ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ވާހަކަ

ކިތަންމެ ވަރަކަށް ވިސްނައިދޭން މަސައްކަތް ކުރި ނަމަވެސް ސާނިހުބެއަކަށް ނުވިސްނޭނެއެވެ. ނުވިސްނެނީއެއް ނޫނެވެ. ވިސްނަން ބޭނުން ނުވަނީއެވެ. އެ ނޫން ގޮތެއް ގަބޫލުކުރަން ބޭނުން ނުވަނީއެވެ. އެހެން ނޫން ނަމަ ލޯމަތިން ފެންނަން ހުރި ކަންކަން އެއީ ނުވާކަމަކަށް ހަދައިގެނެއް ނޫޅޭނެއެވެ. ނުވާ ކަންކަން ވީ ކަމަކަށް ހަދައިގެނެއް ވެސް ނޫޅޭނެއެވެ. އަހަރެންނަށް ގަބޫލުނުކުރެވެނީ އެފަދަ ކަންކަމެވެ. ކޮންމެ ގޮތެއް ވަރިހަމަ ކުރާކަށް އަހަރެންގެ ހިތެއް ބޭނުމެއް ނުވެއެވެ. ސާނިހުބެއާ ޒުވާބުކުރާން ޖެހެނީ އެ ސަބަބާ ހުރެއެވެ.

މިއަދު ވެސް ސާނިހުބެ ފެށީ ސާނިހުބެ ތާއީދުކުރާ ޕާޓީގެ ވާހަކައެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް އެ ޕާޓީގެ ކެންޑިޑޭޓަށް ވޯޓް ދޭން ޖެހޭ ވާހަކައެވެ.

"ކީއްވެ ވޯޓް ދޭން ޖެހެނީ؟ ކޮން ސަބަބަކާ ހުރެ ވޯޓް ދޭންވީ؟ ކީއްވެ މަޖުބޫރު ވީ؟" އަހަރެން ސުވާލުކުރީމެވެ.

"އެ ނޫން މީހަކު ނެތީމާ. އެ ނޫން ގޮތެއް ނެތީމާ. ދެން ހުރި ކެންޑިޑޭޓަށް ވޯޓް ދީފި ނަމަ ވާނެ ގޮތް ރަފާހާއަށް ވެސް އެނގޭނެ" ސާނިހުބެ ޖަވާބުދިނެވެ.

"ތިޔަ ދައްކާ ވާހަކަތަކުގައި އަހަރެން އަދި ވޯޓްދޭން ޖެހޭ ސަބަބެއް ނެތް. އަހަރެންނަށް އެނގެނީ ދެ މީހަކު ކުރިމަތި ލާފައިވާކަން. އެ ނޫން ގޮތްގޮތް ވެސް އެބަ ހުރިކަން. ވަކި މީހަކަށް ވޯޓްލައިފި ނަމަ ދެން ވާނެ ގޮތް އެކަކަށް ވެސް ނޭނގޭނެ. އެހެންވީމާ ތިޔަ ބުނާ ކެންޑިޑޭޓަށް އަހަރެން ވޯޓް ދޭންވީ ސަބަބެއް އަދި ނެތް" ސާނިހުބެ ދެއްކި ވާހަކަތަކުގައި ވޯޓް ދޭންޖެހޭ ސަބަބެއް ބުނެދެވިފައި ނުވާކަމަށް އަހަރެން ބުނީމެވެ.

"ރަފާހާމެން އަދި ޅަވާނެ. މި ކަހަލަ ކަންކަން އަދިއެއް ނުވިސްނޭނެ. ސިޔާސީ ކަންކަމުގައި ނޫޅޭ މީހުންނަށް ސިޔާސީ ކަންކަން ނިންމަން ޖެހޭ ގޮތެއް ނޭނގޭނެ. އެހެންވެ އަހަރެން މި ބުނަނީ އަހަރެން ބުނާ މީހަކަށް ވޯޓްލާށޭ. އަހަރެންނަށް ކަމެއް ކޮށްދޭ ނަމަ މި ކަން ކޮށްދޭށޭ. މިއީ ފަހު ފުރުޞަތޭ. ފަހުން މި ފުރުޞަތެއް ނުލިބޭނޭ" ސާނިހުބެގެ ވާހަކަތަކުން އަހަރެންނަށް ޔަގީންވީ އޭނާ ހުރީ ދޫދޭގޮތަކަށް ނޫންކަމެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް އޭނާ ތާއީދުކުރާ ކޮޅު މޮޅުކުރުމަށް އޭނާ މަސައްކަތް ކުރާނެކަމެވެ. ސާނިހުބެގެ ވާހަކަތަކަށް އަހަރެން އެއްބަހެއް ނުވަމެވެ. އާއެކޭ ނުބުނަމެވެ. އެހެން ނޫނަސް އަހަރެންގެ ވޯޓަކީ އަހަރެންގެ ހައްގެކެވެ. އެ ވޯޓް އަހަރެން ދޭނީ އަހަރެންނަށް ފެންނަ މީހަކަށެވެ.

"ހަދާނެ ގޮތް އެނގޭނީ މަށަށް. ކަންކަން ކުރެވޭކަން އަހަރެން ދައްކާލާނަން. ކަލޭ ހުރޭ ވޯޓް ނުދޭން" ގެއިން ނުކުންނަމުން ސާނިހުބެ ބުނި ޖުމުލައިގައި ވަނީ ހިތްހަމަ ނުޖެހުމާއި ރުޅިވެރިކަމެވެ. އެކަމަކާ އަހަރެން ހާހެއް ނުވެއެވެ. މަންމަ ހުންނާނީ އަހަރެން ކޮޅަށެވެ. ބައްޕަ ވެސް ގަބޫލުކުރާނީ އަހަރެން ދައްކާ ވާހަކައެވެ. ސާނިހުބެގެ ބަސްވިކޭނީ ހަމައެކަނި ސިޔާސީ މީހުންގެ ކުރިމަތީގައެވެ.

ވޯޓްލާން ދެ ދުވަހަށްވެފައި ވަނިކޮށް ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރީ މީސްމީހުންގެ އައިޑީ ކާޑު ވިއްކާ ވާހަކައެވެ. ބޮޑު އަގުގައި އައިޑީ ކާޑު ގަންނަ ވާހަކައެވެ. ވޯޓް ލިޔަ ނުދިނުމަށް ޓަކައި އެ މަސައްކަތް ކުރާ ވާހަކައެވެ. އެ ޚަބަރު ހަމަ ލިބުމާ އެކު އަހަރެން، މަންމައަށް ގުޅީމެވެ. އެއްވެސް މީހެއްގެ އަތަށް އައިޑީ ކާޑު ނުދިނުމަށް ބުނީމެވެ. އެ ވާހަކަ ބުނެފައި ފޯނު ބޭއްވިތާ މާ ގިނަ އިރުތަކެއް ނުވެއެވެ. މަންމަ އަހަރެންނަށް ގުޅިއެވެ.

"މަންމަ މި އުޅެނީ އައިޑީ ކާޑު ލެވުނު ތަން ނޭނގިގެން. ދަރިފުޅު އަތުގައި އެބަ އޮތްތަ؟" ސުވާލުކުރީ މަންމައެވެ.

"ނޫން އަހަރެން އަތަކު ނޯންނާނެ. މަންމަ އަތުގައެއްނު ވީ. އެންމެ ފަހުން ޑޮކްޓަރަށް ދެއްކި ދުވަހު މަންމަ އެ ކާޑު ނެގީ" މަންމައަށް އަހަރެން ކޮށްދިނީ ދެ ހަފުތާކުރީގެ ހަނދާނެކެވެ. އެ އަށް ފަހު އަލަމާރި ރަނގަޅަށް ޗެކުކޮށްލުމަށް ވެސް ބުނީމެވެ.

އިރުތަކެއް ފަހުން އަނެއްކާ ވެސް މަންމަ ގުޅިއެވެ. މި ފަހަރު ދިނީ މާ ސުންޕާ ޚަބަރެކެވެ. މަންމަގެ ވެސް، އަދި ބައްޕަގެ ވެސް އައިޑީކާޑު ވީތަން ނޭނގުނީއެވެ. ހޯދާހޯދާ ވެސް ނުފެނުނީއެވެ. މުޅި ގޭގައި އަތްފުނާއެޅި އިރު ވެސް ކާޑު ލެވުނުތަން ހަނދާނަށް ނައީއެވެ.

އަހަރެންގެ ބޮލުގައި ރިއްސާލިއެވެ. ސާނިހުބެގެ އަތެއް އެ ކަމުގައި ވެދާނެކަމަށް ހިތް ގަބޫލުކުރިއެވެ. ނަމަވެސް އެފަދަ ޝައްކެއް ކުރަންވާނީ ހެކި ހުރެގެންކަމަށް ހިތް ބުނަމުންދިޔައެވެ. އެކަމަކު މަންމަމެންގެ ކާޑު ގެއްލެންވީ ކީއްވެ ހެއްޔެވެ؟ ދެ މީހުންގެ ކާޑު ލެވުނު ތަން ނޭނގެންވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކުގެ ޖަވާބު ގޮސް ހުއްޓުނީ ހަމަ ސާނިހުބެއަށެވެ. މި ޝައްކު ބޮޑަށް އުފެދުނީ ފަހަކަށް އައިސް ވޯޓުގެ ވާހަކަ އެއްވެސް ވަރަކަށް ސާނިހުބެ ނުދައްކާތީއެވެ. އަދި މި ގެއިން ވޯޓެއް ނުލިބިދާނެތީ އެކަމާ ހާސްވެގެން އުޅޭތަން ނުފެންނާތީއެވެ.

އަހަރެން ސާނިހުބެއަށް ގުޅީމެވެ. މަންމައާއި ބައްޕަގެ އައިޑީކާޑު ގެއްލިގެން އުޅޭކަމަށް ބުނީމެވެ. އެކަން އެނގޭކަމަކަށް ސާނިހުބެއެއް ނުހެދިއެވެ. އެ ކަމުގެ ޒިންމާ ސާނިހުބެ އެޅުވީ އަހަރެންގެ ބޮލުގައެވެ.

"ބަލަ ރަފާހާއެއްނު މަންމަމެން ޑޮކްޓަރަށް ދައްކާ ތި ހަދަނީ. މަށަށް ކިހިނެއް އެނގޭނީ ތި އައިޑީކާޑު ވީތަނެއް. ވޯޓް ލާންވާއިރަށް މިހާރު އެ ވެސް ތި ގެއްލުވާލީ ދޯ" ސާނިހުބެގެ ތުހުމަތުގެ އިނގިލި ދިއްކުރީ އަހަރެންނަށެވެ.

"މަންމަމެން އަތުގައި އެ ކާޑު އޮންނާނީ. މަންމަ ބުނަނީ އަލަމާރީގައޭ އޮންނާނީ. ހަމަ ފެންނަ ހިސާބުގައޭ ބާއްވަނީ. ބައްޕަ ވެސް ބުނަނީ ބައްޕަގެ ކާޑު އޮންނާނީ އަލަމާރީގައި އޮތް ފައިލެއްގައޭ. މި ތަނުން ދުވަހަކު އެ ނުވެސް ނަގަމޭ. އެ ގެއްލެންވީ ސަބަބެއް މަންމަމެންނަކަށް ވެސް ނޭނގެޔޭ" ބައްޕައާއި މަންމަ ބުނި ވާހަކަތައް ސާނިހުބެއާ އަހަރެން ހިއްސާކުރީމެވެ.

"އެ މީހުންގެ އެއްޗެއް އެ މީހުންނަށް ނޭނގުނިއްޔާ ދެން ކިހިނެއް މަށަށް އެނގޭނީ. ދެން ތި ބުނަނީ އަހަރެންނަށް އެނގޭނެޔޭތަ؟" ސާނިހުބެ ސުވާލުކުރިއެވެ.

"އަހަރެން އެހެނެއް ނުބުނަމެއްނު. އަހަރެންނަށް އެނގެނީ އެ ކޮޓަރިއަށް ވަދެވޭނީ އަހަރެންނަށާއި ސާނިހުބެއަށްކަން. އެހެން މީހަކު އެ ކޮޓަރިއަކަށް ނުވަންނާނެކަން" އަހަރެން ބުނީމެވެ.

"ތީގެ މާނައަކީ އެ ކާޑު ނެގީ މާށޭތަ؟" ސާނިހުބެ އަނެއްކާ ވެސް ސުވާލުކުރިއެވެ.

"އަހަރެންނަށް އެނގެނީ އަހަރެން އެ ކާޑު ނުނަގާކަން. ސާނިހުބެ ނެގިކަމެއް ވެސް އަދި ނުނަގާކަމެއް ވެސް އަހަރެންނަކަށް ނޭނގޭ. އަހަރެން މި އުޅެނީ އެ ކަން ފުލުސް އޮފީހަށް ރިޕޯޓްކުރާން" ސާނިހުބެގެ ރައްދަކަށް އަހަރެން އަހަރެން އިންތިޒާރުކުރީމެވެ.

"އަހަރެންނެއް ނުނަގަން. ރަފާހާ ތި އުޅެނީ މިހާރު މާ މަތީގައި. މިހާރު އަހަރެންނަށް ވަގަށް ވެސް ގޮވަން ފެށީދޯ؟ މިހާރު އުޅެވޭކަށް ވެސް ނެތެއްނު. ކިހައި ބޮޑުވެއްޖެ ކަމެއް. މިހާރު ވަގު ތުހުމަތު ވެސް މަގޭ ބޮލުގައި އަޅުވަންފެށިއްޔޭ" ސާނިބުގެ ޒުވާބު ފެށިއެވެ. އެ ވާހަކަތައް އަޑު ނޭހުމަށް އަހަރެން ފޯނު ކަނޑާލީމެވެ.

އޮފީހުގައި ހުރެފައި އަވަސްއަވަސްކޮށްލާފައި އަހަރެން އައީ ގެޔަށެވެ. އޭރު ގޭގައި ފުލުހުންގެ ދެ މީހަކު ހަރަކާތްތެރިވެއެވެ. އެ މީހުން ފާސްކުރަމުން ދިޔައީ ސާނިހުބެގެ ކޮޓަރިއެވެ. އަހަރެން ހާސްވިއެވެ. ކަންބޮޑުވިއެވެ. ސާނިހުބެގެ ގާތުގައި ފުލުހުންނަށް ރިޕޯޓްކުރަނިއްޔޭ އަހަރެން ބުނީ ކޮންމެހެން އެކަން ކުރާކަށް ނޫނެވެ. ސާނިހުބެގެ ރައްދު އަންނަ ގޮތެއް ބަލާށެވެ.

"ކާކު ފުލުހުން ގެނައީ؟ ކާކު އެ މީހުންނަށް ގުޅީ؟ ކާކު ބުނީ ސާނިހުބެގެ ކޮޓަރި ފާސްކުރާށޭ؟ އޭރުން ސާނިހުބެ ހިތަށް އަރާނީ ކީކޭ؟" ހިތުގައި އުފެދުނު ސުވާލުތައް ފައްޗަކަށް އަހަރެން އަމުނާލީ މަންމައަށެވެ. އެ އަޑު އިވޭ ހިސާބުގައި ބައްޕަ ވެސް ހުއްޓެވެ.

"މަށަށް ޔަގީން އެ ނަގާނީ ސާނިހުކަން. އެހެން މީހަކަށް އެ ކާޑު ވީތަނެއް ނޭނގޭނެ. އަހަރެން އެމީހުންނަށް ރިޕޯޓްކުރީ. އައިޑީ ކާޑަކީ ކުޅޭކުޅޭ އެއްޗެއް ނޫން. އެއީ ގެއްލިގެންވާނެ އެއްޗެއް ނޫން. އޭނާ އެ ނުނަގާނަމަ އެ އޮންނަންވާނެތާ؟ އެހެންވެ ރިޕޯޓްކުރީ." އަހަރެންގެ ސުވާލުތަކަށް ޖަވާބުދިނީ ސާނިހުބެ ދެކެ ހިތްހަމަނުޖެހިފައި ހުރި ބައްޕައެވެ.

ފުލުހުންގެ މަސައްކަތް ފެށިތާ މާ ގިނައިރުތަކެއް ނުވެ މަންމައާއި ބައްޕަގެ އައިޑީ ކާޑު އެ ކޮޓަރިތެރެއިން ނެރުނެވެ. އެ ކާޑުތައް ހުރީ އެނދު ދަށުގައި ހުރި ފޮށިގަނޑެއްގެ ތެރޭގައެވެ. އެ ކޮޓަރިން އިތުރު ހަ މީހެއްގެ ކާޑު ވެސް ފުލުހުން ނެރުނެވެ. މައްސަލަ ބޮޑުވީ އެ ހިސާބުންނެވެ. ކަންތައް ގޯސްވީ އިތުރު ކާޑުތަކެއް އެ ކޮޓަރި ތެރޭން ފެނުމުންނެވެ. އެކަން މައްސަލައަކަށް ނުހަދާން އަހަރެން އުޅުނު ނަމަވެސް ފުލުހުން ބޭނުންވީ އެކަން އިތުރަށް ތަހުގީގުކުރާށެވެ. އެ ކާޑުތަކާ މެދު އިތުރަށް ސުވާލުކުރާށެވެ.

އަހަރެން ސާނިހުބެއަށް ގުޅީމެވެ. ކާޑުތައް ސާނިހުބެގެ ކޮޓަރީގައި ހުރިކަމަށް ބުނީމެވެ. އެ ކޮޓަރިތެރޭގައި އެހެން ބައެއްގެ ކާޑުތަކެއް ހުރުމުން އަވަހަށް ގެއަށް އައުމަށް ވެސް އަހަރެން އެދުނީމެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ސާނިހުބެ ގެއަށް އައެވެ. ފުލުހުން ސާނިހުބެއާ ސުވާލުކުރިއެވެ. ނަމަވެސް އެ ކާޑުތައް ނެގީ ސާނިހުބެ ކަމަކަށް ސާނިހުބެ އެއްބަހެއް ނުވިއެވެ. ސާނިހުބެ ހިތްހަމަ ނުޖެހުނީ އަހަރެންދެކެއެވެ. މަންމައާއި ބައްޕަ ދެކެއެވެ. ނަމަވެސް އެ ކަމުގައި އަހަރެން ކުރާނީ ކީއް ހެއްޔެވެ؟ ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ކާޑުތައް ނެގީ ސާނިހުބެކަން އެނގޭ ނަމަ އަހަރެން ކަންކުރާނީ އެ ގޮތަކަށް ނޫނެވެ. ސާނިހުބެގެ އެ އަމަލާ މެދު ބައްޕަ އައީ ރުޅިއެވެ. ފާޅުކުރީ ހިތްހަމަ ނުޖެހުމެވެ.

"މިއީތަ ސާނިހުއަށް ކުރަން އެނގުނު ކަމަކީ؟ އަދި ވެސް ރުޅި އަންނަންވީ އަހަރެމެން ދެކެތަ؟ މި ކާޑު ނެގިކަން ކުރިން ބުނި ނަމަ މިހެން ވީސްތަ؟ ބަލަ މިއީ ސާނިހުގެ އެއްޗެއް ނޫނޭ. އަހަރެން ގާތުގައި ބުނެލި ނަމަވެސް މި ކާޑު ދިނީސް. ވޯޓު ވެސް ދިނީސް. ޕާޓީއާ ހެދި މޮޔަވެފައި ތި ހުންނަނީ ވަކި ވަރަކަށް ނޫނިއްޔަ. ހަނދާން ކުރާތި. މަގޭ ވޯޓަކީ މަގޭ ހައްގެއް. ކޮންމެ ކަމެއްގައި ވަގު ހަދަން ނޫޅޭތި. ތި ގޮތަށް ކަންކަން ކޮށްގެން ހޯދޭނެ މޮޅެއް ނޯންނާނެ" ބައްޕަގެ ވާހަކަތައް މެދުކަނޑުވާލީ އަހަރެންނެވެ. އެ ވާހަކަތައް އިތުރަށް ދައްކުވަން އަހަރެން ބޭނުންނުވީއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ސާނިހުބެ ގެންދިޔައެވެ. އެ ކަމުގައި ސާނިހުބެ ބަންދުކުރިއެވެ. ކުށްވެރިވެސް ވިއެވެ. އެންމެ ފަހުން ވޯޓްލީ އިރު ވެސް ސާނިހުބެ ހުންނަން ޖެހުނީ ބަންދުގައެވެ. އެކަމުން ސަލާމަތްވީ އިންތިޚާބުގެ ނަތީޖާ އިޢުލާނުކުރި ފަހުންނެވެ. އެ ދުވަހަށް ފަހު ވޯޓްގެ ވާހަކައެއް ސާނިހުބެއެއް ނުދައްކައެވެ. އަހަރެންގެ ގާތުގައި ވަކި މީހަކަށް ވޯޓުލާށެކޭ ވެސް ނުބުނެއެވެ. މިއަދު އަހަރެން ވޯޓްލަނީ އަހަރެން ބޭނުންވާ މީހަކަށެވެ. އެއީ އަހަރެންގެ ހައްގެކެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 day ago 0 Comments
ލޯގޯ ފަރުމާކުރުމުގެ މުބާރާތުން 1ވަނަ މަތީނަށް
4 days ago 0 Comments
ވާދަމައިގެން މޮޅުވި ޓީމުތަކަށް ލިބުނު 21 ހާސް ރުފިޔާ އިޖުތިމާޢީ ޚިދުމަތަށް
5 days ago 0 Comments
ސިލްސިލާ ފުޓްބޯޅަ މެޗު ތުޅާދޫއަށް
5 days ago 0 Comments