
ތުޅާދޫގައި މި ޚިދުމަތް ލޯންޗުކުރީ އުރީދޫ މޯލްޑިވްސްއާއި ތުޅާދޫ ސްޕޯޓްސް ކުލަބާ ގުޅިގެންނެވެ. މި ޚިދުމަތަކީ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ހަލުވި އިންޓަރނެޓް ފޯރުކޮށްދިނުމަށް އުރީދޫއިން ކުރާ މަސައްކަތުގެ ބައެކެވެ. ރޭ ލޯންުޗު ކުރެވުނު މި ޚިދުމަތާއެކު އިންޓަރނެޓްގެ ޚިދުމަތް މިހާރަށް ވުރެ ބޮޑަށް ހަލުވި ސްޕީޑުގައި ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ. ރޭގެ ރަސްމިއްޔާތަށް ފަހު ތުޅާދޫގައި ތިބި 60އަހަރުން މަތީގެ ބޭފުޅުނަށް ޚާއްޞަ ލިޓްރެސީ ޕްރޮގުރާމެއް ކުރިއަށް ގެންދަން ވެސް ކުލަބުން އޮތީ ނިންމާފައެވެ. ނަމަވެސް އެ ޕްރޮގުރާމް މިހާރު ކުރިއަށް ގެންދަން ރާވާފައިވަނީ މިއަދު ހަވީރުއެވެ.
ފައިބަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދެވޭ މި ޚިދުމަތުގެ ސަބަބުން، ބޭންޑްވިތު އިތުރުވެ، ޑޭޓާ ލޭޓެންސީ ދަށްކޮށް، ގޭމް ކުޅުމާއި އޮންލައިން ކިޔެވުމާއި ވީޑިއޯ ސްޓްރީމްކުރުން ފަދަ ކަންކަމަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެއެވެ.
މި ޚިދުމަތް ފެށުމުން، ގިނަ ފަރާތްތަކުން ގަބޫލުކުރަނީ މިއީ ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ޚިދުމަތެއް ކަމުގައެވެ. ޚާއްސަކޮށް، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މި ދުވަސްވަރު، ހަލުވި އިންޓަރނެޓް ލިބުމަކީ ވިޔަފާރިތަކަށާއި، ތަޢުލީމީ ދާއިރާއަށާއި، ސިއްހީ ޚިދުމަތްތަކަށް ވެސް ފަސޭހަތަކެއް ގެނެސްދޭނެ ކަމެކެވެ. ރަށުގެ ރައްޔިތުންނަށް އާ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ވެސް އުންމީދު ކުރެވެއެވެ.