ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ވާހަކަ
އައިޑީ

އައިޑީ ކާޑު

ކިތަންމެ ވަރަކަށް ވިސްނައިދޭން މަސައްކަތް ކުރި ނަމަވެސް ސާނިހުބެއަކަށް ނުވިސްނޭނެއެވެ. ނުވިސްނެނީއެއް ނޫނެވެ. ވިސްނަން ބޭނުން ނުވަނީއެވެ. އެ ނޫން ގޮތެއް ގަބޫލުކުރަން ބޭނުން ނުވަނީއެވެ. އެހެން ނޫންނަމަ ލޯމަތިން ފެންނަން ހުރި ކަންކަން އެއީ ނުވާކަމަކަށް ހަދައިގެނެއް ނޫޅޭނެއެވެ. ނުވާ ކަންކަން ވީ ކަމަކަށް ހަދައިގެނެއް ވެސް ނޫޅޭނެއެވެ. އަހަރެންނަށް ގަބޫލު ނުކުރެވެނީ އެފަދަ ކަންކަމެވެ. ކޮންމެ ގޮތެއް ވަރިހަމަ ކުރާކަށް އަހަރެންގެ ހިތެއް ބޭނުމެއް ނުވެއެވެ. ސާނިހުބެއާ ޒުވާބުކުރާން ޖެހެނީ މި ސަބަބާ ހުރެއެވެ.

މިއަދު ވެސް ސާނިހުބެ ފެށީ ސާނިހުބެ ތާއީދުކުރާ ޕާޓީގެ ވާހަކައެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް އެ ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދޭން ޖެހޭ ވާހަކައެވެ.

"ކީއްވެ ވޯޓު ދޭން ޖެހެނީ؟ ކޮން ސަބަބަކާ ހުރެ ވޯޓު ދޭންވީ؟ ކީއްވެ މަޖުބޫރު ވީ؟" އަހަރެން ސުވާލުކުރީމެވެ.

" އެ ނޫން މީހަކު ނެތީމާ. އެ ނޫން ގޮތެއް ނެތީމާ. ދެން ހުރި ކެންޑިޑޭޓަށް ވޯޓު ދީފިނަމަ ވާނެ ގޮތް ރަފާހާއަށް ވެސް އެނގޭނެ" ސާނިހުބެ ޖަވާބުދިނެވެ.

" ތިޔަ ދައްކާ ވާހަކަތަކުގައި އަހަރެން އަދި ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް. އަހަރެން ވޯޓު ލާނީ އޭގެ ތެރެއިން އެންމެ އެކަށީގެންވާ މީހާއަށް. އެންމެ ގާބިލު މީހާއަށް. އެހެންވީމާ ތިޔަ ބުނާ ކެންޑިޑޭޓަށް އަހަރެން ވޯޓު ދޭންވީ ސަބަބެއް އަދި ނެތް" ސާނިހުބެ ދެއްކި ވާހަކަތަކުގައި ވޯޓު ދޭންޖެހޭ ސަބަބެއް ބުނެދެވިފައި ނުވާކަމަށް އަހަރެން ބުނީމެވެ.

" ރަފާހާމެން އަދި ޅަވާނެ. މި ކަހަލަ ކަންކަން އަދިއެއް ނުވިސްނޭނެ. ސިޔާސީ ކަންކަމުގެ އުޑެއްބުޑެއް ނުދަންނަ މީހަކަށް ސިޔާސީ ކަންކަން ނިންމަން ޖެހޭ ގޮތެއް ނޭނގޭނެ. އެހެންވެ އަހަރެން މި ބުނަނީ އަހަރެން ބުނާ މީހަކަށް ވޯޓުލާށޭ. އަހަރެންނަށް ކަމެއް ކޮށްދޭ ނަމަ މި ކަން ކޮށްދޭށޭ. މިއީ ފަހު ފުރުޞަތޭ. ފަހުން މި ފުރުޞަތެއް ނުލިބޭނޭ" ސާނިހުބެގެ ވާހަކަތަކުން އަހަރެންނަށް ޔަގީންވީ އޭނާ ހުރީ ދޫދޭގޮތަކަށް ނޫންކަމެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް އޭނާ ތާއީދުކުރާ ކޮޅު މޮޅުކުރާން އޭނާ މަސައްކަތް ކުރާނެކަމެވެ. ސާނިހުބެގެ ވާހަކަތަކަށް އަހަރެން އެއްބަހެއް ނުވަމެވެ. އާއެކޭ ނުބުނަމެވެ.

" ހަދާނެ ގޮތް އެނގޭނީ މަށަށް. ކަންކަން ކުރެވޭކަން އަހަރެން ވެސް ދައްކާލާނަން. މަންޖެ ހުރޭ ވޯޓު ނުދޭން" ގެއިން ނުކުންނަމުން ސާނިހުބެ ވިހަލާފައި ދޫކޮށްލި ޖުމުލައިގައި ވަނީ ހިތްހަމަ ނުޖެހުމާއި ރުޅިވެރިކަމެވެ. އެކަމަކާ އަހަރެން ހާހެއް ނުވެއެވެ. އެއީ އާދައެވެ. އަބަދު ވެސް ސާނިހުބެ ހުންނާނީ ސިޔާސީ ރާބޮއެގެންނެވެ. އެ އަމަލުން ސަލާމަތްވާ އިރެއް ނާންނާނެއެވެ. ޔަގީނުން ވެސް މަންމަ ހުންނާނީ އަހަރެން ކޮޅަށެވެ. ބައްޕަ ވެސް ގަބޫލުކުރާނީ އަހަރެން ދައްކާ ވާހަކައެވެ. ސާނިހުބެގެ ބަސްވިކޭނީ ހަމައެކަނި ޖަގަހަތަކުގައެވެ.

ވޯޓުލާން ދެ ދުވަހަށްވެފައި ވަނިކޮށް ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރީ މީސްމީހުންގެ އައިޑީ ކާޑު ވިއްކާ ވާހަކައެވެ. ބޮޑު އަގުގައި އައިޑީ ކާޑު ގަންނަ ވާހަކައެވެ. ވޯޓު ލިޔަ ނުދިނުމަށް ޓަކައި އެ މަސައްކަތް ބަޔަކު ކުރާ ވާހަކައެވެ.

އެ ޚަބަރު ހަމަ ލިބުމާއެކު ހިތަށް ވަނީ ސާނިހުބެއެވެ. ހަނދާންވީ ދެ ހަފުތާކުރީން ސާނިހުބެ ވިހަލާ ދޫކޮށްލި ޖުމުލައެވެ. އެ ޖުމުލަ އައިސް ހިފީ ހަމަ ކަންފަތުގައެވެ. އަވަސްއަވަހަށް އަހަރެން މަންމައަށް ގުޅީމެވެ. އެއްވެސް މީހެއްގެ އަތަށް އައިޑީ ކާޑު ނުދޭން ބުނީމެވެ. އެ ވާހަކަ ބުނެފައި ފޯނު ބޭއްވިތާ މާގިނަ އިރެއް ނުވެއެވެ. މަންމަ ގުޅިއެވެ.

" މަންމަ މި އުޅެނީ އައިޑީކާޑު ލެވުނު ތަން ނޭނގިގެން. ދަރިފުޅު އަތުގައި އެބަ އޮތްތަ؟" ސުވާލުކުރީ މަންމައެވެ.

" ނޫން އަހަރެން އަތަކު ނޯންނާނެ. މަންމަ އަތުގައެއްނު ވީ. އެންމެ ފަހުން ޑޮކްޓަރަށް ދެއްކި ދުވަހު މަންމަ އެ ކާޑު ނެގީ" މަންމައަށް އަހަރެން ހަނދާން ކޮށްދިނީމެވެ. އަދި އަލަމާރި ރަނގަޅަށް ޗެކުކޮށްލާން ބުނީމެވެ.

އިރުތަކެއް ފަހުން އަނެއްކާ ވެސް މަންމަ ގުޅިއެވެ. މިފަހަރު ދިނީ މާ ސުންޕާ ޚަބަރެކެވެ. މަންމަގެ ވެސް އަދި ބައްޕަގެ ވެސް އައިޑީކާޑު ވީތަން ނޭނގުނީއެވެ. ހޯދައިހޯދައި ވެސް ނުފެނުނީއެވެ. މުޅި ގޭގައި އަތްފުނާ އެޅިއިރު ވެސް ކާޑަށް ވީގޮތް ނޭނގުނީއެވެ.

އަހަރެންގެ ބޮލުގައި ރިއްސާލިއެވެ. ސާނިހުބެގެ އަތެއް އެ ކަމުގައި ވެދާނެކަމަށް ހިތް ގަބޫލުކުރިއެވެ. ނަމަވެސް އެފަދަ ޝައްކެއް ކުރާންވާނީ ހެކި ހުރެގެންނެވެ. އެކަމަކު މަންމަމެންގެ ކާޑު ގެއްލެންވީ ކީއްވެ ހެއްޔެވެ؟ ދެ މީހުންގެ ކާޑު ލެވުނު ތަން ނޭނގެންވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކުގެ ޖަވާބު ގޮސް ހުއްޓުނީ ހަމަ ސާނިހުބެއަށެވެ. މި ޝައްކު ބޮޑަށް އުފެދުނީ ވޯޓުފޮށީގެ އަނގަ ހުޅުވާލާން ކުޑަ ހިނދުކޮޅަކަށް ވީއިރު، ސާނިހުބެގެ އަނގަ އެ ކަމުގައި ނުހުޅުވާތީއެވެ. އެންމެ ފަހުން ކުރި ޒުވާބަށް ފަހު ވޯޓާ ގުޅޭގޮތުން ވާހަކަ ނުދައްކާތީއެވެ.

އަހަރެން ސާނިހުބެއަށް ގުޅީމެވެ. މަންމައާއި ބައްޕަގެ އައިޑީކާޑު ގެއްލިގެން އުޅޭކަމަށް ބުނީމެވެ. އެކަން އެނގޭކަމަކަށް ސާނިހުބެއެއް ނުހެދިއެވެ. އެ ކަމުގެ ޒިންމާ ސާނިހުބެ އެޅުވީ އަހަރެންގެ ބޮލުގައެވެ.

" ބަލަ ރަފާހާއެއްނު މަންމަމެން ޑޮކްޓަރަށް ދައްކާ ތި ހަދަނީ. މަށަށް ކިހިނެއް އެނގޭނީ ތި އައިޑީކާޑު ވީތަނެއް. އަހަރެން ބުނާ މީހަކަށް ވޯޓު ލާން ޖެހިދާނެތީ އެ ވެސް ތި ގެއްލުވާލީ ދޯ" ސާނިހުބެ އުފެއްދީ އެހެން ތުހުމަތެކެވެ.

" މަންމަމެން އަތުގައި އެ ކާޑު އޮންނާނީ. މަންމަ ބުނަނީ އަލަމާރީގައޭ އޮންނާނީ. ހަމަ ފެންނަ ހިސާބުގައޭ ބާއްވަނީ. ބައްޕަ ވެސް ބުނަނީ ބައްޕަގެ ކާޑު އޮންނާނީ އަލަމާރީގައި އޮތް ފައިލެއްގައޭ. މީން ދުވަހަކު އެ ނުވެސް ނަގަމޭ. އެ ގެއްލެންވީ ސަބަބެއް ނެތޭ." ބައްޕައާއި މަންމަ ބުނި ވާހަކަތައް ސާނިހުބެއާ އަހަރެން ހިއްސާކުރީމެވެ.

" ދެން ތި ބުނަނީ އަހަރެންނަށް އެނގޭނެޔޭތަ؟" ސާނިހުބެ ސުވާލުކުރިއެވެ.

" އަހަރެން އެހެނެއް ނުބުނަމެއްނު. އަހަރެންނަށް އެނގެނީ އެ ކޮޓަރިއަށް ވަދެވޭނީ އަހަރެންނަށާއި ސާނިހުބެއަށްކަން. އެހެން މީހަކު އެ ކޮޓަރިއަކަށް ނުވަންނާނެކަން" އަހަރެން ބުނީމެވެ.

" ތީގެ މާނައަކީ އެ ކާޑު ނެގީ މަށޭތަ؟" ސާނިހުބެގެ އަޑު ގަދަވިއެވެ.

" އަހަރެންނަށް އެނގެނީ އަހަރެން އެ ކާޑު ނުނަގާކަން. ސާނިހުބެ ނެގިކަމެއް ވެސް އަދި ނުނަގާކަމެއް ވެސް އަހަރެންނަކަށް ނޭނގޭ. މި ކަން އަހަރެން ފުލުސް އޮފީހަށް ރިޕޯޓުކޮށްފިން" އަހަރެން ބޭނުންވީ ސާނިހުބެއަށް ބިރުދައްކާލާށެވެ. އެކަމަކު ވަޅުކައްޓޮފުޅި ދާންޏަށް ސިހޭނެ ހެއްޔެވެ؟ ނުސިހޭނެއެވެ. އެއީ ވުމަށްވުރެ ނުވުން ދުރުކަމެކެވެ.

" އަހަރެންނެއް ނުނަގަން. ރަފާހާ ތި އުޅެނީ މާ މަތީގައި. މިހާރު އަހަރެންނަށް ވަގަށް ވެސް ގޮވަން ފެށީ ދޯ؟ މިހާރު ހަމަޖެހިލައިގެން އުޅެވޭކަށް ވެސް ނެތެއްނު. ކިހައި ދެރަކަމެއް. މަ މި އުޅެނީ ވައްކަން ނުކުރެވިގެންވިޔާ" ސާނިބުގެ ޒުވާބު ފެށިއެވެ. އެ ވާހަކަތައް އަޑު ނާހާން އަހަރެން ފޯނު ކަނޑާލީމެވެ.

އަހަރެންނަށް ގެއަށް ދެވުނު އިރު ގޭގައި ފުލުހުންގެ ދެ މީހަކު ހަރަކާތްތެރިވެއެވެ. އެ މީހުން ފާސްކުރަމުން ދިޔައީ ބޭބެގެ ކޮޓަރިއެވެ.

" ކާކު ފުލުހުންނަށް ރިޕޯޓުކުރީ. ކާކުބުނީ ސާނިހުބެގެ ކޮޓަރި ފާސްކުރާށޭ. އޭރުން ސާނިހުބެ ހިތަށް އަރާނީ ކީކޭ؟" އަހަރެން ސުވާލުކުރީ މަންމައާއެވެ.

" ބައްޕަ ރިޕޯޓުކުރީ. ސާނިހު ކޮޓަރި ފާސްކުރާން ވެސް ބުނީ ބައްޕަ. މަށަށް ޔަގީން އެ ކާޑު ނަގާނީ ސާނިހުކަން. އެހެން މީހަކަށް އެ ކާޑުވީތަނެއް ނޭނގޭނެ" އަހަރެންގެ ސުވާލަށް ޖަވާބުދިނީ ހިތްހަމަ ނުޖެހިފައި ހުރި ބައްޕައެވެ. އެވަގުތު އަހަރެން ހާސްވިއެވެ. ޖެހިލުންވިއެވެ.

ފުލުހުންގެ މަސައްކަތް ފެށިތާ މާ ގިނައިރުތަކެއް ނުވެ މަންމައާއި ބައްޕަގެ އައިޑީ ކާޑު އެ ކޮޓަރިތެރެއިން ނެރުނެވެ. އެ ކާޑުތައް ހުރީ އެނދު ދަށުގައި ހުރި ފޮށި ގަނޑެއްގެ ތެރޭގައެވެ. އެ ކޮޓަރިން އިތުރު ހަ މީހެއްގެ ކާޑު ވެސް ފެނުނެވެ. މައްސަލަ ބޮޑުވީ އެ ހިސާބުންނެވެ. ކަންތައް ގޯސްވީ އިތުރު ކާޑުތަކެއް އެ ކޮޓަރި ތެރޭން ފެނުމުންނެވެ. އެ ކަން މައްސަލައަކަށް ނުހަދާން އަހަރެން އުޅުނު ނަމަވެސް ފުލުހުން ބޭނުންވީ އެ ކަން އިތުރަށް ތަހުގީގު ކުރާށެވެ. އެ ކާޑުތަކާ މެދު އިތުރަށް ސުވާލުކުރާށެވެ.

އަހަރެން ސާނިހުބެއަށް ގުޅީމެވެ. ކާޑުތައް ސާނިހުބެގެ ކޮޓަރީގައި ހުރިކަމަށް ބުނީމެވެ. އަވަހަށް ގެއަށް އައުމަށް އެދުނީމެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ސާނިހުބެ ގެއަށް އައެވެ. ފުލުހުން ސާނިހުބެއާ ސުވާލުކުރިއެވެ. ނަމަވެސް އެ ކާޑުތައް ނެގީ ސާނިހުބެ ކަމަކަށް ސާނިހުބެ އެއްބަހެއް ނުވިއެވެ. ސާނިހުބެ ހިތްހަމަ ނުޖެހުނީ އަހަރެންދެކެއެވެ. މަންމައާއި ބައްޕަ ދެކެއެވެ. ނަމަވެސް އެ ކަމުގައި އަހަރެން ކުރާނީ ކީއް ހެއްޔެވެ؟ ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ކާޑުތައް ނެގީ ސާނިހުބެކަން އެނގޭ ނަމަ ކަންކުރާނީ އެ ގޮތަކަށް ނޫނެވެ. ސާނިހުބެގެ އެ އަމަލާމެދު ބައްޕަ އައީ ރުޅިއެވެ. ފާޅުކުރީ ހިތްހަމަ ނުޖެހުމާއި ނުރުހުމެވެ.

" މިއީތަ ސާނިހުއަށް ކުރަން އެނގުނު ކަމަކީ؟ އަދިވެސް ރުޅި އަންނަންވީ އަހަރެމެން ދެކެތަ؟ މި ކާޑުނެގިކަން ކުރިން ބުނިނަމަ މިހެން ވީސްތަ؟ ބަލަ މިއީ ސާނިހުގެ އެއްޗެއް ނޫނޭ. އަހަރެން ގާތުގައި ބުނެލި ނަމަވެސް މި ކާޑު ދިނީސް. ވޯޓު ވެސް ދިނީސް. ޕާޓީއާ ހެދި މޮޔަވެފައި ތި ހުންނަނީ ވަކި ވަރަކަށް ނޫނިއްޔަ. ހަނދާން ކުރާތި. މަގޭ ވޯޓަކީ މަގޭ ހައްގެއް. ކޮންމެ ކަމެއްގައި ވަގު ހަދަން ނޫޅޭތި" ބައްޕަގެ ވާހަކަތައް މެދުކަނޑުވާލީ އަހަރެންނެވެ. އެ ވާހަކަތައް އިތުރަށް ދައްކުވަން އަހަރެން ބޭނުންނުވީއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ސާނިހުބެ ގެންދިޔައެވެ. އެކަމުގައި ބަންދުކުރިއެވެ. ކުށްވެރިވިއެވެ. އެންމެ ފަހުން ވޯޓުލީ އިރު ވެސް ސާނިހުބެ ހުންނަން ޖެހުނީ ބަންދުގައެވެ. އެކަމުން ސަލާމަތްވީ އިންތިޚާބުގެ ނަތީޖާ އިޢުލާނުކުރި ފަހުންނެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
އަދަބީ މުބާރާތްތަކުން ތުޅާދޫއަށް ބޮޑު ކާމިޔާބެއް
1 month ago 0 Comments
ޓާގެޓް ވަން ޑޭ ކަޕްގެ ޗެންޕިއަންކަން އިޓް ހާރޓްސްއަށް
2 months ago 0 Comments
ތުޅާދޫ އިހުގެ ހުކުރު މިސްކިތް ތަޅާލައި އާ މިސްކިތެއްގެ ބިންގާއެޅުން
2 months ago 0 Comments
ގައުމީ ހޭންޑްބޯލް މުބާރާތުގެ ޗެންޕިއަންކަން ތުޅާދޫ ޔަންގް އީގަލްއަށް
2 months ago 0 Comments