ.
މުހައްމަދު ޢުމަރަކީ، ނާސިރު ދައުރުގައި، ސަރުކާރުން އަންގަވައިގެން ލިޔެލާޖެހުމުގެ މަސައްކަތް ކުރުމަށް ތުޅާދޫން މާލެ ދިޔަ މަސައްކަތްތެރިއެކެވެ. އެ މިސްކިތުގެ އުމުރުގެ ދޮށިކަމާ މެދު ވާހަކަ ދައްކަވަމުން މުހައްމަދު ޢުމަރު އިތުރަށް ވިދާޅުވީ އެ މިސްކިތުގެ ގޯތިތެރޭގައި ވަރަށް ބޮޑު ވެވެއް އޮންނަ ހަނދާން ވެސް ވާކަމަށެވެ. އޭނާގެ އިތުރުން ވެސް އެ ތަނުގައި ވެވެއް އޮންނަކަން ފާހަގަކުރެއްވި ތުޅާދޫގެ ކިތަންމެ ރައްޔިތަކު މިއަދު ވެސް ދުނިޔޭގައި އެބަ ތިއްބެވިއެވެ.
"އަޅުގަނޑު ވެސް އެ ވެވަށް އެރުނިން. އެކަމަކު އެ ވެވަށް އޭރު އެރެނީ ބެލެނިވެރިޔަކާ އެކުގައި. އެއީ އަޅުގަނޑު ހަމަ ކިރިޔާ ހަނދާންވާ އިރު. އޭރުވާނީ އުމުރުން ހަމަ ހައެއްކަ އަހަރުހެން ހީވަނީ. އޭރު ވެސް އެ މިސްކިތް ހުރީ ވަރަށް ދުވަސް ވެފައި. ރަށުގައި ހުރި ދުވަސްވީ ބޮޑު ހުކުރު މިސްކިތަށްވުރެ ވެސް އެ މިސްކިތް މާ ދުވަސްވާނެކަން މިސްކިތް ބަލައިލީމާ އޭރު ވެސް އެނގޭ. އޭގެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ވެވުގެ ބިމުން މައްޗަށް ހުރި ގާތައް ނަގައި އެ ވެވަށް ފަސް އަޅާފައި ފޮރުވާލި. ހަމަ ޔަގީނުންވެސް އެ މިސްކިތަކީ، ތުޅާދޫގެ ކުރީގެ ހުކުރު މިސްކިތަށްވުރެ މާ ދުވަސްވެފައި ހުރި މިސްކިތެއް. ބައްޕަމެން ވެސް ބުނުއްވާނެ އެ ކުޑަމިސްކިތަކީ އެއީ މާ ކުރީގެ މިސްކިތެއްކަމަށް" މިހާރު އުމުރުން 83 އަހަރު ވެފައިވާ ކުރީގެ ބޮޑުކަތީބު އުސްމާނު އަލީ އެ ވިދާޅުވީ ކުޑަމިސްކިތުގެ ހަނދާންތަކާއި އެ މިސްކިތާ މެދު އޭނާ ދެކެވަޑައިގަންންނަވާ ގޮތެވެ.
ތުޅާދޫގައި ހުރި އެންމެ އިހުގެ ހިރިގަލުގެ ކުޑަ މިސްކިތަކީ ކަލާފާނުގެ ރަސްކަމުގައި ބިނާ ކުރެވިފައިވާ މިސްކިތެއްކަމަށް ފެންނަން ހުރި ހެކިތަކަށާއި އިހު ތިބީންގެ ފަރާތުން މިއަދާ ހަމައަށް ފޯރާފައިވާ ވާހަކަތަކުން އެނގޭތީވެ، އެ މިސްކިތަށް 400 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެކަމަށް ގަބޫލުކުރެވެއެވެ. އަދި އެ މިސްކިތުގެ ގޯތި ތެރޭގައި އޮތް ބޮޑު ވެވުން ވެސް އެ މިސްކިތުގެ ދޮށިކަން ހާމަކޮށްދެއެވެ.
ތުޅާދޫގައި އޮތް ވެވުގެ ހިރި ގާތައް ފާލަން ހެދުމުގައި ބޭނުންކޮށްފައިވާކަން ދުވަސްވީ މީހުން ބުނެއުޅޭ
"އިހުގެ ޒަމާންވީ ހިރިގަލުގެ މިސްކިތްތަކަށް ބަލާއިރު އެފަދަ ކޮންމެ މިސްކިތެއްގައި ވެވެއް ނޯވެ. އެފަދަ މިސްކިތަކާ އެކު ވެވެއް އޮވެއްޖެ ނަމަ ބެލެވޭނީ އެއީ ވަރަށް ޒަމާންވީ މިސްކިތެއްގެ ގޮތުގައި. އެހެން ބަލަން ޖެހޭނީ ވެސް. އެންމެ މަދުވެގެން ވެސް މީގެ ހަތަރުފައްސަތޭކަ ވަރަކަށް އަހަރުގެ ކުރީގައި އުޅޭނީ. ވެވެއް ނޯންނާނެ ވަރަށް ކުރީގެ މިސްކިތެއްގައި ނޫނީ" ބަހާއި ތާރީޚު ދިރާސާކުރެއްވުމުގެ މަސައްކަތުގެ ތެރއިން ފާހަގަކުރެއްވޭ ބޭފުޅެއްކަމަށްވާ އިޔާޒް ނަސީމް ވިދާޅުވިއެވެ.
ހިރިގަލުމަސައްކަތާއި ލިޔެލާޖަހައި ލާފެންކުރުމުގެ މަސައްކަތް، ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ތުޅާދޫ އިބްރާހީމް ޒުބައިރު ވިދާޅުވިގޮތުގައި މިހާތަނަށް މުޅި ރާއްޖެއިން ވެސް ފެނުނު ލިޔެލަޖެހުމާއި ލާފެންކުރުމުގެ އެންމެ ތަފާތު، އެންމެ މޮޅު މަސައްކަތް ފެނުނީ ތުޅާދޫގެ މިހާރުގެ ކޯޓް ސަރަހައްދުގައި ހުރި ހިރިގަލުގެ އަސާރީ މިސްކިތުންނެވެ.
"އަހަރެމެން ރަށުގައި ހުރި އިހުގެ ހުކުރު މިސްކިތުގައި ހުރި ލިޔެލާޖެހުމާ ލާފެން ކުރުމުގެ މަސައްކަތަކީ ވެސް ވަރަށް ފުރިހަމަ މަސައްކަތެއް. އެއީ ވެސް ވަރަށް ކުރީގެ މަސައްކަތެއް. އެކަމަކު އެ މިސްކިތަށް ވުރެ މާ ދުވަސްވީ މިސްކިތެއް ރަށުގައި މިހާރު އެހެރަ ކޯޓް ޢިމާރާތް އަޅަފައި ހުރިތަނުގައި ހުރި ހިރިގަލުގެ ކުޑަ މިސްކިތަކީ. އެ މިސްކިތްހާ މޮޅަށް ހަދާފައިހުރި މިސްކިތެއް މުޅީ ރާއްޖެއިން ވެސް މަށެއް ނުދެކެން. މާލޭގައި އެ ހުރި ހުރިހާ މިސްކިތްތަކެއް ވެސް ބަލާހެދިން. އަތޮޅުތެރޭގައި ވެސް ނެތް އެ މިސްކިތާ ގާތްކުރާވަރުގެ މިސްކިތެއް ވެސް. އަހަންނަކީ ހިރިގަލުގެ މަސައްކަތާ ލިޔެލާޖެހުމުގެ މަސައްކަތްކުރުމުގެ އިތުރުން އެ ކަންކަން ހޯދާ ބަލާ މީހެއް. ތުޅާދޫގެ އެންމެ އިހުގެ ކުޑަ މިސްކިތުން ފެންނަ ލިޔެލާޖެހުމާ ލާފެން ކުރުމުގެ މަސައްކަތަކީ މިހާތަނަށް އަހަންނަށް ފެނުނު އެންމެ މޮޅު މަސައްކަތް. އެއީ ވަރަށް ފުރިހަމަ މަސައްކަތެއް. އެތަން އަހަރެންނަށް ފެނުނީ ވަރަށް ކުޑައިރު. އެކަމަކު މިހާރު ވެސް އެތަން ސިފަ ކޮށްލެވޭ. އަހަރެން އުފަންވީ ވެސް އެފަދަ މަސައްކަތްތަކުގެ ތެރެއަށް. އުޅެ ބޮޑުވީ އެ މަސައްކަތުގެ ތެރޭގައި. އަމަލީގޮތުން އެ މަސައްކަތުގައި ހަރަކާތްތެރިވެ އުޅެން ފަށައިފިން އުމުރުން އަށެއްކަ އަހަރުގަ. އެހެންވީމާ އަހަންނަށް އެ މަސައްކަތުގެ މޮޅުދެރަ ދެނެގަނެވޭ" ލިޔެލާޖެހުމާއި ކުރެހުމުގެ މަސައްކަތާއި ހިރިގަލުން ބޮމަކަނދުގައި ލިޔުމުގެ މަސައްކަތް ކޮށް، 10 ވަރަކަށް އަހަރަށް ވުރެ ގިނަ އަހަރު، ރާއްޖޭގެ އަތްތެރިމަސައްކަތުގެ މައުރަޒުގައި ތަކެތި ބައިވެރިކޮށް، ކޮންމެ އަހަރަކުހެން ވެސް ރަންވަނަތަކެއް ހޯދާފައިވާ އަދި އެންމެ ކުޑަ ދުވަހުއްސުރެ ފެށިގެން މިއަދާ ޖެހެން މުޅި ދިރިއުޅުން އެ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށްގެން މިހާރު ވެސް ދިރިއުޅެމުންދާ އިބްރާހީމް ޒުބައިރު ވިދާޅުވިއެވެ.
މިހައި ކުރީގެ މިސްކިތެއްގައި ލިޔެލާޖަހައި ލާފެންކުރުމުގެ މަސައްކަތް ކުރެވިފައިވާ އިރު އަދި ރާއްޖޭގެ އެހެން މިސްކިތަކުން ވެސް އަދި ރާއްޖޭގެ އެހެން އެއްވެސް ތަނަކުން ވެސް ތުޅާދޫގެ މި ތާރީޚީ މިސްކިތުން ފެނިފައިވާ ވަރުގެ ފަންނުވެރި މޮޅު މަސައްކަތެއް އަދި މިވީހާ ތަނަށް ފެނިފައި ނުވާކަމަށް ލިޔެލާޖަހައި ލާފެންކުރުމުގެ ފަންނުގައި އެންމެ ކުޅަދާނަ ބޭބޭފުޅުން ވިދާޅުވެފައިވާ އިރު އެ މަސައްކަތުގެ ދޮށިކަމާއި އަދި އެ މަސައްކަތް، ތުޅާދޫގެ މުޅި ތާރީޚާ ގުޅިފައިވާކަން ހާމަކޮށްދެއެވެ. އަދި އެއީ މުޅި ރާއްޖޭގެ ނިސްބަތުން ބަލާ އިރު ވެސް ތުޅާދުއާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ، ތުޅާދުއަށް ޚާއްޞަ މަސައްކަތެއްކަން ފާހަގަކުރެވެއެވެ. މި މަސައްކަތް ވަރަށް ފަހަކާ ޖެހެންދެން ވެސް ތުޅާދޫގައި ކުރެވެމުން އައީ ހަމަ އެކަނި އެ މަސައްކަތް ދަންނަ ޢާއިލާގެ ތެރޭގައެވެ. ދަރިއަކަށް ނުވަތަ ޢައިލާގައި ހިމެނޭ އެއްބަނޑު ތިމާގެ މީހަކަށް ނޫނީ ދަސްކޮށްދީ އުޅޭ ކަމަކަށް ނުވެއެވެ. އެންމެ ކުރީގައި އެ މަސައްކަތް ކުރަމުން އައި ގޮތަށް ބަލާ އިރު، ދަމާ މީހާ އިންނަނީ މޫނު ނިވާކޮށްގެން ކަމަށް ވެއެވެ. ފަސްލޯ ޖެހި މަލާފަތް ފަދަ މުހިންމު އެއްޗެއް ލިޔަން ވެއްޖެނަމަ އެ މަސައްކަތް ކުރަންދަނީ ތުޅާދޫއާ ކައިރީގައި އޮންނަ ފަޅުރަށަކަށް ކަމަށް ވެއެވެ. ތުޅާދޫ ނޫން ރަށެއްގައި، ތުޅާދުއަށް ނިސްބަތް ނުވާ މީހަކު ލިޔެލާޖެހުމުގެ މަސައްކަތެއް ދަސްކޮށްގެން އެކަމުގެ މައުލޫމާތާއި ހުނަރު ލިބިގެން އެކަން ކުރަމުންދާ އެއް ފަރާތަކަކީ ބ. ކުޑަރިކިލު އަރުތަ އިބްރާހީމް އަބޫބަކުރެވެ.
ތުޅާދޫ ސްކޫލު އިމާރާތުގެ ތެރޭގައި ކިޔަވައިދެމުންދާ މަންޒަރު ކުރީގެ ބޮދު ކަތީބު ބައްލަވަނީ
"އެ މަސައްކަތް ރާއްޖޭގައި އޮތީ ހަމަ ސީދާ ތުޅާދޫގައި. އެކަން ދަންނަ މީހުންގެ ޢާއިލާގެ ތެރޭގައި. އެ މަސައްކަތް ދަންނަ މީހުން އެންމެ އިހުގައި ބުނެދީ އުޅެނީ ވެސް އެ މީހެއްގެ ދަރިއަކަށް ނުވަތަ ޢާއިލާގެ މެންބަރަކަށް. އެ މަސައްކަތް ކުރާއިރު ދަމަށް އިންނަ މީހާ އިންނާނީ މޫނު ނިވާކޮށްފައި ކަނުބަދެފައި. ފަސްލޯޖެހި މަލާފަތް ކަހަލަ މުހިންމު ތަފާތު އެއްޗެއް ލިޔާ ނަމަ ދަނީ ތުޅާދޫ ކައިރި އޮންނަ އެނބޫދޫ ކިޔާ ފަޅުރަށަކަށް. އެހެންވީމާ އެންމެ އިހުއްސުރެ ފެށިގެން ވަރަށް ފަހަކާ ޖެހެންދެން އެ މަސައްކަތް އޮތީ ވަރަށް ބޮޑަށް ސިއްރުކުރެވިފައި. ރާއްޖޭގެ އެހެން އެއްވެސް ތަނަކުން ލިޔެލާޖެހުމާއި ލާފެންކުރުމުގެ މަސައްކަތް ފެންނަން ހުރި ނަމަ އެ ތަނެއްގައި އެ މަސައްކަތް ކުރެވިފައި ހުރީ ތުޅާދޫ މީހުން އެ ތަނަކަށް ގޮސްގެން އެ މީހުން އެމަސައްކަތް ކޮށްގެން. އެ ކަންކަން އަޅުގަނޑަށް ޔަގީންވާ ވަރަށް އެ ރަށުގެ އިހު މީހުންގެ ފަރާތުން މައުލޫމާތު ހޯދިން. މާލޭގެ ހުކުރު މިސްކިތާއި އެހެން މިސްކިތްތަކާއި ރާއްޖޭގެ އެހެން ހިސާބުތަކުން ވެސް ފެންނަން ހުރި ލިޔެލާޖެހުމާ ލާފެންކުރުމުގެ މަސައްކަތަކީ އެހެން އެއްވެސް ބައެއްގެ މަސައްކަތެއް ނޫން. އެއީ ހަމަ ސީދާ ތުޅާދޫ މީހުންގެ މަސައްކަތް. އަޅުގަނޑު ތުޅާދޫގައި ހުރި އިރު އެ މަސައްކަތް ޢަމަލީ ގޮތުން ކުރާނެ ވަގުތެއް ނުލިބުނު. އެކަމަކު އެކަމުގެ މައުލޫމާތު ހޯދާ އެއްކުރިން." ހިސާބު ޓީޗަރެއްގެ ގޮތުގައި 1977 ވަނައަހަރު ތުޅާދޫ ސްކޫލުގައި މަސައްކަތް ކުރެއްވި އަދި އޭގެ ހައެއްކަ އަހަރު ފަހުން ލިޔެލާޖެހުމުގެ މަސައްކަތް ދަސްކުރައްވައި ފުޅާ ދާއިރާއެއްގައި އެ މަސައްކަތް ކޮށް، 1990ވަނަ އަހަރު ބޭއްވި ރާއްޖޭގެ އަތްތެރިމަސައްކަތުގެ މައުރަޒުގައި ބައިވެރިކުރި ލިޔެލާޖެހި ކުރަނޑިއަކަށް މުޅި މައުރަޒުން 3ވަނަ ވެސް ހޯއްދަވާފައިވާ އިބްރާހީމް އަބޫބަކުރު ވިދާޅުވިއެވެ.
ލިޔެލާޖެހުމުގެ މަސައްކަތަކީ އެހެން ރަށަކުން، ތުޅާދުއަށް އައިސްފައިވާ މަސައްކަތެއްކަމަށް ތުންތުން މަތިން ދެކެވޭ ވާހަކަތަކެއްގެ ގޮތުގައި ކޮންމެވެސް ބައެއްގެ ތެރޭގައި ކިޔައި އުޅެއެވެ. މިފަދަ އަޑުތައް، ތާރީޚު ދިރާސާކުރައްވާ ފަރާތްތަކުގެ މެދުގައި ފެތުރެމުން ދާކަމަށް ވެއެވެ.
"އަޅުގަނޑުމެންނަކަށް ނޭނގޭ އެންމެ ކުރީގައި އެ ޒަމާނުގައި ތުޅާދޫގައި އުޅުނު މީހުންގެ ފަރާތުން އައިކަމެއް ކަމެއް ލިޔެލާ ޖެހުމަކީ. އެހެން ބައެއް މީސްމީހުންގެ ފަރާތުން އަޅުގަނޑަށް އަޑުއިވިފައި އެބަހުރި މީގެ ކުރީގައި މީހުން ދިރިއުޅުނު ބ. އަތޮޅު ދޮންފަރެހުންނޭ ލިޔެލާޖެހުމުގެ މަސައްކަތް ތުޅާދޫއަށް އައީ. އެހެނަސް އަޅުގަނޑަށް ޔަގީންވާ ކަމަކީ ލިޔެލާ ޖެހުމަށް އެންމެ ކުޅާދާނަ މީހުން ތިބީ ތުޅާދޫގައިކަން. ފެންނަންހުރި ލިޔެކިޔުންތަކުން ވެސް އެކަން ސާބިތުވޭ" ދިވެހިރާއްޖޭގެ ތާރީޚު ދިރާސާ ކުރައްވައި، އެ މަޢުލޫމާތު މުޖުތަމަޢަށް ފޯރުކޮށްދެއްވުމުގައި ފުޅާދާއިރާއެއްގައި މަސައްކަތްކުރައްވަމުން ގެންދަވާ ނާޖިހުދިދީ އެ ވިދާޅުވީ ލިޔެލާޖެހުމުގެ މަސައްކަތާ ގުޅޭގޮތުން އޭނާ ދެކިވަޑައިގަންނަވާ ގޮތެވެ.
ލިޔެލާޖެހުމުގެ މަސައްކަތް ތުޅާދުއަށް އައީ، މިހާރު ފަޅުރަށެއްގެ ގޮތުގައި އެހެނަސް މާ އިހު ޒަމާނުގައި، ބ. އަތޮޅުގައި ކުރިން މީހުން ދިރިއުޅުނު ރަށެއްކަމަށްވާ ފަރެހުންކަމަށް ބައެއް މަދު ފަރާތްތަކުން ބުނެއުޅުނު ނަމަވެސް އެ ކަމުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ބ. ކެންދޫ ލައިޓްކޯނަރ ޢަބްދުލްޖަލީލް ވިދާޅުވެއެވެ.
"ކެންދޫގެ އެންމެ ގިނަ ބަޔަކު ނިސްބަތްވަނީ ފަރެހުގެ ޢާއިލާތަކަށް. އަޅުގަނޑުމެން ބައްޕަމެން ކެންދޫ ކަލޭފާނު ޢާއިލާއަކީ ވެސް ފަރެހަށް ނިސްބަތްވާ އާއިލާއެއް. ކުޑަ ކަތީބު ޢަބްދުއްޞަމަދުގެ ޢާއިލާއާއި ކެންދޫ ފިނިފެންމާގެ އަބުދުބެމެން ޢާއިލާ ކަހަލަ ރަށުގެ ބޮޑެތި ޢާއިލާތަކަކީ ފަރެހުން އައި ޢާއިލާތަކަށް ނިސްބަތްވާ މީހުން. އީސަ ރަޙުމާނުބެމެންގޭ ޢާއިލާއާއި ހޮޅިކާސިމުމެން ޢާއިލާ ފަދަ ބޮޑެތި ޢާއިލާތަކަކީ ވެސް އަހަރެމެންގެ ޢާއިލާއާ ގުޅިފައިވާ ޢާއިލާތައް. އެ އެންމެންގެ މަތިފުށް އޮތީ ފަރެހާ ގުޅިފައި. ފަރެހުގެ މަދު ބަޔަކު ހިންނަވަރަށް ވެސް ދިޔަކަމަށްވޭ. އެ މީހުން ބޮޑަށް ދިޔައީ މަސްވެރިކަމުގެ ރަށްރަށް ބަލައިގެން އެ ރަށްރަށަށް. ފަރެހަކީ ވެސް މަސްވެރިކަމުގެ ރަށެއް. އެ މީހުން އެ ރަށް ދޫކޮށްލީ ރޯގާއެއްގައި އެ ރަށުން މީހުންތައް މަރުވަން ފެށީމާ. އޭގެ ފަހުން މީހުން އާލާނުވާތީ އެ ރަށުން އެންމެން ފޭބިކަމަށްވަނީ. ތުޅާދޫގައި ވެސް ފަރެހު މީހަކު އުޅުނުކަމުގެ ވާހަކަ ތުންތުންމަތިން އައިސްފައިވޭ. ފަރެހުގެ އެހައި ގިނަ ބަޔަކު ކެންދުއަށް ބަދަލުވިޔަސް ލިޔެލާޖެހުމުގެ މަސައްކަތުގެ އެއްވެސް ނިޝާނެއް އެއްވެސް ޒަމާނަކު ކެންދުއަކުން ފެނިފައެއް ނުވޭ. އެ ކަހަލަ ވާހަކައެއް ތުންތުންމަތިން ވެސް އައިސްފައެއް ނުވޭ. އަނެއްކާ ކެންދޫގައި ހުރި މަގާމުފުޅުގައި ވެސް އަދި ކެންދޫގައި ހުރި ދުވަސްވީ މިސްކިތުގައި ވެސް ލިޔެލާޖެހުމުގެ ކުޑަ ވެސް އަލާމާތެއް ފެންނާކަށް ނެތް. އަހަރެމެންނާ ހަމައަށް ފޯރާފައި ހުރި ވާހަކަތަކަށް ބަލާއިރު ފަރެހު މީހުން ކެންދުއަށް އައިސްފައިވަނީ ވަރަށް ކުރިން. އިހުގެ މީހުން ވާހަކަތަކަށް ބަލާއިރު 400 ވަރަކަށް އަހަރު ވެދާނެ" ކެންދޫގެ ދިގުމުއްދަތުގެ ޞިއްހީ އެހީތެރިޔާ ޢަބްދުލް ޖަލީލު ވިދާޅުވިއެވެ.
ޢަބްދުލް ޖަލީލުގެ ވާހަކައަށް ބާރުލިބިދޭ އެތައް ވާހަކަތަކެއް ކިތަންމެ މީހަކު ފާހަގަކުރައްވައެވެ.
"ފަރެހުން މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ވަޒަންވެރިވެފައި ވަނީ ކެންދޫގައި. އެ ނޫން އެހެން ރަށްރަށަށް ވެސް ފަރެހު މީހުން ދިޔަ. އެ ދިޔަ ދިއުމުގައި ފަރެހު މޫސަ ކިޔާ މީހަކު ތުޅާދުއަށް ދިޔަކަމަށްވޭ. އޭނާ ތުޅާދޫން ކައިވެނި ކޮށް ދަރިފަސްކޮޅެއް ފަށާފައިވަނީ ތުޅާދޫގެ ލިޔެލާޖަހަމުން ދިޔަ އާއިލާގެ ތެރެއިން ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ. ސަބަބަކީ އެންމެ އިހުއްސުރެ އެ އާއިލާގެ މެންބަރަކަށް ނޫނީ އެ މަސައްކަތް ދަސްކޮށްނޫދޭތީ. އެކަން އެހެން އޮތް އިރު ފަރެހު މޫސަބެއަށް އެ މަސައްކަތް ދަސްވެފައިވާތީވެ، ފަރެހު މޫސަބެ ތުޅާދޫއިން ކައިވެނީގެ ގޮތުން ގުޅިފައިވަނީ ތުޅާދޫގައި ލިޔެލާޖެހުމުގެ މަސައްކަތް އޭރު ކުރަމުންދާ ޢާއިލާގެ އަންހެނާކަމަށް ޔަގީންކުރެވޭ" 1977ވަނަ އަހަރު ތުޅާދޫ ސްކޫލުގައި ކިޔަވައިދެއްވި އަދި އޭރުގެ ތުޅާދޫގެ އިސްރަށްވެހިންގެ ފަރާތުން ލިޔެލާޖެހުމުގެ މަސައްކަތާގުޅޭ މަޢުލޫމާތުތަކެއް އެއްކުރެއްވި އަދި ދިވެހި މަސައްކަތްތެރިކަމުގެ ދާއިރާއިން ފާހަގަކުރެވޭ ކުޑަރިކިލު އިބްރާހީމް އަބޫބަކުރު ވިދާޅުވިއެވެ.
މި ދެންނެވި ވާހަކަތަކަށް ބާރުދެއްވަމުން "ބ. އަތޮޅުގެ ވަށައިގެން" މި ފޮތުގައި ދޮންފަނު މުޙައްމަދު ޔޫސުފު ވެސް ބަޔާންކުރައްވަނީ ތުޅާދޫގައި ލިޔެލާޖެހުމުގެ މަސައްކަތް ފުރަތަމަ ފެއްޓީ ފަރެހު މޫސަބެ (ފަރެހު ދޮން މޫސަބެ) ކަމަށް ބުނި ނަމަވެސް ފަރެސް ފަޅުކޮށްފައި ފޭބި މީހުންގެ ތެރެއިން ގިނަ ބަޔަކު ބ.އަތޮޅު ފަނިކެންދޫގައި (ބ. ކެންދޫ) ވަޒަންވެރިވީ އިރު ކެންދޫއިން ލިޔެލާޖެހުމުގެ މަސައްކަތުގެ އެއްވެސް އަލާމާތެއް ނެތުމީ ފަރެހުގައި ލިޔެލާ ޖެހުމުގެ މަސައްކަތް އޮތްކަމާ މެދު ސުވާލު އުފެދޭ ކަމެކެވެ. އަދި މުހައްމަދު ޔޫސުފް ލިޔުއްވި އެ ފޮތުގައިވާ ގޮތުން އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ވެރިކަމުގައި ދިވެހި ސަރުކާރުން ބޭރުގައުމުތަކަށް ހަދިޔާއަށް ނުވަތަ ވެދުމަށް ދެވޭ ޚާއްޞަ ތަކެތި ލިޔެލާޖަހައި ތައްޔާރު ކުރައްވަނީ ލިޔެލާޖެހުމަށް މަޝްހޫރު ތުޅާދޫގެ ދޮން އިސްމާޢީލެވެ. އެ މަސައްކަތުގެ މުހިންމުކަމާއި އެ މަސައްކަތްތެރިންނާއި ރަސްކަމާ އޮތް، ގާތް ގުޅުން އަންގައިދޭ އެއް ކަމަކީ ސަރުކާރުގެ ފަރާތުން ދޮން އިސްމާޢިލަށް ދެއްވާފައިވާ ޚާއްޞާ ޢިނާޔަތްތަކެވެ.
ލިޔެލާޖެހުމުގެ އެންމެ ފަހު މައުރަޒުގައި ތުޅާދޫގެ ފަންނުވެރީން ތައްޔާރުކޮށްފައިވާ ބައެއް އުފެއްދުންތައް
"ތުޅާދޫ ފަޅުތެރޭގައި އޮތް، ބޮޑުފިނޮޅާއި ތުޅާދޫކައިރީގައި އޮންނަ އޮޅުގިރި (ހޯރަ އަރާ ރަށް)އާއި އަދި ދެބުރި ދޭތެރެ ވާދޫ، ތުޅާދޫ ރައްޔިތުންނަށް ދެއްފައި އޮތް އޮތުން، މިކަމުގެ ހެއްކަކަށް ފުދެއެވެ. އަދި ދޮން އިސްމާޢީލުގެ ލިޔާ ކަށީގެ ތުނޑަށް ކާށީދޫން "ހިންނަ" (ރުށްގަނޑު)އެއް ދީފައި ވެއެވެ. އަދި ތުޅާދޫ ކައިރީގައި ހުރި ބައެއް ފަޅު ރަށްރަށް، ދޮން އިސްމާޢީލުގެ މޭޒުމައްޗަށް (ހަދިޔާއަށް) ދެއްވާފައިވާކަން އެނގެއެވެ. އަދި ޚާއްޞަކޮށް ދޮން އިސްމާޢީލުގެ ލާޖެހުމުގެ މަސައްކަތް ކުރުމަށް ތުޅާދޫ ކައިރީގައި އޮންނަ އެނބޫދޫ (ފަޅުރަށެއް) ޚާއްޞަކޮށްފައިވާ ކަން އެނގެއެވެ. އަދި އެ ރަށުގައި ތުޅާދޫ ދޮން އިސްމާޢީލުގެ ލިޔެލާޖެހުމުގެ މަސައްކަތް އޮންނަ ދުވަސްވަރު މަސައްކަތްކުރާ ސަރަހައްދު ބަންދުކުރުމަށް ހުދު ފޮއްޗާއި އަދިވެސް އެކަމަށް ބޭނުންވާ ތަކެތި ސަރުކާރުން ފޮނުއްވާކަމަށް ވެއެވެ. އެއީ އެ މަސައްކަތް ކުރަމުންދާ އިރު އެހެން މީހުންނަށް ނުފެންނަ ގޮތަށް ސިއްރުން އެ މަސައްކަތް ކުރުމަށް ޓަކައެވެ. އަދި އެ މަސައްކަތުގެ ތެރެއިން ބައެއް ޚާއްޞަ ތަކެތި ތައްޔާރުކުރާ އިރު، ދަމާ މީހާގެ މޫނު ނިވާކުރުމަށް ހުދުފޮތިން ބަނދެފައިވާ ކަމަށް ވެސް ބުނެވެއެވެ." ބ. އަތޮޅު ވަށައިގެން މިނަމުގައި ލިޔުއްވި ފޮތުގައި ދޮންފަނު މުހައްމަދު ޔޫސުފު ބަޔާންކުރައްވާފައިވެއެވެ.
އެންމެ އިހުއްސުރެ ސަރުކާރުގެ ބޭނުންތަކަށް ތުޅާދޫން ލިޔެލާޖެހުމަށް މާލެދާ ވަފުދުތައް އެ މަސައްކަތް ކުރައްވަނީ އާންމު ރައްޔިތުންނަށް ނުފެންނަހެން ބަންދުކުރެވިފައިވާ އެކަމަށް ޚާއްޞަ ތަނެއްގައެވެ. ސަރުކާރުގެ ބޭނުމަށް މާލޭގައި މިގޮތަށް މި މަސައްކަތް ކުރެވުނު ނަމަވެސް މިއީ އާއްމުކޮށް ކޮށްއުޅުނު ގޮތެއް ނޫނެވެ. ނުރަސްމީ ތަޢުލީމޫދޭ މަރުކަޒުން 1983 ވަނަ އަހަރު، ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހިންގި ލިޔެލާޖަހަން ދަސްކޮށްދޭ ކޯހެއް ހިންގުމަށް ބ. ތުޅާދޫ އޮފްދާރު މުހައްމަދު އުމަރު އޭދަފުށްޓަށް ދިއުމާ ހަމައަށް ތުޅާދޫގެ އެ ފަންނުގެ އެއްވެސް މަސައްކަތްތެރިޔަކު ތުޅާދޫން ބޭރުބަޔަކަށް އެކަން ދަސްކޮށްދިނުމުގެ މަސައްކަތެއް ކޮށްފައި ނުވާކަމަށް ވެއެވެ. އެ ދުވަހާ ޖެހެންދެން، އެންމެ އިހުއްސުރެ ތުޅާދޫގައި ކުރެވެމުން އައި ލިޔެލާޖެހުމުގެ މަސައްކަތް (ބޮމަކަނދުގައި ލަކުޑި ހަރުކޮށްގެން އަރިޔަންލިޔެ ދެފަށްލާޖެހުމުގެ މަސައްކަތް) އާއި ލާފެންކުރުމުގެ މަސައްކަތް އޮތީ ހަމަ އެކަނި ތުޅާދޫގެ ތެރޭގައިކަން ސާބިތުވެއެވެ. އަދި ހަމަ އެ މަސައްކަތް ކުރަމުންދާ ޢާއިލާގެ ދަރިފަސްކޮޅުގެ ތެރޭގައިކަން ވެސް ޔަގީންވެއެވެ. މިއަދުވެސް ތުޅާދޫގައި އެ މަސައްކަތް ކުރަމުންދާ އެންމެ ޒުވާންކުދީންނަށް ބެލި ނަމަވެސް އެކަން އޮތީ އެ ގޮތަށެވެ. ވުމާއެކު މިހާތަނަށް ފެންނަން ހުރި ހެކިތަކަށް ބަލާއިރު ލިޔެލާޖަހައި ލާފެންކުރުމުގެ މަސައްކަތަކީ ތުޅާދުއަށް ޚާއްޞަ މަސައްކަތެއްކަމުގައި ގަބޫކުރަން ޖެހެއެވެ.
"ދިގުހަރުގައި ލިޔުމުގެ މަސައްކަތަކީ ރާއްޖޭގެ ހުރިހާ ހިސާބަކުން ފެނިފައިވާ މަސައްކަތަކަށް ވިޔަސް އަރިޔަންލިޔުމާއެކު ދެފަށްލާޖަހައި ލާފެން ކުރުމުގެ މަސައްކަތަކީ ރާއްޖޭގެ ހުރިހައި ހިސާބެއްގައި ކުރަމުން އައި މަސައްކަތެއްކަން އަންގައިދޭ ހެއްކެއް ފެނިފައެއް ނެތް. އެހެނަސް ތުޅާދޫއަކީ އެ މަސައްކަތަށް ޚާއްޞަ ރަށެއްކަން އެންމެ އިހުއްސުރެ ފެށިގެން މިއަދާ ޖެހެންދެން ވެސް އެނގެން އެބަ އޮތް. އަދި އެ މަސައްކަތް މިހާރު އެހެން ބައެއް ރަށްރަށުން ފެނުނަސް، އެ ފެނުނު ކޮންމެ ތަނަކާ، ތުޅާދުއާ ގުޅިފައިވާކަން ހާމަކޮށްދޭ. މި ކަންކަން މިހެން ހުރުމާ އެކު އެއީ ތުޅާދުއަށް ޚާއްޞަ މަސައްކަތެކޭ ބުނުމުގެ ފުރުޞަތު، ކިތަންމެހައި ވެސް ބޮޑު" ދުނިޔޭގެ ގިނަ ބަސްތަކެއް ދެނެވަޑައިގަންނަވާ އަދި ތާރީޚީ ގިނަ ލިޔުންތައްކެއް ލިޔުއްވާފައިވާ އިޔާޒް ނަސީމް ވިދާޅުވިއެވެ.
ލިޔެލާޖެހުމަކީ ތުޅާދުއަށް ޚާއްޞަ މަސައްކަތެއްކަން އަންގައިދޭ ބުރަދަން ހުރި މިފަދަ ކިތަންމެ ބުނުންތަކެއް އެބަ ހުއްޓެވެ.
އިނގިރޭސިވިލާތުގެ ރާނީ މާލެވަޑައިގެންނެވިރު ލިޔެލާ ޖެހުމުގެ މަސައްކަތް ކުރުމަށް މާލެ ދިޔަ ތުޅާދޫގެ ވަފުދު
"ކުރީގައި ރަސްކަމަށް ކޮލިލާ ދުވަހު ރަސްމިއްޔާތު ޒީނަތްތެރިކުރުމަށް ތުޅާދޫން ލިޔެލާޖެހި ތަކެތި ގެނެސް ވަކި ދުރުމިނެއްގައި އެ ފަދަ ތަކެތި އަތުރާފައި ވެސް އެ ހުންނަނީތާ. އަނެއްކާ 1953ވަނަ އަހަރު، ދިވެހިރާއްޖެ ޖުމްހޫރިއްޔަތަކަށް ވާންވެގެން އެކި ރަށްރަށާއި އެކި އަތޮޅުއަތޮޅާ އެކި މަސައްކަތްތައް މުހައްމަދު އަމީންގެ ދައުރުގައި ހަވާލުކުރެއްވި. މިގޮތަށް ހަވާލުކުރެއްވި އިރު އައްޑު އަތޮޅާއި މާލެ އަތޮޅާއި ތިލަދުންމަތިން ވެސް ކަށިވެއްޔާ ދޮންވެލި ގެނައި. ހަމަ އެގޮތަށް ރ. އަތޮޅުގެ އެކި ރަށްރަށުން ގޮނޑި ޖަހައިގެން ގެނައި. އެކަމަކު އޭރު ވެސް ލިޔެލާޖެހުމުގެ ހުރިހާ ތަކެއްޗެއް ގެނައީ ހަމަ އެކަނި ތުޅާދޫން. އެ ވާހަކަތައް އެބަހުރި ލިޔެކިޔުމުން ރަނގަޅަށް ފެންނަން. މުހައްމަދު އަމީން ލިޔުއްވި ފޮތެއްގައި ވެސް އަދި އެދުވަސްވަރު ލިޔުއްވާފައިވާ އެހެން އެއްވެސް ފޮތެއްގައި ވެސް ތުޅާދޫ ނޫން އެހެން ރަށެއްގެ ނަމެއް ގަނެވިފައެއް ނެތް. އޭގެ މާނައަކީ އެހެން މީހަކު އެ ނޫންގޮތަކަށް ބުނާނެ ތަނެއް އޮތްކަމަކަށް ގަބޫލެއް ނުކުރެވޭ. ތުޅާދޫ ނޫން އެހެން ބަޔަކު އޭރު އެކަން ކުރިކަމުގެ ހެއްކެއް ނިކަން ދައްކަބަލާށޭ. އެހެންވީމާ ރާއްޖޭގައި ޒަމާނުއްސުރެ ތުޅާދޫގައި އެ މަސައްކަތް ކުރަމުން އައިކަން އެނގެން އެބަ އޮތް. އެ ނޫން އެހެންގޮތަކަށް އެހެން އެއްވެސް ބޭފުޅެއް ވިދާޅުވެފައިވާކަން އެއްވެސް ލިޔުމަކުން ފެންނާކަށެއް ވެސް ނެތް. ދެން އެހެން ބައެއް މީހުންނަށް އިވިފައި އަޑުތަކުގެ މައްޗަށް އެ ފަދަ މީސްމީހުން އެހެން ގޮތަކަށް ބުނާބުނުންތައް ގަބޫލުކުރެވޭނެ ހެއްކެއް ވެސް ނެތް. ހެއްކެއް ނެތް ސަބަބަކީ، ރަށެއްގައި ތިބި ބަޔަކު އެ ރަށަކުން އަނެއް ރަށަކަށް ބަދަލުވުމަކުން އަދި ލާޒިމުކޮށެއް ނުދޭތާ އެ ރަށަކުން އެމަންޒަރުތައް އެކަންތައްތައް ނުފެންނާހާ ހިނދަކު އެކަން ކުރެވުނު ކަމަކަށް" ބަހާއި ތާރީޚު ދިރާސާކުރައްވަމުން ގެންދަވާ ދިވެހި ތާރީޚުގެ އިސްވާރު، ކަށިމާ އަޙުމަދު ޝާކިރު ވިދާޅުވިއެވެ.
ބޮމަކަނދުގައި ލަކުޑި ތަތްކޮށްގެން ލިޔެލާޖެހުމާ އަދި ލާފެންކުރުމަކީ ޒަމާނުއްސުރެ ފެށިގެން ތުޅާދޫގެ ޚާއްޞަ މަސައްކަތެކެވެ. އެ މަސައްކަތަކީ ތުޅާދޫގެ ތަޢުލީމާއި މަސްވެރިކަމާއި މުޅި ތުޅާދޫގެ ތަރައްޤީއާ ގުޅިފައިވި ފަޚުރެކެވެ. ރަސްކަމުގެ ކޮއިލުތެރެއާއި އެކި ދުވަސްވަރު މާލޭގެ ބޮޑުންނާއި ރާއްޖޭގެ ބައެއް ރަށްރަށާއި ޚާއްޞަ ގުޅުންތަކެއް ގުޅުވައިދިން ފާލަމެކެވެ. އެހެންކަމުން ލިޔެލާޖެހުމުގެ އެ ފަންނުވެރި މަސައްކަތަކީ މުޅި ތުޅާދޫގެ ތާރީޚާ ގުޅިފައިވާ ފަޚުރެކެވެ.