
މިއަދު ހެދުނު 9 ޖެހިއިރު ތުޅާދޫ މަލްޓިޕާޕަސް ހޯލުގައި ބޭއްވުނު ހުވާކުރުމުގެ ދަރުބާރުގައި މެންބަރުންނަށް ހުވާލައިދެއްވީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް އިސްމާޢީލް މާހިރެވެ. 5ވަނަ ދައުރަށް ހޮވިވަޑައިގެންނެވި ކައުންސިލަރުން ހުވާކުރެއްވުމަށް ފަހު ކައުންސިލް މެންބަރުންގެ އިގުރާރުގައި ސޮއިކުރެއްވިއެވެ.
ތުޅާދޫ ކައުންސިލްގެ 5ވަނަ ދައުރަށް ރައީސްކަމަށް ހޮވިވަޑައިގެންނެވީ 602 ވޯޓު ލިބިވަޑައިގެންނެވި އާރު، އަޙްމަދު އަފްރާޙެވެ. ކައުންސިލް މެންބަރުންގެ ގޮތުގައި ހޮވިވަޑައިގެންނެވި މެންބަރުންނަކީ 688 ވޯޓު ލިބިވަޑައިގެންނެވި މޫރިތި، ޝިހާބް ޢަލީއާއި 705 ވޯޓް ލިބިވަޑައިގެން އަމިއްލަ ގޮތުން ހޮވިވަޑައިގެންނެވި ތަރަހަ، ޝިފްނާ ރަޝާދާއި 569 ވޯޓު ލިބިވަޑައިގެން އަމިއްލަ ގޮތުން ހޮވިވަޑައިގެންނެވި މާހަލު، ސާޖިދާ ޢަބްދުއްރަހްމާނާއި 512 ވޯޓް ލިބިވަޑައިގެން ޕީޕަލް ނެޝަނަލް ކޮންގްރެސްގެ ޓިކެޓްގައި ކައުންސިލަށް ހޮވިވަޑައިގެންނެވި ދެރަހަ، ޔާސިރު މުޙައްމަދެވެ. މި އަދުގެ ދަރުބާރުގައި ތުޅާދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން އިގުރާރުގައި ސޮއިކުރެއްވުން ވެސް އޮތެވެ.
މިއަދުގެ ދަރުބާރުގައި ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި އިރު ތުޅާދޫ ކައުންސިލްގެ 4ވަނަ ދައުރުގެ ކައުންސިލަރުންނާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރައްވާ ކޮމެޓީގެ މެންބަރުން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި ތުޅާދޫގެ އެކި މުއައްސަސާތަކުގެ ވެރީން ވެސް ބައިވެރިވަޑައިގަތެވެ.