ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ރިޕޯޓު
ދާވޫދު

ދާއޫދު ޢަބްދުއްރަޙުމާން: އާދައިގެ އެހެނަސް މޮޅު ޚިދުމަތްތެރިއެއް

އާންމުކޮށް ފެންނަނީ ހުދު ގަމީހުގައެވެ. ފިސާރި އަވަސް ހިނގުމެކެވެ. މަސައްކަތުގެ މައިދާނުގައި "ބާރު" އަޑެކެވެ. އަބަދުވެސް އުޅުއްވަނީ ރައްޔިތުންނާ ގުޅުން ހުރި ޚިދުމަތެއްގައެވެ. އޮފީހުން އަންގަވައިގެން ފޮތަކާއެކު ގެއަކަށް ވަންނަވާފާނެއެވެ. އަވައްޓެރިއެއްގެ ތެއްޔެއްގައި ވިދެއް ހުރެގެން އާނި ޖައްސަވާ ދެއްވަފާނެއެވެ. ލިބޭ ހުސްވަގުތުގައި މީހެއްގެ ބޯ ކޮށައިދެއްވަފާނެއެވެ. މިއީ ދާއޫދު ޢަބްދުއްރަޙުމާން (ކުޑަ ރަޙުމާން ދާއޫދު) ސިފަކޮށްލެވިދާނެ ގޮތެވެ. ނަމަވެސް ދާއޫދުގެ ހަގީގީ ޚިދުމަތުގެ ދުނިޔެ ސިފަކޮށްލަން އެހައި ފަސޭހައެއް ނޫނެވެ. އެ ދުނިޔެއިން ފެންނަނީ ދާއޫދުގެ ހިތުގައި އޮތް ދީނީ ލޯތްބެވެ. މަސައްކަތަށް އޮތް އިޚުލާޞްތެރިކަމާއި ތެދުވެރިކަމެވެ. ރަށަށް ޓަކައި ގުރުބާން ކުރެއްވި ހިލޭސާބަހުގެ ޚިދުމަތްތަކެވެ.

your imageދާއޫދު- ތުޅާދޫން ދިމާވި އެންމެ ފަހު ފަހަރު

ދާއޫދުގެ ޚިދުމަތުގެ ފެށުން އޭނާގެ ޒުވާން ޢުމުރާ ގުޅިފައިވާ އިރު، އެންމެ ކުޑަ އިރުއްސުރެ ވެސް ދީނީ ކަންކަމަށް ޝައުގުވެރިކަން ބެހެއްޓެވިއެވެ. މިސްކިތާ ވަރަށް ގާތް ގުޅުމެއް ބޭއްވެވިއެވެ. އެ ގުޅުމުގެ ނަތީޖާއަކީ ވަރަށް ޒުވާން ޢުމުރުގައި އިހުގެ ހުކުރު މިސްކިތުގައި އިމާމުވެ ތަރާވީސް ކުރެއްވުމެވެ. މުދިމަކު ނެތް ކޮންމެ މިސްކިތަކުން މުދިމެއްގެ ޖާގަ ފުރުއްވުމެވެ.

ތުޅާދޫ ސިލްވަރ ޝައިން ކުލަބްގެ ރައީސް އިބްރާހީމް ޢަފީފް ވިދާޅުވީ ދާއޫދަކީ ދީނީ ކަންކަމަށް އަބަދު ވެސް ވަރަށް ލޯބިކުރެއްވި ޚިދުމަތްތެރިއެއް ކަމަށެވެ.

" ދާއޫދުބެ އަބަދުވެސް ދީނީ ކަންކަމަށް ވަރަށް ލޯބިކުރެއްވި. ވަރަށް ބޮޑަށް ހަނދާންވޭ ރަށު ސްކޫލުގައި ކިޔެވި ދުވަސްވަރު އޭރުގެ ހުކުރު މިސްކިތުގައި ދާއޫދުބެ ތަރާވީސް ނަމާދު ކުރެއްވި ހަނދާން. އެއީ ވަރަށް ކުރިން. އެ ދުވަސްވަރު މޫސާ ޢުމަރު (ކުޑަސިއްތި މޫސަ) ވެސް ތަރާވީސް ނަމާދު ކުރެއްވި. ދެރޭން އެއް ރޭ ދާއޫދުބެ ކުރެއްވި. އޭރު ވެސް އަދި ފަހުން ވެސް ދާއޫދުބެއަކީ މިސްކިތަށް ލޯބި ޖެހިފައިވާ މިސްކިތުގެ އަހުލުވެރިއެއް. ވަގުތަށް ސަމާލުކަންދެއްވާ ވަރަށް ގަޔާވެގެން އެކަން ކުރެއްވި ޚިދުމަތްތެރިއެއް." އިބްރާހީމް ވިދާޅުވިއެވެ.

ކުރާ ކޮންމެ ކަމެއްގައި ވެސް ދެމި ހުންނެވުމަކީ ދާއޫދުގެ ޚާއްޞަ ސިފައެކެވެ. އެ ކަމަކަށް ފަރުވާތެރިވެލެއްވުމާއި ވެރިން އަންގަވާ ގޮތަށް އެކަން ކުރެއްވުމަކީ ދާއޫދުގެ ތަބީޢަތެވެ. އޭގެ ނަތީޖާއަކީ ކުރައްވަން ޖެހިލެއްވި ކޮންމެ ކަމެއް ކުރައްވަމުން 40 އަހަރަށް ވުރެ ގިނަ އަހަރު ސަރުކާރަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނެވުމެވެ. ބައެއް ފަހަރު އޮފީހުގެ ޚިދުމަތްތަކުގައެވެ. އަނެއްބައި ފަހަރު ސްކޫލުގެ ޚިދުމަތްތަކުގައެވެ. އެންމެ ގިނަ ދުވަހުގެ ޚިދުމަތްކުރެއްވީ ކޯޓުގައެވެ. ކުރެއްވީ އެންމެ އާދައިގެ މަސައްކަތްތަކެވެ. ނަމަވެސް ފިސާރި ފަރުވާތެރިކަމާއެކުއެވެ.

ތުޅާދޫ ކައުންސިލްގެ ކުރީގެ ރައީސް އަޙުމަދު ރަޝީދު ވިދާޅުވީ ދާއޫދަކީ އަބަދުވެސް ހިލޭ ސާބަހަށް ވަރަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރެއްވި ނަމޫނާ ބޭފުޅެއްކަމަށެވެ.

" ދާއޫދަކީ ހަމަ ނަމޫނާ ޚިދުމަތްތެރިއެއް. ކިތަންމެ އާދައިގެ ވަޒީފާއެއް އަދާކުރެއްވި ނަމަވެސް ދާއޫދު އެ ވަޒީފާ އަދާކުރެއްވީ ވަރަށް ފަރުވާތެރިކަމާއެކު ވަރަށް ގަޔާވެގެން. އެންމެ ކުރީއްސުރެ ވެސް ދާއޫދު ފާހަގަކުރެވުނީ ހިލޭސާބަހަށް ޚިދުމަތްކުރެއްވިކަން. ރަށުގެ ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ދާއޫދުގެ އެ ޚިދުމަތް ފާހަގަ ކުރެއްވިގެން ސަރުކާރުގެ ނިޒާމުގެ ތެރެއަށް ދާއޫދު ވެއްދުމުގެ މަސައްކަތް ކުރެއްވި. އޭގެ ނަތީޖާއަކީ ރަސްމީ ސިފައެއްގައި މަސައްކަތްކުރެއްވުމުގެ ފުރުޞަތު ދާއޫދަށް ފަހިވެލެއްވުން.  އެ ދުވަހުން ފެށިގެން ޚިދުމަތްކުރައްވަން ފަށްޓަވައި އެ ޚިދުމަތުން މުސްކުޅިކުރައްވަންދެން ވަޒީފާގައި ދެމިހުންނެވި. 40 އަހަރަށް ވުރެ ގިނަ ދުވަހު މި ރަށަށް ޚިދުމަތްކުރެއްވެވި" ދާއޫދުގެ ޚިދުމަތާމެދު އަޙުމަދު ރަޝީދު ވިދާޅުވިއެވެ.

ދާއޫދުގެ ހިލޭ ސާބަހުގެ ޚިދުމަތްތަކުގެ ލިސްޓު ދިގެވެ. އެއްވެސް އަގަކާ ނުލައި ކޮށްދެއްވި ކަންކަން ގިނައެވެ. އިޖުތިމާޢީ ޚިދުމަތެއްގެ ގޮތުގައި ކޮށްދެއްވި ކަންކަން އެތައް ބަޔެއްގެ ހަނދާންނާ މިއަދު ވެސް އެބަ ކުޅެއެވެ.

" ދާއޫދުބެއަކީ ކަށުކަމާކެމީގެ ކަންކަމުގައި އިސްވެ އުޅުއްވި ބޭފުޅެއް. ވަރަށް ގިނަ މީހުން ހިނެއުމުގައި އެހީތެރިވެދެއްވި ޚިދުމަތްތެރިއެއް. އެއީ ވަރަށް ބޮޑަށް ސަމާލުކަން ދެއްވި ކަމެއް. އަޅުގަނޑުމެން ހަނދާން ހުންނަން ފެށީއްސުރެ ވެސް އެ ޚިދުމަތުގައި ދެމި ހުންނެވި. ސަރުކާރުން އެ ކަމަށް ވަކި ބަޔަކު ކަނޑަނާޅާއިރު ދާއޫދުބެގެ އެ ޚިދުމަތް އޮތީ ލިބިލިބި. އެއީ ވަރަށް ގަޔާވެގެން ކުރެއްވި ކަމެއް" ދާއޫދާ ގާތް ގުޅުމެއް ބޭއްވެވި އަދި ތުޅާދޫ އޮފީގައި ދާއޫދާއެކު ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރެއްވި މުޙައްމަދު ޢަބްދުއްރަޙުމާން ވިދާޅުވިއެވެ.

ދާއޫދަކީ ތަފާތު ފަންނީ މަސައްކަތްތަކުގެ ހުނަރުވެރިއެކެވެ. ގެވެހި މަސައްކަތްތަކަށް ބޭނުންވާ ކަންކަން ކޮށްދެއްވި ޚިދުމަތްތެރިއެކެވެ. ދާއޫދު، އެންމެ ގާތް ގުޅުމެއް ބޭއްވެވި މުރަނގަމާގޭ ފާތުމަތު ވާފިރާ ބުނީ ދާއޫދަކީ އަވައްޓެރީންގެ ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ. ވާފިރާ ގަބޫލުކުރާ ގޮތުގައި އަމިއްލަ ދިރިއުޅުމެއް ފަށްޓަވާފައި ނުވާ ދާއޫދުގެ މުޅި ދިރިއުޅުން ގުރުބާންކުރެއްވީ ތުޅާދޫއަށް ޚިދުމަތްކުރެއްވުމުގައެވެ. އެކި މީސްމީހުންގެ މުހުތާދުތައް ފިލުވައިދެއްވުމުގައެވެ.

" އަބަދުވެސް ކޮންމެވެސް ގެއަކުން ގެނެސްފައި ހުރި އެއްޗެއް ހަދައިދިނުމުގެ މަސައްކަތް ދާއޫދުބެ ކުރާނެ. އަވައްޓެރިއަކު ގެނެސްފައި ހުރި ތެއްޔެއް ނުވަތަ ތަށްޓެއް މަރާމާތުކޮށް ދިނުމުގައި އުޅެފާނެ. ލޯތަށި ފަދަ ތަކެތީގެ ވިދު ބައްދައިދީ އާނިޖަހައިދިނުމުގެ ޚިދުމަތްދީފާނެ. ދާނި އުނބު ހެދުމުގައި އުޅެފާނެ. ކުޑައެއް ކަހަލަ އެއްޗެއް މަރާމާތު ކޮށްލަދިނުމުގައި ވަގުތު ހޭދަކޮށްފާނެ. މިކަހަލަ ކަންކަން ވަރަށް ގިނަ ބަޔަކަށް ކޮށްދިން. އެކަމަށް ބޭނުންވާ ސާމަނު އަބަދުވެސް ގެންގުޅޭނެ" ވާފިރާ އޮޅުންފިލުވައިދިނެވެ.

" ބޯކޮށުމުގެ ޚިދުމަތަށް ބެލިނަމަވެސް އެކަން ކުރެއްވީ އަގަކަށެއް ނޫން. އެއީ ވެސް ހިލޭ ސާބަހުގެ މަސައްކަތެއް. މި ބުނަނީ މީހަކު ހަދިޔާއެއް ދީފި ނަމަ ނުހިފާ ވާހަކައެއް ނޫން. ރަށުގެ ވަރަށް ގިނަ ބަޔަކު ކުރިން ބޯކޮށާ އުޅުނީ ދާއޫދުބެގެ ގާތުން. ސްކޫލުގެ ވަރަށް ގިނަ ކުދީން އެކަން ކުރީ ދާއޫދުބެގެ އެހީތެރިކާމާއެކު. އޭގެ އިތުރަށް ބައްޕަ ކުރިއަށް ގެންދިޔަ ވިޔަފާރި "މުރަނގަމާ ސްޓޯރު" ހިންގުމުގައި ވެސް ދާއޫދުބެ މުހިންމު ދައުރެއް އަދާކުރި." ވާފިރާ ފާހަގަކުރެއްވީ ދާއޫދުގެ ބައެއް ޚިދުމަތްތަކެވެ.

ދާއޫދުގެ ޚިދުމަތް މިއަދު ތުޅާދޫއާ ވަކިވެއްޖެއެވެ. އެ މަސައްކަތްތެރި އަތާއި އެ އިޚުލާސްތެރި ހިތާއި އެ ޖިސްމު އެ ވަނީ ފަނާވަނިވި ފަސްގަނޑުގެ ދަށުގައެވެ. ވިސްނާ ކޮންމެ މީހަކަށް އެ ހަޔާތުން އެތައް ޢިބްރަތެއް އެބަ ލިބެއެވެ.

ދާއޫދުގެ ރަސްމީ ވަޒީފާއަކީ ވަރަށް އާދައިގެ ވަޒީފާއެކެވެ. ނަމަވެސް އެ ވަޒީފާއަށް ތެދުވެރިކަމާއި އިޚުލާސްތެރިކަން އަދާކުރެއްވި ގޮތް ނަމޫނާއަކަށް ފުދެއެވެ. އެ ޚިދުމަތުގެ މޮޅުކަން ބައްލަވާށެވެ! ދާއޫދުގެ އަމިއްލަ ވަގުތުތައް ހުސްކުރެއްވީ ހިލޭސާބަހުގެ މަސައްކަތްތަކަށެވެ. ހިނެވުމާއި ކަށުކަމާކެމީގެ ކަންކަމަށެވެ. މިސްކިތްތަކަށް ޚިދުމަތް ކުރެއްވުމުގައެވެ. ގޭތެރެއަށް ބޭނުންވާނެ "އަތްގާތް" ކޮށްދެއްވުމުގައެވެ. އަނެކާއަށާއި އަވައްޓެރީންނަށް އެހީތެރިވެލެއްވުމުގައެވެ. މިއީ ހައްތަހާ ވެސް ޢިބުރަތްތަކެވެ. އަޅުކަމަށް އެ ދެއްވެވި ސަމާލުކަމާއި ޝައުގުވެރިކަން ވެސް ހަމަ އެފަދައެވެ.

your imageރައީސް ނަޝީދާ، ދާވޫދު ސަލާންކުރައްވަނީ 



ދާއޫދުގެ ހަޔާތުގެ ފަހު ޞަފުޙާ މި ދުނިޔޭގައި ލިޔެވުނު އިރު އޭނާ އިންތިޒާރު ކުރެއްވި ކަމެއް އެބަ އޮތެވެ. އެއީ ކީރިތި ޤުރުއާން އަޅާފައިވާ ފޯނެއް ހޯދައި އޭގެ ބޭނުން ކުރެއްވުމެވެ. ނަމަވެސް ތަގުދީރުން އެ ފުރުޞަތު ދާއޫދަކަށް ލިބިއެއް ނުލެއްވިއެވެ. އެ ފޯނު ލިބިލެއްވުމުގެ ކުރީން ދާއޫދު އެ ވަނީ އަޅުގަނޑުމެންނާ ވަކިވެލައްވާފައެވެ. އެންމެ ފަހު ވަގުތު ވެސް ދީނީ ކަންކަމާއި ގުރުއާނަށް ބެހެއްޓެވި ޝައުގުވެރިކަން ހާމަކޮށްދެއްވާފައެވެ. ސުވަރުގޭގެ ދާއިމީ ނިޢުމަތް ދާއޫދުގެ ފުރާނައަށް މިންވަރު ކުރައްވާށި. އާމީން. 

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ތުޅާ ފުޓްސަލް މުބާރާތް 2024 ގައި 13 ޓީމަކުން ބައިވެރިވެއްޖެ
1 week ago 0 Comments
ޢަބްދުއްރަޙީމް ކަތީބު: ހިސާބު އެދުރެއް، ތަފާތު ޝަޚުޞިޔަތެއް
1 week ago 1 Comments
ތުޅާދޫ ދާއިރާގެ ގޮނޑި ޙަންނާން ކާމިޔާބުކުރައްވައިފި
4 weeks ago 0 Comments
ހުންގާނު ޙަންނާނަށް : އުފާވެރިކަން ދާއިރާއަށް
1 month ago 0 Comments