
މުޙައްމަދު އަޙުމަދަކީ މަސްވެރި ތުޅާދޫގެ މަސްވެރީންގެ ތެރެއިން ފާހަގަކޮށްލެވޭ ހުނަރުވެރިއެކެވެ. އެއީ ދޮށި އެޅުމުގައި އަވަހަށް މަސްބޭނުމާއި ދިގުދޮށިން މަސްބޭނުމުގައި މަޝްހޫރު ކެޔޮޅެކެވެ. މަސްވެރިކަމާ ގުޅިފައިވާ މޫދުގެ މަސައްކަތްތަކުގައި ނަމޫނާއެކެވެ. ދޯނި އުނގުޅުމުގެ މަސައްކަތުން ފާހަގަކުރެވޭ ހިތްވަރުގަދަ ޚިދުމަތްތެރިއެކެވެ. ފިސާރި ރީތިކޮށް އަރަބިތާނަ ލިޔުއްވާ އަތުލިޔުންތެރިއެކެވެ. ބުޅިހެދުމުގެ މަސައްކަތްކުރައްވާ ފަންނުވެރިއެކެވެ.
މުޙައްމަދުގެ ޚިދުމަތް އެންމެ ފުޅާދާއިރާއެއްގައި ފެންނަން އޮތީ މަސްވެރިކަމުގެ ފަންނުގައެވެ. ތުޅާދޫ ސްކޫލުގައި ހޭދަކުރެއްވި ތަޢުލީމީ ދައުރު ނިންމާލެއްވުމާއެކު މުޙައްމަދު ފުންމާލެއްވީ ސީދާ މަސްއޮޑިއަށެވެ. އެ ދުވަސްވަރު ތުޅާދޫގައި ދުއްވަމުން ގެންދެވި އަލިމަސް ދޯންޏަށެވެ.
"ސްކޫލު ނިންމާލިގޮތަށް އެރީ އޮޑިއަށް. އެއީ 1972 ވަނަ އަހަރުހެން ހީވަނީ. އެންމެ ފުރަތަމަ މަހަށް ދިޔައީ އަލިމަސް ދޯނިން. އެ ދުވަހުން ފެށިގެން މަސްވެރިކަމުގައި އެބަ އުޅެވޭ. މަސްވެރިކަމުގައި ނުކުރާ ހަމަ އެއްކަމެއް ވެސް ނޯންނާނެ. ދޯނި ދުއްވުން ކަމަށް ވިޔަސް، އެން އުކުންކަމަށް ވިޔަސް، މަސް ބޭނުންކަމަށް ވިޔަސް، މަސްކެނޑުން ކަމަށް ވިޔަސް ކޮންމެ ކަމެއް ވެސް ފަރިތަކަމާއެކު ކުރެވޭނެ" 64 އަހަރުގެ މުޙައްމަދު ބުނުއްވިއެވެ.
މަސްވެރިކަމުގެ މަސައްކަތުގައި 50 އަހަރުގެ ދިގު މާޒީއެއް އޮތް މުޙައްމަދު ބުނުއްވީ މަސްވެރިކަމަކީ ދިރިއުޅުމާ ސީދާ ގުޅިފައިވާ މަސައްކަތެއް ކަމަށާއި އެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ފިސާރި ފަރުވާތެރިކަމާއެކު ކަމަށެވެ.
މަސައްކަތަށް ތައްޔާރުވެގެން މުހައްމަދު ނުކުންނަވަނީ
"މަސްވެރިކަމަކީ އަޅުގަނޑުގެ ދިރިއުޅުމަށް ކޮށް އުޅުނު މަސައްކަތް. އެހެން ކަންތައްތަކެއް ކުރި ނަމަވެސް މައިގަނޑު މަސައްކަތަކީ އެއީ. އެއީ ވަރަށް ފަރުވާތެރިކަމާއެކު ކުރަމުން އަންނަ ކަމެއް. ދޯންޏަށް އަރައިފި ނަމަ އަބަދުވެސް އިންނާނީ މަސައްކަތެއްގައި. ކަމެއް ނެތި އިނުމަކީ އެއް އިރެއްގައި ވެސް އުޅުނު ގޮތެއް ނޫން" 7 ކުދީންގެ ބައްޕަ މުޙައްމަދު ބުނުއްވިއެވެ.
ތުޅާދޫގައި މުޙައްމަދު މަޝްހޫރުވެފައިވަނީ ކެޔޮޅު މުހުނދުގެ ނަމުންނެވެ. މުޙައްމަދު ބުނުއްވީ އެ ނަން އޭނާއަށް ހަރުވީ އެއް ދުވަހަކު ބޮޑެބެ (އަބޫބަކުރު ޔޫސުފް، ކުޑަ ބަކުރު) ދެއްކެވި ވާހަކަތަކެއްގެ ތެރެއިންކަމަށެވެ.
"ދޯނީގައި ފަސް މުހުނދެއް އުޅުނު. އެއް ދުވަހަކު ދޯނީގެ މީހުންގެ ތެރެއިން ދޯނި ދޮށަށް މިހާރު ނާންނަނީ ކާކުތޯ ބޮޑުބެ ގާތުގައި އެހުމުން ބޮޑުބެއަށް ބުނެވެނީ ނާންނަނީ ކެޔޮޅު މުހުނދޭ. އޭރު ކެޔޮޅަކަށް ހުރީ އަހަރެން. މި ނަމަކީ ކެޔޮޅު މުހުނދު ނާދޭ ބުނެ ބޮޑުބެ ކީ ނަމެއް. އޭގެ ފަހުން އެންމެން ވެސް އެހެން ކިޔަން ފެށީ. އެ ދުވަހަށް ފަހު މި ނަން ހަރުވީ" ކެޔޮޅު މުހުނދު މި ނަން ކިޔުނު ގޮތް މުޙައްމަދު ހިއްސާކުރެއްވިއެވެ.
މުޙައްމަދަކީ މަސްކަނޑާ ދިނުމުގެ މަސައްކަތާއި ދޯނި އުނގުޅައިދިނުމުގެ މަސައްކަތް ވެސް ކުރައްވާ ޚިދުމަތްތެރިއެކެވެ.
"މިހާރު ވެސް މަސްކަނޑާދިނުމުގެ މަސައްކަތް ކުރަން. މީސްމީހުން އެދުމުގެ މަތިން ފައިސާއަށް މި ކަން އެބަ ކޮށްދެން. ދޯނި ފަހަރު އުނގުޅުމުގެ މަސައްކަތް ވެސް މިދަނީ ކުރަމުން. ފަޅުގައި އޮންނަ ދޯނިފަހަރު އެކަނިމާއެކަނި ގޮސް އެބަ އުނގުޅައިދެން. ދޯނި އުނގުޅުމުގައި ފިންސުގައި 4 ވަރަކަށް ގަޑިއިރު ބިންމަތީ ފައި ނުޖައްސާ ވެސް އެބަ އޮންނަން." މުޙައްމަދު ބުނުއްވިއެވެ.
މުޙައްމަދާއެކު މަސްވެރިކަމުގައި ކެޔޮޅެއްގެ ގޮތުގައި ބައިވެރިވެލެއްވި އަބޫބަރު ޙުސައިން (ކުރުބެ ބަކުރު) ބުނުއްވީ މުޙައްމަދަކީ ވަރަށް މުރާލި ހީވާގި މަސްވެރިއެއްކަމަށެވެ. އެފަދަ ދެވަނައެއް ނެތް އަތްމަތި ހަލުވި ކެޔޮޅެއް ކަމަށެވެ.
"އެއީ ވަރަށް މުރާލި މަސްވެރިއެއް. ވަރަށް ރީއްޗަށް މަސްބާނާ މީހެއް. އަތްމަތި ފިސާރި ހަލުވިވާނެ. ދިގު ދޮށީގައި ގޮދާ ބާނަން އެވަރެއް ނެތް. ދޯނި ފަހަރު އުނގުޅުމުގެ މަސައްކަތަކީ ވެސް ވަރަށް ގިނައިން މުހުނދު ކޮށް އުޅޭ މަސައްކަތްތެއް. ކިތަންމެ ގިނަ އިރަކު ވެސް ވަރުބަލިވުމެއް ނެތި މަސައްކަތުގައި އުޅޭނެ. ފޫއްސެއް ނުވާނެ. މޫދުގައި ކިތަންމެ ގިނަ އިރަކުވެސް އޮވެދާނެ" އަބޫބަކުރު ބުނުއްވިއެވެ.
މަސްވެރިކަމާ ގުޅުންހުރި ގިނަ ކަންތައްތަކެއް މުޙައްމަދު ކުރައްވާއިރު މަސްބާނާ ބުޅި އުފައްދައި ވިއްކުމަކީ ވެސް މުޙައްމަދު ކުރައްވާ ކަމެކެކެވެ. މުޙައްމަދު ގެންދަވަނީ އޭނާގެ އަމިއްލަ އަތުން އެތައް ވައްތަރެއްގެ ބުޅިއެއް ތައްޔާރުކުރައްވަމުންނެވެ. ކުރުދޮށި ބުޅިއާއި މެދުދޮށި ބުޅިއެވެ. ދިގުދޮށި ބުޅިއާއި ވަދު ބުޅިއެވެ. މުށިމަސް ބުޅިއާއި ރިތްމަސް ބުޅިއެވެ. ރާގޮނޑި ބޭނުމަށް ޚާއްޞަ ބުޅިއެއް ވެސް ތައްޔާރު ކުރައްވައެވެ.
މުޙައްމަދު ތައްޔާރުކުރައްވާފައިވާ ބުޅިތަކެއް
"ހިތަށް އެރީ މިއީ ވަރަށް ރަނގަޅު ފަންނީ މަސައްކަތެކޭ. މިކަމުން ވެސް ކުރިއަށް ދެވިދާނޭ. މިއީ ވެސް ފައިދާ ހޯދިދާނެ ކަމެކޭ. އެހެން ހިތަށް އަރައި މިކަން ފެށީ" މީގެ 30 އަހަރު ކުރިން މި މަސައްކަތުގެ ތެރެއަށް ވެންނެވުނު ގޮތް މުޙައްމަދު ބުނުއްވިއެވެ.
ބުޅީގެ މަސައްކަތުގައި މުޙައްމަދުގެ ރަސްމީ ވަގުތަކީ ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ރޭގަނޑު 2 ޖަހައި އެހެން މީހުން ނިދުމުން މުހައްމަދަށް އިރު އަރައެވެ. ދުވަހުގެ މަސައްކަތަށް ފޫގަޅުއްވައެވެ.
"އާއްމުކޮށް ރޭގަނޑު މި މަސައްކަތް ކުރަނީ. ހުކުރު ދުވަހެއްގައި ފަހަރެއްގައި ކޮށްލަފާނެ. އެހެން ނޫނިއްޔާ އަބަދުވެސް ކުރާނީ ރޭގަނޑު. ކައްކާ ނިމި އަންހެންވެރީން ނިދީމާ ގޭސް އުނދުން ލިބެނީ. މަސައްކަތް ފަށާގޮތަށް 150 ބުޅި ނުވަތަ 200 ބުޅި ތިމަރަ އަޅައި ނިންމާލަން. ރޭގަނޑު 2 ން 4 ށް އޮންނާނީ އެ މަސައްކަތް. އެހެން މީހުން ހޭލާއިރު ހުންނާނީ ހަދާއެއްޗެއް ހަދާ ނިންމާފައި. އެ މީހުންނަކަށް ނޭނގޭނެ ތަނެއް ދޮރެއްވެސް" މުޙައްމަދު ބުނުއްވިއެވެ.
މުޙައަމަދު ބުނުއްވީ ނަރު ތެދުކޮށް، ބުޅި ބައްޓަމަށް ބުޅި ބަޅުކޮށް، ބުޅި ގާނާ، ބުޅި ތަޅައި ތޮރުފައި މި ހުރިހާ ކަމެއްވެސް މުޙައްމަދު ކުރައްވަނީ އޭނާގެ އަތުންނެވެ. މެޝިނުގެ އެހީގައި ބުޅި ތޫނުކުރި ނަމަވެސް ދެން ހުރި ކަންކަން ކުރައްވަނީ އަމިއްލަ އަތުންނެވެ.
"ބުޅި ތެޅުމުގެ މަސައްކަތްކުރަނީ ދުވާލު. އެއީ ރޭގަނޑު އެކަން ކުރުމުން ކުޑަކުދީން ހޭލާނެތީ. އެހެންވެ އެކަން ކުރަނީ ދުވާލު. ރޭގަނޑު އޮންނާނީ ތިމަރަ އެޅުންމާއި ބުޅި ހެދުން. އެކަން ކުރާއިރު އެއްވެސް އަޑެއް ނުހުންނާނެ" މަސައްކަތް ބަހާލާފައިވާ ގޮތް މުޙައްމަދު ހިއްސާކުރެއްވިއެވެ.
މުޙައްމަދުގެ މަސައްކަތުގެ ހުނަރުވެރިކަން 2015 ވަނަ އަހަރު ބޭއްވުނު އަތްތެރި މަސައްކަތުގެ މަޢުރަޒުން މަސްވެރިކަމުގެ އާލާތް ތައްޔާރު ކުރުމުގެ ބައިން 3 ވަނަ ހޯއްދަވާފައިވުމުން ޔަގީންކުރެވެއެވެ. އަދި އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގެ ގިނަ ބަޔަކު މުހައްމަދު ތައްޔާރުކުރައްވާ ބުޅި ގަތުމީ ވެސް މިކަމުގެ ހެތްކެކެވެ. ރ. މީދޫ މަސްވެރީންނާއި ރ. މަޑުއްވަރީ މަސްވެރީންނާއި ކ. ގާފަރު މަސްވެރީން ވެސް މުޙައްމަދު ތައްޔާރުކުރައްވާ ބުޅި ގަނެއެވެ.
"ގިނަ ބަޔަކު ބުޅި ގަނޭ. އޯޑަރުތައް ވެސް ލިބޭ. ގިނައިން ލިބެނީ އެހެން ރަށްރަށުން. މަލިކުން ވެސް އޯޑަރު ލިބިފައި އެބަހުރި. މިހާރު ވެސް މަލިކަށް ގެންދާން ބުޅިކޮޅެއް ހަދައި ދިނުމަށް މީހަކު އެބަ އެދޭ" މުޙައްމަދު ތައްޔާރުކުރައްވާ ބުޅި ރާއްޖޭން ބޭރަށް، މަލިކަން ގެންދާކަން މުޙައްމަދު ފާހަގަ ކުރެއްވިއެވެ.
މުޙައްމަދަކީ ތުޅާދޫން އުފެދުނު މޮޅު އަތުލިޔުންތެރިއެކެވެ. ޢަރަބި ތާނަ ވަރަށް ރީތިކޮށްލިޔުއްވާ ލިޔުންތެރިއެކެވެ. އެކަމުގެ ތެރެއަށް މުޙައްމަދަށް ވަދެވުނީ މުޙައްމަދު އިދުރީސް (ބަންކާ މުހުނދު) ގެ ފަރާތްޕުޅުންނެވެ.
މުޙައްމަދުގެ އަތުލިޔުއްވުމުގެ ތެރެއިން
"ބަންކާ މުހުނދުގެ ދުނިޔޭގައި އޭނާ އަންނާނެ އަހަރަމެން އުޅުނު ރަންހަދާގެއަށް. މަންމައާ ވަރަށް ރައްޓެހިވާނެ. ވަރަށް ގިނައިން ދުފަން އަންނާނެ. އަހަން މަންމަ ފިލާ ލިޔަން ހުންނާނެ ފުޅިބުރިއެއްގައި އޮނުގަލަމެއް. އެއް ދުވަހު އައިސް އޭތީގެ ތުނޑު ކަނޑާދީފައި ވަރަށް ރީއްޗަށް އަރަބި ލިޔުނު. އެތަނުން ހިތަށް އަރައިފި މިއީ ވަރަށް މޮޅު ފަންނެކޭ. މި ކަންތައް ކުރާގޮތް ވާނީ ދަސްކުރާށޭ. އެދުވަހުން ފެށިގެން މިކަމުގެ ތެރެއަށް ވަދެވުނީ" އަތުލިޔުމުގެ ފަންނަން ވަދެވުނު ގޮތް މުޙައްމަދު ހިއްސާކުރެއްވިއެވެ.
މުޙައްމަދަކީ މަސްވެރިއެއް ނަމަވެސް މިހާރު ވެސް ކޮންމެ ރެއަކުހެން އަތުލިޔުމުގެ ޞަފުހާއެއް ލިޔުއްވައެވެ. އެ ރީތިކަން އިތުކޮށްލެވޭތޯ މަސައްކަތްކުރައްވައެވެ.
"ކޮންމެ ރެއަކު ވެސް ޞަފުހާއެއް އެބަ ލިޔަން. މަހުން އައިސް ވެސް އެކަން ކޮށްލާފައި ނިދަނީ. މިހާރުވެސް ގިނަ ރޭރޭ ހަމަ އެކަން ކޮށްލެވޭ. އެއީ ހަމަ އެކަން ކުރާހިތްވާލެއް ބޮޑުކަމުން ކުރެވޭ ކަމެއް" އެއް ފަހަރު މުޅި ތުޅާދޫ ސުކޫލުން ލިޔުމުން 1 ވަނަ ހޯދި މުޙައްމަދު ބުނުއްވިއެވެ.
ހުނަރުން ފުރިފައިވާ މުޙައްމަދުގެ ޚިދުމަތް އެތައް ރޮނގަކުން ތުޅާދުއަށް ލިބެމުންދާ އިރު މުޙައްމަދު އެންމެ ބޮޑަށް ޝުކުރުވެރިވަނީ އޭނާގެ އަންހެނުން، މަރިޔަމް އިބްރާހީމަށެވެ.
މުޙައްމަދުގެ އަނބިކަނބަލުން މަރިޔަމް އިބްރާހީމާ އެކު
"ހަގީގަތުގައި މި ހުރިހާ ކަމެއް މި ކުރެވެނީ އަންހެނުންގެ އެހީތެރިކަމާއެކު. އެއީ އެންމެ ބޮޑު އެހީތެރިއަކީ. އަންހެނުންނަކީ ކޮންމެ ކަމެއްގައި ވެސް އެހީތެރިވާ ފަރާތް. އަދި ކުދީންނަކީ ވެސް ވަރަށް ބޮޑު އެހީތެރިކަމެއް މިކަމުގައި ދޭ ބައެއް. ކޮންމެ ކުއްޖަކު ވެސް އެހީތެރިވޭ. އެކުގައި އުޅޭ މަސްވެރީންގެ ފަރާތުން ވެސް އަބަދު ވެސް އެހީތެރިކަން ލިބޭ" މުޙައްމަދު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގައި މުޙައްމަދަކީ ތުޅާދޫ ފަޚުރުވެރިވާ ނަމޫނާއެކެވެ. އެ ނަމޫނާގައި ވަނީ ކެރުމާއި ސާބިތުކަމާއި މަސައްކަތަށް އޮތް ލޯތްބެވެ. ކުރާ ކޮންމެ ކަމެއް ވެސް ފަރުވާތެރިކަމާއެކު ކުރެއްވި ކުރެއްވުމެވެ. މިއަދު ވެސް މުޙައްމަދަކީ މަސްވެރިއެކެވެ. ދޯނި އުނގުޅުމާއި މަސްކަނޑާ ދިނުމުގެ ޚިދުމަތްދެއްވާ ޚިދުމަތްތެރިއެކެވެ. ބުޅިހެދުމުގެ މަސައްކަތްކުރައްވާ ހުނަރުވެރިއެކެވެ. އަތުލިޔުމުގެ ފަންނުގައި ވެސް ތަރިއެކެވެ.