
ފިނާ މި މުބާރާތުގެ ފަޚުރުވެރި 1ވަނަ ހޯދާފައިވަނީ ގަދަ ފަސް ބައިވެރީންގެ ތެރޭގައި ހިމެނި އެންމެ ފަހުން ހުށަހެޅި "މެގަޒިން" ހުށަހެޅުންތަކުން ފަނޑިޔާރުންގެ 70 އިންސައްތަ މާކުހާއި އެހުންތެރީންގެ 30 އިންސައްތަ ވޯޓާއެކު ލިބުނު ނަތީޖާއިންނެވެ.
މިރޭ ނަތީޖާ ފަޅުކުރުމަށް ޓީވީ މޯލްޑިވްސްގެ ސްޓޫޑިއޯގައި ކުރިއަށް ގެންދިޔަ ލައިވް އިވެންޓުގައި މުބާރާތުން 1ވަނަ ހޯދި ފިނާއަށް ވަނީ 25 ހާސް ރުފިޔާއާއި ދިވެހިރާއްޖޭގެ އަޑުގައި 1އަހަރު ދުވަހު މަސައްކަތް ކުރުމުގެ ފުރުޞަތާއި އުމްރާ ދަތުރެއްގެ އިތުރުން އެތައް އިނާމެއް ލިބިފައެވެ. މި މުބާރާތުން 2ވަނަ ހޯދީ ލަޝަން މުޙައްމަދެވެ. ލަޝަންއަށް ވަނީ 20 ހާސް ރުފިޔާއާއި އެތައް އިނާމެއް ލިބިފައެވެ. 3ވަނަ ހޯދީ ޢަލީ ޖައިޝަން ޢާމިރެވެ. ޖައިޝަންއަށް ވަނީ 15 ހާސް ރުފިޔާއާއި އެތައް އިނާމެއް ލިބިފައެވެ.
ފިނާއަށް 1ވަނަ ލިބުނުކަން އިޢުލާން ކުރެވުނު ވަގުތު
މުބާރާތުން 1ވަނަ ހޯދުމަށް ފަހު ފިނާ ބުނީ މިއީ ހަޔާތުގައި އައި އެންމެ އުފާވެރި އެއް ވަގުތުކޮޅުކަމަށާއި މި ކާމިޔާބީ ލިބުމުގައި އެތައް ބައެއްގެ އެހީތެރިކަން ފާހަގަކުރާ ކަމަށެވެ. އޭގެ ތެރެއިން ވެސް އޭނާގެ މަންމަ ފިނާ ފާހަގަކުރިއެވެ. އަދި އާއިލާއަށާއި އެހީތެރިންނަށް ޝުކުރު އަދާކުރިއެވެ.
ފިނާގެ މަންމަ ނަތީޖާ ހަފުލާގެ ތެރެއިން
ފިނާއަކީ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގައި ބ. އަތޮޅަށް ވަނަ ހޯދައިދިން ފުރަތަމަ ބައިވެރިޔާއެވެ. އަދި މި މުބާރާތުގައި ތުޅާދޫއަށް މި ޓްރޮފީ ހޯދައިދިން ފުރަތަމަ ބައިވެރިޔާ ވެސް މެއެވެ. އަދި މުބާރާތުގެ ތާރީޚުގައި ވެސް ފޭން ފޭވަރިޓް އެވޯޑް ޖެހިޖެހިގެން 3 ފަހަރު އުފުލައިލި ހަމައެކަނި ބައިވެރިޔާ ވެސް މެއެވެ.