
އަހުމަދު މުޙައްމަދަކީ ތުޅާދޫ މާމުދިން އިދުރީސްގެ ދަރި، މުޙައްމަދު އިދުރީސްގެ ދަރިފުޅެވެ. 1949ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 2ވަނަ ދުވަހު އުފަންވެވަޑައިގެންނެވި އަޙުމަދު މުޙައްމަދު ތަޢުލީމީ ހަޔާތް ފެށްޓެވީ ތުޅާދޫ ސްކޫލުންނެވެ. ތުޅާދޫ ސްކޫލުގެ ތަޢުލީމީ ދައުރަށް ފަހު އިތުރަށް ތަޢުލީމު ހޯއްދެވުމަށް ބޮޑު އަހަންމަދު އޭދަފުށްޓަށް ވަޑައިގަތީ 1964ހާ ހިސާބުގައެވެ. އެ އަހަރު އޭދަފުށީ ބަހިއްޔާ ސްކޫލުގައި ކިޔަވަން ތުޅާދޫން ފުރުޞަތު ލިބުނު 5 ދަރިވަރުންގެ ތެރޭގައި އަޙުމަދު ވެސް ހިމެނިވަޑައިގަތެވެ.
"އޭރު އަޅުގަނޑުމެންނާ އެކު އަޙުމަދު ވެސް ބައިވެރިވި. ތުޅާދޫން 5 މީހަކު އެ ބުރު ކިޔަވަން ދިޔަ. އަޅުގަނޑުމެން ކިޔެވީ ބަހިއްޔާ ސްކޫލުގައި. އެ ތަނުގައި 2 އަހަރުވަރު ވަންދެން ކިޔަވަން އުޅުނިން. އަހުމަދަކީ އަބަދުވެސް ކިޔެވުމަށް ލޯބިކުރި މީހެއް. އެކި ހުނަރުތައް ދަސްކުރުމަށް ވަރަށް ޝައުގުވެރި ފާޑުވެރި މީހެއް" އަހުމަދާއެކު އޭދަފުށީ ބަހިއްޔާގައި ކިޔަވާ ވިދާޅުވި ތުޅާދޫ ރަނގަލި، ޒަކަރިއްޔާ ޢަލީ ވިދާޅުވިއެވެ.
ބޮޑު އަހަންމަދުގެ ޢަމަލީ ޚިދުމަތުގެ ބައެއް ސަފުހާތައް ގުޅިފައިވަނީ އަޙުމަދު ވެސް އެންމެ ފުރަތަމަ ކިޔަވައި ވިދާޅުވި ރާއްޖޭގައި 3ވަނައަށް އެންމެ ގިނަ ދުވަސްވީ ސްކޫލު، ތުޅާދޫ ސްކޫލާއެވެ. އަޙުމަދަކީ އެ ސްކޫލުގައި ދިވެހި ކިޔަވައިދެއްވި އެދުރެކެވެ. އަރަބިތާނަ ލިޔުން ދަރިވަރުންނަށް ދަސްކޮށްދެއްވި ހީވާގި ޓީޗަރެކެވެ. އާންމު މަޢުލޫމާތުން ދަރިވަރުންގެ ހިތްތައް އަތުލެއްވި ހުނަރުވެރިއެކެވެ.
ތުޅާދޫ ސްކޫލުގެ ކުރީގެ ނާޒިރު އަޙުމަދު މުޙައްމަދު ވިދާޅުވީ ބޮޑު އަހަންމަދާއެކު ކިޔަވާށާއި ކިޔަވައިދިނުމުގައި ވެސް މަސައްކަތް ކުރެވުނުކަމަށެވެ.
"ދެ މީހުން އެއްކޮށް ކިޔަވަން އުޅުނީ އޭދަފުށީ ބަހިއްޔާ ސްކޫލުގައި. ދެ މީހުންނަށް ވެސް ކިޔަނީ އެއް ނަމެއް. އެހެންވެ ބައެއް މީހުންނަށް އޮޅޭތީ އެކަކަށް ބޮޑު އަހަންމަދު، އަނެކަކަށް ކުޑަ އަހަންމަދު ކިޔަން ފެށުނީ. އެހިސާބުން އެ ނަން ހަރުވިކަމަށް ގަބޫލުކުރެވުނީ. އޭގެ ފަހުން ތުޅާދޫ ސްކޫލުގައި ވެސް އެކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުނު" ތުޅާދޫ ސްކޫލުގެ ދިގުމުއްދަތުގެ ޚިދުމަތްތެރިޔާ އޮޅުންފިލުވައިދެއްވިއެވެ.
ތުޅާދޫ ސްކޫލުގެ ކުރީގެ އިމާރާތުގެ ކުރިމަތީ ސްކޫލުގެ ވެރީންނާއި ދަރިވަރުން. ކުރީބަރީގެ ކަނާތްފަރާތުން 3ވަނައަށް އިށީނދެވަޑައިގެން އެ އިންނެވީ ބޮޑު އަހަންމަދު
"ތުޅާދޫ ސުކޫލަށް ޚިދުމަތްކުރައްވަން އަޙުމަދު ފައްޓަވާފައި ވާނީ 1975ގައި. އެ ދުވަސްވަރު ދެ މާއްދާއެއް ކިޔަވައިދެއްވި ހަނދާންވޭ. އެއް މާއްދާއަކީ ދިވެހި. އަނެއް މާއްދާއަކީ އަރަބިތާނަ. އޭރުގެ ނިސްބަތުން އަހުމަދަކީ މޮޅު ޓީޗަރެއް. ޚާއްޞަކޮށް އަރަބި ތާނަ ލިޔުމުގައި ފާހަގަކޮށްލެވޭ ޓީޗަރެއް. ސްކޫލަށް ބޭނުންވާ އެކި ކަންކަމުގައި އެގި ރޮނގުތަކުން ވެސް އަޙުމަދުގެ އެހީތެރިކަން ލިބެމުން ދިޔަ. ރާއްޖޭގެ ސްކޫލެއްގެ ދަރިވަރުން ބައިވެރިކޮށްގެން ސްކޫލަކާ ގުޅިގެން ތައްޔާރުކުރެވުނު ފުރަތަމަ ފިލްމު "ތަރުބިއްޔަތު" ފިލްމުގައި ޕްރިންސިޕަލެއްގެ ރޯލު ވެސް ބޮޑު އަހަންމަދު ކުޅުއްވި" ތުޅާދޫ ސްކޫލަށް ސަރުކާރުން ހަމަޖެއްސެވި ފުރަތަމަ ނާޒިރު އަޙުމަދު މުޙައްމަދު ވިދާޅުވިއެވެ.
ތުޅާދޫ ސްކޫލުގައި ބޮޑު އަހަންމަދު ކިޔަވައިދެއްވި ދަރިވަރެއްކަމުގައިވާ ޑރ. އަމީން އިބްރާހީމް ވިދާޅުވީ އެ މުދައްރިސް ތިން މާއްދާއެއް ކިޔަވައިދެއްވި ހަނދާން ހުންނަ ކަމަށާއި އެ މާއްދާތަކުން އެންމެ ބޮޑަށް ފާހަގަވީ "އާންމު މަޢުލޫމާތު" މާއްދާ ކަމަށެވެ.
" ބޮޑު އަހަންމަދުބެއަކީ ވަރަށް ރަނގަޅަށް ފިލާވަޅު އޮޅުންފިލުވައިދެއްވި ޓީޗަރެއް. އޭރު ކިޔަވައިދެއްވި އާންމު މައުލޫމާތު މާއްދާގެ ދަށުން އާންމު ސިއްހަތުގެ ޔުނިޓަކާއި ޖޯގުރަފީގެ ޔުނިޓެއް ވެސް އޮވޭ. އެ ބައިތައް ކިޔަވައިދެއްވިލެއް ވަރަށް ޝައުގުވެރި. އަދި ވަރަށް އާ މަޢުލޫމާތު އޭރަށް ބަލާއިރު ލިބުނު. އޭގެ އިތުރުން ދިވެހި މާއްދާ ވެސް ބައެއް ކުލާސްތަކަށް ކިޔަވައިދެއްވި. އަދި އަރަބިތާނަ ލިޔުމަކީ ވެސް ބޮޑު އަހަންމަދުބެ ކިޔަވައިދެއްވި މާއްދާއެއް. ވަރަށް ރީތިކޮށް ލިޔުއްވާނެ. އެއީ ދަރިވަރުންގެ ލޯބި ހޯއްދެއްވި މުދައްރިސެއް. އަދި ވަރަށް އިހުތިރާމް ކުރެވޭ ގަދަރު ކުރެވޭ ޚިދުމަތްތެރިއެއް" ބޮޑު އަހަންމަދުބެގެ ކިޔަވައިދެއްވުމާ މެދު އަމީން ވިދާޅުވިއެވެ.
ބޮޑު އަހަންމަދުގެ ޚިދުމަތުގެ ދިގު މާޒީ ގުޅިފައިވަނީ ވެރިކަމުގެ ދާއިރާގައެވެ. ތުޅާދޫ ކުރީގެ ބޮޑު ކަތީބު އުސްމާނު ޢަލީ ވިދާޅުވީ ބޮޑު އަހަންމަދަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ވެރިކަމުގެ ތެރޭގައި މަސައްކަތް ކުރެއްވި ހަރުދަނާ ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑަށް ކަތީބުކަން ލިބުނީ 1992ހައި ތާނގައި. އޭރު ވެސް ބޮޑު އަހަންމަދު ހުންނެވީ ކުޑަ ކަތީބު ކަމުގައި. އެކަން ލިބިވަޑައިގަތުމުގެ ކުރިން ވެސް އަހަންމަދަކީ އޮފީސް ދާއިރާގައި މަސައްކަތް ކުރެއްވި ޚިދުމަތްތެރިއެއް. 1979ހާ ތާނގައި ވެސް އޮފީގައި އުޅުއްވި. ވަރަށް ގިނަ ދުވަސްވަންދެން އެ ޚިދުމަތުގައި ދެމިހުންނެވި. އަޅުގަނޑު ރިޓަޔަރ ކުރަން ދެން ވެސް އަހަންމަދު އެ ޚިދުމަތުގައި ހުންނެވި. އަހަންމަދު ކުރައްވާ ކޮންމެ ކަމެއްވެސް ކުރައްވާނީ ކެރިގެން ވަރަށް ހަރުދަނާކަމާއެކު." އުސްމާނު ކަތީބު ވިދާޅުވިއެވެ. ބޮޑު އަޙުމަދުގެ ސިޔާސީ ހަޔާތް ނިންމާލެއްވި އިރު ހުންނެވީ ތުޅާދޫ ކަތީބުކަމުގައެވެ. ތުޅާދޫއަށް ޖެހުނު ކޮންމެ ބޮޑުކަމެއް ހައްލު ކޮށްދެއްވުމުގެ އިސްސަފުގައި ރަށުގެ ވެރިއެއްގެ ހައިސިއްޔަތުން ބޮޑު އަހަންމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ތުޅާދޫގައި ކުރިއަށް ދިޔަ ރަސްމިއްޔާތަކަށް ފަހު ބައެއް ބޭފުޅުން ފޮޓޯއަކަށް ހުއްޓިވަޑައިގެން، ވާތްފަރާތުގައި ބޮޑު އަހަންމަދު
ބޮޑު އަހަންމަދަކީ ތުޅާދޫގެ އެތައް ދަރިއަކަށް ސިއްހީ ފަރުވާ ދެއްވުމުގައި ވެސް އެހީތެރިއެކެވެ. ބޮޑެތި ބަލިތަކާއި ކުއްލިއަކަށް ދިމާވާ ކަންކަމުގައި އަވަސް ފަރުވާ ދެއްވުމުގައި ވެސް ނަމޫނާއެކެވެ. މި އެހީތެރިކަން އެންމެ ބޮޑަށް ފާހަގަކުރައްވަނީ ތުޅާދޫގައި ފުޅޫމާކަމާއި ސިއްޙީކަންކަން ގިނަ ދުވަސްތަކެއްވަންދެން ކުރެއްވި ތުޅާދޫ، އިރާކް، މަރްޔަމް އަބޫބަކުރު (މަރިޔައްތަ) އެވެ.
"އަހަރެންގެ ސިއްހީ ޚިދުމަތުގައި އެންމެ އެހީތެރިވި އެކަކީ ބޮޑު އަހަންމަދު. އެއީ ވަރަށް ބިރުކުޑަ ޖެހިލުން ކުޑަ މީހެއް. ސިއްހީ ވަރަށް ގިނަ ކަންކަމުގައި ލަފަޔާއި އިރުޝާދު ދެއްވި ވިސްނުންތެރިއެއް. އަހަރެންދިން ޚިދުމަތްތަކުގައި ފިރިހެނުންނަށް ބޭސްގަނޑު އަޅައިދެއްވަނީ ބޮޑުއަހަންމަދު. އަންހެނުންގެ ބޭސްގަނޑު އަޅައިދިނުމުގައި އަހަރެން އުޅެނީ. ދިވެހީބޭސް ކުރުމުގައި އެ ވަރެއް ނޯންނާނެ. ވަރަށް ގިނަ ބޭސްތައް ދެނެވަޑައިގަންނަވާނެ. އޭދަފުށީގައި ވެސް އުޅޭނެ އަހަރެމެން ޚިދުމަތްދިން ބައިވަރު މީހުން. ފިލާގަނޑު އެއްޗެހި ބަނުމުގައި އެންމެ އިސްކޮށް އުޅޭނީ އަހަންމަދު" ގިނަ ދުވަސްތަކެއް ވަންދެން ޓީޗަރެއްގެ ވަޒީފާ އަދާކުރެއްވި މަރިޔައްތަ ބުނުއްވިއެވެ.
ތުޅާދޫ، އާހަމަ، މޫސާ ޢަބްދުﷲ ވެސް ބޮޑު އަހަންމަދުގެ ސިއްހީ އެހީތެރިކަމަށް ތަޢުރީފު ކުރެއްވިއެވެ.
"މަށަކީ ހަސަންބެ ބޮލަށް ބިގަރު ވެއްޓިގެން އެ ކަމުގައި ފަރުވާދިން އިރު އެންމެ ގާތުގައި ހުރެ އެ ފަރުވާ ދިނުމުގައި ބައިވެރިވި އެކަކު. އެ މަންޒަރު ފެނިއްޖެ ނަމަ ހެޔަށް ވެސް ގޮތްވާވަރުވާނެ. އެހާވެސް ގިނައިން ހަސަންބެގެ މޫނުން ލޭ އަންނަމުން ދިޔަ. ލޮލުގެ މަތީ ބޮނޑި އެއްކޮށް އޮތީ ފަޅައިގެން ގޮސްފައި. ވަރަށް ހިތްވަރު ކޮށް، ބޮޑު އަހަންމަދުގެ އެތައް މަސައްކަތަކުން ލޭމަނާކުރެވުނީ. އަދި އެ ތަން ފެހުމުގެ މަސައްކަތް ފެށީ ވެސް އަހަންމަދު. އޭގެ ފަހުން ހަސަންބެ މާލެ ގެންދެވުނީ. އޭރު ސެންޓްރަލް ހޮސްޕިޓަލުން ބެލި ޑޮކްޓަރުން ވެސް ތުޅާދޫން ހަސަންބެއަށް ދީފައިވާ ފަރުވާއަށް ތަޢުރީފުކުރި ކަމަށް ވަނީ. އެމީހުން ބުނިކަމަށްވަނީ ފެހުން ވެސް ވަރަށް ރަނގަޅޭ. އެހާ އަވަހަށް އެ ފަރުވާ ދެވުމަކީ ހަމަ ނަސީބޭ" މޫސަ ބުނުއްވިއެވެ.
ބޮޑު އަހަންމަދުގެ ބޭސްވެރިކަމުގެ ތަޖުރިބާ ހިއްސާކުރައްވަމުން ތުޅާދޫ ވައިމަތީގޭ އަބޫބަކުރު އަޙުމަދު ވިދާޅުވީ ބޮޑުއަހަންމަދަކީ އެ ދުވަސްވަރުގެ "ޑޮކްޓަރު" ކަމަށެވެ.
" ކޮންމެވެސް ވަރަކަށް ނޫން ހަމަ ގަދަޔަށް ބޭސްވެރިކަން ކުރި. އަޅުގަނޑު ހަނދާން އެބަ ހުރި އަޅުގަނޑު ކުޅެން އުޅެނިކޮށް ފައިގެ ޝަހާދަތް އިނގިލި ބިންދައިގެން ގޮސް ކަށިގަނޑު ނުކުތް ދުވަސް. އެ ދުވަހު ވެސް ވަގުތުން ދަނޑުމަތީގައި ފަރުވާފެށި. ބުޅިއެއް އަޅުވާފައި ކަށިގަނޑު އެތެރެއަށް ވެސް ވެއްދީ. އެއްބޭސްގަނޑު އެޅީ އެންމެ ފަހަރަކު. ރަނގަޅުވި. އެއީ އަޅުގަނޑުމެން ޒުވާން ދުވަސްވަރުގެ ޑޮކްޓަރު. ކޮންމެ ކަމެއް ވިޔަސް އަހަންމަދު ހުންނާނީ" ބަކުރުބެ ވިދާޅުވީ އެ ދުވަސްވަރު ބީރައްޓެހީން ވެސް އަހަންމަދު ގާތަށް ފަރުވާ ހޯދަން އަންނަ ކަމަށެވެ.
" އޭދަފުށިން، ހިތާދޫން ވެސް މީހުން އާދޭ. އެކި ރަށްރަށުން އަހަންމަދުގެ ބޭނުން ހިފި. އެއީ ވަރަށް އިތުބާރު ކުރެވޭ ބޭސްވެރިއެއް" ތުޅާދޫގެ އިޖުތިމާޢީ ޚިދުމަތްތެރިޔާ ބަކުރުބެ ވިދާޅުވިއެވެ.
ބޮޑު އަހަންމަދަކީ ތުޅާދޫ ފުޓްބޯޅައިގައި ތަރިއެކެވެ. އެއީ އެ ދުވަސްވަރުގެ އެންމެ އިތުބާރު ކެޕްޓަނެވެ. ގޯލާ އެންމެ ރައްޓެހި ފޯވާޑެވެ. ބޮޑު އަހަންމަދުގެ އެންމެ ޒުވާން ދުވަސްވަރު އެކުގައި ކުޅުއްވި ތުޅާދޫ ހިމެރި، ޢަލީ އިބްރާހީމް (ކުންނާރު އައްޔަ) ބުނުއްވީ ބ. އަތޮޅުން ވެސް އެންމެ ފާހަގަ ކުރެވުނު ކުޅުންތެރިންގެ ތެރޭގައި އަހަންމަދު ހިމެނޭނެ ކަމަށެވެ. އައްޔަގެ ވާހަކައަށް އިތުރު ބާރެއް ލައްވަމުން ބަކުރުބެ ހަނދާން ކުރެއްވީ މާލޭގައި އޮތް ގައުމީ ފުޓްބޯޅަ މުބާރާތުގައި ތުޅާދޫ މަސްވެރީންގެ ޖަމިއްޔާ "ޖަމިއްޔަތުލް މުވާސާތު" ގެ ނަމުގައި ބައިވެރިވި ބ. އަތޮޅުގެ ފުޓްބޯޅަ ޓީމުގެ މަތިންނެވެ.
އެއީ ފުޓްބޯޅައިގެ ރަންޒަމާނެވެ. 1978ވަނަ އަހަރެވެ. ފުޓްބޯޅަ ދަނޑުގައި ވިކްޓަރީ ރަސްކަން ކުރަމުން ދިޔަ ދުވަސްވަރެވެ. ތުޅާދޫ މަސްވެރީންގެ ޖަމިއްޔާ "ޖަމިއްޔަތުލް މުވާސާތު" ން ތައްޔާރުވަމުން ދިޔައީ ގައުމީ ފުޓްބޯޅަ މުބާރާތަށެވެ. އެ އަހަރަކީ އޭދަފުށީގެ ޓީމެއް ގައުމީ މުބާރާތުގައި ބައިވެރިނުވާ އަހަރެއް ކަމުން ތުޅާދޫ ޓީމުގައި އޭދަފުށީގެ ކުޅުންތެރިން ވެސް ބައިވެރިވިއެވެ. ތުޅާދޫ ޓީމާ ވާދަކުރަން ޖެހުނީ ގަދަފަދަ ވިކްޓަރީއާއެވެ. އެ ޓީމު ދަނޑަށް އެރީ ރަތް ޖާޒީއާ އެކު ބޫޓުގައެވެ. ތުޅާދޫ ޓީމު ކުޅުނީ ހުސްފަޔާއެވެ. އެ ދުވަހު ވިކްޓަރީ ޓީމު ބަލިން ސަލާމަތްވި ނަމަވެސް މެޗުގައި އެންމެ ފާހަގަ ކުރެވުނު އެއް ކުޅުންތެރިޔަކީ ތުޅާދޫ ޓީމުގެ ފޯވާޑު އަދި ޓީމުގެ ކެޕްޓަނު ބޮޑު އަހަންމަދެވެ.
"އެ މުބާރާތުގައި ބައިވެރިވި ޓީމުގައި އޭދަފުށީގެ ކުޅުންތެރިންނާއި ތުޅާދޫ ކުޅުންތެރިން ކުޅުނީ. އެއީ 1975 ހާ ތާނުގައޭ ހަނދާންވަނީ. އޭރު ޓީމު މާލެ ގޮސް ކައްކާކެއީ ތޯއިފުގައި. މީހުން ތިބީ ހުސައިން ޔޫސުފްމެން ގޭގައި. ހުރިހާ ޚަރަދެއްކޮށް އެކަން ކުރެއްވީ ހުސައިން ޔޫސުފް" ބަކުރުބެ ވިދާޅުވިއެވެ.
ބޮޑު އަހަންމަދުގެ ތުޅާދޫ ކުޅިވަރާ ގުޅިފައިވާ އިރު އިޖުތިމާޢީ ކަންކަމުގައި ވެސް އެއީ ދެވަނައެއް ނެތް ބައިވެރިއެކެވެ. ތުޅާދޫ ސްޕޯޓްސް ކުލަބު އަލަށް ރަޖިސްޓްރީ ކުރެވުނު އިރު އެ ކުލަބުގެ އެއް މުއައްސިސަކީ ވެސް ބޮޑުއަހަންމަދެވެ.
"ކުލަބުގެ ވަރަށް ގިނަ ކަންކަމުގައި އިސްކޮށް އުޅުއްވި ބޭފުޅެއް ބޮޑު އަހަންމަދަކީ. ކުލަބު ރަޖިސްޓްރީ ކުރި އިރު އެއް މުއައްސިސަކީ ވެސް އަހަންމަދު. އޭރު ހިނގުނު ކޮންމެ ހަރަކާތެއްގައި ވެސް އަމަލީގޮތުން އަހަންމަދު ވެސް އުޅުއްވި. އެކި ކަންކަމުގައި ލަފައާއި މަޝްވަރާ ވެސް ދެއްވި. އެއީ ކުލަބުގެ ވެސް ޚިދުމަތްތެރިއެއް" ތުޅާދޫ ސްޕޯޓްސް ކުލަބުގެ ކުރީގެ ރައީސް ޙުސައިން ރަޝީދު ޢަބްދުﷲ ވިދާޅުވިއެވެ.
1990ވަނަ އަހަރުގެ މައުރަޒުން 1ވަނައަށް ދިޔަ ބޮޑު އަހަންމަދު ހެއްދެވި މާޖަހާ ވާސް
ބޮޑު އަހަންމަދަކީ ފަންނުވެރި ހުނަރުވެރިއެވެ. ފިސާރި ފާޑުވެރިއެކެވެ. ލިޔެލާ ޖެހުމާއި ލާފެންކުރުމުގައި ތުޅާދޫން ހޮވާލެވޭ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ ނަމެކެވެ. ދިވެހި މަސައްކަތްތެރިކަމުގެ މަޢުރަޒުތަކުގެ ރަންވަނަތައް ހޯއްދަވައި އެތައް ފަހަރަކު އެ ނަން ތަކުރާރުކޮށް އިވުނު ނަމެކެވެ. ބޮޑު އަހަންމަދުގެ އުމުރުން އެންމެ 21 އަހަރުގައި ލިޔެލާޖެހުމުގެ ކާމިޔާބީ ސަފުހާތައް ލިޔުއްވަން ފެށްޓެވިއެވެ. މިގޮތުން 1970ގައި ބޭއްވުނު ރާއްޖެތެރޭގެ އަތްތެރި މަސައްކަތާއި އަތުމަސައްކަތުގެ މަޢުރަޒުގެ 3ވަނަ ލިބުނީ ތުޅާދޫ ޢަބްދުއްރަޙުމާން ޢަބްދުﷲ އާއި ބޮޑު އަހަންމަދު ހެއްދެވި ޓެނިސް ރެކެޓަށެވެ. 1988ވަނަ އަހަރު ބޭއްވި މަޢުރަޒުން ލިޔެލާޖެހުމާއި ލާފެންކުރުމުން 1ވަނައަށް ހޮވުނު ދެ ބައިވެރީންގެ ތެރޭގައި ވެސް ބޮޑު އަހަންމަދާއި އޭނާގެ ބައްޕަ ލިޔާގޭ މުޙައްމަދު އިދުރީސް ހޮވުނެވެ. 1990ވަނަ އަހަރު ބޭއްވި 28ވަނަ މަސައްކަތްތެރިކަމުގެ މަޢުރަޒުގައި ލިޔެލާޖެހުމާއި ލާފެންކުރުމުގެ ބައިން 1ވަނަ ހޯއްދެވީ ވެސް ބޮޑު އަހަންމަދު ހެއްދެވި މާޖަހާ އެއްޗެވެ. 1996ވަނަ އަހަރު ބޭއްވި ދިވެހިރާއްޖޭގެ މަސައްކަތްތެރިކަމުގެ 30ވަނަ މަޢުރަޒުގައި ލިޔެލާޖެހުމާއި ލާފެންކުރުމުން 1ވަނަ ހޯއްދެވީ ވެސް ބޮޑު އަހަންމަދު ތައްޔާރުކުރެއްވި މާޖަހާ އެއްޗެވެ. މި ފަދަ ކިތަންމެ ރަން ކާމިޔާބެއް ބޮޑު އަހަންމަދުގެ ރަނުގެ ސަފުހާގައި ވަނީ ލިޔެވިފައެވެ.
މާމަދަރިންނާއި ބޮޑު އަހަންމަދާއި އަނބިކަނބަލުން
މި ކާމިޔާބީތައް ފާހަގަކުރަމުން ބޮޑު އަހަންމަދުގެ އަނބިކަނބަލުން ޝަހީދާ ޢަފީފު ބުނީ އަހަންމަދަށް ލިބިލެއްވި ކޮންމެ ކާމިޔާބަކީ އަމަލީ މަސައްކަތުން ހޯދި ކާމިޔާބެއްކަމަށެވެ.
"އަހުމަދަކީ ވަރަށް ޖެހިލުން ކުޑަ، ކަންކަމުގައި ފަސްނުޖެހޭ ބިރުކުޑަ ހިތްވަރުގަދަ މީހެއް. އަބަދުވެސް އިތުރު ގޮތްތަކެއް ހޯދާނެ. އެއީ އަހުމަދުގެ ކާމިޔާބީގެ އެއް ސިއްރު. އަހުމަދުގެ ހަޔާތުގެ ގިނަ ވަގުތު ހޭދަކުރީ ރަށުގެ ޚިދުމަތުގައި. އެކިއެކި މަސައްކަތުގައި. އެ ހަނދާންތައް އަހުމަދު މިއަދު ވެސް ކުރައްވާ" އަނބިކަނބަލުން ޝަހީދާ ބުންޏެވެ. އަހުމަދު 11 ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވެ.
ބޮޑު އަހަންމަދުގެ ކުދިންނާއެކު ނަގާފައިވާ ފޮޓޯއެއް
ބޮޑު އަހަންމަދުގެ ޚިދުމަތްތަކީ އެކި ރޮނގުރޮނގުން ތުޅާދޫ ހޯދި އެތައް ކާމިޔާބަކާ ގުޅިފައިވާ ތާރީޚުތަކެކެވެ. ރަށު ސްކޫލަށް ކޮށްދެއްވި ޚިދުމަތެވެ. ވެރިކަމުގެ ދާއިރާއިން ރައްޔިތުންނަށް ފަހި ކޮށްދެއްވި ކަންކަމެވެ. ސިއްހީ އެހީތެރިކަމުން އަޅުއްވައިދެއްވި ބޭސްގަނޑުގަނޑެވެ. ކުޅިވަރުގެ ދަނޑުން ފާހަގަ ކުރެވޭ އުސްއަލިތަކެވެ. ރަށުގެ ލިޔެލާޖެހުމުގެ ފަންނުގައި ރަށަށް ހޯއްދަވައިދެއްވި ރަން ތަށިތަކެވެ. ބޮޑު އަހަންމަދު މިއަދު ބަލި އެނދުގައި އޮންނެވި ނަމަވެސް އެ ދިގު މާޒީން މި ކިޔައިދޭ ކަންކަމަށް ތުޅާދޫ ޝުކުރުވެރިވެއެވެ. ތިޔަ ޚިދުމަތަށް ތަޢުރީފު ކުރެއެވެ. އަބަދުވެސް ފުރިހަމަ ސިއްޙަތެއްގައި ލެހެއްޓެވުން އެދި ދުޢާކުރެވެއެވެ.