
މުބާރާތް އިންތިޒާމު ކުރުމުގައި އުޅުނު ތުޅާދޫ ސިލްވަރ ޝައިން ކުލަބުގެ ޗެއަރޕާސަން ޙުސައިން ޙަސަން (ހުސޭނުބެ) ވިދާޅުވީ ތުޅާދޫ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިޔަ ވާދެމުމުގެ މުބާރާތަކީ ކާމިޔާބު މުބާރާތެއް ކަމަށާއި އެ މުބާރާތުގައި އެންމެ ކާމިޔާބު 4 ޓީމުން ދެއްކީ ވަރަށް ރީތި ނަމޫނާއެއް ކަމަށެވެ.
"ފިރިހެން ޗެންޕިއަން ޓީމުން ވަނީ އެ ޓީމަށް ލިބުނު 7000 ރުފިޔާގެ ފައިސާގެ އިނާމު ތުޅާދޫ ސްކޫލުގެ ޑްރީމް ކުލާހަށް ހަދިޔާކޮށްފައި. ހަމަ އެގޮތަށް އަންހެން ރަނަރަޕް ޓީމުން ވެސް އެ ޓީމަށް ލިބުނު 3500 ރުފިޔާ ސްކޫލުގެ ޑްރީމް ކުލާހަށް ހަދިޔާކުރި. އަނެއް ދެ ޓީމަށް ލިބުނު 10500 ރުފިޔާ ރަށުގެ ދެ ޕްރީ ސްކޫލަށް ވަނީ ހަދިޔާކޮށްފައި. މިއީ 4 ޓީމުން ދެއްވި ވަރަށް ފުރިހަމަ ނަމޫނާއެއް" ހުސޭނުބެ ވިދާޅުވިއެވެ.
ވާދެމުމުގެ އަންހެނުން ބައިން ރަނަރަޕްކަން ހޯދި ބިންމާ ޓީމު
ބޮޑު ޢީދުގެ މުނާސަބަތުގައި ޢީދު ދުވަހުގެ ރޭ ކުރިއަށް ދިޔަ ވާދަމުމުގެ މުބާރާތުގައި ފިރިހެން 4 ޓީމަކާއި އަންހެން 4 ޓީމެއް ވާދަކުރިއެވެ.
މި މުބާރާތުން ފިރިހެނުންގެ ބައިން ޗެންޕިއަންކަން ޓަގް ފޯސް ހޯދާފައިވާ އިރު ރަނަރަޕްކަން ހޯދާފައިވަނީ "ޖެހިލުންވާނެބާ" ޓީމެވެ. މި މުބާރާޓުގެ އަންހެނުންގެ ބައިން ޗެންޕިއަންކަން ހޯދާފައިވަނީ ސެލިގިޑަމް ވުމެންސްއެވެ. އަންހެނުންގެ ބައިން ރަނަރަޕްކަން ހޯދާފައިވަނީ ޓީމް ބިންމާއެވެ.
"މިއީ ތުޅާދޫ ކައުންސިލުން ފައިސާގެ އިނާމު ހުށަހަޅައިގެން ކުރިއަށް ގެންދެވުނު މުބާރާތެއް. މިކަން އިންތިޒާމުކުރުމުގައި އުޅުނީ ތުޅާދޫ ސިލްވަރ ޝައިން ކުލަބުން. އަޅުގަނޑުމެން ބޭނުންވީ އީދުގެ ފޯރި އިތުރުކޮށް ތަފާތު ކުޅިރުތައް ގިނަކޮށްލަން. މިއީ އެގޮތުން އިންތިޒާމުކުރެވުނު މުބާރާތެއް" ކައުންސިލްގެ ރައީސް އަފްރާޙް ވިދާޅުވިއެވެ.