ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
މީހުން

ކެޕްޓަން ޔަޢީޝްގެ ހުވަފެން ހަގީގަތަކަށް

ސްކޫލެއްގެ ކެޕްޓަންކަމުގެ މަގާމަކީ ކުޑަ މަގާމެއް ނޫނެވެ. އެއީ ދަރިވަރަކަށް އަދާކުރެވޭނެ އެންމެ މަތީ މަގާމެވެ. މިއަދު ހަމައެކަނި ކިޔަވަން މޮޅުވެގެނެއް އެ މަގާމު އަދާކުރެވޭކަށް ނެތެވެ. ހަމައެކަނި އަޚުލާޤު ރަނގަޅު ވެގެން ވެސް އެކަން ވާކަށް ނެތެވެ. މިއަދު އެ މަގާމު ލިބެން އޮތީ އެ ކަންކަމުގެ އިތުރުން އެހެން ދަރިވަރުންގެ ސަޕޯޓާއި ލޯބި ވެސް ހޯދައިގެންނެވެ. އެ ލޯބި ހޯދައި ތުޅާދޫ ސްކޫލުގެ ކެޕްޓަންކަމުގެ ފަޚުރުވެރި މަގާމުގައި މި ވަގުތު ހުރީ އެ ސްކޫލުގެ ގުރޭޑް11ގައި ކިވަމުން އަންނަ ޔަޢީޝް ޔޫސުފް މުފީދެވެ.

ސްކޫލު ކެޕްޓަނަކަށް ވުމުގެ ހުވަފެން ޔައީޝް ދެކެންފެށީ އިއްޔެއަކު މިއަދަކު ނޫނެވެ. މާ ކުޑައިރުއްސުރެ ވެސް އެ ހުވަފެން އޭނާ އަންނަނީ ދެކެމުންނެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ޓަކައި ދިޔައީ މަސައްކަތް ވެސް ކުރަމުންނެވެ.

" ސްކޫލް ކެޕްޓަންކަމުގެ މަޤާމަކީ އަޅުގަނޑު އެންމެ ކުޑައިރުއްސުރެ ވެސް ދެކެމުން އަންނަ ހުވަފެނެއް. ސްކޫލުގެ އެ މަޤާމު ކޮންމެވެސް ދުވަހަކުން އަދާކުރެވޭނޭ ހިތަށް އަރާ. އެ ނިޔަތުގައި މަސައްކަތް ވެސް ކުރެވުނު. އިރާދަކުރެއްވީތީ އެކަން މިވަނީ ފުރިހަމަ ވެފައި" ތުޅާދޫ، އާހިޔާ، ޔޫސުފް މުފީދާއި ޝަހީމާ އަޙްމަދުގެ ދެވަނަ ދަރިފުޅު ބުންޏެވެ.

ޔައީޝް ބުނީ ކެޕްޓަންގެ މަގާމަކީ ވާދަވެރި މަގާމެއް ނަމަވެސް އެ މަގާމަށް ހޮވޭނެކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވުނު ކަމަށެވެ.

" ވޯޓާ ހަމައަށް ދިޔަ އިރު ވެސް އުންމީދު އޮތް ހޮވޭނެކަމަށް. އެކުވެރީންނާއި އެހެނިހެން ކުދިންގެ ފާރާތުން ލިބުނު ތަރުހީބުގެ ސަބަބުން އެ އުންމީދު އާލާވި. އަދި އާއިލާއާއި ގާތް ތިމާގެ މީހުންގެ ހިތްވަރުން އިތުރަށް އެ އުންމީދު އާވި. މި ކަން ހާސިލުވުމުގައި މަންމައާއި ބައްޕަގެ އިތުރުން، އަޅުގަނޑުގެ އެންމެ ލޯބިވާ ދޮންތައާއި ގާތްތިމާގެ މީހުން، އެކުވެރިން، ސްކޫލްގެ ދަރިވަރުންގެ ހިއްސާ ވަރަށް ބޮޑު. އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން" ޔައީޝްގެ ކާމިޔާބީގެ ސިއްރަކީ ކޮބައިކަން އޭނާ ހިއްސާކުރިއެވެ.  

your imageޔަޢީޝް ކެޕްޓަނުކަމުގެ މަގާމުގެ ލިޔުމާ ހަވާލުވަނީ

ޔަޢީޝް ހަވާލުވެފައި މި ވަނީ ބޮޑު ޒިންމާއެކެވެ. އެތައް ދަރިވަރުންނަކަށް ނަމޫނާ ދެއްކުމުގެ ޒިންމާއެވެ. އެ ދަރިވަރުންނާއެކު ކުރިއަށް ދިއުމުގެ ޒިންމާއެވެ. އެ ޒިންމާ ކޮނޑުއަޅަން ޔައީޝް ހުރީ ހަމަ ތައްޔާރަށެވެ.

"ހަގީގަތުގައި މިއީ ބޮޑު ޒިންމާއެއް. އިރާދަކުރެއްވިއްޔާ އަޚުލާޤީ ގޮތުންނާއި ތަޢުލީމީ ގޮތުން އެހެން ދަރިވަރުންގެ ނަމޫނާއަކަށް ވުމަށް އަޅުގަނޑު މަސައްކަތްކުރާނަން. އަދި ސްކޫލުން ރާވައި ކަންކަމުގައި އިސްނަގައިގެން މަސައްކަތްކުރާނަން. އަޅުގަނޑަށް ކުރެވޭ ކޮންމެ ކަމެއްގައި އެންމެ އިސް ސަފުގައި އަޅުގަނޑު ހުންނާނަން. މިއިން ކޮންމެ ކަމަކީ އަޅުގަނޑުގެ ޒިންމާއެއް" ސްކޫލް ޕްރިފެކްޓްކަމާއި ސީނިއަރ ޕްރިފެކްޓްކަމާއި މޫސަވީ ހައުސް ކެޕްޓަންކަން ވެސް ކުރި ޔަޢީޝް ބުންޏެވެ.

ޔައީޝްއަކީ ކިޔެވުމާއި އެހެނިހެން ދާއިރާތަކުން ވެސް ކާމިޔާބު ދަރިވަރެކެވެ. އޯލެވެލް އިމްތިހާނުގައި ހުރިހާ މާއްދާއަކުން ފާސްވެ، އޭ ސްޓާރ އާއި އޭ އަދި ބީ ހޯދައިފައިވެއެވެ. އެހެނިހެން ހަރަކާތްތަކުން އަދަބީ އެކި މުބާރާތްތަކުގައި ޔައީޝްގެ ނަން ވިދައެވެ. ފާއިތުވީ އެކި އަހަރުތަކަށް ބަލާއިރު އަތުލިޔުމުގެ މުބާރާތުން 1ވަނައާއި ނަންބަރ ހަންޓް ކުއިޒުން 1ވަނައާއި ޚަބަރު ކިޔުމުގެ މުބާރާތުން 1ވަނައާއި އަތުލިޔުމުގެ މުބާރާތުން 1ވަނައާއި އިނގިރޭސި ޚަބަރު ކިޔުމުގެ މުބާރާތުން 1ވަނަ އޭނާ ހޯދާފައިވެއެވެ. އޭގެ އިތުރުން އެހެނިހެން ވަނަތައް ވެސް ވަނީ ހޯދާފައެވެ.

your imageޔައީޝް ދަރިވަރުންނާ މުޚާޠަބުކުރަނީ

ދަރިވަރުންގެ އެންމެ ބޮޑު ޒިންމާއަކީ ކިޔެވުމެވެ. އެކަން ޔަޢީޝް ގަބޫލުކުރެއެވެ. ކިޔެވުމުގައި އެތައް ވަގުތެއް އޭނާ ހޭދަކުރެއެވެ.

" އަބަދުވެސް އެންމެ އިސްކަމެއްގެ ގޮތުގައި ބަލަނީ ކިޔެވުން. އެންމެ ގިނަ ވަގުތު ހޭދަކުރަނީ އެ ކަމަށް. ކިޔަވާ މާއްދާތަކުގެ ތެރެއިން އެންމެ ކިޔަވާ ހިތްވަނީ އެކައުންޓް. އެ މާއްދާއަކީ އަޅުގަނޑަށް ފަސޭހައިން ފަހުމްވާ، އަދި ފަސޭހައިން މާކުސް ސްކޯ ކުރެވޭ މާއްދާއެއް" އޯލެވެލްގައި އެކައުންޓުން އޭއެއް ހޯދި ޔަޢީޝް ބުންޏެވެ.

ޔައީޝްގެ ވިސްނުމުގައި ކޮންމެ ކުއްޖަކަށް ވެސް މުސްތަގުބަލް ހޯދޭނީ ދުރާލައި ކޮންމެވެސް އެއް ކަމަކަށް ވިސްނުން ބައްޓަން ކޮށްގެންނެވެ. ޔަޢީޝްގެ ވިސްނުން ބައްޓަންކުރެވޭތޯ އެ ބަލަނީ އޭވިއޭޝަންގެ ދާއިރާއިން ކުރިއަށް ދިއުމަށެވެ.

" އަބަދުވެސް ހިތުގައި އޮވޭ ތަންކޮޅެއް ތަފާތު ދާއިރާއަކުންނޭ ކުރިއަށް ދާނީ. އެހެންވެ އޭވިއޭޝަންގެ ދާއިރާއިން ކުރިއަށް ދާން ވިސްނަނީ" ޔަޢީޝްގެ އުންމީދުތައް އޭވިއޭޝަން ދާއިރާއާ އޭނާ ގުޅުވާލިއެވެ.

ޔަޢީޝް ގަބޫލުކުރާ ގޮތުގައި އޭނާގެ ކާމިޔާބާ ގުޅިފައިވާ އެންމެ ބޮޑު އެއް ހިއްސާދާރަކީ ތުޅާދޫ ސްކޫލެވެ. އެ ސްކޫލުގެ އޯގާތެރިކަމާއި މަދަދު ނުލިބުނު ނަމަ މިއަދު އެ ޔަޢީޝްއެއް ނުފެނުނީހެވެ.

" ހަގީގަތުގައި ވެސް ތުޅާދޫ ސްކޫލާ މެދު ވަރަށް ހިތްހަމަޖެހޭ. އަޅުގަނޑު މި ހިސާބަށް ގެނެސްދިނީ ތުޅާދޫ ސްކޫލުން. މުދައްރިސުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމުގެ ސަބަބުން. އިތުރު ހަރަކާތްތަކުގައި ކުރިއަށްދާން ލިބުނު ހިތްވަރުން. ހަމައެހެންމެ، ކުދިންގެ ކިބައިގައި ތަފާތު އެކި ހުނަރުތައް އަށަގަންނެވުމަށް ސްކޫލުން ކޮށްދިން މަސައްކަތްތަކުން. އަމިއްލަ ރަށުގައި، އަމިއްލަ ފަސްގަނޑުގައި އާއިލާ މެންބަރުންނާއި މައިންބަފައިން ގާތުގައި ތިބެ މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ލިބުނީތީ" ސްކޫލުގެ ފެހި ކުލަ އެންމެ ރީތިކަމަށް ބުނާ ޔަޢީޝް ތަޢުރީފުކުރީ އޭނާ ކިޔަވަމުން އަންނަ ސްކޫލަށެވެ.

ޔަޢީޝް ބޭނުންވަނީ އެ ސްކޫލަށް ރީތި ނަން ހޯދައިދޭށެވެ. އޭނާގެ ކެޕްޓަންކަމުގައި ހުރިހާ ދަރިވަރުންގެ ބައިވެރިވުން ހޯދާށެވެ.

"ކިޔެވުމަކީ އަމިއްލަ ކަމެއް. އެއީ އެހެން މީހަކަށް ކޮށްދޭ ކަމެއްނޫން. މި ވިސްނުމުގައި ކުރިއަށް ދާންވީ. އޭރުން ކާމިޔާބު ލިބޭނެ. ހަމައެއާއެކު ހުރިހާ ކުދިން ގުޅިގެން އެއްރޫހެއްގައި މަސައްކަތްކުރުމަކީ ވެސް ކާމިޔާބަށް މަގު ކޮށޭނެ ކަމެއް. އެއް ކުއްޖަކު އަނެއް ކުއްޖަކަށް އަޅާލާ އޯގާތެރިވެ، އުނގެނުމަށް ފަހި މާހައުލެއް ގާއިމުކުރުމަކީ ވެސް މި ދަތުރު ކާމިޔާބު ކުރުމަށް މުހިންމު ކަމެއް" ޔަޢީޝް އެ ދިން ނަސޭހަތަކީ ކޮންމެ ދަރިވަރަކަށް ވެސް މުހިންމު ނަސޭހަތެކެވެ. މޮޅާއި ކާމިޔާބަށް އެދޭ ނަމަ ގަބޫލުކުރަން ޖެހޭ ނަސޭހަތެކެވެ. ކާމިޔާބަކީ މަސައްކަތްތެރީންގެ ހައްގެކޭ ބުނާ މޮޓޯއާ ނުހަނު ގުޅޭ ނަސޭހަތެކެވެ.

ޔަޢީޝް އެ ނަސޭހަތް ދިނީ ހަމައެކަނި އެކުވެރީންނަކަށް ނޫނެވެ. ޚުދު އޭނާ ވެސް އެ ނަސޭހަތް ގަބޫލުކުރެއެވެ. ކެޕްޓަންކަމުގެ ހުވަފެން ހަގީގަތަކަށް ވީ ފަދައިން އެހެން އުންމީދުތައް ވެސް ހަގީގަތަކަށް ހަދާން ޔަޢީޝް މިވަނީ މަސައްކަތް ފަށާފައެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ފައިނަލަށް ފިނާ ދަތުރުކޮށްފި
6 hours ago 0 Comments
ގަދަ 10ން ވިދާލި ތުޅާދޫ ހަތަރު ތަރި
1 day ago 0 Comments
ތުޅާދޫގައި މަދިރި އާލާވުން އިތުރުވާތީ ރަށުތެރެ ފޮގުކުރަން ފަށައިފި
2 days ago 0 Comments
ތުޅާދޫގައި ރޯގާއެއް ފެތުރޭތީ ސްކޫލަށް ހާޒިރުވެގެން ކިޔެވުން މެދުކެނޑުމަކަށް
4 days ago 0 Comments