![](https://thulhaadhootimes.com/ads/banner_0101.jpg)
ޙަންނާނުގެ ޚިދުމަތުގެ ރެކޯޑާ މެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނެތެވެ. ވިޔަފާރީގެ ދާއިރާއިން ހޯއްދެވި ކާމިޔާބާ މެދު ދެބަސްވާނެ މީހަކު ނެތެވެ. ކަންކަމުގައި ގެންގުޅުއްވައި ފަހި ވިސްނުމާއި އިޖާބީ ގޮތްތައް އެތައް ބަޔަކު ދަނީ ތަޖުރިބާ ކުރަމުންނެވެ. ވިޔަފާރީގެ ދާއިރާގައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައެވެ. އަމިއްލަ ރަށާއި ދާއިރާގައެވެ. މި ހިސާބަށް ޙަންނާނަށް ދެވުނީ ވިޔަފާރީގައި އެޅި ދިގު ފިޔަވަޅުތަކުންނެވެ.
ކެންޕޭނު ހަރަކާތެއްގައި ޙަންނާނު ބައިވެރިވެވަޑައިގަންވަނީ
" އެންމެ ފުރަތަމަ ވެސް އަޅުގަނޑު ވަނީ ވިޔަފާރީގެ ތެރެއަށް. އަބަދުވެސް އެ ވިސްނުން ހުންނާތީ އެކަމުގެ ތެރެއަށް ވަދެވުނީ. ފުރަތަމަ ޝިޕިންލައިން މަސައްކަތުގެ ތެރޭގައި އުޅުނީ. އެތައް ތަޖުރިބާއަކަށް ފަހު ދެން ކުދިކުދި ޔޮޓް ރާއްޖެއަށް އެތެރެކުރަން ފެށީ. އޭގެ ދުވަސްތަކެއް ފަހުން ދެން ކާގޯ ޝިޕިންގެ މަސައްކަތް ވެސް ފެށީ. އަދި ކްރޫސް ލައިންތަކާއި ބޮޑެތި ކާގޯ ޝިޕިންލައިން ވެސް އިތުރު ކުރަމުން ދިޔައީ" ވިޔަފާރީގެ ދާއިރާއިން ޙަންނާނު ކުރިއަރަމުން ދިޔަ ގޮތް ތުޅާދޫ ޓައިމްސްއާ ހިއްސާކުރެއްވިއެވެ.
ޙަންނާނަކީ ޢަމަލީ ގޮތުން ކަންކަމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅެއް
މިއަދު ޙަންނާނަކީ އަމިއްލަ ވިޔަފާރިއެއް ކުރައްވަމުން ގެންދަވައި އިގުތިޞާދީ ކަންކަމުގެ އެކޮޅުމިކޮޅު ފުރިހަމައަށް ދެނެވަޑައިގެން ހުންނެވި ކަމުގެ ތަޖުރިބާކާރެކެވެ. އިގުތިޞާދާ މެދު ފިކުރު ހިންގަވައި ޚިދުމަތްތެރިއެކެވެ. ޙަންނާނުގެ ވިސްނުންފުޅު ގުޅިފައިވަނީ ގައުމަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައާއެވެ. އެއީ ވަޒީފާގެ ފުރުޞަތެވެ. އެއީ ދާއިރާއަށް ވެސް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެއެވެ. ޙަންނާނު އެ ގެންދަވަނީ އެ ކަމުގެ ހައްލުތައް ހޯއްދަވާނެ ގޮތް ކުރައްސަވަމުންނެވެ. އެ ތަޖުރިބާ ވެސް ކުރައްވަމުންނެވެ.
ސިޔާސީ ދާއިރާގައި ޙަންނާނުގެ ނަމަކީ އާ ނަމެކެވެ. ނަމަވެސް ޚިދުމަތުގެ ދާއިރާގައި ހަންނާނަކީ ތަޖުރިބާއާއި އިތުބާރު ލިބިފައިވާ ނަމެކެވެ. ސިޔާސީ ދާއިރާއަށް ޙަންނާނު ނުކުންނެވީ ދާއިރާއަށް ޚިދުމަތް ކުރެއްވުމަށެވެ. ދާއިރާގެ ރައްޔިތުންނަށް އުންމީދެއް ހޯއްދަވައި ދެއްވުމަށެވެ. މާޔޫސް ހިތްތަކަށް ހިތްހަމަޖެހުން ގެނެސްދެއްވުމަށެވެ.
ޙަންނާނު ގަބޫލުކުރައްވާ ގޮތުގައި ދާއިރާގެ ރައްޔިތުންގެ އެތައް ކަންބޮޑުވުމެއް އެބަ ހުއްޓެވެ. ހައްލު ހޯދައިދޭން ޖެހޭ އެތައް ކަމެއް ލޯމަތިން ފެންނަން އެބަ ހުއްޓެވެ.
"ދާއިރާއަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގޯތިގެދޮރުގެ ދަތިކަން. ދެވަނަ ކަމަކަށް މި އޮތީ ފެނާއި ނަރުދަމާގެ މައްސަލަ. އަދި ކަރަންޓުގެ މައްސަލަ ވެސް އެއީ ހައްލު ހޯދައިދޭން ޖެހޭ ކަމެއް. މި ކަންކަމަށް ހައްލު ހޯދައިދޭން އަޅުގަނޑު މަސައްކަތް ކުރާނަން. އެއީ އަސާސީ ކަންތައްތަކެއް. ގާނޫނު އަސާސީން ކަށަވަރު ކޮށްދޭ އަސާސީ ހައްގުތަކެއް. އެ އަޑު އަޅުގަނޑަށް އުފުލޭނެ. އެކަން މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑު ކުރާނަން" ޙަންނާނު ދެއްވީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް އަޑު އުފުއްލަވައިދެއްވާނެ ކަމުގެ ޔަގީންކަމެވެ.
ޙަންނާނު ގަބޫލުކުރައްވާ ގޮތުގައި ކޮންމެ ކަމެއް ވެސް ގުޅިފައިވަނީ އިގުތިޞާދާއެވެ. އެ ދާއިރާގެ ތެރެއިން ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކާއި އެ ކަމުގެ ބައެއް ހައްލުތައް ޙަންނާނަށް އެނގިވަޑައިގަންނަވައެވެ. އިގުތިސާދީ ދާއިރާއާއި ވަޒީފާގެ ބާޒާރަށް އޮތް ހައްލުތަކާ މެދު ކުރެވޭ ބަހުސްތަކުގައި ޙަންނާނުގެ ތަޖުރިބާ ހިއްސާކުރައްވަން ޙަންނާނު ހުންނެވީ ތައްޔާރަށެވެ.
ޙަންނާނަކީ އަމިއްލަ ގޮތުން ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓެކެވެ. ޙަންނާނު ގަބޫލުކުރައްވާ ގޮތުގައި އަމިއްލަ ގޮތުން ކުރިމަތިލެއްވި ނަމަވެސް ގައުމަށް ޓަކައި ރައްޔިތުންނަށް ޓަކައި އެތައް ކަމެއް ކޮށްދެވޭނެއެވެ.
" އަޅުގަނޑަކީ ވަކި ޕާޓީއެއްގެ މީހެއް ނޫން. އެހެންވެ އަޅުގަނޑު ކުރިމަތި މި ލަނީ އަމިއްލަ ގޮތުން. ރައްޔިތުންގެ ހައްގުގައި ބަސް ބުނުމުގެ ފުރުޞަތު މާ މިނިވަންކަމާއެކު މާ ފުޅާކޮށް އަމިއްލަ ކެންޑިޑޭޓަށް ލިބޭނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ" ކުރިއަށް އޮތް އިންތިޚާބުގައި ކެންޑިޑޭޓު ނަންބަރު 2ށް ވޯޓް ދެއްވުމަށް އެދި ޙަންނާނު ވިދާޅުވީ އަމިއްލަ ގޮތުން ވާދަކުރެއްވުމަކީ މި ވަގުތަށް އޮތް އެންމެ ރަނގަޅު ގޮތްކަމަށެވެ.
ޙަންނާނު ގަބޫލުކުރައްވާ ގޮތުގައި ގޮނޑި ކާމިޔާބު ކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ޙަންނާނަށް އެބަ ކުރެއްވެއެވެ.
" އަޅުގަނޑުމެން މި ކުރަނީ މަސައްކަތް. ހުއްޓުމެއް ނެތި ކާމިޔާބަށް އެދި މި އުޅެނީ ކެންޕޭނުގައި. އިރާދަކުރެއްވިއްޔާ މި އިންތިޚާބު ކާމިޔާބު ކުރެވޭނެ" ކުރެވުނު މަސައްކަތްތަކުން ޙަންނާނު ހޯއްދެއްވީ ހިތްވަރެވެ. އިތުރަށް ވިދާޅުވީ ދާއިރާގެ ހުންގާނު ދެއްވައިފި ނަމަ ރައްޔިތުން ބަސް މަޖިލީހުގައި އިއްވައިދެއްވާނެ ކަމަށެވެ.
ހަންނާނުގެ ކެންޕޭނު ހަރަކާތެއް
" ގޮނޑިއަށް ހޮވިއްޖެ ނަމަ ރައްޔިތުންނާ ވަރަށް ގާތުން އަޅުގަނޑު މަސައްކަތް ކުރާނަން. ރައްޔިތުންގެ ބަސް އަޅުގަނޑު އިއްވައިދޭނަން. ސަރުކާރާ ގުޅިގެން ސަރުކާރުގެ ޕޮލިސީތަކާ އެއްގޮތްވާ ގޮތުގެ މަތިން ދާއިރާއަށް ކޮށްދެންޖެހޭ ކަންކަން ކުރުމުގައި ފުރިހަމަ އެއްބާރުލުން ދޭނަން. އަދި އެހެން ޕާޓީތަކުން ވެސް ރައްޔިތުންގެ މަސްލަހަތުގައި، ދާއިރާގެ ކުރިއެރުމަށް ޓަކައި ކުރައްވާ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭނަން. އަޅުގަނޑުގެ ވިސްނުމަކީ ދާއިރާއަށް އުފާވެރިކަން ހޯދައިދިނުން. މާތްﷲގެ އިރާދަފުޅުން، ޔަގީނުން ވެސް ދާއިރާގެ ހުންގާނު އަޅުގަނޑާ ހަވާލުކޮށްގެނެއް ދާއިރާއަށް ދެރައެއް ނުލިބޭނެ. އެއަށް ވުރެ ދާއިރާ ދެކެ އަޅުގަނޑުވާ ލޯބި މާ ބޮޑު" ޙަންނާނުގެ ފަހު ބަސް ވިދާޅުވިއެވެ.