ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
މީހުން

ލޯބި: ފިނާގެ ކާމިޔާބީގެ ސިއްރު

އެއީ 2005ވަނަ އަހަރެވެ. އޭރު އޭނާގެ ޢުމުރުން އެންމެ 4 އަހަރެވެ. އެ އުމުރުގައި އެންމެ ލޯބިވަނީ ކާކު ދެކެތޯ ސުވާލުކުރުމުން އެ ތުއްތު ދަރިފުޅުގެ ޖަވާބު އެންމެ ފަސޭހައިން ގުޅުވީ އޭނާގެ ބައްޕަގެ ނަމާއެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އެ ބައްޕަ އެ ދަރިފުޅަށް އެތައް ކަމެއް ކޮށްދޭތީއެވެ. ބައެއް ފަހަރު ފެންވަރުވައެވެ. ބައެއް ފަހަރު ކާންދެއެވެ. އާންމު ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް އެ ބައްޕަ ކޮށްދެއެވެ. އެންމެ ޚާއްޞަ ކަމަކީ ސައިބޮއެގެން ކާރުދުއްވަން އެ ބައްޕަ ގެންދާ ގެންދިއުމެވެ. ނަމަވެސް އެ ދުވަސްތައް ނިމުނީއެވެ. އެ ބައްޕަ ދާއިމީ ދުނިޔެއަށް ދަތުރުކުރީއެވެ. އެ ހިތްދަތިކަމާއެކު އެ ދުވަހު އުޅެން ޖެހުނު ތުއްތު ކުއްޖަކީ މިއަދު އުފަލާއި ކާމިޔާބީގެ އުޑުގައި ފިޔަޖަމުން އަންނަ ތަރި އައިޝަތު ފިނާ ފިރާޤެވެ.

ފިނާގެ ބައްޕަ ބ.ތުޅާދޫ ވައިޖެހޭގެ، އަޙުމަދު ފިރާޤު ނިޔާވީ ކުއްލި މަރެއްގައެވެ. ޢުމުރުން އެންމެ 39 އަހަރުގައެވެ. އޭނާގެ މަންމައާއި ބައްޕަގެ ކައިވެންޏަށް 6 އަހަރުގައެވެ. އެ ލޯބި ދިރިއުޅުމަށް އައި ކުއްލި ލޮޅުމާ އެކު އެންމެ ބޮޑު އަސަރެއް ކުރި އެކަކީ ފިނާއާއި އޭނާގެ ބޭބެއާއި މަންމަ، މާފަރިވާގެ ދޫމާ ޢަބްދުލް ކަރީމެވެ.

" ހަގީގަތުގައި ވެސް އަހަރެންނަށް އެ ދުވަހު ގޮތް ހުސްވި. ހިތަށް އެރި ދެ ކުދިންނާނައި ބަނޑުގައި އޮތް 4 މަހުގެ ދަރިފުޅު ގޮވައިގެން އުޅޭނީ ކިހިނެއްބައޭ. އެންމެ ބޮޑަށް ދެރަވީ އެ ކުދިންގެ މުސްތަގުބަލަށް ވެދާނެ ގޮތަކާ މެދު. ނަމަވެސް ހިތްވަރުކުރިން. ކެތްތެރިވިން. އެ ދުވަހު އާއިލާއާއި ރަށު މީހުންގެ ފަރާތުން ލިބުނު ހިތްވަރާއެކު ކޮޅަށް ތެދުވީ ދަރިންގެ ހައްގުގައި. އެ ދުވަސް މާޒީވިޔަސް އެ ހަނދާންތައް އަދިވެސް ހަމަ އާލާވޭ. އެ ހަޔާތުން ވެސް ހިތްވަރު ހޯދޭ." ފިނާގެ މަންމަ ދޫމާ ހަނދާންކުރީ މީގެ 20 އަހަރު ކުރީގެ ހަނދާންތަކެވެ. އެ ހަނދާންތަކާއި ހިތްދަތިކަމުގައި ފިނާއާއި އޭނާގެ އާއިލާ 6 އަހަރު ހޭދަކުރިއެވެ. އެ މާޔޫސްކަމާއި ނިކަމެތި ކަމުން އަރައިގަތުމަށް އެތައް ހިތްވަރެއް ކުރިއެވެ.

your imageފިނާގެ ބައްޕަ ފިރާގު (ރަތް ތޮފި އަޅައިގެން)

ފިނާގެ ނިކަމެތި ހަޔާތަށް އާ ދިރުމެއް އައީ އޭނާގެ މަންމަގެ ނިންމުމުންނެވެ. ދިރިއުޅުމުގެ އާ ބާބެއް ފަށަން ނިންމި ހިސާބުންނެވެ. އެ ބާބުގެ ފެށުން ގުޅިފައިވަނީ ތުޅާދޫގައި ހިންގި އިތާމުތުން ގަހަނާ ހަދަން ދަސްކޮށްދޭ ކޯހަކާއެވެ. އެ ކޯހުގެ ބައެއް ބައިވެރިން ނ. އަތޮޅު ކެނދިކުޅުދުއަށް ކުރަންޖެހުނު ޒިޔާރަތާއެވެ. އެ ޒިޔާރަތާއެކު ގުޅަން ޖެހުނު ފޯނުކޯލުތަކާއެވެ. އެ ފޯނުކޯލުތަކުގެ އަސަރުން ގަހަނާ އުކެމުން ދިޔަ އެއް ހިތަކީ ފިނާގެ މަންމަ ދޫމާގެ ހިތެވެ. އެ ހިތުގައި ހަޔާތުގެ ދެވަނަ ބާބެއް އެ ހިސާބުން ލިޔަން ފެށުނެވެ. އެ ބާބުގެ "ލައިފް" އަކަށް ފިނާގެ މަންމަ އިޚުތިޔާރުކުރީ ނ. ކެނދިކުޅުދޫ، ލައިފް، ޙަސަން މުޙައްމަދެވެ. އެ ބައްޕައާ މެދު ފިނާއާއި އޭނާގެ ބޭބެއާއި ކޮއްކޮ، ހިތުން ރުހުމުން ގަބޫލުވީތީއެވެ. ފިނާމެންގެ މުސްތަގުބަލް އެ ބައްޕައަށް ހޯދައިދެވޭނެކަން ގަބޫލުކުރެވޭތީއެވެ. އެ މަންމަގެ ދުރުވިސްނޭ ދުރުމިއަށް އެ ކަންކަން އެރީތީއެވެ.

ފިނާ ގަބުލުކުރާ ގޮތުގައި އޭނާގެ ކާމިޔާބީގެ އެއް ސިއްރަކީ އޭނާގެ މިއަދުގެ ބައްޕައެވެ. ފިނާގެ ހަގީގީ ބައްޕަގެ ދައުރު މިއަދު އެ ބައްޕަ އެ އަދާކޮށްދެނީ ކޮންމެ ބައްޕައަކަށް ވެސް ނަމޫނާ ލިބިގަނެވޭނެ ފަދަ ގޮތަކަށެވެ.

" ހަގީގަތުގައި މިއަދު އަޅުގަނޑަށް މި ލިބޭ ކާމިޔާބީތައް ލިބުމުގައި ބައްޕަގެ ދައުރު ވަރަށް ބޮޑު. އަޅުގަނޑުމެން ބޭނުންވާ ކޮންމެ ކަމެއްގައި ވެސް މަންމައެކޭ އެއްފަދައިން ބައްޕަ ހުންނާނެ. އެ ޔަގީންކަން އަބަދުވެސް އޮވޭ. އަޅުގަނޑުމެން ދެކެ އެ ބައްޕަ އިންތިހާއަށް ލޯބިވޭ. އެ ބައްޕަ ދެކެ ވަރަށް ލޯބިވޭ" ފިނާ އޭނާގެ މިހާރުގެ ބައްޕައަށް ތަޢުރީފު ކުރިއެވެ. އެއާއެކު އޭނާގެ ރޫޙުގެ ގޮތުގައި ހުރި މަންމައަށް ވެސް އޭނާ ކުރީ ތަޢުރީފެވެ.

" މަންމައަކީ އަޅުގަނޑުގެ ހުރިހާ ވެސް މީހަކީ. އަޅުގަނޑު، އަޅުގަނޑަކަށްވީ އެ މަންމަގެ ހިތްވަރުން. މިހާ ހިސާބަށް އާދެވުނީ އެ މަންމަގެ ލޯބިން. އެއީ އެންމެ ލޯބި މަންމަ" ފިނާ ބުންޏެވެ.

ފިނާގެ މަންމައާއި ބައްޕައަކީ ނަމޫނާ ދެ ޚިދުމަތްތެރީންނެވެ. މަންމައަކީ ބ.ތުޅާދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއެވެ. ބައްޕައަކީ ނ.ކެނދިކުޅުދޫ ކައުންސިލްގެ ނައިބު ރައީސެވެ. ދެ ރަށެއްގައި ތިބެ ދެ ޚިދުމަތްތެރީންގެ މަސައްކަތް ދެ ރަށަށް ދިނުމަކީ ވެސް ކުޑަ ކަމެއް ނޫނެވެ. އޭގެ ފޮނި ނަތީޖާ ލިބުނު އެކަކީ ފިނާއެވެ. ފިނާއަކީ ދިވެހިރާއްޖެގެ އަޑުން ބޭއްވި ބެސްޓް ރޭޑިއޯ ޕްރެންޓަރ މުބާރާތުން 1ވަނަ ހޯދި ތަރިއެވެ. އެ ކާމިޔާބު އޭނާއަށް ލިބުނު އެއް ސަބަބަކީ އެހުންތެރީންގެ ވޯޓެވެ. އެ ވޯޓް ފިނާ ހޯދީ ކިހިނެއް ހެއްޔެވެ؟ އެ ހާ ގިނަ ވޯޓް ލިބުނީ ކީއްވެ ހެއްޔެވެ؟ މި ސުވާލުތަކަށް ދެވޭ އެއް ޖަވާބަކީ ފިނާ ނިސްބަތްވާ ދެ ރަށާއި އޭނާ މަސައްކަތްކުރާ އޮފީހާއި އޭނާގެ އެކުވެރީންނެވެ.

your imageފިނާ އާއިލާގެ ބައެއް މެންބަރުންނާ އެކު

ފިނާގެ ތަޢުލީމީ ހަޔާތުން ގުރޭޑް 5ގެ ފުރަތަމަ ޓާމާ ހަމައަށް ކިޔެވީ ތުޅާދޫ ސްކޫލުގައެވެ. އޭގެ ފަހުން ދިރިއުޅުން ކެނދިކުޅުދުއަށް ބަދަލުކުރިއެވެ. އެ ރަށުގައި ގުރޭޑް 7އާ ހަމައަށް ކިޔެވިއެވެ. އޭގެ ފަހުން ގްރޭޑް10އާ ހަމައަށް ކިޔެވީ ހިރިޔާ ސްކޫލުގައެވެ. މިއިން ކޮންމެ ތަނަކާއި ރަށަކީ ވެސް ފިނާއަށް ވޯޓް ހޯދަން ލިބުނު ފުރުޞަތެކެވެ. އޭގެ އިތުރުން ފިނާއަށް ޓަކައި ސަޕޯޓަރުންގެ ހިތުގައި އޮތް ލޯތްބަކީ ވެސް ބޮޑު ސަބަބެކެވެ. އެ ސަޕޯޓަރުން ވަނީ މުބާރާތުގެ ތާރީޚުގައި ވެސް ފޭން ފޭވަރިޓް އެވޯޑް ޖެހިޖެހިގެން 3 ފަހަރު އުފުލައިލުމުގެ ޝަރަފު ފިނާއަށް ހޯދައިދީފައެވެ.

ފިނާއަށް އޭނާގެ އާއިލާއިން ދޭ ލޯތްބަކީ ގިނަ ވޯޓްތަކެއް ފިނާއަށް ލިބުނު ސަބަބެކެވެ. ކޮންމެ އާއިލާއަކުން ވެސް އެ އާއިލާގެ ކޮންމެ ކުއްޖަކު ދެކެ ވެސް ލޯބިވެއެވެ. ފިނާ ތަފާތުވަނީ އެ ލޯބި ހާމަކުރާތީއެވެ. އެ ލޯބި ބުނެދޭން ފަސް ނުޖެހޭތީއެވެ. ކޯޗުން ދެކެ ލޯބިވާކަން އެންމެ ގިނައިން ބުނީ ފިނާ ނޫން ހެއްޔެވެ؟ އެހުންތެރިން ދެކެ ލޯބިވާކަން ވެސް އެންމެ ގިނައިން ބުނީ ފިނާ ނޫން ހެއްޔެވެ؟ އާއިލާ ދެކެ ލޯބިވާކަން ވެސް އެންމެ ގިނައިން ބުނެ ހާމަކުރީ ފިނާ ނޫން ހެއްޔެވެ؟ ރެކޯޑިންގތައް އަޑުއަހާލުމުން މި ކަންކަން ޔަގީންވާނެއެވެ. އެހެންވެ އެހުންތެރިން ވެސް ފިނާއަށް އޮންނަ ލޯބި ހާމަކުރާކަށް ފަހެއް ނުޖެހުނެވެ. އޭނާގެ އާއިލާއިން އެ ލޯބީގައި ވޯޓް ހޯދަން މަސައްކަތް ކުރާކަށް ވެސް ފަހެއް ނުޖެހެއެވެ. އަދި ވޯޓްދޭން ވެސް ފަހެއް ނުޖެހެއެވެ.

ފިނާ ވަނީ މުބާރާތުގެ އެކި ބުރުތަކުގައި ޖުމުލަ 86 ހާހަށް ވުރެ ގިނަ ވޯޓް ހޯދާފައެވެ. އަދި ފައިނަލް ބުރުގައި އެކަނި ވެސް 51ހާހަށް ވުރެ ގިނަ ވޯޓް ފިނާއަށް ލިބިފައިވެއެވެ. ފިނާ ގަބޫލުކުރާ ގޮތުގައި މިއިން ކޮންމެ ވޯޓަކީ ފިނާއާއި ފިނާގެ އާއިލާއަށް އެހުންތެރީންނާއި ބެލުންތެރީން އޮތް ލޯބީގެ ރަމްޒެކެވެ.

" ފިނާއަކީ ބެސްޓް ރޭޑިއޯ ޕެރެޒެންޓަރު މުބާރާތުން މިހާތަނަށް އެންމެ ގިނަ ވޯޓް ހޯދި ބައިވެރިޔާއޭ ބުނެވިދާނެ. ޖުމުލަކޮށް ބަލާނަމަ ފިނާއަކީ އެންމެ ގިނަ ސަޕޯޓަރުން ވޯޓް ދިން އެއް ބައިވެރިޔާ" ބެސްޓް ރޭޑިއޯ ޕްރެޒެންޓަރު މުބާރާތުގެ ޕްރޮޑިއުސަރ ނާފިޒާ އަބްދުއްރަޝީދު ވިދާޅުވިއެވެ.

" އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކާމިޔާބީގެ އެއް ސިއްރަކީ ވޯޓް. ގިނަ ބައެއްގެ ވޯޓް ލިބުނީ ގިނަ ބައެއްގެ ލޯބި ލިބުނީތީ. އަޅުގަނޑުގެ އާއިލާއިން ވޯޓް ހޯދަން މަސައްކަތް ކޮށްދިން. ތުޅާދޫއާއި ކެނދިކުޅުދޫގައި ވެސް ވަރަށް މަސައްކަތް ކުރި. ސޯޝަލް މީޑިއާގައި މަސައްކަތް ކުރި. އަޅުގަނޑު އުޅޭ އޮފީހުން ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން. އަޅުގަނޑުގެ ރައްޓެހިން ވަރަށް ބޮޑު ގުރުބާނެއްވި. އޭގެ ނަތީޖާއަކީ ވޯޓް ލިބުން. އަޅުގަނޑު ބެލީ ފަނޑިޔާރުންނަށް އަޅުގަނޑުގެ ހުށަހެޅުންތައް ކަމުދާނެ އެއްޗަކަށް ހެދޭތޯ. އެ ލޯބި ވެސް ލިބުނު. އެހުންތެރީންގެ ލޯބި ވެސް ލިބުނު" ފިނާއަށް ވޯޓް ލިބުނު އެކި ދިމަދިމާ އޭނާ ފާހަގަކުރިއެވެ.

your imageފިނާއަށް އެއްވަނަ ލިބުމުން ލިބުނު އުމްރާ ދަތުރުގެ އިނާމު ލިބިގަންނަނީ

ފިނާގެ ކާމިޔާބީ ގުޅިފައިވަނީ ހަމައެކަނި ވޯޓަކާ ނޫނެވެ. އޭނާގެ ހިތްވަރާއި ކެރުމަކީ ވެސް މި ކާމިޔާބީން ފެންނަން އޮތް، ބަދަލުވުމެއް ނެތް ހަގީގަތެކެވެ. ފިނާ އެންމެ ލޯބިވާކަމަށް ބުނާ އާމިނަތު ރަމްލާ ނުވަތަ ރަމް ކޯޗަކީ ދިވެހިރާއްޖޭގެ އަޑާއެކު ފިނާކުރި ދަތުރުގެ ހިއުމަން ޑައިރީއެވެ. ކަންބޮޑުވެ މާޔޫސްވާ ކޮންމެ ވަގުތަކާއި އުފާވާ ކޮންމެ ހިނދުކޮޅެއްގައި ވެސް އެ ކަންކަން އެންމެ ފުރަތަމަ ހިއްސާކުރީ އެ ކޯޗާއެވެ. ފިނާގެ ހިތުގައި އެ ކޯޗަށް ޚާއްޞަ ލޯތްބެއް ދެވިފައި އޮވެއެވެ. އޭގެ އިތުރުން އެހެން ކޯޗުންނަށް ވެސް ފިނާގެ ހިތުން އެ ލޯބި މިލްކުކޮށްދިނެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ.

ފިނާއަކީ މީގެ ކުރިން ޕްރެޒެންޓިންގ ދާއިރާގެ ތަޖުރިބާ ލިބިހުރި ކުއްޖެއް ނޫނެވެ. ސްކޫލު ދައުރުގައި ވާހަކަދެއްކުން ފަދަ ކަންކަމުން ފުރުޞަތު ލިބުނު ކުއްޖެއް ވެސް ނޫނެވެ. އެ ރޮނގުން ފާހަގަ ކުރެވި އެ ހުނަރު ތަރައްގީކުރަން މަސައްކަތް ކުރި ކުއްޖެއް ވެސް ނޫނެވެ. ކުރެވިފައިވާ ކަމެއް ކުރެވުނީ ހަމައެކަނި އަމިއްލަ ގޭގައި އަމިއްލަ ނަފުސާއެކުއެވެ. ޕްރޮގުރާމް ހުށަހެޅުމާއި ޕްރެޒެންޓްކުރުން އޮތީ ފިނާއާއި އޭނާގެ ހިތާ ދެމެދު އޮތް ޚިޔާލެއްގައެވެ. އެހެން ނަމަވެސް އެ ޚިޔާލުގައި ހަގީގީ ކުލަ ޖެހުމުގެ މެދުވެރިއަކަށް ދިވެހިރާއްޖޭގެ އަޑުވެ، އެ ތަނުގެ ކޯޗުންވެ ފިނާއަކީ އަޑުގެ ހުށަހެޅުންތައް ހުށަހެޅުމަށް ފައްކާވެފައިވާ ކުއްޖަކަށްވީ ފިނާގެ ހިތުގައި އެކަމަށް އޮތް ޚާއްޞަ ލޯބިންނެވެ.

"ހަގީގަތުގައި މި ކުރެވުނީ ވަރަށް ބޮޑު މަސައްކަތެއް. މި މަސައްކަތުގައި އަޅުގަނޑަށް ދަސްވިއެއްޗެއް މި ދަސްވީ ކޯޗުންގެ އެހީތެރިކަމާ އެކު. އެ ބޭފުޅުން އަޅުގަނޑުމެންނަށް ދެއްވި ވަގުތާއި ދެއްވި އެހީތެރިކަމުން. ޚާއްޞަކޮށް ރަމް ކޯޗު، ފަހީ ކޯޗު، ރަމީޒް ސަރ، ޝަބްނަމް ކޯޗު، ރިޒްމީ ކޯޗު، ސާމިޔާ ކޯޗުގެ ނަން އަޅުގަނޑު ފާހަގަކޮށްލަން. ކޯޗުންގެ އިރުޝާދު ލިބުމުން އަމިއްލަ ވަގުތުގައި ވެސް ވަރަށް ގިނަ މަސައްކަތް އަޅުގަނޑުކުރިން. އަޅުގަނޑަށް އެނގޭ އަޅުގަނޑު ހުރި ހިސާބު. އެހެންވީމާ ކުރަންޖެހޭ މަސައްކަތް ދެ ގުނަ ކުރަންޖެހޭކަން ގަބޫލުކުރެވޭތީ މަސައްކަތް ކުރީ" ފެނަކައިގެ އެކައުންޓް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފިނާ ބުންޏެވެ.

ފިނާގެ ޓީމަށް ކޯޗުކޮށްދިން ރަމްލާ ވިދާޅުވީ ފިނާއަކީ ހިތްވަރާ އެކު މަސައްކަތްކުރި ނަމޫނާ ބައިވެރިއެއް ކަމަށެވެ.

"ފިނާ އެންމެ ފުރަތަމަ އައި އިރު ތުރުތުރު އަޅައަޅާ ހުރީ. އެއްގޮތަކަށް ބުނާ ނަމަ ޕްރެޒެންޓް ކުރުމާ ގުޅޭ އެއްވެސް ތަޖުރިބާއެއް ނެތޭ ބުނެވޭނީ. ހަމައެކަނި އެކަން ކުރާހިތްވާކަން އެކަނި އޮތީ. އެހެން ނަމަވެސް ފެނުނީ ފަހަރަކަށް ވުރެ ފަހަރެއް، ބުރަކަށް ފަހު ބުރެއް ފިނާގެ ހުނަރު ނެރުމަށް މަސައްކަތް ކުރިތަން. ވަރަށް ބޮޑަށް އަމިއްލައަށް ވެސް ހުނަރު ލިބުގަތުމަށް ބޭނުންވެގެން އުޅުނުތަން. އެއާއެކު މުބާރާތަކުން ކާމިޔާބު ހޯދާން ރޭވުންތެރިކަމާއެކު މަސައްކަތް ކުރިތަން ފެނުނީ. އެންމެ ފަހު ޝޯވްއާ ހަމައަށް ވެސް އެންމެ ހިތްވަރު ކުރި އެއް ބައިވެރިއަކަށް ފިނާ ވާނެ" ދިވެހިރާއްޖޭގެ އަޑުގެ ކުޅާދަނަ ޕްރޮޑިއުސަރ ރަމްލާ ވިދާޅުވިއެވެ.

your imageފިނާއަށް ކޯޗުކޮށްދިން ކޯޗުންގެ ތެރޭގައި ހިމެނޭ ރަމް ކޯޗާއި ރަމީޒް ސަރ

ފިނާ ގަބޫލުކުރާ ގޮތުގައި އޭނާއާ އެކު ވާދަކުރި ކޮންމެ ބައިވެރިއަކީ ވެސް ގާބިލު، ތަފާތު ބައިވެރިއެކެވެ. އެކި ހުށަހެޅުންތަކުގައި އެކި ބައިވެރީންގެ ހުނަރު ފެނުނު މިންވަރު ވެސް ތަފާތެވެ.

" ހަގީގަތުގައި ނިމިގެން އެ ދިޔައީ ވަރަށް ވާދަވެރި މުބާރާތެއް. އަޅުގަނޑު ގަބޫލުކުރަނީ ޖައިޝަން، ހަސީން، ލަޝަން، އީނާޝް، އިހުސާން، ލުބްނާ، ސޯބި ވެސް އަޅުގަނޑަށް ވުރެ ހުށަހަޅަން މޮޅުކަމަށް. ނަމަވެސް މުބާރާތް ހަމަޖެހިފައިވާ އުސޫލުން ކާމިޔާބު މި ލިބެނީ ހުށަހެޅުމުގެ ހުނަރާއެކު އެހުންތެރިންގެ ވޯޓް ވެސް ލިބިގެން. އެހުންތެރީންގެ ލޯބި ހޯދައިގެން. އެ ލޯބި އަޅުގަނޑަށް ލިބުނު ވަރު ބޮޑު. އެކަމަށް އަޅުގަނޑަށް ކުރެވުނު މަސައްކަތް ވެސް އިތުރު. އެހެންވެ މި ކާމިޔާބީ ލިބުނީ" ފިނާއަށް 1ވަނަ ލިބުނު ސަބަބު އޭނާ ބުނެދިނެވެ.

ފިނާގެ މަންމަ ގަބޫލުކުރާ ގޮތުގައި ވެސް ފިނާގެ ކާމިޔާބީ ގުޅިފައިވަނީ އެތައް ބަޔަކާއެވެ. އެތައް ބައެއްގެ ލޯތްބާއެވެ.

"އަޅުގަނޑުގެ ހަޔާތުގައި ދިމާވި ކުއްލި ހިތާމައިން އަރައި ގަނެވުނީ އެތައް ބައެއްގެ ލޯތްބާއެކު. ރަށުގެ ވަރަށް ގިނަ މީހުންގެ އެހީތެރިކަމާއެކު. ޚާއްޞަކޮށް އާއިލާ ފާހަގަކޮށްލަން. ޝޫޒްބެގެ ނަން ވެސް ފާހަގަކޮށްލަން. ފިނާއަކީ މި އާއިލާގެ ތަރި. އެ ތަރީގެ ބެބުޅުމާ ގުޅިފައިވަނީ އެތައް ބައެއްގެ ލޯބި" ފިނާގެ ކާމިޔާބީ އެ މަންމަ ވެސް ގުޅުވީ ލޯތްބާއެވެ.  

your imageފިނާ މަންމައާއެކު

ތެދެކެވެ. ފިނާ އެ ވަނީ އެހުންތެރީންގެ ލޯބި ހޯދާފައެވެ. އެ ލޯބި ފިނާ ހޯދީ ފިނާ ވެސް އެހުންތެރީންނަށް ލޯބި ދީގެންނެވެ. އެ ލޯބި ހާމަކޮށްގެންނެވެ. އާއިލާއާއި އޮފީހާއި ރަށާއި އެކުވެރީންގެ އެހީތެރިކަމާއެކުއެވެ. ދެން އޮތީ ފިނާ އެންމެ ލޯބިކުރާ މަސައްކަތްކުރުމަށް ލިބިފައިވާ ފުރުޞަތުގެ ބޭނުން ފިނާ ކުރުމެވެ. ދިވެހިރާއްޖޭގެ އަޑުގައި މަސައްކަތް ކުރުމަށް ލިބުނު އެއް އަހަރުގެ ފުރުޞަތުން އެހުންތެރިންގެ ލޯބި އިތުރަށް ފިނާ ހޯދުމެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
92.857142857143%
އުފާވި
0%
ދެރަވި
0%
ރުޅިއައި
7.1428571428571%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
14 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments