
އެއީ ރަށުގެ ޒުވާނުން ހޭބޯނާރައި އީދުގެ ތައްޔާރީތައްވުމުގައި އުޅެނު ދުވަހެކެވެ. އެހެން ފަހަރުތަކަށް ވުރެ ޢީދުގެ ފޯރި ގަދަކުރެވޭތޯ މަސައްކަތް ފެށި ދުވަހެވެ. އެ ކަމުގައި އިސްވެ އުޅެނީ ހަމީދެވެ. އެއީ ޒުވާނުންގެ ޖަމިއްޔާގެ ޚަޒާންދާރެވެ. ޢަމަލީގޮތުން ކަންކަމުގައި ޙަރަކާތްތެރިވުމުގައި ނަމޫނާއެކެވެ.
ކުރަން ރޭވި އެންމެ މުހިންމު ކަމަކީ ބޮޑުމަސް ނެރުމާއި ކޯޑި ނެރުމެވެ. އެ ނިންމުން ތަންފީޒު ކުރުމަށް ނިކުތީ ރަށުގެ ޒުވާނުންނާއި ފުރާވަރުގެ ލާނެތް ކުދީންނެވެ. އެ މީހުން ވަލުތެރެއަށް ވަނީ މަސައްކަތަށް ބޭނުންވާނެ ތަކެތި ހަމަކުރާށެވެ.
ފަންކަނޑާ ވާހަކަ ދައްކާ ނުނިމެނީސް ހަމީދު ގޮސް އަރާއޮތީ ރުކުގައެވެ.
"ކިތައް ފަން ކަނޑަންވީ؟" ރުކުގައި އޮތް ހަމީދު ބާރު އަޑުން ގޮވާލިއެވެ.
"ކަލެއަށް ކަނޑަން ކެރުނު ވަރެއް. ރުއް އޮރިޔާން ނުކުރާތި" ކޯޑި ތައްޔާރުކުރުމުގައި އުޅުނު ޒުވާނަކު ޖަވާބު ދިނެވެ.
"ދެން ސަމާސާ ނުކޮށް ބުނެ ބަލަ؟ މި ރުކުން ކިތައް ފަންތަ ކަނޑަންވީ؟ އަނެއް ދެ ރުކަށް ވެސް މީހުން އަރާ އެބަ ތިއްބެއްނު" އަނެއްކާ ވެސް ރުކުގައި އޮތް ހަމީދު ގޮވައިލިއެވެ.
"އެރި މީހާއަށް ދޯ އެނގޭނީ ކަނޑަންވީ ވަރު. އަހަރެމެން މި ތިބީ ވަރިހަމަ ކިޔަން" މި ފަހަރު ޖަވާބު ދިނީ އެހެން ޒުވާނެކެވެ.
"އާނ. މަށަށް އެނގޭނީ ކަނޑަންވީ ވަރެއް. ޖެހުނު ފަނެއް ބިމާ ހަމަކުރާނަން" ހަމީދުގެ ޖުމުލަތާކާ އެކު ފަހަރަކު ފަނެއް ކަނޑަމުން ދިޔައެވެ. އެ އަވަސް ހަރަކާތުން ބިމުގައި ފަނެއް، ވައިގައި ފަނެއް، ރުކާވަކިވުމަށް ލެނބެމުން ފަނެއް ދިޔައެވެ.
"ހޯހޯ... ދެން ހުއްޓާލާ. އީދު އަންނަން އުޅުނަސް ތީ ބޮޑުވަރު. މުޅި ރުއް ތިޔަ ކޮށާލީނު" ފަންތައް ބިމުގައި ޖެހެމުން ދިޔަ އަޑުފައްގަނޑުގެ ތެރެއިން ހަޅޭއްލަވަން ފެއްޓީ ތަންކޮޅެއް ހަރު މީހެކެވެ.
"މަ ވެސް ބަލައިލީ ކަލޭމެންނަށްތޯ ކެރެނީ މަށަށްތޯ ކެރެނީ. މިހާރު ހުންނާނީ ފަންކެނޑިފައި. ތި ފަނުން މި އީދަށާއި އަންނަ އީދަށް ވެސް ވާނެ" ރުކުން ފައިބަމުން ހަމީދު ވާހަކަދައްކަމުން ދިޔައެވެ.
މީހުންގަނޑު މަސައްކަތް ފެށިއެވެ. އެއްބަޔަކު ފެށީ ބޮޑުމަސް ވިޔާށެވެ. އަނެއް ބަޔަކު ކޯޑި ތައްޔާރުކުރަން ފެށިއެވެ. ހަމީދު އުޅުނީ އެ ކަމުގައެވެ.
"މިއީ މި ފަހަރު އަންހެން ވެރީންނަށް ދެވޭ ރަނގަޅު ހަދިޔާއެއް. އެ މީހުން ލައްވާ ކޯޑި ކަނޑުވާނީ. އޭރުންތާ އަހަރެމެން ބޭނުން ގޮތެއް އެ މީހުންނަށް ހެދޭނީ" ހަމީދު ވާހަކަދައްކަމުން ދިޔައީ ކޯޑި ހެދުމުގައި އެންމެ އިސްކޮށް ހުރި ޖަމީލުބެއާއެވެ.
"މި ކަން ހިތުގައި ބާއްވައިގެން ދޯ ތިޔަ ރުއް ކޮށާލީ" ޖަމީލުބެ ދިމާކޮށްލީ ހަމީދާއެވެ.
"ކޮންމެ އެއްޗެއް ހިތުގައި އޮތަސް ހެޔޮތާ. ފަން ކެނޑިއްޖެއްނު. ބޭނުންވާ ކަންތައް ވެއްޖެއެއްނު" ހަމީދު އަނގަޔަކުން ދެރައެއް ނުވެއެވެ.
"ކޯޑި ކަނޑުވަން ވާނީ ތި ގޯތި ރުގިއްޔާ ލައްވާ" ޖަމީލުބެ ބޭނުންވީ ހަމީދުގެ އަނގަގޮއްވާށެވެ.
"އެ މަންޖެމެން މި ކަމަކަށް ނާންނާނެ" ވިސްނައިލުމަށް ފަހު ހަމީދު ބުންޏެވެ.
"ގަދަކަމުން ގެންނާނީ. މި ހަރަކާތްތަކުގައި ބައިވެރި ނުވާ މީހަކު މި ރަށުގައި ހުރިޔަ ދީގެން ނުވާނެ. މި ކަން މި ކުރަނީ ކަމަކުތާ؟" ޖަމީލުބެ ވާހަކަދެއްކީ ޖަމިއްޔާގެ މަގުޞަދު ވެސް ހާޞިލުވާނެ ގޮތަކަށެވެ.
"މަށަށް ހީވަނީ ވަރަށް ގިނަ މީހުން ނުކުންނާނެ ހެން" ހަމީދަށް ހީވާ ގޮތް އޭނާ ފާޅުކުރިއެވެ.
"ހީވާގޮތުގެ ވާހަކަ ދައްކާނެ ކަމެއް ނެތް. ތިގޭ ރުގިއްޔާ ވެސް ނެރެންވާނެ. މަ ބޭނުމީ އެ މަންޖެ ލައްވާ މިކަން ކުރުވަން" އަނެއްކާ ވެސް ޖަމީލުބެ ދެއްކީ ރުގިއްޔާގެ ވާހަކައެވެ. ބޭނުމަކީ ހަމީދު ރޭރު ކުރުވުމެވެ.
"ބަލަ މޮޔަވީތަ؟ ރުގިއްޔާ ނޫނަސް އަންހެނުން އެބަ ތިއްބެއްނު. އެ މީހުން ލައްވާ ވެސް ކުރެވިދާނެއްނު" ހަމީދުގެ ޖަވާބުން ޖަމީލު ފެށީ ހޭށެވެ. އެތާ ތިބި އެހެން މީހުން ވެސް ހޭން ފެށިއެވެ.
"އާނ.. ރުގިއްޔާ ލައްވާ މި ފަހަރު މިކަން ކުރުވަން ވާނެ. އޭރުންތާ އަހަރެމެން ބޭނުން ގޮތެއް ހެދުމަށް އެ މަންޖެ ލިބޭނީ" ޖަމީލުބެ ބޭނުންވީ ހަމީދު އިތުރަށް ކައްކުވާށެވެ. އެ ދިމާކުރުމުގައި ދެން ތިބި މީހުން ވެސް ބައިވެރިވަމުން ދިޔައެވެ. ހަމީދު ވެސް ރުޅި ގަދަވަމުން ދިޔައެވެ. އޭނާގެ ކޮންޓްރޯން ނެއްޓީ އެންމެ ފަހުން ޖަމީލުބެ ބުނި ޖުމުލައިންނެވެ.
"ރުގިއްޔާ ނުނެރޭނެ ނޯންނާނެ އެއްގޮތް ވެސް"
"މަ މި ބުނީނު ކަލޭމެން ބޭނުން ގޮތެއް ހަދާކަށް އެ މަންޖެއެއް ނުލިބޭނޭ. އެ މަންޖެ މި ކަމެއް ނުކުރާނޭ. އަޑެއް ނުއިވޭތަ؟ ކަލޭމެން މޮޔަ ވީތަ؟ އެ ނޫން އަންހެނަކު ނުފެނުނީތަ؟" ހަމީދުގެ އަޑު ބާރުވާން ފެށުމުން އޭނާ ހިތްހަމަ ނުޖެހުނީކަން ޖަމީލުބެ ދެނެގަތެވެ.
"މައްސަލައެއް ނެތް. ދެން އަވަހަށް މި ކަމާ އުޅެމާ ހިނގާ. ތި ވާހަކަ ދައްކާނީ ފަހުން" ޖަމީލުބެ ދައްކަމުން ދިޔަ ވާހަކައިގެ މިސްރާބު ބަދަލުކޮށްލަން ހިފިއެވެ.
"އާނ. އެ މަންޖެ ނެރެންވާނެ. ރުކަށް ވެސް އަރުވަން ވާނެ. ބޭނުން ގޮތެއް ވެސް ހަދަންވާނެ" އެ ތަނުން ފެޔަށް ހިނގައި ގަންނަމުން އަޑުގައި ނެތްތަނަށް ހަމީދު ބުންޏެވެ. އެހެން ބުނަމުން ހަމީދު ދުއްވައި ގަތީއެވެ. އޭނާ ގޮސް އެރީ ފަންކަނޑަށް އޭނާ އެރި ރުކަށެވެ. އެންމެނަން ލިބުނީ ހައިރާންކަމެވެ. ރުކުގައި އޮވެ ހަމީދު ގޮވަމުން ދިޔަ ފަތިވަރާއި ދައްކަމުން ދިޔަ ވާހަކަތަކުން ޖެހިލުން ވެސް ވިއެވެ.
"މަށަށް ހީވަނީ ގޯހެއް ވެއްޖެހެން. އެހެން ނޫން ނަމަ އެގޮތަކަށް ވާހަކައެއް ނުދައްކާނެ. ރުކަކަށް ނާރާނެ" ޖަމީލުބެ ވާހަކަދެއްކީ މަސައްކަތުގައި ދެން ތިބި މީހުންނާއެވެ.
"ހަމީދުގެ ދުލުން އެ ދައްކަނީ އޭނާ އެހެންޏާ ދައްކާ ޒާތުގެ ވާހަކަތަކެއް ނޫން. އޭނާ ބާލުވަމާ ހިނގާ؟" ޚިޔާލު ދިނީ އެހެން ޒުވާނެކެވެ.
"ކިހިނެއްވީބާ؟ އެ އުޅޭގޮތުން ބިރު ވެސް އެބަ ގަނޭ. ކިހިނެއް ހަދާނީ؟" ކުރިން ވާހަކަދެއްކި ޒުވާނާ ސުވާލުކުރިއެވެ.
"ދޭ ބަލަ އިދުރީސްބެ ބަލައި. މުދިންބެ ވެސް ގެންނާތި" ކަންކުރަންވީ ގޮތް ބުނެދިނީ ޖަމީލުބެއެވެ.
މާ ގިނަ އިރުތަކެއް ނުވެ އެތަނަށް އިދުރީސްބެ އައެވެ. އޭރު ހަމީދު ހަޅޭއްލަވަނީއެވެ. އަޑުގައި ނެތްތަނަށް ތެދަށްނުވާ ތަކެތި އަނބުރަނީއެވެ. މީހުން ތިބީ ބިރުން ހަލާކުވެފައެވެ. ހަދަންވީ ގޮތެއް ނޭނގިފައެވެ. ރުކަށް އަރަން ފެށުމުން ރުކުގައި ހުރި ކުރުނބާތައް އޭނާ އުކާތީވެ އެ ރުކާ ގާތްވަން ވެސް ނުކުރިފައެވެ.
އިދުރީސްބެ ވާހަކަތަކުން އެނގުނީ ހަމީދު މޮޔަވެފައި ހުރިކަމެވެ.
"ކާކު މި ފަންތައް ކެނޑީ؟" އިދުރީސްބެ ސުވާލުކުރިއެވެ.
"ތިން މީހަކު ވެގެން ކެނޑީ. ބައެއް ފަން ކެނޑީ ހަމީދު" ޒުވާނަކު ޖަވާބުދިނެވެ.
"އޭނާ އަރައި އެ އިނީ އޭނާ ފަންކެނޑި ރުކަށްތަ؟" އިދުރީސްބެ ސުވާލަށް ލިބުނު ޖަވާބުން އެކަން ހިނގާފާނެކަމަށް އިދުރީސްބެއަށް ހީވިހީވުން ޔަގީންވިއެވެ.
"ތިވާނީ ޖިންނީގެ ކަމަކަށް. އެ ރުކުން ދިމާވެގެން އުޅޭ ކަމަކާ ވައްތަރީ" އިދުރީސްބެއަށް ހީވި ގޮތް އޭނާ ބުނެދިނެވެ. އެއަށް ފަހު އޭނާގެ މަސައްކަތް ފެށީ ޖިންނީގެ ބާރު ކަނޑުވާލުމަށެވެ. އެ ކަމަށް ނެގީ ވަގުތުކޮޅެކެވެ. ހަމީދު ރުކުން ފައިބަން ފެށިއެވެ. ކުށްވެރިއަކު ފަދައިން ބިރުން ހުރެ އިދުރީސްބެގާތަށް ހާޒިރުވިއެވެ. އަދި ކަންވީ ގޮތް ހުތުރު އަޑުކުން ކިޔައިދޭން ފެށިއެވެ. އެއަށް ފަހު ވަރުތަކެއް އަރުވަން ފެށިއެވެ. ހެދިހުރި ބޮޑު ހަށިގަނޑަށް ގޮތްތަކެއްވެ އޭނާ ބިންމައްޗަށް ދެމުނެވެ.
ހަމީދު ހޭވެރިކަންވީ ދިހަވަރަކަށް މިނެޓް ފަހުންނެވެ. އޭނާއަށް ހަގީގަތް ކިޔައިދިނީ އިދުރީސްބެއެވެ. ރުކުގެ ފަނެއްގައި އިން ޖިންނިއެއްގައި ކަތިވަޅިން ޖެހުމުން އެ ކަމުގެ ބަދަލު ހިފީކަމަށް އިދުރީސްބެ ބުންޏެވެ.
"ބައްޕާ މި އޮތީ އީދު ހަދިޔާއެއް" ހަމީދާ ވާހަކަދެއްކީ އޭނާގެ 7 އަހަރަށްދާ ދަރިފުޅެވެ. ޚިޔާލުގެ މާޒީން ހަމީދަށް ނުކުމެވުނު އިރު އޭނާގެ ދަރިފުޅު އޭނާގެ އަތުގެ ތެރެއަށް ކާޑެއް ލަނީއެވެ. އެ ކާޑުގެ ބޭރުގައި ވަނީ އެކި ކުލަތައް އޮއްސާލާފައިވާ ހަނދުފަޅިއަކާ ގުއްބުތަކެކެވެ. އޭގެ ތިރީގައި އިނގިރޭސި އަކުރުން ޢީދު މުބާރަކު ލިޔެފައިވެއެވެ.
ހަމީދު އެ ކާޑު ހުޅުވާލިއެވެ. އޭގައި ކުރަހާފައި ވަނީ ދިވެހި ރުކެކެވެ. ދެން ކުރަހާފައިވަނީ ބޮޑު މަހެކެވެ. އެ ކުރަކި ކުރެހުމާ އެކު ތާނައަކުން "އީދު މުބާރަކު" މިހެން ލިޔެލާފައި ވެސް އޮތެވެ. ހަމީދަށް އަނެއްކާ ވެސް ވަދެވުނީ މާޒީގެ ތެރެއަށެވެ. މާޒީގެ ޢީދުގެ ހަނދާންތަކަށެވެ.