
ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ބާއްވާ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން"ގައި ފިނާ ވަނީ މިދިޔަ ހަފުތާގައި ވެސް މަގުބޫލު ޕްރެންޓަރ އެވޯޑް ހޯދާފައެވެ.
ބެސްޓް ރޭޑިއޯ ޕްރެންޓަރ މުބާރާތުން ގަދަ 10ށް ފިނާ ދަތުރުކުރީ މި ދިޔަ ހަފުތާގައި ގަދަ 12ށް ހޮވުނު ބައިވެރީންގެ މަސައްކަތްތަކާއި ހުށަހެޅުންތަކަށް ބަލައި ރޭ ދިވެހިރާއްޖޭގެ އަޑުންނާއި ޓީވީ މޯލްޑިވްސްއިން ދުރަށް ދެއްކި "ބެސްޓްރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން" ޕްރޮގުރާމުގައި ބައިވެރީން މަދުކުރުމުގެ ޝޯވްގައި ފިނާ ސަލާމަތް ވެގެންނެވެ.
ފިނާ ބުނީ ބެލުންތެރިންގެ މަގުބޫލު ޕްރެޒެންޓަރުގެ އެވޯޑް މި ފަހަރު ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރިކަމަށާއި މި ކަމުގައި އާއިލާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ.
ފިނާއަށް ލިބުނު ކާމިޔާބީ ފާހަގަކުރަމުން ފިނާގެ މަންމަ ބުނީ ފިނާއަކީ އެ މަންމައަށް ލިބިފައި ހުރި ޖަވާހިރެއްކަމަށާއި އެ މަންމަގެ އުންމީދު ފުރިހަމަކުރުމަށް ޓަކައި ފިނާ ވަމުންދާ ގުރުބާނީއަކީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށެވެ.
"ހަގީގަތުގައި މަންމަގެ އުންމީދު ފުރިހަމަކުރުމަށް ޓަކައި ފިނާ ވަމުންދާ ގުރުބާނީ މަންމައަށް ވަރަށް ބޮޑަށް އިހުސާސް ކުރެވޭ ހާލުގައި އެންމެ ކުޑަދުވަހުއްސުރެ ފެށިގެން ހުވަފެނުގައި ކުލަޖެއްސަމުން އަމިއްލައަށް ތިޔަ ދަނީ ވަރަށް ހިތްވަރާއެކުގައިކަން މަންމައަށް ވަރަށް ފާހަގަކުރެވޭ. އެކަމާ ވަރަށް ވަރަށް އުފާވޭ" ލައިވް ޕްރޮގުރާމްގައި ވާހަކަދައްކަމުން ފިނާގެ މަންމަ ޝުޢޫރު ފާޅުކުރިއެވެ.
ފިނާ ބުނީ ދިރިއުޅުމުގައި އޭނާއަށް ކުރިއަށް ފިޔަވަޅު އެޅެނީ މަންމަވާކަން އެނގޭތީ ކަމަށާއި އެކަމަށް ޓަކައި އަބަދުވެސް މަންމައަށް ޝުކުރުވެރިވާކަމަށެވެ.
މި މުބާރާތުގައި ކޮންމެ ބައިވެރިއަކަށް ވެސް އިތުރަށް ކުރިއަށް ދެވެނީ ފަނޑިޔާރުންގެ ވޯޓައި އެހުންތެރީންގެ ވޯޓް ލިބިގެންނެވެ. ވޯޓުލެވެނީ ޕީއެސްއެމް އެއަރ އެޕްލިކޭޝަން އެޅުވުމަށްފަހު އެ އެޕްލިކޭޝަން މެދުވެރިކޮށެވެ. ދިވެހިރާއްޖޭގެ އަޑުން ރޭޑިއޯ ޕްރެޒެންޓަރުން އުފެއްދުމަށް ޓަކައި ރިއަލިޓީ ޝޯ އެއްގެ ގޮތުގައި ކުރިއަށްގެންދާ މި މުބާރާތް މިހާރު ބާއްވަމުން އަންނަތާ މިއީ 6ވަނަ އަހަރެވެ.