
ސޯޝަލް ސެންޓަރުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި 250 އަށް ވުރެ ގިނަ އެވޯޑްތައް ދެވުނު އިރު އެ އުފެންދުންތަކުން ބ.އަތޮޅުގެ ނަން ދަމަހައްޓައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ތުޅާދޫއަށް ނިސްބަތްވާ ދަރިންނާއި ތުޅާދޫ ކައުންސިލުންނެވެ. ޖުމުލަ 15 ކެޓަގަރީއަކުން 81 ދާއިރާއަކުން ތަކެތި ހުށަހެޅި ފަރާތްތަކުގެ އުފެއްދުންތަކުގެ ތެރެއިން ތުޅާދޫ ތިން ބައިވެރިއަކުވަނީ ވަނަތަކުގައި ހިމެނިފައެވެ. އަދި ތުޅާދޫ ކައުންސިލުން ވެސް ވަނީ ގިނަ ވަނަތަކެއް ހޯދާފައެވެ.
މިގޮތުން ލިޔެލާ ޖެހިތަކެތީގެ ބައިން ދަށު ގިންތިތަކުން 3ވަނަ ހޯދީ ބ. ތުޅާދޫ އިބްރާހީމް ޞާލިޙްއެވެ. ލަކުޑީގެ އުފެއްދުންތަކުން 2ވަނަ ބ. ތުޅާދޫ މުޙައްމަދު އުޘްމާން ހޯދި އިރު ލިޔެލާ ޖެހިތަކެތިން 2ވަނަ ހޯދީ ތުޅާދޫ ޢަބްދުލް މަތީން ޢަބްދުއްރަޙީމްއެވެ.
މުޙައްަމަދު އުޘްމާން އިނާމާ ހަވާލުވަނީ
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައި ތުޅާދޫ ކައުންސިލުން ވެސް ވަނީ ގިނަ ވަނަތަކެއް ހޯދާފައެވެ. މިގޮތުން މައި ގިންތިތަކުން ދަތުރުފަތުރުގެ ބައިން 1ވަނަ ތުޅާދޫ ކައުންސިލަށް ލިބިފައިވާ އިރު ކަނޑުދަތުރުކުރާ އުޅަނދުގެ މޮޑެލަތަކުގެ ބައިން ދަށު ގިންތިތަކުން 2ވަނަ ތުޅާދޫ ކައުންސިލް ހޯދާފައިވެއެވެ. އަދި މައި ގިންތިތަކުން ދަތުރުފަތު ކުރުމުގެ ބައިން ދެވަނަ ހޯދީ ވެސް ތުޅާދޫ ކައުންސިލެވެ. މީގެ އިތުރުން މައި ގިންތިތަކުގެ ދަތުރުފަތުރު، އަތްތެރި މަސައްކަތް، އަދި ލަކުޑީގެ އުފެއްދުންތަކުން ރަށް ނުވަތަ ސިޓީތަކުގެ ބައިން 3ވަނަ ވެސް ތުޅާދޫ ކައުންސިލަށް ލިބިފައިވެއެވެ. މީގެ އިތުރުން މައި ގިންތިތަކުން ދަތުރު ފަތުރު އަދި އަތްތެރި މަސައްކަތުގެ ބައިން 2ވަނަ ވެސް ތުޅާދޫ ކައުންސިލަށް ލިބިފައިވާ އިރު ދާއިރާތަކުގެ ބައިން 3ވަނައާއި ދަތުރުފަތުރުގެ ދާއިރާއިން 2ވަނަ ވެސް ތުޅާދޫ ކައުންސިލުން ހޯދާފައިވެއެވެ.
ތުޅާދޫ ކައުސިލްގެ ނައިބު ރައީސް އިނާމާ ހަވާލުވެވަޑައިގަންނަވަނީ
ހުކުރު ދުވަހުގެ ރޭ 8:30 އިން ފެށިގެން މި މަހުގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މައުރަޒު ކުރިއަށް ގެންދަނީ ވާދަކުރުމުގެ ބަޔަކާއި ޑިސްޕްލޭއަށް އެކަނި ބަހައްޓާ ބަޔަކަށް ބަހާލައިގެންނެވެ. ވާދަކުރުމުގެ ކެޓަގަރީތަކުން 3،000 އަށް ވުރެ ގިނަ އުފެއްދުންތައް ހުށަހަޅާފައިވެއެވެ.
މި ފަހަރުގެ މަޢުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ ބ.ތުޅާދޫންނެވެ.