
ކޮންމެ ދުވަހަކީ ވެސް ތަފާތު ދުވަހެކެވެ. އެ ތަފާތުކަމާއެކު ބައެއް ފަހަރު ބައްދަލުކުރަނީ އުފަލުގެ ހިނިތުންވުމެވެ. އަނެއްބައި ފަހަރު ހިތާމައިގެ ކަރުނައެވެ. ކޮންމެ އިހުސާސެއް ބައްދަލު ކުރި ނަމަވެސް އިންސާނުންނަށް އޮތީ ކެތްތެރިވުމެވެ. ކަންކަމާ ތައްޔާރުވުމެވެ. ދިމާވާ މުސީބާތާއި ހިތާމަތަކުން އަރައިގަތުމަށް މަސައްކަތް ކުރުމެވެ. އެ މަސައްކަތަށް އަޅުގަނޑު ވެސް ތެދުވީމެވެ.
އެއީ 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 22 ވަނަ ދުވަހެވެ. ފަތިހު 4:30 އެވެ. ގަޑީގެ ސޯނާ އަޑާއި އަންހެނުންގެ ގޮވުމުގެ އަޑަށް ހޭލެވުނު އަޅުގަނޑު އަވަސްވެގަތީ ނަމާދުކޮށްލައިގެން ދޮންތަމެން ގެއާ ދިމާއަށް ދިއުމަށެވެ. ދޮންތައަކީ އާއިލާގެ އެންމެ ދޮށީ ދައްތަ، ސާއްރާއެވެ. އެ ގޭދޮށަށް ދިޔައީ އެއީ ދޮންތަގެ ހުރި ހަމައެކަނި ދަރިފުޅު ރަބީތު ކޮއްކޮ ވެސް އެ ދަންފަޅީގެ ޑިއުޓީގައި ބައިވެރިވާގޮތަށް ހަމަޖެހިފައިވާތީ ރަބީތު ކޮއްކޮ ގޮވައިގެން ޑިއުޓީއަށް ދިއުމަށެވެ. ޑިއުޓީއޭ މި ބުނަނީ ކޮންމެ ދުވަހަކު ވަކި ގަޑިތަކެއްގައި ބައްޕަގާތުގައި އިންނަ އިނުމަށެވެ.
ބައްޕައަކީ ކެންސަރާ ދެކޮޅަށް ހަނގުރާމަކުރައްވަމުން ގެންދެވި މުޖާހިދެކެވެ. އިންޑިއާގައި އަހަރެއްހައި ދުވަހު ފަރުވާ ހޯއްދެވުމަށްފަހު ރާއްޖެ ދުރުވީ އިންޑިއާގެ ކޮޗިންއިން ކެންސަރަށް ކުރެއްވެން ހުރި ހުރިހާ ފަރުވާއެއް ފުރިހަމަކުރައްވާފައެވެ. ބައްޕަގެ ދުވަސްވީ ޢުމުރާއި، ކެންސަރުގެ އެންމެ ފަހު ސްޓޭޖާއި ބައިޕާސް ހައްދަވާފައި ހުންނެވުން ވެގެން ދިޔައީ އެންމެ ފުރިހަމަ ގޮތުގައި ބައްޕައަށް ފަރުވާ ދިނުމަށް އެޅުނު ހުރަސްތަކަކަށެވެ. ނަމަވެސް ކީމޯގެ ލުއި ތިން ސައިކަލް ބައްޕަ ފުރިހަމަކުރެއްވިއެވެ. އެ ވޭނީ އިހުސާސްތަކާއި އެތައް ޓެސްޓުތަކަކަށް ފަހު ބައްޕަ އެނބުރި ރާއްޖެ ދުރުވުމަށް ޑޮކްޓަރުން ލަފާދެއްވީ ރާއްޖެއިން ވެސް އެ ޑޮކްޓަރުންނާ ދިމާވާނެ ކަމުގެ ޔަގީންކަމާއެކުއެވެ. އަދި އެއީ ބައްޕަ ވެސް އަދި ބައްޕަގެ ހުރިހާ ކުދީން ވެސް ބޭނުންވި ގޮތެވެ.
މާލެ އައުމަށް ޓަކައި ބައްޕައާއި މަންމަ ބޯޓުގައި
ބައްޕަ މާލެ ދުރުވި އިރުވެސް ބަނޑުގައި ތަދެއް ހުރެއެވެ. މާލެ ދުރުވިތާ 10 ވަނައަށް ވީ ދުވަހުން ފެށިގެން އެ ތަދުގެ ވޭން އިތުރުވަމުން ދިޔައެވެ. އެ ތަދު އިތުރަށް ބޮޑުވަމުން ދާތީ ޑޮކްޓަރަށް ދެއްކުމުގެ މަސައްކަތް ފެއްޓުނެވެ. ބައްޕަ ހުންނެވީ ގޭ ކަރަންޓީނުގައި ކަމަށްވާތީ ޑޮކްޓަރަށް ދެއްކުން ވެސް ވީ އިތުރު ތަކުލީފަކަށެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން އެކަން ހަމަޖެހި ނޮވެންބަރު މަހުގެ 3 ވީ އަންގާރަ ދުވަހު އައިޖީއެމްއެޗްގެ ކަރަންޓީނު ބައިގައި ބައްޕަ އެޑްމިޓް ކުރެއްވުނެވެ.
ކަރަންޓީނުގެ ބައިގައި ބައްޕަ އޮންނެވި އިރު ބައްޕައާއެކު ހުރިހާ ވަގުތެއް ހޭދަކުރީ އަންކޮއެވެ. އަންކޮއަކީ އާއިލާގެ އެންމެ ހަގު ކުއްޖާއެވެ. އޭގެ ފަސް ދުވަސްފަހުން ކޮވިޑް ޓެސްޓު ހަދައި، ޕްރައިވެޓް ރޫމަކަށް ބައްޕަ ބަދަލު ކުރެއްވިއެވެ. ބައްޕަގެ ގާތަށް ޑިއުޓީއަށް ދާން ފެށުނީ އެ ހިސާބުންނެވެ.
ޑިއުޓީ ހަމަޖެހިފައި އޮންނަނީ އެ ކުއްޖަކަށް ފަސޭހަ ވަގުތަކުން އެ ކުއްޖަކު ދިއުމަށެވެ. ނަމަވެސް ގަޑިތައް ހަމަޖެއްސުމުގައި ބައްޕަ ގާތުގައި އަބަދުވެސް ފިރިހެން ކުއްޖަކު ޑިއުޓީގައި ހުރުމީ "އާއިލީ ކޯލުން" ނިންމި ޝަރުޠެކެވެ. އާއިލީ ކޯލަކީ ކޮންމެ ހުކުރު ދުވަހަކު ރޭގަނޑު އާއިލާގެ ހުރިހާ މެންބަރުން ފޯނުގެ ޒަރިއްޔާއިން ބައްދަލުކޮށްލައި ވާހަކަދައްކާލައި ގަޑިއެއްހައި އިރުގެ ނުވަތަ ދެ ގަޑިއެއްހާއިރަށް ކުރިއަށް ގެންދެވޭ ބައްދަލުވުމެކެވެ.
ކަނޑައެޅިފައިވާ ޝަރުތާއެކު އަޅުގަނޑު ވެސް ވަގުތު ހޯދައިގެން ބައްޕަގެ ގާތަށް ޑިއުޓީއަށް ދަމެވެ. އާއްމުކޮށް ކޮންމެ ދުވަހެއްގެ ފަތިހުގެ ޑިއުޓީ ފަށާ އުޅުނީ އަޅުގަނޑެވެ. ދަންވަރު ހޭލައި ބައްޕަ ގާތުގައި އާއްމުކޮށް އިންނަނީ އަންކޮއެވެ. މެންދުރު ފަހާއި ހަވީރުގެ ވަގުތު ޑިއުޓީކޮށް އުޅުނީ ކޮއްކޮ ރިޟްވާނެވެ. ދަންވަރުގެ ވަގުތުތައް ނޫން ކޮންމެ ވަގުތަކު ވެސް މަންމަ ޑިއުޓީގައި އިނދެއެވެ. ކޮންމެ ވަގުތަކު ވެސް މަންމައާއެކު އަންހެން ކުއްޖަކު ވެސް ބައިވެރިވެއެވެ.
އަޅުގަނޑަށް ޑިއުޓީއަށް ދެވުނު އިރު ބައްޕަ އޮންނެވީ އަޅުގަނޑުގެ އިންތިޒާރުގައެވެ. ހަމަ ފެނުމާއެކު އެއްވެސް ލޮލުފިޔައެއް ޖަހައިލެވޭ ގޮތް ނުވެއޭ ބުނުއްވިއެވެ. އޭރު ބައްޕަ އޮންނެވީ ނަމާދުކުރައްވައިގެންނެވެ. އާއްމުކޮށް ފަތިސް ނަމާދު ބައްޕަ ކުރައްވަނީ އަންކޮއާއެކުއެވެ. ފަހުންފަހުން އައިސް ބައްޕަ ނަމާދު ކުރައްވާއިރު، ނަމާދުގައި ކިޔާތަކެތި ބައްޕައަށް އަޑުއިވޭ ވަރަށް ކިޔައިދެމުން ދާންޖެހެއެވެ. އެ ރޭގެ ނަމާދު ކުރެއްވުމުގެ ކުރިން އިބްރާހީމް ސޫރަތް ތަންކޮޅެއް ދިގުކޮށް ކިޔެވުމަށް އަންކޮގެ ގާތުގައި ބައްޕަ ބުނުއްވިއެވެ. އެއީ ބައްޕައަށް އެންމެ ރީތި އެއް ސޫރަތެވެ. އެ ނަމާދުގެ ރަކުޢަތްތަކުގައި އަންކޮ ކިޔެވީ އިބްރާހީމް ސޫރަތުގެ 35 ވަނަ އާޔަތުން 41 ވަނަ އާޔަތުގެ ނިޔަލަށެވެ.
އެ އާޔަތްތަކުން ބައެއް އާޔަތްތަކުގެ މާނައިގައި ވެއެވެ. "އަޅުގެ ދަރީން ބުދަށް އަޅުކަންކުރުމުން ދުރުކުރައްވާނދޭވެ. އަޅުގެ ވެރި ރަސްކަލާކޮ! އަޅާއީ ނަމާދު ގާއިމުކޮށްއުޅޭ މީހެއް ކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރީންކުރެން ވެސް މެއެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އަދި އަޅުގެ ދުޢާ ގަބޫލުކުރައްވާނދޭވެ! އަޅަމެންގެ ވެރި ރަސްކަލާކޮ! ހިސާބު ގާއިމުވާ ދުވަހު އަޅާއަށާއި އަޅުގެ މައިންބަފައިން ނަށާއި މުއުމިންތަކުންނަށް ފާފަފުއްސަވާނދޭވެ!"
ބައްޕަ އަބަދު ވެސް ނަމާދުކުރެއްވުމަށް ވަރަށް ލޯބި ކުރެއްވިއެވެ. ހުރިހާ ދަރީންނަށް ނަމާދުގައި ކިޔާތަކެއްޗާއި އެކަން ކުރަންވީ ގޮތް އެނގޭކަން ޔަގީން ވެސް ކުރެއްވިއެވެ. ބައެއް ފަހަރު ޗުއްޓީތަކުގައި ގޭތެރޭ ހުންނަ ބޮޑު މޭޒު މައްޗަށް އަރުވައި ބައްޕަގެ ކުރިމަތީ ނަމާދުކުރާން ވެސް ކުދީންނަށް ޖައްސުވައެވެ. އަދި ހުރިހާ ނަމާދުތަކެއް ބަރާބަރަށް ކުރޭތޯ ވެސް ބައްލަވައެވެ. މިސްކިތުން ނުފެންނަ ނަމަ އެ ވާހަކަ ވެސް ދައްކަވައެވެ. ބައްޕަ އެންމެ ހާލު ބޮޑުވީ ވަގުތު ވެސް ނަމާދުތައް ކުރައްވަމުން ގެންދެވިއެވެ. ބައެއް ފަހަރު އިށީންނަވައިގެންނެވެ. އަނެއްބައި ފަހަރު އޮށޯވެއޮންނަވައިގެންނެވެ. އެންމެ ފަހުން ބައްޕަ ކުރެއްވި ނަމާދުތައް ކުރެއްވީ އަޅުގަނޑުމެންގެ އިމާމުކަމުގެ ދަށުގައެވެ. ބައެއް ފަހަރު އަޅުގަނޑެވެ. އަނެއްބައި ފަހަރު ރިޟޫ ކޮއްކޮއެވެ. އަނެއްބައި ފަހަރު އަންކޮއެވެ.
އާއްމުކޮށް އަޅުގަނޑުގެ ޑިއުޓީގަޑީގައި ކުރާ އެއް ކަމެއް އޮވެއެވެ. އެއީ ބައްޕައަށް ނިދިނުކުރެއްވި އޮންނެވި ނަމަ އެކި ކަންކަމާމެދު ބައްޕައާ ސުވާލުކުރުމެވެ. ބައްޕަގެ ބައެއް ހަނދާންތަކާމެދުއެވެ. ތުޅާދޫގެ ބައެއް ކަންކަމާއި ތާރީޚާމެދުއެވެ. އެކި މީސްމީހުންނާމެދުއެވެ. ކުޑައިރުގެ ދުވަސްތަކާމެދުއެވެ. ހިތުގައި އޮތް އެދުމެއް ފުރިހަމަކޮށްލުމުގެ ބޭނުމުގައި ނަމަވެސް އެ ކަމުން ބައްޕައަށް ވެސް ހިތްހަމަ ޖެހުން ލިބިލައްވާކަން އަޅުގަނޑަށް ވެސް އިހުސާސް ވެއެއެވެ. ބައްޕަގެ މާޒީއާ ގުޅޭ އެންމެ ގިނަ ސުވާލުތައް އެކި ރޭރޭ މަތިން ކުރި އެކަކީ އަޅުގަނޑުކަމަށް ވާނެއެވެ. އެއް ފަހަރަކު ބައްޕަޔާ ކުރިމަތި ކުރެވުނު އެއް ސުވާލަކީ ބައްޕަގެ ހަޔާތުގައި ބައްޕަ އެންމެ ހިތްހަމަޖެހިލައްވާ ކަމަކީ ކޮބައިތޯއެވެ؟ ބައްޕަ ބުނުއްވީ އެއީ ތުއްތުބެއަށް ދިރިއުޅުމެއް ފެނި އެކަން ފުރިހަމަވެފައި އޮތުމެވެ. ތުއްތުބެއަކީ ބައްޕައާ އެއްބަނޑު އެންމެ ހަގު ކޮއްކޮއެވެ. ތުއްތުބެ ވަރަށް ކުޑައިރު ރ. މީދޫގައި ހުންނަވަނިކޮށް ތުޅާދޫއަށް ގެންނަވާ އެހީތެރިވެލެއްވީ ބައްޕައެވެ.
ބައްޕައާ ކުރެވުނު އަނެއް ސުވާލަކީ ބައްޕަ ކުރައްވަން ބޭނުންވެލައްވާ ކަމެއް ނުކުރެއްވި އެބަ އޮތްތޯއެވެ؟ އެ ސުވާލަށް، ފުން ނޭވާއެއް ލެއްވުމަށް ފަހު ބޯ ދެ ފަރާތަށް ހޫރައިލެއްވިއެވެ. އެއަށް ފަހު ބުނުއްވީ ރަށަށް ދެވިއްޖެނަމަ ކޮށްލާނަމޭ ހިތު އަޅައިގެން އުޅޭ ކަމެއް އޮތް ކަމަށެވެ. އެއީ ރަށުގެ ދެ ކުލަބުން ހިންގާ ޕްރީ ސުކޫލަށް ކުޑަނަމަވެސް އެހީއެއް ދެއްވުމާއި އިރުމަތީ ކޮޅުގައި ހުންނަ މިސްކިތުގެ އިސްކުރުބަރި އިތުރުކޮށްލެއްވުމަށް އެހީތެރިވެދެއްވުމެވެ. ބައްޕައާ ކުރެވުނު އަނެއް ސުވާލަކީ ބައްޕަ ނެތް ދުނިޔޭގައި ބައްޕަ ކުރާނެ ވަޞިއްޔަތަކީ ކޮބައިތޯއެވެ؟ އެ ސުވާލުކުރުމުން ތިޔަ ކުރީ ހާދަ ބޮޑު ސުވާލެކޭ ބައްޕަ ބުނުއްވިއެވެ. އޭގެ ޖަވާބުގައި ބައްޕަ ބުނުއްވީ ބައްޕަގެ މުޅި ޢުމުރު ހޭދަކުރެއްވީ ކިޔަވައިދެއްވުމާއި އުނގަންނައި ދެއްވުމުގައި ކަމަށާއި އެއީ ބައްޕައަށް ލިބިލެއްވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ކޮންމެ ކުއްޖަކު ވެސް ވެވުނު ގޮތަކުން އުނގަންނައިދިނުމަކީ ބައްޕަ އެދިލައްވާ ވަރަށް ބޮޑު އެދިލެއްވުމެއް ކަމުގައި ބައްޕަ ބުނުއްވިއެވެ. އަދި މަންމައަށް އަޅާލައި ލޯބިދީ އެހީތެރިވުމަށް ބައްޕަ ވަޞިއްޔަތް ކުރެއްވިއެވެ. މިޒާތުގެ ވަރަށް ގިނަ ވާހަކަތައް އަދި ތުޅާދުއާއި ތުޅާދޫ ސްކޫލާ ގުޅޭ ބައެއް ހަނދާންތަކުން ވެސް ސުވާލުކޮށް ހަދަމެވެ. ކުރެވުނު ގިނަ ސުވާލުތަކަށް ބައްޕަ ޖަވާބުދެއްވަމުން ގެންދަވައެވެ. ބައެއް ފަހަރު ވަރަށް ކުރުކޮށެވެ. އަނެއްބައި ފަހަރު ތަންކޮޅެއް ތަފުސީލުކޮށެވެ. ވާހަކަދައްކަވަން އުނދަގޫވެލެއްވުމާއި ތަދު އިހުސާސް ކުރެއްވޭލެއް ބޮޑު ނަމަ މާ ދިގުކޮށެއް ވާހަކައެއް ނުދައްކަވައެވެ.
ޑިއުޓީގަޑި ތޯއެވެ؟ އެއީ އަނގަޔަށް މީރު ވަގުތެކެވެ. އަންހެން ކޮއްކޮމެންނާއި ދައްތަމެންގެ އަތްމަތި ހަލުއި ވަގުތެކެވެ. ކޮންމެވެސް ހެދިކާއެއް، ކޮންމެވެސް ކޮފީއެއް، ކޮންމެވެސް އަތުޖެހިއެއް ނެތް ވަގުތަކާ ދިމައެއް ނުވެއެވެ. މީރުހެން ހީވާނެ ހުރިހާ އެއްޗެއް އެކި ދިމަދިމާގައި ހުރެއެވެ. ބައެއް ފަހަރު ބޮޑެތި ޖާފަތް އަތުރާފައި ހުންނަހެން ވެސް ހީވެއެވެ. އެއީ ބައްޕަ ވެސް ވަރަށް އުފާވެލައްވާ ކަމެކެވެ. ކޮންމެ ކުއްޖަކު އައި ނަމަވެސް ކޮންމެވެސް އެއްޗެއް ކާލައި ހެދުމަށް ބައްޕަ އަބަދުވެސް ބުނުއްވައެވެ. ބައްޕަ ކޭންބައްލަވާ ވަގުތު ހުރިހާ ކުދީން ބައިވެރިވުމަކީ ބައްޕަ ބޭނުންވެލައްވާ ކަމެކެވެ. އެހެންކަމުން ކެއުމާއި ބުއިމުގެ ކަންކަން އަބަދުވެސް ހުންނަނީ ތައްޔާރަށެވެ. އެ ޚިދުމަތުގައި އަންހެންކުދީންގެ އަތުކުރި ހުންނަނީ އޮޅައޮޅައެވެ.
އެ ދުވަހުގެ ހަތެއް ޖެހުމާއެކު އަޅުގަނޑާއި ރަބީތު ކޮއްކޮގެ ޑިއުޓީ ނިމެއެވެ. ނަމަވެސް ޑިއުޓީ ނިންމާ އެ ތަނުން ދެވޭނީ ދެން ޑިއުޓީއަށް އަންނަން ހަމަޖެހިފައިވާ ޓީމު އެ ތަނަށް އައުމުންނެވެ. ގަޑި ނުޖެހެނީސް މަންމައާއި އަންކޮ ކޮޓަރިއަށް އެ އަތުވެއްޖެއެވެ. އަންކޮ ގެއަށް ގޮސް ފެންވަރާލައިގެން އެނބުރި އައީ އެ ދުވަހު، ބައްޕަ އިތުރު ޓެސްޓުތަކެއް ހަދަންޖެހޭތީއާ ވެސް އެކުއެވެ.
މަންމަ ހަމަ ފެނުމާއެކު ބައްޕަ އެދިލެއްވީ ނިޔަފަތި ކަނޑައިދެއްވުމަށެވެ. ނިޔަފަތި މާ ދިގު ނޫނަސް ބައްޕަ ބޭނުންވެލެއްވީ ނިޔަފަތި ކަނޑުއްވައި އިތުރަށް ސާފުތާހިރުވެލެއްވުމަށެވެ. ނޭފަތުގައި ދިގުވެފައި ހުރި އިސްތަށިތައް ކޮށާލައްވަން ވެސް ބައްޕަ ބޭނުންވެލެއްވިއެވެ. އެ ކަންކަން ކޮށްދިނުމުގައި މަންމަ އުޅުނުއިރު އެހެން ދުވަސް ދުވަހަށް ވުރެ ބައްޕަގެ ހަކަތަ އިތުރުކަން މަންމައަށް ފާހަގަ ކުރެވުނެވެ. ބައްޕަ ތަންކޮޅެއް ރަނގަޅުވާކަމުގެ އިހުސާސް ވެސް މަންމައަށް ކުރެވުނެވެ.
10:30 ގައި ފެށުނު ޑިއުޓީއަށް އައީ ރިޟޫ ކޮއްކޮއެވެ. އަންކޮ ގެއަށް ދިއުމާއެކު ޑިއުޓީގައި އިނީ ރިޟޫ ކޮއްކޮއާއި މަންމައެވެ. 10:40 ހާއިރު ތުއްތަ (ސަޢާދާ) ޑިއުޓީއަށް އައެވެ. އަދި 12 ޖަހަން އުޅެނިކޮށް ކުޑައްތަ (ސަޢުދިއްޔާ) ޑިއުޓީއަށް އައެވެ. ތުއްތައާއި ކުޑައްތައަށް ފާހަގަކުރެވުނީ ބައްޕަގެ ރީނދޫކަން ކެނޑި، މޫނު އަލިވެފައިވާކަމެވެ. ދެ ލޮލުގައިވާ ރީނދުކަން ވެސް ފިލާފައިވާކަމެވެ. ފާއިތުވީ ދެ ތިން ދުވަހު ބައްޕަގެ ހަކުރު މަތިވެ، ލޮނު ދަށްވެ، މުޅި ހަށިގަނޑުގެ ހަކަތަ ހުސްވެ، ހިންދިރުވަން އުނދަގޫވެ، ހަށިގަނޑު ހިރުވާ، ވަރުދެރަވެގެން އުޅުއްވިއެވެ. އެކަމާ ގުޅިގެން އައިވީ ގުޅައި، ހޮޅިން ކާންދެއްވާގޮތަށް ޑޮކްޓަރުން ނިންމެވިއެވެ. އެކަންވީ ބައްޕައަށް އުފުއްލަވަން ޖެހިލެއްވި އިތުރު ތަކުލީފަކަށެވެ. އަޅުގަނޑުމެންގެ ހިތަށް އިތުރަށް ތަދުވި ކަމަކަށެވެ.
އެ ދުވަހު ބައްޕަގެ ވާހަކަ އެހެން ދުވަސްތަކަށް ވުރެ އިތުރެވެ. ރޭގަނޑު ނިދިކުރައްވަން ދަތި ވާހަކަ ބުނުއްވިއެވެ. ކޭންބައްލަވަން ވެސް އުނދަގޫކަމަށް ބައްޕަ ބުނުއްވިއެވެ. ކެއުމަށް ގުޅާފައި ހުންނަ ހޮޅި ނައްޓައިލަނިކޮށް ބައްޕައަށް ރަނގަޅަށް ކޭންބެއްލެވޭނެކަމަށް ވެސް ބުނުއްވިއެވެ. އެ ވާހަކަތަކުގައި ތިއްބާ ރޫމަށް ވެންނެވީ ތެރަޕިސްޓުންގެ ޓީމެކެވެ. ކޭންބެއްލުމަށް ބައްޕައަށް ދަތިވާތީ ދުލުގެ މައްސަލައެއް ހުރިތޯ ޔަގީން ކުރެއްވުމަށެވެ. އެ މީހުން ވަރަށް ގިނަ ސުވާލުތައް ބައްޕައާ ކުރެއްވިއެވެ. ކުރިން އަދާކުރެއްވި ވަޒީފާއަކީ ކޮބައިތޯ އެއްސެވުމުން އެ ސުވާލަށް ބައްޕަ ޖަވާބުދެއްވިއެވެ. ކުދީންގެ ޢަދަދަކީ ކޮބައިތޯ އެއްސެވުމުން 9 ކުދީން ތިބޭކަމަށް ބައްޕަ ބުނުއްވިއެވެ. އެންމެ ދޮށީ ކުއްޖަކީ އަމީންކަމާއި ކުރިމަތީ އެ ހުރީ ރިޟްވާންކަމާއި ދެން އެ ހުރީ ސަޢުދިއްޔާކަމާއި މަންމައަށް އިޝާރާތްކޮށް އެއީ "ވައިފް" ކަމަށް ބުނުއްވިއެވެ. ތެރަޕިސްޓުންގެ ގާތަށް ވެސް ހިނިއައެވެ. އާއިލާ މެންބަރުން ނަށް ވެސް ބައްޕަގެ ޖަވާބުތަކުގެ ފުރިހަމަކަމުން ހިތްހަމަޖެހުން ލިބިގެންދިޔައެވެ. ބައްޕަގެ ހާލަތު އިތުރަށް ރަނގަޅުވެއްޖެކަން ޔަގީން ކުރެވުނެވެ.
މެންދުރުވުމުގެ ކުރިން ސަލީމާ ކޮއްކޮ ޑިއުޓީއަށް އައެވެ. މެންދުރު ވަގުތު ހަމަ ޖެހުމާއެކު ނަމާދު ވަގުތު ވެއްޖެކަން ބައްޕަ ފާހަގަކުރެއްވިއެވެ. ބައްޕަ އެނދުގައި ބާއްވައިގެން ފެން ފޮތިކޮޅަކުން ބައްޕަ ވުޟޫކުރުވައި ބައްޕައަށް ނަމާދުގައި ކިޔާތަކެތި އިއްވައިދެމުން ދިޔައީ ރިޟޫ ކޮއްކޮއެވެ.
ނަމާދުކޮށް ނިމުނު އިރު ދޮންތަ (ސާއްރާ) ހުރީ އައިހެވެ. ދޮންތަ އަވަސްވީ ބައްޕައަށް ކޭންބެއްލެވުމުގެ ކަންކަން ހަމަޖެއްސުމަށެވެ. އެކަން ކުރުމަށް ބައްޕަގެ ބުރަކަށި ހިއްލުވައި އިށީނދެ އިންނެވޭގޮތަށް ހަދާންޖެހެއެވެ. އަދި ކާންދޭ ހޮޅިއަށް ތަކެތި ގުޅަންޖެހެއެވެ. އެކަން ކުރަނީ ނަރުހުންކަމަށްވާތީ ނަރުހަކަށް ގޮވުމަށް ދޮންތަ ބުންޏެވެ. އެއަޑު ހަމަ ޖެހުމާއެކު އެ ކުދީންނަށް އަވަސްއަވަހަށް ގޮވަންޖެހޭތީ ކިހައި ފޫހިވާނެ ހެއްޔޭ ބައްޕަ ބުނުއްވިއެވެ. ނަރުސްކުދީންގެ އެހީތެރިކަން ބައްޕައަށް ވަރަށް ބޮޑަށް ލިބުނެވެ. ޚާއްޞަކޮށް އެއް ނަރުހަކު ދިން އޯގާތެރި ޚިދުމަތް ބައްޕަ ވެސް އަދި އާއިލާ ވެސް ވަރަށް ބޮޑަށް ފާހަގަކުރަމުންދިޔައެވެ.
އެދުވަހު ބައްޕަ ބޭނުންވެލެއްވީ ހޮޅި ނައްޓާލައިގެން ކުރިންވެސް ކޭންބައްލަވާގޮތަށް އަނގައިން އެކަން ކުރައްވާށެވެ. ކެއުމުގެ ކަންކަން ކުރިއަށް ދިޔައިރު އަނގައިން އަޅައިގެން ކެވޭނެ ގޮތެއް ނޯންނާނެތޯ ނަރުހުންގެ ކުދިން ކުރެން ބައްޕަ އެއްސެވިއެވެ. މިހާރު ކާތަކެތި ފިޔަވާ އެހެން އެއްޗެއް ނުކެވޭނެތޯ ވެސް ސުވާލުކުރެއްވިއެވެ. އެ ސުވާލުތައް ކުރުމުން ބައްޕައަށް ކެވޭނަމަ އަނގަޔަށް އަޅައިގެން ވެސް ކާންދެވިދާނެ ކަމަށް ނަރުހުން ބުންޏެވެ. ނަރުހުން އެހެން ބުނުމުން ބާރުލީ ރަނގަޅުތޯ ބައްޕަ ގާތުގައި ދޮންތަ އެއްސެވެ. އެ އަޑު ހަމަޖެހުމާއެކު އެއީ އާއެއްޗެއް ނޫނެއް ނޫންހޭ ބައްޕަ ބުނުއްވިއެވެ. ދެން ބައްޕަ ގާތުގައި ދޮންތަ އެހީ ކުރުނބާ ފެން ރަނގަޅުތޯއެވެ؟ އެ ސުވާލުގެ ޖަވާބުގައި ވެސް ބައްޕަ ބުނުއްވީ ތިޔަ ބުނީ ވެސް އާ އެއްޗެއް ނޫންކަމަށެވެ. ބައްޕަގެ އެ ޖަވާބުތަކުން ދޮންތައަށާއި ދެން ތިބި ކުދީންނަށް ލިބުނީ ހިތްހަމަ ޖެހުމާއި އުފާވެރިކަމެވެ. އެ ސަމާސާ ވަގުތުކޮޅުން އާވީ އިތުރު އުންމީދެކެވެ. އެ ވަގުތު ބިސްމި ކިޔަމުން ބައްޕަގެ އަނގަޔަށް ދޮންތަ ފެންފޮދެއް އެޅުއްވިއެވެ. ފެންފޮދު ހަމަ ދުލުގައި ޖެހުމާއެކު ފެންފޮދު އެޅީ ބިސްމި ނުކިޔުއްވެނީސް ކަމަށް ބައްޕަ ބުނުއްވިއެވެ. ބިސްމި ކިޔުއްވުމުން އަލުން ފެންފޮދު އެޅުމަށް ބައްޕަ އެދިލެއްވިއެވެ. އެގޮތަށް ފެންފޮދު އެޅުމާއެކު އެ ފެންފޮދު ދިރުވައިލެއްވޭތޯ ބައްޕަ މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެކަންވީ ވަރަށް އުނދަގޫ ދަތި ކަމަކަށެވެ.
ހަވީރުގެ ވަގުތުތައް ފާއިތުވެ އިރުއޮއްސިއްޖެއެވެ. އެ ދުވަހުގެ ބައްޕަ ދެއްކެވި އެކި ވާހަކަތަކުގެ ތެރޭގައި ގަޑި ހިނގާލެއް ލަސްކަން ބައްޕަ ފާހަގަ ކުރެއްވިއެވެ. އަދި ކެއުމުގެ ވާހަކަ ދެއްކުމުން ކާން އެޅުމާއި ދިއުމާ ހިނގަނީ އެއްކޮށްކަމަށް ބައްޕަ ބުނުއްވިއެވެ. މިހާރު ވެސް ވައިގެ ކަންކަން ކުރިއަށް ދާކަމަށް ވެސް ބުނުއްވިއެވެ. ބައްޕަގެ ވާހަކަތަކުގެ ރާގާއި ސަމާސާ އިހުސާސުން ކޮންމެ ދަރިއެއްގެ ހިތަށް ވެސް ދިޔައީ އިތުރު ހިތްހަމަޖެހުން ލިބެމުންނެވެ.
އިރުއޮއްސުނު އިރު ބައްޕަގެ ގާތުގައި ތިބީ މަންމައާއި ތުއްތައާއި ސަލީމާ ކޮއްކޮއާއި ރިޟޫ ކޮއްކޮއެވެ. ހަމަ ވަގުތު ޖެހުމާއެކު ނަމާދުކުރައްވަން ބޭނުންވެލައްވާކަމަށް ބައްޕަ ބުނުއްވިއެވެ. އަދި ރޭގަނޑު ކޭންބައްލަވާނީ އިޝާނަމާދު ވެސް ކޮށްލައްވައިގެން ކަމަށް ބައްޕަ ބުނުއްވިއެވެ.
ބައްޕަގެ ހާލަތު އިހަށްވުރެ ރަނގަޅުކަން އާއިލީ ވައިބައި ގުރޫޕުގައި އެކި ކުދީން ދައްކާފައި ހުރި ވާހަކަތަކުން ފާހަގަވިއެވެ. އެ އުފާވެރި ޚަބަރާއެކު އަޅުގަނޑު ވެސް ޑިއުޓީއަށް ދިޔައީ ޑިއުޓީއަށް ދާން އޮތް ގަޑިއަށްވުރެ އަވަހަށެވެ. ޑިއުޓީގަޑި ފެށެނީ 9:30 ގައެވެ. ނަމަވެސް 8:30 ވީއިރު އަޅުގަނޑު އިނީ އައިޖީއެމްއެޗްގެ ޕްރައިވެޓް ރޫމުތަކުން 47 ވަނަ ރޫމުގައެވެ. އޭރު މަންމައާއި ތުއްތައާއި ރިޟޫ ކޮއްކޮއާއި ސަލީމާ ކޮއްކޮ ވެސް އެ ކޮޓަރީގައި ތިއްބެވެ. އަޅުގަނޑު ހަމަ ވަނުމާއެކު ފެށީ އެ ދުވަހު ބައްޕަ ކަންތައްތައް ކުރެއްވި ގޮތުގެ ވާހަކައެވެ. ބައްޕަ އިތުރަށް ރަނގަޅުވަމުން އަންނަ ވާހަކައެކެވެ.
ވާހަކައިގައި ތިއްބާ ބައްޕަގެ ނާސްތާ ތައްޔާރުކުރެވުނެވެ. ނަރުހުން އައިސް ކާނާ ހޮޅިއަށް އަޅާނެ ގޮތުގެ އިރުޝާދު ދިނެވެ. އެ ކަންކުރުމުގައި އުޅުނީ ރިޟޫ ކޮއްކޮއާއި ތުއްތައެވެ. ބައްޕަގެ ހޮޅިއަށް ކާތަކެތި އަޅަމުން ދިޔައީ ރިޟޫ ކޮއްކޮއެވެ. އަޅުގަނޑު އިނީ ބައްޕަގެ ފަޔާ ދިމާގައި ހުރި ގޮނޑީގައެވެ. މަންމައާއި ސަލީމާ ކޮއްކޮ ހުރީ ބައްޕަގެ ވާތް ފަރާތުގައެވެ. ތުއްތައާއި ރިޟޫ ކޮއްކޮ ހުރީ ބައްޕަގެ ކުރިމަތީގައެވެ. ކެއުން ނިންމައިލި އިރު ބައްޕައަށް އުނދަގޫތަކެއް ވާކަން އަޅުގަނޑަށް ފާހަގަވިއެވެ.
ކޭންބެއްލުވުމާއެކު ބާއްޕަ ފާޚާނާކުރައްވަން ބޭނުންވެލެއްވިއެވެ. ބައްޕަ ފާޚާނާ ކުރެއްވުމުން ސާފުކުރެއްވުމުގެ މަސައްކަތުގައި އަޅުގަނޑާއި ރިޟޫ ކޮއްކޮއާއި ނަރުސްކުއްޖަކު ހަރަކާތްތެރިވީމެވެ. އެކަމަށް ބައިގަޑިއެއްހާއިރު ނެގިއެވެ. އެކަމުން އަވަދިވިއިރު ބައްޕައަށް އިތުރަށް އުނދަގޫވެލައްވާކަން ބައްޕަ އުޅުއްވާ ގޮތުން އަނެއްކާ ވެސް ފާހަގަކުރެވުނެވެ. ބައްޕަގެ ދުލުން ސީދާ ތަދުވާކަމަށް ނުބުނުއްވި ނަމަވެސް އެ ދުލުގެ އަތްމަތީ ލަފުޒު "ﷲ ރައްބީ" އޭ ގޮވައިލެއްވުމުން ބައްޕަގައިގައި އަޅާ ވޭން އިހުސާސް ކުރެވެއެވެ. އެއީ ބަލިވެ އުޅުއްވި އިރު ވޭނުގެ ތަދާއެކު ބައްޕަގެ ދުލުން ބޭރުކުރެއްވޭ ހަމައެކަނި ލަފުޒެވެ. ބައެއް ފަހަރު ކެނޑިނޭޅި އެ އަޑު އިވިއިވި ހުރެއެވެ. ތަދު ބޮޑުވާ ވަރަކަށް އެއަޑުގެ ބާރުމިން ވެސް އިތުރުވޭވޭ ހުރެއެވެ.
އިރުކޮޅެއް ފަހުން ބައްޕައަށް އިތުރަށް އުނދަގޫވެލައްވާކަން ނަރުހުންނަށް އެންގުނެވެ. ނަރުހުންގެ ކުއްޖަކު އައިސް ތަދުކެނޑުވުމަށް ބައްޕައަށް ދެއްވާ ފުޅި އައިވީ ގުޅާފައި އޮންނަ ހޮޅިއާ ގުޅިއެވެ. އޭގެ ކުރިން ވެސް އޭގެ ފުޅިއެއް ބައްޕައަށް ގުޅައި ވަނީ ހުސްކޮށްފައެވެ.
އެ ވަގުތު ޑިއުޓީ އޮތީ އަޅުގަނޑަށެވެ. ތުއްތައާއި ސަލީމާކޮއްކޮ އަދި ރިޟޫކޮއްކޮގެ ވަގުތު ވަނީ ހަމަވެފައެވެ. އެހެންކަމުން ސަލީމާކޮއްކޮ އެ ތަނުން ނުކުތީ 10:05 އެހައިކަންހާއިރުއެވެ. މަންމައާއި ތުއްތައާއި ރިޟޫކޮއްކޮ ބޭނުންވީ 12 ޖަހަންދެން މަޑުކޮށްލުމަށްފަހު ގެއަށް ދާށެވެ.
އިރުކޮޅެއް ފަހުން ބައްޕައަށް ނޭވާލައްވަން އުނދަގޫވެލައްވާކަން ކުރިއަށްވުރެ ބޮޑަށް ފާހަގަކުރެވުނެވެ. ވަގުތުން ނަރުހުންގެ ކުއްޖަކަށް ގޮވަން ރިޟޫކޮއްކޮ ބޭރަށް ނުކުތެވެ. އޭރު ކައުންޓަރުގައި ތިބި ނަރުހުންގެ ކުދީން ވީ އެހެން ރޫމަކަށް ގޮހެވެ.
އެވަގުތު އަޅުގަނޑުގެ ފޯނު ރިންގުވިއެވެ. ގުޅީ ދޮންތައެވެ. ބައްޕަގެ ހާލު ބަލައިލުމަށެވެ. ހިތަށް އެރިއެވެ. ކިތަންމެ ދުރުގައި ހުއްޓަސް ބައްޕަގެ އިހުސާސް ދޮންތައަށް ކުރަނީއެވެ. ދޮންތައަށް އުނދަގޫވާތީ ހަމަ ގުޅައިލީއެވެ. ބައްޕަގެ ހާލު ގޯސްވަމުން އަންނަކަމަކަށް އަޅުގަނޑެއް ނުބުނަމެވެ. ކުޑަކޮށް ނޭވާލާން އުނދަގޫކަމަށް ބުނީމެވެ. އިރުކޮޅެއް ފަހުން އަނެއްކާ ވެސް ތޯހާބެ ގުޅުއްވިއެވެ. ތޯހާބެއަކީ ދޮންތަގެ ފިރިމީހާއެވެ. އެ ފަހަރު ބައްޕައަށް ނޭވާލާން ދަތިކަމެއް ހުރިކަން ފާހަގަކުރެވޭކަމަށް ބުނީމެވެ. ނަމަވެސް މާ ސީރިޔަސްހެން ހީނުވާކަމަށް ވެސް ބުނީމެވެ. މަންމަ އޭރު ވެސް ބުނަމުން ދިޔައީ ހުރިހާ ކުދީން އަވަހަށް ހޮސްޕިޓަލަށް އައުމަށެވެ. އެއީ އެ ކަހަލަ ކޮންމެ ވަގުތެއްގައި ވެސް މަންމަގެ އާއްމު ބަހެވެ.
މާގިނަ އިރުތަކެއް ނުވެއެވެ. ބައްޕައަށް އިތުރު އުނދަގޫތަކެއް ވާކަން ޔަގީން ކުރެވުނީ ތުއްތައަށެވެ. އޭރު ބައްޕަގެ ހަށިގަނޑު ވަނީ ފިނިވެފައެވެ. ނަމަވެސް ދާހިއްލަމުން ދިޔަކަން ފާހަގަވިއެވެ. ބައްޕަގެ ނޭވާ އަވަސްވަމުން ދިޔައެވެ. އެއާއެކު މަންމައަށް ބުނެވުނީ ބައްޕަގެ މަރު އެވަނީ ނޭވާ ހޮޅިއަށް އެޅިފައި ކަމަށެވެ. މަންމަ ބައްޕައާ ގާތްވެލިއެވެ. ބައްޕަގެ އަތުގައި ހިފަހައްޓައިލިއެވެ. އަޅުގަނޑު ހުރީ ބައްޕަގެ ފައިތިލައިގައި ހިފަހައްޓައިލައިގެންނެވެ. އެ ފައިގެ ފިނިކަން އެ ވަގުތު އިހުސާސް ނުކުރެވުނަސް އެފައި ފިސާރި ފިންޏެވެ. އެ ވަގުތު ތުއްތަ ދިޔައީ ބާރުބާރަށް ބައްޕައަށް ގޮވަމުންނެވެ. އެއާއެކު ބައްޕައަށް ޝަހާދަތް ލައިދިނުމަށް ތުއްތަ ބުނަމުން ދިޔައެވެ. އޭރު ރިޟޫކޮއްކޮ ހުރީ ބައްޕަގެ ބޯލާކޮޅުގައެވެ. ރިޟޫކޮއްކޮ ޝަހާދަތް ކިޔުމާއެކު ބައްޕަ ޝަހާދަތް ކިޔާން ފެއްޓިއެވެ. ފުރަތަމަ ފަހަރު ކިޔުއްވުމަށް ފަހު ދެވަނަ ފަހަރު ވެސް ކިޔުއްވިއެވެ. ތިންވަނަ ފަހަރު ބައްޕަ އަމިއްލައަށް ޝާހާދަތް ކިޔުއްވިއެވެ. އެ ވަގުތުވީ ބައްޕަގެ ފުރާނަ މި ފަނާވަނިވި ދުނިޔެއާ ވަކިވި ވަގުތަށެވެ. (إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ) އެ ވަގުތު ތުއްތައަށް ބުނެވުނީ ބައްޕަ ދިޔައީ ކަމަށެވެ. ބައްޕަ ދިޔައީ ކަމަށެވެ. އެ އަޑާއެކު މަންމައަށް ރޮއިގަނެވުނެވެ. ތުއްތަ ބަޑިފަޅައިގެން ދިޔައެވެ. އަޅުގަނޑަށް ހުރެވުނީ ގޮތަކަށް ހުއްޓުން އަރައިފައެވެ. ނަމަވެސް ރިޟޫކޮއްކޮގާތުގައި އަވަހަށް ނަރުހަކަށް ގޮވަންދާށޭ ބުނެވުނެވެ. އެއަށްފަހު ބައްޕަގެ މޫނާ ގާތަށް ޖެހިލެވުނެވެ. ބައްޕަގެ ނޭވާ ނެތްކަން ވިންދު ނުޖަހާކަން އިހުސާސް ކުރެވުނެވެ. ދެ ތިން ފަހަރު ބައްޕައަށް ގޮވައިވެސް ލެވުނެވެ. ދެ ލޮލުން ފައިބާން ހުރި ކަރުނަތައް ހިފެހެއްޓިފައިވީ ކީއްވެކަމެއް ނޭނގެއެވެ. ހިތްވަރު ކުރުމަށްފަހު މަންމަގައިގައި އޮޅުލައި ގަނެވުނީއެވެ. މަންމަ ގޮނޑީގައި ބޭންދުމަށްފަހު މަންމަ ގާތުގައި ތުއްތަ އިށީނުމަށް ބުނީމެވެ. އޭރު އެ ޚަބަރު ރިޟޫކޮއްކޮ ދޮންބެއަށާއި ތޯހާބެއަށް ދެމުންދިޔައެވެ. ރިޟޫކޮއްކޮ ރޯ މަންޒަރު ފެނުމުން މަންމައާއި ތުއްތަގެ ކުރިމަތީ ނުރޮއި ހިތްވަރު ކުރުމަށް ބުނީމެވެ. އޭރު ދެ ނަރުހަކު އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އެއީ ގާތްގަނޑަކަށް 5 ވަރަކަށް މިނެޓްގެ ވަގުތުކޮޅެކެވެ.
އެ ވަގުތު ރާއްޖެއިން ބޭރުގައި ހުރި މުސްލިމާއްކޮ ރިޟޫކޮއްކޮ ފޯނަށް ގުޅިއެވެ. އެއީ ބައްޕައާއި މަންމަގެ އެންމެ ހަގު އަންހެން ދަރިފުޅެވެ. ރިޟޫކޮއްކޮ ރޮމުން ރޮމުން ބުނީ ކުޑަތުއްތައަށް ދޭންވީ ކޮން ޖަވާބެއް ހެއްޔެވެ؟ އަޅުގަނޑު ބުނީމެވެ. ބައްޕަ ވަރަށް ސީރިޔަސްކަމަށް ބުނާށެވެ. ފަހުން ގުޅާނެކަމަށް ވެސް ބުނާށެވެ. އަދި އިރުކޮޅެއް ފަހުން ކުޑަތުއްތައަށް ގުޅާފައި ބައްޕަގެ އެ ޚަބަރު ދޭށެވެ. ހިތުގައި އޮތީ ކުއްލި ޝޮކުން އެ ކޮއްކޮ ސަލާމަތް ކުރުމެވެ. އިރުކޮޅެއް ކުރިން ބައްޕަގެ މަޖާ ވާހަކަތަކާއި ރަނގަޅުވަމުން އަންނަ ވާހަކަ ބުނެފައި ދެން އެ ޚަބަރު ދޭނީ ކިހިނެއް ހެއްޔެވެ؟
މާގިނަ އިރުތަކެއް ނުވެއެވެ. ޑޮކްޓަރުންނާއި ނަރުހުން ކޮޓަރި ފުރައިލިއެވެ. ނަރުހުންނަށް ލިބުނީ ޝޮކެކެވެ. ފަސް ވަރަކަށް މިނެޓްތެރޭ އެހާލަތަށް ބައްޕަ ދިޔައީތީއެވެ. އެހައި ކުއްލި ގޮތަކަށް ބައްޕަ މި ދުނިޔެއާ ވަކިވެލެއްވީތީއެވެ. އިސާހިތަކު އާއިލާ މެންބަރުން މުޅި އެތަން ހިސާރުކުރިއެވެ. އޭރު ބައްޕަގެ މަރު ކަށަވަރު ނުކުރި ނަމަވެސް ދެން އެނބުރި ބައްޕަ ނުދުރުވާނެކަން ތުއްތައަށާއި މަންމައަށާއި ރިޟޫކޮއްކޮއަށާއި އަދި އަޅުގަނޑަށް ވެސް ގަބޫލުކުރެވުނެވެ. ނަމަވެސް ބަލަންޖެހޭ ކަންކަން ބެއްޔެވެ. ހަދަންޖެހޭ ޓެސްޓެއް އޮތް ނަމަ ހެދިއެވެ. ކަނޑައެޅިފައިވާ އިޖުރާޢަތުގެ ތެރެއިން ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރިއެވެ.
ދެތިން ފަހަރު ބައްޕަގެ މޫނަށް ބަލައި ލުމަށްފަހު އިރުކޮޅެއް ފަހުން އެ ކޮޓަރީގައި ހުރި ފާޚާނާއަށް އަޅުގަނޑު ވަނީމެވެ. ހިތުގައި ޖަމާވެފައިވާ ޖަޒުބާތުތައް އެތަނަށް ބަންޑުން ކޮށްލީމެވެ. އެ އަޑު އިތުރު މީހަކަށް އިވިދާނެތީވެ ފެން އިސްކޫރު ދޫކޮށްލީމެވެ. އެހިނދު އަޅުގަނޑުގެ ލޮލަކީ ވެސް އިސްކޫރެކެވެ. މަންމަމެންގެ ކުރިމަތީ އެ ހިތްވަރު އެލުވާލަން އަޅުގަނޑު ބޭނުން ނުވީއެވެ. އެ މަންމަޒަރުން މަންމަގެ ކެތްތެރިކަން އިންތިހާއަށް ގެންދަން ނޭދުނީއެވެ.
ބައްޕައަކީ އަޅުގަނޑަށާއި އަޅުގަނޑުމެން ކޮންމެ ކުއްޖަކު ދެކެ ވެސް އިންތިހާއަށް ލޯބިވީ ބައްޕައެކެވެ. އެންމެ މޮޅު ގޮތާއި ރަނގަޅު ގޮތް ބުނެދެއްވި ބައްޕައެކެވެ. އެ ލޯބި އަބަދު ވެސް އަޅުގަނޑުމެން ކޮންމެ ކުއްޖެއްގެ ހިތުގައި ދިރިދިރި އޮންނާނެއެވެ. ދުނިޔެވީ ލޯމަތިން ބައްޕަ ވަކިވެލެއްވި ނަމަވެސް އެ ހަނދާންތަކަކާ ވަތްކެއް ނުވެވޭނެއެވެ.
ބައްޕައާއި މަންމައާއެކު ހުރިހާ ކުދިން
ބައްޕަގެ ފުރާނަ ނެތް މަސްގަނޑުގެ ވަށައިގެން ހުރިހާ ދަރިންނަށް ތިބެވުނު އިރު ކޮންމެ ކުއްޖެއްގެ ލޮލުން ވެސް ހޯސްލާފައި ކަރުނަ ނީރެއެވެ. ކޮންމެ ކުއްޖެއްގެ ހިތުގައި އަޅާވޭނާއި އިހުސާސް އަޅުގަނޑަށް ވެސް ކުރެވެއެވެ. އެ އިހުސާސްތަކާއެކު ހިތަށް ވަނީ ބައްޕަގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ކުރެވުނު ދަތުރުގައި ދޮންބެ (އަމީން) އާއެކު އެކި ޑޮކްޓަރުންނާ ބައްދަލުކުރި ބައްދަލު ކުރުމެވެ. އެކި ޑޮކްޓަރުންގެ ލަފާ ހޯދުމަށް ކުރެވުނު މަސައްކަތެކެވެ. ކޮންމެ ޑޮކްޓަރަކު ވެސް ދިނީ ނާއުންމީދީ ޖަވާބެކެވެ. ކެންސަރުގެ އެންމެ ފަހު މަރުހަލާއަށް ވުމުން ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާކަމެވެ. ކެންސަރު ޖެހިފައިވަނީ ޕެންކްރިއާރސްއަށް ކަމަށް ވުމުން އެ ނާއުންމީދުކަން އިތުރުވާކަމެވެ. އެންމެ ބޮޑަށް މާޔޫސްވީ ދިރި ހުންނާނެކަމަށް އެ ޑޮކްޓަރުން ދެއްވި މުއްދަތުންނެވެ. އެއީ އެންމެ ހަތަރު މަހެވެ. ނަމަވެސް ﷲ އިރާދަފުޅާއެކު ބައްޕަ ދުނިޔެ ދޫކުރެއްވީ އެ މުއްދަތަށް ވުރެ އިތުރަށް 8 މަސް ދުވަހު އަޅުގަނޑުމެންނާއެކު އުޅުއްވާފައެވެ.
ބައްޕަ
ބައްޕަ ނިޔާވީ މާލެ ދުރުވިތާ ބަރާބަރު އެއްމަސްވީ ދުވަހުއެވެ. އިންޑިއާގައި ނިޔާވި ނަމަ އެ ތަނަކަށް ބައްޕަގެ ހުރިހާ ކުދީންނަކަށް ނުދެވޭނެއެވެ. ކުއްޖަކަށް ދެވުނަސް ކަރަންޓީނާ ނުލައި ބައްޕައާ ބައްދަލެއް ނުކުރެވޭނެއެވެ. ބައްޕަގެ މޫނެއް ނުފެންނާނެއެވެ. އޭރުން މަންމަމެން އުޅޭނީ ކޮން ހާލެއްގައި ހެއްޔެވެ؟ އެ ހާލު ނުޖައްސަވާ އުފަން ހާލީގައި ވަކިވުމަކީ ވެސް ކިހައި ބޮޑު ނިޢުމަތެއް ހެއްޔެވެ؟ ބައްޕަގެ އެންމެ ފަހު ނޭވާ ދުނިޔެއަށް ލެއްވި ދުވަހު ވެސް ދޮންބެއާއި މުސްލިމާއްކޮ ނޫން ހުރިހާ ކުދިންނާ ބައްޕައާ ބައްދަލުވިއެވެ. ބައްދައިލެވުނެވެ. ދޮންދެވުނެވެ. ހުރިހާ ޝުކުރެއް ހައްގުވަނީ ހެއްދެވި އިލާހަށެވެ. އެ އިލާހަކީ ހުރިހާކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ހިކުމަތްވަންތަ ރަސްކަލާނގެއެވެ.
ބައްޕަގެ ފުރާނަ ނެތް ހަށިގަނޑުގައި އެތައް ފަހަރަކު އަޅުގަނޑަށް ބޮސްދެވުނެވެ. ބައްޕަގެ ދެ ފަޔާއި، ދެ އަތާއި މޫނު ފޮތިކޮޅަކުން އެއްސުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. އެކަން ކުރީ ވަހީދުބެއާއެކުއެވެ. ވަހީދުބެއަކީ ކުޑައްތަ (ސަޢުދިއްޔާ) ގެ ފިރިމީހާއެވެ. ބައްޕަ ހިނެވުމުގައި އަޅުގަނޑާއި ރިޟޫކޮއްކޮއާއި އަންކޮއަށް ބައިވެރި ވެވުނެވެ. މީގެކުރިން ދުވަހަކު ވެސް މީހެއްގެ ހިނެވުމުގައި ބައިވެރިވެފައި ނެތް ނަމަވެސް ބައްޕަގެ ހަށިގަނޑާ ވަކިވާކަށް އެއްވެސް ކުއްޖަކު ބޭނުމެއް ނުވިއެވެ. އާއިލާގެ ދެ މީހުންނަށް ބައިވެރިވެވޭ ގޮތަށް، އެކަން ހަމަޖެހިފައި އޮތް ނަމަވެސް އެ ފުރުޞަތު ތިން ކުދީންނަށް ވެސް ﷲގެ އިރާދަފުޅުން ލިބުނެވެ. ބައްޕަގެ ހިނެއުމުގައި ބައްޕަގެ ކުދީން ބައިވެރިވުމަކީ ބައްޕަގެ އެދުމެކެވެ.
މަހާނަ