ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ރިޕޯޓު

ގާވިލިގިލި: ތުޅާދޫއާ ގުޅިފައިވާ އެތައް ހަނދާންތަކެއް

ދުރުން ފެންނަ އިރު މާ ބައިވަރު ރުއްތަކެއް އެ ރަށަކު ނެތެވެ. އެ ރަށުގައި މާ ބޮޑެތި ގަސްތަކެއް ވެސް ނެތެވެ. ގިނައިން ފެންނަނީ ކުދިކުދި ކާނިގަހާއި ބޯކަށިކެޔޮ ގަހެވެ. ރަށާ ކައިރިވި ވަރަކަށް ފެންނަމުން ދިޔައީ، ރަށުގެ ވަށައިގެން ކަހަލަ ގޮތަކަށް ހިކިދިޔާގައި އުފުލިފައިވާ ގަލުގެ ހަތާތަކެވެ. މުޅި ރަށް ހިމާޔަތްކޮށްފައިވަނީ އެ ގާތަކުގެ ބަގީޗާއިންނެވެ. އެ ރަށުގެ އެއްކޮޅުގައި އޮތީ އެތައް ސަތޭކަ ފޫޓަކަށް ދަމާލާފައި އޮތް ގަލުގެ ބޮޑު ހުރާގަނޑެކެވެ. ބޮޑު ދިޔައިގައި އެ ހުރާގަނޑު ވެސް ބޮޑު ބައި އޮންނަނީ މޫދަށް ވެފައެވެ. ރަށަށް ވަންނަން ވަކި ނެރެއް ކަނޑާފައި ނެތުމުން ދޯނިފަހަރުގައި ގޮސް އެ ރަށާ ކައިރިއެއް ނުކުރެވެއެވެ. ރަށަށް އަންނަ މީހުންނަށް ޖެހޭނީ ދޯނިފަހަރު، ގާ ތުނޑިއާ އެންމެ ގާތަށް އާދެވޭ ހިސާބަކަށް ގާތްކުރުމަށް ފަހު މޫދަށް ފައިބައިގެން ދިގު ގައު ތުނޑިމަތީން ހިނގާފައި ގޮސް ރަށަށް އަރާށެވެ. ރަށުގެ އެއް ފަރާތުގައި، ރަށުގެ ގޮނޑުދޮށާ ޖެހިގެން ކަހަލަ ގޮތަކަށް އޮތީ މުރަކައިގެ ބޮޑު ފަރެކެވެ. ހިކި ދިޔައިގައި މުޅިން ހިކިފައި އޮންނަ އެ ފަރު މިހާރު އޮތީ މަރުވެފައެވެ. މުރަކަތަކުގައި ހުރި ތޫނުކަމާއި ތުނިކަން ގެއްލި ގާގަލަށް ވެފައެވެ. އެ ރަށަކީ، އާންމުކޮށް މީހުން ގޮސް އުޅޭ ރަށެއް ނޫނެވެ. ނަމަވެސް ބ.އަތޮޅު ތުޅާދޫ މީހުންނަށް އެ ރަށް ޚާއްޞަވެއެވެ. ތުޅާދޫގެ ގިނަ ބައެއްގެ އެތައް ހަނދާންތަކެއް އެ ރަށާ ގުޅިފައިވެއެވެ.

ވިލިގިލި ނުވަތަ ގާވިލިގިއްޔަކީ ވަރަށް ކުރީއްސުރެ ވެސް ތުޅާދޫގެ ބެލުމުގެ ދަށުގައި އޮތް ރަށެކެވެ. ގިނަ އަހަރުތަކެއް ވަންދެން އެ ރަށް ބަލަހައްޓަމުން އައި ރަށްވެރިޔަކީ، ތުޅާދޫ ކަތީބުކަން ކުރެއްވި އަލްމަރުޙޫމް ޢުމުރު ޢަލީ ނުވަތަ ޢުމަރު ކަތީބެވެ. ރަށުގެ ގިނަ ބައެއްގެ ޢުމަރުބެއެވެ. މީގެ ބައި ގަރުނު ކުރިން ވެސް އެ ރަށުގެ ކަންކަން ބަލަހައްޓަމުން ގެންދެވީ ތުޅާދޫ ސުކޫލުގައި އެތައް އަހަރަކު މުދައްރިސްކަން ވެސް ކުރެއްވި ޢުމަރުބެއެވެ. 

your image

ތުޅާދޫ ކުރީގެ ބޮޑު ކަތީބު ޢުޘްމާން ޢަލީ ވިދާޅުވީ ވިލިގިއްޔަކީ ވަރަށް ކުރިން ޢުމަރުބެއަށް ލިބުނު ރަށެއް ކަމަށެވެ.

"އަޅުގަނޑު ގާޟީކަން ކިޔަވަން އުޅުނު ދުވަސްވަރު ޢުމަރުބެއަށް އެ ރަށް ލިބިވަޑައިގެން. އެއީ 1969 ހާ ހިސާބުގައިހެން ހިވަނީ. އަޅުގަނޑަށް ކެންދޫ ގޮއި ލިބުނުތާ މާ ގިނަ ދުވަހެއް ނުވެ ޢުމަރުބެއަށް އެ ރަށް ލިބިވަޑައިގެން ހަނދާންވަނީ. އޭރު ސިޓީ ލައިގެން ރަށްރަށް ލިބެނީ. އެގޮތުން ޢުމަރުބެއަށް އެ ރަށް ލިބިވަޑައިގަތީ" މީގެ 56 އަހަރު ކުރީގެ ހަނދާންތައް އުޘްމާނު ކަތީބު އާކުރެއްވިއެވެ.

ޢުމަރުބެގެ ދަރިފުޅު، ޣިޔާޘުއްދީން އިންޓަރނެޝަނަލް ސްކޫލު ހިއުމަން ރިސޯސްގެ ހެޑް އަހުމަދު ނަޢީމް ވިދާޅުވީ ގާވިލިގިއްޔަކީ ވަރަށް ގިނައިން ޒިޔާރަތްކުރެވުނު ރަށެއްކަމާއި އެއީ ބައްޕަގެ ހިތުން ވަރަށް ބޮޑު ޖާހަގައެއް ދެއްވި ރަށެއް ކަމަށެވެ.

"ބައްޕަ ދަރިއަކު ބަލާހެން އެ ރަށް ބެލެހެއްޓެވި. އެންމެ މަދުވެގެން ހަފުތާއަކު އެއް ފަހަރު އެ ރަށަށް ބައްޕަ ޒިޔާރަތްކުރެއްވި. ބައެއް ފަހަރު އެކަނިމާ އެކަނި ވެސް އެ ރަށަށް ދުރުވި. އެ ރަށަށް އިތުރު ދިރުމެއް ގެނެސްދެވޭތޯ ބައްޕަ ވަރަށް ބޮޑަށް ބެއްލެވި" ނަޢީމް ވިދާޅުވިއެވެ.

ރާއްޖޭގެ އެހެން ރަށްރަށާ ޚިލާފަށް ގާވިލިގިއްޔަކީ ގަސް މަދު، ރުއް މަދު ރަށެކެވެ. އެ ރަށުގައި ރުއްގަސް އާލާކުރުމަށް ޢުމަރުބެ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

"އެ ރަށުގައި ރުއް އާލާކުރެވޭތޯ ބައްޕަ ބެއްލެވި. ރަށުން ކަޅުވެލި ގެންގޮސްގެން ވެސް ރުއް އިންދެވި. ގާތްގަނޑަކަށް އެކި ފަހަރު މަތިން އެތައް ރުކެއް އިންދިފައި ހުންނާނެ. ހިރުނދު އަދި ދިއްގާ ކަހަލަ ގޮފިކޮޅު ރޯކޮށްގެން އެ ރަށަށް ގެންގޮސް ވެސް އިންދައިގެން ވެސް ހެއްދޭތޯ ބެއްލެވި. ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވި. އަކިރި ގަނޑު ތެރެއަށް ވެލިތައް ފައިބައިގެން ދަނީ" ޢުމަރުބެގެ ބުރަ މަސައްކަތުން ބައެއް ނަޢީމު ހިއްސާކުރެއްވިއެވެ.  your imageގާވިލިގިލިގެ ގަލުން އުފެދިފައިވާ ތުނޑީކޮޅު

ގާވިލިގިއްޔަކީ ތިމާވެށިގެ ގޮތުން ވެސް ޚާއްޞަ ރަށެކެވެ. މާކަނޑުން އަންނަ ރާޅުތައް ބީއްސާލަނީ އެ ރަށުގެ ގޮނޑުދޮށަށެވެ. ކަނޑުން އަންނަ އަކިރި އެ ރަށުގެ ގޮނޑުދޮށަށް ހިމުންވެ ކުދިކުދިވެފައި ހުރެއެވެ. އެހެން ރަށްރަށަށް މެދުވެރިވާ މޫސުމީ ވޮޑުމާއި މޫސުމީ ގިރުމެއް އެ ރަށަކު ނޯވެއެވެ. އެ ރަށް އޮންނަނީ މާކަނޑުން އަންނަ ރާޅާއެކު އަކިރީގެ ހިމާޔަތުގައެވެ. ގާމަތީ ރަށްރަށުގައި ކޮންމެވެސް ހިސާބަކު ދޮންވެލީގެ ބައެއް އޮންނަ ނަމަވެސް އެ ރަށުން އެ ސިފައެއް ނުފެނެއެވެ. އެއް ޒަމާނެއްގައި އެ ރަށް ވަށައިގެން ވެސް ދޮންވެލީގެ ހުދު ގޮނޑުދޮށެއް އޮންނާނެ ކަމަށް ބެލެވެއެވެ. މިއަދު އެ ރަށުގެ ދޮންވެލިގަނޑު ނެތަސް، ރަށުގެ ގޮނޑުދޮށުގައި ކުރިން އޮތް ދޮންވެލިގަނޑާ، ގޮނޑުދޮށާ ކައިރީގައި އޮތް މޫދުގެ ދޮންވެލިގަނޑު، ރަށް ވަށައިގެން ލެވިފައި ހުރި ގައުތަކުގެ އަޑީގައި ގެއްލިފައި އޮތްކަމުގެ ނިޝާންތައް ކޮންމެވެސް ވަރަކަށް، ރަށުގެ ބައެއް ހިސާބުތަކުގެ އަތިރިމަތިން ފެންނަން އެބަ ހުއްޓެވެ. އެ ތަފާތު ރަށުގެ އެންމެ ގާތް އެކުވެރިއަކީ ކިރުދޫންޏާއި މާކަނާތަކެވެ.

"އެ ރަށުގައި މައިގަނޑު ގަހަކަށް ހުންނާނީ ކާނިގަސް. ކަށިކުނބުރު ގަސް ވެސް ގިނަވާނެ. ބޯކެޔޮ ގަސް ވެސް ގިނަވާނެ. އެ ގަސްތަކުގައި މާކަނާ ހާލި ހަދައިގެން އުޅޭ ތަން ކުރިން ވަރަށް ގިނައިން ފެނުނު. ވަރަށް ގިނަ މާކަނާ އޭރު އެ ރަށުގައި އުޅުނު. އެ ރަށުގައި ކިރުދޫންޏާއި މާކަނާ އާލާވާކަން ފާހަގަވި" އަހުމަދު ނަޢީމް ވިދާޅުވިއެވެ.

"90ގެ އަހަރުތަކުގައި އެ ރަށުގައި ބައްތިޖެހި. އެ ހިސާބުން ފާހަގަކުރެވުނީ އެ ރަށުން ހިމާޔަތް ހޯދަމުން ދިޔަ މާކަނާތައް އެ ރަށަށް އެރުން މަދުވިކަން. އޭގެ ފަހުން މާކަނާތައް އެ ރަށަށް އެރުން ހުއްޓުނީ. އެ ރަށުގައި ހާލިހެދުން ފަދަ ކަންކަން ވެސް މަދުވި. ކުރިން ކިރުދޫންޏާއި މާކަނާ އެ ރަށުގައި ވަރަށް ގިނަވާނެ. ފަހުންފަހުން އައިސް އެސޮރުމެން ގެއްލިއްޖެ" ގާވިލިގިއްޔަށް އެތައް ފަހަރަކު ޒިޔާރަތްކުރެއްވި ނަޢީމު އޭނާގެ ތަޖުރިބާ ހިއްސާކުރެއްވިއެވެ. 

your imageގާވިލިގިލީގައި ޖަހާފައިވާ ބައްތި. މިހާރު ވެސް އެ ބައްތި އެބަހުރި

މިހާރު ވެސް، ރަށުގެ އެއްކޮޅުގައި އެ ބައްތި އެބަ ހުއްޓެވެ. ދުރަށް ފެންނަ ގޮތަށް ރަށުގެ އެއްކޮޅުގައި ތަންކޮޅެއް އުސްކޮށް ޖަހާފައިވާ ބައްތި ޓަވަރަކީ، އެ ރަށުގައި ހުރި މިއަދު ހުރި ހަމައެކަނި ބިނާއެވެ. 

ގާވިލިގިއްޔަކީ އަކިރީގެ ރަށެކެވެ. ތުޅާދޫ މީހުން އެންމެ ގިނައިން އަކިރިއަށް ގޮސް އުޅުނު އެއް ރަށެވެ. އެ ރަށުން ހޯދައި އަކިރި ބައެއް ފަހަރު ގޯއްޗަށް ލުމަށް ބޭނުންކުރިއެވެ. އަނެއް ބައި ފަހަރު ކޮންކްރީޓް މަސައްކަތަށް ވެސް ބޭނުންކުރިއެވެ.

"އެ ރަށަކީ ތުޅާދޫ މީހުން އަކިރި ހޯދުމަށް ގޮސް އުޅުނު އެއް ރަށް. ވަރަށް ގިނަ މީހުންނަށް އެ ރަށުން އަކިރި ދޫކުރެވިފައިވާނެ. އެ ރަށުގައި ހުންނަ އަކިރިއަކީ ސަރުކާރުގެ އެއްޗެއް. އެއީ ރަށްވެރިޔާގެ އެއްޗެއް ނޫން. އެހެންވީމާ އެއީ ސަރުކާރުން ދޫކުރާ އެއްޗެއް. އޭރު ރަށު އޮފީހުން ކުޑަ ސިޓީއެއް ހައްދަން ޖެހޭނެ. އެ ސިޓީ ހެއްދި ނަމަވެސް އެ ރަށަށް އެރޭނީ ޢުމަރުބެގެ ހުއްދައާއެކު. ރަށްވެރިޔާގެ ހުއްދަ ލިބިގެން އެރޭނީ. އަކިރި ގެންނަ ޢަދަދު އޮފީހުން ބަލަހައްޓާނެ. އެއީ އެއްވެސް އާމްދަނީއެއް ރަށުގެ ވެރި ފަރާތަށް ނުވަތަ ސަރުކާރަށް ލިބޭ ކަމެއްނޫން. ހަމަ ހިލޭ ދޭ އެއްޗެއް" އުޘްމާނު ކަތީބު ވިދާޅުވިއެވެ.

your imageގާވިލިގިލީގައި ހެދިފައިވާ ގަސްތަކާ ކައިރީ ހުރި އަކިރިތައް

އުޘްމާން ކަތީބު ވިދާޅުވީ ގާވިލިގިލީގައި ތަފާތު މަސައްކަތެއް ޢުމަރުބެ ފެށްޓެވިކަމަށެވެ. އެގޮތުން އެންމެ ފާހަގަކުރެވުނު އެއް ކަމަކީ ލޮނު އުފެއްދުމަށް ޓަކައި ޢުމަރުބެ ކުރެއްވި މަސައްކަތެވެ.

"ލޮނު ހެދުމުގެ މަސައްކަތް އުމަރުބެ ކުރެއްވި. ނަމަވެސް އެހާ ކާމިޔާބުވާ ގޮތެއް ނުވި. ރަނގަޅަށް ހަނދާން އެބަހުރި އެކަން ކުރެއްވިކަން. އަޅުގަނޑު ވެސް އެ ރަށަށް ގޮސް އުޅުނިން. އެ ކަންކަން ދުށިން" އުސްމާނު ކަތީބު ވިދާޅުވިއެވެ.

ކުރިން ތުޅާދޫ ސްކޫލު ޓީޗަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އަހުމަދު ނަޢީމް ވިދާޅުވީ ސިމެންތިން ކުޑަކުޑަ ޓްރޭއެއް ގޮތަށް ޝީޓެއް ހަދައިގެން ލޮނު އުފެއްދޭތޯ އެ ރަށުގައި ބައްޕަ ބެއްލެވި ކަމަށާއި އެއީ ކުރެވިދާނެ ކަމެއްކަން ބައްޕަގެ މަސައްކަތުން ޔަގީންވި ކަމަށެވެ.


"ބައްޕަގެ މަސައްކަތުން ލިބުނު ލޮނު، މަސްލޮނު އަޅަން ބޭނުން ކުރިން. އަދި ގޭގައި ކައްކަން ވެސް އެ ލޮނު ބޭނުންކުރިން. ވިއްސާރަ ނޫނިއްޔާ ހަފުތާއެއްގެ ތެރޭގައި ކުޑަ ބަސްތާއެއްގެ ލޮނު އެ ތަނުން ނެގުނު. ގާތްގަނޑަކަށް 3 މަސްވަންދެން އެކަން ކުރެވުނު"


"ބައްޕަގެ މަސައްކަތުން ލިބުނު ލޮނު، މަސްލޮނު އަޅަން ބޭނުން ކުރިން. އަދި ގޭގައި ކައްކަން ވެސް އެ ލޮނު ބޭނުންކުރިން. ވިއްސާރަ ނޫނިއްޔާ ހަފުތާއެއްގެ ތެރޭގައި ކުޑަ ބަސްތާއެއްގެ ލޮނު އެ ތަނުން ނެގުނު. ގާތްގަނޑަކަށް 3 މަސްވަންދެން އެކަން ކުރެވުނު" ބައްޕަގެ އެ ތަޖުރިބާ ނާކާމިޔާބުވީ ސަބަބު ވެސް ނަޢީމް ވިދާޅުވިއެވެ. "ލޮނުގެ މަސައްކަތް ކުރަން ހެދި ތަނަށް، އެ ރަށަށް ޒިޔާރަތްކުރި ބައެއް މީހުން ގެއްލުންދީފައި ހުންނާތީ އެ ކަން މާ ބޮޑަކަށް ކުރިއަކަށް ނުގެންދެވުނު. ގަލުން ތަޅާ އެތަން ހަލާކުކޮށް ބޮޑެތި ގާ އެއަށް އަޅާފައި ހުރޭ. އެހެންވީމާ އެޔަކު ފެން ހަރުލާ ގޮތެއް ނުވޭ ފަހުން ފަހުން. އެހެންވީމާ އެކަން ހުއްޓާލީ". އެހެނަސް، ގާވިލިގިލީގައި، 80ގެ ކުރީކޮޅުގައި ލޮނު އުފައްދަން ކުރި މަސައްކަތަކީ، ނުވަތަ އަޖުމަ ބަލާލުމުގެ ގޮތުން އޭރު އުފެއްދި ލޮނަކީ، ރާއްޖޭގެ ވަކި ރަށެއްގައި ޚާއްސަ ތަނެއް ހަދައިގެން ލޮނު އުފައްދަން ކުރި އެންމެ ފުރަތަމަ ތަޖުރިބާ ކަމުގައި ވެދާނެއެވެ.  

ގާވިލިގިއްޔަކީ ތުޅާދޫ މަސްވެރީންނަށް ވެސް މުހިންމު ރަށެކެވެ. ހުޅަނގަށް ގޮސް ތުޅާދޫއަށް އަންނަ އޮޑި ދޯނިފަހަރަށް ގާވިލިގިއްޔަކީ ސަމުގާގެ މިސްރާބު ހިފަހައްޓަން އޭރު ބޭނުންކުރި އެއް ފާހަގައެވެ.

"ވަރަށް އުސްކޮށް ވަރަށް ބޮޑެތިކޮށް ގާވިލިގިލި ފަރަށް ރާޅު މުގުރާނެ. އާދައިގެ ރަށެއްގެ މަލަމަތި ފެންނަ ވަރަށް އެ ފަރުގެ ރާޅުގެ ހުދު ފޮނު ފެންނާނެ. ދުވާލު ފެންނާނީ ދުން އަރާފާޑަކަށް. ހުޅަނގަށް މަހަށް ގޮސް އަންނަ އިރު މަސްވެރީން ފާހަގަކުރާނެ އުދަރެހުގެ ތެރެއިން އެ ދުންއަރާ ހިސާބު. އެއީ ވިލިގިލި ފަރު އޮންނަ ހިސާބު. އެހެންވީމާ ގާވިލިގިލީ ފަރު އޮންނަ ހިސާބު ފެނުމުން ތުޅާދޫއަށް މިސްރާބު ކުރަން ފަސޭހަ. އެއީ އޭރު ބޭނުންކުރި ފާހަގައެއް" ކުރިން މާކެޔޮޅެއްގެ ގޮތުން މަސައްކަތް ކުރި އާޒާދު އަބޫބަކުރު ޙުސައިން (ކުރުބެ ބަކުރު) ބުނެދިނެވެ.

ގާވިލިގިލީގެ ތަފާތުކަން އެކި މީހުންނަށް ސިފަ ކުރެވެނީ އެކި ގޮތަށެވެ. ބައެއް މީހުންނަށް އެ ރަށުގެ ތަފާތުކަމާއެކު އެ ރަށުން ލިބެން ހުންނަ ލާގުޅައަކީ ވެސް ހަނދާނެކެވެ.

"އަޅުގަނޑު އެންމެ ފުރަތަމަ ފަހަރަށް ގާވިލިގިއްޔަށް ދިޔައީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު. ތުޅާދޫއަށް ގޮސް އެ ހިސާބުގެ ބައެއް ރަށްރަށް ބަލާލަން ކުރި ޕިކްނިކް ދަތުރެއްގައި. ފާހަގަ ކުރެވުނީ އެ ރަށަށް އަރަން، ގާތަކުގެ މަތީން ހިނގި ދިގު ހިނގުމަކީ، އުނދަގޫ ހިނގުމެއްކަން. ރަށުގެ ގޮނޑުދޮށުގައި ބާނިބާއްޏަށް، ބައެއް ތަންތަން ތަންކޮޅެއް އުސްކޮށް އަރުވާފައި ހުރި ގައުތައް މަތީ ފައިވާނުގައި ވެސް ހިނގަން އުނދަގޫވި. އެ ރަށުގައި ގިނަ އަދަދަކަށް ކަށިކުނބުރު ގަސް ހެދިފައި ވެސް ހުރި. ގަސްތައް ބުޑުގައި ބައިވަރު ލާގުޅަތައް ފައިބައިފައި ހުރި. އެނބުރި ތުޅާދޫއަށް ދިޔައީ ގާވިލިގިލިން ލާގުޅަކޮޅެއް ހޮވި ހަނދާނަކާ އެކު" ތާރީޚާއި ސަގާފަތާ ގުޅުން ހުރި މާއްދާތައް ގައުމީ ޔުނިވަރސިޓީގައި ކިޔަވައިދެއްވާ ޑރ. އަޙުމަދު ޒަކީ އޭނާއަށް ކުރެވުނު ތަޖުރިބާ ހިއްސާކުރެއްވިއެވެ.

your imageގާވިލިގިލީގައި މަރުވެފައިވާ ފަރުގެ ބައިތަކުގެ މަތީގައި މީހަކު ހުއްޓިލައިގެން 

ގާވިލިގިއްޔަކީ ތޫޅާދޫގެ މާޒީއާ ގުޅިފައިވާ ހަނދާންތަކެއް ރައްކާކުރެވިފައިވާ ރަށެކެވެ. އެއީ ތުޅާދޫއަށް ވަންނަ އޮންނަ ކަނޑިންމައިގެ އެއް ފައިކަށްޓެވެ. އެތައް ޒަމާނެއް ވަންދެން ތުޅާދޫ މީހުންގެ ބެލުމުގެ ދަށުގައި އޮތް ރަށެކެވެ. އެ ރަށަށް ދިރުން ގެނެސްދިނުމަށް އެތައް މަސައްކަތެއް ކުރެވުނު ރަށެކެވެ. ލޮނު އުފެއްދުމަށް މި ރާއްޖޭގައި އެންމެ ފުރަތަމަ އެޅުނު ބިންގަލަކީ އެ ރަށް ނޫންބާވައެވެ. ތިމާވެށީގެ ތަފާތުކަމާއި ގުދުރަތުގެ ޗާލުކަން އެ ރަށާ ގުޅިފައި ނުވޭބާވައެވެ؟ ތުޅާދޫ ކުރީގެ ކަތީބު ޢުމަރުބެގެ އެތައް ހަނދާނެއް އެ ރަށާ ގުޅިފައި ނުވޭބާވައެވެ؟ މިހާރު އެ ރަށް ކޮބައިބާވައެވެ. އެ ރަށުގެ ޙާލަތަކީ ކޮބައިބާވައެވެ؟ މަޢުލޫމާތު ލިބުނު ގޮތުގައި 2024ވަނަ އަހަރު މާޗު މަހުން ފެށިގެން އެ ރަށް އޮތީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ. ކޮންމެ ބައެއްގެ ބެލުމުގެ ދަށުގައި އޮތަސް، ގާވިލިގިއްޔާއި ތުޅާދުއާ އޮތީ ތާރީޚީ ސަގާފީ ގުޅުމެކެވެ. އެއީ، ތުޅާދުއަށް ދާ ދަތުރުވެރީންނާއި މަސްވެރީންނާއި ރަށުގެ ކުދިބޮޑު އެތައް ބަޔެއްގެ ހަޔާތާ، މާޒީގެ އުފާވެރި އެތަކެއް ހަނދާންތަކެއް ރައްކައުކުރެވިފައިވާ ތުޅާދުއަށް ޚާއްސަ، ވަރަށް ތަފާތު ރަށެކެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
100%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ފައިނަލަށް ފިނާ ދަތުރުކޮށްފި
9 hours ago 0 Comments
ގަދަ 10ން ވިދާލި ތުޅާދޫ ހަތަރު ތަރި
1 day ago 0 Comments
ތުޅާދޫގައި މަދިރި އާލާވުން އިތުރުވާތީ ރަށުތެރެ ފޮގުކުރަން ފަށައިފި
2 days ago 0 Comments
ތުޅާދޫގައި ރޯގާއެއް ފެތުރޭތީ ސްކޫލަށް ހާޒިރުވެގެން ކިޔެވުން މެދުކެނޑުމަކަށް
4 days ago 0 Comments