
ތިއްތިބެ ނިޔާވީ ގިނަ ދުވަސްތަނެއް ވަންދެން ބަލި އެނދުގައި އޮންނެވުމަށް ފަހު މިއަދު މެންދުރު 13:12 އެހާކަން ހާ އިރު ބ. އޭދަފުށީ ސިއްޙީ މަރުކަޒުގައެވެ.
ތިއްތިބެގެ އާއިލާއިން ނޫހަށް މަޢުލޫމާތު ދެމުން ކާފަ ދަރިފުޅު އަބޫބަކުރު ރުޝްދާން ބުނީ ކާފަ ނިޔާވީ ރަށުން އިތުރު ފަރުވާއެއް ދެވެން ނެތިގެން އޭދަފުށްޓަށް ގެންދިއުމަށް ފަހު އައިސީޔޫގައި އޮއްވައި ކަމަށެވެ.
"މި ރަށުން ދެވޭނެ އިތުރު ފަރުވާއެއް ނެތިގެން އޭދަފުށްޓަށް ދިޔައީ އިއްޔެ. އެކޮޅަށް ގެންގޮސް ވެސް ބޭއްވީ އައިސީޔޫގައި. މިއަދު މެންދުރު ހާއިރު ކާފަ ނިޔާވި ޚަބަރު ލިބުނީ. އޭރު އެ ކޮޅުގައި ކާފަގެ ތިން ކުދިން ވެސް ތިބި" ރުޝްދާން ބުންޏެވެ.
ތިއްތިބެއަކީ ޚިތާނުކުރުމުގެ މަސައްކަތް އެންމެ ގިނަ ދުވަސްވަންދެން ތުޅާދޫގައި ކުރެއްވި ޚިދުމަތްތެރިޔާއެވެ. ތުޅާދޫގައި އެންމެ ގިނަ ކުދިން ޚިތާނުކޮށްދިނުމުގެ ރެކޯޑު އޮންނަނީ ވެސް ތިއްތިބެގެ އަތުގައެވެ. އޭގެ އިތުރުން ތުޅާދޫގައި ދަނޑިޖެހުމާއި ތާރަޖެހުމުގެ ކަންކަން ދަސްކޮށްދެއްވުމުގެ މުރީދަކަށް ވެސް ގިނަ ދުވަސްތަކެއް ވަންދެން ހުންނެވީ ތިއްތިބެއެވެ. އަދި ތުޅާދޫގެ އެންމެ ގިނަ ދުވަސްވީ ކުލަބު ސިލްވަރ ޝައިން ކުލަބު މިއަދާ ހަމައަށް އައުމުގައި ވެސް ތިއްތިބެ ވަނީ ޢަމަލީގޮތުން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
ތިއްބެއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ. އާމީން. އަދި ތިއްތިބެގެ އާއިލާއަށް މި ނޫހުގެ ފަރާތުން ތަޢުޒިޔާކިޔަމެވެ.