ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ރިޕޯޓު

ތުޅާދޫގެ ފުރަތަމަ ފުޓްބޯޅަ ދަނޑާއި އެ ދަނޑުގެ ކާމިޔާބީ

އެއީ އިލްމަށް އޮތް ލޯބި ގުރުބާންކުރި ބިމެކެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގަތް މައިދާނެކެވެ. ވާދަވެރިކަމާއި ޖޯޝާއި ފޯރި ނެރުނު ދަނޑެކެވެ. ރަށު ފެންވަރުގެ މޮޅު ކުޅުންތެރީންނާއި އަތޮޅުފެންވަރުގައި ވިދާލި ތަރިންނާއި ގައުމީ ފެންވަރުގެ ފުޓްބޯޅަ ދަރީން އެ ބިމަކުން އުފަންކުރި ޚިދުމަތްތެރި ދަނޑެކެވެ. އެއީ ތުޅާދޫގެ އެންމެ ފުރަތަމަ ފުޓްބޯޅަދަނޑެވެ.

ތުޅާދޫގެ ފުޓްބޯޅަ މާޒީގެ ދުރު ހަނދާންތައް ގުޅެނީ ތުޅާދޫގެ ފުރަތަމަ ފުޓްބޯޅަދަނޑާއެވެ. އެ ދަނޑަކީ ތުޅާދޫ އިރުމަތީ ކޮޅު އަތިރިމައްޗާ ދިމާގައި އޮންނަ ދަނޑެކެވެ. ދަނޑުގެ އުތުރު ފަރާތަކީ ރަށުގެ ބޮޑު މަގެވެ. އެ މަގާ އިންވެގެން އުތުރުގައި ހުންނަނީ މީހުން ދިރިއުޅޭ ގެތަކެވެ. ދަނޑާ އިންވެގެން ހުޅަނގުގައި ހުންނަނީ ތުޅާދޫ ގަބުރުސްތާނާއި މިސްކިތެވެ. ދަނޑުގެ ދެކުނު ފަރާތުގައި ވަނީ އަތިރިމައްޗެވެ. ސީދާ މޫދެވެ. ދަނޑުގެ އިރުދެކުނު ކަންމަތީގައިވަނީ ގެދޮރު ޢިމާރާތްކުރުމަށް އުވަދެވުމަށް އުވަވަޅު ޖަހާ ސަރަހައްދެވެ. ދަނޑުގެ އިރުމަތީ ފަރާތަކީ ރަށުގެ އިރުމަތި އަވަށަށް ނިސްބަތްވާ އޮޑިދޯނިފަހަރު އެހެލައި ބާލަން ކަނޑައަޅާފައިވާ ސަރަހައްދެވެ. އިސްވެ ދެންނެވުނު ވަށައިގެންވާ ތަންތަނުގެ މެދުގައި އޮތީ ތުޅާދޫގެ ފުރަތަމަ ފުޓްބޯޅަ ދަނޑެވެ.

ތުޅާދޫގެ ފުރަތަމަ ފުޓްބޯޅަދަނޑަކީ ތުޅާދޫ ކުޅިވަރު ކުލަބު (ތކކ) އިން ބޭނުންކުރަން ފެށި ދަނޑެކެވެ. އެއީ 1960ގެ އަހަރުތަކުގައި ވުޖޫދުވި ތުޅާދޫ ރައްޔިތުންގެ ކުލަބެވެ. އަތޮޅުތެރޭގައި އުފައްދައި ރަޖިސްޓްރީކުރި ފުރަތަމަ ކުލަބެވެ. ރާއްޖޭގެ ނިސްބަތުން އެންމެ ދޮށީ ކުލަބުތަކުގެ ތެރޭގައި ހިމެނޭ ކުލަބެކެވެ. ތުޅާދޫ ދަރިވަރުން މިހާރު ކިޔަވަމުން އަންނަ ސްކޫލު އިމާރާތް އަޅާފައި އެ ވަނީ އޭރުގެ ފުޓްބޯޅަދަނޑު އޮތް ސަރަހައްދުގައެވެ.

"އެއީ ތުޅާދޫ ކުޅިވަރު ކުލަބުން އިސްނަގައިގެން ކުރި ބޮޑު މަސައްކަތެއް. އޭރު އެ ތަނުގައި ޒިޔާރަތްތަކެއް ވެސް ހުރި. އުވަ ވަޅުތަކެއް ވެސް ހުރި. ބޮޑެތި ނިކަގަސްތަކެއް ވެސް ހުރި. އެ ތަނުގެ ބިން އެއްވަރުކޮށް ސާފުކޮށް ހެދީ އަޅުގަނޑުމެން ސްކޫލުގައި އުޅެނިކޮށް. އެކަމުގައި އަޅުގަނޑު ވެސް ބައިވެރިވިން" ތުޅާދޫގެ ފުރަތަމަ ފުޓްބޯޅަ ދަނޑު ތައްޔާރުކުރުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން އުޅުއްވި ވައިމަތީގޭ، އަބޫބަކުރު އަޙުމަދު ވިދާޅުވިއެވެ.

"އެ ބިން ފުޓްބޯޅަ ކުޅޭ ތަނަކަށް ބަދަލުކުރީ އޭރު އޮންނަ ތުޅާދޫ ކުޅިވަރު ކުލަބު އިސްނަގައިގެން. އޭރު އެއީ މުޅި ރައްޔިތުންގެ ކުލަބެއް. އެ ކުލަބުން އެކަން ކުރީ. އެކަން ކުރުމުގައި ރަށުގެ ގިނަ ބަޔަކު ބައިވެރިވި. ދަނޑެއްގެ ގޮތުގައި ސާފުކޮށް ފުރަތަމަ ކުޅެންފެށީ އެ ކުލަބުގެ އިސްނެގުމާއެކު" ތުޅާދޫގެ ފުރަތަމަ ބޯޅަ ދަނޑާގުޅޭ އިތުރު މަޢުލޫމާތު ތުޅާދޫ، އާހަމަ، މޫސާ ޢަބްދުﷲ އޮޅުންފިލުވައިދެއްވިއެވެ.

ތުޅާދޫއަކީ ކިތަންމެ ކުޑަ ރަށެއް ނަމަވެސް ފުޓްބޯޅަކުޅުމަށް ލޯބި ކުރި ރައްޔިތަކު އުޅެމުންދާ ރަށެކެވެ. 1960ގެ އަހަރުތަކުގައި ވެސް ތުޅާދޫގައި ފުޓްބޯޅަ ކުޅުނުކަން ތާރީޚު ހެކިވެއެވެ. ދޮށީ ޢުމުރުގެ މީހުންގެ ވާހަކަތަކުން އެކަން ޔަގީންވެއެވެ.

"އަހަރެމެން އެންމެ ޒުވާން ދުވަސްވަރު ވެސް އެ ކުޅިވަރު ކުޅެ އުޅުނިން. ކައިރީގައި އޮތް ހިތާދޫ މީހުންނާއި އެހެން ރަށްރަށުގެ މީހުންނާ އެކު ތުޅާދޫ ދަނޑުގައި މެޗުތައް ކުޅެއުޅުނީން. އެ ރަށްރަށަށް ގޮސް ވެސް ފުޓްބޯޅަ މެޗު ކުޅުނީން. އޭދަފުށްޓަށް ގޮސް ވެސް ކުޅުނީން. މާލެއަށް ގޮސްވެސް ކުޅުނީން. ތުޅާދޫ ދަނޑަކީ ތުޅާދޫ މީހުންގެ ކާމިޔާބީތަކާ ގުޅިފައިވާ ދަނޑެއް އަބަދުވެސް" ތުޅާދޫ ފުޓްބޯޅަ ދަނޑުން ވިދާލި ޢަލީ އިބްރާހީމް (ކުންނާރު އައްޔަ) ބުނުއްވިނެވެ.

އަލީ ބުނުއްވީ އަލީމެން ކުޅިވަރުގެ ތެރެއަށް ހޭލައިގަތް ދުވަސް ވަރުގެ ކުރިން ވެސް ތުޅާދޫ ފުޓްބޯޅަ ދަނޑުން ފާހަގަ ކުރެވޭ ކުޅުންތެރީން ތުޅާދޫގައި ތިބިކަމަށެވެ. އެގޮތުން ސާދާގޭ ޢަބްދުލްގާދިރު މުޙައްމަދާއި ތަނޑިރަތްމާގޭ ރަޝާދު އަބޫބަކުރާއި ރިޔާޒު، ޢަބްދުއްރަހީމް އަބޫބަކުރާއި ސާމަރާގޭ ޔަޙުޔާ އިދުރީހާއި ޕިޔާނާގޭ ޢަބްދުއްރަޙްމާން މޫސާއާއި ކަންމަތީގޭ އަޙުމަދު އަބޫބަކުރު ފަދަ ކުޅުންތެރިންގެ ނަން އޭނާ ފާހަގަކުރެއްވިއެވެ. މި ދެންނެވި ކުޅުންތެރީންގެ ތެރެއިން މިއަދު ދުނިޔޭގައި ހުންނެވި ހަމައެކަނި ކުޅުންތެރިއަކީ ކަންމަތީގޭ އަޙުމަދު އަބޫބަކުރެވެ. އެއިން ކޮންމެ ކުޅުންތެރިއަކު ވެސް ވަނީ ތުޅާދޫގެ ފުރަތަމަ ފުޓްބޯޅަ ދަނޑުގައި އެތައް ވަގުތެއް ހޭދަކުރައްވާފައެވެ.

ޢަލީ ގަބޫލުކުރައްވާ ގޮތުގައި ތުޅާދޫގެ ފުޓްބޯޅައިގެ ފޯރި ގަދަވި އެއް ސަބަބަކީ ތުޅާދޫގެ ވެރީން ވެސް އެ ކުޅިވަރަށް ކުރެއްވި ލޯތްބާއި އެ ކަމަށް ދެއްވި ސަމާލުކަމެވެ. 

your imageތުޅާދޫ ދަނޑުގައި ކުރިއަށް ދިޔަ މެޗެއް ރަށުގެ ވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ބައްލަވާލައްވަނީ

"އަހަރެން ދުށިން ތުޅާދޫގެ ވެރީން ވެސް އެ ފުޓްބޯޅަދަނޑުގައި ކުޅުއްވަނީކޮށް. ޔޫސުފް މޫސާ ކަތީބު ކުޅުއްވި. ޢުމަރު ކަތީބު ވެސް ކުޅުއްވި. ޢަފީފު ކަތީބު ވެސް ކުޅުއްވި. ޢަބްދުއްރަހީމް ކަތީބު ވެސް ކުޅުއްވި.  އަދި އޭރު ވެރިކަމުގެ މަތީފަޑީގައި ތިއްބެވި ގިނަ ބޭބޭފުޅުންނަކީ ފުޓްބޯޅައަށް ވަރަށް ލޯބި ކުރެއްވި ބައެއް. އެ ޝައުގުވެރިކަމުގެ ތެރެއިން ތުޅާދޫ ކުޅިވަރު ކުލަބުން ދަނޑުގެ ކަންކަން ވެސް އަސްލު ކުރިއަށް އެ ދިޔައީ" އަލީ ހިއްސާކުރެއްވީ އެނާ ގަބޫލުކުރައްވާ ގޮތެވެ. އޭރު ކުޅިވަރު ކުލަބުގެ މަސްޢޫލުވެރިއަކަށް ހުންނެވީ ބޮޑުކަތީބު ޔޫސުފް މޫސާއެވެ.

1970ގެ އަހަރުތަކަށް އެޅުނު އިރު ފުޓްބޯޅައިގެ ފޯރި ތުޅާދޫގައި ގަދަވެ ރަށު ފެންވަރުގެ މުބާރާތްތަކުން ކާމިޔާބުތައް ހޯދައި ގައުމީ ފެންވަރުގައި ވާދަކުރުމަށް ތުޅާދޫގެ ޓީމެއް ވެރިރަށް މާލެއަށް ވެސް ދިޔައެވެ. އެއީ ފުޓްބޯޅައިގެ ރަންޒަމާނެވެ. 1978ވަނަ އަހަރެވެ. ފުޓްބޯޅަ ދަނޑުގައި ވިކްޓަރީ ސްޕޯޓްސް ކުލަބުން ރަސްކަންކުރަމުން ދިޔަ ދުވަސްވަރެވެ. ތުޅާދޫ މަސްވެރީންގެ ޖަމިއްޔާ "ޖަމިއްޔަތުލް މުވާސާތު"ން ވަނީ ގައުމީ ފުޓްބޯޅަ މުބާރާތުގައި ވާދަކޮށްފައެވެ. އެ އަހަރަކީ އޭދަފުށީގެ ޓީމެއް ގައުމީ މުބާރާތުގައި ބައިވެރިނުވާ އަހަރެއްކަމުން ތުޅާދޫ ޓީމުގައި އޭދަފުށީގެ ކުޅުންތެރިން ވެސް އެ ފަހަރު ބައިވެރިވިއެވެ. ތުޅާދޫ ޓީމު ވާދަކުރަން ޖެހުނީ ގަދަފަދަ ވިކްޓަރީއާ ދެކޮޅަށެވެ. އެ ޓީމު ދަނޑަށް އެރީ ރަތް ޖާޒީއާ އެކު ބޫޓުގައެވެ. ތުޅާދޫ ޓީމު ކުޅުނީ ހުސްފަޔާއެވެ. އެ ތާރީޚީ މެޗުގައި ތުޅާދޫ ޓީމު 1-0 ން ބަލިވި ނަމަވެސް ތުޅާދޫއާއި ބ.އަތޮޅުގެ ފެންވަރު އެ މުބާރާތުން ޔަގީންވިއެވެ.

"އެ މުބާރާތުގައި ބައިވެރިވި ޓީމުގައި އޭދަފުށީގެ ކުޅުންތެރިންނާއި ތުޅާދޫ ކުޅުންތެރިން ކުޅުނީ. އޭރުގެ ޓީމު މާލެ ގޮސް ކައްކައިކެއީ ތޯއިފުގައި. މީހުން ތިބީ ޝައިޚް ހުސައިން ޔޫސުފްމެން ގޭގައި. ހުރިހާ ޚަރަދެއްކޮށް އެކަން ކުރެއްވީ ހުސައިން ޔޫސުފް. ތުޅާދޫ ޓީމު ތައްޔާރުވީ ތުޅާދޫ ދަނޑުގައި. އެ ދަނޑުގައި އޭދަފުށި މީހުން ވެސް ކުޅުނު" ތުޅާދޫ އިޖުތިމާޢީ ޚިދުމަތްތެރިޔާ ވައިމަތީގޭ އަބޫބަކުރު އަޙުމަދުގެ ހަނދާންތައް ހިއްސާކުރެއްވިއެވެ.

އެ ދުވަސްވަރު ވެސް ތުޅާދޫގެ ފުރަތަމަ ދަނޑުން މަޝްހޫރުވި ކުޅުންތެރިން ތިއްބެވެ. އަތޮޅުގެ ބައެއް ޓީމުތަކަށް ހިފަހައްޓާލަން އުނދަގޫ ކުޅުންތެރިން އެ ދަނޑުން އުފެއްދިއެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ކުރީގެ ކަތީބު، އޭރުގެ ފޯވާޑް، ހިރިޔާ، އަޙުމަދު މުޙައްމަދެވެ. ފަހަތުގައި ދިފާއީ ކުޅުންތެރިއެއްގެ ގޮތުގައި ކުޅުއްވި ހިމެރި، ޢަލީ އިބްރާހީމް (ކުންނާރު އައްޔަ) އާއި، ތަރިވިދާގޭ ދާއޫދު މުޙައްމަދު (ކުޑަބެ ދާއޫދު) އާއި ކުރިއަށް ކުޅުއްވި ޢަބްދުއްރަޙީމް އިދުރީސް (ކޫދުބެ) ފަދަ އެތައް ކުޅުންތެރީންނެއް އޭރު ވެސް ތުޅާދޫ ދަނޑުން ފާހަގަކުރެވެއެވެ.

ތުޅާދޫ ޓީމު ފުރަތަމަ ފަހަރަށް ގައުމީ މުބާރާތުގައި ބައިވެރިވެ މާލޭގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ވިކްޓަރީގެ ޓީމުގެ ބައެއް ކުޅުންތެރީން ތުޅާދޫއަށް ޒިޔާރަތްކޮށް އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ތުޅާދޫގައި ވެސް ކުޅެފައިވެއެވެ. އެ މެޗު ކުޅެވުނީ ތުޅާދޫގެ ދަނޑުގައެވެ. އެ މެޗުގައި ތުޅާދޫ އެތައް ކުޅުންތެރިއަކު ކުޅުނު އިރު އެ މެޗުން މޮޅުވީ ވެސް ތުޅާދޫއެވެ. 

" އެ ދުވަހު ކުޅުނީ ތުޅާދޫއަށް އައި ވިކްޓަރީ ޓީމަކާއި ތުޅާދޫން ހޮވާލެވުނު ކުޅުންތެރިންގެ ޓީމެއް. އެ ދުވަހު އެ މީހުން އައީ ކުރިން އެއްވެސް އެންގުމެއް ނެތި. އެހެންވެ ބައެއް ކުޅުންތެރީން ރަށަކު ވެސް ނެތް. ނަމަވެސް އެ މެޗުން މޮޅުވީ ތުޅާދޫ ޓީމު. މޮޅުވީ 1-0ގެ ނަތީޖާއަކުން" އެ ދުވަހު ތުޅާދޫ ޓީމަށް ކުޅުއްވި މުރަކަ، ހުސައިން ޢަބްދުﷲ އޮޅުންފިލުވައިދެއްވިއެވެ. 

your imageތުޅާދޫ ދަނޑުގައި ކުޅުނު ތުޅާދޫ ޓީމެއް މެޗު ފެށުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިގެން

އެ ދުވަސްވަރަށް ބަލާ އިރު ވެސް ތުޅާދޫ ދަނޑުން އެތައް ކުޅުންތެރިންނެއް ފާހަގަ ކުރެވެއެވެ. އެ ދުވަސްވަރު ވިދާލި ތަރިންގެ ތެރޭގައި ބަދިފަޅު، އަބޫބަކުރު މުޙައްމަދު (ނާރު ބަކުރު)އާއި ޙުސައިން އިބްރާހީމް (ކުޑައައްތަ ހުސައިން) އާއި ނަޢީމް އިބްރާހީމް (ނަޢީމް ދޮންބެ)އާއި ވިލުދޮޅި، ޢަބްދުއްސައްތާރު އުސްމާނާއި އުއްސަކުރުގެ، ޢަބްދުއްރަޝީދު އަބޫބަކުރާއި މުޙައްމަދު އިސްމާޢީލް (ކާޑުބެ)އާއި އެވަރގްރީން، މުޙައްމަދު ޔޫސުފާއި ހުދުފަޅު، އިބްރާހީމް އަބޫބަކުރާއި ޗާންދަނީގެ، އިބްރާހީމް ރަޝީދާއި ކަފަމާގެ ހުސައިން ޢުމަރު (ޢީދު ހުސައިން) އާއި މުޙައްމަދު ޒާހިރާއި ޗާންދަނީގެ ޙުސައިން ރަޝީދު ޔޫސުފާއި މިރިހި ގަސްދޮށުގޭ ޢަބްދުއްރަޙްމާން ޔޫސުފާއި އަލިވާގޭ، ޙާމިދު އަބޫބަކުރު ފަދަ ކުޅުންތެރިން ފާހަގަކުރެވެއެވެ.

ފުޓްބޯޅަ ފޯރި ތުޅާދޫގައި އިތުރުވެ ތުޅާދޫގައި ކުޅިވަރުގެ އާ ޖޯޝެއް ކެކެން ފެށި ދުވަސްވަރަކީ 80ގެ އަހަރުތަކެވެ. ރަށުގައި އުފެދުނު ދެ ކުލަބުގެ ވާދަވެރިކަން ފުޓްބޯޅާގައި ވެސް ވާންކުރި ދުވަސްވަރެވެ. އެ ވާދަވެރި ދުވަސްވަރު ކުޑަކުޑަ ތުޅާދޫގައި އޮތީ އެންމެ ދަނޑެއްކަމުން އެ ދަނޑުގައި ދެ ޓީމު ޕްރެކްޓިސް ކުރެވޭނެ ގޮތް ހަމަޖައްސައި ތުޅާދޫ މަދަރުސާ ދަރިވަރުންނަށް ވެސް ދުވަހެއް ހަމަޖެއްސުންވީ ބޮޑު ކަމަކަށެވެ. ނަމަވެސް ކޮންމެ ބަޔަކަށް ވެސް ދުވަސްތަކެއް ހަމަޖައްސައި ފަރިތަކުރެވޭނެ އިންތިޒާމުތައް ވެރިކަމުގެ ފަރާތުން ހަމަޖެއްސެވިއެވެ. އެއާއެކު ދެ ކުލަބުން ފުޓްބޯޅައަށް އިތުރު ހިތްވަރެއްލައި ޒަމާނީ ފުޓްބޯޅަ ދަސްކުރުމުގެ މަސައްކަތް ފެށިއެވެ. ގަވާއިދުން ދެ ކުލަބުގެ ފަރިތަކުރުންތައް ތުޅާދޫ ދަނޑުގައި ބާއްވައި ފުޓްބޯޅައިގެ ކާމިޔާބީތަކަކަށް އުންމީދު ކުރަންފެށިއެވެ.

"އަހަރެމެން ހަމައެކަނި ކުޅުނީއެއް ނޫން. އަހަރެމެން ވީ ފުޓްބޯޅައަށް ގުރުބާނެއް. ދެ ކުލަބުގެ ކުޅުންތެރީން ވެސް އެ ކަމަށް ގުރުބާނީތަކެއްވި. އޭރު ކުޅުނީ ކަންތައްތަކެއް ކޮށްގެން. އޭރު ކުޅޭ އިރު ބޮޑުމަގާ ވީ ފަޅިން ދީފުރަމުގެއާއި ގުލްޝަނީގެއާ ދިމާގައި ބޮޑު ދާގަނޑެއް ދަމަން. މިސްކިތާ ދިމާގައި ވެސް ބޮޑު ދާގަނޑެއް ދަމަން. ކޮންމެ ދުވަހަކު އެ ދާގަނޑު ދަމާފައި ކުޅެ ނިންމާފައި އެ ނަގަން. އެ ދާގަނޑު އަހަރެމެން ތައްޔާރުކުރީ ކަންވާރުން. އެ ދާގަނޑުގެ އުސްމިނުގައި 30 ހަކަށް ފޫޓް ހުންނާނެ. ހުޅަނގުކޮޅު ކުލަބުން ވެސް ކުޅެންވުމުން އެފަދަ ދާގަނޑެއް ކޮންމެ ދުވަހަކު ދަމާފައި ނަގާނެ. ކޮންމެ ބަޔަކު ކުޅުނަސް ކުޅުމުގެ ކުރިން އެތައް ކަމެއް އޭރު ކުރަންޖެހޭ." ތުޅާދޫ ކުޅުންތެރީންގެ ތެރެއިން މަޝްހޫރުވި އެއް ކުޅުންތެރިޔާ މުޙައްމަދު ޢުޘްމާން ހިއްސާކުރެއްވީ ތުޅާދޫ ފުޓްބޯޅަދަނޑުގައި އޭރު ކުޅެމުން ދިޔަ ހާލެވެ.

1986ވަނަ އަހަރާއި 1988ވަނަ އަހަރަކީ ފުޓްބޯޅައިގެ ތާރީޚުގައި ތުޅާދޫއަށް ޚާއްޞަ ދެ އަހަރެވެ. ރާއްޖޭގައި ބޭއްވުނު ފުރަތަމަ އަތޮޅު މުބާރާތާއި ދެވަނަ އަތޮޅު މުބާރާތުގައި ތުޅާދޫގެ އިތުރުން އޭދަފުށި، ގޮއިދޫ، ކެންދޫ، މާޅޮސް އަދި ހިތާދޫ ވެސް ބައިވެރިވިއެވެ. އަތޮޅުގެ ވެރިރަށް އޭދަފުށީގައި ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ތުޅާދޫން ބައިވެރިވި އެއް ޓީމަކީ ތުޅާދޫގެ އިރުމަތިކޮޅު ކުލަބުން ބައިވެރިވި ތުޅާދޫ ސިލްވައި ޝައިން ކުލަބުގެ ޓީމެކެވެ. އަނެއް ޓީމަކީ ތުޅާދޫ ހުޅަނގުކޮޅު ކުލަބުން ބައިވެރިކުރި ތުޅާދޫ ސްޕޯޓްސް ކުލަބުގެ ޓީމެވެ. އެ މުބާރާތުގައި ދެ ޓީމެއް ބައިވެރިވުމަކީ ވެސް ފުޓްބޯޅައިގެ ފޯރިއާއި ވާދަވެރިކަން ތުޅާދޫގައި އޮތް މިންވަރު އަންގައިދޭ ކަމެކެވެ.

"ފުރަތަމަ ބޭއްވި އަތޮޅު މުބާރާތުގައި އަހަރެމެން ވެސް ބައިވެރިވިން. ބައިވެރިވީ ތުޅާދޫ ސްޕޯޓްސް ކުލަބުގެ ނަމުގައި. އެ މުބާރާތުގައި އަހަރެމެންނަށް ޗެންޕިއަންކަން ލިބުނު. ދެވަނަ އަހަރު ވެސް ޗެންޕިއަންކަން ލިބުނު. އެއާ އެކު ޒޯން މުބާރާތަށް ދިއުމުގެ ފުރުޞަތު ވެސް ލިބުނު. ޒޯން މުބާރާތުގައި ދެ ފަހަރު ވެސް އަހަރެމެން ބަލިވީ" ތުޅާދޫ ސްޕޯޓްސް ކުލަބުން ވާދަކުރި ޓީމުގެ ކެޕްޓަން އަދި ތުޅާދޫގެ ކުޑަކަތީބުކަން ވެސް ކުރެއްވި އަދި ފަހުން ހޯމް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރުކަން ވެސް ކުރެއްވި ޗާންދަނީގޭ އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. 

your imageތުޅާދޫ ދަނޑުގައި ކުޅެވުނު ފުޓްބޯޅަ މެޗެއް ފެށުމުގެ ކުރިން ޓީމެއް ފޮޓޯއަކަށް ހުއްޓިގެން

"އެންމެ ފުރަތަމަ ބޭއްވި ދެ އަތޮޅު މުބާރާތުގައި ތުޅާދޫ ސިލްވަރޝައިން ކުލަބުގެ ނަމުގައި އަހަރެމެން ވެސް ބައިވެރިވިން. އެ މުބާރާތުގައި ކުލަބު ތަމްސީލުކުރީ ރަށުގެ ކުޅުންތެރީން. އެންމެ ފަހު މަރުހަލާގައި އަހަރެމެން ބަލިވީ. އެ ދެ ފަހަރު ވެސް އަހަރެމެންނަށް 3ވަނަ ލިބުނު" އަތޮޅު މުބާރާތުގައި ތުޅާދޫ ސިލްވަރ ޝައިން ކުލަބުން ބައިވެރިވި ޓީމުގެ ކެޕްޓަން، އަދި އިންތިގާލީ މަރުހަލާގައި އެމްޑީޕީ ސަރުކާރުން ތުޅާދޫއަށް އައްޔަންކުރެއްވި ފުރަތަމަ ކައުންސިލަރު މުޙައްމަދު ޢުޘްމާން ވިދާޅުވިއެވެ.

މި ދުވަސްވަރު ތުޅާދޫން ފާހަގަކުރެވުނު ފުޓްބޯޅަ ތަރީންގެ ތެރޭގައި ބަށިގަސްދޮށުގެ ދާއޫދު އަބޫބަކުރާއި ހުދުފަޅު އިބްރާހީމް އަބޫބަކުރާއި ދޫރިޔާގެ ޢަބްދުﷲ މުޙައްމަދާއި ޗާންދަނީގޭ އަލްމަރުޙޫމް އަޙުމަދު ރަޝީދާއި އަސަރީގޭ އަބޫބަކުރު މޫސާއާއި ގުލްދަސްތާގޭ ޢަލީ ޙުސައިންއާއި ރުކުމާގޭ ޢަލީ ޔޫސުފްއާއި ކަނބުރުގެ މުޙައްމަދު ޢުޘްމާންއާއި ކުދިހީނާމާގޭ މުސާ އިބްރާހީމް (ދޮންމޫސަ)އާއި ރުކުމާގޭ މުޙަންމަދު ޔޫސުފް (ކުޑަ މުހުނދު)އާއި ހަނދުވަރުމަތީގޭ ޙުސައިން ޔޫސުފް ހިމެނެއެވެ. އޭގެ އިތުރުން އަތަގަސްދޮށުގެ މުޙައްމަދު ޢާމިރާއި ވައިޖެހޭގޭ މުޙައްމަދު ޝަފީޤާއި ދެތަނޑިމާގޭ އިސްމާޢީލް ސަލީމާއި ސާމަރާގޭ އިބްރާހީމް ރަޝީދާއި ހިޔަލީގޭ އަޙުމަދު އަބްދުއްރަޙުމާނާއި މޭވާގޭ މުޙައްމަދު ނަސީރާއި ފިނިހިޔާގޭ ޔޫސުފް ޢީސާއާއި މީނާޒް ޙަސަން ޢަބްދުﷲ އާއި ފިތިރޯނުގޭ މަރުޙޫމް މޫސާ އަބޫބަކުރު ވެސް ހިމެނެއެވެ. މިއިން ކޮންމެ ކުޅުންތެރިއަކީ ވެސް ތުޅާދޫގެ ފުރަތަމަ ދަނޑުން ހިތްވަރާއި ފަންވަރު ހޯދި ކުޅުންތެރިއެކެވެ.

80ގެ އަހަރުތަކުގެ ތެރޭގައި ތުޅާދޫގައި ފުޓްބޯޅަ ފޯރި އޮތީ ހަމައެކަނި ހަރުމީހުންގެ ތެރެއަކު ނޫނެވެ. ސްކޫލު ދަރިވަރުންގެ މެދުގައްޔާއި އަރަމުން އައި ޒުވާނުންގެ މެދުގައި ވެސް އެ ފޯރި އިންތިހާއަށް އޮތެވެ. އެކަން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ މާލޭގައި ތިބޭ ތުޅާދޫ ކުދިން ބާއްވަމުން އައި ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތުގައި ތުޅާދޫގެ އެކި ހިސާބުތަކުން ދިހަ ވަރަކަށް ޓީމު އެދުވަސްވަރު ވެސް ބައިވެރިވިއެވެ. އެ މުބާރާތް 1986، 1987 އަދި 1988ވަނަ އަހަރު ވެސް ވަނީ ބާއްވާފައެވެ. އެ މުބާރާތް ބޭއްވީ ވެސް ތުޅާދޫ ދަނޑުގައެވެ. އެ ދަނޑުން އެތައް ޒުވާން ކުޅުންތެރީންނެއް ނެރެދިނެވެ.

your imageމާލޭގައި ތިބޭ ތުޅާދޫ ކުދިން ބޭއްވި ފުޓްބޯޅަ މުބާރާތުގައި ވާދަ ކުރި ޓީމެއް ފޮޓޯއަކަށް ހުއްޓިގެން- ފޮޓޯ ޢަލީ ޝަރީފް

"އެ މުބާރާތް ޖެހިޖެހިގެން 3 އަހަރު ބޭއްވުނު. އެއީ މުޅި ތުޅާދޫއަށް ހުޅުވާލައިގެން ބާއްވަމުން އައި މުބާރާތެއް. އެއީ ރަށުގެ ޒުވާން ކުދިންނަށް ފުރުޞަތު ހޯދައިދިނުމަށް ރޭވުނު ހަރަކާތެއް. ދެތިން އަހަރަކު އެ މުބާރާތް ބޭއްވުމުން އެނގުނީ ތުޅާދޫން ރަނގަޅު ޓީމެއް އުފެއްދިދާނެކަން" ބޮޑު ޗުއްޓީ ދިމާކޮށް ބާއްވަމުން އައި ފުޓްބޯޅަ މުބާރާތުގެ ހަނދާންތައް އާކޮށްދެއްވީ އެ މުބާރާތް ރާވައި އިންތިޒާމުކުރެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި އިބްރާހީމް ޢަފީފެވެ.

your imageމާލޭގައި ތިބޭ ތުޅާދޫ ކުދިން ކުރިއަށް ގެންދިޔަ ފުޓްބޯޅަ މުބާރާތުގެ ނަތީޖާ ފަޅުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން  ފޮޓޯ: ޢަލީ ޝަރީފް

ތުޅާދޫގެ ފުޓްބޯޅަ ފޯރި އިތުރަށް ގަދަވަމުން އައިސް 1990ވަނަ އަހަރާ ހަމައަށް އައި އިރު މާލޭގައި އުޅެމުން ދިޔަ ތުޅާދޫ މީހުންވަނީ ތުޅާދޫ ޒުވާނުންގެ ގުޅުމުގެ ނަމުގައި ޖަމިއްޔާއެއް ވެސް ރަޖިސްޓްރީކޮށްފައެވެ. އިބްރާހީމް ވިދާޅުވީ ތުޅާދޫ ޒުވާނުންގެ ގުޅުމުގެ ނަމުގައި އުފެއްދި އެ ޖަމިއްޔާއިން ތުޅާދޫ ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެއް ޚިދުމަތްތެރިއަކީ މާލިމީގޭ، އަލްމަރުޙޫމް އަބޫބަކުރު ޢުޘްމާން (ކަލޭފާނު ބަކުރު) ކަމަށެވެ.

your imageމޫސާ ފުވާދު (ވާތް ފަރާތުގައި) އާއި އަބޫބަކުރު ޢުޘްމާން (ކަލޭފާނު ބަކުރު) ފޮޓޯ: އިބްރާހީމް ޢަފީފް

"އެންމެ ބޮޑު އެއް އެހީތެރިއަކީ ކަލޭފާނު ބަކުރާއި މާވަރުގެ. ބަކުރުގެ ފިހާރާގައި ޖާޒީގައި ތައްގަނޑު ޖެހީ ވެސް. މާވަރުގެއަކީ ޓީމުގެ ބައްދަލުވުންތައް ބާއްވާތަން. ކެއުމާއި ނިދުން ހަމަޖެއްސި އެއް ގެޔަކީ އެއީ. މޫސާ ފުވާދު އޭރު ދިރިއުޅުއްވި ބަށިމާވިލާގައި ވެސް ކެއުމާއި ނިދުން ބައެއް ކުޅުންތެރިންނަށް ހަމަޖެއްސި. އެއީ އެތައް ބައެއްގެ އެހީތެރިކަމާއެކު ފުޓްބޯޅައަށް އޮތް ލޯބި ފެނިގެން ދިޔަ ކަމެއް" އިބްރާހީމް އާކުރެއްވީ 32 އަހަރު ކުރީގެ މާޒީއެވެ.

"އެއީ ވަރަށް ގިނަބައެއްގެ އެހީތެރިކަން. ކަލޭފާނުބަކުރާއި މާވަރު މޫސައާއި މާވަރުގޭގެ މީހުންނާއި ފުއާދުބެއާއި ބޮޑު ޝަފީގާއި އަލީ ހަސަންފަދަ އެތައް ބަޔަކު މިކަމުގައި އިސްވެ އުޅުއްވި. މީގެ އިތުރުން ތުޅާދޫ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމަކީ ވަރަށް ބޮޑު އެހީތެރިކަމެއް. ޚާއްޞަކޮށް ތުޅާދޫ މަސްވެރިން އެއް ދުވަހު ބޭނި ހުރިހާ މަހެއް ވިއްކައިގެން އެ ދުވަހު ލިބުނު ހުރިހާ ފައިސާއެއް އެ މުބާރާތަށް ހަދިޔާކުރި. ހަނދާންވާ ގޮތުން އެއީ ގާތްގަނޑަކަށް 35 ހާސް ރުފިޔާ. ހަމަ ދެންމެ ވީ ކަމެއްހެން އެ ހަނދާންތައް އެބަހުރި. ތުޅާދޫ ރައްޔިތުންނަކީ ފުޓްބޯޅައަށް ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެފައިވާ ބައެއް." ތިންވަނަ ޑިވިޝަންގައި ތުޅާދޫގެ ޓީމު ކުޅުނު އިރު ގޯލުކީޕަރުކަން ކުރެއްވި އަދި ކެޕްޓަންކަން ވެސް ކުރެއްވި އަޙުމަދު ހަމީދު (ޓޮމް) އިތުރަށް ތަފުސީލުކޮށްދެއްވިއެވެ.

ތުޅާދޫ ޒުވާނުންގެ ގުޅުމުން ވަނީ 1992ވަނަ އަހަރު 3ވަނަ ޑިވިޒަންގައި ވާދަކޮށްފައެވެ. އަދި 1993ވަނަ އަހަރު ވެސް އެ މުބާރާތުގައި ވާދަކޮށް 3ވަނަ ޑިވިޒަންގެ ޗެންޕިއަންކަން ވެސް ހޯދާފައެވެ. އެ ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ފޯވާޑުގެ މަގާމު ހޯދީ ތުޅާދޫ، ފިޔަޖަހާގޭ އަބޫބަކުރު ޔޫސުފެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ތުޅާދޫ، ދެތަނޑިމާގޭ އަލްމަރުޙޫމް އިސްމާޢީލް ސަލީމެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޖަވާހިރުވާދީ އަޙުމަދު ހަމީދު (ޓޮމް) އެވެ. 3ވަނަ ޑިވިޒަންގެ ޗެންޕިއަންކަން ލިބުމާއެކު 2ވަނަ ޑިވިޝަނުގައި ކުޅުމުގެ ފުރުޞަތު ތުޅާދޫއަށް ލިބުނެވެ.

ތުޅާދޫ ޒުވާނުންގެ ގުޅުމުގެ ނަމުގައި 3ވަނަ ޑިވިޝަނާއި 2ވަނަ ޑިވިޝަންގައި ކުޅެފައިވާ އިރު އެކި އަހަރުތަކުގައި ކުޅެފައިވާ ތުޅާދޫ ކުޅުންތެރީންގެ ތެރޭގައި ފިޔަޖަހާގޭ އަބޫބަކުރު ޔޫސުފާއި ދެތަނޑިމާގޭ އަލްމަރުޙޫމް އިސްމާޢީލް ސަލީމާއި ޖަވާހިރުވާދީ އަޙުމަދު ހަމީދު (ކެޕްޓަން) އާއި މިނާޒް އަލީ ޢަބްދުﷲއާއި މޭވާގޭ މުޙައްމަދު ނަސީރު ހިމެނެއެވެ. އޭގެ އިތުރުން އަތަގަސްދޮށުގެ މުޙައްމަދު ޢާމިރާއި އަލިވާގޭ އިސްމާޢީލް ރަޝީދާއި އަލިގާ މުޙައްމަދު ޖިޔާދާއި ޖަވާހިރުމާގޭ މުޙައްމަދު ނާޝިދާއި އުއްސަކުރުވާދީ މުޙައްމަދު ނާސިޙާއި ދޭލިޔާގޭ އިބްރާހީމް ޝަރީފާއި ރުކުމާގޭ މުޙަންމަދު ޔޫސުފް (ކުޑަ މުހުނދު)އާއި ޗާންދަނީގޭ އަލީ ރަޝީދާއި އުސްސަކުރުގެ ސަޢީދު އަބޫބަކުރާއި ސާމަރާގޭ އިބްރާހީމް ރަޝީދާއި ދޫރިޔާގެ ޢަބްދުﷲ މުޙައްމަދާއި ކުދިހީނާމާގެ މޫސާ އިބްރާހީމް (ދޮންމޫސަ) އާއި ދިލާސާގޭ އަބްދުއްރަޙުމާން މުޙައްމަދު ވެސް ހިމެނެއެވެ.  މީގެ އިތުރުން ނޫމަރާގޭ މުޙައްމަދު ޒާހިރާއި، ލުނބޯގަސްދޮށުގޭ ޢަބްދުއްރަޝީދު އިދުރީހާއި ފިތުރޯނުގޭ އިބްރާހީމް އަބޫބަކުރާއި ސާމަރާގޭ ސިދުޤީ ޢަބްދުﷲ އާއި ޕިޔާނާގޭ އަބްދުލްފައްޠާޙް އަބުދުއްރަޙްމާން ވެސް މި ލިސްޓުގައި ހިމެނެއެވެ. މިއިން ކޮންމެ ކުޅުންތެރިއަކީ ތުޅާދޫގެ ފުރަތަމަ ބޯޅަ ދަނޑުން ހިތްވަރު ލިބިގަތް ކުޅުންތެރިއެކެވެ.

your imageތުޅާދޫގެ ކާމިޔާބީ ދުވަހު ނޫސް ހަވީރާއި އާފަތިސް ނޫހުގައި ކަވަރުކޮށްފައިވާ ޚަބަރު

ތުޅާދޫގެ ފުރަތަމަ ދަނޑުން ވިދާލި ބައެއް ކުޅުންތެރީން ފަހުން ވަނީ 1ވަނަ ޑިވިޝަންގެ ޓީމުތަކަށް ވެސް ކުޅެފައެވެ. އެގޮތުން ވައިޖެހޭގޭ އިބްރާހީމް ޢާމިރު އޯކިޑް ސްޕޯޓްސް ކުލަބަށް ކުޅުނު އިރު، މީނާޒު، ޢަލީ ފަރުހާދުވަނީ ވިކްޓަރީ ސްޕޯޓްސް ކުލަބަށް ކުޅެފައެވެ. އަދި ޖަވާހިރުވާދީ އަޙުމަދު ޙަމީދު (ޓޮމް) އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ގޯލު ބަލަހައްޓައިދީފައި ވާއިރު ހަނދުވަރުމަތީގޭ ޙުސައިން ޔޫސުފް ވަނީ އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއާއި ކުލަބް ލެގޫންސުގެ މެދުތެރެ ވެސް ބަލަހައްޓައިދީފައެވެ.

1993ވަނަ އަހަރާ ހަމައަށް ތުޅާދޫއަކީ އަތޮޅުގެ ނިސްބަތުން ފުޓްބޯޅައިގެ ރަން މާޒީއެއް ލިޔަމުން އައި ރަށެކެވެ. އެ މާޒީ ލިޔެވުނު އެއް ސަބަބަކީ ތުޅާދޫގެ ފުރަތަމަ ފުޓްބޯޅަ ދަނޑެވެ. އެ މާޒީއަށް އެޅުނު އެއް ހިޔަންޏަކީ ތުޅާދޫ ރަސްމީ ދަނޑު ތަޢުލީމަށް ޓަކައި ކުރެވުނު ގުރުބާނެވެ. ބިންކުޑަ ތުޅާދޫގައި ސްކޫލު އިމާރާތް އަޅާނެ އެހެން ބިމެއް ނެތުމުން ތުޅާދޫގެ ފުރަތަމަ ބޯޅަދަނޑު، މުސްތަގުބަލަށް ޓަކައި ތުޅާދޫ ރައްޔިތުން ކުރެއްވި ވުނަ (އިންވެސްޓް)އެވެ. މިއަދު އެ ދަނޑުގައި އެ ހުރީ ތުޅާދޫ ސްކޫލު އިމާރާތެވެ. ތުޅާދޫގެ ފުރަތަމަ ފުޓްބޯޅަ ދަނޑުން ލިބެމުން އައި ހިތްފަހިކަމުން ތުޅާދޫ ރައްޔިތުން މަހުރޫމުވި ނަމަވެސް  ތުޅާދޫން ފުޓްބޯޅައަށް އޮތް ލޯބި، ފުޅާ ނޫން މަގުތަކުންނާއި ހަނި ގޯޅިތަކުންނާއި ދިޔަވަރު ހިކިފައި އޮންނަ ވަގުތުތަކުގައި ފެހިގަނޑުމަތީ ކުޅެވެމުން ދިޔަ މެޗުތަކުން ޔަގީން ކުރެވެއެވެ. އެ ލޯތްބާއެކު ވީ ގުރުބާނީން ތުޅާދޫއަށް އާ ސްކޫލު އިމާރާތެއް ލިބިފައިވާ އިރު މިއަދުވަނީ އާ ބޯޅަދަނޑުތަކެއް ވެސް ލިބިފައެވެ.  

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
25%
އުފާވި
0%
ދެރަވި
0%
ރުޅިއައި
75%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
14 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments