ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
މީހުން

ޢަބްދުއްރަޙީމް ކަތީބު: ހިސާބު އެދުރެއް، ތަފާތު ޝަޚުޞިޔަތެއް

"އެއީ ތުޅާދޫގެ ތަޢުލީމާއި ރަށްވެހިކަމުގައި ވަރަށް އަގުހުރި ޚިދުމަތްތެރިއެއް. ސްކޫލްގެ ނާޒިރުކަން ކުރެއްވި. ރަށުގެ ވެރިކަން ކުރެއްވި. ސްކޫލްގައި ކިޔަވައިދެއްވުމުގެ އިތުރުން ކުދިންގެ ތަރުބިއްޔަތާއި ރަށުގެ އިޖުތިމާޢީ ތަރައްގީގައި ވަރަށް މުހިންމު ރޯލެއް އަދާކުރެއްވި. އެންމެންގެ އިޙުތިރާމާއި ގަދަރު ހޯއްދެވި. ވަކިވެގެން އެ ދިޔައީ ލާމަސީލު ޚިދުމަތްތެރިއެއް" މިއީ ތުޅާދޫ ހިތިލާގޭ ޢަބްދުއްރަޙީމް ޔޫސުފް އަވަހަރާވުމުގެ ހިތާމާގައި ބައިވެރިވެވަޑައިގެން، އޭނާގެ ދަރިވަރު ޑރ. އަމީން އިބްރާހީމް ފޭސްބުކް މެދުވެރިކުރައްވައި އާންމު ކުރެއްވި ޕޯސްޓުގައި ފާޅުކުރެއްވި ޝުޢޫރެކެވެ.

1951 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ޢަބްދުއްރަޙީމް ޔޫސުފަކީ ބ. ތުޅާދޫ ހިތިލާގޭ ޔޫސުފް ޢަލީ (ޔޫސުފް ކަތީބު) އާއި ހަމީދާ މުޙައްމަދަށް ލިބިވަޑައިގެން 3 ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅެވެ. ކަތީބު ޢަބްދުއްރަޙީމްގެ ތަޢުލީމީ ބިންގާ އެޅުއްވީ ތުޅާދޫ މަދަރުސާގައެވެ. އަމިއްލަ ރަށުގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު ޢުމުރުފުޅުން 11 އަހަރުގައި، އިތުރަށް ތަޢުލީމު ހާސިލުކުރެއްވުމަށް ޢަބްދުއްރަޙީމް ބަދަލުވެވަޑައިގަތީ އަތޮޅުގެ ވެރިރަށް، އޭދަފުށްޓަށެވެ. އޭރު އޭދަފުށީގެ ބަހިއްޔާ ސްކޫލަކީ ނަމޫނާ ސުކޫލެކެވެ. ހެޑްމާސްޓަރެއްގެ ގޮތުގައި ހުންނެވީ ތާރީޚް ޢިލްމުވެރިޔާ މުޙައްމަދު އިބްރާހީމް ލުޠުފީއެވެ. ލުޠުފީ ޙަވާލުވެވަޑައިގަތުމާއެކު އަތޮޅުގެ އެކި ރަށްރަށުން އޭދަފުށްޓަށް ކުދިން ގެންދެވިއެވެ. ޢަބްދުއްރަޙީމަކީ އެ ލިސްޓުން ޖަގަހޯއްދެވި މަދު ކުދިންގެ ތެރެއިން ދަރިވަރެކެވެ.

އޭދަފުށީގައި ތަޢުލީމު ޙާޞިލުކުރައްވަން ފެށްޓެވި އިރު ޢަބްދުއްރަހީމާ އެންމެ ގާތްކޮށް އުޅުއްވި އެއް ބޭފުޅަކީ މަޝްހޫރު ވާހަކަލިޔުންތެރިޔާ އިބްރާހީމް ޙުސައިން މަނިކެވެ.

"އޭދަފުށީ ބަހިއްޔާ ސްކޫލުގައި އަޅުގަނޑާއި އަބްދުއްރަޙީމް އުޅުނީ އެކުގައި. 1962 ވަނަ އަހަރު ފަހުކޮޅު އަޅުގަނޑު މާލޭގައި ހުއްޓާ މުޙައްމަދު އިބްރާހީމް ލުޠުފީގެ އެހީތެރިކަމާއެކު އަޅުގަނޑު އޭދަފުށްޓަށް ގެންދެވި. އަތޮޅުގެ ރަށްތަކުން އޮޑިވެރީންނާއި ކަމުވޮށިވެގެންވާ މީހުންގެ ކުދިން އެ ރަށަށް ގެނައި އެގޮތުން ތުޅާދޫން ގެނައި އެއް ކުއްޖަކީ އަބުދުއްރަޙީމް. އެކި ރަށްރަށުން އައި އެކި ކުދިން ތިބީ އެކި ގޭގައި. އަޅުގަނޑު ހުރީ އަތޮޅުގޭގައި ހުންނަ ދަނާލެއް ކަހަލަ ތަނެއްގައި. އަބްދުރައްޙީމު ވެސް ހުންނެވީ އެ ތަނުގައި. 1965އާ ހަމައަށް ވެސް އަޅުގަނޑުމެން ތިބީ ބަހިއްޔާގައި" އަބުދުއްރަޙީމާ އެކު އޭދަފުށީ ބަހިއްޔާގައި ހޭދަކުރެއްވި ދުވަސްތައް ހަންދާންކުރައްވަމުން ކުޅަދާނަ ވާހަކަލިޔުންތެރިޔާ އިބްރާހީމް ޙުސައިން މަނިކު އާކުރެއްވީ މާޒީގެ ހަނދާންތަކެވެ.

އޭދަފުށީގައި 4 ވަރަކަށް އަހަރު ތަޢުލީމު ޙާޞިލުކުރެއްވުމުގައި ހޭދަކުރެއްވުމަށް ފަހު ޢަބްދުއްރަޙީމް ދެން ބަދަލުވެވަޑައިގަތީ މާލެއަށެވެ. އެ ތަނުން ވެސް ޢަބްދުރައްޙީމްގެ އެންމެ ގާތް އެއް އެކުވެރިއަކަށް ވެވަޑައިގަތީ ވާހަކަލިޔުންތެރިޔާ އިބްރާހީމް ޙުސައިން މަނިކެވެ.

" 1967ގެ އޭޕްރީލު މަހުން ފެށިގެން އަޅުގަނޑު ކިޔަވަން މާލެ ބަދަލުވިން. އޭރު އަބްދުއްރަޙީމް ވެސް ކިޔަވަން މާލެއަށް ބަދަލުވެއްޖެ. އަޅުގަނޑުމެން ކިޔަވަމުން ދިޔައީ އާލިޔާ ސްކޫލުގެ އެއް ކުލާހެއްގައި. އެއީ އެ ތަނުގައި އޮންނަ އެންމެ މަތީ ކުލާހުގައި ވެސް އެއްކޮށް ކިޔެވިން. އެ ކުލާހުގައި މުޙައްމަދު ޝާހިދު ޙަލީމް (ދިވެހިބަހުގެ އަދީބު) ވެސް އުޅުއްވި. ޢަބުދުއްރަޙީމަކީ އެ ދުވަސްވަރަށް ބަލާ އިރު ރަނގަޅު ފެންވަރުގެ ތަޢުލީމެއް ހޯއްދެވި  ބޭކަލެއް. ހަމަ ރަނގަޅަށް ވެސް އިނގިރޭސި އެނގިވަޑައިގަންނަވާނެ. ކަންކަމުގެ ވާނުވާ އެނގިވަޑައިގަންނަވާނެ. އެ ދުވަސްވަރުގެ ނިސްބަތުން އެއީ މޮޅު ޒުވާނެއް. އެ ދުވަސްވަރުގެ ކަތީބުންގެ ތެރެއިން އިނގިރޭސި އެނގިވަޑައިގަންނަވާނީ މަދު ކަތީބަކަށް. އޭގެ ތެރޭގައި ޢަބްދުއްރަޙީމް ހިމެނިވަޑައިގަންވާނެ" 60ގެ އަހަރުތަކުގައި މާލޭގައި އެންމެ ހިނގާ އެއް ސްކޫލުކަމަށްވާ ޢާލިޔާ ސްކޫލުގައި ތަޢުލީމު ހާސިލުކުރެއްވި ދުވަސްވަރުގެ ބައެއް ވާހަކަތައް ވެސް 73 އަހަރުގެ މަނިކު ހިއްސާކުރެއްވިއެވެ.

މަނިކު ވިދާޅުވީ ޢާލިޔާ ސުކޫލުން ތަޢުލީމު ހާޞިލުކުރެއްވަމުން ތަފާތު ސަނަދުތައް ޢަބްދުއްރަޙީމް ނެންގެވި ކަމަށެވެ.

" އަޅުގަނޑުމެންނާ އެކު ކިޔަވަމުން އެކި ސަނަދުތައް ނެންގެވި. ކާތީބުކަމާއި ކަތީބުކަމުގެ ސަނަދުވެސް ނެންގެވި. އެ އާއިލާއަކީ ވަރަށް ތަނަވަސް އާއިލާއެއް. އެއީ މަސްދޯނިފަހަރު ދުއްވާ ބައެއް. އެހެންވީމާ މާ ބޮޑަށް މާލޭގައި އުޅުއްވުމުގެ ޚިޔާލުފުޅެއް އޭނާ ނުގެންގުޅުއްވާ. އޭނާ ބޭނުންފުޅުވީ ރަށަށް ވަޑައިގެން ރަށަށް ޚިދުމަތްކުރައްވަން. އެކަން އޭނާ ކުރެއްވި" އަވަހާރަވުމާ ހަމައަށް ވެސް ގާތް ގުޅުމެއް ބޭއްވެވި ޢަބްދުއްރަޙީމްގެ އެންމެ ގާތް އެއް އެކުވެރިޔާ މަނިކު ވިދާޅުވިއެވެ.

your image

ތަޢުލީމީ ދަތުރު ނިންމަވާ ލެއްވުމަށް ފަހު ޢަބްދުއްރަޙީމް ވަޑައިގަތީ އުފަން ފަސްގަނޑަށެވެ. ޚިދުމަތުގެ ދުވަސްތައް ގުނުއްވަން ފެއްޓެވީ އަމިއްލަ ރަށުގައެވެ. އޭނާގެ ޚިދުމަތުން އެންމެ ފާހަގަ ކުރެވުނު އެއް ޚިދުމަތަކީ ޓީޗަރުކަމެވެ. ޚާއްޞަކޮށް އޭނާ އެންމެ ޝައުގުވެރިވެ ވަޑައިގެންނެވި ހިސާބު މާއްދާ އުނގަންނަވައި ދެއްވިލެއް ވަރަށް ފުރިހަމައެވެ.

ތުޅާދޫ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަޙުމަދު މުޙައްމަދު ވިދާޅުވީ ޢަބްދުއްރަޙީމަކީ ތުޅާދޫ ސްކޫލުގައި އެ ދުވަސްވަރު ހިސާބު މާއްދާ ކިޔަވައިދެއްވި ކުޅަދާނަ އެދުރެއް ކަމަށެވެ.

" ޢަބްދުއްރަޙީމަކީ ހިސާބު މާއްދާ ކިޔަވައިދެއްވި އެދުރެއް. ސީދާ ވަކި މުއްދަތެއް ދަންނަވަން ނޭނގުނު ނަމަވެސް ހައެއްކަ އަހަރު ވަންދެން ހިސާބު ކިޔަވައި ދެއްވާފައިވާނެ. އޮފީހުގައި އުޅުއްވަމުން ވެސް މުދައްރިސެއްގެ ގޮތުގައި ހިސާބު މާއްދާގެ ގަޑިތައް ނަންގަވައިދެއްވި. ވަރަށް ފުރިހަމައަށް އެކަން ކޮށްދެއްވި. އެއީ ދަރިވަރުންގެ ލޯބި ހޯއްދެވި ކުޅަދާނަ ހިސާބު ޓީޗަރެއް" ތުޅާދޫ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

ތުޅާދޫ ސްކޫލުން ޕްރައިމަތީ ތަޢުލީމު ޙާޞިލުކުރެއްވި ޑރ. އަމީން ވިދާޅުވީ ޢަބްދުއްރަޙިމަކީ އޭނާގެ ވަރަށް މަގުބޫލު ހިސާބު އެދުރެއް ކަމަށެވެ.

" އުސްތާޛް އަރިހުން ދަރިވަރުވުމުގެ ނަސީބު އަޅުގަޑަށް ލިބުނު. މެތްސްއަށް އަޅުގަނޑު ކުރިން ނެތް ޝައުގެއް އުފައްދަވައިދެއްވި. އެ ރޮނގުން ކުރިއަރައި މަތީ ނަތީޖާ ނެރުމަށް މަގުދައްކަވައިދެއްވި. އަޅުގަނޑު ގަބޫލްކުރާ ގޮތުގައި އެއީ އަޅުގަނޑުމެންގެ ޙަޔާތުގައި ތުޅާދޫ ދުށް އެންމެ ކުޅަދާނަ ހިސާބު ޢިލްމުވެރިޔާ. އުސްތާޛް އަރިހަށް ގޮސް އުޅުމުގެ ތެރެއިން ބައެއް ކަންކަމަށް އިތުރަށް ލޯހުޅުވި އާ ޝައުގުތައް އުފަންވި" ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ ޑރ. އަމީން ފާހަގަކުރެއްވީ ޢަބްދުއްރަޙީމްގެ ހިސާބު ކިޔަވައިދެއްވުމުގައި އަރައި ހުންނެވި މިންވަރެވެ.

ޢަބްދުއްރަޙީމްގެ ދަރިވަރެއްކަމުގައިވާ އަބޫބަކުރު ދާވޫދު ވެސް ވިދާޅުވީ އެއީ ކަސްރު ހިސާބާއި ކަންޕައުންޑް ހިސާބު، އެންމެ ފުރިހަމައަށް ކިޔަވައިދެއްވި އެދުރުކަމަށެވެ.

"ކިޔަވައިދެއްވި އިރު އެހެން ގިނަ ޓީޗަރުންނަށް ވުރެ ކުލާސް ކޮންޓްރޯލް ރަނގަޅުވާނެ. އަބަދުވެސް ފެނުނީ ތަފާތު ބޭފުޅެއްގެ ގޮތުގައި. ހަރުދަނާ ގޮތްތަކެއް ގެންގުޅުއްވި ބޭފުޅެއްގެ ގޮތުގައި. އެ ތަފާތުކަން ކުލާހުން ވެސް ފެނުނު. އެއީ ކަސްރު ހިސާބާއި ކޮންޕައުންޑް ހިސާބަށް ވަރަށް ތަރޯ ބޭފުޅެއް" ވިލާ ކޮލެޖުގެ މެނޭޖަރ، ލެކްޗަރަރ އަދި އެތައް ދުވަހެއް ވަންދެން ތުޅާދޫ ސްކޫލުގައި ހިސާބު ޓީޗަރެއްގެ ގޮތުގައި މަސައްކަތް ވެސް ކުރެއްވި އަބޫބަކުރު ދާވޫދު ވިދާޅުވިއެވެ.

your imageތުުޅާދޫގެ ވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގެން ބައެއް ބޭފުޅުންނާއެކު (މެދުގައި) ކަތީބު ޢަބްދުއްރަޙީމް

ކަތީބު ޢަބްދުއްރަހީމަކީ ތުޅާދޫ ކުޑަކަތީބުން އެތައް އަހަރަކު ކުރައްވައި ރަށްކުރިއަރުވާ ކޮމެޓީގައި އެތައް އަހަރެއްވަންދެން މަސައްކަތް ކުރެއްވި ޚިދުމަތްތެރިއެކެވެ. ތުޅާދޫގެ ތަރައްގީއާއި ޒަމާނީ ބަދަލުތަކަށް، ރަށް ފުރޮޅިގެން ދިޔަ އިރު ވަރަށް މުހިންމު ޚިދުމަތެއްގެ ހިއްސާދާރެކެވެ. ރަށުން ދޫކުރެވުނު ގޯތިތަކުގެ އިން ވަކިކުރުމާއި މަގުތައް ތަރުތީބު ކުރެއްވުމާއި އަނގޮޅިތަކުގެ ކަން ވަށްކުރުމުގައި މިންޖެއްސެވި އެއް އެދުރަކީ ޢަބްދުއްރާހީމެވެ. މިކަމަށް އެންމެ ބޮޑަށް އެއްބަސްވެވަޑައިގެންނެވީ ތުޅާދޫ ކުރީގެ ބޮޑު ކަތީބު ޢުޘްމާން ޢަލީއެވެ. އުޘްމާން ވިދާޅުވީ ޢަބްދުއްރަޙީމުގެ ޢުމުރުގެ ބޮޑު ބައެއް ހޭދަކުރެއްވީ ރަށު އޮފީހުގައި ރަށަށް ޚިދުމަތްކުރެއްވުމުގައެވެ.

"  ޢަބުދުއްރަހީމަކީ ވަރަށް ހުނަރުވެރި ބޭފުޅެއް. އަޅުގަނޑު އޮފީހުގައި އުޅުނު ދުވަސްވަރު ވެސް ހިސާބާ ގުޅޭ ކަމެއް ނަމަ ހަވާލުކުރައްވަނީ ޢަބްދުއްރަހީމާ. ފައިސާއާ ގުޅޭ ގިނަ ކަންކަމުގައި އިސްވެ ހުންވަނީ ވެސް ޢަބްދުއްރަހީމް. އެ ދުވަސްވަރުގެ އެ ފެންވަރުގެ މީހަކު ހިސާބަކަށް ތުޅާދޫއަކުން ނުފެންނާނެ. އަތޮޅުތަކުގައި ވެސް މަދުވާނެ. އެނާއަކީ އިސްމާޢީލް ކަލޭފާނު ތުއްތުގެ އަރިހުން ވެސް ހިސާބު ކިޔަވާ ވިދާޅުވި ބޭފުޅެއް" ޢުޘްމާން ކަތީބު ވިދާޅުވިއެވެ.

އުޘްމާނު ކަތީބު ވިދާޅުވީ ތުޅާދޫ އޮފީހުގައި ޢަބްދުއްރަޙީމު ނުކުރައްވާ ކަމެއް ނޯންނާނެކަމަށެވެ.

" އޮފީހުގައި އެކި ސެކްޝަންތައް ހުރި އިރު ކޮންމެ ސެކްޝަނެއްގައި ވެސް އޭނާ ޚިދުމަތްކުރައްވާފައިވޭ. ނަމަވެސް ބޮޑަށް ޚިދުމަތްކުރެއްވީ ފައިސާއާ ގުޅުންހުރި ދާއިރާގައި. އެހާ ދުވަހު އެ ކަމުގައި އުޅުއްވި ނަމަވެސް ފައިސާގެ އެއްވެސް މައްސަލައެއް ޖެހިފައެއް ނެތް. އެކަމުގައި ރައްޔިތުންގެ އިތުބާރު އޭނާ ވަނީ ހޯއްދަވާފައި. އެއީ ރަށު ތަރައްގީއަށް ކުރެވޭ ކޮންމެ ކަމެއްގައި އިސްކޮށް ހަރަކާތްތެރިވީ ވެރިއެއް" ކަތީބު އުޘްމާނު، ޢަބްދުއްރަހީމް ސިފަކުރެއްވީ އަގުހުރި ޚިދމަތްތަކެއް ތުޅާދޫއަށް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ޢަބުދުއްރަޙީމަކީ އޭނާގެ ބޭފުޅުން ތަރުބިއްޔަތު ކުރެއްވުމުގައި ވެސް މުހިންމު ދައުރެއް އަދާކުރެއްވި ބައްޕައެކެވެ. ދުވަހީ ދިރިއުޅުއްވުމުގެ ގިނަ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވި ނަމޫނާއެކެވެ. ފިރިހެން 3 ބޭފުޅުންނާއި އަންހެން 7 ބޭފުޅުން ތަރުބިއްޔަތު ކުރެއްވުމުގައި ވަގުތު ދެއްވި ހަރުދަނާ ބައްޕައެކެވެ.

your imageކަތީބު ޢަބްދުއްރަޙީމްް، ޢާއިލާ މެންބަރުންނާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން

" ބައްޕަ އަބަދުވެސް އަޅުގަނޑުމެން ޑިސިޕްލީން ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ގޭތެރޭގައި ކުރެއްވި. އަޅުގަނޑުމެންނާއެކު ވަގުތު ހޭދަކުރެއްވި. އަޅުގަނޑުމެން އެއްވެސް ކުއްޖަކަށް ބައްޕަގެ ކުރިމަތީ ސަމާސާ ކުރާކަށް ނުކެރޭ. ކޮންމެ ކޮންމެ ވާހަކައެއް ދައްކާކަށް ނުކެރޭނެ. ވަރަށް ފަހަކާ ޖެހެންދެން ވެސް މިކަން އޮތީ މިގޮތަށް. އަޅުގަނޑުމެން ކޮންމެ ކުއްޖަކަށް ވެސް ބައްޕައަށް ޚާއްޞަ ޤަދަރެއްދެވުނު. އަޅުގަނޑުމެން އެއްވެސް ކުއްޖަކަށް ބައްޕަ އަޅައެއް ނުލައްވައޭ މިވެނިކަމެއް ކޮށް ނުދެއްވައޭ ބުނާކަށް ނުކެރޭނެ. އަބަދުވެސް އަޅުގަނޑުމެންނަށް ވާނުވާ ބައްލަވާނެ" ޢަބްދުއްރަހީމްގެ އެންމެ ދޮށީ ފިރިހެން ދަރިކަލުން ނާފިޢު ޢަބްދުއްރަޙީމް ހިއްސާކުރެއްވިއެވެ.

" ބައްޕަ، ވަރަށް ގަވައިދުން ކެއުމުގެ ކަންކަން ކުރެއްވި. ކުރަން ނިންމަވާ ކަންކަން ދުވަހުން ދުވަހަށް ނިންމަވާނެ. އެ ކަންކަން ހިނގާ ނުހިނގާގޮތް ބައްލަވާނެ. ގޭތެރޭގެ ކަންކަން އަމިއްއަށް ކުރައްވާނެ" ނާފިޢު ސިފަކުރެއްވީ އޭނާގެ ބައްޕަގެ ގޭތެރޭގެ އުޅުއްވުމެވެ.

ޢަބްދުއްރަޙީމް ކަތީބަކީ ތަފާތު ހޮބީތަކަށް ލޯބިކުރެއްވި ބޭފުޅެކެވެ. އެންމެ ފާހަގަކުރެވޭ އެއްކަމަކީ ދޫނި ހިއްޕެވުމާއި ދޫނި ގެންގުޅުއްވުމެވެ. އެކަމަށް ބެހެއްޓެވި ޝައުގުވެރިކަމެވެ. އެއް ދުވަސްވަރަކު ރާއްޖެ މައިނާއެއް ގޭގައި އޮޅުކުރައްވައިގެން ގެންގުޅުއްވިއެވެ. ރާއްޖޭގައި އާންމުކޮށް ނޫޅޭ ބަކަމޫނެއް ވެސް ގޭގައި ގެންގުޅުއްވިއެވެ. ލަންކާ ކޮތަރު ވެސް އާލާކުރައްވައި ގެންގުޅުއްވިއެވެ. އޭގެ އިތުރުން ކިރު އިލޮށްޓާއެކު ދޫނި ހިއްޕެވުމުގެ ފޯރީގައި ރަށުގެ އެކި ސަރަހައްދުތަކުގައި ދުވެހެއްދެވިއެވެ.

" ދޫނި ގެންގުޅުއްވުމަކީ ބައްޕަ އަބަދުވެސް ކުރެއްވި ކަމެއް. މާލޭގައި ދޫނި ގެންގުޅޭ ހުރިހާ މީހުން ކަހަލަ ގޮތަކަށް ބައްޕަ ދަންނާނެ. އެ މީހުންނާ ގުޅައި ދޫނީގެ މަޢުލޫމާތު ހޯއްދަވާނެ. ދޫނި ހިފުމަކީ ވެސް ބައްޕަ ކުރެއްވި ކަމެއް. އެކަމަށް ބޭނުންވާ އެކި ދިގުމިނުގެ ދޮށި ވެސް ގޭގައ ހުންނާނެ. ބައްޕަ އެންމެ ފަހުން ގެންގުޅުއްވީ ހައުސްޕެރޯ. އެ ދޫނިތައް އާލާވެ، 200 ވަރަކަށް ޖޯޑު މުޅި ރަށުތެރޭގައި އުޅުނު. އެ ސޮރުމެން އާންމުކޮށް ހާލި ހަދާނީ އަޅުގަނޑުމެން ގޭތެރޭގައި. އެކި ތަންތަނަށް ދިޔަ ނަމަވެސް ގެއަށް އައިސް ހާލި ހަދާނެ. ނަމަވެސް ދުވަސްތަކެއް ފަހުން އެ ތަކެތި ގެއްލިގެން ދިޔަ. އަދި އެ ގެންގުޅެނިކޮށް ސަރުކާރުން އެ ގެންގުޅުން މަނާ ކުރި. އެ ހިސާބުން ދޫނީގެޝައުގުވެރިކަން ބައްޕަގެ ގެއްލުނު" ޢަބުދުއްރަހީމްގެ ހިތްޕުޅުގައި ދޫންޏަށް އޮތް ޝައުގުވެރިކަން ކެނޑުނު އެއް ސަބަބު ނާފިޢު ހިއްސާ ކުރެއްވިއެވެ.

ޢަބްދުއްރަޙީމްގެ ހެދުން އެޅުއްވުމަކީ ވެސް ސްޓައިލެކެވެ. އާންމުކޮށް ތުރުކުރައްވަނީ މަޑު ކުލަތަކުގެ ތުނި ގަމީހެވެ. އެންމެ ކުރީއްސުރެ ވެސް ފެނުނީ އެގޮތަށެވެ. އެއާއެކު ގަމީހުގެ އެތެރެއިން ކޮނޑުކެނޑި ލައްވާފައި ހުންނަތަން ފެނެއެވެ. އެއީ ކުޑަ އިރުއްސުރެ ވެސް ގެންގުޅުއްވި އާދައެކެވެ.

"އަބަދުވެސް ގަމީސް ދަށުން ކޮނޑުކޮނޑި ލައްވައިގެން ހުންނަވާނެ. އަޅުގަނޑުމެންނާއެކު ކިޔެވި އިރު ވެސް އެކަން ފާހަގަވި. އެ ދުވަސްވަރުގެ ރަނގަޅު ކަހަލަ މީހުން، ޚާއްޞަކޮށް ލިބޭ މީހުން ތިބޭނީ ކޮނޑުކެނޑި ލައްވައިގެން. އޭނާއަކީ ފުދޭ އާއިލާއެއްގެ މީހެއް. އެ ދުވަސްވަރު މާލޭގައި ވެސް ލިބޭ ކަހަލަ މީހުން ތިބޭނީ އެގޮތަށް. އޭގެ އިތުރުން ގަމީސް ދާވުން ވެސް ކުޑަވާނެތީ އެގޮތަށް ބައެއް މީހުންގެ ފެޝަނެއް އެއީ." ޢަބްދުއްރަޙީމްގެ ހެދުން އެޅުއްވުމުގެ ސްޓައިލާ މެދު އިބްރާހީމް ޙުސައިން މަނިކު ވިދާޅުވިއެވެ.

ޢަބްދުއްރަހީމަކީ ދެއްކުންތެރިކަން ހުންނަ ބޭފުޅެއް ނޫނެވެ. އެހެން މީހުންނަށް އެހީތެރުވުމަށް އޭނާ ލޯބިކުރެއްވިއެވެ. ގުޅުންތައް ދަމަހައްޓަން މަސައްކަތް ކުރެއްވިއެވެ.

" އޭނާއަކީ ދެއްކުންތެރިކަމަށް ކަންކަން ކުރާނެ މީހެއް ނޫން. އެތައް ފަހަރަކު އެކަން އަޅުގަނޑު ތަޖުރިބާ ކުރިން. އެކުގައި އުޅުނު ދުވަސްވަރު އެއްފަހަރަކު ގަޑިއެއް ބައްލަވައިގަންނަން އުޅުއްވި. އެ ދުވަސްވަރު ބާޒާރުގައި ވަރަށް އަގު ބޮޑު ސްވިސް ގަޑިތަކެއް ހުރި. 250 ރުފިޔާއަށް އެ ލިބޭނީ. އެ ދުވަސްވަރަށް ބަލާއިރު އެއީ ބޮޑު އަގެއް. މަދު މީހަކަށް އެ ގަނެވޭނީ. އޭނާގެ އަތްޕުޅުގައި އެ ގަޑި ގަންނަން ފައިސާ ހުރި ނަމަވެސް އަޅުގަނޑު ގާތު ވިދާޅުވީ އެއީ ދެން ބޮޑުވަރުދޯއޭ. އޭނާ އެ ގަޑި ބައްލަވައެއް ނުގަންނަވާ. ދެއްކުންތެރިކަމުގެ ބައެއް އޭނާގެ ނުހުންނާނެ" އަބްދުއްރަޙީމާއެކު ހޭދަކުރެއްވި ތަޢުލީމީ ޙަޔާތުގެ ދުވަސްތަކުން ފާހަގަ ކުރެވުނު ތަޖުރިބާއެއް މަނިކު ހިއްސާކުރެއްވިއެވެ.

ޢަބްދުއްރަޙީމްގެ ތަފާތު ދިރިއުޅުއްވުމަށް ބަދަލުތައް އައުމަށް މެދުވެރިވީ އޭނާގެ ހަށިގަނޑަށް އަންނަން ފެށި ބަދަލުތަކެއްގެ ސަބަބުންނެވެ. 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު ހާތައި ޢަބްދުއްރަޙީމްގެ ފައިގެ ބައެއް ތަންތަން ދުޅަވެލާފައި ރިއްސާ މި ކަހަލަ ގޮތްތަކެއް ވާންފެށްޓިއެވެ. އެހިސާބުން ޢާއިލާގެ ސަމާލުކަން އެ ކަމަށް ހުއްޓުނެވެ. ވަގުތުން އެ ކަމަށް ފަރުވާ ފެށްޓުނެވެ.

"އެންމެ ފުރަތަމަ މާލެ ގެނެސް ޑޮކްޓަރަށް ދެއްކީ. މާލޭގައި ޑޮކްޓަރަށް ދެއްކުމުން ސީދާ ކޮން ބައްޔެއް ކަމެއް ޑޮކްޓަރުންނެއް ނުބުނުއްވާ. ނަމަވެސް ޓިއުމަރެއް ހުރިކަމަށް އަޅުގަނޑުގެ ގާތުގައި ޑޮކްޓަރު ވިދާޅުވި. ލިވަރގައި އެ ޓިއުމަރު ހުރިކަމަށް ވިދާޅުވި. އަދި މާލެއިން ކުރެވޭނެ އިތުރު ފަރުވާއެއް ނެތްކަމަށް ވެސް ޑޮކްޓަރުން ވިދާޅުވި" ޢަބްދުއްރާހީމްގެ ބަލީގެ އަލާމާތާއެކު ކެންސަރަށް ކުރެވުނީ ޝައްކެކެވެ. އެ ޝައްކާއެކު އެކަން އެންމެ ފުރަތަމަ އެގުނީ ފިރިހެން ދޮށީ ދަރިފުޅު ނާފިޢު އަށެވެ.

"އޭރު ސީދާ ކެންސަރު ކަމެއް އާއިލާގެ މީހުންނަކަށް ނޭނގޭނެ. ބައްޕައަކަށް ވެސް އެނގިއެއް ނުލައްވާނެ. ނަމަވެސް ޓިއުމަރެއް ހުރިކަން ކޮންމެވެސް ގޮތަކަށް އާއިލާގެ މީހުންގެ ގާތުގައި ބުނެލިން. ދެން މަޑުމަޑުން އެވެއަރ ކުރަމުން ކެންސަރުކަން ދޭހަވާ ވަރަށް އާއިލާ ކުދިން ގާތުގައި ބުނެދިނިން" ޢަބްދުއްރަޙީމްގެ ބައްޔަށް ފަރުވާ ކުރެއްވުމުގައި އެންމެ އިސްކޮށް އުޅުއްވި ނާފިޢު ބުނުއްވިއެވެ.

ޢަބުއްދުއްރަޙީމަށް ފަރުވާ ކުރެއްވުމަށް 2023 ވަނަ އަހަރުގެ ނޮވެންބަރު 28 ގައި ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައި އިންޑިއާގެ ބެންގަލޯރަށެވެ. އެތަނުގައި ކެންސަރުގެ ފަރުވާއަށް އެންމެ މަޝްހޫރު ހެލްތު ކެއަރ ގުލޯބަލް (އެޗްސީޖީ) ހޮސްޕިލުން ޚިދުމަތް ހޯދުމަށެވެ.

" އެންމެ ފުރަތަމަ އެ މީހުން އުޅުނީ އެ ތަނުގައި އެޑްމިޓްކޮށް ނުދެން. އެހެންވެ އަޅުގަނޑު ބުނިން ކެންސަރު ޕޭޝަންޓެކޭ. އެ ވަގުތު ބައްޕަ ބުނުއްވީ ތި ގޮތަކަށް ނުބުނެވޭނޭ. ކެންސަރެކޭ ނުބުނެވޭނޭ. އިރާދަކުރެއްވިއްޔާ ކެންސަރެއް ނުޖެހޭނެޔޭ" ޢަބުދުއްރަހީމް ގަބޫލުކުރެއްވި އަދި ބޭނުންފުޅުވި ގޮތް ދަރިފުޅު ނާފިޢު ހިއްސާކުރެއްވިއެވެ. ނަމަވެސް ކަންވީ ބޭނުންވި ގޮތަކަށް ނޫނެވެ. އެ ބައްޕައަށް ކެންސަރު ޖެހިފައިވާކަން ޑޮކްޓަރުންގެ ވާހަކަތަކުން ގަބޫލުކުރަން މަޖުބޫރުވިއެވެ. އަދި ފަރުވާ އަވަސްކުރަންޖެހޭ ކަންވެސް ޔަގީންވިއެވެ.

" ޓެސްޓުތަކުން އެނގުނީ ލިވަރގައި ހުންނަ މައިގަނޑު ތިން ނާރުން ދެ ނާރެއް ހުރީ ބްލޮކްވެފައިކަން. އެތައް ޓިއުމަރެއް ހުރި ކަމަށް ޑޮކްޓަރުން ބުނި. ނަމަވެސް ޓެސްޓުތަކުން ސީދާ ކެންސަރު ސެލް ހުރިކަމަކަށް ނުދައްކާ. ނަމަވެސް އެހެން ހުރިހާ އަލާމަތްތަކެއް ފެންނަން ހުރީމާ ކެންސަރުކަމަށް ނިންމައި ފަރުވާ ފެށީ" ނާފިޢު ބުނުއްވިއެވެ.

އިންޑިއާގައި ކެންސަރަށް ފަރުވާ ކުރެއްވުމަށް ފަހު ޢަބްދުއްރަޙީމު ރާއްޖެ ވަޑައިގަތީ ހިތްޕުޅު ހަމަޖެހުމާއެކުއެވެ. ކީމޯގެ ފުރަތަމަ މަރުހަލާ ނިންމާލެއްވުމަށް ފަހުއެވެ.

ކެންސަރު ފަރުވާގެ ދެވަނަ ޑޯޒަށް ޖެއްސެވުމަށް ޢަބުދުއްރަޙީމް އިންޑިއާއަށް ވަޑައިގަތީ 2024 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 4 ވަނަ ދުވަހުއެވެ. ނަމަވެސް ކަންތައް ދިމާވި ގޮތުން ފަރުވާ ފެށޭ ގޮތެއް ނުވިއެވެ. ރޯގާޖެހި ފުއްޕާމޭގެ އިންފެކްޝަނެއް ހުރެމުން ކެންސަރު ފަރުވާއަށް ހަދަންޖެހޭ ޓެސްޓުތައް ހެދޭގޮތެއްނުވިއެވެ. އާއިލާއަށް ހާސްކަން ވެރިވީ އެ ހިސާބުންނެވެ.

" ފުއްޕާމޭގެ އިންފެކްޝަނަށް ދެ އެންޓިބައޯޓިކެއް ދިން. ނަމަވެސް އެ އަކަށް ނުގުޑި. އެހެންވެ ދެން ޖެހުނީ އިތުރު ޓެސްޓެއް ހަދަން. އެ ޓެސްޓު ހަދަން ގެންގޮސް ބައްޕަގެ ހާލަތު ދަށްވުމުން އައިސީޔޫއަށް ގެންދިޔައީ. ޑޮކްޓަރު ވިދާޅުވީ ބައްޕަގެ ކެންސަރުގެ ފަރުވާ ފައްޓާނީ އެއް ދުވަހު އައިސީޔޫގައި ބޭއްވެވުމަށް ފަހު ބައްޕައަށް ވާގޮތް ބައްލަވާފައި ކަމަށް" އެ ހިސާބުން ކޮންމެ ވެސްވަރެއްގެ ހާސްކަމެއް ވެރިވި ކަމަށާއި ބައްޕަގެ ވާހަކަ ވެސް އެހިސާބުން ބަދަލުވި ކަމަށް ނާފިޢު ބުނުއްވިއެވެ.

" ބައްޕަގެ އެންމެ ފަހު ދެ ދުވަހު ބައްޕަގެ އެދިލެއްވީ އެންމެ ކަމަކަށް. ބައްޕަ އެދިލެވީ މާލެ ގެންގޮސްދެއްވުމަށް" ނާފިޢު ބުނުއްވީ ބައްޕައަށް ވިސްނައިދެއްވޭތޯ އޭނާ މަސައްކަތްކުރެއްވި ކަމަށާއި ބައްޕަ މާލެ ފޮނުވާލައްވާފައި އަޅުގަނޑަށް ބޭސްކުރުމުން ބައްޕަ ރަނގަޅުވާނެތޯ ބައްޕަ ގާތުގައި އެއްސެވި ކަމަށެވެ.

"ދެން އެންމެ ރަނގަޅުވާނީ ހަމަ ބައްޕަ މާލެ ގެންދެވިއްޔާ" ބައްޕަގެ އަސަރުން ފުރިގެންވާ އެ ޖުމުލައިން ނާފިޢުއަށް ވެސް އަސަރުކުރިއެވެ. އެ މޭރުމުން ޑޮކްޓަރު ޝަކީބު ގާތުގައި ވެސް އެ ވާހަކަ ބައްޕަ ބުނުއްވިއެވެ. އައިސީޔޫގައި ބޭއްވި ދުވަހުގެ މެންދުރު އެތެރެއަށް ވަނުމުން ވެސް ދަރިންގެ ގާތުގައި އެ ވާހަކަ ދެއްކެވިއެވެ. އަދި އަނބިކަނބަލުން ފާޠިމަތު ޢަލީ ގާތުގައި ވެސް އެ ވާހަކަ ވިދާޅުވިއެވެ.

ހަވީރުވުމާ އެކު ޢަބްދުއްރަޙީމްގެ ހާލަތު އިތުރަށް ގޯސްވެ ވެންޓިލޭޓަރުގެ ޚިދުމަތް ހޯއްދަވަން ޖެހުނެވެ. އިރުތަކެއް ފަހުން ހާލަތު އިތުރަށް ދަށްވަމުން ދިޔައެވެ. ދެން ލިބުނު ޚަބަރަކީ ލިވަރ މަސައްކަތް އެއްކޮށް ހުއްޓު ޚަބަރެވެ. މުޅި ޢާއިލާއަށް ލިބުނީ ޝޮކެކެވެ. އެހިތާމަވެރި ވަގުތު ނާފިޢު އިސްކުރެއްވީ ކެތްތެރިކަމެވެ. 

" އޭރު ހުރީ ނާއިލް. އަޅުގަނޑު ހޮސްޕިޓަލަށް ދިޔައިރު ނާއިލް ހުރީ ފެންކަޅިވެފައި. ނާއިލަށް ނަސޭހަތް ދިނިން. ރޮއިގެން ނުވާނެކަމަށް ބުނިން. މަންމައަށް ކުރާ އަސަރު މާ ބޮޑުވާނެކަމާއި އެކަމަށް ވިސްނަންވާނެ ކަމާއި ކެތްތެރިވާންވީ ވަގުތުކަމަށް ވެސް ބުނިން. އިރާދަކުރެއްވިއްޔާ އެ ކެތްތެރިކަން ލިބުނު. ނާއިލު ވެސް ވަރަށް ކެތްތެރިވި" އެންމެ ފަހު ދުވަހު ކަންތައް ހިނގި ގޮތް ނާފިޢު ހިއްސާކުރެއްވިއެވެ.

ޢަބްދުއްރަޙީމްގެ ދުނިޔޭގެ ދަންފަޅީގެ ފަހު ދުވަހު ހުރިހާ ކުދިން ވެސް ތިބީ އިންޑިއާގައެވެ. ހުރިހާ ކުދިން ނިންމީ ބައްޕައަށް އިތުރު ތަކުލީފެއް ލިބޭނެ އެއްވެސް ކަމެއް ނުކުރުމަށެވެ. ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ އެ ވަގުތު، ބައްޕަގެ ހަށިގަނޑަށް އިތުރުވޭނެއް ލިބޭނެ އެއްވެސް ކަމެއް ނުކުރުމަށެވެ. ހިތާމައާއި މޮޅިވެރިކަމުގެ ވަގުތު ބައްދަލުވިއެވެ. 2024 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހުގެ ދަންވަރު 12:07 ގައި މި ފަނާވަނިވި ދުނިޔޭގެ ދަންފަޅި ހަމަކުރައްވައި ޢަބްދުއްރަޙީމް އަވަހާރަވިއެވެ. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎

"އިރާދަކުރެއްވިއްޔާ ބައްޕަގެ ހިނިތުންވެފައިވާ މޫނު ހުރިހާ ކުދިންނަށް ވެސް ފެނުނު. ކެންސަރު ބަލީގެ ވޭނުގައި އުޅުއްވަން ނުޖެހުނީތީވެ ޝުކުރުކުރަން. އިރާދަކުރެއްވިއްޔާ ބައްޕަ އެ ވަކިވެލެއްވީ އެ ތަކުލީފު ނުއުފުލައްވާ. ކޮންމެ ކަމެއްގައި ވެސް ނިންމުން އަންނާނެ" ނާފިޢު ގަބޫލުކުރެއްވި ގޮތް އޭނާ ހިއްސާކުރެއްވިއެވެ.

ތެދެކެވެ. ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ދެކޭނެ މީހެކެވެ. ނަމަވެސް އެހިސާބަށް ދުނިޔޭގައި ހޭދަކުރެއްވި ދުވަސްތަކުން ލިބޭ ފިލާވަޅުތައް ނުހަނު ގިނައެވެ. ޢަބްދުއްރަޙީމް ޔޫސުފް ނުވަތަ ޢަބްދުއްރަޙީމް ކަތީބަކީ ތުޅާދޫ ސްކޫލުން ކިޔަވި ބައެއް ދަރިވަރުން ޖެހިލުންވި ޝަޚުސިއްޔަތެކެވެ. ކަސްރުހިސާބާއި ކަންޕައުންޑް ހިސާބުގެ ނަމޫނާ އެދުރެކެވެ. ފައިސާއާ ގުޅުން ހުރި ކަންކަން އިންތިޒާމުކުރެއްވި ހިންގުން ތެރިއެކެވެ.  ތުޅާދޫ ޒާމާނީ ކުރުމުގައި ކުރެވުނު މަސައްކަތްތަކުން ގެވަޅު ދިނުމާއި މަގުތައް ތަރުތީބު ކުރުމުގެ ހިއްސާދާރެކެވެ. ބަސް މަދު، ޢަމަލުން ނަތީޖާ ނެރެދެއްވި ބައްޕައެކެވެ. ދޫނި ހިއްޕެވުމާއި ދޫނި ގެންގުޅުވަން ލޯބިކުރެއްވި ތަފާތު ޝަޚުޞިއްޔަތެކެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
33.333333333333%
ދެރަވި
0%
ރުޅިއައި
66.666666666667%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ތުޅާ ފުޓްސަލް މުބާރާތް 2024 ގައި 13 ޓީމަކުން ބައިވެރިވެއްޖެ
1 week ago 0 Comments
ޢަބްދުއްރަޙީމް ކަތީބު: ހިސާބު އެދުރެއް، ތަފާތު ޝަޚުޞިޔަތެއް
1 week ago 1 Comments
ތުޅާދޫ ދާއިރާގެ ގޮނޑި ޙަންނާން ކާމިޔާބުކުރައްވައިފި
4 weeks ago 0 Comments
ހުންގާނު ޙަންނާނަށް : އުފާވެރިކަން ދާއިރާއަށް
1 month ago 0 Comments