ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ކުޅިވަރު

ޓާގެޓް ވަން ޑޭ ކަޕްގެ ޗެންޕިއަންކަން އިޓް ހާރޓްސްއަށް

މާލޭގައި އުޅޭ ތުޅާދޫ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކޮށް ކުޅިވަރުގެ ރޫހު ދިރުވުމުގެ ގޮތުން ޓާގެޓް ކޮމިއުނިޓީގެ ފަރާތުން އިންތިޒާމު ކުރި "ޓާގެޓް ވަންޑޭ ކަޕް 2024" ގެ ޗެންޕިއަންކަން އިޓް ހާރޓްސް އިން ހޯދައިފިއެވެ. އެ ޓީމުން ޗެންޕިއަންކަން ހޯދީ މިއަދު ކުޅުނު މުބާރާތުގެ ހުރިހާ މެޗަކުން މޮޅުވެ ފައިނަލްގައި ލެރޯޝްއާ ބައްދަލުކޮށް 4-0 ން މޮޅުވެގެންނެވެ.

ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު އިޓް ހާރޓްސްއަށް ލަނޑެއް ޖަހައި ކުރިހޯދައި ދިނީ އެ ޓީމުގެ އަރީފެވެ. ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް އިރުފާދު ވަނީ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައެވެ.  އޭގެ ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އިޓް ހާރޓްސް އިން އެރުވި އިއުފާފު މުޙައްމަދު (ކުޑޭ) ވަނީ 2 ލަނޑު ޖަހައި ޓީމަށް ޗެންޕިއަންކަން ޔަގީންކޮށްދީފައެވެ.

your imageމިއަދުގެ މެޗުގައި ޓީމު ތާރޓީ ޕްލަސް ފިފްޓީގެ ކުޅުންތެރިއަކު ބޯޅަ ގޯލަށް ފޮނުވާލަނީ

އަޙުމަދިއްޔާ ސްކޫލާ އިންވެގެން އޮންނަ ފުޓްސެލް ދަނޑުގައި މިއަދު ހެދުނު 6:45ގައި ފެށުނު މުބާރާތުގައި ޖުމުލަ 10 ޓީމު ބައިވެރިވެފައިވާ އިރު މުބާރާތް ކުރިއަށް ގެންދިޔައީ ދެ ގުރޫޕަކަށް ބަހާލައިގެން އެންމެ ގިނަ ޕޮއިންޓް ހޯދައި ދެ ޓީމު ސެމީއަށް ދާ އުސޫލުންނެވެ.

މުބާރާތުގައި އެންމެ ފުރަތަމަ ކުޅެވުނު ޓީމު އަހަރެންނާއި ލެރޯޝް ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. 2ވަނައަށް ކުޅެވުނު ޓީމު ނޯ ގެރެންޓީއާއި ޓީމް ތާރޓީ ޕްލަސް ފިފްޓީ ބައްދަލުކުރި މެޗު 4-1 ން މޮޅުވީ ޓީމު ނޯ ގެރެންޓީއެވެ. 3ވަނަ މެޗުގައި ހޮޓް ޑެޑީ އާއި އިޓް ހާރޓްސް ބައްދަލުކޮށް 2-0 ން މެޗު ކާމިޔާބު ކުރީ އިޓް ހާރޓްސްއެވެ. 4ވަނަ މެޗުގައި ޒެނިތް ފުޓްބޯޅަ ޓީމާއި ޓީމް ފުނޑާލައިފި ބައްދަލުކޮށް މެޗު ކާމިޔާބު ކުރީ 3-0ން ޓީމު ފުނޑާލައިފިއެވެ. 5ވަނަ މެޗުގައި ޓީމު ވެލިދަނޑާއި ޓީމް އަހަރެން ބައްދަލުކޮށް 2-0 ން މެޗު ކާމިޔާބު ކުރީ ޓީމު އަހަރެންނެވެ. 6ވަނައަށް ކުޅެވުނު މެޗުގައި ހާރޓްސް ސިޓީއާއި ޓީމް ނޯ ގެރެންޓީ ބައްދަލުކޮށް މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. 7ވަނައަށް ކުޅެވުނު ލެރޯޝްއާއި ހޮޓް ޑެޑީ ބައްދަލުކުރި މެޗު 6-1 ން މެޗު ކާމިޔާބު ކުރީ ޓީމު ލެރޯޝްއެވެ. 8ވަނައަށް ކުޅެވުނު ތާރޓީ ޕްލަސް ފިފްޓީ އާއި ޒެނިތް ފުޓްބޯޅަ ޓީމް ބައްދަލުކުރި މެޗު ނިމުނީ 1-0ން ޒެނިތް ފުޓްބޯޅަ ޓީމު ކާމިޔާބުކޮށްގެންނެވެ. 9ވަނައަށް ބައްދަލުކުރި މެޗުގައި އިޓްސް ހާރޓްސް އާއި ޓީމް ވެލިދަނޑު ބައްދަލުކޮށް 1-0ން މެޗު ކާމިޔާބުކުރީ އިޓް ހާރޓްސްއެވެ. 10ވަނައަށް ކުޅެވުނު މެޗުގައި ޓީމު ފުނޑާލައިފިއާއި ހާރޓްސް ސިޓީ ބައްދަލުކޮށް މެޗު ކާމިޔާބުކުރީ 1-0 ން ހާރޓްސް ސިޓީއެވެ.

ދެ ގުރޫޕްގެ މެޗުޗުތައް ނިމުނު އިރު ގުރޫޕް އޭއިން 6 ޕޮއިންޓް ހޯދައިގެން އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރީ އިޓް ހާރޓްސް ޓީމެވެ. ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި 4 ޕޮއިންޓް ހޯދައިގެން ގޯލުގެ ތަފާތުން ސެމީ ފައިނަލަށް ދަތުރުކުރީ ލެރޯޝްއެވެ. ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި 4 ޕޮއިންޓް ހޯދައި ގޯލުގެ ތަފާތުން ސެމީ ފައިނަލް ދަތުރުކުރީ ނޯ ގެރެންޓީއެވެ. ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި 4 ޕޮއިންޓް ހޯދައިގެން ސެމީ ފައިނަލް ދަތުރުކުރީ ހާރޓްސް ސިޓީއެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ލެރޯޝްއާއި ނޯ ގެރެންޓީ ބައްދަލުކުރި މެޗު އެއްވަރުވެ ޕެނަލްޓީ ޖަހައިގެން އެ މެޗުން 2-1ން މޮޅުވެ ފައިނަލަށް ދަތުރުކުރީ ލެރޯޝްއެވެ. ސެމީފައިނަލްގެ ދެވަނަ މެޗުގައި އިޓް ހާރޓްސްއާއި ހާރޓްސް ސިޓީ ބައްދަލުކުރި މެޗު، ޕެނަލްޓީ ޖަހައިގެން 3-2ން ފައިނަލަށް ދަތުރުކުރީ އިޓް ހާރޓްސްއެވެ.

30 ލަނޑު ފެނިގެން ދިޔަ މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހީ އިޓް ހާރޓްސްގެ އަޙުމަދު އިރުފާދެވެ. 

your imageމުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި އަހުމަދު އިފާދަށް އިނާމުދެނީ

މިއަދުގެ މުބާރާތް ކުރިއަށް ދިޔަ އިރު މާލޭގައި ތިބި ތުޅާދޫގެ ވަރަށް ގިނަ ބަޔަކު ދަނޑަށް ހާޒިރުވިއެވެ. އަދި ބައެއް ސަޕޯޓަރުންނާއި ތުއްތުކުދީން ވެސް ދަނޑަށް ހާޒިރުވިއެވެ. މި މުބާރާތުގެ އިންތިޒާމުތަކާ މެދު ޖުމުލަ ގޮތެއްގައި ހިތްހަމަ ޖެހޭކަން މުބާރާތުގައި ބައިވެރިވި ހުރިހާ ޓީމަކުން ވެސް ފާހަގަކުރިއެވެ. 

your imageބައެއް ސަޕޯޓަރުން ކުޅުންތެރިންނަށް ހިތްވަރުދެނީ

މުބާރާތުގައި ފެނުނު އެންމެ ތަފާތު އެއް މަންޒަރަކަށްވީ ލެރޯޝްއާއި ހޮޓް ޑެޑީ ބައްދަލުކުރި މެޗުގައި ހޮޓް ޑެޑީސްގެ ކުޅުންތެރިޔާ މުޙައްމަދު މަތީނު މެޗު ނިމެމުން ދަނިކޮށް ބަދަލުކުޅުންތެރިއެއްގެ ގޮތުގައި އަރަނިކޮށް ރެފްރީ މެޗު ނިންމާލުމަށް ފަހު އަލުން އިތުރު އެއް މިނެޓް ދީ މެޗު ކުރިއަށް ގެންދިއުމެވެ. އެ މިނެޓްގެ ތެރޭގައި މަތީނަށް ވަނީ ރީނދޫކާޑެއް ދައްކާފައެވެ. 

your imageހޮޓް ޑެޑީގެ މުޙައްމަދު މަތީނަށް ރެފްރީ ރީނދޫ ކާޑު ދައްކަނީ.

މުބާރާތުގައި އެއްވެސް ރަތްކާޑެއް ފެނިފައި ނުވާއިރު ހުރިހާ ޓީމަކުން ވެސް އެކުވެރި ރޫހެއްގައި ކުޅިވަރުގެ ރޫހާ އެއްގޮތަށް ވަރަށް ފޯރީގައި ކުޅުނުކަން ފާހަގަވިއެވެ. ކިރު ޖޫހާއި ކުދިބިސްކޯދުގެ އިތުރުން ދޮންކޭލާއި ކުކުޅުބިހާއި އެކި ބާވަތުގެ ދަޅާއި ފުޅިތަކުގެ ބުއިންތަކާއި ކޮފީއާއި ސައިތަކުން އުފާހޯދަމުން ކުރިއަށް ގެންދެވުނު މުބާރާތަކީ ބޭނުންވި ޓާގެޓް ހާސިލުވި މުބާރާތެއްކަމަށް މުބާރާތުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އިސްކޮށް އުޅުނު އަބްސީ ހާމަކުރިއެވެ.

your imageމުބާރާތުގައި ކުޅުނު ޓީމުތަކުގެ ކުޅުންތެރީން ފޮޓޯއަކަށް ހުއްޓިގެން




ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
އަދަބީ މުބާރާތްތަކުން ތުޅާދޫއަށް ބޮޑު ކާމިޔާބެއް
1 month ago 0 Comments
ޓާގެޓް ވަން ޑޭ ކަޕްގެ ޗެންޕިއަންކަން އިޓް ހާރޓްސްއަށް
2 months ago 0 Comments
ތުޅާދޫ އިހުގެ ހުކުރު މިސްކިތް ތަޅާލައި އާ މިސްކިތެއްގެ ބިންގާއެޅުން
2 months ago 0 Comments
ގައުމީ ހޭންޑްބޯލް މުބާރާތުގެ ޗެންޕިއަންކަން ތުޅާދޫ ޔަންގް އީގަލްއަށް
2 months ago 0 Comments