
މި މޭހުގެ 27 ވަނަ ދުވަހު ތުޅާދޫ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ލިޔެލާޖެހުމާއި ލާފެންކުރުމުގެ ބައިން ޒަމާނުއްސުރެ ތުޅާދޫ ހޯދަމުން ދިޔަ ފަޚުރުވެރި އެއްވަނަ ތުޅާދޫއަށް ނުލިބުނު ސަބަބެއް އޮޅުންފިލައިތޯ ފާއިތުވެ ދިޔަ 4 ދުވަހު ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔަ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް އެދެވޭ ޖަވާބެއް އެކަމަށް ލިބިފައި ނުވާކަމަށެވެ.
"ލިޔެލާޖެހުމާއި ލާފެންކުރުމުގެ މަސައްކަތަކީ ތުޅާދޫއަށް ޚާއްޞަ ތުޅާދޫގެ ފަޚުރަކަށް ވީހިނދު ތުޅާދޫގެ ހުނަރުވެރި ފަންނުވެރީން ތައްޔާރުކޮށްފައިވާ ތަކެތި ވަނައަށް ނުގޮސް އެ މަސައްކަތުގެ ވައްޓަފާޅިއާއި އާޖުފާޖު ނުދަންނަ ބަޔަކު ހަދާފައިވާ އެއްޗަކަށް މި ގިންތިން 1ވަނަ ލިބުން އެއީ މުޅި ގައުމު ސިހިގެން ދިޔަ ޚަބަރެއް ކަމަށެވެ." ތުޅާދޫ ކައުންސިލުގެ 4 މެންބަރަކު ސޮއިކުރައްވާ ނެރުއްވާފައިވާ ބަޔާނުގައި ވެއެވެ.
ލިޔެލާ ޖެހުމުގެ މަސައްކަތްތައް ބަލައިލުމަށް ތުޅާދޫގެ ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވޭ
ކައުންސިލުގެ ބަޔާނުގައި ވަނީ މައުރަޒަށް އިންސާފުކުރުމަށް އެކުލަވާލެވުނު ފަނޑިޔާރުންގެ ކޮމެޓީއަށް ސިޔާސީ ނުފޫޒު ވަދެފައިވާކަމަށް ވެސް ތުހުމަތުކޮށްފައެވެ. އަދި މިފަދަ ގިންޖެހުން ބޮޑު މައުރަޒަކަށް އިންސާފުކުރެއްވުމަށް އެކުލަވާލައި ފަނޑިޔާރުންގެ ކޮމެޓީގައި ކަމުގެ ވައްޓަފާޅިއާއި އާޖުފާޖު ދަންނަ ހުނަރުވެރީން ހިމެނެން ޖެހޭނެ ކަމަށް ވެސް ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މަސައްކަތް ނުދަންނަ ކަމުގެ ވައްޓަފާޅި ނެތް ބަޔަކު ފަނޑިޔާރުންގެ ގޮތުގައި ހަމަޖެއްސެވި ހަމަޖެއްސެވުން އެއީ އިންސާފުން އެއްކިބާވެ ވަކި ބަޔަކަށް ވަނަދޭން ކޮށްފައިވާ ޣައިރު ޒިންމާދާރު ޢަމަލެއްކަން ފާހަގަކޮށް އެކަން ހަރުކަށި ޢިބާރާތުން އެ ބަޔާނުގައި ކުށްވެރިކޮށްފައި ވެސް ވެއެވެ. އަދި އެކަންކަން ހިނގައި ދިޔަ ގޮތް ހަމައާއި އިންސާފު ގާއިމުކޮށްދެއްވުން އެދި ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ވެސް ކޮށްފައިވެއެވެ.
މި ފަހަރުގެ މުބާރާތުން ލިޔެލާޖެހުމުގެ ބައިން ދަށު ގިންތިތަކުން 3ވަނަ ބ. ތުޅާދޫ އިބްރާހީމް ޞާލިޙްއަށް ލިބިފައިވާ އިރު ލިޔެލާ ޖެހިތަކެތިން 2ވަނަ ތުޅާދޫ ޢަބްދުލް މަތީން ޢަބްދުއްރަޙީމަށް ލިބިފައިވެއެވެ. މީގެ އިތުރުން އަތްތެރި މަސައްކަތުގެ ބައިން ތުޅާދޫ ކައުންސިލަށް 2ވަނަ ވެސް ލިބިފައިވެއެވެ. ފާއިތުވީ އަހަރުތަކުގައި ތުޅާދޫން ހޯދަމުން އައީ 1ވަނައެވެ.