ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ރިޕޯޓު

މުދިމު ޔޫސުފުގެ އިޚުލާޞްތެރި ޚިދުމަތް

ރަށުގެ ބޮޑު މިސްކިތުން ގޮވާލެވޭ ކޮންމެ ނަމާދެއްގެ ބަންގިއެއް ވަނީ އެ އަޑުފުޅަކާ ގުޅިފައެވެ. ކޮންމެ ހުކުރެއް ވަނީ އެ ފަރާތެއްގެ ހަނދުމައިން ފުރިފައެވެ. ކޮންމެ ޢީދެއްގެ ބޮޑު ޖަމާއަތެއް ވަނީ އެ ބޭފުޅެއްގެ ހަނދާންތަކާ ގުޅިފައެވެ. މި އަހަރުގެ ބަރަކާތްތެރި ފިޠުރު ޢީދު ދުވަހުގެ ޒިކުރާތައް އިއްޔެ އާކުރެވެމުން ދިޔަ އިރު، ރަށުގައި ކުރެވުނު ޢީދުނަމާދުގެ ޖަމާއަތަށްވަނީ ކޮންމެ ވެސް ވަރެއްގެ ފަޅުކަމެއް ވެރިވެފައެވެ. އެއީ ފާއިތުވެ ދިޔަ 30ށް އަހަރު ތުޅާދޫ އެކި މިސްކިތްތަކާއި ބޮޑު ޖަމާއަތުގައި ޢީދު ދުވަހުގެ ޚުޠުބާ އިއްވެވި މުދިމު، އަޅުގަނޑުމެންގެ ލޯމަތިން ނެތުމުގެ ފަޅުކަމެވެ. އެ މުދިމުގެ މަތިވެރި ޚިދުމަތާ ވަކިވެދިއުމުގެ ފަޅުކަމެވެ. އެ ފަޅުކަމާ ގުޅިފައިވަނީ ތުޅާދޫގެ މި ޖީލުގެ އިސް މުދިމާއެވެ. އެއީ ތުޅާދޫ ރަންފަސް، އަލްމަރްޙޫމް ޔޫސުފް ޢުމަރެވެ. ތުޅާދޫ މުދިމު ޔޫސުފެވެ.

1959 އަހަރުގެ އޮކްޓޫބަރު މަހުގެ 1ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޔޫސުފު ޢުމަރަކީ ބ. ތުޅާދޫ ގުލްއަލާގޭ ޢުމަރު ޢަލީއާއި ޞަފިއްޔާ މުހައްމަދަށް ލިބިވަޑައިގެންންވި 10ކުދީންގެ ތެރެއިން ދެވަނަ ދަރިފުޅެވެ. އެއީ އަދި އެ ދެކަނބަލުންގެ ދޮށީ ފިރިހެން ދަރިފުޅު ވެސް މެއެވެ.

މުދިމު ޔޫސުފުގެ ތަޢުލީމީ ހަޔާތް ހޭދަކުރެއްވީ ތުޅާދޫ ސްކޫލު، އޭރުގެ މަކްތަބުލްހިދާޔާ ގައެވެ. އޭނާގެ އެ ހަޔާތުން ބުނެދިނީ އެ ޢިލްމީ ދަތުރުގެ ކާމިޔާބުކަމާއި ފޮނިކަމެވެ. ކިޔެވުމަށް ޓަކައި މުދިމު ޔޫސުފު ކުރެއްވެވި މަސައްކަތާއި އެ ކަމަށް އޭނާ ބެހެއްޓެވި ޝައުގުވެރިކަމެވެ. ތުޅާދޫ މަދަރުސާގައި، މުދިމު ޔޫސުފާ އެއް ކުލާހެއްގައި ކިޔަވާ ވިދާޅުވި ތުޅާދޫ ދެރަހަ މުޙައްމަދު އަޙުމަދު (ކެޔޮޅު މުހުނދު) ވިދާޅުވީ މުދިމު ޔޫސުފަކީ ކުޑައިރުއްސުރެ ވެސް ކިޔެވުމަށް ވަރަށް ލޯބިކުރި ދަރިވަރެއް ކަމަށެވެ.

your imageމުދިމު ޔޫސުފްގެ އަނބިކަނބަލުންނާ އެކު

"އެއީ އަބަދުވެސް މޮޅު ދަރިވަރެއް. އޭރު އަހަރެމެން ކުލާހުގައި މުދިމު ޔޫސުފާއި، އާގޯތި މުހުނދު (ކަރަންކާމާގޭ މުހައްމަދު ޢަބުދުއްރަޙުމާނު)އާއި، ދޮންއާކުރު އަބުދުގޭ ޔޫސުފު (އުރަންނަ، ޔޫސުފު ޢަބްދުﷲ)އާއި ކާޑުބެ (މާއޮޅު، މުހައްމަދު އިސްމާޢީލް) އުޅުއްވި. ދެން އުޅުނީ 6 އަންހެންކުދިން. މި ހުރިހާ ކުދިންގެ ތެރެއިން ވެސް ޔޫސުފަކީ ކުލާހުގައި ކިޔެވުމަށް އެންމެ މޮޅު ދަރިވަރު. ޔޫސުފަކީ ކިޔަވާހިތުން ކިޔަވައިވިދާޅުވި އަދި ޓީޗަރުންގެ ލޯބި ހޯއްދެވި ދަރިވަރެއް. އަހަރެން މިހާރު ވެސް ހަނދާން އެބަހުރި އިބްރާހީމްފުޅު އަހަރެމެން ލައްވައި ސްކޫލު ފެންޑާފަޅީގައި ކަށުނަމާދު ކުރުވި ހަނދާން. އެ ކަންކުރާ ގޮތް އޭރު އެންމެ ފުރިހަމައަށް މުދައްރިސަށް ކިޔައިދެއްވީ ވެސް ޔޫސުފް. އޭނާއަކީ ފިރިހެން ކުދިންގެ ތެރެއިން އަބަދުވެސް ކުލާހުން 1ވަނަ ހޯއްދެވި ދަރިވަރު" މުޙައްމަދު އަޙުމަދު ވިދާޅުވިއެވެ.

މުޙައްމަދު ވިދާޅުވީ ސްކޫލު ދައުރުގައި ވެސް މުދިމު ޔޫސުފަކީ ވަރަށް ރީއްޗަށް މަދަހައާއި ޅެން ވިދާޅުވި ބޭފުޅެއް ކަމަށެވެ.

"އޭރު ސްކޫލުގެ އަހަރީދުވަސް ފާހަގަކުރުމަށް ޓަކައި ބޭއްވުނު ހަފުލާތަކުގައި މުދިމު ޔޫސުފު ވެސް ބައިވެރިވެވަޑައިގެންނެވި. ޅެމާއި މަދަހަ، ރީތިކޮށް ރާގުގައި ވިދާޅުވާން ޔޫސުފް ވަރަށް މޮޅުވާނެ. އެއީ ރާގު ހިފަހައްޓަވަން ދެނެވަޑައިގަންނަވާ ބޭފުޅެއް. މާލޫދު ވެސް ރާގުގައި ވަރަށް ރީއްޗަށް ވިދާޅުވާނެ" މުޙައްމަދު އަޙުމަދު ވިދާޅުވިއެވެ.

ސްކޫލު ދައުރު ނިންމަވައިލެއްވުމަށް ފަހު މުދިމު ޔޫސުފް އުނގެނިވަޑައިގެންނެވި، ތުޅާދޫ ސްކޫލަށް ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. އޭރު އުމުރުފުޅުން އެންމެ 23 އަހަރެވެ.

"ޔޫސުފު އެންމެ ފުރަތަމަ ސްކޫލުގެ ވަގުތީ ޓީޗަރަކަށް ވެންނެވީ 1982ވަނަ އަހަރު. އޭރު މުސާރައަކަށް ލިބެނީ މަހަކު 60 ރުފިޔާ. އެގޮތަށް ތިން ހަތަރު ވަރަކަށް އަހަރު ސްކޫލުގައި ޓީޗަރެއްގެ ގޮތުގައި އުޅުއްވި" މުދިމު ޔޫސުފާ އެކުގައި މަސައްކަތް ކުރެއްވި ޙުސައިން ރަޝީދު (ޓީޗަރު ހުސައިން) ވިދާޅުވިއެވެ. ޙުސައިން ރަޝީދު އިތުރަށް ވިދާޅުވީ ޔޫސުފަކީ ތަފާތު އެކި ދާއިރާތަކުން ފާހަގަ ކުރެއްވޭ ޚިދުމަތްތެރިއެއް ކަމަށާއި އެއިން ކޮންމެ ކަމެއްގައި ވެސް ފާހަގަ ކުރެވުނީ މުދިމު ޔޫސުފް އިޚުލާޞްތެރިކަމާއި ތެދުވެރިކަން ކަމަށެވެ.

"ވަގުތީ ޓީޗަރަކަށް އުޅުއްވުމަށް ފަހު ޔޫސުފު ވަޑައިގަތީ މާލެއަށް. އަޅުގަނޑަށް އެންމެ ފުރަތަމަ ޔޫސުފު ފެންނަނީ ފާމުލަދޭރިމަގުގައި ހުންނަ ގެސްޓް ފިހާރައަކުން. އެއީ މއ. މާވަރު ވަހީދު ހިންގި ފިހާރައެއް. ދެން އޭގެ ފަހުން މާރުކޭޓް އިރުމަތި މަގުގައި ހުންނަ ފިހާރައެއްގައި ވެސް އުޅުއްވި. އެއީ ވައިކަރަދޫ އަހުމަދު ފިހާރައެއް. އޭގެ ފަހުން ޔޫސުފު އުޅުއްވީ އައްޑޫ ހަސަން ބާގިރު ކިޔާ މީހެއްގެ ގާތުގައި. އެ ބާގިރަކީ ރިސޯޓް ހިންގި މީހެއް. ދެން ބާގިރުގެ ރިސޯޓަށް ސަޕްލައިކުރުމުގެ މަސައްކަތް ވެސް ޔޫސުފުކުރެއްވި. ބާގިރުގެ ކުޑަރަށް ކިޔާ ރިސޯޓުގައި ވެސް ދުވަސްކޮޅަކު މަސައްކަތް ކުރެއްވި. އެއިން ކޮންމެ ތަނެއްގައި ވެސް ޔޫސުފް މަސައްކަތް ކުރެއްވީ ވަރަށް ތެދުވެރިކަމާ އެކު. އަބަދު ވެސް އެ ކުރާކަމަކަށް ވަރަށް ވަގުތުދެއްވާ މީހެއް ޔޫސުފަކީ" ތުޅާދޫ ސްކޫލުގެ ފުރަތަމަ ޕްރައިމަރީ ޓީޗަރު ޙުސައިން ރަޝީދު ވިދާޅުވިއެވެ.

your imageޔޫސުފަކީ އާއިލީ ކަންކަމަށް ވަގުތު ދެއްވި އާއިލީ ބޭފުޅެއް

މުދިމު ޔޫސުފަކީ އަބަދުވެސް ކޮންމެވެސް މަސައްކަތެއްގައި އަވަދިނެތި އުޅުއްވި މުރާލި ބޭފުޅެކެވެ. މާލޭގައި އޭނާ ހޭދަކުރެއްވީ ވެސް އެފަދަ ދުވަސްތަކެކެވެ. އެ ބުރަ ތާވަލުގެ ތެރެއިން ވެސް ތުޅާދޫ މީހުންނާ އޮންނަ ގާތްކަން އޭނާ ދެމެހެއްޓެވިއެވެ. ސީދާ ވަގުތު ދެއްވެން ނޯންނަ ހާލަތްތަކުގައި އޭނާގެ ދީލަތިކަން އިޚުތިޔާރުކުރައްވައި އެ ގުޅުން އިތުރަށް ބަދަހިކުރެއްވިއެވެ.

"ބާގިރު ކައިރީގައި ޔޫސުއްބެ މަސައްމަތް ކުރެއްވި އިރު އަޅުގަނޑާ ބާށުއައްތަގޭ މުހައްމަދާ ދެ މީހުންނާ ވަރަށް ގިނައިން ދިމާވާނެ. ހަމަ ދިމާވާއިރަށް 20 ރުފިޔާ ދީފައި ބުނާނެ ސައިބޯންދާށޭ. އޭރު 20 ރުފިޔާއަކީ ވަރަށް ބޮޑު އެއްޗެއް. އެގޮތަށް ލާރިދީފައި ސައިބޯންދާށޭ އެ ބުނަނީ އޭރު ޔޫސުއްބެއަށް ވަގުތު ނުވާތީ. ވަރަށް ބިޒީކޮށް މަސައްކަތުގަ ޔޫސުއްބެ އުޅޭނީ. އޭރު ޔޫސުއްބެ އުޅޭނީ ބައިސްކަލެއްގަ. ފެންނަ ކޮންމެ ފަހަރަކު ސައިބޯން 20 ރުފިޔާ ދޭނެ. އަބަދުވެސް ޔޫސުއްބެ އަޅުގަނޑުމެންނާ ގުޅުން ބައްވަވާނެ" ގިނަ އަހަރުތަކެއް ވަންދެން މެޖިސްޓްރޭޓްކަން ކުރެއްވުމަށް ފަހު ރިޓަޔަރ ކުރައްވާފައިވާ ތުޅާދޫ ވައިމަތީގެ މުޙައްމަދު އަޙުމަދު (ޑިކޭ) ވިދާޅުވިއެވެ.

މާލޭގައި ހޭދަކުރެއްވި ދުވަސްތަކަށް ފަހު މުދިމު ޔޫސުފް ދެން ވަޑައިގަތީ އަމިއްލަފުޅު ރަށަށެވެ. ރަށުގެ މުދިންކަމުގެ ވަޒީފާއަށެވެ. އެ ފުރުޞަތު އޭނާއަށް ފަހިކޮށްދެއްވީ އޭރުގެ ކަތީބު ޢުޘްމާން ޢަލީއެވެ.

"އަޅުގަނޑު ވެރިކަމަށް އެރި ފަހުން 1993 ނުވަތަ 1994 ހިސާބުގައި ޔޫސުފު ފުރަތަމަ ގެނައީ ރަށުގެ މުދިމަކަށް. އޭރު ރަށުގެ މުދިމުކަމުގެ ވަޒީފާ ހުސްވެފައި އޮތީމާ މުދިމަކަށް ގެންނަން ވެގެން އަޅުގަނޑު ޔޫސުފާ ވާހަދެއްކީ. ވާހަކަ ދެއްކީމާ ޔޫސުފު އެ ގޮތަށް އެއްބަސްވީ. އޭރު ޔޫސުފު ހުރީ ކޮންމެވެސް ރިސޯޓެއްގައިހެން ހީވަނީ. ޔޫސުފު ފުރަތަމަ ހަމަޖެއްސީ ވަގުތީ މުދިމަކަށް. ދެން އޭގެ ފަހުން މުދިންކަމުގައި ހުންނަވާފައި ކޯސް ހައްދަވަން މާލެ ވަޑައިގަތީ. އޭރު ޔޫސުފު ހުންނެވީ ވެސް އިތުރަށް ކިޔަވާވިދާޅުވާން ވެސް ބޭނުންފުޅުވެފައި" މުދިންކަމުގެ ފުރުޞަތު ރަސްމީކޮށް ލިބިވަޑައިގެންނެވި ގޮތް، ކުރީގެ ބޮޑު ކަތީބު ޢުޘްމާން ޢަލީ ވިދާޅުވިއެވެ.

your imageކާފަ ދަރިފުޅަކާ އެކު މުދިމު ޔޫސުފް ސަމާސާކުރައްވަނީ 

"ޔޫސުފަކީ ވަރަށް ރަނގަޅު ޚިދުމަތްތެރިއެއް. ވަރަށް ދުވަސްވަންދެން އަޅުގަނޑާ ވަރަށް ގުޅިގެން އުޅުއްވި ވަރަށް ހެޔޮލަފާ ބޭފުޅެއް ޔޫސުފަކީ. މީހުންނަށް ވަރަށް އިހުތިރާމުކުރެއްވި ބޭފުޅެއް އެއީ. އަދި އަޅުގަނޑުމެންނާ އެކު ރަށްކުރިއަރުވާ ކޮމިޓީގައި ވެސް ޔޫސުފް އުޅުއްވި" ތުޅާދޫގެ ކުރީގެ ބޮޑުކަތީބު، ގާޒީ ޢުޘްމާން ވިދާޅުވިއެވެ.

"ޔޫސުފަކީ ރަށުގެ ރ.ކ ކޮމިޓީގައި އުޅުއްވި ބޭފުޅެއް. ޔޫސުފަކީ ވަރަށް ހަރަކާތްތެރި ބޭފުޅެއް. މީހުންނާ ވަރަށް ގުޅިގެން، ކަމަށް ކަމޭހިތްތަވައިގެން މަސައްކަތް ކުރެއްވި ބޭފުޅެއް" ތުޅާދޫގެ ކުރީގެ ކަތީބުގެ ވާހަކައަށް ބާރުދެއްވުމުން ރަށްކުރިއަރުވާ ކޮމިޓީގައި އެންމެ ގިނަ ދުވަހު އުޅުއްވި އިޖުތިމާޢީ ޚިދުމަތްތެރިޔާ ބ.ތުޅާދޫ ފެހިވިލު، އަބޫބަކުރު އަޙުމަދު ވިދާޅުވިއެވެ.

މުދިމެއްގެ ގޮތުގައި މުދިމު ޔޫސުފް ޚިދުމަތްކުރައްވަން ފެއްޓެވީއްސުރެ ވެސް އޭނާއަކީ ވަރަށް ގަޔާވެގެން އެ މަސައްކަތް ކުރެއްވި ޚިދުމަތްތެރިއެކެވެ. ޔޫސުފާ އެކު މިސްކިތުގެ މަސައްކަތު މީހެއްގެ ގޮތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ޢަލީ ނަޒީރު ވިދާޅުވީ މުދިމު ޔޫސުފަކީ ވަރަށް އިޚްލާސްތެރި މުރާލި މުދިމެއް ކަމަށެވެ.

"ޔޫސުއްބެއަކީ ވަރަށް އިޚުލާސްތެރި ވަރަށް ތެދުވެރި މީހެއް. މިސްކިތު މުވައްޒަފުންނާ ވަރަށް ގުޅިގެން މަސައްކަތްކުރެއްވި މީހެއް. މަސައްކަތު މީހަކު ބަލިވެގެން، މީހަކު މަދުވާ ފަހަރުފަހަރު ވެސް އަޅުގަނޑުމެންނާ އެކުގައި ފޮޅާ ސާފުކުރުމުގެ މަސައްކަތް ވެސް ޔޫސުއްބެ ކުރައްވާނެ. އަދި އެއީ ވަގުތަށް ވަރަށް ކަމޭހިއްތެވި މުދިމެއް. ގަޑިއެއް ނުޖެހޭނެ. މުދިމުން މިސްކިތަށް އަންނަން ޖެހެނީ ހަމަ ބަންގި ގޮވަން ވީމާތާ. އެކަމަކު މަސައްކަތު މީހުންނެކޭ އެއްގޮތަށް ވަގުތު ޖެހުމުގެ މާ ކުރިން މިސްކިތަށް ޔޫސުއްބެ ވަޑައިގަންނަވާނެ. އަނެއްކާ މަސައްކަތު މީހުންގެ މެދުގައި އުފެދޭ ހަމަނުޖެހުންތައް ވެސް ހަމަ ވަގުތުން އެންމެންނާ ބައްދަލުކޮށްފައި ހައްލުކޮށްލައްވާނެ. ދޭތެރެ ދޭތެރެއިން މަސައްކަތު އެންމެން ގޮވައިގެން ކޮފީއަށް ވެސް ވަޑައިގަންނަވާނެ. އަދި ޔޫސުއްބެ އަމިއްލަ ގޭގައި ސައިހަދާފައި އަޅުގަނޑުމެން މަސައްކަތު އެންމެން އެ ގެއަށް ގެންގޮސް ސައިދީ ވެސް ހައްދަވާނެ. އެއީ ވަރަށް ހެޔޮލަފާ އިޚުލާސްތެރި މީހެއް" މިސްކިތު މަސައްކަތު މީހެއްގެ ގޮތުގައި ޚިދުމަތްކުރައްވާ ޢަލީ ނަޒީރު ވިދާޅުވިއެވެ.

ޢަލީ ނަޒީރު ވިދާޅުވީ މިސްކިތަށް ޓަކައި މުދިމު ޔޫސުފް ކޮށްދެއްވި ޚިދުމަތް ތުޅާދޫ ކޮންމެ މީހަކު ވެސް ބަލައިގަންނާނެ ކަމަށެވެ.

"މިސްކިތުގެ މުދިމުންނާ ދޭތެރޭގައި މިސްކިތަށް އަންނަ ބައެއް މީހުން އެކި ކަންކަމުގައި މަދުން ނަމަވެސް ޝަކުވާ ކުރޭތާ. އެކަމަކު ޔޫސުއްބެއާ ދޭތެރޭގައި މިސްކިތަށް ނަމާދަށް އައިސް އުޅޭ އެންމެން ވެސް ވަރަށް ހިތްހަމަ ޖެހޭނެ. ދުވަހަކު ވެސް ޝަކުވާއެއް ކުރާތީ އަޑެއް ނާހަން. އަޅުގަޑަށް ބުނެވޭނީ ޔޫސުއްބެއަކީ މުދިމެއްގެ ކިބައިގައި ހުންނަންޖެހޭ ރަނގަޅު ހުރިހައި ސިފައެއް އެކުލެވޭ ނަމޫނާ މުދިމެކޭ" މުދިމު ޔޫސުފަށް ޢަލީ ނަޒީރު ތަޢުރީފު ކުރެއްވިއެވެ.

your imageއާއިލާ ބޭފުޅުންކޮޅަކާ އެކު ރާއްޖެއިން ބޭރަށް މުދިމު ޔޫސުފް ކުރެއްވި ދަތުރެއްގެ ތެރެއިން

މުދިމު ޔޫސުފަކީ ކަށުކަމާކެމީގެ ކަންކަމުގައި ވެސް  އެދުރެކެވެ. ތުޅާދޫ މަސްޖިދުއް ރަޙްމާންގައި އިމާމުކަން ކުރެއްވި އަހުމަދު ބަހެޒާދު، ވިދާޅުވީ ކަށުކަމާކެމީގެ ކަންކަމުގައި އޭނާގެ އެދުރަކީ ޔޫސުއްބެ ކަމަށާއި އެ ކަމުގައި ވެސް ވަރަށް ގިނަ ތަޖުރިބާތައް ޔޫސުއްބެ ހިއްސާކުރެއްވި ކަމަށެވެ.

"ޔޫސުއްބެއާ އެކު 13ވަރަކަށް އަހަރު އަޅުގަނޑަށް މަސައްކަތް ކުރެވުނު. ޔޫސުއްބެ އުޅުއްވީ ބޮޑު މިސްކިތުގެ މުދިމަކަށް. އަޅުގަނޑު އުޅެނީ ރަހްމާން މިސްކިތުގައި. އަބަދުވެސް ވަރަށް ގިނަ ކަންކަމުގައި ޔޫސުއްބެ އަޅުގަނޑަށް ލަފާދެއްވި. އެއީ ވަރަށް ހީވާގިކަމާ އެކު ވަރަށް ގަޔާވެގެން މުދިންކަން ކުރެއްވި ޚިދުމަތްތެރިއެއް. ޔޫސުއްބެއަށް ކަށުކަމާކެމީގެ ކަންކަމުގެ އަމަލީ ތަޖުރިބާ ލިބިވަޑައިގަތީ އަފީއްބެމެންގެ ފަރާތުން. އަޅުގަނޑުމެންނަށް އެ ކަމުގައި ކަންކަން ކޮށް އުޅުނު ސަގާފަތް ދަސްކޮށްދެއްވީ ޔޫސުއްބެ. އަޅުގަނޑު ކޯސްހަދައިގެން ހުރި ނަމަވެސް ތަޖުރިބާގެ ތެރެއިން ހަގީގީ އުނގެނުން ދަސްކޮށްދެއްވީ ޔޫސުއްބެ. ހިނަވައި ކަފުންކޮށް ވަޅުލުމުގެ ކަންކަމުގައި ޔޫސުއްބެގެ ފަރާތުން ވަރަށް ގިނަ ކަންކަން އަޅުގަނޑަށް ދަސްވި. އެއީ އެ ކަމުގައި އަޅުގަނޑުގެ އެދެރު. އަނެއްކާ އެފަދަ ކޮންމެ ކަމެއް ދިމާވިޔަސް ތުޅާދޫ ކޮންމެ މީހަކު ވެސް އެންމެ ފުރަތަމަ ގުޅާނީ ޔޫސުއްބެއަށް. ޔޫސުއްބެ ހުންނަވާނީ އެ ފަދަ ކޮންމެ ކަމަކަށް ތައްޔާރަށް. އެއީ އެކަމުގައި ވެސް ހީވާގި ބޭފުޅެއް." އަހުމަދު ބަހެޒާދު ވިދާޅުވިއެވެ.

ތުޅާދޫ މުދިމެއްގެ ގޮތުގައި މުދިމު ޔޫސުފު ހުންނެވި ނަމަވެސް އިޖުތިމާޢީ ޚިދުމަތްތަކުގައި ވެސް އޭނާއަކީ އަމަލީ ބޭފުޅެކެވެ. ތުޅާދޫ ސްޕޯޓްސް ކުލަބުގެ އެކި ހަރާކަތްތަކުގައި ޔޫސުފުގެ ދައުރު ބޮޑެވެ. ޚާއްޞަކޮށް އެ ކުލަބުގެ ހިންގާ ކޮމެޓީގައި އުޅުއްވައި ކުރެއްވި ކަންކަން ގިނައެވެ.

"ރަށުގެ މުދިމުކަމުގައި އުޅުއްވި އިރު ވެސް ތުޅާދޫ ސްޕޯޓްސްކްލަބުގެ ސެކްރެޓްރީކަމުގެ މަގާމުގައި ވެސް ގިނަ އަހަރުތަކަކު އުޅުއްވި. އެކި ހަރަކާތްތައް ރާވައި ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންނެވި. އަދި އެ ކުލަބުން ހިންގާ ޕްރީސްކޫލުގެ ނާޒިރުކަން ވެސް ޔޫސުފުވަނީ ކުރައްވާފައި. ކްލަބުން ބޭއްވި މާހަރާ ޝޯވތައް ރާވައި ހިންގުމުގައި ވެސް އެއީ ވަރަށް އިސްދައުރެއް އަދާކުރެއްވި ބޭފުޅެއް" އެންމެ ގިނަ ދުވަހު ތުޅާދޫ ސްޕޯޓްސް ކުލަބްގެ މަސްއޫލުވެރިކަން ކުރެއްވި އަހުމަދު މުހައްމަދު (ކުޑަ އަހުމަދު) ވިދާޅުވިއެވެ.

your imageހަފުލާއެއްގައި މުދިމު ޔޫސުފް އިނާމަކާ ހަވާލުވެވަޑައިގަންނަވަނީ 

މުދިމް ޔޫސުފަކީ މުނިފޫހިފިލުވުމުގެ ދާއިރާއިން ވެސް ފެނިފައިވާ މޫނެކެވެ. އެގޮތުން ތުޅާދޫ ސްކޫލުގެ 49ވަނަ އަހަރީދުވަހުގެ މުނާސަބާގައި ސްކޫލުގެ މުސްކުޅި ދަރިވަރުން ކުޅުނު ސްޓޭޖް ޑްރާމާ "މިނިވަން ޖިހާދު" ގައި ވެސް ޔޫސުފަކީ މުހިއްމު ދައުރެއް އަދާކުރެއްވި ފަރާތެއް ކަމަށް ވެސް ތުޅާދޫ ސްކޫލުގެ ކުރީގެ ނާޒިރު އަޙުމަދު މުޙައްމަދު ވިދާޅުވިއެވެ.

މުދިމު ޔޫސުފަކީ 1985ވަނަ އަހަރު ތުޅާދޫ ސްކޫލާ ގުޅިގެން ޓީ.ވީ މޯލްޑިވްސް އިން އުފެއްދި މަޝްހޫރު ފިލްމް "ތަރުބިއްޔަތު" ގައި ހެކިވެރިއެއްގެ ރޯލް ވެސް އަދާކުރެއްވި ބައިވެރިއެކެވެ.

"ޔޫސުފަކީ އަޅުގަނޑުމެން ކުޅުނު ފިލްމު ތަރުބިއްޔަތުގެ ބައިވެރިއެއް. ޔޫސުފު އަދާކުރެއްވީ ފިލްމުގެ ބަތަލާ ޒުހުރާގެ މަންމަ ކައިވެނި ކުރި އިރު އެ ކައިވެނީގެ ހެކިވެރިއެއްގެ ބައި. އެ ރޯލު ޔޫސުފް އަދާކުރެއްވީ ވަރަށް ފުރިހަމައަށް" ފިލްމު ތަރުބިއްޔަތުގެ ލީޑް ރޯލު އަދާކުރެއްވި އަލްއުސްތާޛް އިބްރާހީމް ޢަފީފް ވިދާޅުވިއެވެ.

your imageފިލްމު ތަރުބިއްޔަތުގައި މުދިމު ޔޫސުފް ހަރަކާތްތެރިވަނީ

މުދިމު ޔޫސުފަކީ ތުޅާދޫގެ ކުޅިވަރުގެ ދަނޑުން ވެސް ފާހަގަކުރެވުނު ކުޅުންތެރިއެކެވެ. ރަށު ފެންވަރުގެ ފުޓްބޯޅައިން ފާހަގަކުރެވުނު ގޯލްކީޕަރެކެވެ. ވޮލީކޯޓުގައި ނަމަ މޮޅު ސެޓަރެކެވެ.

"ޔޫސުފަކީ ވަރަށް ކުޅިވަރުގެ ވެސް މީހެއް. ވޮލީ ކުޅެން ވެސް ވަރަށް މޮޅުވާނެ. 1980 ގެ އަހަރުތައް ފެށިގެން އައި އިރު ރަށުގައި އޭރު ވޮލީ ކުޅޭ އިރު އެންމެ މޮޅު ސެޓަރަކީ ޔޫސުފު. މިހާރު ރަށު ކޯޓް އިމާރާތް ހުރި ބިމުގައި ވޮލީ ކޯޓް އަޅައިގެން ވޮޅީ ކުޅުނު ދުވަސްވަރު އެއީ. އޭރު އެންމެ މަޝްހޫރު ސެޓަރަކީ ޔޫސުފު" މުދިމު ޔޫސުފާ އެކުގައި އެންމެ ގިނަ ދުވަހު އުޅުއްވި އޭނާގެ އެކުވެރި، ޓީޗަރު ޙުސައިން ރަޝީދު ވިދާޅުވިއެވެ.

މުދިމު ޔޫސުފަކީ ތުޅާދޫ މީހުން، އެ ފަންނެއްގައި ކުރިއަރާފައިވާ ލިޔެލާޖެހުމުގެ މަސައްކަތް ވެސް އަމިއްލަފުޅަށް ކުރެއްވެވި ބޭފުޅެކެވެ.

"ލިޔެލާޖެހުމުގެ މަސައްކަތް ބައްޕަ ވަރަށް ރަނގަޅަށް ކުރެއްވި. މިހާރު ވެސް އެ މަސައްކަތް ކުރެއްވި ސާމާނު ގޭގައި ހުންނާނެ. ލިޔެލާޖެހި މަސައްކަތް ކުރެއްވި ހަރު ވެސް މިހާރު ވެސް ހުންނާނެ. އެ މަސައްކަތް ބައްޕަ ކުރެއްވީ ލިބޭ ހުސްވަގުތުގައި. އެ މަސައްކަތުން އެކަށީގެންވާ އާމްދަނީއެއް ވެސް ހޯއްދެވި. އެކަން ވެސް ބައްޕަ ކުރެއްވީ ވަރަށް ރީތިކޮށް." މުދިމު ޔޫސުފްގެ ދޮށީ ދަރިފުޅު ޙަމްދޫނު ޔޫސުފު އޭނާގެ ބައްޕަގެ ލިޔެލާޖެހުމުގެ ހުނަރު ފާހަގަކުރައްވަމުން ވިދާޅުވިއެވެ.

your imageލިޔެލާޖެހުމަށް ޓަކައި މުދިމު ޔޫސުފް ބޭނުންކުރެއްވި ހަރާއި އޭނާގެ ބައެއް އުފެއްދުންތައް

މުދިމު ޔޫސުފު އިޚުލާސްތެރިކަމާއެކު އަދާކުރެއްވީ ހަމަ އެކަނި މުދިންކަމުގެ ވަޒީފާ އެކަންޏެއް ނޫނެވެ. އިޖުތިމާޢީ ޚިދުމަތްތަކުގައި ވެސް އުޅުއްވީ ނިކަން ފަރުވާތެރިކަމާއެކުގައެވެ. އެ ހުރިހައި ކަމެއް ކުރެއްވި އިރު ޢާއިލާއެއް ބެލެހެއްޓެމުގެ ޒިންމާ އޭނާ، އަދާކުރެއްވީ ވެސް ވަރަށް ފުރިހަމައަށެވެ.

"އަޅުގަނޑުގެ ފިރިމީހާއަކީ ވަރަށް ހެޔޮލަފާ ފިރިއެއް. އެކަހަލަ ތެދުވެރި ފިރިޔަކު މަދުވާނެ. ކުދީންނަށް ވެސް ވަރަށް ރަނގަޅުވާނެ. ހުރިހައި ކުދީންނަށް ވެސް އަބަދުވެސް ނަސޭހަތްދީ ހަދާނެ. ހުރިހައި ކުދީން ގުޅިގެން އުޅުމަށް ވަރަށް ބާރުއަޅާނެ. އަޅުގަނޑަށް ވެސް އަބަދުވެސް ނަސޭހަތްދީހަދާނެ. ކަންކަން ރަނގަޅަށް ކުރުމަށް ވަރަށް ބާރުއަޅާނެ. އަޅުގަނޑަށާއި ކުދީންނަށް ވެސް ވަރަށް ވަގުތު ދޭނެ. އެއީ ކުދީންނަށް ވަރަށް ރަނގަޅު ބައްޕައެއް. އެއީ އަޅުގަނޑަށް ވެސް ހާދަ ހެޔޮ ފިރިއެކޭ" މުދިމު ޔޫސުފުގެ އަނބިކަނބަލުން މަރިޔަމް އިދުރީސް ވިދާޅުވިއެވެ.

މުދިމު ޔޫސުފުގެ ރީތި އުޅުމާ އަޚުލާޤު، އޭނާގެ ކުދީންނަށް ވެސް ވަނީ ފޯރާފައެވެ. ހަމްދޫން ޔޫސުފާއި ސޯފިޔާ ޔޫސުފާއި މަމްދޫހު ޔޫސުފާއި ޙަމްދުﷲ ޔޫސުފާއި ހަނާނު ޔޫސުފާ މިއިން ކޮންމެ ކުއްޖަކީ ވެސް އުޅުންހުރި ހެޔޮލަފާ ކުއްޖެކެވެ.

your image

މުދިމު ޔޫސުފަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފާހަގަކުރެވޭ ތުޅާދޫގެ ޚިދުމަތްތެރިއެވެ. ތުޅާދޫގެ މި ޖީލުގެ އިސް މުދިމެއްގެ ގޮތުގައެވެ. ކަށުކަމާކެމީގެ އެދުރެއްގެ ގޮތުގައެވެ. ތުޅާދޫ ސްޕޯޓްސް ކްލަބުގެ ސެކްޓެރިއެއްގެ ގޮތުގައާއި އެ ކްލަބުން ހިންގަމުންގެންދާ ޕްރީސްކޫކުގެ ނާޒިރުކަން ވެސް ކުރެއްވި ޚިދުމަތްތެރިއެއްގެ ގޮތުގައެވެ. އަދި ރަށުގެ ރ.ކ ކޮމިޓީއާއި ތުޅާދޫ ސްކޫލަށް ޚިދުމަތްކުރެއްވި ބޭފުޅެއްގެ ގޮތުގައި ވެސް މެއެވެ. މިއިން ކޮންމެ ދާއިރާއަކުން ވެސް ފާހަގަކުރެވިފައިވަނީ މުދިމު ޔޫސުފުގެ އިޚުލާސްތެރި ޚިދުމަތެވެ.

your image


ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
40%
އުފާވި
0%
ދެރަވި
0%
ރުޅިއައި
60%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 day ago 0 Comments
ލޯގޯ ފަރުމާކުރުމުގެ މުބާރާތުން 1ވަނަ މަތީނަށް
4 days ago 0 Comments
ވާދަމައިގެން މޮޅުވި ޓީމުތަކަށް ލިބުނު 21 ހާސް ރުފިޔާ އިޖުތިމާޢީ ޚިދުމަތަށް
5 days ago 0 Comments
ސިލްސިލާ ފުޓްބޯޅަ މެޗު ތުޅާދޫއަށް
5 days ago 0 Comments