
"ފުޓްބޯޅަ ކުޅެން ފެށީ ޢުމުރުން 13 ވަރަކަށް އަހަރުގައި. އޭރު ކުޅުނީ ބޮޑު ދަނޑުގައި. އެ ތަން ހުންނަނީ މިހާރުގެ ސްކޫލު އިމާރާތް ހުންނަ ތަނުގައި. އެ ދުވަސްވަރު ވެސް ގިނަ ބަޔަކު ފުޓްބޯޅައިގައި ހަރަކާތްތެރިވި" 69 އަހަރުގެ ޢަބްދުއްރަޙީމް ބުނުއްވިއެވެ.
ޢަބްދުއްރަޙީމް އެންމެ ތާރީޚީ ހަނދާނަކީ 1978ވަނަ އަހަރު ތުޅާދޫ މަސްވެރީންގެ ޖަމިއްޔާ "ޖަމިއްޔަތުލް މުވާސާތު"ން ގައުމީ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި އިރު އެ ޓީމު ތަމްސީލުކުރެއްވުމެވެ. ޢަބްދުއްރަޙީމް އެ ޓީމަށް ކުޅުއްވީ ޢުމުރުން 18 އަހަރުގައެވެ.
"ވިކްޓްރީއާއެކު ކުޅެނު މެޗުގައި މާލޭގައި ވެސް ކުޅުނިން. ކުޅުނީ ވެސް ހުސްފަޔާ. އެ މެޗުން މޮޅުވީ މީހުން. ނިމެން 5 މިނެޓަށް ވެފައި އޮއްވައި ވަން ލަނޑެއް އެއީ. ދެން އެ މީހުން މޮޅުވަން ވެގެން ވަން ލަނޑެކޭ ބުނެވޭނީ. އެއީ އޭރު އެންމެ ނަން މަޝްހޫރު ޓީމު. ނިމެން 5 މިނެޓަށް ވަންދެން ހިފަހައްޓާ ލުމަކީ ވެސް ވަރަށް ބޮޑުވަރު" ވިކްޓަރީއާ ދެކޮޅަށް ކުޅެ ނެރުނު ނަތީޖާއާ މެދު ޢަބްދުއްރަޙީމް ފަޚުރުވެރިވެލެއްވިއެވެ.
ޢަބްދުއްރަޙީމަކީ 1986ވަނަ އަހަރާއި 1988ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ފުރަތަމަ އަތޮޅު މުބާރާތާއި ދެވަނަ އަތޮޅު މުބާރާތުގައި ތުޅާދޫ ސްޕޯޓްސް ކުލަބުން ބައިވެރިވި ޓީމުގެ މެންބަރެއް ވެސް މެއެވެ.
"އަތޮޅު މުބާރާތުގައި ކުޅެން އޭދަފުށްޓަ ވެސް ދިޔައިން. ހުރިހާ މެޗަކަށް ވެސް އެރިން. އޭދަފުށީގައި ކުޅުނު ހުރިހާ މެޗަކުން އަހަރެމެން މޮޅުވި. އަތޮޅުގެ ޗެންޕިއަންކަން ވެސް ދެ ފަހަރު ހޯދިން" ޢަބްދުއްރަޙީމް ބުނުއްވިއެވެ.
ޢަބުދުއްރަޙީމް ބުނުއްވީ ހަޔާތުގައި އެންމެ ގިނަ މެޗު ކުޅެފައިވަނީ ހިތާދޫއާއި ކެންދޫއާ ދެކޮޅަށެވެ.
"ބައެއް ފަހަރު އެކުވެރިކަމުގެ މެޗުތައް ކުޅެން. އެންމެ ގިނައިން ކުޅެވިފައިވާނީ ހިތާދޫއާއި ކެންދޫއާ ދެކޮޅަށް. ހިތާދޫއާ ކުޅެގެން އެ ރަށުގައި ބައެއް ފަހަރު ބަލިވޭ. ކެންދޫއާ ކުޅެގެން އެ ރަށުގައި ވެސް ބަލިވި. ނަމަވެސް މި ރަށަށް އައިސް ކުޅެގެން އެއިން ކޮންމެ ބަޔަކު ވެސް ދަނީ ބަލިވެގެން. ހިތާދޫއާ އެތައް ފަހަރަކު ކުޅެގެން އެމީހުން ބަލިކޮށްފައިވާނެ. އެ މީހުންނާ ކުޅޭ އިރު ބައެއް ފަހަރު މެޗު ހުއްޓާލަން ޖެހޭ. ނޫނީ ނިންމާލާފައި އެ މީހުން ދޭ" ޢަބްދުއްރަޙީމް ބުނެދެއްވީ އެ ދުވަސްވަރުގެ ބައެއް މެޗުތަކުގައި ކަންކަން ހިނގި ގޮތެވެ.
ޢަބްދުއްރަހީމްގެ ހިތުގައި މިހާރު ވެސް ފުޓްބޯޅައިގެ ވިންދު ޖަހައެވެ. އިހު އޮތް ޝައުގުވެރިކަން މިހާރު ވެސް އެބަ އޮތެވެ. "މިހާރު ވެސް ފުޓްބޯޅައަށް ޝައުގުވެރިކަން ހުރޭ. ނަމަވެސް ދުއްވައިގަތީމާ ހުޅުތަކަށް ތަދުވޭ. އެހެންވެ ކުޅިވަރުތަކުގައި މިހާރު ބައިވެރިއެއް ނުވަން. ފުޓްބޯޅަ ކުޅުން ހުއްޓާލީ ޒޯން މުބާރާތްތައް ކުޅެ ނިންމާފައި އަހަރެއް ދެ އަހަރު ފަހުން" ޢަބްދުއްރަހީމް ބުނުއްވިއެވެ.
ޢަބްދުއްރަޙީމް ދެކިލައްވާ ގޮތުގައި ތުޅާދޫގައި ފުޓްބޯޅަ ކުރިއެރުވިދާނެއެވެ. އެކަމަށް ބޭނުންވަނީ ފުޓްބޯޅަ ކުރިއެރުވުމަށް ޝައުގުވެރިކަމާއެކު މަސައްކަތްކުރާނެ ރަނގަޅު ބައެކެވެ.
"ޝައުގުވެރިކަން ހުރި ބަޔަކު ނުކުމެގެން މިކަން ކުރެވޭނީ. ކުޅުންތެރިން އެހައި ފަރުވާލެއް ނުބަހައްޓައި ކުޅުން ކުރިއަރުވާކަން. މިހާރު މިފެންނަނީ ކުޅުންތެރިން ފޫހިފިލުވާލަންކޮށްލާ ކަމެއްގެ ގޮތުގައި. މިހާރުގެ ބައެއް ކުޅުންތެރިންނަށް 90 މިނެޓް ދަނޑުގައެއް ނުހިފެހެއްޓޭ. އޭރު އަހަރެމެން ހިފަހައްޓަން. މިހާރުވާ ގޮތަކީ އެއް ހާފު ކުޅެލާއިރަށް އެ ތިބެނީ ލޮޑުވެފައި. މަސައްކަތް ކުރަނިކޮށް ރަނގަޅު ބަޔަކު އުފެއްދިދާނެ. ބަޔަކު އެކަން ކުރަން ނުކުމެގެން ކުރެވޭނީ" ޢަބްދުއްރަޙީމް ބުނުއްވިއެވެ.
ޢަބްދުއްރަޙީމަކީ ތުޅާދޫ ފުޓްބޯޅަ ދަނޑުގެ ތަރިއެކެވެ. ތުޅާދޫ ތަމްސީލުކޮށްދެއްވި ކުޅިވަރުގެ ޝަޚުޞިއްޔަތެކެވެ. ތުޅާދޫއަށް އެކި ކާމިޔާބީތައް ހޯއްދަވައިދެއްވުމުގެ އެހީތެރިއެކެވެ.