![](https://thulhaadhootimes.com/ads/banner_0101.jpg)
މިންތީގެ ވާހަކައަކީ އަބަދުވެސް ދައްކަންޖެހޭ ވާހަކައެކެވެ. އެ ވާހަކަ އަހަރެން ދެއްކީ ހަމައެކަނި ދުލަކުންނެއް ނޫނެވެ. ޢަމަލުން ވެސް އަހަރެން ދެއްކީ ހަމަ އެ ވާހަކައެވެ. އޭގެ ނަތީޖާ ހިތިފޮންޏެވެ. ހިތިވީ އެންމެ ގާތުން ލިބުނު މަލާމާތުން އަހަރެންގެ ހިތް އެތައް ފަހަރަކު ޒަޚަމުވީތީއެވެ. ނުފިލައި ލަކުނުތަކަކުން ކުޑައިރުގެ ހަނދާންތައް އިޔާދަވާތީއެވެ. އަނެއްކާ ވެސް ހަމަ އެ ދުވަހެވެ. މާރިޗު މަހުގެ 8 ވަނަ ދުވަހެވެ. ހަމަ އެ ހަނދާންތަކެވެ.
އެންމެ ކުޑައިރު ވެސް މަންމަ ބުނެއެވެ. ދަރިފުޅަކީ ފިރިހެން ކުއްޖެކެވެ. ދޮންތަ ކުރާހާ ކަންކަން ދަރިފުޅުކުރާކަށް ނުވާނެއެވެ. އަންހެން ކުދީންނާއި ފިރިހެން ކުދީން ތަފާތުވާނެއެވެ. ކޮށް އުޅޭ ކަންކަން ވެސް ތަފާތުވާނެއެވެ. އެ ތަފާތު އެންމެ ތުއްތު އިރު ވެސް ތިއްތި ގޮތެއްކަމަށް ދަސްވިއެވެ. އެ ހިސާބުން ކުރެވެން ފެށީ އާ ސުވާލެކެވެ. އެއީ އަންހެން ކުދީން ކުރާ ކަމެއް ހެއްޔެވެ؟ ނޫނީ ފިރިހެން ކުދީން ކުރާ ކަމެއް ހެއްޔެވެ؟ ހަނދާންވާ ގޮތުން އެންމެ ފަހުން އެ ސުވާލުވީ މަންމަގެ ބޮލުރިހުމަކަށެވެ. ކަމެއް ހަމަ ބޭނުންވާއިރަށް އެއީ ފިރިހެން ކުދީން ކުރާ ކަމެކޭ ބުނާތީއެވެ. ކަމެއް ކުރަން ބޭނުން ނުވުމުން އެއީ އަންހެންކުދީންގެ ކަމަކޭ ބުނާތީއެވެ. އެ ބަހަނާގައި އުމުރުން ބައެއް ހޭދަކުރި އިރު ވެސް ޖަވާބު ނުލިބޭ އެތައް ސުވާލެއް ހިތުގައި ހުއްޓެވެ.
ދޮންތަ ކޮށް އުޅޭ ކަންކަން އަހަރެންނަށް ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟ ދޮންތައަށް އެހައި ބުރައީ ކީއްވެ ހެއްޔެވެ؟ ކޭ ތަށި އަމިއްލައަށް އަހަރެންނަށް ނުދޮވެންވީ ކީއްވެ ހެއްޔެވެ؟ އެ ސުވާލުތަކަށް މަންމަ ދޭ ޖަވާބަކީ ބައްޕައެވެ. ބައްޕަގެ އުޅުމެވެ. ބައްޕަގެ ބުރަ ތާވާލެވެ. ނަމަވެސް މަންމަ އޮފީހަށް ގޮސް މަސައްކަތްކޮށްފައި ގެއަށް އައިސް ދެ ގުނަ މަސައްކަތް ކުރާކަން މަންމައަށް ނޭނގެނީ ކީއްވެ ހެއްޔެވެ؟ އެއީ އެ ކަން އޮންނަންވީ ގޮތަކީ ހެއްޔެވެ؟
އުމުރުން 13 އަހަރުގައި ވެސް އަހަރެންގެ ހިތުގައި ހަމަ އެ ސުވާލުތައް ތަކުރާރުވިއެވެ. އިހުނަށް ވުރެ ބޮޑަށް އެ ޝަކުވާ ކުރެވެއެވެ. މިހާރު ވެސް ހަނދާން އެބަ ހުއްޓެވެ. އެއީ ބޮޑުދައިތަ ކުޑަފާންތަ ގެއަށް އައި ދުވަހެކެވެ. އެ ވަގުތު މަންމަ ގޮވާލީ އަހަރެންނަށެވެ.
"ދަރިފުޅު ގޮސް ދޮންތަ ގާތުގައި ބުނޭ ގުޅަ ކޮޅު ތެލަށް ނާޅައި އިހަށް ކުޑަފާންތައަށް ޖޫސްތަށްޓެއް ގެނެސްދޭށޭ" މަންމަ ދިނީ އިރުޝާދެކެވެ.
" އޭރުން ގުޅަ ތެއްލުން ލަސްވާނެއްނު. އަހަރެން ޖޫސްތަށި ގިރާލަންތަ؟" ފުރުޞަތެއް ލިބިދާނެ ގޮތެއް ވިސްނާލަމުން އަހަރެން އަހައިލީމެވެ.
" މި ސޮރު އަދިވެސް ހަމަ އެހެން ދޯ؟ ކިހައި ރަނގަޅު؟ އަހަރެން ހިތަށް އަރާ އަހަރެމެންގޭ މާހިރު މި ވިސްނުން ހުންނަ ނަމައޭ" ކުޑަފާންތަ ވާހަކަދެއްކީ މަންމައާއެވެ.
" ކިހައި ރަނގަޅު؟ ދެންމެ ވެސް މި ނެރުނީ ބަދިގޭން. ކިހައި ވަރަކަށް އަހަރެން ކިޔައިދޭނީ އެއީ ފިރިހެން ކުދީން އުޅޭންވީ ގޮތެއް ނޫނޭ. އެގޮތަށް އުޅޭތީ މިހާރު ކުލާހުގެ ބައެއް ދަރިވަރުން ވެސް އެބަ މަލާމާތްކުރޭ" ހިތްހަމަ ނުޖެހުމުގެ ރާގުގައި މަންމަ ވާހަކަދެއްކީ ކުޑަފާންތައާއެވެ. އަހަރެންނަށް ހުރެވުނީ އެ ވާހަކަތައް އަޑު އަހާށެވެ.
" ބަލަ ދަރިފުޅަކީ ފިރިހެން ކުއްޖެކޭ. ދަރިފުޅު އެ ކަން ކުރާނެކަމެއް ނެތް. އަވަހަށް ގޮސް ދޮންތަ ގާތުގައި ބުނޭ ޖޫސްތަށީ ހަދާލައިގެން ގެންނާށޭ. އަދި ބުނާތި ބިސްކޯދު ކޮޅެއް ވެސް ގެންނާށޭ" މަންމަގެ އިރުޝާދަށް މި ފަހަރު ބައެއް އިތުރުކޮށްލިއެވެ.
އަހަރެން ބަދިގެއަށް ވަދެ، އަކުރުން އަކުރަށް މަންމަގެ އިރުޝާދު ދޮންތައަށް ބުނެދިނީމެވެ. ދޮންތަގެ މަސައްކަތް ހަމަ ފެށުމާއެކު އަހަރެންގެ ލޯ އަމާޒުވީ އުދާފައި ހުރި ތެޔޮ ތާހަށެވެ. އަހަރެން ހުރީ ބަދިގެއިން ދޮންތަ ނުނުކުމެގެންނެވެ. ލިބުނު ފުރުޞަތުގެ ބޭނުން ހިފައި ތެލުލާން ތައްޔާރުކޮށްފައި ހުރި ރޯ ގުޅަތަކުން މުށެއް ނަގައި ކެކިކެކި ހުރި ތެޔޮ ތާހަށް އޮއްސާލީމެވެ.
މާ ގިނައިރުތަކެއް ނުވެއެވެ. ތެޔޮ ތާހުން ޖެހި ބަޑިތަކާއެކު އައި ތެލުގެ އުންޑަތައް ހަމަލާދީނީ އަހަރެންގެ އަތަށެވެ. ވީ ތަދާއެކު އަޑުގައި ނެތްތަނަށް ހަޅޭއްލަވައިގަނެވުނެވެ. އެ އަޑާއެކު މަންމަމެން ތިބީ ބަދިގޭގައެވެ.
" ދަރިފުޅު ދޭ ބަލަ އަވަހަށް ފިނިފެން ފުޅިއެއް ގެންނަން. އެންމެ ރަނގަޅުވާނީ ވިއްސަކަށް މިނެޓު ވަންދެން ފިނިފެން އޮއްސިއްޔާ" އަހަރެންގެ އަތުގައި ހިފަހައްޓަމުން މަންމަ ވާހަކަދެއްކީ ދޮންތައާއެވެ. ހިނދުކޮޅެއް ނުވެ ފެންފުޅި ހިފައިގެން ދުންޖަހާފައި ދޮންތަ އަތުވެއްޖެއެވެ. އެ ފުޅި ހަމަ ފެނުމާއެކު މަންމަ ކަނޑާލީ ޗޮކެކެވެ.
" ތިއެއް ނޫން! ތިއީ ހުވަނދުމާ ފެންފުޅިއެއް. އައިސް ފެންފުޅިއެއް ގެނެސް ބަލަ؟ ފާންތަ ދޭބަލަ ފެންފުޅިއެއް ގެންނާން. ކަމެއް ޖެހޭއިރު މީން މީހަކަށް ކަމެއް ކުރާކަށް ނޭނގޭނެ" މަންމަ، ދޮންތަ ދެކެ ވެސް ހިތްހަމަނުޖެހުނެވެ. އެ ދުވަސްވީ ބޮޑު ދުވަހަކަށެވެ. އެ ހަނދާނުގެ ނިޝާންތައް ދާއިމީގޮތެއްގައި އަތަށް އެރުމުންނެވެ. ދުވަހަކު ނުގުޑާނެ ފަދަ އަޒުމެއް ހިތުގައި ބިންވަޅު ނެގުމުންނެވެ. ހަގީގަތުގައި އެ ދުވަހު ފިހުނީ ހަމައެކަނި އަހަރެންގެ އަތެއް ނޫނެވެ. އަހަރެންގެ ހިތުގައި އުފެދެން އުޅުނު މިންތީ ތަފާތުކުރުމުގެ ވިސްނުން ވެސް އެ ދުވަހު ފިހުނެވެ. އެ ދުވަހު ގަބޫލުކުރެވުނީ ކޮންމެ ކަމެއް ވެސް ދަސްކުރާން ޖެހޭކަމެވެ. ވަކި ޖިންސަކަށް ޚާއްޞަ ކަމެއް ނޯންނަކަމެވެ. އެ ޚާއްޞަކަން އޮންނަ ނަމަ ދެން ވެސް އެ ކަހަލަ ކިތަންމެ ކަމެއް ހިނގާނެކަމެވެ. އަހަރެންގެ ހިތުގެ އިހުސާސްތައް އެ ދުވަހު ބަންޑުން ކޮށްލެވުނީ ކީއްވެ ކަމެއް ނޭނގެއެވެ. އެނގޭ ކަމަކީ އެ ދުވަހުން ފެށިގެން މަންމައަށް ބަދަލުތަކެއް އައިކަމެވެ. ކުޑަފާންތަގެ ފަރާތުން ހިތްވަރު ލިބުނުކަމެވެ.
ކޮންމެ އަހަރަކު އަންނަ މި ދުވަހަން ހިތަށް ވަނީ ތަދެވެ. ހަނދާން ވަނީ މަންމަ މަތީންނެވެ. ހިތަށް ވަންނަނީ މަންމަގެ ވިސްނުމަށް އައިހާ ބަދަލެވެ. ކޮށްދިންހައި ކަންކަމެވެ. އެ ކަންކަމުގެ އަގު އަދާކުރާނީ ކިހިނެއް ހެއްޔެވެ؟ މީހުން އެއްވެފައިވާ ހޯލުގައި އަހަރެން އިނީ މަންމަގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އަހަރެންގެ ނަން ގޮވާލުމާއެކު ސްޓޭޖާ ދިމާއަށް އަހަރެން ހިނގައިގަތީމެވެ.
ސްޓޭޖަށް އަރާ މިންތީ އެވޯޑާ ހަވާލުވީމެވެ. އެ އެވޯޑު ލިބުނު ފުރަތަމަ ފިރިހެނާގެ ޝަރަފު ލިބިގަތީމެވެ. ލިބުނު ފުރުޞަތުގައި ހިތުގެ ޝުޢޫރުތައް ވެސް ފާޅުކުރީމެވެ.
"ލޯބިވާ މަންމާ! މަންމަގެ މާތްކަމާއި މަންމަގެ މުރާލިކަމާއި މަންމަގެ ލޮބުވެތިކަމުގެ ކުރިމަތީ އަޅުގަނޑަކީ އެއްވެސް މީހެއް ނޫން. މަންމައަށް ވިސްނުނު އެންމެ ރަނގަޅު ގޮތް ބުނެދޭން މަންމަ މަސައްކަތްކުރީ އަމަލުން އެ ކަން ދައްކައިދެމުން. އާއިލީ ޚިދުމަތުގައި މަންމަގެ މުޅި ޢުމުރު ތިޔަ ހޭދަކުރީ އެއްވެސް ވަރުބަލިވުމެއް ނެތި. ކޮންމެ ނޭވާއަކާއެކު މަންމަ ތިޔަ ކުރާ ދުޢާގައި ބޮސްދެނީ މައިވަންތަކަމުގެ ކުލުނު. މިއަދު އަޅުގަނޑުމެން ކޮންމެ މީހަކު ވެސް މާމަމެންނަށް، މަންމަމެންނަށް، ދައްތަމެންނަށް އަންހެން ކޮއްކޮމެންނަށް ސެލިއުޓްކުރަން.
ލޯބިވާ މަންމާ! އަހަރެންނަށް މަޢާފުކުރޭ! މިންތީ މި އެވޯޑުގެ ހައްގުވެރިއަކީ ތިޔަ މަންމަ. މި ވިސްނުން ފައްކާކުރީ ތިޔަ މަންމަގެ ބަދަލުވުމުން. އިހު އޮތް ވިސްނުން ދޫކޮށްލައި މަންމަ ވެސް މި ގޮތް ބަލައިގަތީތީ. ކޮންމެ މަންމައަކީ ރަނގަޅު މަންމައެއް. ގޯހީ ވިސްނިފައިވާ ގޮތް. އެ ވިސްނުން އުފެދުނު ގޮތް. ކިޔަވާ ފޮތްތަކުގައި ފެންނަން ހުރީ މިންތީ ތަފާތުތައް. ބަލައި ފިލްމުތަކާއި ކިޔައި ވާހަކަތަކުގައި ވަނީ އެ ތަފާތު. ޓީވީ އިސްތިހާރުތަކުގައި ވެސް ހުރީ އެ ތަފާތު. މުޅި މުޖުތަމަޢުގައި އޮތް ކަމެއްގެ އިލްޒާމު މަންމަމެންގެ ބޮލުގައި އެޅުވޭނީ ކިހިނެއްތޯ؟ ނޭޅުވޭނެ. ހަގީގަތުގައި މަންމަމެންގެ ބޮލުގައި އަޅުވާންވީ ރަނުގެ ތާޖު. ޖީލުތައް ތަރުބިއްޔަތު ކުރުމުގެ ތާޖު. އާއިލާއަށް ގުރުބާންވުމުގެ ތާޖު. މި އެވޯޑުގެ ހައްގުވެރިއަކީ ހަމަ މަންމަ"
ސްޓޭޖުން ފައިބައިގެން އަހަރެން ދިޔައީ މަންމަ ގާތަށެވެ. މަންމަގެ ދެ އަތް ވަނީ އަހަރެންނަށް ޓަކައި ހުޅުވާލެވިފައެވެ. ކުޑަކުއްޖަކު ފަދައިން އަހަރެން އޮޅުލައިގަނެ މަންމަގެ ހިމާޔަތް ހޯދީމެވެ. މަންމަ ފެށީ ރޯށެވެ. އަހަރެންގެ ބުރަކަށީ ފިރުމަމުންނެވެ. އެ އަޑުގެ އަސަރު ކުރީ އަހަރެންގެ ލޮލަށާއި ހިތަށެވެ. އޭގެ ޖަވާބު އަހަރެން ވެސް ދިނީމެވެ.
" ދަރިފުޅާ! މަންމައަށް މަޢާފުކުރޭ. ދަރިފުޅަށް އަބަދު ވެސް މަޢާފުކުރާނަން" މަޑުމަޑުން ވައިއަޑުން މަންމަ ބުނެލިއެވެ.
" މަޢާފުކުރަންޖެހޭ ވަރުގެ ކަމެއް ދުވަހަކު ވެސް މަންމައެއް ނުކުރޭ. އެއަށްވުރެ މަންމަ މާ މާތް. މާ ރަނގަޅު. އަބަދުވެސް މަންމައަށް މަޢާފުކުރާނަން" އަހަރެން ބުނީމެވެ.
މިއަދު އަހަރެން މި ހިނގައިގަންނަނީ ކުޑައިރު ކަނޑައެޅި ޢަޒުމެއް ފުރިހަމަކޮށް އޭގެ ޝަރަފާއެކުއެވެ. މިންތީ ވާހަކަތަކުގެ ފޮނިކަން އިހުސާސް ކުރަމުންނެވެ. މަންމައާއި އާއިލާއާއި މުޅި ގައުމު ވެސް ބަލައިގަންނަ މީހަކަށް ވެގެންނެވެ.