
އިސްމަތު ވިދާޅުވީ މި މުބާރާތަކީ ވާދަވެރި ރޫޙެއްގައި އަތާއަތާލުން ތަޢާރަފްކުރުމަށް ޓަކައި ބާއްވާ މުބާރާތެއް ކަމަށެވެ. މުބާރާތް އޮންނާނީ ތުޅާދޫ ޗިލް ސިޕް ކެފޭ ކުރިމަތީގައި ކަމަށާއި، މި މުބާރާތުގައި ދިވެހި ކޮންމެ ފިރިހެނަކަށް ވެސް ބައިވެރިވެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި މުބާރާތުގައި ހޮވާނީ 1 ވަނަ އަދި 2 ވަނަ. 1 ވަނަ އަށް 2500 ރުފިޔާ އަދި 2 ވަނަ އަށް 1000 ރުފިޔާ ލިބޭނެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޢީދުވިލޭރެއާ ހަމައަށް،" އިސްމަތު ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ މި މުބާރާތަށް ހީނުކުރާވަރުގެ ތަރުޙީބެއް ލިބެމުން އަންނަ ކަމަށެވެ. "މިހާރު ވެސް ވަރަށް ގިނަ ބޭފުޅުން ގުޅުއްވާ މުބާރާތާ ބެހޭ މަޢުލޫމާތު ސާފުކުރަމުންދަނީ. އަޅުގަނޑުމެން އުއްމީދު ކުރަނީ މި މުބާރާތުން ރަށުގެ ޒުވާނުންނަށް މިކަން ތަޢާރަފްވެ، ޢީދު ފާހަގަކުރުމުގެ ރޫހު އިތުރަށް ފޯރިގަދަވެގެންދާނެ ކަމަށް،" އިސްމަތު ވިދާޅުވިއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޓަކައި އިސްމަތު ޢަލީ ރަޝީދު 7363631 އަށް ނުވަތަ ޝައްފާ ޢަލީ 7632950 އަށް ގުޅައިގެން ނަން ނޯޓުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވެސް އިސްމަތު ވިދާޅުވިއެވެ.
މި މުބާރާތަކީ ތުޅާދޫގައި ދުވަސްތަކަކަށް ފަހު ބޭއްވޭ މިފަދަ މުބާރާތެއް ކަމަށްވުމާއެކު، ގިނަ ބަޔަކު މި މުބާރާތަށް ޝައުޤުވެރިކަން ފާޅުކުރަމުންދާ ކަމަށް ވެސް އިސްމަތު ފާހަގަކުރެއްވިއެވެ.