
ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޢާދިލް ވިދާޅުވީ މި ފަހަރުގެ މުބާރާތަށް ވެސް އެކަށީގެންވާ ތަރުހީބެއް ލިބިފައިވާ ކަމަށާއި މު ބާރާތުގައި ބައިވެރި ވުމުގެ މުއްދަތު މިހާރު ހަމަވެފައި ވާކަމަށެވެ.
މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު މި އަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ދެކުނު ކަންމަތި ސްޕޯޓްސް ކްލަބާއި، އެފްސީ ބިއްލޫރިއާއި، ކަފަމާ ޔުނައިޓެޑާއި، އަލްސްޓްރައިކަރއާއި، ކްލަބް ތޮޅިހެލޭއާއި، ޓާގެޓް ކޮމިޔުނިޓީއާއި ޓީމް ބޮލޮގަނައިޒްއެވެ.
މި އަހަރުގެ އޯގަސްޓް މަހުގެ 3 ގައި ފެށުމަށް ހަމަޖައްސާފައިވާ މި މުބާރާތުގެ ގަވާއިދު ބުނާގޮތުން މި ހަތްޓީމު ވާދަކުރާނީ ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕަކުން ކޮންމެ ޓީމަކާ ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކޮށް ފައިނަލް ކުޅޭ އުސޫލުންނެވެ.
ތުޅާދޫއަށް ނިސްބަތްވާ ޓީމުތަކަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގައި ކުޅޭ ކުޅުންތެރިންނަކީ ތުޅާދޫ ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ކުޅުންތެރިންނަށް ވާންޖެހެއެވެ. ނުވަތަ އެ ކުޅުންތެރިއެއްގެ މަންމަ ނުވަތަ ބައްޕައަކީ ތުޅާދޫގައި ރަޖިސްޓްރީ އޮތް ފަރާތެއްކަމުގައި ވާންޖެހެއެވެ. މީގެ އިތުރުން ތުޅާދޫ މީހަކާ އިނދެގެން އުޅޭ އަނބީން ނުވަތަ ފިރީންނަށް ވެސް މި މުބާރާތުގައި ބައިވެރިވެވެއެވެ.
މި މުބާރާތުގައި ޗެންޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން ފެއަރ ޕްލޭ ޓީމު ވެސް ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެންމެ މޮޅު ގޯލް ކީޕަރާއި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއާއި 18 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔާއާއި 18 އަހަރުން ދަށުގެ އުންމީދީ ކުޅުންތެރިޔާ ހޮވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.