ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ރިޕޯޓު

ކުޑަ އުސްމާނުގެ ގަދަ ހިތްވަރުން ހޯދި ބޮޑު ކުރިއެރުން

އެއީ އުމުރުން އެންމެ 10އަހަރުގައި ކަނބުރު މަސައްކަތް ކުރަން ފެށި ކަނބުރުވެރިއެކެވެ. ސާދަފަނަރަ އަހަރުގައި މަހަށްދާން މަސްދޯންޏަށް އެރި މަސްވެރިއެކެވެ. އެންމެ ޒުވާން އުމުރުގައި މުޅި ރަށުން ވެސް ފާހަގަކޮށްލެވުނު މޮޅު އެންކެޔޮޅެކެވެ. އެންފަޅުގެ އޮއިވަރާއި ވައިވަރު އެނގިގެން އެންދަމައި އުޅުނު އެ ކަމުގެ ފާޑުވެރިއެކެވެ. ތިލަ ބަދިތަކާއި ގިރި ފަރުތަކާއި ނޫވިލުތަކާއި ފުން ހާހަލާއި ކަނޑުއޮޅިތަކުގައި ވެސް ބިރެއްނެތި ނިކަން ފުނަށް ފީނައި އުޅުނު ކަނޑުފަޅުގެ އަހުލުވެރިއެކެވެ. އެ ތަންތަނުގައި އުޅޭ އެންމަހާއި ވެހިމަހާއި ފަރުމަހުގެ މައުލޫމަތު ލިބިހުރި ފަދައިން މަސްކަނޑުތަކުގައި މަސްއައިން ދަތުރުކުރާ ގޮތް ދެނެހުރެ މަސްއައިނާއި މަސްދޯންޏާ ގާތްކޮށްދީ އުޅުނު މަސްކެޔޮޅެކެވެ. އެންވެރިކަމާއި މަސްވެރިކަމަށް ކުޅާދާނަވީ ފަދައިން މިޔަރުމަސްވެރިކަމާއި ފަރުމަސްވެރިކަމުގެ ވެސް ހުނަރުވެރިއެކެވެ. ގަދަ އޮޔާއިވައިގެ ތެރޭގައި ކަޅު އަނދިރި ވިއްސާރަ ރޭތަކުގައި އިތުބާރާ އެކު ދަތުރުފަތުރުކޮށް އުޅުނު މޮޅު މާލިމީއެކެވެ. އެއީ، ބ. ތުޅާދޫ ސީވީޑް އުޘްމާނު ޢަލީއެވެ. ރަށު މީހުންގެ ބަހުން ނަމަ ކުޑަ އުސްމާނު ނުވަތަ ކައްޕި އުސްމާނެވެ.

1955ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހު އުފަންވެވަޑައިގެންނެވި ކުޑަ އުސްމާނަކީ، ބ. ތުޅާދޫ ދިލާވަރުގޭ އަލީ އަބޫބަކުރާއި ޒުލައިޚާ އިސްމާޢީލްގެ ދުނިޔޭގައި ތިއްބެވި ކުދީންގެ ތެރެއިން ދެވަނަ ދަރިފުޅެވެ. ކުޑަ އުސްމާނުގެ އަނބިކަބަލުން ފާޠިމަތު އަބޫބަކުރަކީ ބ. ތުޅާދޫ ބަށިގަސްދޮށޫގޭ މަރިޔަމް މުޙައްމަދާއި އަބޫބަކުރު އިދުރީސްގެ ދެވަނަ ދަރިފުޅެވެ.

your imageކުޑަ އުސްމާނާއި އޭނާގެ އަނބިކަނބަލުން ފާތުމަތު އަބޫބަކުރު 

ކުޑަ އުސްމާނުގެ ތައުލީމީ ހަޔާތް ހޭދަކުރެއްވީ އުފަން ރަށް ބ.ތުޅާދޫ ސްކޫލުގައެވެ. އޭރު އުސްމާނާ އެކު ތުޅާދޫގައި ކިޔެވި ދަރިވަރުންގެ ތެރެއިން އެންމެ ގިނަ ވަގުތު އުޅުއްވި ކުދީންގެ ތެރެއިން އެއް ބޭފުޅަކީ ކުޑަ އުސްމާނުގެ އާއިލީ ބޭފުޅެއް ކަމުގައިވާ ތުޅާދޫ އާޒާދު، އަބޫބަކު ޙުސައިނެވެ.

"އަޅުގަނޑާއި އުސްމާނަކީ އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހުން. އެއީ ސައިބެ އާއިލާ. އަޅުގަނޑުމެންގެ ގެ (ގުލްދަސްތާގެ) އާއި ކުޑަ އުސްމާނުމެންގެ ގެ (ދިލާވަރުގެ) ހުންނާނީ ޖެހިޖެހިގެން. އެހެންވެ އެންމެ ކުޑައިރު އުޅެވުނީ ވަރަށް އެކުއެކީގައި. އަޅުގަނޑަށް ވުރެ ކުޑައުސްމާނު ކުޑަވީމާ، އަޅުގަނޑު ސްކޫލަށް ވެއްދީ ކުޑަ އުސްމާނަށްވުރެ ކުރިން. އެހެންވެ އެންމެ ފުރަތަމަ ސްކޫލުގައި ދެ މީހުން އުޅުނީ ދެ ކުލާހުގައި ކަމަށް ވިޔަސް އަބަދުވެސް އުޅެނީ ވަރަށް އެއްކޮށް" ބ. ތުޅާދޫ އާޒާދު އަބޫބަކުރު ޙުސައިން ވިދާޅުވިއެވެ.

ކުޑަ އުސްމާނަކީ ވަރަށް ޅައުމުރުގައި މަސްދޯންޏަށް އެރުއްވި މަސްވެރިއެކެވެ. އުމުރުން 15 އަހަރު ފުރުމުގެ ކުރިން މަހަށްދާން ފެއްޓެވިކަމަށް އުސްމާނުގެ ގާތް ރައްޓެހިން މައުލޫމާތު ދެއެވެ.

"އުސްމާނަށް ވުރެ ކުރިން އަޅުގަނޑު މަހަށްދާން ފަށައިފިން. އެކަމަކު ހަމަ އެދުވަސްކޮޅު އުސްމާނު ވެސް މަހަށް ދާން ފަށައިފި. އަޅުގަނޑާއި ކުޑައުސްމާނާ ބޮޑު އުސްމާނުބެގޭ ސައްތާރާ ތިން މީހުން އެއްކޮށް އެއް ދޯނިން އޭރު މަހަށްދަނީ" ތުޅާދޫ އާޒާދު، އަބޫބަކުރު ޙުސައިން (ކުރުބެ ބަކުރު) ވިދާޅުވިއެވެ. 

your imageކުޑަ އުސްމާނު އޭނާގެ މަންމާއެކު

ކުޑައުސްމާނާ އެކު ވަރަށް ގިނަ ދުވަހު މަސްވެރިކަން ކޮށް އުޅުއްވި ޙުސައިން ޢަބްދުﷲ ވިދާޅުވި ގޮތުގައި ވެސް ކުޑަ އުސްމާނު ވަރަށް ކުޑައިރު މަހަށްދާން ފަށްޓަވައިފިއެވެ.

"އަޅުގަނޑަށްވުރެ އުސްމާނު ދެ އަހަރު ދޮށިވާނެ. އެކަމަކު އުސްމާނު ސްކޫލުން ކެނޑުނު އިރު އުޅެނީ އަޅުގަނޑާ އެކު އެއް ކްލާހެއްގައި. އުސްމާނު ސްކޫލުން ވަކިވީ ވެސް އަޅުގަނޑަށްވުރެ ދެ އަހަރެއްވަރު ކުރިން. 1969 ނިމުނުތަނުން ކުޑަ އުސްމާނު މަހަށްދާން ފަށައިފި. ފުރަތަމަ މަހަށް ދިޔައީ ރިޔަލުގައި. އެންމެ ފުރަތަމަ އުސްމާނު މަހަށް ދިޔައީ އެ މީހުންގެ ޢާއިލާގެ ދޯންޏަކުން. އޭގެ ފަހުން އުސްމާނު މަހަށް ދިޔައީ އުސްމާނު ބައްޕަ ސައިބެ އަލީ ދުއްވި ހިތާދޫ ބޮޑު ބާގިރުގެ ރިޔަލު ދޯނިން. އަޅުގަނޑު ފުރަތަމަ މަހަށްދާން ފެށީ 1971 ވަނަ އަހަރު. އޭރު އަޅުގަނޑު މަހަށް ދިޔައީ ހަމީދާގޭ އަލިތަރި ދޯނިން. އެ ދޯނިން ފުރަތަމަ މަށްދާފެށީ ޅިޔަންބެ ދާއުދު އިބްރާހީމާ އެކު. އެކަމަކު އޭގެ ފަހުން މަހަށް ދިޔައީ ކުޑަ އުސްމާނުގެ ރަށްޓެހިކަމުގައި އެގޭ ދޯނިން. އޭރު އެ ދޮނީގައި އެން އުކާނީ ކުޑައުސްމާނު" ކުޑަ އުސްމާނާ އެކު ވަރަށް ގިނަ ދުވަހު މަސްވެރިކަމުގައި އުޅުއްވި ތުޅާދޫ މުރަކަ ޙުސައިން އަބްދުﷲ ވިދާޅުވިއެވެ.

ކުޑައުސްމާނުގެ ބައްޕަ ޢަލީ އަބޫބަކުރު (ސައިބެ އަލީ)ގެ ގޭގައި ދުއްވި ހުރިހައި ދޯންޏެއްގައި ވެސް އުސްމާނަކީ ބަސްވިކޭ އެ ދޯނިފަހަރުގެ ނަގާކިޔާ ކެޔޮޅެކެވެ.

"ކުޑައުސްމާނުގެ މައިންބަފައިންގެ ގޭގައި ދުއްވި ކޮންމެ ދޯންޏެއް ދުއްވި އިރު ވެސް އުސްމާނަކީ އެ ދޯނިފަހަރުގެ އެންމެ ބަސްވިކޭ ފަރާތް. އުސްމާނުގެ ބޭބެ، ޢަބުދުއްރަހީމަކީ ހުންގާނު ހިފައިގެން މަހަށް ދިޔަ އިސް ކެޔޮޅު ނަމަވެސް ދޯނީގައި ވިކޭނީ އުސްމާނުގެ ބަސް. އުސްމާނު ނުބުނާ ގޮތަކަށް ޢަބުދުއްރަޙީމު ވެސް އެއްވެސް ކަމެއް ނުކުރާނެ. އެހެން އެވަނީ، ކުޑަ އުސްމާނަކީ ދޯނިމައްޗަށް ވެސް އެންފަޅަށް ވެސް ކަނޑުމައްޗަށް ވެސް ވަރަށް ގަދަ އަދި މަސްވެރިކަމާ ގުޅޭ ކޮންމެ ކަމެއްގެ ވެސް ވައްޓަފާޅި ހުރި ފާޑުވެރިޔަކަށް ވެފައި، ދޯނީގެ އެންމެން ވެސް އުސްމާނުގެ ބަސް ގަބޫލުކުރާތީ" ހުސައިން ޢަބުދުﷲ ވިދާޅުވިއެވެ.

your imageކުޑަ އުސްމާނު ދޯންޏެއްގައި ހުންގާނުގައި. އެއީ ކުޅަދާނަ ކައްޕިއެއް 

ކުޑަ އުސްމާނު ފާހަގަކުރެވެނީ ކުރައްވާ ކޮންމެ ކަމެއް ވަރަށް ގަޔާވެގެން ކުރެއްވި ފަރާތެއްގެ ގޮތުގައެވެ. ކަމަކަށް ކަމެއް ކުރެއްވުމުގެ ބަދަލުގައި ކޮންމެ ކަމެއް ވެސް ކުރެއްވީ ކަމަށް ކަމޭހިއްތަވައިގެންނެވެ. ކޮންމެ ކަމެއް ވެސް ކުރެއްވީ އެކަމުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވަޑައިގެން ހުންނަވައިގެންނެވެ. ވަކިން ޚާއްޞަކޮށް މަސްވެރިކަމުގެ ތެރެއިން އެ ފަދަކަންކަން ފާހަގަކުރެވެއެވެ.

"މަސްވެރިކަމާ ގުޅިފައިވާ ވަރަށް ގިނަ ހަނދާންތައް އެބަހުރި. އޭގެ ތެރެއިން ވެސް އަބަދު ވެސް ހަނދާނުގައި ހުންނަ އެއްދުވަސް ފާހަގަކޮށްލާނަން. ވަރަށް ވިއްސާރަދުވަހެއް އެއީ. އެންދަމަން ވެގެން އެންފަޅުގެ ތެރޭގައި އުޅެނިކޮށް ވަރަށް ބޯކޮށް އެންގަނޑެއް ފެނިއްޖެ. އޭރު އުސްމާނު ވެސް ހުރީ ވިއްސާރަކޯޓް ލައިގެން. އެންގަނޑު ހަމަ ފެންނައިރަށް ލައިގެން ހުރި ވިއްސާރަކޯޓާ އެކު އެންގަނޑު ތެރެއަށް އުސްމާނު ފުންމާލައިފި.  ސައްތާރާ އަޅުގަނޑާ އެންމެން އެއްކޮށް އޭރު މަހަށް ދަނީ. އެ ވަގުތު އަޅުގަނޑުމެން ގާތަށް ވަރަށް ހިނިއައި. އެހައިވެސް އުސްމާނު އެ ކަންކަމުގައި  ފޯރި ހުންނާނެ" އުސްމާނާއެކު އެއްދޯނީގައި މަސްވެރިކަން ކޮށް އުޅުއްވި ނައީމު އިބްރާހީމް ވިދާޅުވިއެވެ.

ކަނޑުމަސްވެރިކަމުގައި ތުޅާދޫގައި ނަންހިނގާ ކުޑަ އުސްމާނަކީ ފަރުމަސްވެރިކަމާއި މިޔަރު މަސްވެރިކަމުގައި ވެސް ވަރަށް ފާހަގަކޮށްލެވޭ ފަރާތެކެވެ. އުސްމާނުގެ ދޮށީ ދެ ފިރހެން ކުދީން ވެސް ފާހަގަކުރައްވާ ގޮތުގައި އެ ކުދީންގެ ބައްޕަ، ކުޅަދާނައީ ކަނޑުމަހުގެ މަސްވެރިކަމަކަށް އެކަންޏެއް ނޫނެވެ.

"އަޅުގަނޑު ބައްޕައަކީ ފަރުމަސްވެރިކަމަށް ވެސް މިޔަރު މަސްވެރިކަމަށް ވެސް ވަރަށް ކުޅާދާނަ މީހެއް. ސްކޫލުގައި އުޅެމުން ބައެއް ފަހަރު ބައްޕައާ އެކު އެ ފަދަ ދަތުރުތަކުގައި ބައިވެރި ވެވުނު. ހަމަ ލޮލަށް ފެނި އެ ކަންކަން އަމިއްލައަށް ތަޖުރިބާ ކުރަން ފުރުޞަތު ލިބުނު. އެ ފަދަ ދަތުރުތަކުން ބައްޕަގެ ކުޅަދާނަކަން ވަނީ ފެނިފައި" ކުޑަ އުސްމާނުގެ ދޮށީ ފިރިހެން ދަރިފުޅު މުޙައްމަދު ރިޔާލް ވިދާޅުވިއެވެ.

ކުޑަ އުސްމާނުގެ މައިންބަފައިންގެ ދޯނިފަހަރު ދުއްވުން، މުޅިން ހުއްޓާލުމުގެ ކުރިން ވަނީ ކުޑައުސްމާނުގެ އަމިއްލަ ދޯނިފަހަރު ދުއްވަން ފަށްޓަވާފައެވެ.

"އަޅުގަނޑު އެންމެ ކުޑައިރު ބައްޕަ މަހަށް ދާނީ ކާފަގެ ދޯނިންހެން ހީވަނީ. އެކަމަކު އެ ކަންކަން ރަނގަޅަށް ހަނދާންވާން ފެށިތާ މާ ގިނަ ދުވަހެއް ނުވެ ބައްޕަ އަމިއްލައަށް ދޯންޏެއް ހޯދައިގެން ދުއްވަން ފެށި. އޭރު ވެސް އުޅޭނީ ސީވީޑް ގޭގަ. އޭރު ހުންނާނީ ވަރަށް ކުޑަކުޑަ ގެއެއް. ބައްޕަގެ ފުރަތަމަ ދޯންޏަކީ މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫން ގަނެގެން ގެނައި އަންބަރީ ނަމަކަށް ކިޔާ ދޯންޏެއް. އެއީ ވަރަށް ބާ ދޯންޏެއް. އެ ދޯނި ގެނެސް މަރާމާތުކޮށް ތަންކޮޅެއް ބޮޑު އިންޖީނެއް ވެސް އަޅައިގެން ދުއްވަން ފެށީ. އެ ދޯނި މަރާމާތުކޮށް އާ އިންޖީނެއް އަޅައިގެން ދުއްވަންފެށީ އެ ދޯނީގެ ނަން ފަރިދުވެލީގެ ނަމަށް ބަދަލުވެސް ކޮށްފައި. އޭރު ބައްޕައަކީ އެހައި ފޯރުންތެރި މީހެއްނޫން. ހަމަ ވަރަށް އާދައިގެ މީހެއް" ކުޑައުސްމާނުގެ ދެވަނަ ފިރިހެން ދަރިފުޅު އަހުމަދު ރަމީޒު ވިދާޅުވެ ދެއްވީ ކުޑަ އުސްމާނުގެ އަމިއްލަ ދޯނިފަހަރު ދުއްވަން ފެށުނު ގޮތެވެ. 

your imageދޯންޏެއްގެ މަސައްކަތުގައި ކުޑަ އުސްމާނު ހަރަކާތްތެރިވަނީ 

ކުޑަ އުސްމާނުގެ ފުރަތަމަ ދޯނި، ފަރިދުވެލީގައި އެންމެ ފުރަތަމަ ކުރެއްވީ މިޔަރު މަސްވެރިކަމެވެ. މިޔަރުދާއެޅުމާއި ލޭނު މަސްވެރިކަމެވެ. މިފަދަ މަސައްކަތްތަކަށް ބޭނުންވާ އާލާތްތައް އުފައްދައި ތައްޔާރުކުރެއްވުމުގައި ވެސް އުސްމާނަކީ ފާހަގަކޮށްލެވޭ ފަރާތެކެވެ.

"އެންމެ ފުރަތަމަ ދޯނީގައި ކުރި މައިގަނޑު މަސައްކަތަކީ މިޔަރު މަސްވެރިކަން. މި މަސައްކަތް ކުރިއިރު، ލޭނު އެޅުމަށް ބޭނުންވާ ހުރިހައި ސާމާނެއް ވެސް ބައްޕަ ގެނައީ ރާއްޖެއިން ބޭރުން. އަދި މިޔަރުދާއަޅަން ވެގެން ދާބަންނަން ބޭނުންވާ ރޮދި ވެސް ރާއްޖެއިން ބޭރުން ގެނެސްގެން ބައްޕަ އަމިއްލަ އަތުން ދާ ވެސް ބަނީ. އެ މަސައްކަތުގައި ބައްޕަ އިސްވެ ހުރެ ދޯނީގެ ފަޅުވެރިން ގޮވައިގެން ގޭގައި ދާތައް ބަންނަމުން ދިޔަ އިރު އަޅުގަނޑުމެން ވެސް ބައެއް ފަހަރު އެ ކަމުގައި އުޅެން. ހަނދާންވަނީ އެއީ 1990 ގެ އަހަރުތަކުގެ ކުރީކޮޅުހެން. އެދުވަސްވަރު އިންޑިޔާއިން ވެސް ލިބެނީ ހުދު ރޮނދި. އެހެންވެ އެ ރޮނދިތައް ސައިފެން ފެނުގައި ބައްޓައިގެން ރޮދީގެ ކުލަ، ބްރައުން ކުލައަކަށް ބަދަލުކޮށްގެން ދާބަންނަނީ. މި މަސައްކަތް ގަވާއިދުން ކުރިނަމަ ވެސް މަސްވެރިކަން ވަރަށް ރަނގަޅު ދުވަސްވަރު އެ ދޯނީގައި މަހަށް ވެސް ދާނެ" ކުޑަ އުސްމާނުގެ ދެވަނަ ފިރިހެން ދަރިފުޅު އަޙުމަދު ރަމީޒް ވިދާޅުވިއެވެ.

ކުޑަ އުސްމާނަކީ އެއް އިރަކު ވެސް ހުއްޓި ހުންނަން ބޭނުންފުޅުވި ބޭފުޅެއް ނޫނެވެ. އުސްމާނު އަބަދުވެސް އުޅުއްވީ ކޮންމެވެސް މަސައްކަތެއްގައި ޝާމިލްވެގެންނެވެ. ބަދަލުގައި ނިކަން ބާރަށް ކުރިއަށްދާން ބޭނުންވާ މީހުންގެ ތެރޭގައި ފާހަގަކުރެވޭ ކުޑަ އުސްމާނު އަމިއްލަ ދޯނިފަހަރު އުފައްދަމުން އައީ ބާރަށެވެ. ފަރި ދުވެލި1 ދުއްވަންފެށިތާ ގިނަ ދުވަސްތަކެއްނުވެ ފަރިދުވެލި 2ގެ ނަމުގައ މަސްވެރިކަން ކުރުމަށް މުޅިން އާ މަސް ދޯންޏެއް ބެންނެވިއެވެ. އެ ދޯންޏަށް ފަހު ވެސް، ދޯންޏަކަށް ފަހު ދޯންޏެއް ބޮޑުކުރަމުން އިތުރު ކުރަމުން ގޮސް ކަންނެލި މަސްވެރިކަން ކުރާ ބޮޑުކަންނެލި ދޯނިފަހަރު ވެސް އުފެއްދިއެވެ.

"ބައްޕަ އެންމެ ފުރަތަމަ ގަނެގެން ގެނައި އަންބަރީ ދޯނީގެ ނަން، ފަރިދުވެލީގެ ނަމަށް ބަދަލުކުރުމަށް ފަހު އެ ދޯނި ދުއްވަމުން ފަރިދުވެލި 2 ބަނީ. އެއީ އާދައިގެ މަސްވެރިކަން ކުރަން ބަން ދޯންޏެއް. ތިންވަނަ ދޯނި ބަނީ ކަންނެއްޔަށް ދާން. އެއީ ފަރިދުވެލި 3. އޭގެ ފަހުން ބަން ފަރި ދުވެލި 4 އަކީ ވެސް ކަންނެލި ދޯންޏެއް. ފަރި ދުވެލި 5 އަކީ ވެސް ކަންނެލި ދޯންޏެއް. އެ ދޯނި ބަންނަމުން ދިޔައީ އަބުދުއްރަޝީދުގެ ދޯންޏާ އެއްކޮށް. އެވެސް ކަންނެލި ދޯންޏެއް. ފަރިދުވެލި 6 އެއީ، ފަރުމަހަށް ދާންވެގެން އަލިފުށިން ގަނެގެން ގެނައި 35 ފޫޓުގެ ފައިބަރު ދޯންޏެއް. އޭގެ ފަހުން ފަރިދުވެލި 7 ބަނީ ބޮޑު ކަންނެލި ދޯންޏެއްގެ ގޮތުގައި. އެހެނަސް އެ ދޯނި ބަނދެ ނިމުމާއެކު މާލޭ މީހަކަށް ވިއްކާލީ. އޭގެ ފަހުން މަހަށްދާން ވެގެން ބަނީ 56 ފޫޓްގެ ދޯންޏެއް. އެއީ ފަރި ދުވެލި 8. އެ ދޯނީގެ މޯޑު ހަދައިގެން އެ ދޯނި ބަނީ ވެސް ބައްޕަގެ މާވަޑިކަމުގެ ދަށުގައި. އެކަމަކު އެ ދޯނީގައި މިހާރު ކުރަނީ ވެލިނެގުމުގެ މަސައްކަތް" ކުޑައުސްމާނު އަމިއްލައަށް އޮޑި ދޯނިފަހަރު އުފައްދަމުން ދިޔަގޮތުގެ ތަފްޞީލް ދެއްވަމުން އޭނާގެ ދޮށީ ފިރިހެން ދަރިފުޅު މުޙައްމަދު ރިޔާލް ވިދާޅުވިއެވެ.

your imageކުޑަ އުސްމާނު އެންމެ ފަހުން ބެންނެވި ކަންނެލި ދޯންޏާއި އެންމެ ފަހުން ތައްޔާރުކުރެއްވި ނަގިލި 

ކުޑަ އުސްމާނު އުމުރުން އެންމެ ސާދަ ފަނަރަ ވަރަކަށް އަހަރުގައި މަސްވެރިކަމުގެ ތެރެއަށް ވެންނެވިގޮތަށް މަސްވެރިކަމުގައި ކުރިއަށް ވަޑައިގަތީ ވަރަށް ބާރަށެވެ. ހިތްވަރުގަދަ ކަމުގައި މުޅި ރަށުން ވެސް ފާހަގަކުރެވުނު ކުޑަ އުސްމާނުގެ ގައިބާރު ދެރަވުމުގެ ކުރިން އަމިއްލަ އެތައް ދޯންޏެއް ދުއްވެވި އިރު، ފަރި އިންވެސްޓްމަންޓް ނަމުގައި ކުންފުންޏެއް ރަޖިސްޓްރީކުރައްވައި ކޮންސްޓްރަކްޝަން މަސައްކަތް ވެސް ވަނީ ފަށްޓަވާފައެވެ.

މަސްވެރިކަމުގައި ކުރިއަށް ވަޑައިގެންނެވި ގޮތަށް، ކުޑަ އުސްމާނަކީ ކަނބުރުވެރިކަމުގައި ވެސް ވަރަށް ފާހަގަކުރެވޭ ފަރާތެކެވެ. ކުޑައުސްމާނު ބައްޕަ ކުރައްވާ ކަނބުރު މަސައްކަތް، އޭނާ ވަރަށް ކުޑައިރު ވަނީ ފަށްޓަވާފައެވެ. އޭނާގެ ބައްޕަ އެ މަސައްކަތް ނުކުރައްވާ ދުވަސްދުވަހު އަމިއްލަފުޅަށް ގިރުނބާ އަޅުއްވައިގެން އެ މަސައްކަތް ކުރައްވަމުން ގެންދެވިކަމަށް ވެއެވެ. ކުޑައުސްމާނު އެންމެ ކުޑައިރު އެންމެ ގާތުގައި އުޅުއްވި އޭނާގެ އެކުވެރިޔާ އަބޫބަކުރު ޙުސައިން ވިދާޅުވީ ކުޑަ އުސްމާނު ސްކޫލުގައި އުޅުއްވަމުން ވެސް އޭނާގެ ބައްޕަގެ ގިރުނބާ ދޮށުގައި ކަނބުރު މަސައްކަތް ކުރަންވަމުން ގެންދެވިކަމަށެވެ. އަދި އެކު އުޅުނު އެހެން އެކުވެރިން ވެސް ވަނީ އެކަން ފާހަގަކޮށްފައެވެ.

"ކުޑަ އުސްމާނު ސްކޫލުން ވަކިވުމާ ހަމައަށް އުޅުނީ އަޅުގަނޑާ އެއް ކުލާހެއްގައި ކަމަށްވާތީ އަބަދުހެން އުޅެނީ ވަރަށް އެކުއެކީގައި. އަޅުގަނޑު ރަނގަޅަށް ހަނދާންވާންފެށި އިރު އުސްމާނު ކަނބުރު މަސައްކަތް ފަށައިފި. އޭރު އުސްމާނާއެކީ އެގޭ ދޮށަށް ގޮސް އުޅެން. އަދި އުސްމާނު އެކަން ކުރާއިރު ބައެއް ފަހަރު ގިރުނބާ ދަމަން ވެސް އިންނަން. އޭރު ވެސް ކަންއިލި(ކަންގިލި) މަސްހިފާ ދަގަނޑު، ކުދި ވަޅި ފަދަ އެއްޗެހި ހަދާނެ. އޭރު އުސްމާނުގެ އުމުރުންވާނީ 10 ވަރަކަށް އަހަރުހެން ހީވަނީ" ކުޑަ އުސްމާނުގެ ކުޑައިރުގެ އެކުވެރިޔާ ޙުސައިން އަބްދުﷲ ވިދާޅުވިއެވެ.

ކަނބުރުވެރިކަމުގައި ކުޑަ އުސްމާނަކީ ރަށާއި އަތޮޅުގައި ނަން މަޝްހޫރު ފަންނުވެރިއެކެވެ. އެންމެ ކުޑައިރު ކުރައްވަން ފެއްޓި އެ މަސައްކަތަކީ އޭނާގެ ގައިބާރު ދެރަވަންދެން މެދުނުކެނޑި ކުރައްވަމުން ދިޔަ މަސައްކަތެކެވެ. 

"އެންމެ ކުޑައިރު، ބައްޕަ ހަނދާންވަނީ، ކަނބުރުވެރިކަމުގެ މަސައްކަތް ކުރާ ހަނދާން. އޭރު އެ މަސައްކަތް ކުރަން ގެންގުޅޭނީ އަތުން ދަމައިގެން ވައިޖަހާ ގިރުނބައެއް. އެ ގިރުނބާގެ ބޭރު ހަދާފައި ހުންނަނީ ސަތަރިން ހެން ހީވަނީ. އޭގެ ފަހުން ގެންގުޅުނީ އަތުން އަނބުރާ ވައްތަރުގެ ގިރުނބާ. އޭރު އެންމެ ގިނައިން ތަޅައި އުޅޭނީ ނަގިލި. އޭރު ބައްޕަ ގާތުގައި ތަޅަން އިންނާނީ މަނިކުބެ. އަހަރެމެން ވަރަށް ކުޑަވީމާ އޭރު އެ ހިސާބަކަށް ކައިރިވިޔަކަ ނުދޭނެ. އެކަމަކު ބައްޕަ ނުހުންނަ ގަޑި ބަލާފަ ބައެއް ފަހަރު ގިރުނބާ ދަމާލާ ހަނދާންވޭ. ބައްޕަ ގާތަށް ތަކެތި ހަދަން ރަށު މީހުން އަބަދުވެސް އައިސް އުޅޭނެ. ރަށުން ބޭރު މީހުން ވެސް އަންނަ ހަނދާންވޭ. ވަރަށް ކުޑަ އިރު ހަނދާންވޭ ތޮއްޑޫ މީހަކަށް ވެސް ނަގިއްޔެއް ތެޅި ހަނދާން. ރަށު މީހުން ފިޔަވައި ދެން އެންމެ ގިނައިން އަންނާނީ ހިތާދޫ މީހުން. އަތޮޅުތެރޭގެ ވަރަށް ގިނަ ރަށްރަށުން ވެސް އަންނާނެ. އެންމެ ގިނަ މީހުން އަންނާނީ ނަގިލިތަޅަން. އެކަމަކު ވަރަށް ގިނަ ވައްތަރުތައް ބައްޕަ އުފައްދާނެ" ކުޑަ އުސްމާނުގެ ދަރިފުޅު އަޙުމަދު ރަމީޒު ވިދާޅުވިއެވެ.

your imageކުޑަ އުސްމާނަށް އެހީތެރުވުމުގައި އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ހަރަކާތްތެރިވަނީ 

ކުޑަ އުސްމާނު އެންމެ ކުޑަ އިރު ފެށްޓެވި، އެ މަސައްކަތް އެންމެ ފޯރީގައި ކުރައްވަމުން ގެންދެވީ، މަސްވެރިކަން ވެސް އެންމެ ފޯރީގައި އޭނާ ކުރެއްވި ދުވަސްވަރުއެވެ. ދެ މަސައްކަތް އެއްކޮށް ކުރައްވަމުން ގެންދެވި އެ ދުވަސްވަރު ކަނބުރުވެރިކަމުގެ މަސައްކަތް ކުރައްވަމުން ގެންދެވީ ދުވާލު މަސްވެރިކަމުގައި އުޅުއްވުމަށް ފަހު ރޭގަނޑުގައެވެ.

އަޅުގަނޑުމެން އެންމެ ކުޑައިރު ބައްޕަ އެ މަސައްކަތް ކުރައްވާނީ މަހަށް ދަމުން. އޭރު ބައްޕަގެ އަމިއްލަ ދޯނިފަހަރު ދުއްވާކަށް ނުފައްޓަ. އޭރު މަހަށް ގޮސް އައިސް ރޭގަނޑު ބިގަރު ދިއްލައިގެން އެ މަސައްކަތް ކުރައްވާނީ. މަހަށް ނުދާ ދުވަހެއްގައި ނަމަ ދުވާލު ކުރައްވާނެ. ޚާއްޞަކޮށް ކޮންމެ ހުކުރު ދުވަހަކީ އެ މަސައްކަތަށް ޚާއްޞަ ދުވަހެއް" ކުޑަ އުސްމާނުގެ ދޮށީ ދަރިފުޅު މުޙައްމަދު ރިޔާލް ވިދާޅުވިއެވެ.

އާއްމުކޮށް ކަނބުރުވެރިން އުފައްދައި އުޅޭ ހުރިހައި ބާވަތެއްގެ ތަކެތި ވެސް ކުޑަ އުސްމާނުގެ މި މަސައްކަތުގެ ތެރޭގައި ވަނީ އުފައްދަވާފައެވެ. ކުޑަ އުސްމާނުގެ އެންމެ ކުޑަ ދުވަހުއްސުރެ ފެށިގެން ދުނިޔެ ދޫކުރެއްވުމާ ހަމައަށް އަވަށްޓެރިއެއްގެ ގޮތުގައި އެންމެ ގާތުގައި އަބަދުވެސް އުޅުއްވަމުން ދިޔަ ކުޑަ އުސްމާނުގެ ދެބެންގެ ދެދަރި ބޭބެ އަބޫބަކުރު ޙުސައިން ވިދާޅުވިގޮތުގައި ކުޑަ އުސްމާނަކީ ކަނބުރުވެރިކަމަށް ވަރަށް ކުޅަދާނަ ބޭފުޅެއްކަމަށާއި ވަރަށް ގިނަ ވައްތަރުތައް ވެސް ކުޑަ އުސްމާނު ތައްޔާރުކުރައްވާ ކަމަށެވެ.

"ކުޑަ އުސްމާނު ވަނީ، ބޮޑުބެ ކުރެއްވި އެ މަސައްކަތް، ވަރަށް މޮޅަށް ކުރައްވާފަ. ވަރަށް ގިނަ ވައްތަރުތައް ކުޑައުސްމާނު ތައްޔާރުކުރައްވާނެ. އޭގެތެރޭގައި ނަގިލި، ކަތިވަޅި، ކެޔޮލިޔާވަޅި، ފޯއްވަޅި، މަސްވަޅި، ކޮށާވަޅި، މަސްހިފަން ތައްޔާރުކުރާ ދަގަނޑު އަދި އެކި ސައިޒުގެ މަސްބާނާ ބުޅި ވެސް ވަރަށް ގިނައިން ޖަހާ އުޅޭނެ. މިފަދަ ބާވަތްތައް ތައްޔާރުކުރަން ރަށުންނާއި އަތޮޅުތެރެއިންނާއި އަތޮޅުން ބޭރުން ވެސް މީހުން އައިސް އުޅޭނެ" ބ. ތުޅާދޫ އާޒާދު އަބޫބަކުރު ޙުސައިން ވިދާޅުވިއެވެ.

ކަނބުރުވެރިކަމުގައި ކުރިއަރާފައިވާ، ކުޑަ އުސްމާނަކީ، ކަނޑުފަޅުގެ ތަފާތު މަސްވެރިކަމުގެ ތެރެއިން ދިވެހީން އާއްމުކޮށް ކޮށްއުޅޭ ކޮންމެ ކަހަލަ މަސްވެރިކަމަކަށް ވެސް ނިކަން ފަރިތަ އެ ކަންކަމަށް އަހުލިވެރި ބޭފުޅެކެވެ.

" އަޅުގަނޑު އެންމެ ފުރަތަމަ ކަންނެއްޔަށް ދާންވެގެން ކަންނެއްޔަށް ގެންދާނަންތޯ އޭރު ރަށުގައި ކަންނެއްޔަށް ގޮސް އުޅޭ ބައެއް މީހުންގެ ގާތު، އެހީމާ ބުނީ، ކަލެޔަކަށް ނުދެވޭނޭ ކަންނެއްޔަކަށް. ކަލޭ ހުންނާށޭރަށުގަ. އެދުވަހު ވަރަށް ދެރަވި. އޭގެފަހުން ކުޑައުސްމާނު ދޯނިން ކަންނެއްޔަށްދާން ފުރުސަތު ލިބުނީ. އެ ދާން ފެށިގޮތަށް އަމިއްލަ ގޭގައި ކަންނެލި ދޯންޏެއް ދުއްވަން ފައްޓަންދެން ދިޔައީ ކުޑަ އުސްމާނާއެކު. ކުޑަ އުސްމާނުގެ ފަރާތުން، ކަނޑުމަސްވެރިކަމާއި ކަންނެލި މަސްވެރިކަމުގެ ވަރަށް ގިނަ ކަންކަން ދަސްވި. އަނެއްކާ ވަރަށް ގިނައިން ކިޔައިދީ ދަސް ވެސް ކޮށްދިން. އެއީ އާދަޔާ ޚިލާފަށް ހިތްވަރުގަދަ މީހެއް. ކަނޑުފަޅަށް ވަރަށް ފަރިތަ މީހެއް. ކަނޑުފަރުގެ ކޮންމެ ކަހަލަ މަސްވެރިކަމަކަށް ވިޔަސް އެވަރެއް ނުހުންނާނެ. އެންފަޅަށް ވިޔަސް ކަނޑުމައްޗަށް ވިޔަސް ކުޑަ އުސްމާނު ވަރުގެ މީހަކު ނުހުންނާނެ. ފަރުމަސްވެރިކަމަށް ވިޔަސް މިޔަރުމަސްވެރިކަމަށް ވިޔަސް އަދި ކަނޑުމަސްވެރިކަމާއި ކަންނެލި މަސްވެރިކަމުގައި ވެސް ކުޑަ އުސްމާނަކީ ވަރަށް ކުރި އަރާހުރި އެކަންކަމުގެ މާހިރެއް" ތުޅާދޫގައި އެންމެ ފާހަގަކުރެވޭ ޒުވާން ކެޔޮޅު، މަފާޒު މުޙަމަދު ވިދާޅުވިއެވެ. 

your imageކުޑަ އުސްމާނު، އާއިލާގެ ބައެއް ކުދިންނާއެކު

މި ހުރިހައި މަސައްކަތެއް ކުރައްވަމުން ކުޑަ އުސްމާނުގެ އަމިއްލަ ދިރުއުޅުއްވުން ކުރުމުއްދަތެއްގައި ކުރިއަރައިގެން ދިއުމުގެ ސިއްރަކީ އުސްމާނުގެ ހިތްވަރުގަދަކަމާއި މުރާލިކަން ކަމަށް އޭނަގެ އަނބި ކަނބަލުން ގަބޫލުކުރައްވައެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ ކައިވެނިކޮށްގެން ދިރިއުޅުނީ އުސްމާނުގެ މައިންބަފައިން ގޭގައި. އަޅުގަނޑުމެންގޭގައި ވެސް ދުވަސްކޮޅަކު އުޅުނިން. ރަށުގެ ފަޅުތެރެއިން ގޯތި ލިބުމާއެކު އެ ގޯތި ވެސް ހިއްކައި އުސްމާނުގެ ގަދަ ހިތްވަރުން ވަރަށް އަވަހަށް ގެ އަޅައިގެން އެ ގެއަށް ބަދަލުވެވުނު. އެންމެ ފުރަތަމަ އެޅީ ދަނޑިފަނުން  ވަރަށް ކުޑަ ކުޑަ ގެއެއް. މޫސުން ގޯސް ދުވަސްވަރެއްގައި ނަމަ ގޭތެރެއަށް ރާޅުވަދެގެން ގެއިން ނުކުންނަން ޖެހުނު ކިތަންމެ ދުވަހެއް ކުރިމަތިވި. އަޅުގަނޑުމެންގެ ދިރިއުޅުން ފެށިގެންދިޔަ އިރު، އުޅުނީ އަތްމަތި ވަރަށް ދަތިކޮށް. އެހެނަސް ކަނބުރުވެރިކަމާއި މަސްވެރިކަމުގައި ހުއްޓުމެއްނެތި އުސްމާނު ކުރަމުންދިޔަ ބުރަމަސައްކަތުން ދިރިއުޅުން ހަމައަކަށް އެޅެމުން ދިޔަ" ކުޑަ އުސްމާނުގެ އަނބިކަނބަލުން ފާޠިމަތު އަބޫބަކުރު ވިދާޅުވިއެވެ.

ކުޑަ އުސްމާނުގެ އަނބިކަނބަލުންނާއި އަދި އެ ދެކަނބަލުންގެ ބޭފުޅުން ވެސް ގަބޫކުރައްވާ ގޮތުގައި އާއިލާގެ ދިރިއުޅުން ކުރިއަރައިގެންދިޔައީ ބައްޕަގެ އާދަޔާ ޚިލާފު ގަދަ ހިތްވަރުންނެވެ. އަނބިކަނބަލުން ވިދާޅުވި ގޮތުގައި އަމިއްލަ ދޯނިފަހަރު އުފެއްދުމުގައްޔާއި ގެދޮރު އިމާރާތްކުރުމުގައި ކުޑަ އުސްމާނުގެ ގާތް ރައްޓެހިންގެ ފަރާތުން މާލީގޮތުންނާއި އެހެނިހެން ގޮތް ގޮތުން ވެސް ދީލަތި އެހީތެރިކަން ލިބިފައި ވިޔަސް އެ ކަންކަން ކާމިޔާބު ކުރެވުނީ ކުޑަ އުސްމާނުގެ އާދަޔާ ޚިލާފު ގަދަ ހިތްވަރުންނެވެ. ކުޑަ އުސްމާނަށް އެހީތެރިވި ކޮންމެ މީހަކު ވެސް އެހީތެރިވީ ކުޑަ އުސްމާނުގެ ހިތްވަރުގަދަކަމާއި މުރާލިކަން ފެނި ކުރިއަށްދެވޭނޭކަން އެ ފަރާތްތަކަށް ވެސް ޔަގީންކަން އޮންނާތީއެވެ.

"އެންމެ ފުރަތަމަ ދޯނިފަހަރު ދުއްވަން ފެއްޓި އިރު އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ތުޅާދޫ ދީފުރަމްގޭ ފާޠިމަތު ޔޫސުފާއި އިދުރީސް ދާއުދުގެ ދެކަނބަލުންގެ ފަރާތުން. ދޮންބިއަކީ އުސްމާނު ދިރިއުޅުން ކޮޅަށް ޖެހުމުގައި ވަރަށް ބޮޑަށް އެހީތެރިވި ފަރާތެއް. މާލީ ގޮތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވި. އަދި އަބޫބަކުރު އުސްމާނު (ތުޅާދޫ ކަލޭފާނު ބަކުރު) އަކީ ވެސް އެހައިމެ މުހިއްމު މީހެއް. އަދި ދޯނިފަހަރު ދުއްވަންފެށި ހިސާބުން އިތުރު ދޯނިފަހަރު ބަނުމާއި އަޅުގަނޑުމެންގެ އަމިއްލަ ގެދޮރު އިމާރާތް ކުރުމުގައްޔާއި އަދި އެފަދަ ބޮޑު ކޮންމެ ކަމެއް ކުރުގައި އަބަދުވެސް އެންމެ ބޮޑު އެހީތެރިކަމެއް ދެއްވަމުން ދިޔަ އެއް ފަރާތަކީ ކުޑަ އުސްމާނުގެ އާއިލާއަށް ވެސް ނިސްބަތްވާ އަޅުގަނޑުމެންގެ އަވަށްޓެރިޔާ ތުޅާދޫ އާޒާދު، އަބޫބަކުރު ހުސައިން. އަޅުގަނޑުމެންގެ ހުރިހާ ކުދިންނަށް ވެސް ބަކުރު ވަރަށް ރަނގަޅުވާނެ. އަޅުގަނޑަށް، ބަކުރު ސިފަކުރެވެނީ، ކުޑަ އުސްމާނުގެ އެއްބަނޑު އެއްބަފާ މީހެއްގެ ގޮތުގައި.  މި ހުރިހައި ފާރަތްތަކުގެ އެހީތެރިކަން ލިބުނު ނަމަވެސް ދިރިއުޅުން ކުރިއަރައި ދިޔައީ ސީދާ އުސްމާނުގެ ހިތްވަރުގަދަކަމާ މުރާލިކަމުން" ކުޑަ އުސްމާނުގެ ދިރިއުޅުން ކުރިއަރައި ދިޔަގޮތް ސިފަކޮށްދެއްވަމުން އަނބިކަނބަލުން ފާޠިމަތު އަބޫބަކުރު ވިދާޅުވިއެވެ. 

your imageކުޑަ އުސްމާނަށް ކާފަ ވިދާޅުވާ ބައެއް ކުދިންނާއި އޭނާގެ ދެވަނަ ފިރިހެން ދަރިފުޅު

ފާޠިމަތު އަބޫބަކުރު އިތުރަށް ވިދާޅުވި ގޮތުގައި އޮޑި ދޯނިފަހަރު އުފައްދާ ދުއްވުމުގައި އުސްމާނަށް ލިބުނު އިތުރު ހިތްވަރަކީ އުސްމާނާއި އަޅުގަނޑާއި ދެ މީހުންގެ ދެ ފަރާތުގެ އާއިލާގެ މެންބަރުންގެ ފަރާތުން ލިބުނު އެހީތެރިކަމެވެ.

"އެންމެ ފުރަތަމަ ގޮއިދޫން ގަނެގެން ގެނައި ދޯނި ދުއްވުމުގައި އަޅުގަނޑުގެ ޢާއިލާގެ މީހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. އަދި ދެވަނައަށް ބަނދެ ދުއްވަން ފެށި ހިސާބުން ފެށިގެން އުސްމާގެ އާއިލާއާއި އަޅުގަނޑުގެ އާއިލާއާއި މި ދެ ޢާއިލާގެ ފަރާތުން އަބަދުވެސް އައީ ދޯނިފަހަރު ދުއްވުމުގައި އެހީތެރިކަން ލިބެމުން. މީގެ ތެރެއިން ވެސް އުސްމާނުގެ ދޯނިފަހަރު ބެލެހެއްޓުމުގައި، ވަކިން ޚާއްޞަކޮށް ދޯނިފަހަރުގެ އިންޖީނު ބެލެހެއްޓުމުގައި އަޅުގަނޑުގެ ކޮއްކޮ ޚަދީޖާގެ ފިރކަލުން މަރުޙޫމް ޙުސައިން ޢަބުދުއްރަޙުމާނު (ކާފަ ހުސައިން) ގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. ޙުސައިން އެ ކަންކަން ކުރެއްވީ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ދެކިގެން. އެކަން ވީ އުސްމާނަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށް" ކުޑަ އުސްމާނުގެ އަނބިކަނބަލުން ފާޠިމަތު ޢަލީ ވިދާޅުވިއެވެ.

މަރުޙޫމް ޢުޘްމާނު ޢަލީގެ ދިރިއުޅުން ކުރިއަށް ގެންދިއުމުގައި މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިވި ފާރާތްތަކާއި ހެޔޮއެދޭ އެހައި ގިނަ ބައެއްގެ ފަރާތުން ކުޑަ އުސްމާނަށް އެ ފަދަ އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބުމުގައި ކުޑަ އުސްމާނުގެ ޚާއްޞަ ކަމަކީ ކޮބައިހެއްޔެވެ؟

"އެއީ މީހުންނަށް ވަރަށް ހެޔޮ މީހެއް. އަޅުގަނޑަށް ދިމާވި އެންމެ ބޮޑު ކަންތަކުގައި ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވި ފަރާތެއް. އެއްފަހަރަކު އަޅުގަނޑު ވަރަށް ބަލިވެ ހާލުދެރަވި. މީހާ އޮތީ އެއްކޮށް ރީނދޫވެފައި. އެއީ މޫސުން ވަރަށް ގޯސް ދުވަސްކޮޅެއް. ކޮންމެހެން މާލެ ދާންޖެހިއްޖެ. ހުރިހާ އޮޑިފަހަރު ވެރިން ވެސް އެ މީހެއްގެ ދޯނި ދިން. އެކަމަކު  ރަށުގެ އެއްވެސް މީހަކަށް ފުރާކަށް ނުކެރުނު. އެދުވަހު ވެސް މީހުން ހޯދައިގެން  ކުޑަ އުސްމާނު އިސްވެ ހުރެ މާކުރުބެ ދުއްވި ދޯންޏެއްގައި އަޅުގަނޑު ގޮވައިގެން މާލެ ދިޔައީ. އެއީ އެހެން މީހަކު ދަތުރުނުކުރާހާ ގަދަ ދުވަހެއް. ރަށުން ފުރިގޮތަށް ދޯނީގެ ޕަންޕު ޖަހައިގެން ވެސް ދިޔަ އަޑި ނުވެގެން މެދުނުކެނޑި ދިޔަވަތުގައި މީހުން ތިބެ ދިޔަ ހިއްކަމުން ދިޔައީ. އެހައި ވެސް ކަނޑުގަދަ. އުސްމާނުގެ ހިތްވަރުގަދަކަމާއި ޖެހިލުން ކުޑަކަން އެ ދުވަހު އެނގުނު. އެއީ ކަނޑަށް ވަރަށް ގަދަ، ވަރަށް މޮޅު ކައްޕިއެއް" ބ. ތުޅާދޫ ކުދީނާގޭ މޫސާ ޢަބުދުﷲ ވިދާޅުވިއެވެ.

ކުޑަ އުސްމާނު މީހުންނަށް އެހީތެރިވެ އުޅުއްވުމުގައި މުއްސަންޏެއް ފަގީރެއް، މުސްކުޅިއެއް ޒުވާނެއް ނުބައްލަވައެވެ. އެ އިރަކު ބޭނުމެއް ޖެހޭ ކޮންމެ މީހަކަށް ވެސް އެހީތެރިވަމުން ދިޔަ މިންވަރު ކުޑައެއް ނޫނެވެ.

"ކުޑަ އުސްމާނަކީ ވަރަށް ރަނގަޅު މީހެއް. ކުޑަ އުސްމާނާއެކު ވަރަށް ގިނަ ދުވަހު ކަންނެއްޔަށް ދެވުނު. މަސްވެރިކަން ކުރުމުގައި ވަރަށް އެކުގައި އުޅެވުނު. މަސްވެރިކަންކުރުމުގެ ތެރޭގައި ރުޅިއައިސްގެން ބުނާ އެއްޗެއް ވެސް ބުނަނީ މަސްވެރިކަމުގެ ފޯރީގައި. ކުރާ ކޮންމެ ކަމެއް ކުރާނީ ވަރަށް ގަޔާވެގެން. ކަމަކަށްނުވާ ކަހަލަ ކަމެއްގައި އުސްމާނު ރުޅި އައިސްގެން އެއްޗެއް ނުބުނާނެ. މިއަދު އަޅުގަނޑުމެންގެ އަމިއްލަ  ކަންނެލި ދޯންޏެއް ހުރި އިރު، އެ ދޯނީގައި އެންމެ ފުރަތަމަ ކަންނެއްޔަށް ފުރުމުގައި ވެސް ކުޑަ އުސްމާނުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު. މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ވަރަށް ބޮޑަށް ކުޑަ އުސްމާނު އެހީތެރިވި. އެއީ އަޅުގަނޑުމެންނަށް ވަރަށް އެހީތެރިވެ ދެއްވި ވަރަށް ރަނގަޅު މީހެއް" ތުޅާދޫ އުއްތަރު، މަފާޒު މުޙައްމަދު ވިދާޅުވިއެވެ.

"އުސްމާނުބެއަކީ އަޅުގަނޑުމެންގެ އާއިލާއާ ޚާއްސަ ގާތްކަމެއް ބެހެއްޓި ވަރަށް ގާތް އަވަށްޓެރިއެއް. ސީދާ އާއިލީ ގާތްކަމެއް ނެތަސް އާއިލީ ގުޅުން ދެމެހެއްޓި ބޭބެއެއް. އުސްމާނުބެގެ ދިރުއުޅުއްވުމުގެ ބޮޑު ކޮންމެ ކަމެއްގައިހެން އަޅުގަނޑުގެ ބައްޕައާ މަޝްވަރާ ކުރައްވާކަން ފާހަގަކުރެވޭ. އަޅުގަނޑުގެ މައިންބަފައިންނެކޭ އެއްގޮތަށް ހުރިހާކުދީންނާ ވެސް ވަރަށް ގާތްކަމެއް ބާއްވާ. އަޅުގަނޑުމެން ރަށުގައި އުޅުނަސް އަދި ރަށުން ބޭރުގައި އުޅުނަސް އެ ގުޅުން ދަމަހައްޓާ. އުސްމާނުބެ އަޅުގަނޑުމެންނަށް ވަރަށް އިތުރުބާރު ކުރައްވައި އަދި އަޅުގަނޑުމެންގެ މުޅި އާއިލައާ ވަރަށް ގާތްކަމެއް ބޭއްވި އެހީތެރިއެއް" ކުޑަ އުސްމާނުގެ ދީލަތި އެހީތެރިކަން ފާހަގަކުރައްވަމުން ބ. ތުޅާދޫ މަންޒިލް، ސާއްރާ އިބްރާހީމްފުޅު ވިދާޅުވިއެވެ.

ކުޑަ އުސްމާނުގެ ހިތްވަރުގަދަކަމާއި އޭނާގެ ރަނގަޅުވާހަކަ ދައްކަވަނީ ހަމައެކަނި ރަށު މީހުނެއް ނޫނެވެ. ވަރަށް ގިނަ ރަށްރަށުގެ މީހުން ވެސް ކުޑަ އުސްމާނުގެ ހިތްވަރުގަކަމުގެ ވާހަކާއި އެހީތެރިވެދެއްވާ ވާހަކަ ދައްކަވައެވެ.

"ކުޑަ އުސްމާނަކީ ވަރަށް ހެޔޮ މީހެއް. ވަރަށް ހިތްވަރުގަދަ މީހެއް. އަޅުގަނޑަކީ ކުޑައުސްމާނުގެ ރައްޓެއްސެއް. އަޅުގަނޑަށް ނުލިބޭނެ އެއްޗެއް އުސްމާނުގެ އަތަކު ނޯންނާނެ. އެހެން ރައްޓެހިންނަށް ވެސް ހަމަ އެހައި ހެޔޮވާނެ. އަޅުގަނޑުމެން ފުޅަދޫގެ ބައެއް އޮޑިވެރިންނަށް، އެ ދޯނިފަހަރު ބޭނި ފާނަކޮޅު މާލެ ނުގެންދެވިގެން އުސްމާނުގެ އަމިއްލަ ދޯނީގައި މާލެ ގެންގޮސްދިން ހަނދާން އަދިވެސް އެބަހުރި. މާލޭގައި ދިރިއުޅޭ އަޅުގަނޑުމެން ރަށުގެ މީސްމީހުން އީދު ޗުއްޓީގައި ރަށަށް އައިސް ތިއްބާ މޫސުން ގޯސްވެގެން މާލެ ނުދެވުނީމާ އެ މީސްމީހުންނަށް މާލެދެވޭނެ ގޮތް ހަމަޖައްސާދީފައި އެބަހުރި. އެއްވެސް އަގަކާނުލައި އެކަންކަން ކޮށްދިނީ. އަޅުގަނޑުމެން ރަށު ނެރުހަދަން ވެގެން މާލެއިން ނެރުގޮއްވާ މީހުން އައިސް ނެރު ގޮއްވިޔަސް ނެރުމަތިން ގާތައް ނެގޭނެ ގޮތް ނުވެގެން ލަފާފުރަން ވަރަށް ދަތިވެފައި ވަނިކޮށް ކުޑަ އުސްމާނު، ތުޅާދޫން މީހުން ގޮވައިގެން އައިސް ނެރުކޮނެދިނީ. ދެ ދުވަހެއްގެ މަތިން ވަރަށް ގިނަ މީހުން ގޮވައިގެން އައިސް އެކަން ކޮށްދިނީ ކުޑަ އުސްމާނު އިސްވެހުރެ" ބ.ފުޅަދޫ  ނިއުސްޓަރ މޫސާ މުޙައްމަދު ވިދާޅުވިއެވެ. 

your imageކުޑަ އުސްމާނާއި އާއިލާގެ ބައެއް މެންބަރުން 

ކުޑަ އުސްމާނަކީ އޭނާގެ އާއިލާއަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވި ފަރާތެކެވެ. ކިތަންމެ ބުރަކޮށް އުޅުއްވަމުން ވެސް އާއިލާގެ ކަންކަން ގާތުން ބެލެހެއްޓެވި ކަމަށް އުސްމާނުގެ އަނބިކަނބަލުންނާއި އޭނާގެ ބޭފުޅުން ވިދާޅުވިއެވެ.

"އުސްމާނަކީ އަޅުގަނޑަށް ވަރަށް ރަނގަޅު މީހެއް. ކުދީންނަށް ވެސް ވަރަށް ރަނގަޅު މީހެއް. ކުދީންނަށް ކިޔަވައިދިނުމަށް ވެސް ވަރަށް ބޮޑަށް ބާރު އެޅުއްވި" ކުޑަ އުސްމާނު އޭނާގެ ޢާއިލާއަށް ދެއްވި ސަމާލުކަމާގުޅޭ ގޮތުން އަނބިކަނަބަލުން ފާޠިމަތު އަބޫބަކުރު ވިދާޅުވިއެވެ.

"އަޅުގަޑުމެންގެ ހުރިހާ ކުދިންގެ ކަންކަން ބަލަހައްޓާނީ މަންމަ. އެކަމަކު އެއްވެސް ކުއްޖަކަށް ބޭނުންވާ އެއްވެސް އެއްޗެއް ނުލިބިގެން ހުންނާކަށް ނުޖެހޭނެ. ބޭނުންވާ ކޮންމެ އެއްޗެއް ބައްޕަ ހޯއްދައިދޭނެ. އެގޮތަށް ވަރަށް ރަނގަޅުވާނެ. އަނެއްކާ ކުދީންނަށް ކިޔަވައިދޭން ވެސް ބައްޕަ ވަރަށް ބޮޑަށް އުޅުނު. ކުދިން ތަރުބިއްޔަތުކުރުމުގައި ބައްޕަގެ ހުންނާނެ ވަރަށް ހަރުދަނާ ގޮތެއް. ކުދީންގެ ގާތުގައި ބައްޕަ ވަރަށް ބަސްމަދުވާނެ. އެކަމަކު ބައްޕަ އެބުނާ ވާހަކައެއް ހަރުކޮށް ބުނުމުން އަޅުގަނޑުމެން ބިރުގަނެފައި ވަރަށް އަވަހަށް އެކަމެއް ރަނގަޅު ކުރަން ކުރާނެ. އަދި އަޅުގަނޑުމެން، މީހުނާ އިނދެ ދިރުއުޅެން ފެށިފަހުން ވެސް އެ ބުނަންޖެހޭ ވާހަކައެއް ބުނީމާ ވަރަށް ޖެހިލުންވޭ. އެއީ ބައްޕަގެ ފަރާތުން ވަރަށް ފާހަގަކުރެވޭ ރަނގަޅު ކަމެއް. އަބަދުވެސް އެކަމެއްގައި އޮންނަ، ހެޔޮނުބައި ވަކިކޮށްދިނުމަށް ވަރަށް ބޮޑަށް ބާރުއަޅާނެ. މިހާރު އިހުސާސްކުރެވޭ، އަޅުގަނޑުމެން ތަރުބިއްޔަތު ކުރުމުގައި ބައްޕަ އެ އަދާކުރި ދައުރު. ވަކި ހަމައެއްގެ މަތީގައި އުޅުން، އެއީ ބައްޕަގެ ފަރާތުން ވަރަށް ބޮޑަށް ފާހަގަވި ކަމެއް" ކުޑަ އުސްމާނުގެ ދެވަނަ ފިރިހެން ދަރިފުޅު އަޙުމަދު ރަމީޒު ވިދާޅުވިއެވެ.

ކުޑައުސްމާނުގެ ދޮށީ ފިރިހެން ދަރިފުޅު މުޙައްމަދު ރިޔާލް، ވެސް އޭނާގެ ބައްޕައަށް ތައުރީފު ކުރެއްވިއެވެ.

"ބައްޕައަކީ ދޯނިފަހަރުގައި ބޭނުންކުރާ ވަރަށް ގިނަ ސާމާނު ރާއްޖެއިން ބޭރުން ގެންނަ މީހެއް. އެ ދުވަސްވަރަކީ އާއްމުކޮށް މީހުން އެ ފަދަ އެއްޗެހި ބޭރުން ގެނެސް އުޅޭ ޒަމާނެއް ވެސް ނޫން. ބުޅި، ކަންވާރު، ދޮށި، އެންދަމާ އިރު ދިއްލުމަށް ބޭނުންކުރާ ލައިޓް ކަހަލަ އެ ބާވަތުގެ ހުރިހާ އެއްޗެއް ބޭރުން ގެންނާނެ. އެފަދަ އެއްޗެއް މީހަކު ބޭނުންވެގެން އައިމާ ދުވަހަކު ވެސް ނުހުންނާނެ ވިއްކާފައެއް. ކިރިޔާ ވެސް ދެވެން އޮތިއްޔާ އެ އެއްޗެއް އެމީހަކަށް ދޭނެ. އެއީ ދެން އަޅުނޑަށް ވަރަށް ފާހަގަވާ ކަމެއް. އަދި ބައްޕައަކީ ދޯނިފަހަރު ދުއްވާ އުޅޭ މީހަކަށްވާތީވެ ހުރިހާ އޮޑިފަހަރުވެރިންނާ ބައްޕަ ވަރަށް ގާތްވާނެ. ކޮންމެ ދޯންޏަކަށް ކަމެއް ވިޔަސް ބައްޕައަށް ވީ ވަރަކުން އެހީވާނެ. ބައްޕައަކީ އެންމެންނަށް ވެސް ވަރަށް ހެޔޮ މީހެއް. އަޅުގަނޑުމެން އާއިލާގެ އެންމެންނަށް ބައްޕަ ވަރަށް ރަނގަޅުވާނެ" ކުޑައުސްމާނާ ގުޅޭގޮތުން، އޭނާގެ ދޮށީ ފިރިހެން ދަރިފުޅު މުޙައްމަދު ރިޔާލް ވިދާޅުވިއެވެ. 

your imageމަރުހޫމް އުސްމާން

ކުޑަ އުސްމާނަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ފާހަގަކުރެވުނު ނަމޫނާއެކެވެ. ކަނޑުފަޅުގެ ތަފާތު ބާވަތްތަކުގެ މަސްވެރިކަމުގެ އަހުލުވެރިއެކެވެ. ފަރުމަސްވެރިކަމާއި މިޔަރު މަސްވެރިކަމުގެ ހުނަރުވެރިއެކެވެ. ކަނޑުމަސްވެރިކަމާއި ކަންނެލި މަސްވެރިކަމުގެ ކުޅާދާނަ ކެޔޮޅެކެވެ. މާ ކަނޑުގެ ބޮޑެތި ބާނިތަކާއި ރާޅުތަކަށް ނިކަން ފަރިތަ ކައްޕިއެކެވެ. ގިނަ ދޯނިތަކެއް ދުއްވި އޮޑިވެރިއެކެވެ. ރަށާއި އަތޮޅަށް ނަންމަޝްހޫރު ކަނބުރުވެރިއެކެވެ. ރަށްޓެހިންނާއި ބީރަށްޓެހިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވި ދީލަތި އެހީތެރިއެކެވެ. ކުރިމަތިވާ ގޮންޖެހުންތަކަށް ކެރިގެން ކުރިމަތި ލެއްވި ނިކަން ހިތްވަރުގަދަ ފަހުލަވާނެކެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
100%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 day ago 0 Comments
ލޯގޯ ފަރުމާކުރުމުގެ މުބާރާތުން 1ވަނަ މަތީނަށް
4 days ago 0 Comments
ވާދަމައިގެން މޮޅުވި ޓީމުތަކަށް ލިބުނު 21 ހާސް ރުފިޔާ އިޖުތިމާޢީ ޚިދުމަތަށް
5 days ago 0 Comments
ސިލްސިލާ ފުޓްބޯޅަ މެޗު ތުޅާދޫއަށް
5 days ago 0 Comments