![](https://thulhaadhootimes.com/ads/banner_0101.jpg)
މަތިންދާ ބޯޓުގެ ވާހަކަދެއްކުމުން ތުޅާދޫގެ މިއަދުގެ ޖީލުގެ ގިނަ ބަޔަކު އެންމެ ބޮޑަށް ހަނދާން ހުންނާނީ 2013 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދު ތުޅާދޫއަށް ވަޑައިގަތުމުން ތުޅާދޫ ރައްޔިތުންގެ "ވައިގެ ބަނދަރުގައި ޖެއްސި މަތިންދާ ބޯޓު"ން ކީ ހޫނު މަރުހަބާއެވެ. ރީނދޫ ކުލައިގެ މަތިންދާބޯޓެއްގައި "އެއްބުރުން" ޝިޢާރު ޖަހާ ރައީސް ނަޝީދާއި ސިޔާސީ ބޭބޭފުޅުން އެ ބޯޓުގައި ތިއްބަވައިގެން ނެންގުވި ފޮޓޯއަކީ ތުޅާދޫ ރައްޔިތުންގެ އެދުންތައް ސިޔާސީ ވެރިންނަށް އިއްވިކަމުގެ އެންމެ ރީތި ހެތްކެވެ. އެ ދުވަހު ތުޅާދޫ ރައްޔިތުން ވެރިންގެ ކުރިމައްޗަށް ހުށަހެޅީ އެއާޕޯޓާއި ވައިގެ މަގުގެ ދަތުރުތަކަށް ތުޅާދޫ ރައްޔިތުން އެދޭ ކަމުގެ މެސެޖެވެ. މިއީ މީގެ 9 އަހަރު ކުރީގެ ހަނދާނެކެވެ. އެ ތާރީޚަށް ވުރެ މާކުރިން ވެސް މި ތަސައްވުރެގެ އޮށް ތުޅާދޫގައި އޮތީ އިންދާފައެވެ. ބޮޑުއީދުގެ މަޖަލާއި އުފަލުގެ ތެރެއިން މި ޝިޢާރާއި ޚިޔާލުވަނީ ނެރެފައެވެ.
ރައީސް ނަޝީދަށް މަރުޙަބާ ދެންނެވުމަށް ތައްޔާރުކުުރި މަތިންދާބޯޓު
ދާންޖެހެނީ މީގެ 47 އަހަރު ކުރިއަށެވެ. 70ގެ އަހަރުތަކަށެވެ. އެ އަހަރުގެ ބޮޑު ޢީދުގެ މުނާސަބާގެ ތެރެއަށެވެ. ބޮޑު ޢީދުގެ މުނާސަބާ ފާހަގަކުރަން އެ ފަހަރު ރަށުގައި ބޭއްވުނު ކުޅިވަރުތަކުގެ ތެރެއިން އެންމެ ފާހަގަކުރެވުނު އެއް ޙަރަކާތަކީ މަތިންދާ ބޯޓު ދުއްވުމެވެ. އެ ބޯޓުދުއްވި މަންޒަރު ބަލައިލަން ރަށުގެ ކުދި ބޮޑު އެންމެން ބޮޑު މަގަށް ނުކުތެވެ. ނިވިދިއްލޭ އެ ބޯޓު، ބޯ މަތިން ދުއްވި ހަދާން ގިނަ ބަޔަކު އެބަ ހުއްޓެވެ. މި ހަނދާންތައް އެންމެ ބޮޑަށް ހަރުލާފައިވާ އެކަކީ އެ މަތިންދާބޯޓު ހެދުމުގައި އެންމެ އިސްކޮށް އުޅުނު އާދަމް އިބްރާހީމް (ދިގު އާދަންބެ) ގެ ދަރިފުޅު ބ. ތުޅާދޫ ހިންމަތް، މުޙައްމަދު މާހިރު (62) އެވެ.
ދިގު އާދަންބެގެ ދަރިފުޅު- މާހިރު
" އެ ބޯޓު ހެދީ ކޮންތާކު ކަމެއް ނޭނގެ. ނަމަވެސް އެ ބޯޓު އެންމެ ފުރަތަމަ ދުއްވި ރޭގެ މަތިން ހަނދާން އެބަ ހުރި. އެރޭ ބައްޕަ އަހަރެންނަށް ގޮވާލާފައި ބުނީ ބައްޕައާއެކު މަތިންދާބޯޓު ދުއްވަން ހިނގާށޭ. ބައްޕަ މި ދަނީ މަތިންދާ ބޯޓު ދުއްވާށޭ. އެހެން ބުނުމުން ބައްޕައާއެކު އަހަރެން ދިޔައީ (ރަށުގެ ބޮޑު މަގުގައި ހުންނަ) އައްޕަތު ބަކުރު ގެއަށް. އެ ގޭތެރެއިން އެ ބޯޓު ނެރުނީ. އެ ކަމުގައި ބަކުރާއި ފަރިއަބުދު އުޅުނުހެން ހީވަނީ. އެއީ ބައްޕައާ ވަރަށް ގާތްކޮށް އުޅުނު ބައެއް. ސަގާފީ ކަންކަމުގައި ބައްޕައާ އެކު އެ ދެ މީހުން ވެސް އުޅުނު" މާހިރު ހިއްސާކުރީ މާހިރުގެ ޢުމުރުން 15 ވަރަކަށް އަހަރުގެ ހަނދާންތަކެކެވެ.
މާހިރުގެ ބައްޕަ ދިގު އާދަންބެއަކީ ރ. އުފުލަންދޫ ރައްޔިތެކެވެ. ތުޅާދޫއަށް ބަދަލުވީ މަސްވެރިއެއްގެ ގޮތުގައެވެ. ޢީސާ މޫސާ (ޢީސާބެ) ގޭގައި ދުއްވި ދޯނީގެ ކެޔޮޅުގެ ގޮތުގައެވެ. އެހެންވެ ދިގު އާދަންބެ އުޅުނީ އީސާބެ ގޭގައެވެ. އެ ގޭގައި ދިގު އާދަންބެ އުޅުނު ހަދާންތައް އާކުރަމުން އީސާބެގެ ދަރިފުޅު އިބްރާހީމް އީސާ ބުނީ ދިގު އާދަންބެއަކީ ކުޅަދާނެ ކެޔޮޅެއް ކަމަށާއި އެއީ ރަށުގައި އެ ދުވަސްވަރު ކުޅުނު ސަގާފީ ކަންކަމުގައި އިސްކޮށް އުޅުނު އެކަކު ކަމަށެވެ.
" އާދަންބެ އަކީ ހީވާގި ކޮޔޮޅެއް. ރަށުގައި ކުރާ އިޖުތިމާޢީ ކަންކަމުގައި އިސްކޮށް ބައިވެރިވި މީހެއް. ސަގާފީ ކަންކަމަށް ވަރަށް ލޯބިކުރި މީހެއް. އެގޮތުން އީދުތަކުގައި ކުޅޭ ތަފާތު ކުޅިވަރުތައް އިންތިޒާމުކުރުމުގައި ވެސް ބައިވެރިވާނެ. ކޮންމެ ވެސް އެއް އަހަރެއްގެ ޢީދުގައި އާދަންބެމެން މަތިންދާ ބޯޓެއް ހަދައިގެން ދުއްވި ހަނދާން އެބަ ހުރި. އެ ބޯޓު ދުއްވި މަންޒަރު ބަލަން މަގުމައްޗަށް ނުކުތް ހަނދާން އެބަ ވޭ. ގައިމު ވެސް އެ ބޯޓު ތިން ފޫޓަށް ވުރެ ކުޑައެއް ނުވާނެ. ފަސް ވަރަކަށް ފޫޓް ހުންނާނެހެން ހީވަނީ." އިބްރާހީމް ބުންޏެވެ.
އީދުގެ މުނާސަބާ ފާހަގަކުރަން މީގެ އެތައް އަހަރެއް ކުރިން ތުޅާދޫގައި ހެދި މަތިންދާ ބޯޓު ހެދީ ކަނދު ބޭނުންކޮށްގެންނެވެ.
"އެ ބޯޓު ހެދީ ކަނދު ބޭނުން ކޮށްގެން. ބައްޕައަކީ ކަނދު ބޭނުން ކޮށްގެން ކުދި ދޯނި ކަހަލަ އުޅަނދު ހަދާ މީހެއް. އެ ހުނަރު ބޭނުންކޮށްގެން އެ މަތިންދާބޯޓު ވެސް ހެދިހެން ހީވަނީ. ބައްޕައަކީ ސަގާފީ ކަންކަމަށް ލޯބިކުރި މީހެއް. އީދާ ދިމާކޮށް އެކަން ކުރި ކަމަށްވަނީ" މާހިރަށް ލިބިފައިވާ މަޢުލޫމާތު އޭނާ ހިއްސާކުރިއެވެ.
މަންޒަރު ދުށް ދުވަސްވީ މީހުންގެ ވާހަކަތަކުން އެ މަތިންދާބޯޓު ދުއްވީ 30 ވަރަކަށް ފޫޓު މަތިންނެވެ. ރަށުގެ 400 ވަރަކަށް ފޫޓް ދުރަށް އެ ބޯޓު ދުއްވިކަން ޔަގީން ކުރެވެއެވެ.
" ކާސިން މޫސަގެ (މޫސާ ގާސިމް، ނޫރާނީއާގެ) ބަދިގެ އިރުމަތި ކޮޅުގައި މަގު އެއް ފަރާތުގައި އޭރު ހުންނާނެ ދިގު ރުކެއް. އެ ރުކުގައި 500ގެ ކަންވާރުގެ އެއް ކޮޅު އަސާފައި އޭގެ އަނެއް ކޮޅު އެއްސީ އައްޕަތު ބަކުރުގޭ ގެވަޅު ތެރޭގައި ހުންނަ ދިގު ދުނބުރި ގަހުގައި. ވަރަށް ވާންކޮށް އެ ކަންވާރު ދަމާފައި ހުރީ." މާހިރުގެ ހަނދާންތަކާ އެއްގޮތަށް މުހައްމަދު އާދަމް (ދައްލަ މުހުނދު) ވެސް ބުންޏެވެ.
ބޯޓު ދުއްވިކަމަށް ބުނާ ސަރަހައްދު
" ބޯޓުގެ ދެ ކޮޅުގައި ދެ ބޮޅު ހަރުކޮށްފައި ހުރޭ. އެ ދެ ބޮޅު ތެރެއިން ކަންވާރު ގެންގޮސް ވަރަށް ވާންކޮށް އައްސާފައިހުރީ. ދެން ރުކުގައްޔާއި ދުނބުރި ގަހުގައި ވެސް ބޮޅެއް ހަރުކޮށްފައި ހުރި. ބޯޓުގައި ހަރުކޮށްފައިވާ ބޮޅުގައި އެއް ކަންވާރު ޖަހާ އެ ކަންވާރު ހުންނަނީ ރުކުގައި ހަރުކޮށްފައިވާ ބޮޅު ތެރެއިން ބިންމަތީ ތިބެ ދަމާލާ ގޮތް ހަދާފައި. ބޯޓުގެ އަނެއް ކޮޅުގައި ޖަހާފައިވާ ކަންވާރު ހުރީ ދުނބުރިގަހުގައި ހަރުކޮށްފައިވާ ބޮޅު ތެރެއިން ބިމުގައި ތިބެ ދަމާލެވޭ ގޮތް ހަދާފައި" މަތިންދާބޯޓު ދަތުރުކުރާ ގޮތް ހެދުމަށް ޓަކައި ބޭނުންކުރި އުކުޅު މާހިރު ހިއްސާކުރިއެވެ. މާހިރު ބުނީ އެ ބޯޓު ދެ ކޮޅަށް ވެސް ދަތުރު ކުރި ކަމަށާއި ދެކޮޅަށް ބާލާފައިވާ ކަންވާރަށް ދަމާލުމުން އެ ކޮޅަކަށް ބޯޓުގެ ދަތުރު ފަށާކަމަށެވެ.
" ބޯޓު އެންމެ ފުރަތަމަ ދުއްވީ ދުނބުރި ގަހާ ވީކޮޅަށް. އެ ގަހުގައިވާ ބޮޅުން ބާލާފައިވާ ކަންވާރަށް ދަމަނީ. އެގޮތަށް ދެމުމުން ބޯޓު މަޑުމަޑުން ދުއްވަމުން އާދޭ. ބާރަށް ދެމި ވަރަކަށް ބާރަށް އާދޭ" މާހިރުގެ ބައްޕަމެން އެތައް އަހަރެއް ކުރިން އީދު ފާހަގަކުރަން ހިންގި ހަރަކާތުން ކުރެވުނު ތަޖުރިބާ މާހިރު ކިޔައިދިނެވެ.
މާހިރު ބުނީ ބޯޓުގައި ނިވިދިއްލޭ ގޮތަށް ލައިޓް ވެސް ހަރުކޮށްފައި ހުރި ކަމަށެވެ.
"ވަރަށް ރަނގަޅަން ހަނދާން އެބަހުރި. ބޯޓުގައި ހުރީ ލައިޓްވެސް ހަރުކޮށްފައި. އަލިކަން ފެނޭ. ވަރަށް ގިނަ ބަޔަކު އެރޭ ކުޅިބަލަން ނުކުމެ ތިބި"
" މަތިންދާ ބޯޓުގައި ލައިޓްގެ ކަންކަން ކޮށްދިނުމުގައި ހަރަކާތްތެރިވެލެއްވި ތުޅާދޫ ސިލްވަރޝައިން ކުލަބްގެ މަސްޢޫލުވެރިޔާ ޒަކަރިއްޔާ ޢަލީ ބުނުއްވީ އެ ދުވަސްވަރަކީ ރަށުގައި ކަރަންޓްގެ އަލިކަން ހުރި ދުވަސްވަރެއް ނޫންކަމަށާއި ނަމަވެސް އެ މަތިންދާ ބޯޓުގައި ލައިޓް ހަރުކޮށްފައިވާނެކަމަށެވެ.
" އެ ދުވަސްވަރު، ވަރަށް ގިނައިން ފިތާ ބައްތި (ޓޯޗް ބައްތި) ގެންގުޅުނު. އެ ކަހަލަ ބައްތިއަށް ލައްވާ ބެޓެރިއާއި ބޮކި ބޭނުންކޮށްގެން އެ މަތިންދާބޯޓުގެ ލައިޓް ހެދީ. ރޭގަނޑުވުމުން ވަރަށް ރީއްޗަށް އެ ބޯޓުގެ އަލިކަން ފެންނަން ހުރޭ" ޒަކަރިއްޔާ ބުނުއްވިއެވެ.
ޒަކަރިއްޔާ ބުނުއްވީ ތުޅާދޫގައި ހެދި އެ މަތިންދާބޯޓުން އެ ދުވަސްވަރު ތުޅާދޫގައި ޢީދުގެ ފޯރި އޮތް މިންވަރު ހާމަވާކަމަށެވެ.
" އަބަދުވެސް ތުޅާދޫއަކީ ޢީދު ފޯރި ނަގާ ރަށެއް. ރައްޔިތުން ގުޅިގެން އީދުގެ ކަންކަން ކުރަމުން އައި ރަށެއް. ފަހަކަށް އައިސް އީދުފޯރި މިވަނީ ބަދަލުވެފައި. ނަމަވެސް މި އަހަރު ހުރިހާ ރައްޔިތުން ގުޅިގެން ކުލަބުތައް ވެސް ގުޅުގެން ޢީދުގެ އުފާފާޅުކުރާކަމަކީ އިހު އޮތް އެއްބައިވަންތަކަން ފެނިގެންދާނެ ކަމެއް. މިފަހަރު ކައުންސިލުން އިސްނަގައިގެން ކަންތައްތައް ކުރާކަމީ ވެސް ލިބޭ އުފަލެއް" ޒަކަރިއްޔާ ބުނުއްވިއެވެ.
އެއާޕޯޓެއް ނެތި ތުޅާދޫ މީހުން ދުއްވި މަތިންދާ ބޯޓުން އެތައް ކަމެއް އެބަ ބުނެދެއެވެ. އެ ދުވަސްވަރު ވެސް ވައިގެ އުދުހުންތަކަށް އޮތް ލޯތްބެވެ. އެފަދަ ކަންކަމަށް އޮތް ހޭލުންތެރިކަމެވެ. އަމިއްލަ އުފެއްދުންތަކާއި ހުނަރާއި ފަންނުވެރިކަމެވެ. ޢީދުފަދަ މުނާސަބާތައް ފާހަގަކުރާން އޮންނަ ފޯރިއެވެ. އެހެންވީމާ ވައިގެ މަގުން އުފަން ފަސްގަނޑަށް އައުމުގެ އުންމީދަކީ މިއަދުގެ އުންމީދެއް ނޫނެވެ. އެއީ ތުޅާދޫ ރައްޔިތުންގެ މާ ކުރީގެ ވެސް އުންމީދެކެވެ. ނަމަވެސް އެ އުންމީދު އެ ދުވަހު އޮތީ ތުޅާދޫ ރައްޔިތުންގެ ހިތްތަކުގައެވެ. މިއަދު އެ އުންމީދު ވަނީ ކަރުދާހަށް ވެސް ތިލަވެފައެވެ. 2021 ވަނަ އަހަރު ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ތުޅާދޫގައި އެއާޕޯޓު ހަދައިދޭނެ ބަޔަކު ހޯދަން އިޢުލާނުކުރީ އެ ތިލަވުމުގެ ތެރެއިންނެވެ. ދިވެހި ސަރުކާރުން 2022 އަހަރަށް ލަފާކުރި ބަޖެޓުގައި ތުޅާދޫ އެއާޕޯޓު ހެދުމަށް 21.9 މިލިއަން ޑޮލަރު ކަނޑައެޅީ ވެސް އެ ތިލަވުމުގެ ތެރެއިންނެވެ. ނަމަވެސް އެ ހުވަފެނުގައި އަދިވެސް ހަގީގީ ކުލައެއް ނުޖެހެއެވެ. ޢަމަލީ މަސައްކަތް އެ އޮތީ އަދި އެއަށްވުރެ ވެސް ފަހަތުގައެވެ.