ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
މީހުން

ތުޅާދޫގެ ފުޓްބޯޅަ ހަނދާންތަކުން އަދުގެ މެހުމާން : އަބޫބަކުރު މުޙައްމަދު

ބ. ތުޅާދޫ، ބަދިފަޅު، އަބޫބަކުރު މުޙައްމަދު (ނާރު ބަކުރު)އަކީ ތުޅާދޫގެ ފުޓްބޯޅަ ތާރީޚުން ފާހަގަކުރެވޭ ނަމެކެވެ. މީގެ 50 އަހަރު ކުރީގެ ތުޅާދޫގެ މަޝްހޫރު ކުޅުންތެރިންގެ ލިސްޓެއް ލިޔާ ނަމަ އަބޫބަކުރުގެ ނަން އެ ލިސްޓުގައި ލިޔާން ޖެހެއެވެ.

ތުޅާދޫގެ ފުޓްބޯޅަ ދަނޑަށް އަބޫބަކުރު ނުކުންނެވީ 70ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. އަބޫބަކުރު ފާހަގަކުރެވުނީ އެ ދުވަސްވަރުގެ މޮޅު މިޑްފީލްޑަރެއްގެ ގޮތުގައެވެ. ތުޅާދޫ ޓީމުގެ ހަމަލާތައް ރޭވުމުގައި ވާތްފަރާތުން ބައިވެރިވި ހުނަރުވެރިއެއްގެ ގޮތުގައެވެ.

ޢުމުރުން 70 އަހަރުގެ އަބޫބަކުރަކީ 1978ވަނަ އަހަރު ތުޅާދޫ މަސްވެރީންގެ ޖަމިއްޔާ "ޖަމިއްޔަތުލް މުވާސާތު"ން ގައުމީ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި އިރު އެ ޓީމު ތަމްސީލުކުރެއްވި ތުޅާދޫ ކުޅުންތެރިއެކެވެ. އަބޫބަކުރު އެ ޓީމަށް ކުޅުއްވީ ޢުމުރުން 19 އަހަރުގެ ޒުވާން ޖޯޝާއެކުއެވެ.

"ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގައި ބައިވެރިވިން. އެ ހަނދާންތައް އެބަހުރި. އެ މެޗުން  އަހަރެމެން ބަލިވީ. އެ މެޗުގައި އަހަރެމެން ކުޅުނީ ހުސްފަޔާ. އޭރު އަހަރެމެންނަށް ބޫޓެއް ނުލިބޭ" އަބޫބަކުރު އާކުރެއްވީ އޭރުގެ ހަނދާންތަކެވެ.

އަބޫބަކުރު ވަނީ ފުޓްބޯޅައާ ގުޅިފައިވާ އެތައް ކަމެއް ތަޖުރިބާ ކުރައްވާފައެވެ.

"އެއް ފަހަރަކު ހިތާދޫއާއި ތުޅާދޫއާ ދެމެދު އެކުވެރިކަމުގެ މެޗެއް ކުޅެވުނު. ތުޅާދޫ މީހުން 7 ލަނޑު ޖެހިތަނާ މެޗު ނުނިމެނީސް އެ މީހުން މި ރަށުން ފުރައިގެން ދިޔަ. އަދި އެހެން ފަހަރަކު ކެންދޫއާއި ތުޅާދޫ ދެމެދު ކުޅެވުނު މެޗެއް ވެސް ތުޅާދޫ މީހުން 1 ލަނޑުން މޮޅުވެފައި އޮއްވައި، މެޗު ނުނިންމައި، ކެންދޫ މީހުން މި ރަށުން ފުރައިގެން ދިޔަ" އަބޫބަކުރު ބުނުދެއްވީ ތުޅާދޫގައި ކުޅެވުނު ބައެއް މެޗުތަކުގައި ކަންކަން ހިނގާފައިވާ ގޮތެވެ.

އަބޫބަކުރު ބުނުއްވީ އެ ދުވަސްވަރު ވެސް ތުޅާދޫގައި ފުޓްބޯޅަ ފޯރި ވަރަށް ބޮޑަށް އޮތް ކަމަށާއި އެ ކަމުގައި ރަށުގެ ވެރީންގެ އިރުޝާދު ވެސް އެކި ގޮތްގޮތަށް ލިބިލައްވާފައިވާ ކަމަށެވެ.

"އެއް ފަހަރަކު އަހަރެމެން ކެންދޫއަށް ކުޅެން ދާން ނިންމިން. ތުޅާދޫ މީހުން ކެންދޫއަށް ކުޅެންދިއުމުގެ ކުރިން  ކަތީބު ޔޫސުފު މޫސާ އަހަރެމެންގެ ޓީމާ ބައްދަލުކުރެއްވި. ކަތީބު ވިދާޅުވީ ކެންދޫ މީހުން ބަލިކޮށްފި ނަމަ އެ މީހުން ދެން ތުޅާދޫއަށް ކުޅެން ނާންނާނެކަމަށް. އެހެންވީމާ އެ މީހުން ބަލި ނުކުރުމަށް އެ ދުވަހު ކަތީބު ނަސޭހަތް ދެއްވި. ނަސީބު ކަންދިމާކުރި ގޮތުން އެ ދުވަހު ތުޅާދޫ ޓީމަށް ލަނޑެއް ޖެހޭގޮތެއް ނުވި."  އަބޫބަކުރު ބުނުއްވިއެވެ.

އަބޫބަކުރުގެ ކުދިންގެ ތެރެއިން މުޙައްމަދު އަބޫބަކުރަކީ ރަށު ފެންވަރުގައި ކުޅުނު ކުޅުންތެރިއެކެވެ. ރަށުފެންވަރުގެ މުބާރާތްތަކުން ފާހަގަކޮށްލެވުނު ގޯލްކީޕަރެކެވެ. މޫސާ އަބޫބަކުރަކީ ވެސް ސްކޫލު ދައުރުގެ ކުޅުންތެރިއެކެވެ. ޙުސައިން އަބޫބަކުރަކީ ރަށު ފެންވަރުގައި ފުޓްބޯޅަ ކުޅުނު ކުޅުންތެރިއެއްގެ އިތުރުން ރަށު ފެންވަރުގެ ރެފްރީއެކެވެ. ޢޭނާ ވަނީ އެފްއޭއެމުން ހިންގި ޕްރެލިމިނަރީ ރެފްރީކަން ފުރިހަމަކޮށްފައެވެ. އަބޫބަކުރުގެ ކުދިން އަބޫބަކުރާ މެދު ފަޚުރުވެރިވާ ފަދައިން ތުޅާދޫގެ ކުޅިވަރު އާއިލާއިން ވެސް ބަކުރާ މެދު ފަޚުރުވެރިވެއެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
33.333333333333%
އުފާވި
0%
ދެރަވި
0%
ރުޅިއައި
66.666666666667%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
14 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments