ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ރިޕޯޓު
އަޙުމަދު އަބޫބަކުރު

އަޙުމަދު އަބޫބަކުރު : ދެ ދާއިރާގެ ޚިދުމަތްތެރިއެއް

ތުޅާދޫގެ އަދުގެ ކިޔަވާކުދީންނަށް ބ. ތުޅާދޫ، ކަންމަތީއާގެ، އަޙްމަދު އަބޫބަކުރު (ދޮންއާކުރު އަހަންމަދު) އަކީ ހަމައެކަނި ދުވަސްވީ މީހެއްގެ ގޮތުގައި ފެނިދާނެއެވެ. ނަމަވެސް ތުޅާދޫ މަދަރުސާއިން އިއްޔެ ކިޔެވި ކޮންމެ ދަރިވަރަކަށް އެއީ ޚިދުމަތްތެރި ލޮބުވެތި މުދައްރިސެކެވެ. ރަށުގެ މަސްވެރި އާއިލާއަށް އެއީ ބޭނުންތެރި ޚިދުމަތްތެރިއެކެވެ. ރަށާމެދު ވިސްނާ ކޮންމެ މީހަކަށް އެއީ ނަމޫނާއެކެވެ.

އަޙުމަދު އަބޫބަކުރު ތަޢުލީމު ޙާޞިލުކުރެއްވީ ތުޅާދޫ މައުލޫދު ހަރުގޭގެ ފެންޑާގައި ކުނާ ފަތުރައިގެން ކިޔަވައިދިނުމުގެ ޚިދުމަތް ދެމުންދިޔަ ދުވަސްވަރެވެ. އެ ދުވަސްވަރު އަޙުމަދު އަބޫބަކުރަށް ކިޔަވާދެއްވީ، މީނާޒު، އަބޫބަކުރު މުޙައްމަދު (ކަޅުބެ އާކުރުބެ) އާއި މަބުސްތާނުގޭ، މުޙައްމަދު އިބްރާހީމް (ކުޑަ މުޙައްމަދު) އާއި ގުލްފާމުގެ ހަސަން މޫސާ (ތޮއްޑޫ ޙަސަންބެ) އެވެ. ތުޅާދޫ މަދަރުސާގެ ތަޢުލީމީ ދަތުރު ނިންމަވާލެއްވުމަށް ފަހު އެހިސާބުން އަޙުމަދުގެ ތަޢުލީމީ ދަތުރު ނިންމަވާލެއްވީއެއް ނޫނެވެ.

" ރަށުން ތަޢުލީމު ހާޞިލުކުރުމަށް ފަހު ދެން ދިޔައީ އޭދަފުށްޓަށް. އޭދަފުށީ ބަހިއްޔާގައި ތިން އަހަރުވަރު އުޅުނު ހަނދާންވޭ. އެ ތަނުގައި އަޅުގަނޑާއެކު ރަށުގެ 4 ކުއްޖަކު އުޅުނު. މަނިކު ޒަކަރިއްޔާ، ޢުމަރު ކަތީބު. ޔޫސުފް މޫސާ ފަދަ ބޭފުޅުން އުޅުއްވި" 81 އަހަރުގެ އަޙުމަދު އާ ކުރެއްވީ މީގެ 60 އަހަރު ކުރިން އޭދަފުށީގައި އުޅުއްވި ދުވަސްތަކުގެ ހަނދާންތަކެވެ.

އޭދަފުށީ މަދަރުސަތުލް ބަހިއްޔާގައި ތަޢުލީމު ހާޞިލުރެއްވުމަށް ފަހު އަޙުމަދު އަބޫބަކު މިސްރާބު ޖެއްސެވީ އުނގަންނަވައި ދެއްވުމުގެ ސަނަދު ނަންގަވާށެވެ. އެ ދާއިރާއިން ކުރިއަށް ވަޑައިގަންނަވާށެވެ. އެގޮތުން ވުޒާރަތުލް މަޢާރިފުން އޭރު ދޫކުރާ، ރާއްޖެތެރޭގެ މަދަރުސާތަކުގައި ކިޔަވައިދިނުމުގެ ވަގުތީ ސަނަދު 1956 ވަނަ އަހަރު ޢުމުރުން އެންމެ 16 އަހަރުގައި އަޙުމަދު ނެންގެވިއެވެ. ހިތްޕުޅުގައި ތަޢުލީމަށް އޮތް ލޯތްބެއްގެ ސަބަބުން އެ ރޮނގުން ކުރިއަށް ވަޑައިގަތުމަށް ޢަޒުމު ކަނޑައަޅުއްވައި އެ ދުވަސްވަރަށް އެންމެ އެކަށީގެންވާ މިންވަރަށް ތަޢުލީމު ޙާޞިލުކުރެއްވުމަށް ފަހުއެވެ.

your imageއަޙުމަދު އަބޫބަކުރު 

އަޙުމަދު އަބޫބަކުރު ތުޅާދޫ މަދަރުސާއާ ގުޅިވަޑައިގަތީ 1956 ގައެވެ. މުދައްރިސެއްގެ ގޮތުގައެވެ. އެ ޚިދުމަތާ އަޙުމަދު އަބޫބަކުރު ގުޅިވަޑައިގަތީ އެ ދުވަސްވަރު ދަރިވަރުންގެ ތަޢުލީމީ ޙާލަތަށް ވިސްނަވާ ލިބިވަޑައިގެންނެވި ޢިލްމު ބަޔަކަށް އުނގަންނަވައި ދެއްވުމުގެ މާތް މަޤުޞަދުގައެވެ. މުދައްރިސެއްގެ ގޮތުގައި އަޙުމަދު އަބޫބަކުރު މަސައްކަތް ކުރެއްވެވި ދުވަސްވަރު ކުޑަރިކިލު އަޙްމަދު ޢަލީއާއި އައްޝައިޚް ޢުމަރު ޢީސާއާއި ނައިފަރު ޙުސައިން ޔޫސުފުފުޅާއި މީދޫ އަޙްމަދުފުޅު ފަދަ ބޭފުޅުން ވެސް ތުޅާދޫ މަދަރުސާގައި މަސައްކަތްޕުޅު ކުރައްވަމުން ގެންދެވިއެވެ.  

އަޙުމަދު އަބޫބަކުރު ކިޔަވައިދެއްވި ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތުޅާދޫ ސިލްވަރޝައިން ކުލަބުގެ މަސްޢޫލުވެރިޔާ ޒަކަރިއްޔާ ޢަލީ ވިދާޅުވީ އަޙުމަދު އަބޫބަކުރަކީ އެ ދުވަސްވަރު ކިޔަވައިދެއްވި އެދުރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު ތުޅާދޫ އެއް ބޭފުޅާކަމަށެވެ.

" އަޙޫމަދު އަބޫބަކުރަކީ އަޅުގަނޑުމެންނަށް ވެސް ކިޔަވައިދެއްވި މުދައްރިސެއް. އެއީ 1960 ގެ ކުރީ ކޮޅު. އަޅުގަނޑުމެން ކިޔެވީ މިހާރު ސްޕޯޓްސް ކުލަބުގެ ހުންނަ ތަނުގައި މަދަރުސާގެ ކަންކަން ކުރިއަށް ދިޔަ އިރު. އޭރު އަޅުގަނޑުމެން ކުލާހުގައި ތިބީ 6 ކުދީން. ދޮން އައިމިނަ ހުސައިން، ފާލަންދޮށުގޭ ބަކުރު ވެސް އުޅުނު. އެއީ ދެވަނަ ކުލާހުގެ ދުވަސްވަރު. މިހާރު ވެސް އެ ހަނދާންތައް ވަރަށް ރަނގަޅަށް ހުރޭ. އަޙުމަދު އަބޫބަކުރު ތަފާތު މާއްދާތައް ކިޔަވައިދެއްވި. ދީނުގެ ކަންކަން އުނގަންނަވައިދެއްވި. ތާނަލިޔުން ފަދަ ކަންކަން ދަސްކޮށްދެއްވި. އެއީ ވަރަށް ހުނަރުވެރި ވަރަށް އިޙުތިރާމް ކުރެވޭ މުދައްރިސެއް. އެއީ އެ ދުވަސްވަރު ތުޅާދޫ މުދައްރިސުންގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވުނު އެއް މުދައްރިސް" ޒަކަރިއްޔާ ޢަލީ ވިދާޅުވިއެވެ.

އަޙުމަދު އަބޫބަކުރު ވަނީ ތަފާތު މާއްދާތައް ދަރިވަރުންނަށް ކިޔަވާދެއްވާފައެވެ. މިގޮތުން ކިޔަވާދެއްވި މާއްދާތަކުގެ ތެރޭގައި ޤުރްއާން، ދީނިއްޔާތު، ހިސާބު، ޢަރަބި ތާނަލިޔުން އަދި ދިވެހި ހިމެނެއެވެ. ކިޔަވައިދެއްވުމުގެ އިތުރުން އަޙުމަދު އަބޫބަކުރަކީ ކުދިންގެ އުޅުން އިޞްލާޙު ކުރެއްވުމަށް ޓަކައި ތަފާތު ހުނަރުތައް ބޭނުންކުރައްވައި އެ ދަރިވަރުންނަށް ދަސްކޮށްދެއްވި އެދުރެކެވެ. ޒަމާނީ އެއްވެސް ވަސީލަތެއް ނެތް ދުވަސްވަރު، ފުޅިބައްތި އަލީގައި، ބޮޑު ފަތިހާ ކުދިން ހޭލައްވާ މަދަރުސާއަށް ގެންދެވުގައި ވެސް ބައިވެރިވެވަޑައިގަތެވެ. މަދަރުސާގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ޓަކައި ރައްޔިތުންނާ ގުޅިގެން އޮޑިފަހަރުވެރީންގެ ދީލަތި އެހީއާއެކު މަސްބައި ނަންގަވައިގެން މުވައްޒަފުންނަށް މުސާރަ ދެއްވެވުމުގައި ވެސް ޢަމަލީގޮތުން އަޙުމަދު ހަރަކާތްތެރިވެވަޑައިގަތެވެ. އެ ދަތިތަކާއެކު ވެސް އަޙުމަދު އަބޫބަކުރު ހިތްޕުޅުގައި ތަޢުލީމަށް ދެއްވެވި ލޯތްބާއި ޤަދަރަކަށް ކުޑަވެސް ބަދަލެއް ނުގެންނަވައެވެ.

ގިނަ ބަޔަކަށް އެނގިފައިނެތަސް އަޙުމަދު އަބޫބަކުރަކީ ޢަރަބި، ތާނަ އަތުން ލިޔުމުގައި އެ ދުވަސްވަރުގެ މާހިރެކެވެ. އެ ހުނަރު ދަރިވަރުންނަށް ދަސްކޮށްދެއްވުމުގެ މަސައްކަތް ކޮށްދެއްވި އެދުރެކެވެ. މި ހުނަރުވެރިކަމަށް ތަޢުރީފުކުރައްވަމުން ތުޅާދޫ ވައިމަތީގޭ އަބޫބަކުރު އަޙުމަދު (އަހަންމަދު ބަކުރު) ވިދާޅުވީ އަޙުމަދު އަބޫބަކުރަކީ ރީތިކޮށް ލިޔުމުގައި ވަރަށް ކުޅަދާނަ ބޭފުޅެއް ކަމަށެވެ.

" އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ރީތިކޮށް ލިޔަން ދަސްކޮށްދެއްވުމަށް ބާރުއެޅުއްވީ އަހަންމަދު. ވަރަށް ރީތިކޮށް ލިޔުއްވާނެ. އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވި. ޚާއްޞަކޮށް ތާނަލިޔުން ރީތިކުރާން ވަރަށް ބޮޑަށް ހިތްވެރުދެއްވި. އެ ދުވަސްވަރު ޢަރަބި ރީތިކޮށް ލިޔުމަށް ވެސް ހިތްވަރު ދެއްވި" ބަކުރު ވިދާޅުވިއެވެ.

އަޙުމަދު އަބޫބަކުރު، ތަޢުލީމީ ޚިދުމަތުގައި 10 ވަރަކަށް އަހަރު ހޭދަކުރެއްވި ތަނާ އެ އުންމީދީ މަސައްކަތާ ދުރަށް ޖެހިވަޑައިގަންނަވަން މަޖުބޫރުވިއެވެ. އުގަންނަވައި ދެއްވުމުގެ ދަތުރުގެ މިސްރާބު ދިމާ ކަނޑަށް އަނބުރަލައްވަން ޖެހިވަޑައިގަތުމަކީ އަޙުމަދަށް ލިބިވަޑައިގެންނެވި ބަޔާންކުރާން ދަތިފުޅުވި ހިތާމައެކެވެ. އެ ދުވަސްވަރުގެ ޢާއިލާގެ ޙާލަތު ހުރިގޮތުން އަޙުމަދު އަބޫބަކުރަށް މަޖުބޫރުވެވަޑައިގަތީ ޢާއިލާއިން ކުރަމުން އައި މަސްދޯނި ދުއްވުމުގެ މަސައްކަތާ ހަވާލުވެވަޑައިގަންނަވާށެވެ. އެންމެ ލޯބިފުޅުވި އަދި  އެންމެ ބޭނުންފުޅުވި ޚިދުމަތާ ފެޔަށް ވަޑައިގަންނަވާށެވެ.

" އެއީ ވެސް ތަފާތު ތަޖުރިބާއެއް. އޭރު ކަންކަން ހުރި ގޮތުން އެކަމާ ދުރަށްދާން ޖެހުނީ. އެ ހިތްދަތިކަން ހިތުގައި އޮވޭ. އުނގަންނައިދިނުމަށް ލޯބިކުރި ނަމަވެސް އެ ނޫންގޮތެއް ނެތުމުން ދާއިރާ ބަދަލުކުރީ. އޭރު ވެސް ހިތުގައި އޮވޭ ކޮންމެ ވެސް ގޮތަކުން އެ ދާއިރާއަށް ޚިދުމަތް ކޮށްދޭނަމޭ. " އަޙުމަދުގެ ހިތުން އޭރު ނިންމެވި ނިންމެވުމާމެދު އޭނާ ވިދާޅުވިއެވެ.

އަޙުމަދު އަބޫބަކުރުގެ ޚިދުމަތާމެދު ކުރީގެ ބޮޑު ކަތީބު އުޘްމާން ޢަލީ ވިދާޅުވީ އެއީ އޭރުގެ ދަރިވަރުން ތަރުބިއްޔަތުކޮށްދެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި މުދައްރިސެއް ކަމަށެވެ.

" އަހަންމަދު ކިޔަވައިދެއްވި ދުވަސްވަރުގެ ހަނދާން އަޅުގަނޑުވެސް ހުރޭ. އަޅުގަނޑުމެންގެ މަތީ ކުލާހަށް ކިޔަވައިދެއްވީ. އެ ދުވަސްވަރުގެ ދަރިވަރުން އަދަބުވެރިކޮށް ތަރުބިއްޔަތު ކުރުމުގައި ޢަމަލީގޮތުން ގިނަ ކަންތައްތަކެއްގައި އަހަންމަދު ބައިވެރިވިކަން ހަނދާންހުރޭ" އުޘްމާނު ޢަލީ ވިދާޅުވިއެވެ.

އަޙުމަދު އަބޫބަރުގެ ޚިދުމަތާ މެދު އޭނާގެ ބޭބެ އަދި ތުޅާދޫ ސްކޫލުގެ ކުރީގެ ނާޒިރު އަޙުމަދު މުޙައްމަދު (ކުޑަ އަހަންމަދު) ވިދާޅުވީ އަޙުމަދު އަބޫބަކުރަކީ ކުރައްވާ ކޮންމެ ކަމެއް ވެސް ވަރަށް ފަރުވާތެރިކަމާއެކު ކުރައްވައި އެ ކަމެއްގެ ފުރިހަމަ މަޢުލޫމާތު ހޯއްދަވައިގެން އެކަން ކުރެއްވި ބޭފުޅެއް ކަމަށެވެ.

" އަޅުގަނޑުމެންނަށް ވެސް ބޭބެ ކިޔަވައިދެއްވި. އަޅުގަނޑަށް ފާހަގަ ކުރެވެނީ ކޮންމެ ކަމެއް ބޭބެ ކުރެއްވި ނަމަވެސް ވަރަށް ފަރުވާތެރިކަމާއި އިޚުލާޞްތެރިކަމާއެކު އެ ކަމެއް ކުރައްވާކަން. ކިޔަވައިދެއްވި އިރު ވެސް އެކަން ކުރެއްވި ވަރަށް ފަރުވާތެރިކަމާއެކު. އޭގެ ފަހުން އާއިލީ ދޯނީގެ ކަންކަން ވެސް ކުރެއްވީ ވަރަށް ފަރުވާތެރިކަމާއެކު. ވަރަށް ރަނގަޅަށް. އާއިލީ ގުޅުމަށް ވެސް ބޭބެ ވަރަށް ލޯބިކުރެއްވި. އާއިލީ މަސައްކަތް ދޯނި ދުއްވުން ކުރިއަށް ގެންދުވުނީ ބޭބެ ހިތްވަރުން" އަޙުމަދު މުޙައްމަދު ވިދާޅުވިއެވެ.

އެ ދުވަހަށް ފަހު އަޙުމަދު އަބޫބަކުރަކީ ހިވާގި މަސްވެރިއެކެވެ. ކުޅަދާނަ "އިންޖިނޭރު" އެކެވެ. އިންޖީނު އެޅި ދޯނިފަހަރުގެ ޅަފަތުގެ ދުވަސްވަރު އިންޖީނާ ގުޅޭ ކަންކަން ދޯނީގައި ބެލެހެއްޓެވި ހީވާގި އެހީތެރިއެކެވެ. އެތައް އަހަރެއް ވަންދެން މަސްވެރިކަމުގެ މަސައްކަތް ކުރެއްވުމަށް ފަހު އަޙުމަދު، އެ މަސައްކަތާ މަޑުމަޑުން ދުރަށް ޖެހިވަޑައިގަތީ އެކަމުގެ ތެރޭގައި އުޅުއްވަނިކޮށް ލޮލަށް ލިބިވަޑައިގެން އަނިޔާއެއްގެ ސަބަބުންނެވެ.

އަޙުމަދު އަބޫބަކުރު ޤަބޫލުކުރައްވާ ގޮތުގައި އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީ ލިބިވަޑައިގެން 8 ބޭފުޅުންނަށް އެކަށީގެންވާ ތަޢުލީމާއި ރަނގަޅު އަޚްލާޤެއް ހޯއްދަވައިދެއްވުމެވެ. އެކަން އަޙުމަދު އަބޫބަކުރު ކުރައްވާފައިވަނީ އޭނާ އެންމެ ލޯބިކުރެއްވި އުގަންނަވައިދެއްވުމުގެ ލޯތްބާ ވެސް އެކުއެވެ. އޭނާގެ ތިން ބޭފުޅަކު ތުޅާދޫ ސްކޫލުގައި އުނގަންނަވައިދެއްވުމުގެ މަސައްކަތް ކުރައްވާފައިވުމީ މިކަމުގެ ހެތްކެކެވެ. އެގޮތުން މަރީނާ އަޙުމަދާއި، ފާތުމަތު އަޙުމަދާއި އާމިނަތު ނާޞިރާ ވެސް ވަނީ ތުޅާދޫ ސްކޫލުގައި ކިޔަވައިދެއްވުމުގެ މަސައްކަތް ކުރައްވާފައެވެ.

އަޙުމަދު އަބޫބަކުރުގެ ބޭފުޅެއްކަމުގައިވާ މަރީނާ އަޙުމަދު އޭނާގެ ބައްޕަ ސިފަކުރެއްވީ އެއީ އާއިލީ ކަންކަމުގައި ނަމޫނާ ބައްޕައެއްގެ ގޮތުގައެވެ.

" ބައްޕައަކީ ހަގީގަތުގައި ހަމަ ނަމޫނާއެއް. ދަރީންނާއި ކާފަދަރީންނަށް އަޅާލުމުގައި ވަރަށް ރީތި މިސާލެއް. ދަރިންނާއި ކާފަ ދަރިން އެންމެ ދުވަހަކު ނުފެނުނަސް ހިތްހަމައެއް ނުޖެހޭނެ. އެހާ ވެސް ލޯބިވާނެ. އަޅުގަނޑުމެން ތަރުބިއްޔަތުވީ ބައްޕަގެ ހަރުދަނާކަމުގެ ތެރޭގައި. ބައްޕަގެ އުސޫލަކީ ހަރުކަށިވާން ޖެހޭ ކަންކަމުގައި ހަރުކަށިވުން. ލުއިދޭން ޖެހޭ ކަންކަމުގައި ލުއިދިނުން. އަޅުގަނޑުމެންނަށް މިއަދު މި އެނގެނީ އެ ދުވަހު ބައްޕަމެން ކޮށްދެއްވި ކަންކަމުގެ ހަރުދަނާކަން. އެއީ ހަރުކަށިވުން ނޫންކަން. އެއީ އަޅުގަނޑުމެންގެ މުސްތަގުބަލަށް ޓަކައި އެޅުއްވި ފިޔަވަޅުތަކެއްކަން" ތުޅާދޫގެ ތަޢުލީމަށް ގިނަ ޚިދުމަތަކެއް ކޮށްދެއްވާފައިވާ މަރީނާ ވިދާޅުވިއެވެ.

your imageއަހުމަދު އަބޫބަކުރު - ކާފަ ކުދިންނާއެކު 



އަޙުމަދު އަބޫބަކުރަކީ ތުޅާދޫން ފާހަގަކޮށްލެވޭ އިޚުލާޞްތެރި ޚިދުމަތްތެރިއެކެވެ. ތަޢުލީމީ ޚިދުމަތުގެ ލިސްޓުން އެނަން ފާހަގަ ކުރެވެއެވެ. މަސްވެރީންގެ ތެރެއިން ވެސް އެ ނަން ފާހަގަކުރާން ޖެހެއެވެ. އެ ނަމާ ގުޅިފައިވަނީ މަސައްކަތުގެ އަޚުލާޤާއި އިޚުލާޞްތެރިކަމެވެ. ކުރެއްވި ކަންކަމުގައި ގެންގުޅުއްވި ހަރުދަނާ އުސޫލާއި ގޮތްތަކެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ތުޅާ ފުޓްސަލް މުބާރާތް 2024 ގައި 13 ޓީމަކުން ބައިވެރިވެއްޖެ
1 week ago 0 Comments
ޢަބްދުއްރަޙީމް ކަތީބު: ހިސާބު އެދުރެއް، ތަފާތު ޝަޚުޞިޔަތެއް
1 week ago 1 Comments
ތުޅާދޫ ދާއިރާގެ ގޮނޑި ޙަންނާން ކާމިޔާބުކުރައްވައިފި
4 weeks ago 0 Comments
ހުންގާނު ޙަންނާނަށް : އުފާވެރިކަން ދާއިރާއަށް
1 month ago 0 Comments