
މި މުބާރާތް ފަށްޓަވައިދެއްވީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ހުސައިން އާދަމްއާއި ބ. އަތޮޅު ކައުންސިލްގެ ރައީސް އަޙުމަދު އަފްރާޙާއި ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާހީމް އާދިލްއެވެ.
މިއަދު ހަވީރު ފެށުނު މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ދެކުނު ކަންމަތި އަދި ކުލަބް ތޮޅިހެލޭއެވެ. މި މެޗް ކުލަބް ތޮޅިހެލޭ ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށުމުގެ ކުރިން ދެ ޓީމުގެ ކެޕްޓަނުން ސަލާން ކުރަނީ / ފޮޓޯ: ޢަބްދުﷲ ހުމައިދު
މެޗް ކުޅުން ފަށައިގެން ފުރަތަމަ ހާފުގެ 34 ވަނަ މިނިޓުގައި މުބާރާތުގެ ފުރަތަމަ ލަނޑާއި، މި މެޗުގެ ފުރަތަމަ ލަނޑު ދެކުނު ކަންމަތީގެ ހާފުގެ ތެރެއިން ޕެނަލްޓީ އޭރިއާގެ ބޭރުން ވަރަށް ދުރުން ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ކުލަބް ތޮޅިހެލޭގެ ޖާޒީ ނަންބަރު 7 އަހުމަދު ރަފްހާންއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ން ކުލަބް ތޮޅިހެލޭ ކުރީގައި އޮވެގެންނެވެ.
ދެކުނު ކަންމަތީގެ ފުރަތަމަ ލަނޑު މެޗުގެ 49 ވަނަ މިނިޓްގައި ލިބުނު ކޯނަރެއްގެ އެހީގައި ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަންބަރު 11 ޝާހީ މޫސާއެވެ. ކުލަބް ތޮޅިހެލޭގެ ދެވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ މެޗުގެ 65ވަނަ މިނިޓު ތެރޭ ލިބުނު ޕެނަލްޓީއަކުން ޖާޒީ ނަންބަރު 80 ހައިޝަމް މުޙައްމަދު ހަމީދެވެ. އަދި ކުލަބް ތޮޅިހެލޭގެ ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 90ވަނަ މިނިޓުގައި މެޗުގެ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އަހްމަދު ރަފްހާނެވެ.
މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކްލަބް ތޮޅިހެލޭގެ ޖާޒީ ނަންބަރު 7 އަޙްމަދު ރަފްހާނެވެ.
މިއަދު ކުޅެވުނު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ އަޙުމަދު ރަފްހާން ޓްރޮފީއާ ހަވާލުވެ ފޮޓޯއަކަށް ހުއްޓިގެން / ފޮޓޯ: ޢަބްދުﷲ ހުމައިދު
މި މުބާރާތުގެ ދެވަނަ މެޗް މާދަމާ ކުޅުމަށް ހަމަޖެހިފައިވާ އިރު، އެ މެޗްގައި ބައްދަލުކުރާނީ އެފްސީ ބިއްލޫރި އަދި ޓާގެޓް ފުޓުބޯޅަ ކުލަބެވެ.