ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ރިޕޯޓު
ތަރުބިއްޔަތު

ތަރުބިއްޔަތު – ތުޅާދޫ ސްކޫލްގެ އުފެއްދުންތެރިކަމުގެ ރަން ހަނދާނެއް

ދިވެހި ފިލްމު 'ތަރުބިއްޔަތު' ނުވަތަ އޭގެ އަސްލު ނަމުން ނަމަ ސްޓޭޖް ޑްރާމާ, 'ތަރުބިއްޔަތުގެ ނަތީޖާ' އަކީ ރާއްޖޭގައި އުފެއްދި ފިލްމުތަކުގެ އެންމެ ކުރިން ޖާގަ ހޯދާފައިވާ އެއް ފިލްމެވެ. ނުވަތަ ޓެލެޕްލޭއެވެ. އަދި އެއީ ރާއްޖޭގެ ސްކޫލު މަދަރުސާއަކުން އިސްނަގައިގެން ކުޅުނު އެންމެ ފުރަތަމަ ދިވެހި ފިލްމު ވެސް މެއެވެ. އެހެންކަމުން ތުޅާދޫ ސްކޫލަށް 85 އަހަރުވެގެން ދާއިރު އެ ކަމުގެ ތެރޭގައި މެކި އުޅުނު މީހެއްގެ ހައިސިއްޔަތުން އެ މަސައްކަތުގެ ބައެއް ހަނދާންތައް, ހަނދާންހުރި މިންވަރަކުން ތާރީޚަށް ޓަކައި ކަރުދާހަށް ދޫކޮށްލުމަކީ މުހިންމުކަމެއްކަމަށް ދެކެމެވެ.

އެއީ މީގެ 35 އަހަރު ކުރިއެވެ. 1984ވަނަ އަހަރެވެ. އަޅުގަނޑު އުޅެނީ ތުޅާދޫ ޕްރައިމަރީ ސްކޫލުގެ 5ވަނަ ކިލާހުގައެވެ. އެއީ ސްކޫލްގެ އެންމެ މަތިން ދެވަނަ ކިލާހެވެ. ހަނދާންވާގޮތުން, އެ އަހަރު ފާހަގަކުރީ ސްކޫލްގެ 49ވަނަ އަހަރީ ދުވަހެވެ. އޭރު ސްކޫލުގެ އަހަރީ ދުވަހަކީ ކޮންމެ އަހަރަކު ވެސް އަޅުގަނޑުމެންނަށް އަންނަ އެންމެ ބޮޑު ޢީދެވެ. އެ ޢީދު ފާހަގަކުރަނީ މަދަރުސާކުދީން އެކަންޏެއް ނޫނެވެ. ކުދީންގެ ބެލެނިވެރިންނާއި މުޅި ރަށުގެ ރައްޔިތުން ނުހަނު ޖޯޝާއެކު އަހަރީ ދުވަހުގެ ޙަރަކާތްތަކުގައި ޝާމިލުވެއެވެ. ކުލަކުލައިގެ ބޯކިބާތައް އެޅުމާއި މީރުހާ ޝަރުބަތުތައް ގިރުމުގައެވެ. ކުޅިވަރުތަކުގައި ފޯރިދީ ކަންކަން ފަސޭހަކޮށްދިނުމުގައެވެ. ގިނަ އަހަރުތަކެކޭ އެއްފަދައިން އެ ފަހަރު ވެސް ސްޓޭޖްޝޯއެއް ބޭއްވުނެވެ. އެ ޝޯގައި ހިމެނުނު އެންމެ ފާހަގަކުރެވޭ އެއް އައިޓަމަކީ ތަރުބިއްޔަތުގެ ނަތީޖާ ތަމްސީލެވެ. އެއީ އެތަމްސީލު ދިގުވެފައި އެ ކަމަށް ހޭދަކުރެވުނު ވަގުތުގެ ގިނަކަމުންނެވެ.

އޭރު ގިނަ ތަމްސީލުތައް ކުޅެނީ ދެ ޖިންސް ވަކިންނެވެ. ފިރިހެން ކުދިންގެ ތަމްސީލުތަކުގައި އަންހެން ރޯލުތައް ވެސް ކުޅެނީ ފިރިހެން ކުދީންނެވެ. މި ރޯލުތައް ކުޅޭ ކުދީންގެ އެންމެ ފާހަގަކުރެވޭ ކަމަކީ ހެޔޮވަރު ވަރަކަށް މޫނުގައި ހުދު ފުށް ޖަހައި މޫނު ދޮންކޮށްލުމެވެ. ގިނަ ފަހަރު ކާކުކަން ވެސް އެނގޭނީ ވަރަށް ގާތުން ބަލައިލީމައެވެ. އެ އުސޫލުން މި ތަމްސީލުގައި ޒުހުރާގެ ރޯލުކުޅުނީ ވައިމަތީގޭ މުޙަންމަދު އަޙުމަދެވެ. ޢަބްދުالله ޞާދިގާއި ޢަބްދުއްރަޝީދު ޢަބްދުއްރަޙުމާން ވަރަށް ހިތްގައިމުކޮށް ދިގު ހެދުމުގައި ދޮން މަންމައާއި މަންމަގެ ރޯލު ކުޅުނު ހަނދާންވެއެވެ. ފިރިހެން ކުދީންގެ ތަމްސީލެއް ނަމަވެސް ތަމްސީލުގެ ތީމް ލަވަ ކީ އަންހެން ކުދީންނެވެ. ތަމްސީލްގެ ރޯލްތައް ކުދީންނަށް ޙަވާލުކުރީ އޭރުގެ ގަޑިފުރާ މުދައްރިސެއް ކަމުގައިވާ ކުޑަކަތީބު އަޙުމަދު މުޙަންމަދެވެ. އަޅުގަނޑުމެން އިދާރާއަށް ހާޒިރުކޮށްފައެވެ. އެ ދުވަސްވަރު ސްކޫލުގެ މިފަދަ އަދަބީ އަދި ފާޑުވެރިކަމުގެ ގިނަ ޙަރަކާތްތަކުގައި އިސްވެ އުޅުއްވަނީ އަދި މި ތަމްސީލު ދަސްކޮށްދެއްވުމުގައި ވެސް އިސްވެ ތިއްބެވީ އަޅުގަނޑުގެ ބައްޕައާއި އަޙުމަދު މުޙަންމަދެވެ. އޭގެ އިތުރުން ސްކޫލްގެ މުޅި ޓީމު ރެއެއް ދުވާލެއްނެތި އެ ކަންކަމުގައި ވަރަށް އެހީތެރި ރޯލެއް ކުޅުއްވިއެވެ.

your imageބައްޕަ

ސްކޫލްގެ އަހަރީ ދުވަހުގެ ޙަރަކާތްތައް ކުރިޔަށް ދަނިކޮށް ސަރުކާރުގެ ވަފުދެއް ތުޅާދޫއަށް ޒިޔާރަތްކުރިއެވެ. އެ ވަފުދުގައި ހިމެނެނީ ފިޝަރީޒް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްގެ ބޭފުޅުންނެވެ. ވަފުދުގެ ވެރިއެއްގެ ގޮތުން ވަޑައިގަތީ ފިޝަރީޒް މިނިސްޓްރީގެ އިސްވެރިއެއްކަމަށްވާ އަލްފާޟިލް ނ.ތ. ޙަސަންދީދީއެވެ. ދިވެހިރާއްޖޭގެ އަޑުން އިސްވެ ހުންނެވީ ބަދުރުއްނަސީރެވެ. އަދި ޓީވީ މޯލްޑިވްސް އިން އިސްވެ ހުންނެވީ ޕްރޮޑިއުސަރ މުޙަންމަދު ރަޝީދެވެ. އެ ވަފުދުގެ ބޭނުމަކަށްވީ މަސްވެރިކަމުގެ މަޢުލޫމާތު އެއްކުރުމެވެ. ކެޔޮޅުންނާއި މަސްވެރިންނާ ބައްދަލްކޮށް އެ މީހުންގެ އިންޓަރވިއުތައް ނެގުމާއި މަސްވެރިކަން ކުރާގޮތުގެ ތަފްސީލުތައް ހޯދައި, އޭގެ އޯޑިއޯއާއި ވީޑިއޯ ނެގުމެވެ. ތުޅާދޫއަކީ އޭރު މަސްވެރިކަމުގައި ރާއްޖޭގައި އަރާހުރި ރަށެކެވެ. އޮޑިދޯނިފަހަރު ގިނަ, މަސްވެރި ރަށެކެވެ. މުރާލިކަމާއި އެކުވެރިކަމުގައި ނަމޫނާ ބައެކެވެ. ހަނދާންވާގޮތުން ވިއްސަކަށް ފަންސަވީހަކަށް މަހަށްދާ ދޯނި ތުޅާދޫގައި އޭރު އޮވެއެވެ. ބައެއް ގޭގޭގައި ތިން ހަތަރު ދޯނި ވެސް ދުއްވައެވެ.

އާންމު ގޮތެއްގައި އަހަރީ ދުވަހާ ގުޅިގެން ބާއްވާ ސްޓޭޖްޝޯ ދެތިން ރެއަކަށް ދެމިގެން ދެއެވެ. އެހެންކަމުން, ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ތަމްސީލު ބައްލަވާލެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތެވެ. އެ ބޭފުޅުންގެ ޝެޑިއުލް ހަމަޖެހިފައިވާ ގޮތުން ދުވާލު އެ ބޭފުޅުން އުޅުއްވަނީ ކަނޑުމަތީގައި މަސްވެރިންނާއެކުގަވެ. ނަމަވެސް, ބަދުރުއްނަސީރު ދުވާލު ވެސް ހުންނަވަނީ ރަށުގައި މަސްވެރީންގެ އިންޓަރވިއުތައް ރެކޯޑްކުރެއްވުމުގެ މަސައްކަތުގައި ކަމުން, ރަށުތެރޭގެ ކަންކަން ބައްލަވާލައްވައި އެކި މީހުންނާ ބައްދަލްކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވައެވެ. ނަތީޖާއަކަށްވީ އަޅުގަނޑުމެންގެ ތަމްސީލު ބެއްލެވުމަށް ފަހު އެ ތަމްސީލު ރޭޑިއޯ ޑްރާމާއެއްގެ ގޮތުގައި ރެކޯޑްކުރުމަށް ހަމަޖެހިގެން ދިއުމެވެ. ރޭޑިއޯ ތަމްސީލަކަށް ފެއްތުމަށް ތަމްސީލުގެ ސްކްރިޕްޓަށް ކުދިކުދި ބަދަލްތައް ގެންނަންޖެހުނެވެ. މީގެ ރެކޯޑިން އޮތީ ތުޅާދޫ ސްޕޯޓްސް ކްލަބުގައެވެ. އެއީ ވަފުދުގެ ބޭފުޅުން ތިއްބަވަނީ ސްޕޯޓްސް ކްލަބުގެ އިމާރާތުގައި ކަމަށްވާތީއެވެ.

ކަންދިމާކުރިގޮތުން, ތަމްސީލުގެ އެއް ލީޑް ރޯލު ކުޅޭން ދިމާވީ އަޅުގަނޑަށެވެ. އެއީ މުޙަންމަދުފުޅުގެ ރޯލެވެ. އެ ރޯލުގައި ޙަޔާތުގެ ދެ ދައުރެއް ދައްކައިދެއެވެ. އެއީ ކުޑަ ކުއްޖެއްގެ ގޮތުގައި ހުރި ދައުރާއި ބޮޑު މީހެއްގެ ގޮތުގައި ހުރި ދައުރެވެ. ރޭޑިއޯ ޑްރާމާ ރެކޯޑުކުރަމުން ދިޔަ އިރު އަޅުގަޑުގެ އަޑު ހިމަކަމުން ދައްކާ 'ހަރު' ވާހަކަތަކާ އަޅުގަނޑުގެ އަޑާ ނުގުޅޭތީ, ބަދުރުމެން ސަމާސާ ކޮށްކޮށްފައި އުޅުއްވި ހަނދާންވެއެވެ. އޭރު އަޅުގަނޑުގެ އުމުރަކީ ތޭރަސާދަ އަހަރެވެ. އެހެންކަމުން ބޮޑު މީހެއްގެ ރޯލަށް ބަލާ އިރު ހުންނަނީ މާ ތޫލި އަޑެކެވެ. ރޭޑިއޯ ޑުރާމާ ރެކޯޑްކުރަމުން ދިޔައިރު އެންމެ ފާހަގަކުރެވުނު ކަމަކީ ދެ ފަރުދާ ދޭތެރެއިން ނުވަތަ ދެ މަންޒަރު ދޭތެރެއިން ގެންނަ އެނައުންސްމަންޓް ރެކޯޑްކުރުމުގައި ދިމާވި މައްސަލައެވެ. އެއީ ސްޓޭޖް ތަމްސީލުގައި ދެ ފަރުދާ ދޭތެރޭން ގެންނަ އެނައުންސްމަންޓް ފަށަނީ 'ދެން ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނީ .... ' މިފަދައިންނެވެ. އެހެންކަމުން, ރޭޑިއޯއަށް ރެކޯޑްކުރަމުން ދިޔައިރު ދެ މަންޒަރު ދެތޭރޭން އެ ގެންނަ އެނައުންސްމަންޓް ކިޔަން ޖެހެނީ ރޭޑިއޯ ސްޓައިލަށް ބަދަލުކޮށްގެންނެވެ. ނަމަވެސް, އެނައުންސްމަންޓް ކިޔަން ހުރި ބޭފުޅަކަށް ކިޔެނީ އާދަވެ ފަރިތަވެފައިވާ ގޮތަށެވެ. ރޭޑިއޯއިން އަޑު އަހާމީހާއަށް ވެސް 'ފެންނަނީ'އެވެ. މުޅިންވެސް ކިޔެނީ 'އިވިޑައިގަންނަވާނީ' ގެ ބަދަލުގައި 'ފެނިވަޑައިގަންނަވާނީ' އެވެ. މިކަންވީ ވަރަށް ބޮޑު ކަމަކަށެވެ. އެއް ތަންކޮޅެއް އެންމެ ގިނައިން ރެކޯޑުކުރަންޖެހުނު ތަންކޮޅަކަށް ވާނީ އެ ތަނެވެ. ލިޔެފައި ބަލައިގެން ކިޔާއިރު ވެސް ހަމަ ބަދަލެއް ނުވެއެވެ.

ރޭޑިއޯ ތަމްސީލު ރެކޯޑުކޮށް ނިމުމާއެކު ވަފުދު ފުރުމުގެ ކުރިން ހުސް ރެއެއް ލިބުމުން ތަމްސީލު، ސްޓޭޖް ޑްރާމާއެއްގެ ގޮތުގައި ޓީވީއަށް ވެސް ރެކޯޑް ކުރެވުނެވެ. މިކަން ކުރީ އިތުރު ރެއެއްގައި ޝޯ ބާއްވައިގެންނެވެ. މި ކަންކަމުގެ ތެރެއިން ސްކޫލުގެ ވެރިންނާ މިވަފުދުގެ ބޭފުޅުންނާ އުފެދުނު ގާތް ރަޙުމަތްތެރިކަމެއްގެ ސަބަބުން, ޚާއްސަކޮށް އިސް މުދައްރިސް އަޙުމަދު މުޙަންމަދާ ޓީވީ ޕްރޮޑިއުސަރ މުޙަންމަދު ރަޝީދާ ދެމެދު ކުރިއްސުރެ އުފެދިފައިވާ ރަޙުމަތްތެރި ގުޅުމުގެ ސަބަބުން މި ތަމްސީލުގެ މައްޗަށް ފިލްމެއް ހެދުމުގެ މަޝްވަރާތައް ކުރެވުނެވެ. ޕްރޮޑިއުސަރ މުޙަންމަދު ރަޝީދު ވިދާޅުވިގޮތުން އެ ދެބޭފުޅުންނަކީ މާލޭގައި އެއް ކިލާހެއްގައި ކިޔަވަން އުޅުއްވި ދެ ބޭފުޅުންނެވެ. ނަތީޖާއެއްގެ ގޮތުން އަޙުމަދު މުޙަންމަދުގެ އެ ހުށަހެޅުއްވުމަށް ޓީވީގެ ޓީމުން ޖަވާބު ދެއްވީ ވަރަށް އީޖާބީ ގޮތަކަށެވެ. ވީހާއަވަހަކަށް އެ ވާހަކަ އެ ބޭފުޅުންނަށް މާލެ ފޮނުއްވައިދެއްވުމަށް ވިދާޅުވިއެވެ.  

އޭރަކީ ފޮޓޯކޮޕީގެ ޒަމާނެއް ނޫނެވެ. އެހެންކަމުން އަލުން ވާހަކަ ނަކަލުކުރުމަށް ފަހު, މާލެ ފޮނުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޓީވީގެ ޓީމު ތުޅާދޫއަށް އަތުވެއްޖެއެވެ. އެއީ އޮކްޓޫބަރ މަހުގެ ފަހު ހަފުތާގައެވެ. މިހާ އަވަހަށް މި ކަމެއް ހަމަޖެހިގެން މިއައީ އެ އަހަރުގެ ނޮވެމްބަރ 11 އަށް ދިވެހި ފިލްމެއް ހެދުމަށް ރައީސް އޮފީހުން އެންގެވުމާ ގުޅިގެން, އެ އޮތް ކުރު މުއްދަތުގައި އެފަދަ ކަމެއް ކުރެވޭނެ ހަމައެކަނި މަގަކީ މި ބޭފުޅުންނަށް ތަޖުރިބާ ކުރެއްވުނު ތަރުބިއްޔަތުގެ ނަތީޖާ ފިލްމަކަށް ހެއްދެވުންކަމަށް އެ ބޭފުޅުންނަށް ގަބޫލްކުރެއްވުމުންނެވެ. އެއީ, ޓީވީ މޯލްޑިވްސްގެ ޢުމުރުން ވެސް ވަރަށް ޅަފަތުގެ ދުވަސްވަރެވެ. އެހެންކަމުން ޓީވީގައި އޮންނަނީ އެކި ކަންކަމުގައި ބޭރަށް ނެރޭ ސޮނީ ބްރޭންޑް ( ސޮނީ ޑީއެކްސީ 1800ޕީ) ގެ އެންމެ ދެ ކެމެރާ ކަމަށް ޓީވީ ކުރޫން މަޢުލޫމާތުދެއްވިއެވެ. އޭގެތެރެއިން އެއް ކެމެރާ އަކީ އޭރުގެ ރައީސްގެ ކަންކަމަށް ޚާއްސަ ކެމެރާއެކެވެ. ވުމާއެކު, ބާކީ އޮތް ކެމެރާއާއި ޔޫމެޓް ޓޭޕްކޮޅަކާއި ދެތިން ލައިޓާ އެކު ޓީވީ ކްރޫ ތުޅާދޫއަށް އައިއިރު ތުޅާދޫގައި ކަރަންޓް ލިބެނީ ވެސް އިރުއޮއްސި ހަޔަކުން ރޭގަނޑު އެގާރައަށެވެ. އެހެން ގަޑިއެއްގައި ކަރަންޓް ބޭނުން ނަމަ ޖެހެނީ މީހުން ގެންގުޅޭ ކުދި ކުދި ޖަނަރޭޓަރު ހިންގާށެވެ. މިފަދަ ކަންކަމުގައި ސްކޫލުގެ ނާޒިރުގެ ދީލަތިކަން ވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ.

ކަން ދިމާކުރި ގޮތުން އެ ދުވަސްވަރަކީ ތުޅާދޫގައި ވަރަށް ބޮޑު އެކުވެރިކަމުގެ ރޫޙެއް ވެސް އުފެދިފައި އޮތް ދުވަސްވަރެކެވެ. އެއީ ތުޅާދޫ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅޭ ވިސްނުންތަކެއް ސްކޫލާއި ރަށު އޮފީހާއި ރަށުގެ ރައްޔިތުންގެ މެދުގައި ކޮންމެވެސް ފެންވަރެއްގައި ފާޅުކުރެވެމުން ދިޔަ ދުވަސްވަރަކަށް ވާތީކަމަށް ގަބޫލުކުރެވެއެވެ. ރައްޔިތުންގެ މަދަރުސާއެއްގެ ގޮތުގައި ތުޅާދޫ ސްކޫލު އޮތް އޮތުން, ސަރުކާރުގެ ސްކޫލަކަށް ބަދަލުކުރުމަށް ސްކޫލުގެ ޒަމާންވީ ތާރީޚުތައް ހޯދައި އެއްކުރުމަށް ދަތުރުކުރުމާއި, އަހަރީ މުނާސަބާ ފާހަގަކުރުމަށް ތަފާތު ކަންކަން ރޭވުމުގެ މަސއްކަތްތައް ފެށިގެން އައީ އެ މަސައްކަތާ ވަރަށް ކައިރި ހިސާބެއްގައެވެ. އެހެންކަމުން, ފިލްމުގެ މަސައްކަތް ކުރެވުނީ ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުންނާއި މުސްކުޅި ދަރިވަރުންނާއި މުޅި ރަށުގެ ރައްޔިތުން ގުޅިގެން, އެންމެންގެ ބައިވެރިވުމާއެކުގައެވެ.

އަޑު އިވިފައިވާ ގޮތުން ތަރުބިއްޔަތުގެ ނަތީޖާގެ ސްކްރިޕްޓް/ވާހަކަ އުފައްދާފައިވަނީ އިހުގެ ވާހަކައެއްގެ މައްޗަށެވެ. ވާހަކައިގެ ޕްލޮޓް ބިނާވެފައިވަނީ ހަރުދަނާ ބައްޕައަކަށް ދެ ބަނޑަށް ލިބުނު ދެ ދަރިންގެ ތަރުބިއްޔަތުގެ މައްޗަށެވެ. އެ ދެ ކުދީންގެ ތެރެއިން ފުރަތަމަ ދަރިފުޅުގެ މަންމައަކީ ހަރުދަނާ މީހަކަށް ވުމުން އޭނާގެ ދަރިފުޅު ރަގަޅަށް ތަރުބިއްޔަތު ކުރެވި ޒިންމާދާރު މީހަކަށް ހެދުނު ނަމަވެސް, ދެވަނައަށް ލިބުނު ދަރިފުޅަށް ރަނގަޅަށް ތަރުބިއްޔަތު ނުދެވުމުގެ ސަބަބުން ދަރިފުޅަށާއި ޢާއިލާއަށް ލިބުނު ބަދުނާމާއި ހިތްދަތިކަމުގެ މައްޗަށެވެ. ބައްޕަ ނިޔާވުމުން ކޮއްކޮގެ ކަންކަމުގައި ބޭބެ އުޅުނު ނަމަވެސް ދޮންމަންމަ އޭނާގެ ޒިންމާ އަދާކުރުމުގައި ފަރުވާކުޑަވުމުގެ ސަބަބުން ލިބުނު ދެރައާއި ހިތާމައިގެ މައްޗަށެވެ.   

ސްޓޭޖް ޑްރާމާ 'ތަރުބިއްޔަތުގެ ނަތީޖާ' 1 ގަޑި 13 މިނިޓުގެ ފިލްމަކަށް ބަދަލުވެގެން އައިރު، ނަން ބަދަލުވެފައިވަނީ 'ތަރުބިއްޔަތު' އަށެވެ. އަދި މުޅި ފިލްމުން ވެސް އެންމެ ފާހަގަކޮށްލެވުނީ އެއަށް އިތުރުކޮށްފައިވާ ހިތްގައިމު ލަވައެވެ. އެކި ރޯލުތަކަށް އެ ރޯލަކާ ގުޅޭ އުމުރުގެ ފާޑުވެރީން މުޅި ރަށުން ހޮވާލައިގެން ހަމަޖައްސާފައިވާލެއް ފުރިހަމަކަމެވެ. ރަށުގެ ބައެއް ޚާއްޞަ ސިފަތަކާއި އޭރުގެ ކަންކަން ހިމަނާލާފައިވާ ގޮތެވެ. ފިލްމުގެ އެކި ކެރެކްޓަރތަކަށް މީހުން ހަމަޖައްސާފައިވަނީ ފިލްމުގެ ޓީމުން ސްކްރީން ޓެސްޓެއް ހެދުމަށްފަހުގައެވެ. އަޅުގަނޑުމެން ހާޒިރުކޮށް ހަމަޖެހިފައިވާ ރޯލަށް ފެތޭތޯ ނުވަތަ ނޫންތޯ ނިންމަނީ މާލޭން ވަޑައިގެން ތިއްބެވި ޓީމުންނެވެ.

މި ފިލްމުގައި ދެ ލަވައެއް ހިމެނެއެވެ. އެއީ ފިލްމު ފެށޭއިރު އަންނަ ތީމް ލަވައާއި ފިލްމުގެ މެދުތެރޭން އަންނަ ލޯބީގެ ލަވައެވެ.

ޙަގީގަތުގައި މުޅި ފިލްމުގައި ވެސް އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ 5 މިނިޓް 14 ސިކުންތުގެ ލަވައަށެވެ. މަސްއޮޑި އިބްރާހިމްފުޅުގެ ހިތްގައިމު އަޑުން ވަރަށް ފުރިހަމައަށް ވިދާޅުވެފައިވާ 'އޭނީ ލޯބި ފުން ހިތަކުން...' މި ލަވައިގައި ފެނިގެން ދަނީ ފިލްމުގެ އެންމެ މުހިންމު ދެ ކެރެކްޓަރއެވެ. އެއީ އިބްރާހީމް ޢަފީފާއި ޢާއިޝަތު ޔޫސުފެވެ. 

https://www.youtube.com/watch?v=nk4edtxjHQU

އިބްރާހީމް ޢަފީފް އޭރު އުޅެމުން ދިޔައީ ސްކޫލުގެ އެންމެ މަތީ ކިލާހުގައެވެ. ޢާއިޝަތު ޔޫސުފް ގެންދެވީ ސްކޫލު ނިންމުމަށް ފަހު ޓްރޭނީ ޓީޗަރެއްގެ ގޮތުގައި ޙަރަކާތްތެރިވަމުންނެވެ. އެ ދެ ތަރިންގެ އެކްޓިން މި ލަވައިން ވަރަށް ރަނގަޅަށް ދައްކައިދެއެވެ. އަދި މުޅި ފިލްމުގައި ވެސް އެ ދެތަރިންގެ ރޯލު ފެނިގެން ގޮސްފައިވަނީ ވަރަށް ފުރިހަމައަށެވެ. ސްކޫލުގެ އިތުރު ޙަރަކާތްތަކުން އަމިއްލަ ނަފުސަށް ލިބިފައިވާ ކުޑަ މިންވަރެއްގެ އިތުބާރަކާއި އޭރު އެންމެ މަޝްހޫރު ފިލްމު 'ކާލިޔާ' ފަދަ ފިލްމުތަކުން ފެންނަ އަމީތާބުގެ ތަޅާފޮޅާ މަންޒަރުތަކުން އިންސްޕަޔަރވާ ތެޅުމުގެ ތަންތަންކޮޅު ހިތުގައި ހުރުން ފިޔަވައި އެކްޓިންގެ އެއްވެސް ތަމްރީނެއް ނެތް  އަދި މަދުންނޫނީ ޓީވީ ފިލްމެއް ވެސް ބަލައިލަން ނުލިބޭ ބަޔަކަށް މި ފެންވަރުގައި ލަވަޔަކަށް އެކްޓްކޮށްލެވުމަކީ އާދައިގެ ކަމެއް ނޫނެވެ. އިބްރާހީމް ޢަފީފަކީ އޭރު ވެސް ތަންކޮޅެއް ކްރިއޭޓިވް ކުއްޖަކަށްވާތީ ސްކޫލުކުދިންގެ ތެރެއިން އެ ރޯލަށް އެންމެ ފިޓްވާނީ އޭނާ ކަމާމެދު ދެބަސްވާނޭ އެކަކުވެސް ނުހުންނާނެއެވެ. އަދި އޭނާއަކީ ޙަގީގަތުގައި ވެސް އެކްޓިންގައި މޮޅު, ފާޑުވެރިއެއްކަން ދައްކައިދިނީ އޭނާ ފަހުން ކުޅުއްވި ޓެލެޑްރާމާތަކާއި ބައިވެރިވި ފިލްމުތަކުންނެވެ. އޭރު ޓީވީ މޯލްޑިވްސްގެ ސިގްނަލް ވެސް ތުޅާދޫއަކަށް ނުލިބެއެވެ. އެހެންކަމުން ޓީވީ ޕްރޮގްރާމްތަކަކީ އަދި ދިވެހި ފިލްމުތަކަކީ އަޅުގަނޑުމެން ދަންނަ އެއްޗެއް ނޫނެވެ.

your imageއިބްރާޙީމް ޢަފީފް

ފިލްމުގެ މަސައްކަތުގައި ޓީވީން ވަޑައިގެން ތިއްބެވީ ވަރަށް ކުޅަދާނަ ޓީމެކެވެ. ޕްރޮޑިއުސަރ ރަޝީދުގެ އިތުރުން ބުޗާ ވަޙީދާއި އިރުވައި ޢާސިފެވެ. ކެމެރާމަން މުޙަންމަދު މަނިކާއި ޓެކްނީޝަން ޙުސެން ރަޝީދާއި އަޙުމަދު ޙަލީމެވެ. އެހެންކަމުން, ފިލްމުގެ ސްކްރިޕްޓް ކުރިން ލިޔެފައި އޮތަސް ފިލްމު ސެޓްގައި މަޝްވަރާކުރުމަށް ފަހު އެ ވަގުތަކާ ގުޅޭ ގޮތަށް ކަންކަން ބަދަލުކުރެވެމުން ދިޔައެވެ. ފިލްމުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ނަގައި ނިންމަންޖެހޭތީ މަސައްކަތް ކުރެވެމުން ދިޔައީ ރޭގަނޑުވެސް ހޭލާ ތިބެގެންނެވެ. އެ ދުވަހަކު ނަގާ ވީޑިއޯއެއް އެ ރެއަކު ކުލަބުގޭގައި ތިއްބަވައިގެން ސްކޫލުގެ ނާޒިރު ޔޫސުފް މޫސާއާއި ސްކޫލު ހިންގެވުމުގައި ލަފާ ދެއްވާ ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ޙުސައިން ޢަފީފާއި ޢުސްމާން ޢަލީއާއި ޢަބްދުއްރަހީމް ޔޫސުފާއި ސްކޫލުގެ އިސްވެރީން ބައްލަވަމުން ގެންދެވިއެވެ. އަދި ރަނގަޅު ކުރަންޖެހޭ ކަމެއްވާ ނަމަ ރަނގަޅުކުރެވޭތޯ ބެއްލެވިއެވެ. އެގޮތުން ދެވަނަ ފަހަރަކަށް އަލުން ލަވަ ނަގަން ޖެހުނެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވުނު ކަމަށް ހަނދާންވަނީ ބޮޑުފިނޮޅުގެ ގޮނޑުދޮށުގައި ހިމުން ދޮންވެލީގައި, ލޯބިވެރިޔާގެ ފަހަތުން ބަތަލް ދާއިރު އޭނާގެ ފައިވާނުން އުކެމުންދާ ވެއްޔެވެ. ފައި ހިއްލާލާ ކޮންމެ ފަހަރަކު ޖައްވަށް ބުރައިގެންދާ ހިމުން ވެލިފުށްތަކެވެ. ރަތްދަކަ އަވީގައި ފިލްމު ނެގުމުގެ މަސައްކަތް ބޮޑުފިނޮޅުގެ ހިތްގައިމު ގޮނޑުދޮށާއި ފިނޮޅު މަތީ ނަގަމުން ދިޔަ އިރު މި ކަން ފާހަގަ ނުކުރެވުނީތާއެވެ. ނަމަވެސް, އާންމު އުސޫލުން އެ ދުވަހުގެ މަސައްކަތް ނިންމާލާފައި, ރޭގަނޑު ބަލައިލުމުން މި ކަންކަން މާ ބޮޑަށް ފާހަގަކުރެވުނީ ކަމަށް ގަބޫލުކުރެވެއެވެ. 

your imageތަރުބިއްޔަތުގެ ބަޠަލާ

ފިލްމުގެ އެކިއެކި މަންޒަރުތަކަށް ބަލާއިރު އެދުރުބެ ކިޔަވައިދޭން އިން މަންޒަރާއި މަގުމަތީގައި އަންހެން ކުދިން ފެންފުރަން ތިބި މަންޒަރަކީ ފިލްމުގެ ބޭރުގެ މަންޒަރުތަކަށް ބަލާއިރު ފާހަގަކޮށްލެވޭ މަންޒަރުތަކެވެ. މި ފިލްމުގައި އޭރުގެ އިނގިރޭސި ޓީޗަރ މރ. ކަމާލް ހަސަން ކުޅުއްވިރޯލާއި ރަޙުމާންބެއާއި މޫސާ ޢަބްދުاللهއާއި ޔޫސުފް އަބޫބަކުރާއި ޢާމިރާ ޢީސާއާއި އަބޫބަކުރު ޢަބްދުاللهއާއި މަރިޔަމް އަބޫބަކުރާއި އަޙުމަދު މުޙަންމަދު (ހިރިޔާ) އާއި ޢަބްދުالله ޞާދިގާއި ޔޫސުފް ޢުމަރާއި ޙުސައިން ރަޝީދު ކުޅުއްވި ރޯލުތަކަކީ ވަރަށް ފާހަގަކުރެވޭ ރޯލުތަކެކެވެ. ފިލްމުގެ ގިނަ މަންޒަރުތައް ނެގިފައިވަނީ މަންޒިލް ގައެވެ. އޭގެ އިތުރުން ގުލްބަހާރުގެއާއި ޗަނބޭލީގެއާއި މުޝްތަރީގެއާއި ހެލެނގެއްޔާއި ސްޕޯޓްސް ކްލަބާއި ސްކޫލު ފާހަގަކުރެވެއެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ އަޙުމަދު މުޙަންމަދާއި މުޙަންމަދު ރަޝީދެވެ. ވާހަކަ/ސްކްރިޕްޓް ލިޔުއްވާފައިވަނީ އިބްރާހިމް ޙުސައިންފުޅާއި ޔޫސުފް މޫސާއެވެ. ޑައިރެކްޓް ކޮށްފައިވަނީ މުޙަންމަދު ރަޝީދާއި ބުޗާ މުޙަންމަދު ވަޙީދެވެ.

މި ފިލްމު ފުރަތަމަ ޓީވީން ދައްކާފައިވަނީ 11 ނޮވެމްބަރ 1984 ގައެވެ. އެކަމަކު މޮޅުކަމަކީ ރަށަށް ޓީވީ މޯލްޑިވްސްގެ ސިގުނަލް ނުލިބޭތީ, އަޅުގަނޑުމެނަށް ފިލްމު ބަލައިލަން ލިބުނީ އެ ފިލްމު ފުރަތަމަ ދެއްކިތާ އެތައް ދުވަހެއް ފަހުންނެވެ. ވީއެޗްއެސް ޓޭޕެއްގައި ރަށަށް ފިލްމު ގެނައުމުން އޭރު ރަށުގައި ޓީވީ ދެއްކެން ހުރި ގޭގޭގައި, އެއް ގެއަކަށް ފަހު އަނެއް ގެއެއްގައި ދައްކަމުން ދިޔައެވެ. ރަށުގެ މަގުމަގުގައި ކުނާ އަޅައިގެން މަގުތަކަށް ޓީވީ ނެރެގެން ތިބެގެން ވެސް ރަށުގެ ކުދި ބޮޑު އެންމެން އުފަލުން ހެވި ތިބެގެން ފިލްމު ބަލަމުން ގެންދިޔައެވެ. މިއަދު އޭގެ 35 އަހަރު ފަހުން މިކަންކަމާމެދު ވިސްނާލާއިރު މި މަސައްކަތަކީ އޭރުގެ ތުޅާދޫގެ ޙާލަތާއި އަދި މުޅި ގައުމުގެ ޙާލަތަށް ބަލާއިރު ވެސް ވަރަށް އެކަށީގެންވާ ފެންވަރެއްގައި ކުރެވިފައިވާ އާދަޔާ ޚިލާފު މަސައްކަތެއްކަމަށް ގަބޫލުކުރެވެއެވެ. އަދި އޭރު ސްކޫލްގެ ނާޒިރު ޔޫސުފް މޫސާއާއި އިސް މުދައްރިސް އަޙުމަދު މުޙަންމަދާއި ތުޅާދޫ ވެރިންނާއި ސްކޫލުގެ މުދައްރިސުންގެ ދުރުވިސްނެވުމާއި, މުރާލިކަމާއި, ގުޅުމުގެ މަތިވެރިކަން ކިތަންމެ ރަނގަޅަކަށް ވެސް ހާމަވެއެވެ. އަދި ސްކޫލަށް ލިބޭ ކޮންމެ ރީތި ނަމެއްގައި މުޅި ރަށުގެ ރައްޔިތުން, އެ މީހަކަށް ކުރަންޖެހުނު އެއްވެސް ކަމެއްގައި ފަސްނުޖެހޭ ކަމާއި, ކުރަންޖެހުނު ހޭދައެއް ހިލޭ ސާބަހަށް ކުރަމުން ދިޔަކަން ފާހަގަކުރެވެއެވެ. އެހެންކަމުން, މި މަސައްކަތް ގުނޭނީ ތުޅާދޫ ސްކޫލުގެ އުފެއްދުންތެރި ޙަރަކާތްތަކުގެ ލިސްޓުގައި ރަން ވަނައެއް ހާޞިލުކޮށްފައިވާ ކަމެއްގެ ގޮތުގައެވެ. އަދި މިއީ މިއަދު ތުޅާދޫގެ އިޖުތިމާޢީ ތަރައްގީއަށް އޮތް 'ތަރުބިއްޔަތުގެ ފިލާވަޅެއްކަމަށް' ބެލެވޭނެ ވަރަށް ގިނަ ސަބަބުތައް ވެސް އެކުލެވޭ ކަމެއްކަމުގައި ގަބޫލުކުރެވެއެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
100%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ތުޅާ ފުޓްސަލް މުބާރާތް 2024 ގައި 13 ޓީމަކުން ބައިވެރިވެއްޖެ
1 week ago 0 Comments
ޢަބްދުއްރަޙީމް ކަތީބު: ހިސާބު އެދުރެއް، ތަފާތު ޝަޚުޞިޔަތެއް
1 week ago 1 Comments
ތުޅާދޫ ދާއިރާގެ ގޮނޑި ޙަންނާން ކާމިޔާބުކުރައްވައިފި
4 weeks ago 0 Comments
ހުންގާނު ޙަންނާނަށް : އުފާވެރިކަން ދާއިރާއަށް
1 month ago 0 Comments