
އިއްޔެ މެންދުރު ފަހު 15:00އިން ފެށިގެން ރޭގަނޑު 21:00ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ އެއްވަނަ "ދޮންއިސްމާޢީލް" ޓީމުން ހޯދީ 314 ކިލޯގެ މަސް ބައިނައިގެންނެވެ. މި މުބާރާތުގެ 1ވަނަ، ދޮންއިސްމާޢީލް ޓީމުން ހޯދާފައިވާތީ އެ ޓީމަށް ވަނީ 30 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހަވާލުކޮށްފައެވެ. މި އިނާމު ހަވާލުކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. މީގެ އިތުރުން މުބާރާތުގައި އެންމެ ބަރު މަސް ބާނައިގެން 5 ހާސް ރުފިޔާގެ ފައިސާގެ އިނާމު ހާސިލުކުރީ ވެސް ތުޅާދޫ ދޮން އިސްމާޢީލް ޓީމުގެ ބައިވެރިޔެކެވެ. އެއީ ތުޅާދޫގެ މަޝްހޫރު ކެޔޮޅު ބ. ތުޅާދޫ ރިޔާޒް، މުޙައްމަދު ހަބީބެވެ.
ފަރު މަސްރޭހުން 1ވަނަ ލިބިގެން ތުޅާދޫ ދޮން އިސްމާޢީލް ޓީމުން ފައިސާގެ އިނާމާ ހަވާލުވަނީ
ފަރުމަސް ރޭސް މުބާރާތުން 2ވަނަ ޏ.ފުވައްމުލަކު، “މެޖިކްލީން” ޓީމުން ހޯދި އިރު 3 ވަނަ ހޯދީ ތ.ހިރިލަންދޫ، “ކަޅަކައުންޑު” ޓީމެވެ. މުބާރާތުން 2ވަނަ ހޯދި ޓީމަށް 25 ހާސް ރުފިޔާ އަދި 3ވަނަ ހޯދި ޓީމަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ވެސް މަސްވެރިކަމުގެ ވަޒީރެވެ.
ދޮން އިސްމާޢީލް ޓީމުން މަހަށް ދިޔަ ދޯންޏާއި ބޭނި އެންމެ ބޮޑު މަސް
ތުޅާދޫ ދޮންއިސްމާޢީލް ޓީމަކީ ތުޅާދޫގައި ބާއްވާ އެކިއެކި މަސްރޭސްތަކުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޓީމެކެވެ.