ތުޅާދޫ ހުކުރު މިސްކިތް (މިހާރުގެ މަސްޖިދުއް ރަޙުމާން ހުންނަ ސަރަހައްދުގައި ކުރިން ހުރި މިސްކިތް) ކުޑަކަމުންނާއި، މީހުންނަށް ހުކުރުގެ ޖަމާޢަތަށް އެރުން ދަތިކަމުންނާއި، ވިއްސާރަ މޫސުމުގައި ވާރޭވެހޭތީއާއި ޤިބުލައަށް ތެދުކުރެވިފައި ހުރި މިސްކިތަކަށް އެ މިސްކިތް ނުވާތީއާއި އެ ބިމުގައި އެ މިސްކިތުގެ ބަދަލުގައި އެހެން މިސްކިތެއް ބިނާކުރުމުގެ ޚިޔާލު ރައްޔިތުންނާއި ވެރީން ކުރައްވަމުން ގެންދަވާތާ އެތައް ދުވަހެއް މާޒީވެފައިވެއެވެ.
މިހާރުގެ ރައްޔިތުންގެ ސަރުކާރު ޢައްޔަންކުރެވުނު ފަހުން ވެސް ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢަށް މި މިސްކިތް ވަނީ ވަރަށް ފަހުންނެވެ. މިސްކިތް ތަޅާލެވިފައިވަނީ ސަރުކާރުން މިސްކިތް އަޅުއްވައިދެއްވަން ހަމަޖެހިފައިވުމުން، 1403ވަނަ އަހަރުގެ ޖުމާދުއްޘާނީ (ޖުމާދުލްއާޚިރު) މަހުގެ 22 ވަނަ ދުވަހުއެވެ. އެއީ މީލާދީ ގޮތުން 1983ވަނަ އަހަރުގެ އޭޕްރީލް މަހުގެ 6 ވީ ބުދަ ދުވަހުއެވެ. މިސްކިތް ތަޅާލުމުގެ މަސައްކަތްކުރީ އެ ދުވަހު ރައްޔިތުން ބަންދުވެ ތިބެގެންނެވެ. ހަމަ އެ ދުވަހު ރަށުގެ ހުޅަނގުކޮޅުގައި ހުންނަ ކުޑަ މިސްކިތުގައި ނަމާދުކުރުމާއި، ހުކުރުކުރުމަށް ބޭނުންކުރެވޭ ގޮތަށް އެ މިސްކިތުގެ 2 ފަރާތު ޙަރިންމަ ހިޔާކޮށް ވެސް ނިންމުނެވެ. މި ދުވަހު ޔޫސުފް އަބޫބަކުރާއި ދާވޫދު ޢަލީ ވަނީ މަސައްކަތް ކުރި ފަރާތްތަކަށް ޖޫސްދެއްވައިފައެވެ.
މިސްކިތް ރޭނުމުގެ މަސައްކަތް ފަށައި އެ ކަމަށް ބޭނުންވާ ވެލި ހޯދުމަށް ރައްޔިތުން ވެއްޔަށް ގޮސްފައިވަނީ 1983 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 8 ވީ ހުކުރު ދުވަހުއެވެ. ވެއްޔަށް ގޮސްފައިވަނީ 10 މަސްދޯނީގައި، ދޯންޏަކުން ދެ ފަހަރުއެވެ. މިއީ ރައްޔިތުން ބަންދުކޮށް މަސައްކަތް ކުރެވުނު ދެވަނަ ދުވަހެވެ. މި ދުވަހު މަސައްކަތުގައި އުޅުނު ފަރާތްތަކަށް އިރުމަތީ އަވަށު އަންހެންވެރީން ޖޫހާއި ދުފުމާއި ބިޑި ވެސް ދިނެވެ.
މިސްކިތް ތަޅާލިތަނުން ގަލާއި ވެލި ނެގުމުގެ މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން ހޮނިހިރު ދުވަހު މަދަރުސާ ފިރިހެން ކުދިން ގައު ނެގުމުގެ މަސައްކަތް ކުރި އިރު، ރައްޔިތު އަންހެންވެރީން ވެލި ނެގުމުގެ މަސައްކަތް ކޮށްފައިވެއެވެ. އަދި 10 އޭޕްރީލް 1983 ވީ އާދިއްތަ ދުވަހު މަދަރުސާގެ ދެ ޖިންސުގެ ދަރިވަރުން ވަރަށް ފޯރިއާއެކު މި މަސައްކަތް ކޮށްފައިވެއެވެ. އެ ދުވަހު ރަށުގެ އަންހެންވެރީން މަސައްކަތްކުރީ 3 ކަތީބުންނާއި އަޅުގަނޑާއި ޢުމަރު ޢަލީގެ ބެއްލެވުމުގެ ދަށުންނެވެ. އާދިއްތަ ދުވަހު މަދަރުސާގެ ދެ ޖިންސުގެ ދަރިވަރުން މަސައްކަތް ކުރީ ހުރިހާ ވެރިންނާއެކު ސްކޫލުގެ މުދައްރިސް ޙުސައިން ރަޝީދާއި ޔޫސުފް ޢުމަރާއި ޢަލީ ޙުސައިން ޕިޔޯނުގެ އެހީތެރިކަމާއެކުއެވެ. މިއީ މިސްކިތް ދޮށުގައި މަސައްކަތް ކުރެވުނު 5ވަނަ ދުވަހެވެ. އޭޕްރިލް 9ވަނަ ދުވަހު އަތޮޅުވެރިޔާގެ އެހީތެރިޔާ ވަޑައިގެން މިސްކިތުގެ ބޮޑުމިން ފާހަގަކޮށް ރޯނުދަމައި ޤިބުލަ ހޯދާފައިވެއެވެ.
އޭޕްރިލް މަހުގެ 11ވަނަ ދުވަހު ވެލިނެގުމުގެ މަސައްކަތްކުރީ އަންހެންވެރިންނެވެ. ކަތީބު ޔޫސުފް މޫސާއާއި ޢުމަރު ޢަލީއާއި ޙުސައިން ޢަފީފާއި އަޅުގަނޑު ވެސް މަސައްކަތުގައި އުޅުނީމެވެ.
ޖެހިގެން އައި ދުވަހު ގަލާއި ވެލި ނެގުމުގެ މަސައްކަތް ކޮށްފައިވަނީ މަދަރުސާގެ ދަރިވަރުންނެވެ. އެ މަސައްކަތުގައި ކަތީބު ޔޫސުފް މޫސާއާއި ޙުސައިން ޢަފީފާއި ޢުމަރު ޢަލީއާއި އަޅުގަނޑު ވެސް ބައިވެރިވީމެވެ. 13ވަނަ ދުވަހު އަންހެންވެރީން މަސައްކަތް ކުރިއަށް ގެންދިޔަ އިރު 14 ވަނަ ދުވަހު އަނެއްކާ ވެސް މަދަރުސާގެ ދަރިވަރުން މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި ދުވަހު ވަނީ އޮލަނބުޖަހާ މުޑި ވެސް ގެންނަވާފައެވެ. މިގޮތަށް މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ 17 ވަނަ ދުވަހާ ހަމައަށެވެ.
އާ ހުކުރު މިސްކިތުގެ ބިންގާ އެޅުމަށް ތަން އިންތިޒާމް ކުރުމުގެ މަސައްކަތް އޮތީ 27 ވަނަ ދުވަހުއެވެ. އެ ދުވަހު އެންމެ އަވަދިނެތި މަސައްކަތް ކޮށްފައިވަނީ މަދަރުސާގެ ދަރިވަރުންނެވެ. އެ ދަރިވަރުންވަނީ ބިން ސާފުކޮށް، ނުނަގައި އޮތް ތަޅުންގަނޑާއި ގާތައް ނަގައި، ކުނިކަހައި މުޅިތަން ސާފުކޮށްފައެވެ. އަދި ކަމުގެ މުނާސަބަތުގައި ބޭއްވޭ އިޙްތިފާލުގެ ޓެންޓަށް ދޮންވެލިލައި މިސްކިތުގެ ގޯތިތެރެއަށް ފެންޖަހައި، ހަދާފައިވާ ޓެންޓު ޒީނަންތެރި ކޮށްފައެވެ. ބިންގާ އެޅުމަށް ޓަކައި ރޯނު ދެމުމުގެ މަސައްކަތުގައި ކަތީބު ޔޫސުފް މޫސާއާއި ޙުސައިން ޢަފީފާއި ޢުމަރު އަލީއާއި އަޅުގަނޑު އުޅުނީމެވެ. އަދި ޒަކަރިއްޔާ ޢަލީގެ އެހީތެރިކަން ވަރަށް ރަނގަޅަށް ލިބިފައިވެއެވެ.
އޭޕްރީލު 28 ވީ ބުރާސްފަތި ދުވަހު އޮތް ރަސްމިއްޔާތަށް ތައްޔާރު ވުމަށް ޓަކައި އެ ދުވަހު ފަތިހު 5:30ގައި މަދަރުސާ ކުދިންނާއެކު އަޅުގަނޑު ޙަރަކާތްތެރި ވީމެވެ. އަދި ކަތީބު ޙުސައިން ޢަފީފު އުޅުއްވިއެވެ. އަދި ބިންގާ އެޅުމަށް ޓަކައި އެ ކަމަށް ބޭނުންވާ އުވަ ތައްޔާރުކުރީ މަދަރުސާ ކުދިންނެވެ. ބިންގަލަށް އަޅާ ބޮޑުގާ އަދި ރާނަން ބޭނުންކުރާ ގާ، ޤާޟީ ޢުޘްމާން ޢަލީ ވަޑައިގެން ތައްޔާރު ކުރެއްވިއެވެ. އަދި މި ކަމުގައި ޔޫސުފް އަބޫބަކުރާއި ޒަކަރިއްޔާ ޢަލީ ވެސް ބައިވެރިވެލެއްވިއެވެ. ރަސްމިއްޔާތުގެ ޓެންޓު ޒީނަތްތެރި ކުރުމުގެ މަސައްކަތް ހިނގަމުން ދިޔައީ ބ.ފުޅަދޫ ކަތީބު އަލްފާޟިލް ދަރަވަންދޫ ކުޑަ ޙަސަންގެ އެހީތެރި ޚިދުމަތާއެކުއެވެ.
އެދުވަހު 10 ޖަހަން ކައިރިވި އިރު، ހުކުރު މިސްކިތް ސަރަހައްދުގައި ތައްޔާރު ކުރެވިފައިވާ 16 ފޫޓް 18 ފޫޓްގެ ޓެންޓުވަނީ ދުވަހުގެ ރަސްމިއްޔާތަށް ޓަކައި އެކަށީގެންވާ ގޮތަށް ޒީނަތްތެރިކޮށް ނިމިފައެވެ. ތަނުގެ އެތެރެވަނީ ދޮންވެލިލައި އޮމާންކޮށް ހުރިހާ މުޑިއެއްގައި ފަނުން ޒީނަތްތެރި ކޮށްފައެވެ. ރިޔާސަތާއި މުޅިތަނުގައި ވަނީ ގޮނޑިޖަހައި ތަރުތީބު ކުރެވިފައެވެ. ރިޔާސަތުގެ މޭޒުގައި ހުދުކުލައިގެ ފޮތިގަނޑެއް އޮތެވެ. ރީތިކޮށް ލިޔެލާޖަހައި ކުރެހުން އަޅާފައިވާ 2 މާގަސް ބެހެއްޓިފައި ހުއްޓެވެ. ރަސްމިއްޔާތުގައި ޞަލަވާތްފުޅު ކިޔަވުމަށް ޓަކައި މުދިމަކަށް ހުރި އަޅުގަނޑުގެ މޭޒު ވަކިން ތައްޔާރުވެފައި ހުއްޓެވެ.
ގަޑިން 10 ޖެހިއިރު، ހުކުރު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ތައްޔާރު ކޮށްފައިވާ ޓެންޓަށް މިނިސްޓަރު އަލްއުސްތާޛް ޢަބްދުﷲ ޙަމީދާއި އަތޮޅުވެރިޔާއާއި މިނިސްޓްރީގެ މަތީ ދަރަޖައިގެ ބޭބޭފުޅުން ވަޑައިގެން ތިއްބެވިއެވެ. މި ޓެންޓަށް މިނިސްޓަރާއި އެންމެ ބޭފުޅުން ވަޑައިގެންނެވުމުން އެ ބޭފުޅުންނަށް މަރުޙަބާ ދެންނެވީ އަޅުގަނޑެވެ. އެއަށްފަހު އެންމެ ބޭފުޅުން އެތެރެއަށް ވެދެވަޑައިގެން އިށީންދެވަޑައިގެންފިއެވެ. އެންމެބޭފުޅުން އިށީންދެވަޑައިގަތުމާ އެކު، މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ޙާޟިރުވި ތުޅާދޫ ރައްޔިތުން ގޮނޑިތަކުގައި ހަމަޖެހުމަށްފަހު އަންހެނުންނާއި ފިރިހެނުން، އަދިވެސް އިތުރުކުރަން ބޭނުންފުޅު ވާކަމުގައި ވިދާޅުވުމުން ރަށުގެ އެކިހިސާބަށް އަންގާލައިގެން ވެސް އަންހެނުންނާއި ފިރިހެނުން ހިސާބަކަށް ޙާޟިރުވިއެވެ. ގާތްގަނޑަކަށް 100އެއްހާ މީހުން ބައިވެރިވިއެވެ. ރަސްމިއްޔާތުގައި ފުރަތަމަ އޮތީ މިނިސްޓަރުގެ ވާހަކަފުޅު ދެއްކެވުމެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ތުޅާދޫއަކީ ޚާއްޞަ ނަޒަރަކުން ބައްލަވާ ރަށެއްކަމާއި، އަދި ރަށުގައި އަޅަންޖެހޭ މިސްކިތް ސަރުކާރުން އަޅުއްވައިދެއްވަމުން ގެންދަވާ މަޝްރޫޢުން އިސްތިސްނާ ގޮތެއް ގެންނަން ޖެހޭކަމާއި، މިއަދު މި ބިންގާ އެޅެނީ ވަކި މިނެއްގެ މައްޗަށް އަދި ހަމަޖެހިފައިނުވާ ބިނާއެއްކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިސްކިތުގެ މިން ރައީސްއަށް ދަންނަވާ އަތޮޅުވެރިންގެ ޒަރީއާއިން އަންގަވާ ދެއްވާނެކަމަށާއި، މިސްކިތުގެ މިން ހަމަޖެހޭނެކަމަށް ޔަޤީން ކޮށްދެއްވީ ތުޅާދޫ ރައްޔިތުން އެދިލައްވާ ހިތްހަމަޖެހޭ މިނަށްކަމަށް ވިދާޅުވިއެވެ. އެކަމާމެދު އެއްވެސް ބޭކަލަކު އަދި ކަނބަލަކު ޝައްކު ނުކުރެއްވުމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ވެރިންނާއި ރައްޔިތުންނާ ދެމެދު ފުރިހަމަ އެއްބާރުލުމާއި އެކުވެރިކަން ބަދަހިވާންވާނެކަމަށް ވިދާޅުވިއެވެ. އަދި ހަމަ މި ކަހަލަ ބޮޑު މަސައްކަތެއް ކަމުގައިވާ ތުޅާދޫގައި ޒަމާނާ އެކަށޭނެ ރަނގަޅު ފެންވަރެއްގެ ދެބުރި ޢިމާރާތެއްގެ ސްކޫލެއް އަޅުއްވައިދެއްވާން ވާނީ ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ތުޅާދޫ ހުކުރު މިސްކިތާއި ތުޅާދޫ ސުކޫލުގެ ޢިމާރާތުގެ މަސައްކަތާ ބެހޭގޮތުން ވަރަށް ބޮޑަށް ބާރުއަޅުއްވައި ތަފްޞީލީ ގޮތަކަށް މިނިސްޓަރު ވާހަކަފުޅު ދެއްކެވިއެވެ. 15 ވަރަކަށް މިނިޓު ވަންދެން ވާހަކަފުޅު ދެއްކެވިއެވެ. އެއަށްފަހު ޞަލަވާތްފުޅު ކިޔެވުމަށް އަޅުގަނޑަށް ޢިޝާރާތްކުރުމުން ޞަލަވާތުގެ ހަމަހިމޭން ވަގުތުކޮޅު ހޭދަކުރުމަށް ފަހު 10:25 ގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުމުގެ ފުރަތަމަ ގާގަނޑު ބާއްވައިދެއްވީ މިނިސްޓަރު ޢަބްދުﷲ ޙަމީދެވެ. އެއަށްފަހު އަތޮޅުވެރިޔާއާއި ރަށުގެ ހުރިހާ ވެރިންނާއި ޤާޟީއާއި ރަށުގެ ބައެއް ކަމުވޮށިގެންވާ ބޭކަލުންކުރެ ބައެއް ބޭކަލުން ގާގަނޑެއް ބޭއްވެވިއެވެ. ރަސްމިއްޔާތު ނިމުނީ 10:45 ގައެވެ.
އާދޭހެވެ. ތުޅާދޫ ހުކުރު މިސްކިތުގެ ބިންގާ އެޅުނީ ހިޖުރީ ސަނަތުން 1404 ވަނަ އަހަރުގެ ރަޖަބު މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ މީލާދީ ސަނަތުން 1983 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވީ ބްރާސްފަތި ދުވަހުގެ 10:25ގައެވެ. މިސްކިތުގެ ބިންގާ އެޅުމުގައި ސިމެންތި އެޅުމުގައި ބޭނުންކުރީ ޢަޞުރުމާގެ، މުޙައްމަދު ޢުމަރުގެ ހަންޖެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތު ނިމުމަށް ފަހު، މިނިސްޓަރު ފުރާވަޑައިގަތުމުން އެކަމަށް ތައްޔާރުކޮށްފައިވާ ތަން ރޫޅާލައި އެ ތަކެތި އެ ސަރަޙައްދުން ބޭރުކޮށް ނިންމީ އަޅުގަނޑާއި މަދަރުސާގެ ދަރިވަރުންނާއި ޔޫސުފް އަބޫބަކުރެވެ. މި ކަމުގައި އެހެންވެރިއަކު އަދި ޢާއްމު އެހެން ފަރުދަކު ވެސް ބައިވެރިއެއް ނުވެއެވެ.