
ތުޅާދޫ، ތުއްތުކުދިންގެ ޕްރީ ސްކޫލަކީ 52 އަހަރުގެ މާޒީއެއް އޮތް، ތުޅާދޫ ސިލްވަރ ޝައިން ކުލަބުގެ އިޖުތިމާޢީ ޚިދުމަތުގެ އެންމެ އަލިގަދަ ހެއްކެވެ. ކުލަބުން ގަބޫލުކުރާ ގޮތުގައި އެ ކުލަބުގެ ދުވަހީ ދިރުމަކީ އެ ކުލަބުން ހިންގާ ޕްރީ ސްކޫލެވެ. އެ ސްކޫލުން ދެމުން އަންނަ މެދުކެނޑުމެއް ނެތް ޚިދުމަތެވެ. އެ ޚިދުމަތް ދެމުން އަންނަނީ އާންމުރައްޔިތުންނާއި ކުލަބުގެ 150 މެންބަރުން އަމިއްލަ މަސައްކަތުން ހިއްކި އަމިއްލަ ކުލަބުގޭގައި ޚާއްޞަ ކުރެވިފައިވާ ކުލާސް ރޫމުގައެވެ.
ތުޅާދޫ ސިލްވަރ ޝައިން ކުލަބުގެ ޗެއަރޕަރސަން އަދި ތުއްތުކުދީންގެ ޕްރީ ސްކޫލުގެ ޕްރިންސިޕަލް ހުސައިން ހަސަން (ހުސޭނުބެ) މެދުގައި
"ކޮންމެ ދުވަހެއްގެ ހެނދުނު ދަރިވަރުން ކިޔަވަން މި އަންނަނީ ކުލަބުގެ އިމާރާތުގައި ހަދާފައިވާ ކުލާސް ރޫމަށް. އެ ދަރިވަރުންނާއި ބެލެނިވެރިން ކޮންމެ ދުވަހަކު މި ކުލަބުގެ އިމާރާތަށް ވަދޭ. ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދާ ގޮތް ބަލައި. މި ޚިދުމަތަކީ ކުލަބުން ދެމުން އަންނަ ވަރަށް މުހިންމު ޚިދުމަތެއް. މި ޚިދުމަތް ފެށި ފަހުން އެއްވެސް އަހަރަކު މި ޚިދުމަތް ނުދެވި މެދުކެނޑިފައެއް ނުވާނެ. ވަރަށް ދަތި ހާލުގައި ވެސް މިކަން ކުލަބުން ކޮށްފި. މި ހިސާބަށް މި އާދެވުނީ ވަރަށް މަސައްކަތުން. މިއަދު ވެސް މިދަނީ އެ ޚިދުމަތް ދެމުން" ކުލަބުގެ ޗެއަރޕާސަން އަދި ޕްރީ ސްކޫލުގެ ޕްރިންސިޕަލް ޙުސައިން ޙަސަން (ހުސޭނުބެ) ވިދާޅުވިއެވެ.
ހަގީގަތުގައި ވެސް ތުއްތުކުދީންގެ ޕްރީ ސްކޫލަކީ ހިލޭސާބަހުގެ ފުރިހަމަ ނަމޫނާއެކެވެ. އެތައް ބައެއްގެ މަތިވެރި ގުރުބާނީ އެ ކަމުގައި ޝާމިލުވާ ޚިދުމަތެކެވެ. މި ޚިދުމަތާ މެދު ކުލަބުގެ މަސްޢޫލުވެރިޔާ ޒަކަރިއްޔާ ޢަލީ ވިދާޅުވީ އެއީ ތުޅާދޫގައި ތަޢުލީމީ ޖީލެއް ބިނާކުރުމުގައި ކުލަބުގެ ހިއްސާ އޮތްކަން އެނގޭ ދަލީލުކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވީ ތައުލީމީ ކަންކަމުގައި ވެސް ތުޅާދޫ ރައްޔިތުންނަށް އެހީތެރިކަމެއް ވެދޭން. ކޮށްދެވެން އޮތް ކަމެއް ނަމަ ކޮށްދޭން. އެ ނިޔަތުގައި ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން 2003ވަނަ އަހަރު ތުއްތުކުދީންގެ ޕްރީ ސްކޫލުގެ ޚިދުމަތް އަޅުގަނޑުމެން ފެށީ. މިހާ ހިސާބަށް މި ދެވެނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު" ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުލަބު ޖަމިއްޔާތަކުން މަސްޢޫލުވެރިއެއްގެ ގޮތުގައި އެންމެ ގިނަ ދުވަހު ޚިދުމަތުގައި ދެމިހުންނެވި މަސްޢޫލުވެރިޔާ ޒަކަރިއްޔާ ވިދާޅުވިއެވެ.
ތުޅާދޫ ސްކޫލުގެ ޕްރިންސިޕަލް އިބްރާހީމް ރަޝީދު (މެދުގައި) ކުލަބުގެ މަސްޢޫލުވެރިޔާ ޒަކަރިއްޔާ ޢަލީ (ކަނާތްފަރާތުގައި) ޕްރީ ސްކޫލުގެ ސްޕަވައިޒަރ މުޙައްމަދު މުމްތާޒު (ވާތްފަރާތުގައި)
ޒަކަރިއްޔާ ވިދާޅުވީ މިހާ ގިނަ ދުވަސްވަންދެން ހިލޭ ސާބަހުގެ މި މަސައްކަތް ދެމެހެއްޓުނީ އެތައް ބައެއްގެ ގުރުބާނީން ކަމަށެވެ.
"ފާއިތުވި 20 އަހަރު އަޅުގަނޑުމެން މި ޚިދުމަތް ދެމުން މި ދިޔައީ އެއްވެސް ފީއެއް ދަރިވަރުންގެ އަތުން ނުނަގާ. ފާއިތުވީ ދިގު މާޒީގައި ކުލަބުން މިވަނީ ވަރަށް ބޮޑު ގުރުބާނެއް ވެފައި. ގަބޫލުކުރަން ޖެހޭނެ މިފަދަ ޚިދުމަތެއް ދެވޭ އިރު ކިޔަވައިދެއްވާ މުދައްރިސުންނަށް ބޭނުންވާ ކަންކަން ކޮށްދޭން ޖެހޭކަން. އަދި އެތައް ޚަރަދެއް ކުލަބުން ވެސް ހިނގާނެކަން. އެ ކަންކަން އަޅުގަނޑުމެން ހަމަޖައްސަމުން މި އައީ ކުލަބުގެ ދަށުން ހިންގޭ ކޭބަލް ޓީވީގެ ޚިދުމަތުން ލިބޭ ޢާމްދަނީންނާއި ކުލަބުން ރަޖިސްޓްރީކޮށްފައިވާ ތިއޭޓަރުގައި ފިލްމު އަޅުވައިގެންނާއި ތަފާތު ޝޯވްތައް ދީގެން ހޯދާ އާމްދަނީން. އޭގެ އިތުރުން ދަރިވަރުންނާއި ބެލެނިވެރިންނާއި ކުލަބު ގުޅިގެން ހިންގާ ފަންޑްރައިޒިން ހަރަކާތްތަކުންނާއި އެކި ބޭބޭފުޅުންގެ ދީލަތި އެހީތަކުން" ޒަކަރިއްޔާ ވިދާޅުވިއެވެ.
ޒަކަރިއްޔާ އިތުރަށް ފާހަގަކުރެއްވީ ކިޔަވައިދެއްވި އަދި ކިޔަވައިދެއްވާ މުދައްރިސުންގެ މަސައްކަތާއި ބެލެނިވެރިންގެ ހިތްވަރެވެ.
" އާންޓީން ވެސް އެ ޚިދުމަތް ދެމުން އެ އައީ ތަން ދެކެ ވާ ލޯބިން. މާ ބޮޑު އުޖޫރައެއް ނުދެވުނަސް ޚިދުމަތް ދިނުމަށް ހުންނަ ލޯތްބަކުން. އެއާއެކު ބެލެނިވެރީން އަދި ކުލަބު މެންބަރުން ކުލަބަށްވާ ގުރުބާނީއަކީ ހަގީގަތުގައި މިކަން ދެމެހެއްޓުނު ސަބަބެއް. މިއީ މަތިވެރި ގުރުބާނެއް" ކުލަބުގެ މަސްޢޫލުވެރިޔާ ޒަކަރިއްޔާ ވިދާޅުވިއެވެ.
އެހެން ޕްރީ ސުކޫލްތަކެކޭ އެއްފަދައިން ތުޅާދޫ ތުއްތުކުދީންގެ ޕްރީ ސްކޫލުން ވެސް ޚިދުމަތް ދެމުން އަންނަނީ ވަށާޖެހޭ ތައުލީމެއް ލިބެވޭނެ ފަދަ އެކަށޭނެ ޓީޗަރުންނާއި އިލްމީ މާހައުލާއި ބޭނުންވާ އަސާސީ ހުރިހާ ކަމެއް ދަރިވަރުންނަށް ފަހިކޮށްދީގެންނެވެ.
"މި ޕްރީ ސުކޫލުގައި ބޭނުން ކުރެވެނީ ކުލާސް ރޫމާއެކު ބޭރުވެށީގެ ތަޖުރިބާ ލިބޭނެ ފަދަ ނިޒާމެއް. އެގޮތުން ފިލާވަޅުތަކާ ގުޅޭ ބައެއް ޓޮޕިކްތައް އެކި މާހައުލުތަކުގައި ބޭއްވުމާއި ކަމާގުޅޭ މާހިރުންގެ އެހީތެރިކަމާއެކު ބައެއް ފިލާވަޅުތަކުގެ މަޢުލޫމާތު ދިނުން ފަދަ ކަންކަން ވަރަށް ގިނައިންކޮށް އުޅެން. އަދި ދަރިވަރުންނަށް އުފަލާއި މަޖަލުގެ ތެރެއިން ކަންކަން ދަސްކޮށްދިނުމަށް "ބީޗް ޑޭ" އާއި "ޕޫލް ޑޭ އާއި ޕެއިންޓިންގ ޑޭ" ފަދަ ދުވަސްތައް ކޮންމެ އަހަރަކު ވެސް ފާހަގަކުރެވޭ" ތުއްތުކުދިންގެ ޕްރީ ސްކޫލުގެ ސްޕަވައިޒަރު ޝުހުދާ ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ.
ދަރިވަރުންގެ ތަޢުލީމުގެ ތެރެއިން ތަފާތު މުނާސަބާތަކާއި ދުވަސްތައް ވެސް މި ސްކޫލުން ފާހަގަކުރަނީ އުފެއްދުންތެރި އަދި ދަރިވަރުންނަށް އޭގެ މަންފާ ލިބެނިވި ގޮތަކަށެވެ. ޚާއްޞަކޮށް ރަށުގެ މުއައްސަސާތަކާއި އެހެން ޕްރީ ސްކޫލުތަކާއި ރަށުން ބޭރު ސްކޫލުތަކާއި ރިޒޯތްތަކާ ގުޅިގެން ތަފާތު ހަރަކާތްތައް ހިންގުމަކީ މި މަންފާ ދެ ގުނަވާ ކަމެކެވެ.
ކުޑަކުދީންގެ ދުވަހުގެ ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިވަނީ
"ފާއިތުވީ ދެ އަހަރު ވެސް ތުޅާދޫ ސްކޫލުން ފާހަގަކުރި އެދުރުންގެ ދުވަހުގައި މި ސްކޫލު ބައިވެރިވިން. އަދި 2024 ވަނަ އަހަރު ތުޅާދޫ ކައުންސިލާ ގުޅިގެން ތިމާވެށި ދުވަސް ފާހަގަކުރުމުގެ ގޮތުން ބަނދަރުމަތީ މިސްކިތު ސަރަހައްދުގައި ގަސް އިންދިން. 2024 ވަނަ އަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ބަނދުރުމަތީ ހުސްބިމުގައި ގައުމީ މަހާސަމާއެއް ބޭއްވުނު. މި މަހާސަމާއަށް ރަށުގެ އަނެއް ޕްރީސްކޫލުގެ ދަރިވަރުންނަށާއި މުޅި ރަށަށް ދައުވަތުދެވުނު. ތަފާތު ސަގާފީ އައިޓަމްތައް ހުށަހެޅި ތަފާތު ގިނަ ސްޓޯލްތައް ތައްޔާރުކުރެވުނު މި ހަރަކާތުގައި ރަށުގެ ފަންނުވެރި ބޭބޭފުޅުންގެ އެހީތެރިކަމާއި އިރުޝާދު ހޯދައި އެ ފަރާތްތަކާއެކު މަހާސަމާގައި އެކި މަސައްކަތްތަކާއި ހުނަރުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ތުއްތު ކުދީންނަށް ފަހިކޮށްދެވުނު" ނާސަރީ މުދައްރިސް ފާޠިމަތު ޒީލާން ފާހަގަކުރެއްވީ ކުރެވިފައިވާ މަސައްކަތްތަކުން ބައެކެވެ.
ޕްރީ ސްކޫލުގެ ދަރިވަރުން ބ. ހިތާދޫގައި ހިންގާ ޕްރީ ސްކޫލުގެ ދަރިވަރުންނާ ބައދަލުކުރަނީ
ތުއްތުކުދިންގެ ޕްރީ ސްކޫލުގެ ދަރިވަރުން ވަނީ މުދައްރިސުންނާއި ބެލެނިވެރިންނާއެކު 2018ވަނަ އަހަރު ބ.ހިތާދޫ ޕްރީ ސްކޫލުގެ ދަރިވަރުންނާ ބައްދަލުކުރުމަށް އެ ރަށަށް ވެސް ޒިޔާރަތް ކޮށްފައެވެ. މި ޒިޔާރަތުގެ ތެރެއިން ދެ ސްކޫލުގެ ގުޅުން ބަދަހިކޮށްފައިވާ އިރު ބ. އަތޮޅުގައި އޮންނަ ވައްކަރު މޯލްޑްވްސް ރިޒޯޓަށް ޒިޔާރަތްކޮށް ދަރިވަރުންނަށް ތަފާތު ތަޖުރިބާތަކެއް ވެސް ވަނީ ހޯދައިދީފައެވެ. މީގެ އިތުރުން ތުޅާދޫ ސްކޫލާއި، ކައުންސިލް އިދާރާއާއި އިންޖީނުގެއާއި ސިއްހީ މަރުކަޒުފަދަ މުއައްސަސާތަކަށް ތުއްތުކުދިން ޒިޔާރަތްކޮށް އެ ތަންތަނަށް ޒިޔާރަތްކުރުމުގެ އުފާ ވެސް އެ ތުއްތުކުދިން ވަނީ ހޯދާފައެވެ.
ދަރިވަރުން ވައްކަރަށް ކުރި ދަތުރުގެ ތެރެއިން
ދަރިވަރުންނަށް ދަސްކޮށްދެވޭ ކަންކަމާއި ހުނަރުތައް ދަރިވަރުންގެ ކިބާގައި އަށަގެންފައިވާ މިންވަރު ބެލެނިވެރީންނަށް އެނގުމަކީ ކޮންމެ ބެލެނިވެރިއަކު ވެސް ބޭނުންވާ ކަމެކެވެ. އެކަން ފުރިހަމަ ކޮށްދިނުމަށް މި ސްކޫލުންވަނީ 2024 ވަނަ އަހަރު އަމިއްލަ ރިޕޯޓް ފޮތެއް ނާސަރީ ދަރިވަރުންނަށް ތަޢާރަފު ކޮށްފައެވެ.
"މި އަހަރު ބޭބީ ނާސަރީއަށް ވެސް އަމިއްލަ ރިޕޯޓްފޮތެއް ތަޢާރަފުކުރުމަށް ވަނީ ނިންމާފައި. އަޅުގަނޑުމެން އަލަށް މި ތަޢާރަފުކުރި ރިޕޯޓްފޮތުގައި ދަރިވަރުންގެ ފެންވަރު އަންގައިދޭ ފާހަގަތައް ހިމަނާފައިވާނެ. ގުރުއާނާއި އިސްލާމު، ދިވެހި، އަދި ހިސާބުގެ އެކި ހުނަރުތަކަށް ދަރިވަރު އަހުލުވެރިވެފައިވާ މިންވަރާއި މުއާމަލާތުކުރުމާއި ސައިންސާއި ސޯޝަލް، އަދި އިމޯޝަނަލް ހުނަރުތަކަށް ބަލައިލެވިފައިވާނެ. އަދި ކިޔުމާއި ލިޔުމާއި، ކުރެހުމާއި ފިޒިކަލް ހުނަރާއި ދެ ޓާމުގެ މޮޓޯ ސްކިލްއަށް ވެސް ބަލައިލެވިފައިވާނެ" ރިޕޯޓްފޮތް އެކުލަވާލުމުގައި އިސްކޮށް އުޅުއްވި ޝުހުދާ ބުނުއްވިއެވެ.
ދަސްވެނިވުމުގެ ހަފުލާއެއްގައި ދަރިވަރުން ހަރަކާތްތެރިވަނީ.
ތުއްތުކުދީންގެ ޕްރީ ސްކޫލަކީ ހިލޭ ސާބަހަށް ހިންގާ ސްކޫލެއްކަމަށް ވާތީ އެ ސްކޫލަށް ބޭނުންވާ މާލީ އެހީތައް ހޯދުމުގެ އެއް ދޮރަކީ ކުލަބުގެ ދީލަތި އެހީއެވެ. އަނެއް ދޮރަކީ ފަންޑްރައިޒް ކުރުމަށް ހިންގޭ ހިތްވަރުގަދަ މަސައްކަތްތަކެވެ. ފާއިތުވީ އަހަރުތަކުގައި ފަންޑްރައިޒިންގެ ގިނަ ހަރަކާތްތަކެއް ކުލަބާއި ޕްރީ ސްކޫލުންވަނީ ހިންގާފައެވެ.
"މިދިޔަ ދެ އަހަރު ހިންގުނު އެއް ހަރަކަތަކީ ދިދަ ވިއްކުމުގެ ހަރަކާތް. މި ހަރަކާތް ހިންގިފައިވަނީ "ކުޑަކުދިންނަށް އަޅާލައި އޯގާތެރިވަމާ" މި ޝިޢާރުގެ ދަށުން ދަރިވަރުން ގޭގެއަށް ގޮސް ކަންކަން ކުރުމުގެ އަދަބުތައް ދަސްވާނެ އުސޫލުން ބެލެނިވެރިންނާއި އާންޓީންގެ އިރުޝާދާއެކު. ފާއިތުވީ ދެ އަހަރު ވެސް ޖަންބަލް ސޭލްއާއި ބެލެނިވެރީންގެ މަސައްކަތު ދުވަސް، ހެދިކާ މަޢުރަޒު، "ސްނެކް ޑޭ" ފަދަ ދުވަސްތައް ވަނީ ފާހަގަކޮށްފައި" ޕްރީ ސްކޫލުގެ ސްޕަވައިޒަރު މުޙައްމަދު މުމްތާޒު ވިދާޅުވިއެވެ.
އެކި މުއައްސަސާތަކަށް ޒިޔާރަތް ކުރުމުގެ ތެރެއިން ފުލުހުންނާ ސްޓޭޝަނަށް ކުރި ޒިޔާރަތުގެ ތެރެއިން
ފާއިތުވީ ދިގު މާޒީގައި ތުޅާދޫ ޕްރީ ސްކޫލުގައި ދަރިވަރުންނަށް ކިޔަވައިދެމުން އައީ ތަމްރީނު ލިބިފައިވާ ޓީޗަރުން ނަމަވެސް ސްކޫލު ނިންމި ދަރިވަރުންގެ ތެރެއިން އެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ އެތައް ދަރިވަރަކަށް މި ސްކޫލުން ވަނީ ކިޔަވައިދިނުމުގެ ފުރުޞަތު ފަހިކޮށްދީފައެވެ. މި ސްކޫލުގެ މާޒީއަށް ބަލާއިރު މި ސްކޫލުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ހޯދި ބައެއް ޓީޗަރުން ފަހުން ޓީޗިން ކޯސްތައް ހަދައި މިއަދު އެކި ސްކޫލުތަކުގައި ކިޔަވައިދެމުން ދިއުމަކީ މި ސްކޫލުން ފަހިކޮށްދިން ފުރުޞަތާއެކު ދާއިރާއަށް ލޯބިޖެހިފައިވާ މީހުން ބިނާކުރުމުގައި މި ސްކޫލުން އެހީތެރިވެވޭކަމުގެ އަލިގަދަ ހެއްކެކެވެ.
ޕްރީ ސްކޫލުތަކުގެ ދަރިވަރުންނަށް އުނގަންނައި ދިނުމަށް ކުރާ މަސައްކަތުގެ ހަގީގީ ނަތީޖާ ގުޅެނީ ޕްރައިމަރީ ގުރޭޑްތަކާއެވެ. ގުރޭޑް އެކަކަށް ވަންނަ ދަރިވަރުގެ ފެންވަރާއި ގާބިލުކަން ގިނަ ފަހަރަށް ގުޅެނީ ޕްރީސްކޫލުން ދަސްކޮށްދޭ ކަންކަމާއެވެ. މި ކަންކަމާ ގުޅުވާލަމުން ތުޅާދޫ ސްކޫލުގެ ޕްރިންސިޕަލް އިބްރާހީމް ރަޝީދު ވިދާޅުވީ ރަށުގައި ހިންގާ ޕްރީސްކޫލުތަކުން ކިޔަވައިދޭ ކިޔަވައިދިނުން ވަރަށް ބޮޑުތަނުން ރަނގަޅުވަމުން އަންނަކަން ޓީޗަރުން ފާހަގަކުރައްވާކަމަށެވެ. އަދި ދަރިވަރުންގެ ގާބިލުކަން އިތުރުވަމުން އަންނަކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ތުއްތުކުދިންގެ ޕްރީ ސްކޫލުން ނިންމާ ދަރިވަރުންގެ ފެންވަރު ވެސް ވަރަށް ރަނގަޅު. އެ ސްކޫލުން ދަރިވަރުންނަށް ހޯދައިދޭ ފުރުޞަތުތަކުން ތަފާތު ހުނަރުތައް އަށަގަންނަކަން ވެސް ފާހަގަކުރެވޭ. އެފަދަ ކަންކަމުގައި ވަރަށް ގިނަ ފަހަރަށް ބައިވެރިވުމުގެ ފުރުޞަތު ލިބުނު މީހެއް ހައިސިއްޔަތުން ވެސް ބުނެވިދާނެ ކަންކަން ދަސްކޮށްދިނުމުގެ ރަނގަޅު ނިޒާމެއް ކިޔަވައިދިނުމުގެ ތެރޭގައި ގެންގުޅެމުން އަންނަކަމަށް. އަދި ދަރިވަރުން ގުރޭޑް 1ށް އަންނަ އިރު އެ ފެންވަރު ހުންނަކަށް ވެސް ބުނަން ކެރިދާނެ" އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
ތުއްތުކުދިންގެ ޕްރީ ސްކޫލުގެ ހަރަކާތްތަކުން އެންމެ ތަފާތު ކަމެއްގެ ގޮތުގައި ފާހަގަވީ ދަރިވަރުންގެ ހުނަރު ތަރައްގީ ކުރުމަށް ދެވޭ ފުރުޞަތުތަކެވެ. ޚާއްޞަކޮށް އީޖާދީ ތަފާތު ވިސްނުންތަކާއެކު ރަށާއި ރައްޔިތުން ޝާމިލުވާނެ ގޮތަށް ހިންގަމުން އަންނަ ހުނަރު ޝޯވްގެ ހަރަކާތްތަކެވެ. މި ހަރަކާތްތައް ހުށެހެޅުމުގައި ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިން ވެސް ޝާމިލުވެއެވެ.
"2023ވަނަ އަހަރު ދަރިވަރުންގެ ހުނަރު ދައްކާލުމަށް ބޭއްވުނު ޝޯވް ބޭއްވުނީ "ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އަޅާލައި އޯގާތެރިވަމާ!" މި ޝިޢާރުގެ ދަށުން. އެ އަހަރު އެ ހަރަކާތް ހިންގުނީ ޕްރީސްކޫލުން ތަޢުލީމު ހާސިލު ކުރި އަދި މި ދުނިޔެ ދޫކޮށްފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރެއްގެ ހަނދާނުގައި. އެ ހަނދާންތައް އާލާކޮށްދިން ޝޯވްއިން ލިބުނު ފައިސާއިންގެ މިންވަރެއް ލިއްލާހިއަށް ޓަކައި ހޭދަކުރެވުނު" މުމްތާޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަބަދުވެސް ކުލަބުން ކޮށްދިން ކަންކަމަށް ޝުކުރުވެރިވަން. އެ ދަރިފުޅުގެ އުނގެނުމުގެ ފުރުޞަތު ދިން ފުރަތަމަ ތަނަކީ ތުއްތުކުދިންގެ ޕްރީ ސްކޫލު. އެ ތަނުން ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްދިން. ވަރަށް ލޯބިދިން. އެކި ގޮތްގޮތުން އެހީތެރިކަން ދިން. އަބަދުވެސް ޕްރީ ސްކޫލަށް ޝުކުރުއަދާކުރަން" އެ ދަރިފުޅުގެ މަންމަ ޝިފްނާ ރަޝާދު ބުންޏެވެ.
ދަރިވަރުންގެ ސްޕޯޓްސް މީޓްގައި އާންޓީން ދަރިވަރުންނަށް އެހީތެރިވަނީ
"2024ވަނަ އަހަރުގެ ޝޯވް ބޭއްވުނީ "މައިންބަފައިންނަށް އަޅާލައި އޯގާތެރިވަމާ!" މި ޝިޢާރުގެ ދަށުން. މިއިން ކޮންމެ ޝޯވްއެއްގައި ހިމަނާ ކޮންމެ ހަރަކާތަކީ އެ އަހަރެއްގެ ތީމާ ގުޅޭ އަދި އިބުރަތް ލިބެނިވި ހަރަކާތެއް. ދީނީ ވިސްނުމާއި އިޖުތިމާޢީ އަގުތައް ދަސްކޮށްދިނުމުގެ ފިލާވަޅެއް. ފަހަކަށް އައިސް ޝޯވްގައި ޚުތުބާކިޔުން، ދަރުސްދިނުން، މަދަހަކިޔުން، ޑްރާމާކުޅުން، އެކި މަސައްކަތްތެރިކަމާ ގުޅޭ ކަންކަން ހުށަހަޅައިދިނުން ފަދަ ކަންކަން ކުރިއަށް ގެންދެވިފައިވާނެ" ޝޯވގެ ކަންކަމުގައި އިސްކޮށް އުޅުއްވި ކުލަބުގެ ޑައިރެކްޓަރ އިސްލާމިކް އެފެއާޒްކަން ވެސް ކުރައްވާ މުޙައްމަދު މުމްތާޒު ވިދާޅުވިއެވެ.
ހަގީގަތުގައި ވެސް ތުޅާދޫ ތުއްތުކުދިންގެ ޕްރީ ސްކޫލަކީ ހިލޭ ސާބަހުގެ ނަމޫނާއެކެވެ. ރަށުގެ އެތައް ތުއްތުކުދީންނެއްގެ ފުރަތަމަ ބިންގަލެވެ. އުފާވެރި އެތައް ހަނދާންތަކެއް އެ ތަނާ ގުޅިފައިވާ މާހައުލެކެވެ. އުފެއްދުންތެރި އެތައް ޚިޔާލުތަކެއް ތުޅާދޫ މުޖުތަމަޢާ ގުޅުވާލައި ސްޓޭޖެކެވެ. އެ ހުރިހާ ކަމެއްގެ ހިތަކީ ތުޅާދޫ ސިލްވަރ ޝައިން ކުލަބެވެ.