
މިރޭ، ތުޅާދޫ ބަނދަރު ސަރަހައްދުގައި އޮތް ރަސްމިއްޔާތުގައި އެ ހިޔާ ހުޅުވައިދެއްވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ ޑރ. އަމީން އިބްރާހީމެވެ. އަދި އެ ހިޔާގެ ޢިމާރާތް ތުޅާދޫ ކައުންސިލާ ރަސްމީކޮށް ހަވާލުކުރުމުގެ ލިޔުން ކައުންސިލާ ހަވާލުކޮށްދެއްވީ ޢިމާރާތް ބިނާކުރެއްވި އަބޫބަކުރު ޙުސައިންއެވެ. ކައުންސިލްގެ ފަރާތުން އިމާރާތާ ހަވާލުވެވަޑައިގަތީ ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޢަލީ މަނިކުއެވެ.
ދަތުރުވެރީންގެ ހިޔާ ހުޅުވުމުގެ ކުރިން ޑރ. އަމީން ވާހަކަފުޅު ދައްކަވަނީ
ދަތުރުވެރީންގެ ހިޔާ ހުޅުވުމުގެ ކުރިން ޑރ. އަމީން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި ހިޔާ ހުޅުވައިދެއްވުމަށް ފަހު ހިޔާގެ އެތެރެ ބައްލަވައިލެއްވިއެވެ. އޭގެ އިތުރުން ކައުންސިލްގެ ނައިބު ރައީސް ވެސް ވާހަކަފުޅު ދެއްކެވިއެވެ. އެ ރަސްމިއްޔާތު ނިމިގެން ދިޔައީ ބިލަތްމީރުކޮށްލެއްވުމަކާ އެކުއެވެ.
ތުޅާދޫ އުތުރު ފަރާތުގެ ބަނދަރު ސަރަހައްދުގައި އިމާރާތް ކުރެވުނު ދަތުރުވެރީންގެ ހިޔަލަކީ 28 ފޫޓް ދިގު، 14 ފޫޓް ފުޅާ އިމާރާތެކެވެ. އެ ހިޔަލުގައި ދެ ފާޚާނާއާއި ދަތުރުވެރީންނަށް ތިބެވޭނެ ހުސްޖާގައެއް ތައްޔާރު ކުރެވިފައިވެއެވެ.
ދަތުރުވެރީންގެ ހިޔަލުގެ އެތެރެ - ފޮޓޯ: މުޙައްމަދު ޢުޘްމާން
ދަތުރުވެރިންގެ ހިޔަލެއް ތުޅާދޫގައި އިމާރާތް ކުރެވިގެން ދިޔައީ އަބޫބަކުރު ޙުސައިން އިސްނަންގަވައިގެން ތުޅާދޫ ކައުންސިލަށް ހުށަހެޅި ހުށަހެޅުމަކާ އެކު ނިމި ދިޔަ 2025ވަނަ އަހަރުގެ ޖޫން މަހުގެ 12ވަނަ ދުވަހު ކައުންސިލުން ބޭއްވި 4ވަނަ ދައުރުގެ 240ވަނަ އާންމުން ޖަލްސާގައި 7 މެންބަރުންގެ އިއްތިފާގުން ފާސްކޮށް ނިންމެވުމަށް ފަހު ދެއްވި ހުއްދައިގެ ދަށުންނެވެ. އެ ހުއްދަ ދެއްވިތާ 6 މަސްތެރޭގައި ހުރިހާ މަސައްކަތެއް ނިންމެވުމަށް ފަހު މިއަދު އެ ވަނީ އެ ހިޔާ ކައުންސިލް އިދާރާއާ ހަވާލުކޮށް އެ ހިޔާ ހުޅުވާފައެވެ.