![](https://thulhaadhootimes.com/ads/banner_0101.jpg)
ހޮސްޕިޓަލަށް ވަދެ އެކުވެރިޔާގެ މަންމަ އޮތް ވޯޑަށް ވަން އިރު އެންމެ މަގަތުގައި ހުރި އެނދުގައި އޮތީ ނުހަނު އިހުތިރާމާއި ގަދަރު އެ މީހަކަށް ދެވުނު އަޅުގަނޑުމެން އެންމެންގެ ޚާތިމްބެއެވެ. ތުޅާދޫ، މީނާޒް، ޚާތިމް އަބޫބަކުރެވެ. އަބަދުވެސް ހިނިތުންވުމާއެކު އަޅުގަނޑަށް ފެނުނު މޫނު، އެ ރޭ ފެނުނީ މާޔޫސްކަމާއި މޮޅިވެރިކަމާއެކުއެވެ. ހަށިގަނޑަށް އައިސްފައިވާ ބަދަލު ފެނުމުން އަޅުގަނޑު ވެސް ދެރަވިއެވެ. އަޅުގަނޑު ފެނުމާއެކު އަޅުގަނޑަކީ ކާކުކަން ޚާތިމްބެއަށް އެނގެލެއްވިއެވެ. އޭރު ޚާތިމްބެގެ އަނބިކަނބަލުން ވެސް އެތާ އިންނެވިއެވެ. ޚާތިމްބެ މާ ގިނަ ވާހަކަތަކެއް ނުދެއްކެވި ނަމަވެސް ދޮންބެ ކޮބައިތޯ ސުވާލުކުރެއްވިއެވެ. އިރުކޮޅަކު ވާހަކަދައްކާލަން ހުރެފައި އެ ހިނދަށް އަޅުގަނޑު ވަކިވެލައި ވާހަކަ ބުނުމުން އެ ލޮލުން ކަރުނަ ފާއްދާލިއެވެ. އެ ހިނދު ޚާތިމްބެގެ މޫނުގައި ބޭއިޚުތިޔާރުގައި ފިރުމާ ވެސް ލެވުނެވެ. ތަގުދީރު ނިޔާކުރި ގޮތުން އެއީ ޚާތިމްބެއާ އަޅުގަނޑު ބައްދަލުވި އެންމެ ފަހު ދުވަހެވެ. އެންމެ ފަހު ފަހެރެވެ. އޭގެފަހުން ދެން ލިބުނީ ޚާތިމްބެ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ހިތާމަވެރި ޚަބަރެވެ. انا لله وانا اليه راجعون
ތުޅާދޫ ޚާތިމްބެއަކީ 1945 ވަނަ އަހަރު ތުޅާދޫއަށް އުފަންވެލެއްވި އަގުހުރި ޚިދުމަތްތެރިއެކެވެ. ތުޅާދޫ، ތުޅާދޫއަކަށްވި އިޖުތިމާޢީ ޚިދުމަތްތަކުން ފާހަގަކޮށްލެވުނު ހަރުދަނާ ޝަޚުޞިއްޔަތެކެވެ. ކޮންމެ ޢުމުރަކާ ވެސް ގުޅުން ބޭއްވެވި، ކޮންމެ މީހަކާ ވެސް ގާތްކަމާއި އޯގާތެރިކަން ބެހެއްޓެވި ނަމޫނާއެކެވެ. ތުޅާދޫގެ އިތުރުން ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުންގެ ވަރަށް ގާތް މިތުރެކެވެ. ވަރަށް ގިނަ ރަށްރަށަށް ދަތުރުކުރައްވައި ރަޙުމަތްތެރިކަމުގެ ގުޅުން ދެމެހެއްޓެވި ރަށްރަށުގެ ރަޙުމަތްތެރިއެކެވެ.
ޚާތިމްބެގެ އިޖުތިމާޢީ ޚިދުމަތް ފެށިގެން އަންނަނީ އާއިލާތެރޭގައި ކުރެވުނު މަސްވެރިކަމާއި އޮޑިދޯނިފަހަރު ދުއްވުމުގެ ތެރެއިންނެވެ. އޭގެ އިތުރުން ތުޅާދޫގައި އުފެދުނު އިޖުތިމާޢީ ރޫހުން އުފަންވި ކުލަބުތަކުގެ ތެރެއިންނެވެ. ޚާތިމްބެގެ ޒުވާން ޢުމުރުގައި ތުޅާދޫގައި އެންމެ ފުރަތަމަ އުފެދުނު އިޖުތިމާޢީ ކުލަބު، ތުޅާދޫ ކުޅިވަރު ކުލަބް (ތކކ) ގެ ހަރަކާތްތަކުގައި ޚާތިމްބެ ވެސް ބައިވެރިވެލެއްވިއެވެ. އާންމު މެންބަރެއްގެ ގޮތުން ހަރަކާތްތެރިވެލެއްވިއެވެ. އެކަން ޔަގީންކޮށްދެއްވައި ތުޅާދޫ، ހިމެރި، ޢަލީ އިބްރާހީމް ފާހަގަކުރެއްވީ އިޖުތިމާޢީ ކަންކަމަށް ޚާތިމްބެ ދެއްވި އިސްކަމާއި ސަމާލުކަމެވެ.
" އޭރު އޮތް ތުޅާދޫ ތކކ ކުލަބުގެ ހަރަކާތްތަކުގައި އަހަރެންނެކޭ އެއް ފަދައިން ޚާތިމު ވެސް ބައިވެރިވި. އެ ދުވަސްވަރަކީ ރަޖިސްޓްރީ ހަދައިންގެ މެންބަރުން ކަނޑައެޅިގެން ކުލަބު ހިންގި ދުވަސްވަރެއް ނޫން. ރަށުގެ ގިނަ މީހުން އެ މީހަކަށް ބައިވެރިވެވޭ ކަންކަމުގައި ބައިވެރިވުން އޮންނަނީ. ޚާތިމަކީ ވަރަށް ގިނަ ކަންކަމުގައި އަހަރެންނާއެކު ތކކގެ ހަރަކާތްތަކުގައި ބައިވެރިވި މީހެއް. ރަށުގެ އިޖުތިމާޢީ ކަންކަމުގައި ނަގާކީ މީހެއް. ވަރަށް އަގުހުރި ޚިދުމަތްތެރިއެއް." ތކކ ގެ ހަރަކާތްތަކުގައި އަމަލީ ގޮތުން އުޅުއްވި ޢަލީ އިބްރާހީމް (ކުންނާރު އައްޔަ) ފާހަގަކުރެއްވިއެވެ.
ޚާތިމްބެއަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާތާ 3 ވަނައަށް އެންމެ ގިނަ ދުވަސްވީ ޖަމިއްޔާ، ތުޅާދޫ ސިލްވަރ ޝައިން ކުލަބު އުފެއްދުމުގެ ހިއްސާދާރެކެވެ. އެ ޖަމިއްޔާ ހިންގުމާއި ދެމެހެއްޓުމުގައި ޚާތިމްބެގެ ޢާއިލާއިން ވެލައްވާފައިވަނީ ބޮޑު ގުރުބާނެކެވެ. ތުޅާދޫ ސިލްވަރޝައިން ކުލަބު އެއް މަސްޢޫލުވެރިޔާ ޒަކަރިއްޔާ ޢަލީ ވިދާޅުވީ ޚާތިމަކީ ކުލަބު އުފެއްދުމުގެ މަރުހަލާގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި އެއީ ކުލަބުގެ އެއް މުއައްސިސްކަމަށެވެ.
" އެއީ ތުޅާދޫ ސިލްވަރޝައިން ކުލަބުގެ އެއް މުއައްސިސް. ޚާތިމްގެ ޚިދުމަތްތަކުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ކުލަބް ރަޖިސްޓްރީކުރަން މާލެއަށް ކުރި ދަތުރު. އެ ދަތުރު ކުރީ ޚާތިމުމެން ގޯތި ބައްތެއްޔެއްގައި. ސީދާ ޚާތިމު ވެސް އެ ދަތުރުގައި އަޅުގަނޑުމެންނާއެކު ބައިވެރިވެލެއްވި. އެއީ ވަރަށް ވަރުގަދަ ދަތުރެއް. ޚާތިމްގެ އާއިލާއަކީ މަސްވެރިކަން ކުރި، އޮޑިފަހަރު ދުއްވި ހުނަރުވެރި އާއިލާއެއް. ކުލަބަށް ވަރަށް ގިނަ އެހީތެރިކަން އެކި ގޮތްގޮތަށް އެ އާއިލާއިން ފޯރުކޮށްދެއްވި. ޚާތިމަކީ ކުލަބު ފެށުނު ދުވަސްވަރުގެ އެއް ތަނބު" ރާއްޖޭގެ ކުލަބެއްގައި އެންމެ ގިނަ ދުވަހު މަސްޢޫލުވެރިކަން ކުރައްވަމުން ގެންދަވާ ޒަކަރިއްޔާ ވިދާޅުވިއެވެ.
ޚާތިމްބެއަކީ ކޮންމެ މީހަކާ ވެސް ގުޅިގެން މަސައްކަތްކުރައްވަން ބޭނުންވެލެއްވި އަދަބު އިހުތިރާމުގެ ރިވެތި ގޮތްތައް ދިރިއުޅުއްވުމުގައި ހިފެހެއްޓެހި ޚިދުމަތްތެރިއެކެވެ. ތުޅާދޫ ސްޕޯޓްސް ކުލަބުގެ ރައީސް ޙުސައިން ރަޝީދު ވިދާޅުވީ ޚާތިމްބެ ކިބައިން އެންމެ ފާހަގަކުރެވުނު އެއް ސިފައަކޫ ކޮންމެ މީހަކާ ވެސް ރީތި ބަހުން މުޢާމަލާތު ކުރެއްވުންކަމަށާއި ހިތްހަމަ ނުޖެހުމާއި ރުޅިވެރިކަމުގެ މައްޗަށް ކުރި ހޯއްދެވި ހޯއްދެވުން ކަމަށެވެ.
"ޚާތިމްބެއަކީ ރީތި ބަހުން މުޢާމަލާތްކުރުމުގައި ހަމަ ނަމޫނާއެއް. އެފަދަ އެހެން މީހަކު ތުޅާދޫއަކުން އަޅުގަނޑެއް ނުދެކެން. ކޮންމެ މީހަކާ ވެސް، ކުޑަޔަސް ބޮޑަސް މުއާމަލާތު ކުރައްވާނީ ރީތިކޮށް އަދަބުވެރިކަމާއެކު. އަބަދުވެސް އަނެކާއަށް އިހުތިރާމް ކުރައްވާނެ. ރުޅިވެރި ކަމެއް ނުބާއްވަވާނެ. އަނެއްކާ އެހައި ގާތްކޮށް ވާހަކަދައްކަވާނެ. ދަރަޖަތަކަށް ވެސް ފަރިތަވާނެ. ބައެއް ރަށްރަށުގެ މީހުން ވެސް ޚާތިމްބެގެ މި އަދަބުވެރި ގޮތުގެ ވާހަކަ ފާހަގަކުރޭ. އަޅުގަނޑު ކިޔަވައިދިން ބައެއް ދަރިވަރުންނަށް ވެސް އެކަން ފާހަގަކުރެވިފައި އެބަ ހުރި" ތުޅާދޫ ސްކޫލުގައި އެތައް އަހަރަކު ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޙުސައިން ރަޝީދު ވިދާޅުވިއެވެ.
ޚާތިމްބެއަކީ ރަހުމަތްތެރިކަން ދެމެހެއްޓުމާއި އެ ގުޅުން އާލާކުރުމުގައި ވެސް ނަމޫނާއެކެވެ. ރާއްޖޭގެ އެކި ކަންކޮޅުގައި ޚާތިމްބެގެ ރަޙުމަތްތެރީން އެބަ ތިއްބެވެ. ޚާތިމްބެ ނިޔާވި ޚަބަރު ލިބުމާއެކު އެ ހިތާމާގައި އެތައް ބަޔަކު ބައިވެރިވިއެވެ. ޚާތިމްބެ ދުނިޔެ ދޫކުރެއްވި ޚަބަރާއެކު މޭ މަހުގެ 21 ވަނަ ދުވަހު، މަޝްހޫރު ޓީވީ ޕްރެޒެންޓަރު އިބްރާހީމް ރަޝީދު (މަހުރަބް އިއްބެ) އޭނާގެ ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓުގައި ޚާތިމްބެ ސިފަ ކުރައްވާފައިވަނީ ދެގޮތެއް ނުވާ ރަޙުމަތްތެރިއެއްގެ ގޮތުގައެވެ. އިއްބެ ސިފަކުރެއްވީ އެއީ ތުޅާދޫން އިއްބެއާ ދިމާވި އެންމެ ފާހަގަކޮށްލެވުނު ރަޙުމަތްތެރިޔާގެ ގޮތުގައެވެ.
" ޚާތިމްބޭ އަބަދުވެސް މުޚާތަބް ކުރާނީ "ދަރިފުޅާއޭ" ކިޔާފައެވެ. އަޅުގަނޑާ ތުޅާދޫއާ އޮތީ ހިތާހިތުގެ ގުޅުމެކެވެ. ސްކޫލްދައުރުގައި ބެސްޓްފްރެންޑް ޙަސަންއާ އެކީގައި ތުޅާދޫއަށް ކުރެވުނު އުފާވެރި ދަތުރުތަކުން ބައްދަލުވި އެންމެ ފާހަގަކޮށްލެވުނު އެއް ރަޙްމަތްތެރިއަކީ ޙާތިމްބެއެވެ. ޙާތިމްބެއާ ބައްދަލުވީ 30ހަކަށް އަހަރު ކުރިންނެވެ. އެކަމަކު މާލެއިން މަދުމަދުން ދިމާވެއެވެ. ފެންނަ ކޮންމެ ފަހަރަކު ވެސް ވަރަށް ލޯތްބާއެކު ޙާލުއަހުވާލު އަހާނެއެވެ. ޙާތިމްބެއަކީ ހުނަރުވެރި ފަންނާނެކެވެ. ދެގޮތެއްނުވާ ރަޙުމަތްތެރިއެކެވެ."
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޚާތިމްބެ ދަތުރު ކުރައްވާފައިވާ އިރު އެ ދަތުރުތަކުގެ އެއް މަޤުޞަދަކީ އޮޑިދޯނި ފަހަރު ބަނުމަށް ބޭނުންވާ ލަކުޑި ހޯއްދެވުމެވެ. އޮޑިވެރިން އެ މީހުންގެ ދަތުރުތަކުގައި ޚާތިމްބެ ގެންދަވަނީ އެ ރަށްރަށުގެ މީހުންނާ ޚާތިމްބެ އޮންނަ ގުޅުމުގެ ސަބަބުންނާއި މުއާމަލާތުކުރެއްވުމުގައި ޚާތިމްބެއަށް ލިބިލައްވާފައިވާ ކުޅަދާނަ ހުނަރުގެ ސަބަބުންނެވެ. އެގޮތުން ޚާތިމްބެ އިޚުތިޔާރުކުރައްވައި ލަކުޑި ހޯއްދެމުގެ މަސައްކަތް ކުރެއްވި އެއް އޮޑިވެރިއަކީ ތުޅާދޫ، ކާނިމާގޭ ޢަބްދުއްރަޙުމާން ދާވޫދެވެ. ޢަބްދުއްރަޙުމާން ބުނުއްވީ ޚާތިމްބެ ގެންދެވުމުގެ ފައިދާ ކޮންމެ ރަށަކުން ވެސް ފެނުނު ކަމަށާއި ކޮންމެ ރަށެއްގައި ވެސް ޚާތިމްބެގެ ވަރަށް ގާތް ރަޙުމަތްތެރިން ތިބި ކަމަށެވެ.
" އުތުރުގައި ނޯންނާނެ ޚާތިމްބެ ނާރާ ރަށެއް. ދިހަވަރަކަށް ފަހަރު ނުދާ ރަށެއް ނޯންނާނޭ ބުނާހާ ވެސް ގިނައިން އެ ރަށްރަށަށް ޚާތިމްބެ ހުންނާނީ ދަތުރުކޮށްފައި. ދޯނި ބަންނަން ލަކުނޑި ކެނޑުމަށް ޚާތިމްބެ ގެންދަނީ ޚާތިމްބެއަކީ އެ ރަށްރަށުގެ މީހުންނާ ގުޅުން ބޮޑު މީހަކަށް ވާތީ. އެ ރަށްރަށުގެ މީހުންގެ ލޯތްބާއި އިހުތިރާމް ހޯއްދާފައިވާ މީހަކަށްވާތީ. ޚާތިމްބެ ގޮވައިގެން އަހަރެން ވެސް ދޯނި ބަންނަން ލަކުޑިކެނޑުމަށް ށ.ކަނޑިތީމަށް، ށ.ގޮއިދޫއަށް ނ.ފޮއްދުއަށް ދިޔައިން. އަދި އެހެން ރަށްރަށަށް ވެސް ދިޔައިން" ދޯނި ދުއްވުމުމުގެ މަސައްކަތްކުރައްވާ ޢަބްދުއްރަޙުމާން ބުނުއްވިއެވެ.
"ޚާތިމްބެގެ އުސޫލަކީ އުމުރު ހަގުވެއްޖެ ނަމަ އެއީ ކޮއްކޮ. ޢުމުރުން ދޮށީވެއްޖެ ނަމަ އެއީ ބޭބެ. އެންމެ ފަހަރު ބައްދަލުވިޔަސް އެ މީހަކު އެއީ ވަރަށް ގާތް މީހަކަށް ހަދާނެ. ވަރަށް ފަސޭހައިން ރަޙުމަތްރިކަން އުފައްދާނެ. އަދި އެ ގުޅުން ދަމަހައްޓާނެ. އެއީ އެކި ރަށްރަށުގެ މީހުން ވަރަށް އިހުތިރާމް ކުރި، ވަރަށް ގަދަރު ކުރި، ވަރަށް އަބުރުވެރި ދިރިއުޅުމެއް އުޅެފައި ވަކިވި ބޭބެއެއް"
ޚާތިމްބެ ދަތުރު ކުރެއްވި ކޮންމެ ރަށަކުން ވެސް ޚާތިމްބެ ފާހަގަކުރަނީ ރަޙުމަތްތެރިކަމުގެ ގުޅުން ދެމެހެއްޓެވި ނަމޫނާއެއްގެ ގޮތުގައެވެ. އެފަދަ އެއް ރަށަކީ ނ. އަތޮޅު މާފަރެވެ. މާފަރު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޢާމިރު ވިދާޅުވީ ޚާތިމްބެއަކީ ތުޅާދޫ މީހެއް ނަމަވެސް އެއީ މާފަރު މީހެއް ކަމަށެވެ. ރަށުގެ ކޮންމެ މީހަކަށް ވެސް ތުޅާދޫ ޚާތިމްއޭ ނުވަތަ ޚާތިމްބެއޭ ބުނުމުން އެނގޭނެ ކަމަށެވެ.
" އަނެއްހެން ބުނާ ނަމަ ޚާތިމްބެއަކީ ހަމަ މާފަރު މީހެއް. ތުޅާދޫގައި ރަޖިސްޓްރީ އޮތަސް އެއީ އަހަރެމެންގެ މީހެއް. އެއީ ބަސްމަގު ރީތި، މަޑުމައިތިރި، މީހުންނަށް އިޙުތިރާމް ކުރި މީހެއް. ކުޑަ އިރުއްސުރެ ވެސް މި ރަށަށް އަންނަ މީހެއް. މި ރަށާ ވަރަށް ގުޅުން ބޮޑު މީހެއް. ޚާތިމްބެއާ ވާހަކަ ނުދައްކާ މީހެއް މި ރަށަކު ނުހުންނާނެ. އެއީ ބަރާބަރަށް ނަމާދުކޮށް ވަރަށް ނަސޭހަތް ލައިދީ އުޅުނު ބޭބެއެއް. އެއީ ހަމަ ސަތޭކައިގެ މީހެއް" އާމިރު ވިދާޅުވިއެވެ.
ރ. އިނގުރައިދޫގައި ހުރި ޚާތިމްބެ އެއް ރަޙުމަތްތެރިޔާ ގާސިމްފުޅު ބުނުއްވީ ޚާތިމަކީ ގުޅުންތައް ދެމެހެއްޓި ރަޙުމަތްތެރިންގެ ތެރެއިން ވެސް ވަރަށް ރަނގަޅު، ރިވެތި އުސޫލުތަކެއް ހިފެހެއްޓެވި މީހެއް ކަމަށެވެ.
" ޚާތިމު އިނގުރައިދުއަށް ފުރަތަމަ އައިސް އުޅުނީ މައިންބަފައިންނާ އެކު. ޚާތިމުގެ މައިންބަފައިން އިނގުރައިދޫ މީހުންނާ ވަރަށް ގާތް ގުޅުމެއް އޮތް. އެ ގުޅުމުގެ ތެރެއިން 70ގެ އަހަރުތަކުން ފެށިގެން ވެސް ޚާތިމު އިނގުރައިދޫއަށް އައިސް ގޮސް އުޅުނު. އޭނާ ނުދަންނަ މީހަކު ރަށުގައި ނޫޅޭނޭ ބުނެވިދާނެ. އެހައި ވެސް ގާތް، ގިނަ ބަޔަކު ދަންނަ މީހެއް އެއީ. ޚާތިމަކީ ވަރަށް ހުނަރުވެރި ވަރަށް ފަންނުވެރި މީހެއް. ވަރަށް ތެދުވެރި އިޚުލާސްތެރިއެއް އެއީ" މޫސީގީ ކަންކަމުގައި އުތުރުގައި މަޝްހޫރު އިނގުރައިދޫ ގާސިމްފުޅު ބުނުއްވިއެވެ.
ހއ.ފިއްލަދޫ ކުރީގެ ބޮޑު ކަތީބު މުޙައްމަދު ޤާސިމް ވިދާޅުވީ ޚާތިމަކީ އެ ރަށަށް ވަރަށް ގިނައިން ޒިޔާރަތް ކުރެއްވި މީހެއް ކަމަށާއި މުޅި ރަށް ކަހަލަ ގޮތަކަށް އޭނާ ދަންނަ ކަމަށެވެ.
"ޚާތިމަކީ މި ރަށަށް ކުރިން ވަރަށް ގިނައިން އައިސް އުޅުނު ފަންނުވެރިއެއް. އަޅުގަނޑު ވެސް ގާތް އެކުވެރިއެއް. މި ގެއަށް ވެސް އައިސް އުޅުނު. ހަގީގަތަށް ބުނާ ނަމަ އެ ދުވަސްވަރު މި ރަށުގައި އުޅޭ އެންމެ ކަހަލަ ގޮތަކަށް ޚާތިމު ނުވަތަ ޚާތިމްބެ ދަންނާނެ. ވަރަށް ރައްޓެހިވާނެ. މި ރަށު މީހުންނާ ޚާއްޞަ ގުޅުމެއް އޭނާގެ އޮވޭ. އެ ރައްޓެހިކަމާއި ރަޙުމަތްތެރިކަން އެންމެ ފަހު ވަގުތާ ހަމައަށް ވެސް ދެމެހެއްޓެވި މީހެއް އެއީ" ފިއްލަދޫ ކުޑަކަތީބުކަން ވެސް އެތައް އަހަރަކު ކުރެއްވި ގާސިމް ވެސް ފާހަގަ ކުރެއްވީ ޚާތިމްބެގެ ރަޙުމަތްތެރި ގުޅުމެވެ.
ރ.އިންނަމާދޫ ކުރީގެ ކަތީބު އަޙުމަދު ނިޒާރު ވިދާޅުވީ ޚާތިމުގެ ހަޔާތުން އޭނާގެ އިޖުތިމާޢީ ޚިދުމަތަށް އޮތް ލޯތްބާއި ރަޙުމަތްތެރި ގުޅުންތައް ދެމެހެއްޓެވި ގޮތް ފާހަގަކުރެވޭ ކަމަށެވެ.
" ޚާތިމަކީ ވަރަށް ތަފާތު މީހެއް. ޚާތިމްގެ ބައްޕައާއި މި ރަށުގެ ބައެއް އާއިލާތަކާ ވަރަށް ގާތް ގުޅުމެއް އޮތް. އެ ގުޅުން ޚާތިމު ވެސް ދެމެހެއްޓެވި. އެ ގުޅުން އިތުރަށް ވަރުގަދަކުރެއްވި. ފާހަގަކުރެވުނު އެއް ކަމަކީ އޭނާގެ އިޖުތިމާޢީ ޚިދުމަތް. އެ ކަމަށް ހުންނަ ޝައުގުވެރިކަން. ޚާތިމަކީ މި ރަށަށް ވަރަށް ގިނަ ފަހަރު ޒިޔާރަތް ކުރެއްވި މީހެއް. ދެ މަހުން އެއް މަހު ކަހަލަ ގޮތަކަށް ބައެއް ދުވަސްވަރު ޒިޔާރަތްކުރައްވާފައި ހުންނާނެ. އެގޮތުން މި ރަށުގައި ހުންނެވި ދުވަސްވަރު ރައްޔިތުން ކުރި ބައެއް މަސައްކަތްތަކުގައްޔާއި އެކި ކަންކަމުގައި ވެސް ބައިވެރިވި އުޅުއްވި. އެއީ ފާހަގަކޮށްލެވޭ ކަމެއް. އެއީ މި ރަށު މީހުން ވަރަށް ބަލައިގަންނަ ޝަޚުސިއްޔަތެއް. މީހުންނާ ވަރަށް ގުޅޭ އެކުވެރިކަން ވަރަށް ބޮޑަށް ދެމެހެއްޓެވި ވަރަށް ގިނަ ބައެއްގެ މިތުރެއް" ނިޒާރުގެ ވިދާޅުވިއެވެ.
ޚާތިމްބެ އަޅުގަނޑުމެންނާ ވަކިވެއްޖެއެވެ. އެ ރީތި ނަމޫނާއިން އެތައް ފިލާވަޅެއް ދޫކުރައްވާފައެވެ. އެންމެ ރީތީ ރަޙްމަތްތެރިކަމުގެ ގުޅުން ދެމެހެއްޓެވުމަށް އެ ވެލެއްވި ނަމޫނާ ގުރުބާނީއެވެ. އެކި ރަށްރަށުގެ މީހުންނާ އޮތް ގާތްކަން ދެމެހެއްޓެވި ގޮތެވެ. އެ ގުޅުންތައް ދެމެހެއްޓުވުމަށް ކުރެއްވި ދަތުރުތަކާއި ގެންގުޅުއްވި އަދަބުވެރި ރިވެތި ގޮތްތަކެވެ. ކައިރި ރަށްރަށުންނާއި ދުރު ރަށްރަށުގެ މީހުންގެ ލޯބި ހޯއްދެވި މުއާމަލާތްތަކެވެ. މިއީ ޚާތިމްބެގެ ހަޔާތުން މާދަމާގެ ޖީލަށް ލިޔެ ރައްކާކުރަންޖެހޭ ރަނުގެ ޞަފުޙާއެކެވެ. މި ލިޔެވުނީ ޚާތިމްބެގެ ފާހަގަކުރަންޖެހޭ، ނަމަވެސް ނުކުރެވި އޮތް އެއް ބާބެވެ. އަނެއް ބާބުގެ ވާހަކަތައް ދޫކޮށްލީ ގަސްތުގައެވެ. ޚާތިމްބެއަށް ހެޔޮ ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން.