
'ތުޅާދޫ ޔޫސުފް މޫސާ' މި ނަމަކީ އެއް ދުވަސްވަރެއްގައި ތުޅާދޫ ގެ ކޮންމެ ރައްޔިތެއްގެ ދުލުކޮޅުގައި އެންމެ އާންމު އެއް ނަމެވެ. ބ.އަތޮޅުގެ ކަމުވޮށިވެގެންވާ މީހުންގެ މެދުގައި އެންމެ ފަރިތަ އެއް ނަމެވެ. އަތޮޅުކޮމީޓީ އާއި ބ.އަތޮޅުގެ ވެރީންގެ މެދުގައި ނުހަނު އިތުބާރުކުރެވޭ އެއް ނަމެވެ. އަދި ހަމަ އެހެންމެ، ރާއްޖެތެރޭގެ ވެރިކަމުގެ އިސް ސަފުގައި ތިއްބެވި ގިނަ ބޭފުޅުންގެ އަރިހުގައި ވެސް އެހާމެ މަގުބޫލް އެއް ނަމެވެ.
ތުއްޕުޅު އިރުގެ ހަނދާންތައް
ތުޅާދޫ ޗާންދަނީގޭ ޔޫސުފް މޫސާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1940 ވަނަ އަހަރު، ތުޅާދޫގެ ގަދަރުވެރި ޢާއިލާއެއްގެ ތެރެއަށެވެ. ބައްޕައަކީ ތުޅާދޫ ކަތީބު ޗާންދަނީގޭ މޫސާ ޢުމަރެވެ. މޫސާ ކަތީބެވެ. މަންމައަކީ ޗާންދަނީގޭ ފާތިމަތު ޢަލީއެވެ. ޔޫސުފް މޫސާގެ ޅަފަތުގެ ތަޢުލީމީ ޙަޔާތް ފެށްޓެވީ ތުޅާދޫ މަދަރުސާއިންނެވެ. އެއަށްފަހު އުމުރުފުޅުން ތޭރަ ސާދަ އަހަރުގައި އަތޮޅުގެ އެކި ރަށްރަށުން ހޮވާލެވުނު ކުދިންގެ ތެރޭގައި ހިމެނިގެން، އޭރު އޭދަފުށީގައި ހިނގަމުން ދިޔަ ބޯޑިންގެއް ކަމަށްވާ ދާރުއްޠަލަބާ އިން ފުރުޞަތު ލިބިވަޑައިގަތެވެ. އަދި އޭދަފުށީ މަދްރަސަތުއްސަޢާދާގައި ތަޢުލީމު އުނގެނުމުގައި ދުވަސްތައް ހޭދަކުރެއްވިއެވެ. ތުޅާދޫން މިގޮތަށް ގެންދެވުނު ކުދިންގެ ތެރޭގައި ޔޫސުފް މޫސާގެ އިތުރުން ޢުމަރު ޢަލީ އާއި އަޙުމަދު އަބޫބަކުރު ( ދޮންއާކުރު އަޙުމަދު) އާއި ޒަކަރިއްޔާ މޫސާ (މަނިކު ޒަކަރިއްޔާ) ހިމެނުނެވެ. އެދުވަސްވަރު އެ ލިބިވަޑައިގެންނެވި ތަރުބިއްޔަތާއި، ހޯއްދެވި ތަޢުލީމާއި ފައިދާވި އެކުވެރިން ވީ ޔޫސުފް މޫސާގެ ޢަމަލީ ޙަޔާތުގެ ވަރަށް އަގުހުރި ރައުސުލްމާލަށެވެ. ޒަމާންތަކެއް ވަންދެން ބ.އަތޮޅުގެ އެކި ރަށްރަށުގެ ވެރިކަމުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންކުރެ ކުރީގެ އަތޮޅުވެރިޔާ އޭދަފުށީ ޢަބްދުއްރައްޒާގާއި ބ. އަތޮޅު ކައުންސިލްގެ ރައީސް މާޅޮހު ކަލޭފާނާއި ކުޅަދާނަ ޝާޢިރު ދޮންފަނު މުޙަންމަދު ޔޫސުފާއި އޭދަފުށީ ޢަބްދުالله އަޙުމަދު ފަދަ އެތައް ބޭފުޅުންނެއް ހިމެނުނީ ޔޫސުފް މޫސާއާއެކު އޭރު ކިޔަވަން އުޅުއްވި ފާހަގަކުރެވޭ ޠާލިބުންނަށެވެ. އެ ހުރިހާ ބޭފުޅުން ފަހުން ފާހަގަވެގެން ދިޔައީ ޔޫސުފް މޫސާއެކޭ އެއްފަދައިން ބ. އަތޮޅުގެ މަޝްހޫރު ހަރުދަނާ ޚިދުމަތްތެރިންގެ ގޮތުގައެވެ.
ސަނަދު ނެންގެވުމުގެ ބައެއް ބައިވެރިން
ތަޢުލީމީ ޙަޔާތުގެ އޭދަފުށީގެ ބާބު ނިންމަވާލެއްވުމަށް ފަހު ޢަމަލީ މައިދާނަށް ޔޫސުފް މޫސާ ނުކުންނަވައި ރަށުގެ ވެރިކަމުގެ މަސްއޫލިއްޔަތުތައް އުފުއްލެވުމުގައި ބައްޕަ މޫސާ ކަތީބަށް އެހީތެރިވެދެއްވަން ފެށްޓެވިއެވެ. އަދި ރަށުގެ އިޖްތިމާޢީ ތަރައްގީގެ މަސައްކަތްތަކުގެ އިސް ސަފުގައި ޙަރަކާތްތެރިވާން ފެށްޓެވިއެވެ. ނަތީޖާއެއްގެ ގޮތުން އޭރުގެ އަތޮޅުވެރިޔާ ޔޫސުފް ކަލޭފާނުގެ ރުއްސެވުމާއެކު އުމުރުފުޅުން ވިއްސަކަށް އަހަރުފުޅުގައި ރަށުގެ ކުޑަކަތީބުކަމުގެ މަގާމަށް ޔޫސުފްމޫސާ އިސްކުރެވުނެވެ. އެހިސާބުން ތުޅާދޫ ރައްޔިތުންގެ ވެރިއެއްގެ ގޮތުގައ, ރައްޔިތުންގެ ކޮންމެ ޝިކާޔަތެއްގައި އަދި ކޮންމެ އުންމީދެއްގައި ޔޫސުފް މޫސާގެ މުރާލިކަމާއ, ޙިކުމަތާއި ގާބިލްކަން ގެންދެވީ ދައްކަވަމުންނެވެ.
ޔޫސުފް މޫސާގެ އަގުހުރި ޚިދުމަތުގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދަނީ އޭނާ ތުޅާދޫގެ ތަޢުލީމަށްޓަކައި ކުރެއްވި މުރާލި އަދި މާނަވީ މަސައްކަތްޕުޅެވެ. ތުޅާދޫ ދަރިންނަށް ތަޢުލީމު ދެއްވުމަށްޓަކައި ނެންގެވި އިސްނެންގެވުމާއި ގެންގުޅުއްވި ދުރުވިސްނުންފުޅެވެ. ތުޅާދޫއަކީ ތަޢުލީމީ ރަށަކަށް ހައްދަވައި ތުޅާދޫ ދަރިންނަކީ ތަޢުލީމީ ރޮނގުގައި ކާމިޔާބު ދަރިންތަކަކަށް ހެއްދެވުމަށް ހިތްޕުޅުގައި އޮތް ލޯތްބާއި ޝައުގެވެ. އެ ލޯތްބާއި ޝައުގު އިތުރުވެފައި ވަނީ ތުޅާދޫ ރައްޔިތުންނަކީ ވެސް ތަޢުލީމަށް ނުހަނު ލޯބިކުރި އެކަމަށް ޓަކައި ވަރަށް ދީލަތި ގުރުބާނީތަކެއް ވަމުންދިޔަ ބަޔަކަށް ވީތީއެވެ. އެއީ 1936ން ފެށިގެން ތުޅާދޫ ރައްޔިތުން ދިޔައީ މަދަރުސާއެއް ވުޖޫދުކޮށް އެ މަދަރުސާ ހިންގަމުންނެވެ. އެކި ރަށްރަށުން އެކި ފެންވަރުގެ މުދައްރިސުން ގެނެސްގެން ކުދިންނަށް ތަޢުލީމު ދެމުންނެވެ. އޮޑިވެރިންނާއި މަސްވެރިން ދިޔައީ އެމީހުން މަހަށްގޮސް ބާނާ މަހުން މަދަރުސާ ހިންގުމަށް ބައި އަޅަމުންނެވެ. އެހެނިހެން ފަންނުތަކުގެ މީހުން ދިޔައީ އެމީހުނަށް ދެވުނު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. ހިތުވިންދާ ގުޅިފައި އޮތް މި އެހީތެރިކަމުގައި އެ މީހުން ވަނީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ 3 ވަނަ މަދަރުސާގެ ގޮތުގައި ތުޅާދޫ މަދަރުސާ ބިނާކޮށް އޭގެ ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދީފައެވެ.
މަދަރުސާތައް ހިންގުމުގެ ނިޒާމަށް 1967 ހިސާބުގައި ސަރުކާރުން ގެންނެވި ބަދަލަކާ ގުޅިގެން ތުޅާދޫގައި ހިނގަމުން އައި މަދަރުސާގެ ޚިދުމަތް ހުއްޓާލަން ޖެހިއްޖެއެވެ. އެއީ ސަނަދު ނެތް މީހުނަށް މަދަރުސާތަކުގައި ކިޔަވައިދިނުން މަނާކުރެއްވުމާ ގުޅިގެންނެވެ. ނަތީޖާއަކަށްވީ ޔޫސުފް މޫސާ އިސްވެ ހުންނަވައިގެން މުދައްރިސް އިބްރާހިމް ޙުސައިންފުޅާއި ޙުސައިން ޔޫސުފް ފުޅާއި އަޙުމަދު އަބޫބަކުރު މާލެ ވަޑައިގެން މަދަރުސާގައި ކިޔަވައިދިނުމަށް ބޭނުންވާ ސަނަދުތައް ނެންގެވުމެވެ. އަދި ޔޫސުފް މޫސާގެ މަސްއޫލްވެރިކަމާއި ނާޒިރުކަމުގެ ދަށުން ތުޅާދޫ މަކްތަބުލް ހިދާޔާ 6 ފެބްރުއަރީ 1967ގައި ސަރުކާރުގައި އަލުން ރަޖިސްޓްރީކުރެވި އާ ފޯރިއަކާއެކު ތުޅާދޫ ސްކޫލްގެ ޢިލްމީ ދޮރާށި ތަންމިނަށް ހުޅުވާލެއްވުމެވެ. ޒަމާންތަކަކަށް ދެމިގެން ދާނެގޮތަކަށް މިޚިދުމަތް ދެއްވުނީ އޭރު ތުޅާދޫގައި މަހަށް ފުރާ އޮޑިފަހަރުވެރިންނާއި ކެޔޮޅުން މަދަރުސާ ހިންގުމަށް އެހީވުމުގައި އެކުލަވާލި ޢަހުދުނާމާއާއި މަސްވެރިންގެ ފަރާތުން ލިބުނު ދީލަތި އެހީގެ ސަބަބުންނެވެ.
ޒަމާނާ ޙާލަތަށް އައި ބަދަލާއެކު ކަންކަން ބަދަލްވަމުން ދިޔައެވެ. ނަމަވެސް، އިގްތިސާދީ ދަތިތައް ކިތަންމެ ވަރަކަށް ދިމާވި ނަމަވެސް ކިޔަވައިދިނުން ހުއްޓުނަނުދީ, އެ ވަގުތެއްގައި ހަމަޖެއްސެން އޮތް ގޮތަކަށް ހަމަޖައްސަވަމުން ފެންވަރު ރަނގަޅުކުރައްވަމުން ގެންދެވިއެވެ. މަސްވެރިންގެ އެހީ ލިބޭ ގޮތަށް އޮތް ނަމަވެސް، މަސްނުބާނާ ތަދު ދުވަސްވަރު ޔޫސުފް މޫސާ އަމިއްލަފުޅު ޖީބުންވެސް ބައެއް ފަހަރު މުދައްރިސްނަށް މުސާރަ ދެއްވަމުން ގެންދެވިއެވެ. އަދި މިފަދަ ބައެއް ދަނޑިވަޅުތަކުގައި މުދައްރިސުން ހިލޭވެސް ކިޔަވައިދެއްވަމުން ގެންދެވިއެވެ. ރައްޓެހިންނާއި އެހެނިހެން އެހީތެރިންގެ އެހީ މަދަރުސާއަށް ހޯއްދަވަމުން ގެންދެވިއެވެ. އެކި ދުވަސްވަރު އެކި ތަންތަނުން ގާބިލް މުދައްރިސުން ގެންނަވަމުން ތަރައްގީގެ ރޭހުގައި ކުރިޔަށް ވަޑައިގަތެވެ. އެކި ފަންނުތަކުގެ ޢިލްމުވެރިންނާއި ހިންގުމުގެ ފާޑުވެރިން ގެންނެވިއެވެ. އެކި ދުވަސްވަރު ތަފާތު މައްސަލަތަކުގައި ތުޅާދޫއަށް ފޮނުވާލައްވާފައި ތިބޭ ޢިލްމީ ބޭފުޅުންގެ އެހީތެރިކަން ހޯއްދެވިއެވެ. ރާއްޖޭގައި ބިދޭސީ ޓީޗަރުން ޢާންމުވެފައި ނުވާ ޒަމާނެއްގައި އާދެ! 1978 ހިސާބުގައި ބަންގްލަދޭޝްގެ މައުލަވީ މުޙަންމަދު ސުލައިމާނާއި 1980 ގެ އަހަރުތަކުގެ ކުރީކޮޅު ބަންގްލާދޭޝްގެ ކަމާލް ޙަސަން ސަރވަރ ފަދަ ކުޅަދާނަ ޓީޗަރުން ގެންނަވައިގެން ސްކޫލްގައި އިނގިރޭސިއާއި ޢަރަބި ފަދަ މާއްދާތައް ކިޔަވައިދެއްވައި ކުދިންނަށް ހަށިގަނޑުގެ ތަރުބިއްޔަތު ދެއްވަން ފެށްޓެވުމަކީ ތުޅާދޫ ސްކޫލްގެ ފާހަގަކުރެވޭ މައިލްސްޓޯންތަކެކެވެ. އެކަންކަމުގައި ސްކޫލްގެ ނާޒިރެއްގެ ހައިސިއްޔަތުން ޔޫސުފް މޫސާގެ ދައުރަކީ ފާހަގަކުރުން ޙައްގު ދައުރެކެވެ. ޝުކުރުވެރިވުން ޙައްގު މަސައްކަތްޕުޅެކެވެ.
ތަޢުލީމަށްޓަކައި ޔޫސުފް މޫސާގެ ހިތްޕުޅުގައި އޮތް ލޯތްބާއި ގަދަރު ފާހަގަވަނީ އެންމެ ގިނަ ފަހަރު ނުވަތަ އެންމެ ގިނަ ދުވަހު ތުޅާދޫ ސްކޫލްގެ މަސްއޫލްވެރިކަމާއި ނާޒިރުކަން ކުރެއްވި ބޭފުޅެއްގެ ޙައިސިއްޔަތަކުން އެކަންޏެއް ނޫނެވެ. އަދި ސްކޫލްގެ ތާރީޚީ މުނާސަބަތުތަކާއި ރަން ހަނދާންތަކާ ގުޅިފައިވާ ބޮޑެތި މަސައްކަތްތަކުގެ އާރުކާޓީއެއްގެ ގޮތުގައި މަގުދައްކަވަމުން ދީލަތި އެހީތަކެއް ދެއްވުމުގައި ސާބިތުވެ ހުންނެވުމަކުން ވެސް ނޫނެވެ. މީގެ އިތުރުން ތުޅާދޫ ފަހަނަޅާ އެހެނިހެން ހިސާބުތަކުގައި ތަޢުލީމީ ކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަތް މިންވަރާއި ޔޫސުފް މޫސާގެ ވެރިކަމުގައި ނިންމެވި ހަރުދަނާ ނިންމެވުންތަކުން މި ކަންކަން ފެނިގެންދެއެވެ. މާލޭގައި ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި ޔޫސުފް މޫސާގެ ވަރަށް ގާތް އެކުވެރިން ކަމުގައިވާ އައްޝައިޚް ޙުސައިން ޔޫސުފާއި އައްޝައިޚް ޢުސްމާން ޢަބްދުالله ފަދަ ބޭފުޅުން ހިންގެވި ޠައިބާ ސްކޫލާއި ޝައިޚް ޙުސައިން ޔޫސުފް ހިތާދޫގައި ހިންގެވި ނަހުލާ ސްކޫލް ތަރައްގީ ކުރެއްވުމުގައި ޔޫސުފް މޫސާގެ އެހީތެރިކަމާއި ބައިވެރިވުން އެކަންކަމުގެ ތެރޭގައި އުޅުއްވި ބޭފުޅުން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައެވެ. ރައީސް މައުމޫން ފެށްޓެވި އަސާސީ ތަޢުލީމްގެ މަޝްރޫޢުގެ ދަށުން ލިޔަންކިޔަން ނުދަންނަ މީހުނަށް ލިޔަންކިޔަން ދަސްކޮށްދިނުމަށް އަތޮޅު އޮފީހުން އަތޮޅުގެ ރަށްރަށަށް ފޮނުއްވި ވަފުދުތަކުގައި ހިމެނިގެން އެކި ރަށްރަށަށް ދަތުރު ކުރައްވައި އެ ރަށްރަށުގެ މީހުނަށް ކިޔަވައިދެއްވުން މިއަދުވެސް ބައެއް ބޭފުޅުން ހަނދާން އާކުރައްވައެވެ. މި ހުރިހާ ކަމެއްގެ އިތުރުން ތުޅާދޫ ސްކޫލްގެ ޖާގަ ބޮޑުކޮށް ސްކޫލްގެ ވަސީލަތްތައް ތަރައްގީކުރުމުގައި އޭރު ތުޅާދޫގައި ހުސް ބިންކޮޅެއްގެ ގޮތަށް ފެންނަން އޮތް ހަމައެކަނި ބިން، އާދެ! ތުޅާދޫ ފުޓުބޯޅަ ދަނޑަށް ސްކޫލްގެ އާ އިމާރާތް ރަށުގެ އިސްފަރާތްތަކުގެ ލަފަޔާއެކު ބަދަލުކުރަން ނިންމެވި ހަރުދަނާ ނިންމެވުން މިއަދުވެސް ގިނަބަޔަކު ފާހަގަކުރެއެވެ. މަދަރުސާގެ އެކި ކަންކަމުގައި ފޯރުކޮށްދެއްވާ ދީލަތި އެހީތަކާއި ކުދިންގެ ޙަރަކާތްތަކާއި ޖަލްސާތަކުގައި ބައިވެރިވާ މިންވަރާއި މިފަދަ އެތައް ކަމަކުން ތަޢުލީމަށް ޓަކައި ޔޫސުފް މޫސާގެ ހިތްޕުޅުގައި އޮތް މަތިވެރި މަގާމު ކިތަންމެ ރަނގަޅަކަށް ވެސް ހާމަވެގެން ދެއެވެ.
ޔޫސުފް މޫސާގެ ނަންޒަމާނުގައި ރައީސް މައުމޫނާ ސަލާންކުރައްވަނީ
ޔޫސުފް މޫސާގެ އަގުހުރި ޚިދުމަތްތައް ފެންނަން ހުރީ ހަމައެކަނި ތަޢުލީމީ ދާއިރާއަކުން ނޫނެވެ. ރަށުގެ އިޖްތިމާޢީ އަދި ޢުމްރާނީ ތަރައްގީގައި އޭނާގެ އިސްނެންގެވުމާއި ބައިވެރިވުމާއި ގުރުބާނީ ތުޅާދޫގެ ތާރީޚާ ވަނީ ގުޅި ލާމެހިފައެވެ. އެހެންކަމުން ޔޫސުފް މޫސާގެ ފާހަގަކުރެވޭ ދައުރެއް އޮވެގެން ތުޅާދޫ ރައްޔިތުން ޙާސިލްކުރި ކުރިއެރުންތަކުގެ ތެރެއިން ބައެއް ކަންކަމަށް ބަލައިލުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ. ތުޅާދޫ ސްކޫލް މިހާރު ހުރި ޢިމާރާތަށް ބަދަލްކުރުމުގެ ކުރިން ތުޅާދޫ މަކުތަބުލް ހިދާޔާއާއި ތުޅާދޫ ޕްރައިމަރީ ސްކޫލާއި ތުޅާދޫ ސްކޫލް ހިންގި ފާޑުވެރި ޢިމާރާތް އާދެ! ތުޅާދޫގެ ކުރީގެ މާލޫދު ހަރުގެ ޢިމާރާތް ކުރެވިފައިވަނީ ޔޫސުފް މޫސާ ގެ ލޮބުވެތި ބައްޕަ މޫސާކަތީބުގެ ވެރިކަމުގައި، ޔޫސުފް މޫސާގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. އެދުވަސްވަރަކީ ސަރުކާރުން ރަށްރަށުގެ ޢިމާރާތްތަކަށް ހޭދަކުރާ ނުވަތަ އެހީވާ ޒަމާނެއް ނޫނެވެ. ރަށްރަށުގައި ކުރެވޭ ތަރައްގީގެ ހުރިހާ ކަމެއްވެސް ކުރަނީ ރައްޔިތުން އަމިއްލައަށެވެ. ރަށްމެދުކޮށްގެން ނުވަތަ ހިލޭ ސާބަހަށެވެ. އެމީހުނަށް އެހީވާން ތިބި ބައެއްގެ ދީލަތިކަމާއި މަދަދާ އެކުގައެވެ. މިހަރުގެއަކީ ރ.އަތޮޅު މީދޫ ރައްޔިތުންނާ ތުޅާދޫ ރައްޔިތުންނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުމުގެ ވަރަށް ފުރިހަމަ ރަމްޒެކެވެ. އެއީ މީދޫ ކަލޭފާނުގެ މޭސްތިރިކަމުގެ ދަށުން މީދޫ ރައްޔިތުން ތުޅާދޫއަށް އައިސް ތުޅާދޫ ރައްޔިތުންނާ ގުޅިގެން ކޮށްފައިވާ މަސައްކަތްތެރިކަމުގެ ފާޑުވެރިކަން ދައްކައިދޭ ވަރަށް ހިތްގައިމު ފަރުމާއެކެވެ. ނަތީޖާއެއްގެ ގޮތުން، އެގުޅުމުގެ ސަބަބުން މީދޫ ރައްޔިތުން ކުރާ ބޮޑެތި މަސައްކަތްތަކުގައި ތުޅާދޫ ރައްޔިތުން ވެސް ދަތުރުހަދައިގެން ގޮސް ބައިވެރިވެ އެހީތެރިވުމާއި އެކި ދުވަސްވަރު މީދޫ ކުދިން ތުޅާދޫއަށް ކިޔަވަން އައިސް ތިބުމާއި ދޭދޭ ގުޅުންތައް ބަދަހިވެފައިވަނީ ރާއްޖޭގެ އެއްވެސް ދެރަށެއްގެ ދެމެދުގައި ގުޅުން ބަދަހި ނުވާހާ މަތީ ދަރަޖައަކަށެވެ. މިގުޅުން ހަރުދަނާވެފައިވަނީ ތުޅާދޫގެ ވެރިކަމުގައި އެކި ދުވަސްވަރު ތިއްބެވި ހަރުދަނާ ވެރިންނާއި ކަމުވޮށިވެގެންވާ ބޭފުޅުންގެ މިންނަތާއި ހިންމަތާ ވެސް އެކުގައެވެ.
ތުޅާދޫ ކުރީގެ ބައެއް ވެރީން
ތުޅާދޫ ރައްޔިތުން އެ ދުވަހެއްގެ އިންތިޒާރުގައި އެންމެ ގިނަ ދުވަސް ހޭދަކުރި އެއް ކަމަކީ ތުޅާދޫ ބިން ހިއްކައި ބޮޑުކުރުމުގެ މަސައްކަތް ފެށުނު ތާރީޚީ ދުވަހެވެ. ސަރުކާރުން މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށްޓެވީ ތުޅާދޫ ރައްޔިތުން ވަރަށް ގިނަ ދުވަސް ވަންދެން ވަރުބަލިކަމެއް ނެތި ހިނގި ހިނގުމާއި މެދުކެނޑުމެއްނެތި ދެންނެވި ދެންވުންތަކާއި، އަސަރާއެކު ފޮނުވި އާދޭހުގެ ސިޓީތަކުގެ ސަބަބުން 1997 ގައެވެ. އެކި ސަބަބުތަކާ ހެދި ރަށުގެ ވެރިކަމުގެ ޒިންމާއާ ދޭތެރެއަކުން ޔޫސުފް މޫސާ ދުވަސްކޮޅަކަށް ދުރަށް ވަޑައިގެންނެވި ނަމަވެސް މިދެންނެވި މުހިންމު މަސައްކަތަށް އަލިވިލުނުއިރު، ރައްޔިތުންގެ ފަރާތުން އިސްވެ ހުންނެވީ ވެސް ޔޫސުފް މޫސާއެވެ. ސަރުކާރާ ރައްޔިތުންނާ ގުޅުވައިދޭ ވަސީލަތަކީ އޭރު އެއީއެވެ.
ރާއްޖޭގެ ރައްޔިތުންގެ ފާޑުވެރިކަމާއި މަސައްކަތްތެރިކަން ހުރި މިންވަރު ވަޒަންކުރެވިގެންދާ އެންމެ ފަހި ފުރުޞަތަކީ އަތޮޅުތަކުގެ މެދުގައި ގަވައިދުން ކޮންމެ އަހަރަކު ވެސް ބޭއްވެމުންދިޔަ އަތު މަސައްކަތާއި އަތްތެރި މަސައްކަތުގެ މަޢުރަޒެވެ. އެއީ އެ މަޢުރަޒުގައި ބައިވެރިވާ ހުނަރުވެރިންނެކޭ އެއްފަދައިން، ކާމިޔާބު ހޯދާ ކޮންމެ ރަށަކާއި ކޮންމެ އަތޮޅެއްގެ ރައްޔިތަކު ވެސް އޭރު އިންތިޒާރުކުރަމުން ދިޔަ ވަގުތު ކޮޅެކެވެ. ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ބ.އަތޮޅު ޖެހިޖެހިގެން 13 ވަރަކަށް ފަހަރު މުޅި ރާއްޖޭން 1 ވަނަ ހޯދިއިރު އެއިން ކޮންމެ ފަހަރަކު ބ. އަތޮޅާއި ތުޅާދޫ ހޯދަމުން ދިޔަ ފަޚުރުވެރި ރަން ވަނަތައް ހޯދުމުގައި ރެއެއް ދުވާލެއް ނެތި މަސައްކަތުގައި އުޅުނު މީހުން ބައިވަރެވެ. އޭގެ ތެރެއިންވެސް ޔޫސުފް މޫސާ ކުޅުއްވަމުން ގެންދެވި ދައުރުގެ މުހިންމުކަން އޭރު އެމަނިކުފާނާއެކު މަސައްކަތްކުރެއްވި އަތޮޅުވެރިންނާއި އެހެނިހެން ރަށްރަށުގެ ވެރިން މިއަދުވެސް ފާހަގަކުރައްވައެވެ. އެ ހަނދާންތައް ޒިކުރާ ކުރައްވައެވެ.
ލިޔެލާޖެހުމުގެ މަސައްކަތުގެ ކާމިޔާބީގެ ތެރެއިން
ލިޔެލާޖެހުމުގެ މަސައްކަތުގެ ކާމިޔާބީގެ ތެރެއިން
ޔޫސުފް މޫސާ އަކީ ހަމައެކަނި ވެރިއެއްގެ ގޮތުން ތުޅާދޫގައި އިސްވެ ޙަރަކާތްތެރިވި ބޭފުޅެއް ނޫނެވެ. އެއީ ވަރަށް އަގުހުރި އިޖްތިމާޢީ ޚިދުމަތްތެރިއެކެވެ. އާ ކަންކަން ތަޢާރަފްކޮށް، އެ ކަންކަމުގައި ދުރު ވިސްނެވުން ގެންގުޅުއްވި ބޭފުޅެކެވެ. ތުޅާދޫގައި އެންމެ ފުރަތަމަ އުފެދުނު އިޖްތިމާޢީ ކުލަބް، 'ތުޅާދޫ ކުޅިވަރު ކުލަބް' (ތ.ކ.ކ) އުފެއްދެވީ ޔޫސުފް މޫސާ އިސްވެ ހުންނަވައިގެން މުޙަންމަދު އަބޫބަކުރު (ދޮންއާކުރު ކުޑަބެ)އާއި، ޙަސަން އިދުރީސް (މުދިންކަލޭ ހަސަން)އާއި، އީސާ މޫސާ (އީސާބެ)އާއި އަޙުމަދު އަބޫބަކުރު (ދޮން އާކުރު އަހަންމަދު)ގެ މަސްއޫލްވެރިކަމުގައެވެ. މިއަދު 47 އަހަރުވެފައިވާ ތުޅާދޫ ސްޕޯޓްސް ކްލަބް އުފަންވެގެން އައީ، ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ކުލަބެއްގެ މަސްއޫލްވެރިކަން ނުކުރެވޭ ގޮތަށް ސަރުކާރުން ހަމަޖެއްސެވުމުން، ޔޫސުފް މޫސާ ތުޅާދޫ ކުޅިވަރު ކުލަބްގެ މަސްއޫލުވެރިކަމުން އިސްތިއުފާ ދެއްވުމުން އެހިސާބުންނެވެ. އެ ހިސާބަށް ދިޔައިރު ތުޅާދޫގައި ކުޅިވަރާއި އިޖްތިމާޢީ ޙަރަކާތްތައް އިންތިޒާމުކުރެވިގެން ވަނީ ހިނގަންފަށާފައެވެ. މި އަހަރު ގޯލްޑެން ޖުބިލީ ފާހަގަކުރާ ތުޅާދޫ ސިލްވަރ ޝައިން ކްލަބްވެސް އުފެދި، އިޖްތިމާޢީ ތަރައްގީގެ ޗޭނުތައް ވަނީ ގެތެން ފަށާފައެވެ.
ޒަމާނީ ތަރައްގީގައި އިލެކްޓްރިސިޓީ ނުވަތަ ކަރަންޓަކީ ވަރަށް މުހިންމު ޙިއްސާދާރެކެވެ. އެހެންކަމުން، އަމިއްލަ ފަރާތްތަކުގެ މިންނަތް މަސައްކަތުން މީގެ 40 އަހަރު ކުރިން ކަރަންޓުގެ އަލިކަން ތުޅާދޫއަށް ތަޢާރަފްކޮށްފިއެވެ. ތުޅާދޫއަށް ކަރަންޓުގެ އަލިކަން ލިބި އޭގެ ދޯދިތައް ގޭގޭގެ ދޮރުތަކުން ބޭރަށް ފޭދެން ފެށީ 1980 ގެ އަހަރުތަކުގެ ކުރީކޮޅެވެ. ކާނިމާގެ ދާއޫދު ޢަލީ ތުޅާދޫގައި ކަރަންޓުގެ ޚިދުމަތް ދެއްވަން ފެށްޓެވުމާއެކު މާތިލަ އިސްމާޢިލް އިބްރާހިމާއި ހުދު އަސުރުމާގޭ ޙުސެން އިބްރާހިމް ފަދަ އެހެނިހެން ވިޔަފާރިވެރިން ވެސް ޖެނެރޭޓަރ ސެޓްތައް ގެންނަވައިގެން އެޚިދުމަތުގައި އަތުކުރި އޮޅާލެއްވިއެވެ. މުޅި ރަށަށް ޚިދުމަތް ދެވޭ ވަރުގެ ކެޕޭސިޓީ ނެތުމުން އެކި ބޭފުޅުން ޚިދުމަތް ދެއްވަނީ އެކި ހިސާބުތަކަށެވެ. ޚިދުމަތް ލިބެނީ ކޮންމެ ރެއަކުވެސް 5 ގަޑިއިރުއެވެ. ނަތީޖާއެއްގެ ގޮތުން، ރައްޔިތުންނަށް ބޭނުންވެފައިވާ މި ޚިދުމަތުގައި ޔޫސުފް މޫސާވެސް އޭނާގެ އިޖްތިމާޢީ ޒިންމާ އަދާކުރައްވަން ފެށްޓެވިއެވެ. އޭގެ ސަބަބުން އެތައް ބަޔަކަށް އޭގެ ފަސޭހަތައް ލިބިގެން ދިޔައެވެ.
ޔޫސުފް މޫސާއަކީ ރައްޓެހިންނާ ރަޙުމަތްތެރިން ގިނަ އަދި އެ ބޭފުޅުންގެ އަރިހުގައި ވަރަށް މަގުބޫލު ބޭފުޅެކެވެ. މީހުނަށް އެހީތެރިކަން ފޯރުކޮށްދެއްވާ ދީލަތި ބޭފުޅެކެވެ. ޔޫސުފް މޫސާއާއި އޭނާގެ އަނބިކަނބަލުން ޞަފިއްޔާ ޢީސާގެ ދީލަތި ހިޔާވެއްސަކީ އެތައް މިސްކީނު ޔަތީމު ކުދިންނަކަށް އޯގާތެރިކަމާއި މަދަދުވެރިކަން ފޯރުކޮށްދީ، އެކުދިން ބަލާ ބޮޑުކުރި ހިޔާވެއްސެކެވެ. ތުޅާދޫއަށް ޒިޔާރަތްކުރާ ވަފުދުތަކާއި އެކި މެހެމާނުންނަށް ޗާންދަނީގެ ސުފުރާ އޮންނަނީ އަބަދުވެސް ފަތުރާލެވިފައެވެ. މިކަން ތަކުރާރުކޮށް ތަޖުރިބާ ކުރެއްވުމުން އޭރުގެ އަތޮޅުވެރިޔަކު އެއް ދުވަހަކު ޔޫސުފް މޫސާގެ ކާކޮޓަރީގައި ފަރިއްކޮޅަކަށް އިންސާފުކުރައްވަން އިންނަވައި ސުވާލުކުރެއްވިއެވެ. މި ގެއިން ކައިބޮއެ ހަދާ ކިތައް މީހުން ތިބޭ ހެއްޔެވެ؟ އޭގެ ޖަވާބުގައި ޔޫސުފް މޫސާ ވިދާޅުވިކަމަށް ވެއެވެ. ތިއީ ތިމަންނަ ބަލަން ޖެހޭ ހިސާބެއް ހެއްޔެވެ؟ ތެދެކެވެ. އެއީ ހިސާބުކޮށް ބަލަހައްޓަވާ އަދަދަކަށް ނުވެދާނެއެވެ. އޮޑިދޯނި ފަހަރު ދުއްވުމާއި ފަޅުރަށް ގެންގުޅުއްވުން ފަދަ އިގްތިޞާދީ މަސައްކަތްތައް އެކި ފެންވަރުގައި އެކި ދުވަސްވަރު ކުރައްވާތީ އެކި ކަންކަމުގައި ތަފާތު ބޭނުންތަކުގައި އަބަދުވެސް ގެއަށް ޒިޔާރަތްކުރާ މީހުން ތިބޭތީއެވެ. އެކި ނަންނަމުގައި އޭރު ސަރުކާރުގެ ފަރާތުން އަންނަ ވަފުދުތަކުގެ ގެއަކީވެސް އެ ގެ ކަމަށް ވާތީއެވެ. މީހުން އެގޮތަށް ގެއަށް ޒިޔާރަތްކުރުމަކީ ޔޫސުފް މޫސާއަށް ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގަންނަވާ ކަމެއްކަމުގައި ވެއެވެ.
ޔޫސުފް މޫސާއަކީ ތަޢުލީމަށް ލޯބިކުރެއްވި ބޭފުޅަކަށް ވުމުން، އޭނާގެ އަމިއްލަ ބޭފުޅުންގެ ތަޢުލީމާއި ތަރުބިއްޔަތުގައި ވެސް އިސްކަން ދެއްވިކަން ފާހަގަކުރެވެއެވެ. އެކި ދުވަސްވަރު އަދާކުރައްވަން ޖެހުނު މަސްއޫލިއްޔަތުތަކާ ގުޅިގެން ދަތުރުފަތުރު ކުރައްވަން ޖެހުމާ މަސައްކަތްތަކުގައި އަވަދިނެތި އުޅުއްވަން ޖެހުނުނަމަވެސް ކުދިންގެ ކިޔެވުމާއި ސުލޫކީ ކަންކަން އިންތިޒާމު ކުރައްވާފައިވަނީ ވަރަށް ހަރުދަނާ ރޭއްވެވުމެއްގެ މަތިންކަން އޭނާގެ ކުދިން ފާހަގަކުރައްވައެވެ. ނަތީޖާއެއްގެ ގޮތުން ތިން ބަނޑަށް 12 ބޭފުޅުން ލިބިވަޑައިގެންފައިވާއިރު ވެސް އެއިން ކޮންމެ ކުއްޖަކީ ވެސް މުޖުތަމަޢަށް ފައިދާހުރި ކަމެއްގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ހަރުދަނާ ގާބިލް ކުއްޖެކެވެ. ޚިދުމަތުގެ ރޫޙު ހުރި ކުއްޖެކެވެ. އޭގެ ތެރެއިން ބައެއް ކުދިން ބައްޕަގެ ޚިދުމަތުގެ ފިޔަވަޅުމަތީ ރަށުގެ ވެރިކަން ކުރެއްވިއެވެ. އެގޮތުން އިބްރާހިމް ރަޝީދު ޔޫސުފް ތުޅާދޫ ކުޑަކަތީބުކަން ކުރެއްވިއެވެ. ޢަބްދުالله ރަޝީދު ޔޫސުފް ތުޅާދޫ ކައުންސެލަރުކަން އަދާކުރެއްވިއެވެ. ތަޢުލީމީ ގޮތުން ބަލާއިރު ތުޅާދޫގެ އެންމެ ފުރަތަމަ ޔުނިވަރސިޓީ ގްރެޖުއޭޓަކީ ޔޫސުފް މޫސާގެ އައްޝައިޚް ޙުސައިން ރަޝީދު ޔޫސުފެވެ. އޭނާ ވަނީ ދައުލަތުގެ މަތީ މަގާމްތަކެއް ފުރުއްވާފައެވެ. އައްޝައިޚް މުޙަންމަދު ރަޝީދު ޔޫސުފް މިއަދުވެސް އެ ގެންދަވަނީ ތުޅާދޫ ސްކޫލްގައި ކިޔަވައިދިނުމުގެ ޚިދުމަތުގައި ވެރިއެއްގެ ގޮތުގައި ޙަރަކާތްތެރި ވަމުންނެވެ. ޢަލީ ރަޝީދާއި މޫސާ ރަޝީދު ފަދަ ބޭފުޅުން ވިޔަފާރީގައި އެނޫން ބޭފުޅުން އިޖުތިމާޢީ އެހެނިހެން ޚިދުމަތްތަކުގައި ވަނީ ފާހަގަކުރެވިފައެވެ.
ކަތީބު އާއިލާގެ ބައެއް މެންބަރުން، ކުރީގެ ރައީސާއެކު
ކަތީބު އާއިލާގެ ބައެއް މެންބަރުން، ކުރީގެ ރައީސާއެކު
މަރްޙޫމް ޔޫސުފް މޫސާ ހިމެނޭނީ ތުޅާދޫ ހަރު ބޭފުޅުންގެ ތެރެއިން ސިޔާސީ ގޮތުން އެންމެ ތަޖުރިބާކާރު އެއް ޝަޚްޞިއްޔަތުގެ ގޮތުގައެވެ. ތުޅާދޫ ކުޑަކަތީބު ކަމުން ފެށިގެން ތުޅާދޫ ކަތީބުކަމާއި، ތުޅާދޫ ބޮޑު ކަތީބުކަމާއި، ގޮއިދޫގައި ގާއިމްކޮށްފައިހުރި އަރުވާލި މީހުނާ ބެހޭ އޮފީހުގެ ވެރިކަމާއި އަތޮޅު ކޮމިޓީގެ މެމްބަރުކަމާއި އެކި ދުވަސްވަރު އެކި ރަށުގެ އޮފީސް ހިންގެވުންފަދަ ޒިންމާތަކާއި މަގާމުތައް ވަނީ ފުރުއްވާފައެވެ. ރައީސް އިބްރާހިމް ނާޞިރުގެ ދުވަސްވަރު ތުޅާދޫ ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ބޮޑު ބައިގައި ވެސް ޔޫސުފް މޫސާ ހިމެނުނީ ސަރުކާރުގެ ވެރިންނާ ގާތް ނުފޫޒުގަދަ ބޭފުޅެއްގެ ގޮތުގައެވެ. އޭނާ ބޭނުންފުޅުވާ ކަންކަން ސަރުކާރުގެ ތެރެއިން ފަސޭހަކަމާއެކު ހަމަޖެއްސޭ ވެރިންގެ އިތުބާރު އޮތް ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް އެކި ދުވަސްވަރު ރަށުގެ ސިޔާސީ މަސްރަޙަށް އަރަމުން ދިޔަ 'އުދައިގެ އަސަރު' ނުފޯރާ ހިސާބަކަށް ވަޑައެއް ނުގެންނެވުނެވެ. އަދާކުރައްވަމުން ދިޔަ ވަޒީފާއާއި މަސްއޫލިއްޔަތުތަކަށް އޭގެ އަސަރު ދިޔައީ އެކި ސިފަސިފައިގައި ކުރަމުންނެވެ. މި ކަންކަމުގެ ތެރެއިން ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އެނބުރެމުން ދިޔަ އިޞްލާޙީ އޮއިވަރު ފަރުވާތެރިކަމާއެކު ބައްލަވަމުން ވަގުތާ ޙާލާތާ އެއްގޮތަށް ސިޔާސީ ފިކުރު ބައްޓަންކުރެއްވިއެވެ. ޒަމާނީ ޑިމޮކްރަސީއަކަށް ދިވެހިން މިސްރާބު ޖެހިއިރު އިސްލާޙީ ޙަރަކާތްތަކުގައި ތުޅާދޫގެ މުގުލެއްގެ ގޮތުގައި ސާބިތުވެ ހުންނެވިއެވެ. ނަތީޖާއަކަށްވީ ދައުރު ބަދަލްވުމާއެކު އުފެދުނު އާ ނިޒާމުގެތެރެއިން ބ.އަތޮޅު ކައުންސިލްގައި ވެސް މެންބަރެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމެވެ.
ޝައްކެއްނެތް ގޮތުގައި މަރްޙޫމް ޔޫސުފްމޫސާއަކީ ތުޅާދޫގެ އަގުހުރި ޚިދުމަތްތެރިންގެ ތެރެއިން ފާހަގަކުރެވޭ މަތިވެރި ޚިދުމަތްތެރިއެކެވެ. އޭނާގެ ޚިދުމަތުގެ ސިލްސިލާއަށް ބޮޅުތައް ގެތެމުން އެމުނެމުން ދިޔައީ އެކި ދުވަސްވަރު އެކުގައި މަސައްކަތްކުރެއްވި ވެރިން އާދެ! ޙުސައިން ޢަފީފާއި، ޢަބްދުއްރަޙީމް ޔޫސުފާއި، އަޙުމަދު މުޙަންމަދާއި، ޢުސްމާން ޢަލީ އާއި، ޢުމަރު ޢަލީ އާއި، ރކ. ކޮމިޓީއާއި ރަށު އޮފީހުގައި އެކި ދުވަސްވަރު އިސްވެ ތިއްބެވި ޚިދުމަތްތެރިންނާއި، ބ.އަތޮޅުގެ އެކި ރަށްރަށުގެ ވެރިންނާއި އެކި ދުވަސްވަރުގެ އަތޮޅުވެރިންނާއި ތުޅާދޫ އޮޑިފަހަރުވެރިންނާއި، އެކި ފަންނުތަކުގެ މަސައްކަތްތެރިންގެ އިޚްލާސްތެރިކަމާއި، އެއްބާރުލެއްވުމާއި ބައިވެރިވުމާއެކުގައެވެ. މީގެ އިތުރުން ޔޫސުފް މޫސާގެ ނާޒިރުކަމުގައި ދުވަހުން ދުވަހަށް ސްކޫލް ހިންގުމުގެ ޒިންމާ އުފުއްލަވަމުން ގެންދެވި އެކި ދުވަސްވަރުގެ ސްކޫލްގެ ވެރިންނާއި ޚާއްސަކޮށް ގިނަ ދުވަސްތަކަކު ޔޫސުފް މޫސާގެ ވެރިކަމުގައި ސްކޫލް ހިންގެވި ކުރީގެ ނާޒިރު އަޙުމަދު މުޙަންމަދާއި ސްކޫލް ހިންގުމުގައި ލަފާދެއްވުމަށް އެކުލަވާލެވުނު ކޮމިޓީއާއި ސްކޫލްގެ މުދައްރިސުންގެ ހަރުދަނާ ކަމާއެކުގައެވެ. މިއަށްވުރެ ބޮޑަށް އަނބިކަނބަލުން ޞަފިއްޔާ ޢީސާއާއި ޢާއިލާގެ ބޭފުޅުންނާއި ވަފާތެރި ރަޙުމަތްތެރިންގެ ދެގޮތެއްނުވާ މަދަދާއި އެހީތެރިކަމުގެ ސަބަބުންވެސް މެއެވެ.
މަރްޙޫމް ޔޫސުފް މޫސާ މި ފަނާވަނިވި ދުނިޔެއާ ވަކިވެވަޑައިގަތް ނަމަވެސް އެ މަނިކުފާނުގެ އަގުހުރި ޚިދުމަތާއި އެ ހަނދާންތަކަކަށް ނިމުމެއް ނެތެވެ. އެ މަނިކުފާނުގެ ސާދާ ދިރިއުޅުއްވުމާއި ރައްޔިތުންގެ ޚިދުމަތުގައި ހޭދަކުރެއްވި ހޭދަކުރެއްވުންތަކުގެ ޒިކުރާއަކަށް ބަދަލެއް ނެތެވެ. ކީރިތި الله މަރްޙޫމް ޔޫސުފް މޫސާގެ ފުރާނަފުޅު ސުވަރުގޭގެ ތަނަވަސް ރަޙުމަތުގައި ލައްވާށިއެވެ. އެމަނިކުފާނުގެ އިޚްލާޞްތެރި ޚިދުމަތުގެ ހަނދާންތަކުން ފަހުގެ ޖީލްތަކަށް ޖޯޝާއި ޣީރަތު އިތުރުކޮށްދެއްވާށިއެވެ. އާމީން.