
1938 ވަނަ އަހަރު އުފަންވެލެއްވި ތިއްތިބެއަކީ ތުޅާދޫ، މިނާޒު، އަބޫބަކުރު މުޙައްމަދު (އާކުރުބެ) އާއި ޚާދީޖާ މުޙައްމަދު ކައިވެނިކުރައްވައިގެން ލިބިލެއްވި 6 ކުދިންގެ ތެރެއިން ދެވަނައަށް ލިބިލެއްވި ދަރިފުޅެވެ. ތިއްތިބެގެ ބައްޕަ، އާކުރުބެއަކީ ތުޅާދޫ ސްކޫލުގައި ކިޔަވައިދިނުމުގެ މަސައްކަތް އެންމެ ކުރީއްސުރެ ކުރައްވަމުން ގެންދެވި ތުޅާދޫއަށް ނިސްބަތްވާ ތިން ޚިދުމަތްތެރީންގެ ތެރެއިން އެކަކެވެ. އޭގެ އިތުރުން ތިއްތިބެގެ ބައްޕައަކީ ތުޅާދޫގައި ޚިތާނުކުރުމުގެ މަސައްކަތް އެ ދުވަސްވަރު ކުރައްވަމުން ގެންދެވި ޚިދުމަތްތެރިއެކެވެ. ބައްޕަގެ ފަރާތްޕުޅުން ނަމޫނާ ނަންގަވަމުން ތިއްތިބެ ވެސް އެ ޚިދުމަތުގެ ތެރެއަށް ވެންނެވިއެވެ. ބައްޕައާ އެކު ވަރަށް ހަގު އުމުރުގައި ޚިތާނުކުރާ ގޭގެއަށް ދުރުވެ ބައްޕަގެ އެހީތެރިއެއްގެ ގޮތުގައި "ކުޑަކުޑަ" ތިއްތިބެ ވެސް ހަރަކާތްތެރިވެ ލެއްވިއެވެ. އެ ހިސާބުން ތިއްތިބެގެ ޝައުގު، ޚިތާނީ ޚިދުމަތަށް މިސްރާބު ކުރެވުނެވެ.
" ކާފަ ނިޔާވި އިރު ކާފަ ބޭނުންވި އެކަން ކޮންމެވެސް އެކަކު ކުރަން. ދޮންބޭބެގެ އެކަން ފެށީ. ކާފައާއެކު ވަރަށް ގިނަ ގޭގެއަށް ދޮންބޭބެ ވެސް ދާނެ. އެކަމުގެ ތެރެއިން ޚިތާނުކުރުމުގެ ތެރެއަށް ވަދެވުނީކަމަށް ބެލެވެނީ. ޔަގީނުން ވެސް ދޮންބޭބެއަކީ ވަރަށް ގިނަ ދުވަސްވަންދެން އެކަމާ ވެގެން ޚިތާނުކުރުމުގެ މަސައްކަތް ކުރި މީހެއް" ތިއްތިބެއަށް ދޮންބޭބެ ކިޔާ ނަޢީމް އިބްރާހިމް (ނަޢީމު ދޮންބެ) ބުނެދިނީ ޚިތާނުކުރުމުގެ ދާއިރާއަށް ތިއްތިބެ ވެންނެވި ގޮތެވެ.
ނަޢީމު ދޮންބެ ބުނީ ތިއްތިބެ އެތައް ރަށަކަށް ދުރުވެ ޚިތާނުކުރުމުގެ ޚިދުމަތް ދެއްވާފައިވާ ކަމަށާއި އެ ޚިދުމަތުގައި އެތައް އަހަރެއް ހޭދަކުރެއްވި ކަމަށެވެ.
" ދޮންބޭބެ ވަނީ ބ. އަތޮޅުގެ ވަރަށް ގިނަ ރަށްރަށަށް ގޮސްފައި. ގޮއިދޫ، މާޅޮސް، ހިތާދޫ، މިހެންގޮސް ކިޔާނެކަމެއް ނެތް. އެތައް ރަށަކަށް ދިޔަ. އަދި ނ.އަތޮޅު މާފަރަކީ ވެސް ވަރަށް ޚާއްޞަ ރަށެއްކަން އެނގިފައިވޭ" ނަޢީމު ދޮންބެ ބުންޏެވެ.
ނ. މާފަރު ބޮޑު މިސްކިތުގެ އިސް އިމާމު އަބްދުލްޙަމީދު ޢަބްދުއްރަޙުމާން ބުނުއްވީ ތިއްތިބެއަކީ އެ ރަށު ކުދީން ޚިތާނުކޮށްދިނުމަށް ޓަކައި އެ ރަށަށް ވަރަށް ގިނައިން ދުރުވެ އުޅުއްވި ޚިދުމަތްތެރިއެއް ކަމަށެވެ.
"މި ރަށުގެ ގިނަ ބަޔަކު ތުޅާދޫ ތިއްތިބެއަށް ކިޔާނީ ތުއްތީދިބެ. އެއީ ވަރަށް ގިނަ ބައެއްގެ އެކުވެރިއެއް. އަދި ޚާތިމްބެއަކީ ވެސް މި ރަށަށް ވަރަށް ފަރިތަ މީހެއް. މި ރަށުގެ ވަރަށް ގިނަ ކުދިންނަށް ޚިތާނީ ޚިދުމަތް ތުއްތީދިބެ ވަނީ ދީފައި. އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަ ހުރި މި ރަށު ސްކޫލު ހޯލުގައި ވިއްސަކަށް ކުދިން ޚިތާނު ކުރި ފަހަރު ވެސް ތުއްތީދިބެ އެ ކަން ކޮށްދިންކަން" ތުޅާދޫ ތިއްތިބެއާ މެދު ހަމީދު ބުނުއްވިއެވެ.
ތިއްތިބެއަކީ އެ އާއިލާއިން ކުރަމުން އައި އޮޑިދޯނި ފަހަރު ދުއްވުމުގެ މަސައްކަތުގެ ހިންގުންތެރިއެކެވެ. ހަށިގަނޑު ބަލިކަށި ނަމަވެސް ތިއްތިބެގެ ހިތްވަރާއި ކަންކަމުގައި ހުންނަ ޖޯޝަކީ އެކި ޚިދުމަތްތަކުން ތިއްތިބެ ފާހަގަކުރެވުނު އެއް ސަބަބެވެ.
" ކާފަ ނިޔާވުމުން އަޅުގަނޑުގެ ބައްޕަ ދޯނިފަހަރު ދުއްވާ ހަދަނީ. އެ ކަމުގައި ފަހަތުގައި ހުންނަ މީހަކީ ދޮންބޭބެ. ބައްޕައަށް އެކަން ކުރެވެނީ ދޮންބޭބެގެ އެހީތެރިކަމާ އެކު. ކެމަރާގެ ފަހަތުގައި އެތައް ބަޔަކު ތިބެއޭ ބުނާ އުސޫލުން ބައްޕަގެ މަސައްކަތުގެ ފަހަތުގައި ހުރެގެން ހުރިހާ ކަމެއް ހިންގީ ދޮންބޭބެ. މަހަށްދާން މީހުންނަށް ގޮވުމާއި ދޯނި ފުރުވާލުމާއި މަހުން އައިމާ ކުރަންޖެހޭ އެންމެހާ ކަންކަމުގައި ދޮންބޭބެ ދައުރު ވަރަށް ބޮޑު" ނަޢީމް ދޮންބެ ފާހަގަކުރީ ތިއްތިބެގެ އާއިލީ ޚިދުމަތުން ބައެކެވެ.
"ވާ އެޅުމުގެ ކަންކަމުގައި ވެސް އުޅޭނީ ދޮންބޭބެ. ވަކަވާ، ރޯނުވާ އެޅުމުގައި މުރީދަކަށް ހުންނާނީ ވެސް ދޮންބޭބެ. އެކަންކަމާ ބައްޕަމެންނެއް ނޫޅޭނެ"
ތުޅާދޫ ދެރަހަ، މުޙައްމަދު އަޙުމަދު (ކޮޔޮޅު މުހުނދު) ބުނީ ވާއެޅުމަކީ ވެސް ފަންނުވެރި މަސައްކަތެއް ކަމަށާއި އެކަމަކީ ތިއްތިބެ ވަރަށް ގަޔާވެގެން ކުރެއްވި ކަމެއް ކަމަށެވެ.
" ދޯނިފަހަރަށް ވާއެޅުން ފަދަ ކަންކަމުގައި އިސްވެ އުޅޭނީ ތިއްތިބެ. ތިއްތިބެ ބުނާ ވަރަކަށް ހަރުކޮށްފައި ބުނާ ގޮތަކަށް އެކަން ކުރަމުން ދިޔައީ. އެ ކަމުގައި ވެސް އިސްވެ ގޮތްކިޔާ މީހަކީ ތިއްތިބެ. އެއީ ފަންނުވެރި ކަމެއް. އެއީ އޭރަށް ބަލާއިރު ވަރަށް މުހިންމު މަސައްކަތެއް" މަސްވެރި ޚިދުމަތްތެރިޔާ މުހައްމަދު ފާހަގަކުރިއެވެ.
ތިއްތިބެ ނިސްބަތްވާ އާކުރުބެ އާއިލާއަކީ ތުޅާދޫގެ އިޖުތިމާޢީ ޚިދުމަތުގެ ބޮޅުތައް ގުޅިފައިވާ އާއިލާއެކެވެ. ތުޅާދޫ ސިލްވަރ ޝައިން ކުލަބު އެއް ބާނީއަކީ ތިއްތިބެ ބައްޕައެވެ. އެ ބައްޕައާއި އެ އާއިލާއިން ވަނީ އެ ކުލަބު ހިންދެމިލުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެކަން ފާހަގަކުރެއްވީ ކުލަބް އެއް މަސްޢޫލުވެރިޔާ ޒަކަރިއްޔާ ޢަލީއެވެ.
ޒަކަރިއްޔާ ވިދާޅުވީ ތިއްތިބެއަކީ ކުލަބުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވި އެކަކު ކަމަށެވެ.
"ޚާއްޞަކޮށް ތިއްތިބެގެ އާއިލާއަކީ ކުލަބުގެ އެއް ތަނބު. ތިއްތިބެއަކީ ޖާނާއި މާލުން ގުރުބާންވި އެކަކޭ ބުނެވިދާނެ. އެ އާއިލާއަކީ އޮޑިދޯނި ފަހަރު ދުއްވި އާއިލާއެއް. އެހެންކަމުން މާލީ އެހީތެރިކަމާއި އެ ތަނަވަސްކަމުގެ ފައިދާ ކުލަބަށް ވަރަށް ބޮޑަށް ލިބުނު. އެ ކަންކަން ފަހިވުމުގައި ތިއްތިބެގެ ދައުރު ވެސް ބޮޑު. ކުލަބު ރަޖިސްޓްރީކުރުމަށް މާލެ ދިޔައީ އެ މީހުންގެ އޮޑިދޯނި ފަހަރުގައި" ޒަކަރިއްޔާ ހަނދާން ކުރެއްވީ ކުލަބުގެ ހަރަކާތްތައް ފެށުނު ދުވަސްވަރާއި އެކަން ފެށުނު ގޮތެވެ.
ޒަކަރިއްޔާ ވިދާޅުވީ ސަގާފީ ކަންކަން ތުޅާދޫގައި ދިރުވުމުގައި ވެސް ތިއްތިބެ ދައުރު ބޮޑު ކަމަށެވެ.
" ބޮޑުބޭބެ (އާކުރުބެ) ވަކިވުމަށް ފަހު ސަގާފީ ހުރިހާ ކަމެއްގެ މުރީދަކަށް ހުރީ ތިއްތިބެ. ތާރަ އެންމެ ފުރިހަމައަށް ޖަހާނެ. ދަނޑިޖެހުމުގައި ވެސް ވަރަށް ހުނަރުވެރިވާނެ. އެކަން ކުރާނެ އާޓާއި ގޮތް ވެސް ދައްކައިދޭނެ. ސީދާ ދަނޑިޖެހުމަކަށް ނާރާނެ. ލަވަކިޔުމަށް ވެސް ވަރަށް މޮޅުވާނެ. އިހުޒަމާނުގެ ލަވަތައް ރާގުގައި ވަރަށް މޮޅަށް ކިޔާލާނެ. ތިއްތިބެ ނެތް ނަމަ އަހަރެމެންނަށް އެކަން ނުކުރެވުނީސް. އެހާ ވެސް މުހިންމު ދައުރެއް ތިއްތިބެ އަދާކުރި" ޒަކަރިއްޔާ ވިދާޅުވިއެވެ.
މުޙައްމަދު އަޙުމަދު (ކެޔޮޅު މުހުނދު) ބުނީ އިރުމަތީކޮޅު ކުލަބުން މަންގަލަން ދަނޑި ޖެހި ދުވަސްވަރު އެ ކަމުގައި އެންމެ އިސްކޮށް ނަގާކިޔާ އުޅުނު އެކަކީ ތިއްތިބެކަމަށެވެ.
"އީދަށް ދަނޑިޖެހުމަށް ފަރިތަކުރާ އިރު ވެސް އާކުރުބެއަށް ނާދެވުނަސް ތިއްތިބެ ހުންނާނެ އެކަމުގައި. ތިއްތިބެއަކީ ވަރަށް ދުވަސްވަންދެން އެކަމުގައި ދެމިހުރި މީހެއް. ތަންކޮޅެއް ކުރިއަށް ޖެހިލާއިރު އޭރު މަހުން އައިސް ރޭގަނޑު އެލިބޭ ވަގުތުތަކުގައި އީދަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުން ދިޔަ. އޭރު ވެސް ތިއްތިބެއަކީ ދަނޑިޖެހުމުގެ ކަންކަމުގައި އިސްމީހެއް. އެ މަންޒަރު އޭރު ދުށިން. އާކުރުބެމެން ގޯތި އެ އޮންނަ ހިސާބުގައި އެކަން ކުރަމުން ދިޔައީ. ރިޔާ ދަމައިގެން ނުފެންނަހެން އެކަން ކުރަމުން ދިޔައީ. އަހަރެމެން ކުޑައިރު އެއީ. ރިޔާ ހިއްލައި އެމަންޒަރު ބެލި ހަނދާން ވެސް އެބަވޭ." މުޙަންމަދު އާކުރީ މީގެ އެތައް އަހަރެއް ކުރީގެ ހަނދާން ތަކެކެވެ.
"ތާރަޖެހުމާއި ލަވަކިޔުމުގައި ތިއްތިބެއާ ބޮޑޭއާއި އާދަންބެއަކީ ތާރައިގެން ތިން މީހުން. ލަވަ ވެސް ކިޔާނެ. ދަނޑި ޖަހާނެ ގޮތް ދަސްކޮށްދިނުމުގައި އެހީތެރިވި އެކަކު ތިއްތިބެއަކީ. އެ ކަމުގައި އިސްކޮށް އުޅުނު މީހެއް ތިއްތިބެއަކީ" ސަގާފީ ކަންކަމުގައި ކުރިން އިސްކޮށް އުޅުނު، ހިންމަތް، މުޙައްމަދު މާހިރު، ތިއްތިބެއަށް ތަޢުރީފު ކުރިއެވެ.
ތިއްތިބެއަކީ ދެގޮތެއް ނުވާ، ބަދަލެއް ނުވާ ޚިދުމަތްތެރިއެކެވެ.
ތިއްތިބެ، ހިތްވަރު ގަދަ ހިތްހެޔޮ ޚިދުމަތްތެރިއެއް
"ކަމެއް ކުރަން ފަށައިފިއްޔާ އެ ކަމަކުން ދުރަކަށް ނުދާނެ އެކަމެއް ނުނިމެނީހެއް. އެއީ ޔަގީންކަމެއް. އެންމެ ފަހު މީހާ ޖެހެންދެން ވެސް އެ ތަނުގައި ގާއިމުވެ ހުންނާނެ" ތިއްތިބެގެ ޚާއްޞަ ސިފައެއްގެ ގޮތުގައި ޒަކަރިއްޔާ ފާހަގަ ކުރެއްވިއެވެ.
"މީހުންނަށް ވަރަށް އިހުތިރާމްކުރާނެ. އެހެން މީހުންގެ ލޯބި ހޯދަން ވަރަށް މަސައްކަތްކުރާނެ. އެހެން މިހުންގެ ލޯބި ވެސް އޭނާއަށް ލިބޭނެ. އެ ލޯބި ހޯދި ވެސް މެ" ޒަކަރިއްޔާ ވިދާޅުވިއެވެ.
ތެދެކެވެ. ތިއްތިބެ ވަނީ ތުޅާދޫ ރައްޔިތުންގެ ލޯބި ހޯދާފައެވެ. އެތައް ޚިދުމަތެއް ރަށަށް ޓަކައި ކޮށްދެއްވާފައެވެ. އެ މަޑުމޮޅި ދުލުން އެތައް ކުއްޖަކަށް ކޮއްކޯއޭ ކިޔާ ގޮވާލިއެވެ. އެ ކުޑަކުޑަ އޯގާތެރި އަތުން އެތައް ކުއްޖަކު ޚިތާނުކޮށްދިނެވެ. އެ ބަލިކަށި އަޑުން އެތައް ބަޔަކަށް ހިތްހަމަ ޖެހުން ހޯދައިދިނެވެ. އެ ވިސްނުމުން އެތައް ހިތެއްގައި ސަގާފީ ރޫހު ދިރުވައިދިނެވެ. އެ ޚިދުމަތުން ބުނެދެނީ މާ ވަރުގަދަ ހަށިގަނޑެއް ލިބިފައި ނެތް ނަމަވެސް ކުރެވޭ ޚިދުމަތާ އެތައް ބައެއްގެ ލޯތްބާ ގުޅުވާލެވިދާނެ ކަމެވެ. ތިއްތިބެއަކީ އޭގެ ނަމޫނާއެކެވެ.