
އެންމެ ދުރު ހަނދާންތަކުގެ މާޒީއަށް ޖެހިލާއިރު އަހަރެންނަކީ ނިކަމެތި އާއިލާއެއްގައި ތިބި ތިން މެންބަރުންގެ ތެރެއިން އެކެކެވެ. ދިރިއުޅޭނެ ބޮޑު ގޯއްޗަކާއި ކުޅެއުޅޭނެ ބޮޑު މާހައުލެއް އަހަރެންނަށް ލިބިފައި ވީނަމަވެސް އަންހެން ކުއްޖަށްވީތީ ލިބެންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް އެ ގޯއްޗަކުން އަހަރެންނަކަށް ނުލިބުނެވެ. މިގޮތަށް ގަބޫލުކުރަން އަހަރެންނަށް މަޖުބޫރުވަނީއެވެ. ތަޖުރިބާ ކުރެވުނު ކަންކަމުން އެ ހާދިސާތަކާއި ވާހަކަތައް ދެންމެ ވީ ކަމެއްހެން ހިތުގައި ލިޔެވިފައިވާތީ އެ ހަނދާންތައް އާލާވަނީއެވެ.
އެންމެ ކުޑައިރުއްސުރެ ވެސް އަހަރެންނަކީ އަމިއްލައަށް ކަންކަންކުރުމަށް ލޯބި ކުރި ކުއްޖެކެވެ. ބޭނުންވާ ކަންކަން އަމިއްލައަށް ކުރެވޭތޯ ބެލި ކުއްޖެކެވެ. ރީތިވުމާއި އެއްޗެހި އިސްތިރިކުރުމަކީ ޢުމުރުން 14 އަހަރުއްސުރެ ވެސް ކުރަމުން އައި ކަންކަމެވެ. އެކަންކަން ކުރަން މަޖުބޫރުވީއެއް ނޫނެވެ. ކުރާހިތްވާލެއް ބޮޑުކަމުން އަމިއްލައަށް ކުރަން ފެށީއެވެ. އެ ފެށުމާއެކު އެފަދަ ކަންކަން ކުރުމަކީ އަމިއްލަ ޒިންމާއެއް ކަމުގައި ވީއެވެ.
އަހަރެންގެ ދޮށްޓަށް ހުންނަނީ ދެ ބޭބެ ކަމަށް ވުމުން އެ ދެ ބޭބެގެ ބައެއް ކަންކަން ވެސް އަހަރެންނަށް ކުރަންޖެހުނެވެ. ނޫނެކެވެ. ކުރަން ޖެހުނީއެއް ނޫނެވެ. އެކަންކަމާ އަހަރެން އަމިއްލައަށް ހަވާލުވީއެވެ. އެ ހަވާލުވުމާއެކު މަންމައަށް އެތައް ލުޔެއް ލިބުނެވެ. ނަމަވެސް އެ ލުއި ވެގެން ދިޔައީ އަހަރެންނާ މަންމައާ ދެމެދު ރޭނުނު ފާރަކަށެވެ. މަންމަ ކޮށްދޭ ކަންކަމާ މެދު ހިތް ހަމަނުޖެހޭ ކުއްޖަކަށް އަހަރެން ހަދައިދިން ސަބަބަކަށެވެ.
މަންމައަށް ގަބޫލުކުރެވުނީ އަހަރެން އެއްވެސް ކަމެއްގައި މަންމަގެ އެހީތެރިކަން ބޭނުން ނުވާކަމެވެ. އަހަރެންގެ ކިބައިގައި ހުންނަ ހަރުކަށި ގޮތާއި މުރަނަ ގޮތުގެ ސަބަބުން މަންމަމެންނަށް އަހަރެން ފެނުނީ ބޭބެމެންނެކޭ އެއް ގޮތަށެވެ. އަހަރެންނަކީ އަންހެން ކުއްޖެކޭ ކިޔައިފައި ވަކި ޚާއްޞަ ގޮތެއް ނުބަހައްޓައެވެ. ވަކި ގާތްކަމެއް ނުގެންގުޅެއެވެ. އެކަމާ ބައެއް ފަހަރު ހިތުން ޝަކުވާ ކުރެވުނަސް ގިނަ ފަހަރަށް އަހަރެން އަޅައެއް ނުލަމެވެ. އެފަދަ ޝަކުވާއެއް ކުރަން ޖެހުނު ދުވަހެކެވެ.
އަހަރެން އުޅުނީ ގިފިލީގައެވެ. ގިފިއްޔޭ ބުންޏަސް އެއީ މާ ސިންގާ ބޮޑު ތަނެކެވެ. ތަފާތު ވައްތަރުގެ ގަސްތަކާއި ރުއްތައް ހެދިފައިވާ ބޯ ގަސްތަކުގެ ޖަންގައްޔެކެވެ. ދުވާލުގެ ވަގުތުތަކުގައި އެތަނަށް ވަންނަން ބިރު ނުގަތަސް ރޭގަނޑުގެ ވަގުތުތަކުގައި އެތަނަށް ވަންނަން ޖެހުމުން އަހަރެން އެ ގަންނަ ބިރަކީ ކުޑަ ބިރެއް ނޫނެވެ. އެތަނުގެ އަނދިރި ކަމާއި ގަސްތަކުގެ ނާމާންކަން ހިތަށް އަރާފައި އެތައް ފަހަރަކު އެތަނަށް ނުވަދެ ހުންނަމެވެ. ކޮންމެވެސް މީހެއްގެ އެހީތެރިކަމާއެކު އެތަނަށް ވަދެވޭނެ ނަމައޭ ހިތަށް އެރި އެތައް ފަހަރެއް ދިޔައެވެ. އެކަމަކު އެ އެހީތެރިކަން ހޯދަން އަބަދު ބޭބެމެން ގާތު ބުނާކަށް ނުކުރެއެވެ. ތަންކޮޅެއް ކުޑައިރު ގިފިއްޔަށް ވަންނަން ބޭބެމެންގެ އެހީތެރިކަން ހޯދި ނަމަވެސް ފަހުން ފަހުން އެކަން ހުއްޓާލީމެވެ.
ގިފިއްޔަށް ވަދެ މަކުޑި އަޅުވަން ބެލިއިރު އެ މަކުޑި ހުރީ އަދިވެސް ނުހެދިއެވެ.
"މަންމާ. އަދިވެސް އެ މަކުޑި ހުރީ ހަލާކުވެފައި. ކޮން އިރަކުންތަ އެ ހެދޭނީ." ގިފިލިން ނުކުމެގެން ގޮސް އަހަރެން މަންމަ ގާތުގައި ޝަކުވާކުރީމެވެ.
"ބަލަ އެއީ އެވަރު ކަމެއްތަ؟ އެތާ ލައްކޮށްފައި ހުރި ލަކުޑިގަނޑު ދޮރުގައި ޖައްސާލަބަލަ" މަންމަ ޖަވާބު ދިނެވެ.
"އޭރުން މީހަކު އައިސް ދޮރުގައި ހިފާލާއިރަށް ހުޅުވޭނެއްނު" އަހަރެންނަށް ވިސްނުނީ ވެދާނެ ގޮތެކެވެ.
"ޝަހުލާ ގިފިލީގައި ހުއްޓާ ކާކުތަ ގޮސް ވަންނާނީ. ނުވަންނާނެ. ދެން މާގިނަ ވާހަކަ ނުދައްކާ ދޭ ފެންވަރަށް. ބަލަ އަހަރެން ވެސް މި ފެންވަރަނީ އެތަނުން. ނަދީމާއި ނަސީމު ވެސް އެ ފެންވަރަނީ އެތަނުން. މީހަކު ވަދެދާނެތީ ތިހާ ބިރުންނެއް ނޫޅޭ" މަންމަ އަބަދުވެސް ވިސްނާނީ އެގޮތަށެވެ. ބޭބެމެން ބިރު ނުގަންނަންޏާ އަހަރެން ވެސް ބިރު ގަނެގެނެއް ނުވެއެވެ. މަންމައަށް ކަންކަން ކުރެވޭނަމަ އަހަރެންނަށް ވެސް އެކަމެއް ކުރެވެން ޖެހެއެވެ.
"އެކަމަކު މަންމާ. މިހާރު ހަފުތާއެއް ވެއްޖެ މަންމަ ގާތުގައި އެކަން ކޮށްދޭށޭ ކިޔައިތާ؟ އެ މަކުޑި ހަލާކުވެފައި ހުންނާތީ އަހަރެން ބިރު ގަނޭ. ޖެހިލުންވޭ" އަހަރެންނަށް ވާގޮތް މަންމަ ގާތުގައި ބުނީމެވެ. އެ އަޑު މަންމަ އެހި ނަމަވެސް އެކަން މަންމައަށްވީ މަޖާ ކަމަކަށެވެ. މަންމަ އެވާހަކަ ދެއްކީ ގެއަށް އައިސް ވަން އާއިލީ ރައްޓެއްސަކާއެވެ. އެއީ ޔޫސުއްބެއެވެ.
"ޔޫސުބާ. މި މަންޖެ އެ އުޅެނީ ގިފިއްޔަށް ނުވަދެވިގެން. ދޭބަލަ އެ މަކުޑި ހަރުކޮށްލަދެން" އެކަން ކޮށްދިނުމަށް މަންމަ އެދުނީ ޔޫސުއްބެ ގާތުގައެވެ. ޔޫސުއްބެއަކީ ގޭގެ އެފަދަ ކަންކަން ކޮށްލަދޭ ވަރަށް ރަނގަޅު ރަހުމަތްތެރިއެކެވެ. ބައްޕަގެ ވެސް މާ ގާތް ރައްޓެއްސެކެވެ.
ޔޫސުއްބެއާއެކު އަހަރެން ވެސް ގިފިއްޔަށް ދިޔައީމެވެ. މަކުޑި ހަރުކުރުމުގެ މަސައްކަތް ކުރަމުން ދިޔައިރު އެތާ ހުރީމެވެ.
"ކީއްވެތަ ތިހާ ބިރުން ތި އުޅެނީ؟" މަކުޑި ހަރުކުރަމުން ޔޫސުއްބެ ސުވާލުކުރީ އަހަރެންނާއެވެ.
"އެކި މީހުން ބިރު ގަންނާނީ އެކި ކަންކަމުގައި. އަހަރެން ބިރު ގަންނަނީ އަހަރެން ގިފިލީގައި ހުއްޓާ މީހަކަށް ވަދެވިދާނެތީ" ލަދުގަނެގެން ހުރެ އަހަރެން ޖަވާބު ދިނީމެވެ.
"މަކުޑި ހަރުކޮށްފައި ހުއްޓަސް ގިފިއްޔަށް މީހަކު ވަދެދާނެއްނު. ދެނޯ" ފާޑެއްގެ ހިނިތުންވުމަކާއެކު ޔޫސުއްބެ އިތުރު ސުވާލެއް ކުރިއެވެ.
"އެހެންވެއްޖިއްޔާ ދުވެފައި ގޮސް އަހަރެން ގިފިލިން ނުކުންނާނީ" އެހެން ބުނުމަށް ފަހު އަހަރެން ގޭތެރެއަށް ހިނގައި ގަތީމެވެ. އެ މައުޟޫގައި ވާހަކަދައްކަން އަހަރެން ބޭނުން ނުވާކަން ޔޫސުއްބެއަށް އެންގުމަށެވެ. އެ ވާހަކަތަކާ ހިތް ހަމަނުޖެހޭކަން ފާޅުކުރުމަށެވެ.
" ކޮބާ މި ނިމެނީ. ދެން އާދޭ" ހިތްހަމަ ނުޖެހިގެން އަހަރެން ހިނގައިގަތުމާ އެކު ޔޫސުއްބެ ގޮވާލިއެވެ. އަހަރެން އިވޭކަމަކަށް ނުހަދަމެވެ. މަޑުނުކޮށް ދިޔައީއެވެ.
ޔޫސުއްބު ގިފިލިން ނުކުމެގެން ކާގެއަށް ގޮސް މަންމައާ ވާހަކަދައްކާ އަޑު އިވެން ފެށުމުން އަހަރެން ގޮސް ގިފިއްޔަށް ވަނީމެވެ.
ގިފިއްޔަށް ވަދެ މުޅި ގިފިއްޔަށް ނަޒަރު ހިންގާލީމެވެ. ގިފިލީގެ އެއް ފަރާތުގައިވާ ގަސްތަކާއި ރުއްތަކުން އަހަރެންނަށް ހިމާޔަތް ލިބޭ ކަމުގެ އިހުސާސް ކުރެވެއެވެ. ގިފިލީގެ މަގާވީ ފަރާތުގައި ދިގު ރުއްގަސް ނުހުންނާތީ އެ ޝަކުވާ އަމިއްލަ ހިތާ ކުރެވެއެވެ. ހަމައެކަނި ފާރެއް ހުރި ނަމަވެސް އެފާރަށް ވުރެ އުސްކޮށް އެތައް އިމާރާތެއް އެބަ ހުއްޓެވެ. ސީދާ ގެއާ އިންވެގެން އުސް އިމާރާތްތަކެއް ނެތަސް އެ އިމާރާތްތަކުގައި ތިބޭ މީހުންނަށް ގިފިލި ފެނިދާނެތީ އެ ބިރު އަހަރެން ގަނެއެވެ. އެހެންވެ ފެންވަރަށް އަހަރެން ހުންނަނީ ފާރާ ވީހާ ވެސް ކައިރީގައެވެ. ނިވާވާނެ ފަޅީގައެވެ.
ފެންވަރަމުން ދަނިކޮށް އެއްލި ކަޅިއަކުން އަހަރެންނަށް ތެޅި ގަނެވުނެވެ. ގިފިއްޔާ ތިރީހަކަށް ފޫޓު ދުރުގައި ހުރި ގެއެއްގެ ފުރާޅުމަތީ މީހަކު ބަލަހައްޓައިގެން ހުރިހެން ހީވެގެންނެވެ. އެ މީހާ ހުރީ ސީދާ ގިފިއްޔާ ދިމާއަށް ބަލަހައްޓައިގެންކަން އަހަރެންނަށް އިހުސާސް ކުރެވުނެވެ. އަވަސް އަވަހަށް އަހަރެން ތުވާލި އޮޅާލީމެވެ. ހަށިގަނޑު ނިވާކޮށްލީމެވެ. ފާރާ ނިވާވެލީމެވެ. ކިހައި ދެރަހެއްޔެވެ؟ އެ މީހަކު ކިތައް ދުވަހު އެ ތަނަށް އެރި ބާއެވެ؟ ކިތައް ދުވަހު ގިފިލި ބެލިބާއެވެ؟ އެއީ ކާކު ހެއްޔެވެ؟
އަހަރެން އަވަސް އަވަހަށް ގިފިލިން ނުކުންނަން ހިގައި ގަތީމެވެ. އަދި އެ މީހާ ކޮބައިތޯ ބަލައިލީމެވެ. އޭރު އެ މީހާ ފެންނާކަށް ނެތެވެ.
ލިބުނު ހާސްކަމާއެކު ގޭތެރެއަށް ވަންނަން އަހަރެން ހިނގައިގަތީމެވެ.
"އައްދޭ ހާދަ އަވަސް އަރުވާލާފައި. އަނެއްކާ ކޮން ކަމެއް؟ ދޮރުގެ މަކުޑު ރަނގަޅު ކުރިޔަސް ވީކަމެއް ނެތް ދޯ؟" މަންމަ ދިމާކޮށްލީ އަހަރެންނަށެވެ. އެ ދޯ އަޅައިލީ ޔޫސުއްބެއަށެވެ.
" ކޮންމެ ވެސް މީހަކު ގިފިލި ބަލަނީ. ފެންވަރައި ލެވޭކަށް ވެސް ނެތެއްނު" ލިބުނު ނުތަނަވަސްކަމާއި އައިސްފައި ހުރި ރުޅިން އަހަރެންނަށް ބުނެވުނެވެ.
" ދައްކަފާނެ ކޮންމެ ފަދަ ވާހަކައެއް ވެސް. ބަލަ ޖެހިގެން އެ އޮތީ ބޮޑު މަގު. އެ މަގު ހުރަސްކޮށް ގެތައް އެ ހުންނަނީ. ކިހިނެއް ފެންނާނީ؟ ކާކު ގިފިލި ބަލާނީ؟" މަންމަ ރައްދު ދެމުން ގިފިއްޔާ ދިމާއަށް ހިނގައިގަތެވެ. ފުރާޅުމަތީ މީހަކު އޮތްތޯ މަންމަ ޔަގީންކުރީއެވެ.
" އެތާކު ނެތް މީހަކު. ތި ވާނީ ހީވުމަކަށް؟" މަންމައަށް ގަބޫލުކުރެވޭ ގޮތް މަންމަ ހާމަކުރިއެވެ.
" ނޫން. ތަންކޮޅެއް ދުރުގައި ހުރި ގެއެއްގެ ފުރާޅު މަތީ މީހަކު ހުރި. އަހަރެން ގިފިލިން ނުކުތުމުން އެމީހާ ފޭބީ" އަހަރެން ބުނީމެވެ.
" ބަލަ ކޮންމެވެސް ކަމެއްގައި މީހަކު ފުރާޅަށް އަރާފާނެއްނު. ތިޔައީ ހަމަ ހީވި ގޮތް. ހިސާބަށްވުރެ ކަންތައް ބޮޑީ. އަބަދު ތިގޮތަށް ވިސްނާނަމަ ހީވެސް ވާނެ. ކަންތައް ވެސް ދިމާވާނެ. ގައިމު އަހަރެމެންނަށް ތި ކަހަލަ ކަމެއް ދިމައެއް ނުވޭ" މަންމަ ހިއްސާކުރީ މަންމަގެ ތަޖުރިބާއެވެ. އެ ވާހަކަ ފެށިއިރު ވެސް އެކަން މަންމަ ގަބޫލުނުކުރާނެކަން އަހަރެންނަށް އެނގެއެވެ. އެހެންވެ އެ ވާހަކަދެއްކުން އަހަރެން ހުއްޓާލީއެވެ. ނުވާކަމެއްކަމަށް ހަދައި އެ ވާހަކަ އޮއްބާލީއެވެ.
ޖެހިގެން އައި ދުވަހު ވެސް ފެންވެރުމަށް އަހަރެން ގިފިއްޔަށް ވަނީމެވެ. ސްކޫލަށްދާން ޖެހެނީ 1 ޖަހާއިރު ކަމަށްވާތީ އޭގެ ގަޑިއެއްހައި އިރު ކުރިންނެވެ.
ގިފިލީގެ ވަށައިގެން ނަޒަރު ހިންގާލުމަށްފަހު ފެންވަރަށް ފެށީމެވެ. ގައިގައި ސައިބޯނިލަނިކޮށް ހަމަ އެއްކަލަ މީހާ އެ ފުރާޅުމަތީ ހުއްޓާ ފެނުނެވެ. ވަގުތުން އަހަރެން ތިރިވީމެވެ. އެގޮތުގައި އެތައް އިރަކު އިނދެވުނެވެ. ރޮވެންވެސް ރޮވުނެވެ. އަމިއްލަ ނަފުސަށް ޝަކުވާ ވެސް ހުށަހެޅުނެވެ.
މި ޝަކުވާ ކުރާނީ ކާކު ގާތުގައި ހެއްޔެވެ؟ މަންމަ ގާތުގައި ހެއްޔެވެ؟ މަންމައެއް އަޅައެއް ނުލާނެއެވެ. ބައްޕަ ގާތުގައި ހެއްޔެވެ؟ ބައްޕަ ގާތުގައި ބުނާކަށް ނުކެރޭނެއެވެ. ބޭބެމެން ގާތުގައި ހެއްޔެވެ؟ އޭރުން ދިމާކުރާނީ އަހަރެންނާއެވެ. އެތައް އިރަކު ވިސްނަން އިނުމަށްފަހު އަހަރެން ތެދުވީމެވެ. ތުވާލި އޮޅާލައިގެން ފެން ހިއްކުމަށްފަހު ފާރުކައިރީގައި ހުރެ ޔުނީފޯމުލީމެވެ. އަހަރެންނަށް ހިނގަން އުނދަގޫވިއެވެ. ފައިގެ ބާރު ދޫވި ކަހަލައެވެ. ލަދަކީ ކިހައި ބާރުގަދަ އެއްޗެއްކަން އެ ހިނދު އަހަރެންނަށް އިހުސާސް ކުރެވުނެވެ.
ގިފިލިން ނުކުމެ އަހަރެން ރީތިވާން ހުރި އިރުވެސް އަހަރެންނަށް ވިސްނުނީ އެކަމާއެވެ. އެމީހާ ހާދަ ގޯހެވެ. އަހަރެންނަކީ ކާކު ހެއްޔެވެ؟ އަދި މި އުޅެނީ ސްކޫލުގައެވެ. ގްރޭޑް 10 ގައެވެ. އެމީހާ އަހަރެންނަށް ފާރަލަނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. ދެ ލޯ ރަތްވިއެވެ. ހިތުގައި ޖެހުނެވެ. އަހަރެންނަށް ގޮސް އޮށޯވެވުނީ އެނދުގައެވެ. ސްކޫލަށް ދާކަށް ބޭނުމެއް ނުވިއެވެ. އަމިއްލަ ޒަމީރާ ކުރިމަތިލާކަށް ނުކެރުނެވެ.
"ކިހިނެއްވީ؟ ސްކޫލަށް ނުދަނީތަ؟" އަހަރެން އެނދުގައި އޮތްތަން ފެނުމުން މަންމަ ސުވާލުކުރިއެވެ. އަހަރެންގެ ހިތުގެ ހާލު މަންމައާ ހިއްސާކުރަން ބޭނުންވިއެވެ. އެކަމަކު އެ ވާހަކަ ބުނުމުން ވާނެ ގޮތް އަހަރެންނަށް އެނގެއެވެ. މަންމަ ދޭނެ ޖަވާބު ޔަގީން ކުރެވެއެވެ. އަހަރެންނަށް މަޖުބޫރުވީ ބައްޔޭ ބުނާށެވެ. އެހެން ނޫންނަމަ ސްކޫލަށް ދާން ޖެހޭނެކަން ޔަގީން ވާތީއެވެ.
"ވަރަށް ބޮޑަށް ބޮލުގައި ރިއްސަނީ" އަހަރެން ދިނީ ވަރަށް ކުރު ޖަވާބެކެވެ.
"އެތެރެގޭގައި ހުންނާނެ ފެހި ބާމުފުޅިއެއް. އެ އުނގުޅާލައިގެން އޮވޭ. އިރުކޮޅަކުން ރަނގަޅުވެދާނެ" ކަންތައް ކުރަންވީ ގޮތް ބުނެދެމުން މަންމަ ހިގައިގަތީ ކޮޓަރީން ބޭރަށެވެ. އެއާއެކު އަހަރެންގެ ދެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. ހިތުގައި ޖެހިގެން ރޮއިގަނެވުނެވެ.
ޖެހިގެން އައި ދުވަހު ހޭލެވުނީ ކަންނެތް ދުނިޔެއަކަށެވެ. ފޫހި ދުވަހަކަށެވެ. އަހަރެން ތެދުވާހިތެއް ނުވިއެވެ. ބޭބެ އޮފީހަށްދާ ގަމީސް އިސްތިރިކޮށްދޭން ގޮވިނަމަ ވެސް އެކަމަށް އިޖާބަދޭ ހިތެއް ނުވިއެވެ. ހަމަ އޮވެވުނީއެވެ. އިއްޔެވީ ކަންތައް ހިތަށް އަރާފައެވެ. އެ ނުލަފާ މީހާގެ ހުތުރު އަމަލު ލޯމަތީ ތަސްވީރު ވާތީއެވެ.
"ކޮބާ ނުތެދުވަންތަ އަދިވެސް މިހާރު އެހަރަ ހަތެއް ޖަހަނީ؟ މަންމަ މި އުޅެނީ ކުޑަކޮށް ބަލިވެ. ބޭބެއަށް ސައިހަދާލަން ވާނެ. ގަރުދިޔަ އެތި އެ ހުރީ އަދި ހޫނު ވެސް ކޮށް ނުލައި. ނަސީމު ސްކޫލަށް އެ ދިޔައީ ސައިވެސް ނުބޮއެ ކަންނޭނގެ" އެނދުގައި އޮތް މަންމަ ގޮވާލީ އަހަރެންނަށެވެ. މަންމަގެ ވާހަކައިން ބުނެދިނީ އަހަރެން ކުރަންވީ ކަންތަކާއި ގޭތެރޭގެ ހާލަތެވެ. މަންމައަށް ނުތެދުވެވިއްޖެ ނަމަ އެ ހުރިހާ ކަމެއް ކުރަންޖެހޭނީ އަހަރެންނަށެވެ.
އަހަރެން ތެދުވެ ގިފިއްޔާ ދިމާއަށް ހިނގައި ގަތީމެވެ. ދެފައި ހީވީ ބަރުވިހެންނެވެ. ޒަމީރު ގޮވަމުން ދިޔައީ އެތަނަށް ނުވަނުމަށެވެ. ވަދެއްޖެނަމަ އެއްކަލަ މީހާ އެތަނަށް އަރާނެއެވެ. އެ މީހާ ބަލާނެއެވެ. އެ މީހާ ހުންނާނީ ފާރައަށެވެ.
އެތައް ޚިޔާލުތަކަކާއެކު ގިފިއްޔަށް ވަދެ މަގަތު ފާރުކައިރީ އެތައް އިރަކު އިނުމަށްފަހު އަހަރެން މޫނު ދޮވެލީމެވެ. އަދި ރޯނުގައި އަޅުވާފައިވާ ތުވާލިން ފެން ހިއްކާލީމެވެ. އޭރު މުޅި މީހާގެ ފައި ތުރުތުރު އަޅައެވެ. ލަދުން މުޅި މީހާ ހަލާކުވާ ކަހަލައެވެ.
މެންދުރުވާން ކައިރިވީ ވަރަކަށް އަހަރެންގެ ހިތުގެ ތެޅުން ދިޔައީ އަވަސް ވަމުންނެވެ. އެތައް ވިސްނުމެއް ވިސްނުމަށް ފަހު އަހަރެން ގޮތެއް ނިންމީމެވެ. އަހަރެން ނިންމީ ފެންނުވަރާ ސްކޫލަށް ދާށެވެ. ހަމައެކަނި މަތިހަދައިލާށެވެ. އެއީ ދުވަހަކު ވެސް ހެދި ގޮތެއް ނޫނެވެ. އެކަމަކު އެ ގިފިއްޔަށް ފެންވަރަން ވަންނަން ބޭނުން ނުވީއެވެ. އަހަރެންގެ ހަށިގަނޑު އެހެން މީހަކަށް ދައްކަން ނޭދުނީއެވެ.
ޖެހިގެން އައި ދުވަހާއި އޭގެ އަނެއް ދުވަހު ވެސް އަހަރެން ސްކޫލަށް ދިޔައީ ފެންނުވަރައެވެ. ހެނދުނު ކޮންމެވެސް ގޮތަކަށް ގައި ދޮވެލައިގެން ހުންނަނީއެވެ. މެންދުރުވުމުން މަތި ހަދާލައިގެން ސްކޫލަށް ދަނީއެވެ. މިކަން މަންމައަށް ފާހަގަކުރެވުނެވެ.
"މިހާރު ފެން ވެސް ނުވަރާތަ ސުކޫލަށް ދަނީ؟" މަންމަ ސުވާލު ކުރިއެވެ.
"ނޫން. ހެނދުނު ފެންވަރަން. ސްކޫލަށް ދާންވީމާ ގައި ދޮވެލަނީ." އަހަރެން ވަރަށް ނޫން ގޮތަކަށް ޖަވާބުދިނީމެވެ.
"ކުރިން ވެސް ހެދުނު ފެންވަރަމެންނު. އެކަމަކު ސުކޫލަށް ދަމުން އަބަދުވެސް ފެންވަރާ" އަހަރެން ކަންތައް ކުރާގޮތް މަންމައަކަށް ނޯޅެއެވެ. އޮޅުވައެއް ނުލެވުނެވެ. އެކަމަކު އަހަރެންގެ އިހުސާސްތައް މަންމައަށް ނޭނގެނީ ކީއްވެ ހެއްޔެވެ؟ އަހަރެން މި އުޅޭ ހާލު މަންމައަށް ނުވިސްނެނީ ކީއްވެބާއެވެ؟
ޖެހިގެން އައި ދުވަހު މެންދުރުވުމުން އަހަރެން ގިފިއްޔަށް ވަނީމެވެ. އެއްކަލަ މީހާ ފެނޭތޯ ދެތިން ފަހަރަކު ބަލައިލީމެވެ. ފެންވަރަށް ތައްޔާރުވާހާ ވަގުތު ނެގުމަށްފަހު، އެއްޗެހި ނުބާލައި އެ މީހާ ފުރާޅުމަތީ ހުރިތޯ ޔަގީންކުރީމެވެ. ހިތް ބުނީ ކޮންމެވެސް ދިމާލެއްގައި އޭނާ ހުންނާނެ ކަމަށެވެ. އޭނާ ވަގަށް ބަލަން އޮންނާނެ ކަމަށެވެ.
ހީވީ އަހަރެންގެ ލޮލަށް މީހަކު ވެލި ޖެހި ހެންނެވެ. އެސްފިޔަތައް ތަޅުވާލުމަށް ފަހު ރަނގަޅަށް ބަލައި ލީމެވެ. އަހަރެން ގަތީ ބިރެވެ. ރުޅި ވެސް އައެވެ. އެއީ ކާކު ހެއްޔެވެ؟ ހާދަ ނުލަފާ މީހާގަނޑެކެވެ. އަހަރެން ފެންވަރަން ފެށުމާއެކު އެ ހުރީ ފުރާޅަށް އަރައެވެ. ގަތް ލަދުން އެތައް އިރަކު ފާރުކައިރީ އުޑުފައިން އިނީމެވެ. ހަދާނެ ގޮތަކާމެދު ވިސްނީމެވެ.
އަހަރެން ވިސްނީ އަހަރެންނާ މެދުއެވެ. އުޅެން ޖެހޭ ގޮތާމެދުއެވެ. ގައިމު މަންމަ އެބަ ހުއްޓެވެ. ބައްޕަ ވެސް އެބަ ހުއްޓެވެ. ބޭބެމެން ވެސް އެބަ ތިއްބެވެ. އެކަމަކު މި ވާހަކަތައް ހިއްސާ ކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެންގެ ޒަމީރު އެކަމާ އެއްބަހެއް ނުވިއެވެ. ނަމަވެސް ތާއަބަދު މި ހާލުގައި އުޅެވޭނެ ހެއްޔެވެ؟ ފެން ނުވަރާ ހުރެވޭނެ ހެއްޔެވެ؟ ބޭރަށް ނުގޮސް ގޭގައި މަޑުކުރެވިދާނެ ހެއްޔެވެ؟
ދިމާވި ކަންކަމާ ހުރެ އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ނަފުސާނީ ގޮތުން މީހާ ބަލިވާން ފެށިއެވެ. އެންމެ ފަހުން ކެތް ނުކުރެވިގެން އެވާހަކަތައް ކޮންމެ ވެސް މީހަކާ ހިއްސާކުރަން ހިތްބުންޏެވެ. ރައްޓެއްސެއްގެ ގާތުގައި އެވާހަކަ ބުނެފި ނަމަ މުޅި ހިސާބުގަނޑަށް އެވާހަކަ ފެތުރިދާނެއެވެ. މަންމަ ގާތުގައި ބުނެގެން ވާނެކަމެއް ނޯންނާނެއެވެ. ދެން ހުރީ ބޭބެއެވެ. ނަދީމްބެއެވެ.
ވަރަށް ވިސްނުމަށްފަހު އެ ވާހަކަ ނަދީމްބެ ގާތުގައި އަހަރެން ދެއްކީމެވެ. ނަސީމްބެ ގާތުގައި އެ ވާހަކަ ނުދެއްކުމަށް ވަޢުދުކޮށްފައެވެ. ނަސީމްބެއަށް އެނގެއްޖެ ނަމަ އަހަރެންނާ ދިމާކުރާނެކަން އަހަރެންނަށް އެނގޭތީއެވެ.
ނަދީމްބެ ގާތުގައި އެ ވާހަކަ ދެއްކިއިރު އަހަރެން ހުރީ ފިސާރި ލަދުންނެވެ. އަހަރެންގެ ދެ ލޮލުން ކަރުނަ ނީރެމުން ދިޔައެވެ. އެކަން އަހަރެން ސިއްރުކުރަން މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުވިއެވެ. އެ ކަހަލަ އެއްވެސް ވާހަކައެއް އަހަރެން ބޭބެމެންނަކާ ދުވަހަކު ވެސް ހިއްސައެއް ނުކުރަމެވެ. އަހަރެން އުޅޭ ހާލު ބޭބެމެންނަކަށް ކިޔައެއް ނުދެމެވެ. އަހަރެންގެ އެ ޝަކުވާ ބޭބެ އަޑުއެއްސެވެ. އެވަރުން އަހަރެން ހިތް ހަމަޖެހުނެވެ. އެކަމަކު އެ ކަމުގައި ބޭބެއަށް ކުރެވޭނީ ވަކި ކޮން ކަމެއް ހެއްޔެވެ؟ އަހަރެން ދައްކަން ބޭނުން ކިތަންމެ ވާހަކައެއް ހުއްޓެވެ. އެ ހުރިހާ ވާހަކައެއް ދައްކާނެ ހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ. އެ ހިތްވަރަށް ވުރެ ލަދުގެ ނުފޫޒު މާ ގަދަވީއެވެ.
"މަންމަ ގާތުގައި ތި ވާހަކަ ދައްކަންވީނު. ނުކުރެންޏާ އަހަރެން ބުނެދީފާނަން" ވާހަކަތައް އަޑުއެހުމަށް ފަހު ނަދީމްބެ ޖަވާބު ދިނެވެ.
"މަންމަ ގާތުގައި ވެސް ބުނިން. މަންމަ ގަބޫލެއް ނުކުރި. މަންމަ ކޮންމެ ކަމެއް ވެސް ގަބޫލުކުރާނީ މަންމަގެ ލޮލަށް ސީދާ އެކަމެއް ފެނުމުން. އެހެން ނޫނީ ގަބޫލެއް ނުކުރާނެ. މަންމައަށް ހީވަނީ އަހަރެން ހަދަނީ ދޮގޭ." މަންމަގެ ގޮތް އަހަރެން ބުނީމެވެ.
"ތިޔައީ ޝަހުލާއަށް ހީވާ ގޮތް. މަންމަ އެގޮތަށް ވާހަކަ ދެއްކިޔަސް ވަރަށް ގިނަ ކަންތައްތައް ބަލާނެ. ޝަހުލާ އުޅޭ ގޮތް މަންމައަށް އެނގޭނެ. މަންމަ ފާރަލާނެ. އަހަރެމެން އުޅޭ ގޮތް ވެސް މަންމަ ވަރަށް ބަލާ. ބައްޕަހެނެއް މަންމައެއް ނުވާނެ" ނަދީމްބެގެ ވާހަކަ ހުރިގޮތުން އަހަރެންގެ ވާހަކަ ބަދަލުކޮށްލީމެވެ. ބަދަލުކޮށްލަން މަޖުބޫރުވީއެވެ.
"މަންމަ ވެސް ވަރަށް ގިނަ ކަންތައްތަކުގައި ރަނގަޅު. އެކަމަކު މިކަން މަންމަ ގަބޫލެއް ނުކުރި. މަންމައަކަށް ނުވިސްނޭ އަހަރެންނަކީ އަންހެން ކުއްޖެއްކަމެއް" އަހަރެން ބުނީމެވެ. އެ ވާހަކަ ދައްކަނިކޮށް މަންމަ އެތަނަށް އައެވެ. އަހަރެންގެ ވާހަކަ ހުއްޓުނެވެ. ނަދީމްބެ ވެސް ހުރީ ހުއްޓުން އަރާފައެވެ.
"ކޮން ވާހަކައެއް ތިޔަ ދައްކަނީ؟ ކީއްވެތަ މަންމަ އައިމާ ތިޔަ ހުއްޓުނީ؟" މަންމަގެ ސުވާލުން ހީވީ ދައްކަމުންދިޔަ ވާހަކަ މަންމައަށް އެނގުނު ހެންނެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނަދީބެ ދައްކާފާނެ ވާހަކައަކާ މެދު ކަންބޮޑުވެފައެވެ.
"ޝަހުލާ ބުނީ އޭނާ ގިފިލީގައި ހުންނަ އިރު މީހަކު ބަލަނިއްޔޯ؟" ނަދީމްބެ ބުނި ޖުމުލަ ނުނިމެނީސް މަންމަގެ ވާހަކަ ފެށިއެވެ.
"ބަލަ އެއް ދުވަހު ކަމެއްވުމަކީ އުމުރު ދުވަހު އެކަން ވުންތަ؟ ތި ބުނާ ދުވަހަކު މަވެސް ގިފިއްޔަށް ވަނިން. ޝަހުލާ އެހެން ބުނުމުން ސީދާ އަހަރެން ގޮސް އެ ފުރާޅުމަތީ މީހަކު ހުރިތޯ ވެސް ބެލިން. އެތާކު މީހަކު ނެތް. ތި ކަހަލަ ޝައްކު މީސްމީހުންނަށް ކުރަން ނުވާނޭ ކިތައް ފަހަރު އަހަރެން ބުނެފިން. ކާކުތަ އުޅެނީ ޝަހުލާ ފެންވަރާތަން ބަލަން؟ މޮޔަ ވީތަ؟ ފާޑުފާޑުގެ ވާހަކަ ތިޔަ ދައްކަނީ؟" މަންމަ އައީ ރުޅިއެވެ. އެ ރުޅި ދިޔައީ ހައްތަހާ ގަދަވަމުންނެވެ.
"މަންމާ. އޭގެ ފަހުން އެހެން ދުވަހަކު ވެސް އެ މީހާ ފުރާޅުމައްޗަށް އެރި. ހަމަ އަހަރެން ފެންވަރާ ވަގުތަށް އޭނާ އަރަނީ. އަހަރެންނަކީ ވެސް ކުޑަކުއްޖެއް ނޫނެއްނު. އަހަރެންނަށް އެނގޭ އެ މީހާގެ ބޭނުމަކީ ގިފިލި ބެލުންކަން" ރޮމުންރޮމުން ކަހަލަ ގޮތަކަށް އަހަރެންނަށް ބުނެވުނެވެ.
"ބަލަ އަހަރެން ވެސް ކޮންމެ ދުވަހަކު މި ފެންވަރަނީ ތިޔަ ގިފިލިން. ތިޔަ ކަހަލަ ކަމެއް ނުހިނގާ" އަހަރެންގެ ވާހަކައަށް މަންމަ ޖަވާބުދިނެވެ. މަންމަގެ ތަޖުރިބާއަކީ މަންމަ ކަންކަން ނިންމުމަށް ޖަހާ އިމެވެ. އެހެންވެ އެ ވާހަކަ ދެއްކުން އަހަރެން ހުއްޓާލީމެވެ. ނަދީމްބެ ގާތުގައި ވެސް ދެން އެ ވާހަކަ ނުދައްކަން ޢަޒުމު ކަނޑައެޅީމެވެ.
އަހަރެންގެ ހަޔާތުގައި ދިމާވި އެންމެ އުނދަގޫ ދުވަސްތައް ތަޖުރިބާކުރަން ޖެހުނެވެ. އެކަމުގެ ސަބަބުން އަހަރެންގެ އުޅުމަށް ބަދަލު އައެވެ. ބަދަލު ގެންނަން ޖެހުނެވެ. އަމިއްލަ ނަފުސަށް އަނިޔާ ދެވެން ފެށުނެވެ. ކިޔަވާ ހިތްވިޔަސް ކިޔަވަން ދާން ޖެހިލުންވިއެވެ. ރައްކާތެރިކަމާއި ހިމާޔަތް ނެތްކަމުގެ އިހުސާސް އިހުނަށް ވުރެ ބޮޑަށް ކުރެވުނެވެ. ރައްޓެހިންނާ އޮންނަ ގުޅުން ކުޑަވިއެވެ. އެއިން ކުއްޖަކަށް އެކަން އެނގިދާނެތީ އެ ކުދިންނާ ބައްދަލުކުރަން ބޭނުން ނުވީއެވެ. އެކަން އެހެން މީހަކަށް އެނގެން ވެސް ބޭނުން ނުވީއެވެ.
ހިތްވަރުކޮށްފައި ސުކޫލަށް ދިޔަ ދުވަހެކެވެ. އިނދެވުނީ ޚިޔާލެއްގައެވެ. ވިސްނުނީ ދިމާވެގެން އުޅޭ ކަންތައްތަކާއެވެ. އެ ޚިޔާލުގައި އިންދާ އެކުވެރިއަކު ކުރި ސުވާލުން އަހަރެން ދިޔައީ އެއްލިގެންނެވެ. އެ ސުވާލާއެކު އަހަރެންނަށް އިނދެވުނީއެވެ. އެ ހަނުއިނުމާ އެކު ދެން ތިބި ކުދީންގެ ހިނިގަނޑުން މުޅިތަން ގުގުމާލީއެވެ. އެ އަޑާއެކު އަހަރެންނަށް ރޮއިގަނެވުނެވެ. އެ ވާހަކަތަކުން އަހަރެންގެ ހިތް ފަޅައިގެންދިޔައެވެ. އަހަރެންނޭ ކިޔައިގެން ދެއްކި ވާހަކަތަކުން ލަދުން ބޯހަލާކުވިއެވެ.
އަހަރެންނަށް ޔަގީންވީ އެއީ މަންމަ ދެއްކި ވާހަކަތަކެއް ކަމެވެ. އަހަރެން ގިފިއްޔަށް ވަންނަން ބިރުން އުޅޭކަން މަންމައަށް އެނގޭނެއެވެ. އެ ވާހަކަ އެހެން މީހެއްގެ ގާތުގައި ދައްކާ ނަމަ ދައްކާނީ މަންމައެވެ. އެ ތުހުމަތު އަހަރެންނަށް ކުރެވުނީ މަންމައަށެވެ. ޔަގީނުން ވެސް އެ ވާހަކަ އެހެން މީހެއްގެ ގާތުގައެއް އަހަރެންނެއް ނުދައްކަމެވެ. ފެންނުވަރާ ސުކޫލަށް އަންނަ ވާހަކަ އަހަރެން ދައްކާނެ ހެއްޔެވެ؟ އަމިއްލައަށް ފަޟީހަތް ވާނެ ހެއްޔެވެ؟
އެ ދުވަހު އަހަރެން ގެއަށް އައީ ރޮމުންނެވެ. ގިސްލަމުންނެވެ. ބައެއް ކުދީން އަހަރެންނާ ދިމާކުރީތީ ލިބިގެން ދިޔަ ހިތްދަތި އިހުސާސްތަކާ އެކުއެވެ.
ގެއަށް އައިސް ވަން ތަނުން އެންމެ ފުރަތަމަ ވެސް ދިމާވީ މަންމައެވެ. މަންމަ އޮތީ ބަދިގެ ފަރާތް ކުނިކަހާށެވެ. އަހަރެންގެ ނާރުތަކުގައި ހިނގަމުން ދިޔަ ލޭ އަވަސްވިއެވެ. ފުންނޭވާއެއް ލުމަށް ފަހު އަތުގައި އޮތް ދަބަސްގަނޑު ޖޯލިފަތީ ބޭއްވީމެވެ. އެއަށްފަހު މަންމައާ ގާތްވެލައި ސުވާލުކުރަން ފެށީމެވެ.
"މަންމަ ފާޑުފާޑުގެ ވާހަކަ މީހުންގާތުގައި ދައްކަނީ ކީއްވެ؟ އަހަރެން ލަދުގަންނުވަނީ ކީއްވެ؟"
" އަހަރެން ކޮން ވާހަކައެއް ދެއްކީ؟ ކިހިނެއްވީ؟ ކޮން ކަމަކާތަ ނުރުހުންވެފައި ތިހުރީ؟" މަންމަ ވެސް ސުވާލުގެ ފަތިވަރެއް އަމުނާލިއެވެ.
" މަންމައަކަށް ނޭނގެ މީސްމީހުންގާތުގައި ދެއްކޭ ވާހަކަ ވެސް. އަމިއްލަ ދަރި ބަދުނާމުވާ އިރު ވެސް" އެހެން ބުނުމަށް ފަހު އަހަރެންނަށް ރޮއި ގަނެވުނެވެ. " ބަލަ މަށަށްތަ ދެއްކޭ ވާހަކަ ނޭނގެނީ. އަމިއްލައަކަށްނު މީހަކު ގިފިލި ބަލަނިއްޔޭ. ގިފިލި ބަލަނިއްޔޭ ތި ކިޔަނީ. ދެއްކޭ ވާހަކަ ނޭނގެނީ މަށަށްދޯ އަދިވެސް" ނުރުހިގެން ހުރެ މަންމަ ރައްދުދިނެވެ.
"އަހަރެން ފެންނުވަރާ ސުކޫލަށް ދާ ވާހަކަޔާއި ގިފިއްޔަށް ވަންނަން ބިރުގަންނަ ވާހަކަ އެހެން މީހުންގެ ގާތުގައި ދެއްކީ މަންމައެއްނު. އެކަން އެހެން މީހަކަށް ނޭނގޭނެ. މިހާރު މުޅި ސުކޫލުގައި އެ ދައްކަނީ އެ ވާހަކަ" އެހެން ބުނުމަށްފަހު އަހަރެން ގޮސް ވަނީ ކޮޓަރިއަށެވެ.
ޖެހިގެން އައި ދުވަހު އަހަރެންނެއް ނުތެދުވަމެވެ. ބަލިކަމަށް ހެދިގެން އޮތީއެވެ. އެއްވެސް ކަމެއް ވެސް ނުކުރަމެވެ. ބަނޑުހައިވުމުން ތެދުވެ ސައިބޮއިލައިގެން އަނެއްކާ ވެސް އޮތީއެވެ. މަންމަ ހިތްހަމަނުޖެހުނަސް ވަރިހަމަ ކޮށްލީމެވެ. އަހަރެންނަށް ގަބޫލުކުރެވުނީ އަހަރެން އުމުރުގެ އެހެން ކުދީން އަހަރެން މި އުޅޭގޮތަށް ނޫޅޭނެކަމެވެ. ބަދިގޭ މަސައްކަތް ކޮށް އެއްޗެހި ދޮވެ އިސްތިރިކޮށް ނުހަދާނެ ކަމެވެ. މަންމައަށް ފަސޭހަކޮށްދޭން މި ވަރަށް އެހީތެރި ނުވާނެކަމެވެ.
އެތައް ވިސްނުމެއް ވިސްނުމަށް ފަހު އަހަރެން ތެދުވީމެވެ. އޭރު މަންމަ އާއި ޔޫސުއްބެ ތިބީ ޖޯލިފަތީގައި ވާހަކަދައްކާށެވެ. އިވުނު އަޑުން އަހަރެންނަށް ޔަގީންވީ ދައްކަނީ އަހަރެންގެ ވާހަކަކަމެވެ. އަހަރެންގެ ލޭ ކެކެން ފެށީ އަހަރެންގެ ނަން އިވުމުންނެވެ. ފިޔަވަޅުތައް ހަލުއިވީ އެއަޑު ކަންފަތުގައި ޖެހުމުންނެވެ.
"ބަލަ މަށޭ ކިޔައިގެން ކޮން ވާހަކައެއް ދައްކާކަށް. ތި ކަހަލަ ކަންކަމާއޭ އަހަރެން ހިތްހަމަނުޖެހެނީ. އަހަރެންނޭ ކިޔައިގެން އެއްވެސް ވާހަކައެއް ނުދައްކާތި" އަމުރުވެރި ރާގުގައި އެހެން ބުނުމަށް ފަހު އަހަރެން ހިނގައިގަތީ ބަދިގެއަށެވެ.
"އަހަރެން ދައްކަންވީ ވާހަކައާއި ދައްކަންނުވާ ވާހަކަ އެނގޭނީ މަށަށް. ޝަހުލާއަށް ތި އަމުރެއް ނުކުރެވޭނެ" މަންމަ ވެސް އަހަރެންނަށް ކުރީ އަމުރެކެވެ. އަހަރެންނަށް ކުރެވުނީ ގޯސް ކަމެއްކަން އިހުސާސް ކުރެވުނީ މާ ފަހުންނެވެ. އިތުރު މީހަކު އިންދައި އެ ކަހަލަ ވާހަކައެއް ދެއްކުމަކީ ރަނގަޅު ކަމެއް ނޫންކަން އަމިއްލަ ނަފުސު ގަބޫލުކުރިއެވެ. ނަމަވެސް ޔޫސުއްބެގެ އަމަލުތަކާއި ވާހަކަ ހުންނަ ގޮތުން ޝައްކު ވެސް ކުރެވެއެވެ. އަހަރެންގެ ހަގީގަތް އޭނާއަށް އެނގޭތީ ރުޅި ވެސް އާދެއެވެ.
ސައިބޮއެ ނިމިގެން ގޭތެރެއަށް ހިނގައިގަތް އިރު ޔޫސުއްބެއެއް ނެތެވެ. ޖޯލިފަތީގައި އިނީ މަންމަ އެކަންޏެވެ. އަހަރެން ފެނުމާ އެކު އަހަރެންނަށް މަންމަ ގޮވިއެވެ. އަހަރެން މަންމަ ގާތަށް ދިއުމާ އެކު މަންމަ ނުރުހުނުކަން ހާމަކުރިއެވެ.
"ޝަހުލާއަށް އެނގޭތަ އެއީ ކާކުކަން؟" ސުވާލު ކުރުމަށް ފަހު މަންމަ ޖަވާބު ވެސް ދިނެވެ.
" އެއީ ބައްޕަގެ އެންމެ ގާތް ރަހުމަތްތެރިޔާ. މި ގޭގެ ގިނަ ކަންތައްތައް ކޮށްދޭ ފަރާތް. ޔޫސުއްބެއަށް އިހުތިރާމުނުކޮށް ފާޑުފާޑުގެ ވާހަކަ ނުދައްކާތި. އަހަރެން ވެސް ބައްޕަ ވެސް ވަރަށް ރުޅި އަންނާނެ. އެކަން ހަނދާން ބަހައްޓާތި." މަންމަ ކުރީ ވަރުގަދަ އަމުރެކެވެ. އަހަރެން ހިތްހަމަ ނުޖެހުނެވެ. ރުޅި ވެސް އަޔެވެ.
ޔޫސުއްބެއަކީ ކާކުކަން އަހަރެންނަށް އެނގެއެވެ. މަންމައާއި ބައްޕަގެ ކިހައި ގާތް މީހެއްކަން ވެސް ދަންނަމެވެ. ކޮށްދޭ ކަންތައްތަކާއި އޭގެ އަގު ވެސް ވަޒަންކުރަމެވެ. އެކަމަކު އަހަރެންނަށް ބަލާކަމާއި އަހަރެންނާ ވާހަކަދައްކާހިތުން ޔޫސުއްބެ އުޅޭކަން އަހަރެންނަށް ފާހަގަ ކުރެވެއެވެ. އެކަން މަންމައަށް ވެސް އެނގޭނެއެވެ. އަހަރެން އަޅައި ނުލަނީ މަންމައާއި ބައްޕައަށް ކުރާ އިހުތިރާމަކުންނެވެ. ކުރެވޭ ގަދަރަކުންނެވެ.
މެންދުރުވުމާ އެކު މަންމަ އައިސް ކޮޓަރީގެ ދޮރުގައި ތަޅަން ފެށިއެވެ. ދޮރު ހުޅުވުމާއެކު އަހަރެން ސްކޫލަށް ނުދަނީތޯ ސުވާލު ކުރިއެވެ.
"އަހަރެން މި އުޅެނީ ބަލިވެ. ބޮލަށް ތަދުވާތީ" ކުރު ޖަވާބަކުން އަހަރެން ފުއްދާލީމެވެ.
"ތި ބައްޔެއް ރަނގަޅެއް ނުވިއެއްނު. މަށަށް ހީވަނީ މިހާރު ސްކޫލަށް ނުދާން މަކަރު ހަދަނީހެން؟" މަންމަ ވާހަކަދެއްކީ ޖެއްސުމުގެ ރާގުގައެވެ.
" އަހަރެން ސްކޫލަށް ނުދަންޏާ މާ ރަނގަޅެއްނު. ކުރަންޖެހޭ ޚަރަދު ކުޑަވާނެއްނު. ފާސްނުވެގެން ހަޅޭއްލަވާކަށް ނުޖެހޭނެއްނު" އަހަރެން ވެސް އެ ރާގުގައި ދެ ތިން ޖުމުލަ ބުނެލީމެވެ.
" މިހާރު ތި ދަނީ މާ މައްޗަށް. ތި އުޅެނީ މާ ފޮނިވެގެން. ޝަހުލާ ބޭނުން ވަނީ އަހަރެމެން ޝަހުލާއަށް ކަމެއް ކޮށްނުދޭކަމަށް ހަދަންތަ؟ އަހަރެމެން ކިޔަވައިދޭން ނޫޅޭކަން އެހެން މީހުންނަށް ދައްކަންތަ؟ އަހަރެމެންގެ އެހެން ކުދިންނާ ޝަހުލާ ތަފާތުކުރާކަން ހާމަކުރަންތަ؟" މަންމަގެ ބާރު އަޑުން އެތައް ސުވާލެއް ކުރިއެވެ. އެތައް ވާހަކައެއް ދެއްކިއެވެ.
" ޝަހުލާއަކަށް ސްކޫލަށް ނުގޮހެއް މިގެއަކު ނޯވެވޭނެ. މި ބުނީނު ނޯވެވޭނޭ. ޖެހޭނީ ސުކޫލަށް ދާން. ބޭނުންހާ ގޮތަކަށް ނޫޅެވޭނެ" މަންމަގެ ފަހު ބަހާ އެކު އަހަރެންނަށް މަޖުބޫރުވީ ވިސްނުން ބަދަލު ކުރާށެވެ. ސްކޫލަށް ނުގޮސް ގޭގައި ނޯވެވޭނެކަން ޔަގީންވުމުން އަހަރެން އެ ކަމަށް ތައްޔާރުވީމެވެ. އެ އަމުރަށް ކިޔަމަންވީމެވެ.
އަހަރެންނަށް ގޮތް ހުސްވީއެވެ. ސްކޫލަށް ދާއިރު ފެންނުވަރާ ސްކޫލަށް ދާކަން ކުދިންނަށް އެނގޭތީވެ އެކަމާ ދިމާކުރަން ފެށީއެވެ. ފިރިހެން ކުދިން ވެސް އެ ވާހަކަ ދައްކަން ފެށީއެވެ. ޓީޗަރުންނާ ހަމައަށް ވެސް އެވާހަކަތައް ދިޔައީއެވެ. އެ ސުވާލު އަހަރެންނާ ކުރެވުނީއެވެ. އޭގެ ޖަވާބު އަހަރެން ދިނީމެވެ. މަންމައާއި އާއިލާ ބަދުނާމު ކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަމިއްލަ ނަފުސު ބަދުނާމު ކުރުމަށްފަހު އަހަރެން ގެއަށް އައީމެވެ.
ޖެހިގެން އައި ހަފުތާގެ ހޮނިހިރު ދުވަހެވެ. އަހަރެން ގިފިއްޔަށް ވަނީ ހަވީރުވާން އުޅެނިކޮށެވެ. އެތައް ދުވަހަކު ފެންނުވަރާ ހުރުމަށް ފަހު ބޮޑު ތައްޓަކަށް ފެން އަޅައިގެން ފާރު ކައިރީ ހުރެ ފެންވަރަން ފެށީމެވެ.
އިރުތަކެއް ފަހުން އެއްލި ކަޅިއަކުން އަހަރެންގެ ހަރަކާތްތައް ހުއްޓުނެވެ. ގަސްތަކުގެ ތެރޭގައި ބަލަހައްޓައިގެން ހެވިފައި ހުރީ ޔޫސުއްބެއެވެ. އަޑަށް ލެވުނުހާ ބާރެއް ލުމަށް ފަހު އަހަރެން ހަޅޭއްލަވައިގަތީމެވެ. މުޅި ހިސާބަށް އަޑުއިވޭ ވަރަށެވެ. އެ އަޑާއެކު އަހަރެންނަށް ރޮއިގަނެވުނެވެ. ރޯނުގައި ހުރި ތުވާއްޔާ ދިމާއަށް ދުއްވައި ގަނެވުނު ގޮތް ވެސް ނޭނގެއެވެ.
އަހަރެންގެ އަޑަށް ދުވެފައި އައިސް ގިފިލީގެ ދޮރުގައި ތަޅަންފެށީ މަންމައެވެ. އަހަރެން ދޮރު ހުޅުވުމާ އެކު މަންމައައިސް އަހަރެންގެ ގައި ބައްދައިގަތެވެ. އޭރު ގައިގައި އޮތީ ތުވާއްޔެވެ.
"ކިހިނެއްވީ؟" ހާސްވެފައި ހުރި މަންމަ ސުވާލުކުރިއެވެ. އަހަރެންނަށް ހުރެވުނީ ދޭނެ ޖަވާބެއް ނޭނގިފައެވެ.
"ޔޫސުއްބެ.... ޔޫސުއްބެ.." އަހަރެންނަށް ބުނެވުނީ އެވަރަށެވެ.
"ކީކޭ ތި ކިޔަނީ؟ މޮޔަވީތަ؟ ޔޫސުއްބެއޭ؟ ކިހިނެއް ހެދީ؟ މިތާ އެބަ ހުރިތަ މީހަކު؟" މަންމަ ކުރީ ސުވާލުތަކެކެވެ. އަހަރެންނަށް ވާހަކައެއް ނުދެއްކުނެވެ. ގިސްލެވޭ ވަރުން އަޑެއް ބޭރެއް ނުވިއެވެ.
"ބަލަ މޮޔަވީތަ ޝަހުލާ؟ ތި ކިޔޭ އެއްޗެއް އެނގޭތަ؟ ކިހިނެއް ވެގެން ތި އުޅެނީ" މަންމަ އަނެއްކާ ވެސް އަހަރެންނާ ދިމާއަށް ހަޅޭއްލަވައިގަތެވެ. އަހަރެންގެ ދޫ އޮތީ ތަޅުލެވިފައެވެ. ޖަވާބެއް ދެވޭ ވަރެއްނުވިއެވެ. އެންމެ ލަފުޒެއް ވެސް ދުލަކުން ބޭރެއް ނުވިއެވެ. ހީވަނީ ދުލުގައި ގޮށްޖެހިފައި ވާހެންނެވެ.
އެހެން އުޅެނިކޮށް ގެއަށް އައިސްވަނީ ނަދީމްބެއެވެ. އަހަރެންނަށް ދުއްވައި ގަނެވުނީ ނަދީމްބެއާ ދިމާއަށެވެ. އޭރު އަހަރެން ހުރީ ކިހިނެއްކަމެއް އިހުސާސެއް ނުކުރެވުނެވެ. އަހަރެންގެ ފަހަތުން މަންމަ އައިސް އަހަރެން ކޮޓަރިއަށް ވެއްދިއެވެ.
"މިހާރު މިކަން ވެއްޖެ ބޮޑު ބައްޔަކަށް. ގިފިލިން މީހުން ފެންނަނިއްޔޯ؟ މިއަދު ފެނުނީ ޔޫސުއްބެޔޯ؟ ލަދުން ބޯހަލާކު. މަށަށް ދެވުނީ ޝަހުލާ ހަޅޭއްލަވާ އަޑަށް. އަހަރެން ދިޔަ އިރު އަޑުން އަޑުނަގާ ރޮނީ. ހަރާން، އެތާކު ނެތް އެކަކު ވެސް" މަންމަގެ ވާހަކަ ފެށީ ނަދީމްބެއަށް އަޑުއިއްވާށެވެ.
"ޔޫސުއްބެއޭ ކިޔައިގެން އެ ކަހަލަ ވާހަކަދައްކަން ލަދު ވެސް ގަންނަންވާނެއްނު. މި ގޭގެ ގިނަ ކަންތައް ކޮށްދެނީ އޭނާ. މަށަކަށް ނޭނގެ ދެން ހަދާނީ ކިހިނެއް ކަމެއް؟ ކުރާންވީ ކޮން ކަމެއް ކަމެއް؟" މަންމަގެ ވާހަކަތަކުން ކުށްވެރިވާނީ އަހަރެންކަން އަހަރެންނަށް ޔަގީންވިއެވެ.
"ނޫން މަންމާ! ތި ކަން ޔޫސުއްބެ ކުރި. އަހަރެން ދުށިން. ޔޫސުއްބެ މިގޭ ގިފިލި ފާރުމަތިން ފުންމާ ލެވުނީ އަހަރެންގެ ކުރިމައްޗަށް" ނަދީމްބެގެ ވާހަކަތަކުން އަހަރެންނަށް ލިބުނީ ޝޮކެކެވެ. ހާސްވެފައިވާ އަހަރެންނަށް އިތުރަށް ގިސްލެވުނީއެވެ.
"ހަމަ ދުށިންތަ ޔޫސުއްބެ؟" ނަދީމްބެގެ ވާހަކަ ޔަގީންކުރުމަށް މަންމަ ސުވާލުކުރިއެވެ.
"އާއެކޭ. އަދި ނުވާނެ ދިހަ މިނެޓް ވެސް. އަހަރެން ގިފިއްޔާ އަރާ ހަމަވަނިކޮށް ފަރުމަތީން އަވަސްއަވަހަށް ފުންމާލައި ދުއްވައިގަތީ. ޔޫސުއްބެ ހުރީ ވެސް ފެހި ކުލައިގެ ޓީޝާޓެއް ލައިގެން. ޔޫސުއްބެއަށް ވެސް އަހަރެން ފެންނާނެ" ނަދީމްބެ އިތުރު ތަފުސީލުދިނެވެ. މަންމަގެ ވާހަކަ ހުއްޓުނީ އެ ހިސާބުންނެވެ. އަހަރެން ހެދީ ތެދުކަން ޔަގީން ކުރެވުނީ ނަދީމްބެގެ ވާހަކަތަކުންނެވެ. ހެއްދެވި ފަރާތަށް އަހަރެންނަށް ޝުކުރު ކުރެވުނެވެ. ނަދީމްބެއަށް ވެސް ހިތުން ޝުކުރު އަދާކުރެވުނެވެ.
އަހަރެން އެއްވެސް މީހެއްގެ ގާތުގައެއް އެ ވާހަކައެއް ނުދައްކަމެވެ. ދައްކާކަށް ވެސް ބޭނުމެއް ނުވިއެވެ. އޭގެ ފަހުން ޔޫސުއްބެއެއް ގެއަކަށް ނާދެއެވެ. ގޭ މަގަކުން ވެސް ނުފެނެއެވެ. އަހަރެން ދެއްކި ވާހަކަތަކުގައި ހަގީގަތް އެކުލެވޭކަން މަންމައަށް ގަބޫލުކުރެވުނީ ޔޫސުއްބެގެ ޢަމަލުތަކުންނެވެ. ކުއްލިއަކަށް ޔޫސުއްބެ ގެއްލުމުންނެވެ. ގެއަށް އައުން ހުއްޓާލުމުންނެވެ.
އަހަރެން މަންމައަށް ވިސްނައިދިނީމެވެ. ކަންތައް ވީ ގޮތް އޮޅުން ފިލުވައި ދިނީމެވެ. ޔޫސުއްބެގެ ހަގީގަތް ވެސް ކިޔައި ދިނީމެވެ.
ހަފުތާއެއް ފަހުން ގިފިލީގައި ހުރި ގަސްތަކާއި ރުއްތައް ކޮށާލިއެވެ. ގިފިލީގެ ވަށާފާރު އިތުރަށް އުސްކޮށް ރާނާ ގިފިލި ހިޔާކުރިއެވެ. އޭގެ ފަހުން އަހަރެންނަށް ހިތްހަމަ ޖެހުން ލިބުނެވެ. ރައްކާތެރިކަމާއި ހިމާޔަތް އިތުރަށް ލިބުނުކަމުގެ އިހުސާސް ވެސް ކުރެވުނެވެ.
މިއީ ވެސް ތަޖުރިބާއެކެވެ. މިއަދު އަހަރެންނަކީ މަންމައެކެވެ. އަހަރެންގެ ތިން ކުދީން އެބަ ތިއްބެވެ. ތިބީ ވެސް ތިން އަންހެން ކުދީންނެވެ. އެ ކުދީންގެ އެންމެ ގާތް އެކުވެރިއަކީ އަހަރެންނެވެ. އެ ކުދީންގެ އިހުސާސްތައް އަހަރެންނަށް އެނގެއެވެ. އަބުރާއި ޢިއްޒަތަކީ ކިހައި ވަރެއްގެ އެއްޗެއްކަން އަހަރެން ދަންނަމެވެ. ލަދަކީ ކިހައި ވަރެއްގެ ނުފޫޒެއް ފޯރާ އެއްޗެއްކަން ވެސް އަހަރެންނަށް އެނގެއެވެ. ޔަގީނުން ވެސް އަހަރެންގެ ދަރީންނަށް ކަމެއް ދިމާވުމުން އެ ވާހަކަ އަހަރެންގެ ގާތުގައި ބުނާކަށް ފަހެއް ނުޖެހޭނެއެވެ. އެ ކުދީންގެ ބައްޕަ ގާތުގައި ވެސް ބުނަން ކެރޭނެއެވެ. ލަދު ގަންނާކަށް ނުޖެހޭނެއެވެ. އެފަދަ ކަންކަން ހިއްސާނުކޮށް ހުންނާކަށް ވެސް ނުޖެހޭނެއެވެ. އަހަރެން ގަބޫލުކުރެވެނީ ލަދުގެ މައްޗަށް ނަސްރު ހޯދޭނީ އިތުބާރުންކަމެވެ. އެ އިތުބާރު ކޮންމެ މަންމައަކާއި ބައްޕައަކަށް އޮންނަންވާނެއެވެ. އިރާދަކުރެއްވިއްޔާ ގިފިއްޔަކުން އަހަރެންނަށް ކުރެވުނު ތަޖުރިބާ އަހަރެންގެ ދަރިންނަށް ކުރާކަށް ނުޖެހޭނެއެވެ. އެ ނުރައްކަލާ ކުރިމަތިލާކަށް ވެސް ނުޖެހޭނެއެވެ.