
ލިޔެލާ ޖެހުމުގެ 1ވަނަ، ބާއިން ލާމަށް ސޮއްސާލުމަކީ ތުޅާދޫގެ ވަރަށް ގިނަ ބަޔެއްގެ ހިތަށް އަސަރު ކުރިކަމެވެ. އިންސާފުކުރި ގޮތާ މެދު ވަރަށް ބޮޑު ޚިޔާލު ތަފާތުވުންތަކެއް ފެންމަތިވެ ދެކަފި ޚިޔާލުތަކުން ސޯޝަލްމީޑިއާ ބަންޑުންވި ކަމެކެވެ. އެއަށްވުރެ ބޮޑަށް އެ ވަނައިން މުޅި ރާއްޖެއަށް ހައިރާންކަން ގެނުވި ކަމެކެވެ.
"ލިޔެލާ ޖެހުމުގެ އެ ފެންވަރުގެ އެއްޗެއް ކޮންމެ ކޮންމެ މީހަކަށް ނުހެދޭނެ. އެ ފަންނު އޮތީ އެހެން ރަށެއްގައި އެ މިންވަރަށް އޮތް ކަމެއް އަދި ނޭނގެ. އެއްވަނަ ލިބުނު އެއްޗަށް ބަލައިލުމުން ވެސް އެއީ ތުޅާދޫ މީހެއްގެ މަސައްކަތްކަން އެބަ އެނގޭ. އަހަރެން ގަބޫލެއް ނުކުރާންނަން އެއީ އެހެން ރަށެއްގެ މީހަކު ހެދި އެއްޗެއް ކަމަކަށް. އެ ހެދީ ކާކުކަމާއި ކުރެހީ ކާކުކަން ވެސް އަހަރެންނަށް އެނގޭ" ލިޔެލާ ޖެހުމުގެ މަސައްކަތް ކުރާތާ 25 އަހަރަށް ވުރެ ގިނަ އަހަރު ވެފައިވާ ހަރު މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ނޫހަށް މަޢުލޫމާތު ދިނެވެ.
"އެންމެ ބޮޑަށް ހިތުގައި ޖެހުނީ 1ވަނަ ލިބުނު ޖަމިއްޔާއިން ނޫސްތަކަށް މަޢުލޫމާތުދީފައިވާ ގޮތުން. ތިމަންނަމެން ތުޅާދޫން އެއްޗެހި ގަންނާކަށް ނުޖެހޭ، އެ ރަށުގެ އަންހެނުންނަށް އެކަން ދަސްކޮށްދީފައިވާކަމަށް ބުނެ ދެއްކި ވާހަކަތަކުން. މޮޅު އުފެއްދުމަކަށް ވަނަ ލިބުމަކީ އެއްވެސް މައްސަލައެއް ނޫން. މައްސައަކީ ހަގީގަތް އޮޅުވާލައި ތުޅާދޫ ދަރިއެއްގެ އަތެއް އެ ކަމުގައި ނެތްކަން ދައްކަން އުޅުން" ހިތްހަމަ ނުޖެހުން ފާޅުކުރި ތުޅާދޫ ހުސައިން ޖަލީލް (ބިއްލޯ) އޭނާގެ ޚިޔާލު ފާޅުކުރިއެވެ. ޖަލީލު ފާހަގަކުރީ މިހާރު އޮންލައިންއަށް ފޮނަދޫ ވިމެން އެންހޭންސްމަންޓްގެ ސެކްރެޓަރީ ޖެނެރަލް ދީފައިވާ އިންޓަވިއުއެވެ.
ފޮނަދޫ ވިމެން އެންހޭންސްމަންޓްގެ މޭޒުގައި 1ވަނަ ކަމަށް ޖަހާފައިވާ ލިޔެލާޖެހި އެތި. މައުރަޒު ނިމެން ދެ ދުވަސްވެފައިވަނިކޮށް މި ވާސްވަނީ ނަގާފައި.
ފޮނަދޫ ވިމެން އެންހޭންސްމަންޓްގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ޒައީމާ ވިދާޅުވީ މައުރަޒު ނިމިއްޖެ ކަމަށާއި އެކަމާ ގުޅޭގޮތުން އެއްވެސް މީހަކަށް ކޮމެންޓެއް އަދި ވާހަކައެއް ވިޔަސް ދައްކަން އޭނާ ބޭނުންފުޅު ނުވާކަމަށެވެ. މައުރަޒުގެ 9 ދުވަސް ފާއިތުވެއްޖެ ކަމަށާއި އެ ހިސާބުން އެކަން ނިމުނީކަމަށް ވެސް ޒަޢީމާ ވިދާޅުވިއެވެ.
މައުރަޒު ނިމިއްޖެއެވެ. 1ވަނައަށް ދިޔައީ ފޮނަދޫ ވިމެން އެންހޭންސްމަންޓް ޖަމިއްޔާއެވެ. އެއަކު އޮޅުމެއް ނެތެވެ. ނަމަވެސް މައުރަޒު ނިމުނު އިރު 1ވަނައަށް ދިޔަ ލިޔެލާޖެހި އެއްޗަކީ ކޮބައިކަން އޮތީ އޮޅިފައެވެ. މައުރަޒުގައި 1ވަނައަށް ދިޔަ ތަކެތި ފެންނަ ގޮތަށް އެ އެއްޗަކާ ދިމާގައި 1ވަނަ ލިބުނުކަން އެނގޭ ގޮތަށް އެ އެއްޗަކަށް ލިބުނު ޓްރޮފީ ބަހައްޓާފައި ހުރި އިރު 5 ދުވަސްވަންދެން އެ އެއްވަނަ ޖަހާފައިވަނީ ފޮނަދޫ ވިމެން އެންހޭންސްމަންޓް މޭޒުގައި 18000 ރުފިޔާއަށް ވިއްކަން އަގު ޖަހާފައިވާ އެންމެ ބޮޑު ލިޔެލާޖެހި ވާސްގައެވެ. ސޯޝަލް މީޑިއާގެ ޚިޔާލުތަފާތުވުންތަކުގައި ބޭނުންކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުގައި ވެސް ވަނީ އެ ވާސްއެވެ. ނަމަވެސް 5 ދުވަސްފަހުން ކުރިން އެއްވަނަ ޖަހާފައިވާ ވާސް މޭޒުމަތިން ގެއްލި އެ މޭޒުގައި 2ވަނައަށް އެންމެ ބޮޑުކޮށް ހުރި 12000 ރުފިޔާ ޖަހާފައިވާ ވާސްއާ ދިމާގައި 1ވަނަ ޖަހާފައި ހުއްޓެވެ. އެކަން ބަދަލުވީ ކީއްވެތޯ މިއީ މައުރަޒު ތެރޭގައި ބައެއް މީހުން އުފެއްދި ސުވާލެކެވެ. މައުރަޒުގެ ކަންކަން އިންތިޒާމު ކުރި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ނާކާމިޔާބުވެފައެވެ.
ފޮނަދޫ ވިމެން އެންހޭންސްމަންޓްގެ މޭޒުގައި ފުރަތަމަ 1ވަނަ ޖަހާފައިވާ ވާސްގެ ބަދަލުގައި (ކަނާތުން 2ވަނައަށް އެވަނީ) 1ވަނައަށް ދިޔަ ކަމަށް ލޭބަލް ކޮށްފައިވާ ވާސް
"އަހަރެން މައުރަޒަށް ޒިޔާރަތްކުރީ 1ވަނަ ލިބުނު ކަމަށް ބުނާ ލިޔެލާޖެހި އެތި ބަލައިލަން. ތުޅާދޫ ނޫން އެހެން ބަޔަކަށް އެ ވަނަ ލިބިފައިވާތީ އެއީ ކިހާވަރެއްގެ އެއްޗެއްތޯ ޔަގީންކޮށްލަން. އެތަނަށް ދިޔަ އިރު ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން 1ވަނަ ޖަހާފައިވާ އެތި އެތާކު ނެތް. ފެނުނީ އެހެން އެއްޗެއްގައި 1ވަނަ ޖަހާފައި ހުއްޓާ. އެތާ އުޅުނު މީހުން ގާތުގައި އަހާލީމާ ބުނީ ކުރިން އޮޅުމަކުން އެހެން އެއްޗަކާ ދިމާގައި 1ވަނަ ޖަހާފައި ބެހެއްޓުނީއޭ." އެންމެ ފަހު ދުވަހު މައުރަޒަށް ޒިޔާރަތް ކުރި މުޙައްމަދު ޝާފިޢު އޭނާގެ ތަޖުރިބާ ހިއްސާކުރިއެވެ.
"އެއީ އޮޅުން އަރަންޖެހޭ ވަރުގެ ކަންކަމެއް ނޫން. ފަނޑިޔާރުންގެ 1ވަނަ އެ ވަނީ މުޅި ރާއްޖެއަށް ދައްކާފައި. އޭގެ އަގު ބާރަހާސް ރުފިޔާ. ވަނަ ނުލިބޭ ބައެއް ތަކެތީގެ އަގު ލައްކައަކަށްވުރެ މަތި. އެ މަސައްކަތްތައްވަނީ މީހުން ބަލައިގަނެ ވިކިފައި. ގައިމު މަސައްކަތްތެރިކަމާއި ފަންނުވެރިކަމެއް އެ ތަކެތީގައި ހުރީތާ. އެއް ވައްތަރެއްގެ އެއްޗެހި ތަކެއްގެ ތެރޭގައި މިހާ ތަފާތު ބޮޑު މަސައްކަތްތަކެއް ހުރި އިރު ފަނޑިޔާރުން އިންސާފުކުރި ގޮތާ މެދު ވެސް ސުވާލު އުފެދޭ" ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު މަނިކު ވިދާޅުވިއެވެ.
ތުޅާދޫ ކައުންސިލުން ވެސް ވަނީ ފަނޑިޔާރުންގެ އިންސާފާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ކައުންސިލުން ނެރުނު ބަޔާނެއްގައި މައުރަޒަށް އިންސާފުކުރުމަށް އެކުލަވާލެވުނު ފަނޑިޔާރުންގެ ކޮމެޓީއަށް ސިޔާސީ ނުފޫޒު ވަދެފައިވާކަމަށް ވެސް ތުހުމަތުކޮށްފައި ވެސް ވެއެވެ. އަދި އެފަދަ ގޮންޖެހުން ބޮޑު މައުރަޒަކަށް އިންސާފުކުރެއްވުމަށް އެކުލަވާލައި ފަނޑިޔާރުންގެ ކޮމެޓީގައި ކަމުގެ ވައްޓަފާޅިއާއި އާޖުފާޖު ދަންނަ ހުނަރުވެރީން ހިމެނެން ޖެހޭނެ ކަމަށް ވެސް ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މަސައްކަތް ނުދަންނަ ކަމުގެ ވައްޓަފާޅި ނެތް ބަޔަކު ފަނޑިޔާރުންގެ ގޮތުގައި ހަމަޖެއްސެވި ހަމަޖެއްސެވުން އެއީ އިންސާފުން އެއްކިބާވެ ވަކި ބަޔަކަށް ވަނަދޭން ކޮށްފައިވާ ޣައިރު ޒިންމާދާރު ޢަމަލެއްކަން ފާހަގަކޮށް އެކަން ހަރުކަށި ޢިބާރާތުން އެ ބަޔާނުގައި ކުށްވެރިކޮށްފައި ވެސް ވެއެވެ.
ޒިޔާރަތްކުރި މީހަކަށް ލިޔެލާޖެހުމާ ގުޅޭ މަޢުލޫމާތު ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް، ހިއްސާކުރައްވަނީ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 (މޯލްޑިވްސް އެކްސްޕޯ 2025) ޢަމަލުކުރާނެ ގޮތުގެ 40 ޞަފުހާގެ އުސޫލެއް 2024ވަނަ އަހަރުގެ އޮގަސްޓް 18ވަނަ ދުވަހު (ނަންބަރު: (IUL)101-AS/1/2024/78 ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވެއެވެ. އެ އުސޫލުގައި މަޢުރަޒުގައި ބައިވެރިކުރާ ތަކެތީގެ ތެރެއިން މެޝިނަރީ ފަދަ ތަކެތި ފިޔަވާ އެހެން ތަކެތި ބައިވެރި ކުރެވޭނީ 2020ގެ ފަހުން އުފައްދާ ތަކެތިކަމަށް އުސޫލުގެ 3ވަނަ މާއްދާގެ (ވ)ގައި ބަޔާންކޮށްފައިވާ އިރު އަދި ގައުމީ ފެންވަރުގެ އެހެން މުބާރާތެއްގައި ބައިވެރިކޮށްފައިވާ އެއްޗެއް މައުރަޒުގައި ބައިވެރި ނުކުރެވޭނެކަމަށް ވެސް އުސޫލުގެ 3ވަނަ މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވެއެވެ. ތުޅާދޫ ބައެއް ބައިވެރީންވަނީ އެކަމާ ވެސް ސުވާލު އުފައްދާފައެވެ.
ތުޅާދޫ ކައުންސިލްގެ ނައިބުރައީސް މަނިކު ވިދާޅުވީ ފަހުން 1ވަނަ ލިބުނު ކަމަށް ލޭބަލްކޮށްފައި ހުރި އެއްޗަކީ ތުޅާދޫ ދަރިއަކު ހަދާފައިވާ އެއްޗެއް ކަމަށާއި އޭގައި ކުރެހުން އަޅާފައިވަނީ ވެސް ތުޅާދޫ ދަރިއަކު ކަމަށާއި އެ ހުނަރު ތުޅާދޫން ބީވެގެން ނުދާނެ ކަމަށެވެ.
މުބާރާތުގެ އުސޫލު ހަމަޖެހިފައިވާ ގޮތުން އަމިއްލަ މީހުން އުފައްދާ ތަކެތި ޖަމިއްޔާތަކުގެ ދަށުން ބައިވެރި ކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ތުޅާދޫ ބައެއް މީހުން ކައުންސިލް ނަމުގައި ބައިވެރި ނުވެ އަމިއްލަ ނަމުގައި ތަކެތި ހުށަހަޅާފައި ވެސް ވެއެވެ. ނަމަވެސް ތުޅާދޫ ދަރިއެއްގެ ހިއްސާ އޮތް އެއްޗެއް 1ވަނައަށް ދިޔަ އިރު އެ ވާހަކަ 1ވަނަ ލިބުނު ޖަމިއްޔާއިން ފާހަގަކޮށްފައި ނުވުމުން އެ ހަގީގަތް އޮތީ އޮޅިފައެވެ.
" މި ހުނަރު އޮތް ތަނަކީ ތުޅާދޫ. މި ހުނަރު އެކި ރަށްރަށުގެ ދަރީންނަށް ދަސްކޮށްދިނުމަށް ތުޅާދޫން ކިތަންމެ ބަޔަކު އެކި ރަށްރަށަށް ގޮސް އެކަން ދަސްކޮށްދެމުން އެބަދޭ. އެއީ ވެސް ލިޔެލާ ޖެހުމަށް ތުޅާދޫން ކުރާ ޚިދުމަތެއް. ނަމަވެސް ތުޅާދޫ މީހުން މިކަން ކުރާ ފެންވަރަށް ކުރެވޭނެވަރުގެ އެހެން ބަޔަކު އަދި ތިބިހެނެއް ހިޔެއް ނުވޭ. ޔަގީނުން ވެސް މި ފަހަރު 1ވަނައަށް ދިޔަ އެއްޗަކީ ތުޅާދޫގެ ހިއްސާ އޭގައި އޮތް އެއްޗެއް. އެހެންވީމާ މި ފަހަރު ވެސް ވަނަ ލިބުނީ ތުޅާދޫއަށް. ތުޅާދޫ ދަރީންނަށް" ހުސައިން ޖަލީލު ބުންޏެވެ.
ތެދެކެވެ. ލިޔެލާ ޖެހުމުގެ ހުނަރާ ތުޅާދޫ ވަތްކެއް ނުކުރެވޭނެއެވެ. އެ ފަންނު މިއަދުގެ ޖީލާ ހަމައަށް ނަގުލުކޮށްދިނުމުގެ މެދުވެރިއަކީ ތުޅާދޫ އަތްތަކެވެ. އެ ފަންނަށް ޒަމާނީ ބަދަލުތައް ގެނައީ ތުޅާދޫ ސިކުނޑިތަކުންނެވެ. އެ ފަންނު ދިރުވީ ތުޅާދޫގެ ހިތުގައެވެ. ނަމަވެސް އަބަދަކު ތުޅާދޫގައި އެއްވަނަ ނޯންނާނެކަން ގަބޫލުކުރަން ޖެހެއެވެ. އާ ގޮތްތަކާއި ބަދަލުތަކުގެ ކުރިމަތީ ލިޔެލާ ޖެހުމުގެ ފަންނު އާ މިސްރާބަކަށް ގެންދަންވީ ވަގުތު މިވަނީ ޖެހިފައެވެ.