ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ވާހަކަ

ބައެއް މީހުން އަހަރެންނާ ސުވާލުކުރެއެވެ. ވާހަކަ ލިޔަނީ ކޮން ވަގުތަކު ހެއްޔެވެ؟ އެ ޚިޔާލުތައް އަންނަނީ ކިހިނެއް ހެއްޔެވެ؟ ހިނގާފައި ހުންނަ ކަންކަމާ އެ ޚިޔާލުތައް ގުޅުވަނީ ކޮން ގޮތަކަށް ހެއްޔެވެ؟ މި ސުވާލުތަކަށް ޖަވާބުދޭކަށް އަހަރަންނަށް އުނދަގުލެއް ނޫނެވެ. ވާހަކަ ލިޔުންތެރިއަކަށްވުމުން އެއިން ކޮންމެ ސުވާލެއްގެ ޖަވާބު ވެސް އޮންނަނީ އަހަރެންގެ ދިރިއުޅުމާ ގުޅިފައެވެ. ކުރާ ކޮންމެ ކަމެއް ވެސް އޮންނަނީ މި މަސައްކަތާ ލާމެހިފައެވެ.

''ތުހުމަތު'' މި ވާހަކަ ވެސް އަހަރެން ލިޔުނީ ޚިޔާލީ ހާދިސާއެއް ހިތުގައި ބާއްވައިގެންނެވެ. ވެދާނެ ގޮތެއް ހިތްމައްޗަށް ގެނެސްގެންނެވެ. ނަމަވެސް ކަންތައް ދިމާވަމުން އައީ އަހަރެންނަށް ވެސް ގަބޫލުކުރަން އުނދަގޫ ގޮތަކަށެވެ.

އެ ވާހަކަ އަހަރެން ލިޔުނީ މުސްތަގުބަލުގައި ހިނގާފާނެ ކަމެއް، މާޒީގެ ޒަމާނުގައެވެ. ވާހަކައިގައި ހިމެނީ ޚިޔާލީ އާއްމު ނަންތަކެކެވެ. ހާދިސާ ރޭވީ މާލޭގައި ހިނގާ މާރާމާރީއެއްގެ މައްޗަށެވެ. ވާހަކައިގެ ދިގުމިނަކީ 10 ދުވަހެވެ.

ނޫހުގައި ވާހަކަ ޖެހިތާ ދެ ދުވަސް ނުވަނީސް ވާހަކަ ޝާއިޢުކުރާ ނޫހުގައި އުޅޭ އެކުވެރިޔާ އަހަރެނަށް ގުޅިއެވެ.

"އޭތް ކޮން ކަހަލަ ވާހަކައެއް ލިޔެގެން ތި އުޅެނީ. ކޮމެންޓްތައް ބަލައިލަ ބަލަ؟ ވަރަށް ކަންތައް އެބަ ހުރި"

"ކިހިނެއްވީ؟ ކަމެއް ގޯސްވީތަ؟" އަހަރެން ސުވާލުކުރީމެވެ.

"ފުރަތަމަ ކޮމެންޓްތައް ކިޔަލައި. ފަހުން އެ ވާހަކަ ދައްކަން ގުޅާނީ" އެހެން ބުނުމަށް ފަހު އެކުވެރިޔާ ފޯނުބޭއްވީ އެ ވަގުތު ތަންކޮޅެއް ބިޒީކަމަށް ބުނެއެވެ.

އަހަރެން ފެށީ ވާހަކައަށް ފޮނުވާފައި ހުރި ކޮމެންޓްތައް ކިޔާށެވެ. ތެދެކެވެ. މަރުވެގެން އެ އުޅެނީ ހަލީމު ކިޔާ މީހެކެވެ. އޭނާ މަރުވީ ކާކުކަން ނެނގޭ މީހަކު ދިން ހަމަލާއެއްގައެވެ. އެކަމެއް ހިނގީ ހެންވޭރު ދަނޑުގެ އުތުރު ގޯޅީގައެވެ. ވާހަކައިގައި ވެސް އެކަން ހިނގާފައި އެ ވަނީ އެ ތަނުގައެވެ. ގާތްގަނޑަކަށް އެ ގޮތަށެވެ. އެއް ކިޔުންތެރިއަކު ކޮމެންޓް ކޮށްފައި އޮތެވެ. ތިޔަ ވާހަކަ ލިޔުނު މީހާއަށް މިކަން ހިނގައި ދިޔަ ގޮތް އެނގޭނެއެވެ. އެކަން އަހަރެންނަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ އެ ވާހަކަ އަހަރެން ލިޔުނީ މީގެ ތިން ހަފުތާ ކުރިންނެވެ. ވާހަކަ ވެސް އެ ވަނީ ލިޔެ ނިންމާ ނޫހާ ވެސް ހަވާލުކުރެވިފައެވެ.

އިރުތަކެއް ފަހުން އަހަރެން އެކުވެރިޔާއަށް ގުޅީމެވެ. ހިނގައި ދިޔަ ހާދިސާއާ މެދު ވާހަކަދެއްކީމެވެ.

"ކޮބާ މައްސަލައަކީ؟" އަހަރެން ސުވާލުކުރީމެވެ.

"މައްސަލައެއް ނެތް. އެކަމަކު ވާހަކައިގައި ކަންކަން ހިނގާފައިވާ ގޮތަށް މިއަދު ހިނގި އެ ހާދިސާ ހިނގާފައި އެވަނީ. އަނެއްކާ މަރުވެގެން އެ އުޅެނީ ހަމަ އެ ނަން ކިޔާ މީހަކު. އެ ހާދިސާ ހިނގީ ވާހަކައިގައި ވެސް ހަމަ އެކަން ހިނގި ތަނުގައި. ކިހައި ބޮޑު އިއްތިފާގެއް. ދެން ހުރި ބައިތައް ވެސް އަހަރެންނަށް ހީވަނީ ވަރަށް ގުޅޭހެން" ހިނިގަނޑަކާ އެކު އެކުވެރިޔާ ބުނެލިއެވެ.

"ދެން ގުޅެންޏާ ގުޅެންވީ. ގައިމު އެ ވާހަކައަކީ ޚިޔާލީ ވާހަކައެއް. އެ ވާހަކަ މިހާރު އެ ވަނީ ތި ކޮޅަށް ފޮނުވިފައި. ގައިމު އެ ވާހަކައަކަށް ދެން އިތުރު ބަދަލެއް ނުގެންނާނަން. ދެން އެނގިދާނެތާ ވާގޮތެއް" އަހަރެން ބުނީމެވެ.

"މަށަށް ހީވަނީ ހަމަ މި ވާހަކައިގައި ވާ ގޮތަށްހެން ހުރިހާ ކަމެއް އެ ހިނގަނީ. މާދަމާ ޖަހާ ބައިގައި ވެސް މި ވަނީ ހަމަ އެ ކަހަލަ ގޮތެއް. އެ މައްސަލައިގައި މިހާރު ދެ މީހަކު ހައްޔަރުކޮށްފި. ހައްޔަރުކުރީ ސިޔާސީ ދެ މީހުން. އަނެއްކާ އެކަކު އަތުލައިގަތީ ބޭރަށް ފުރަން ގޮސް ހުއްޓާ އެއާޕޯޓުން" ހިނގަމުންދާ ހާދިސާތަކާ އަހަރެން ލިޔުނު ވާހަކައާ އެކުވެރިޔާ ގުޅުވައިލިއެވެ.

"ވާހަކައިގައި އޮންނާނެ ތިން މީހަކު ހައްޔަރު ކުރި ވާހަކަ. ތިބުނަނީ ދެ މީހަކު ހައްޔަރު ކުރި ވާހަކަތާ؟" ހިނގަމުންދާ ކަންކަމާއި އަހަރެންގެ ވާހަކަ ތަފާތުކަން ބުނެދެން އަހަރެން ބޭނުންވިއެވެ.

"އަދި ނެނގޭތާ. އަދިވެސް ދަނީ މިކަމާ ގުޅުންހުރި މީހުން ހޯދަމުންކަމަށް ފުލުން އެ އޮތީ ބުނެފައި. ޖަލީލް ލިޔުނު ވާހަކައިގައި ތިންވަނަ މީހާ ހޯދަން ފުލުހުން އިޢުލާން ކުރަނީ. އެ މީހާގެ ފޮޓޯ އާއްމު ކުރަނީ. އެކަން ކޮށްފި ނަމަ މާނައަކީ މިއީ ހަމަ އެ ވާހަކައޭ" އެކުވެރިޔާ ބެލީ ވީހާ ވެސް ބޮޑަށް އެ ހިނގާ ކަންތައްތަކާ މި ވާހަކަ ގުޅުވާލެވޭތޯއެވެ.

"އެކަމަކު އެހެނެއް ނުވާނެ. އެއީ ޚިޔާލެއް. އަދި ހިނގާފައި ވެސް ނުވާކަމެއް" އަހަރެން ބުނީމެވެ.

"ހިނގާފައި ނެތަސް ކަންހިނގަމުން އެ ދަނީ އެ ވާހަކައިގައި ވެސް ކަން ހިނގާފައިވާ ގޮތަކަށްނު. ދެން ބަލަމާ ހިނގާ" އެކުވެރިޔާ ޖަވާބު ދިނެވެ.

ދުވަހުގެ އިރު އޮއްސިގެން ދިޔައީ މާލެއަށް އާ ޚަބަރެއް ފަތުރަމުންނެވެ. އެ ޚަބަރު އާންމު ކުރީ ފުލުހުންނެވެ. އެއީ ހަލީމު މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު މީހަކު ފިލައިގެން އުޅޭ ވާހަކައެވެ. އެ މީހާގެ ފޮޓޯ ފުލުހުން ވަނީ އާއްމު ކޮށްފައެވެ. އެމީހާ ހޯދުމަށް އާއްމު ރައްޔިތުންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާ ވާހަކަ އޮތީ ބުނެފައެވެ. އަހަރެންނަށް ހައިރާންކަން ލިބުނީ އެ ހިސާބުންނެވެ. ވާހަކައިގައި ކަންކަންހިނގާފައި ހުރި ތަރުތީބުން ހަމަ އެ ގޮތަށް ކަންތައްތައް ހިނގަމުން ދާތީއެވެ.

އަހަރެންގެ ފޯނު ރިންގުވުމާއެކު ހިތަށް އެރީ އެކުވެރިޔާ މަތިންނެވެ. ބަލައިލި އިރު އެއީ އެކުވެރިޔާއެވެ.

"ކޮބާ މަ ބުނީމެއްނު. ހަމަ އެގޮތަށޭ ކަންކަން އެ ހިނގަނީ" އެކުވެރިޔާ ބުނެލިއެވެ.

"މި އުޅެނީ ކިޔުންތެރީން މި ތަނަށް ފޯނުކުރާވަރުން ދޭނެ ޖަވާބެއް ވެސް ނޭނގިގެން. ބައެއް މީހުން އެބަ ބުނޭ ތި ވާހަކަ ލިޔުނު މީހާއަށް ތި ހުރިހާ ކަމެއް ވެސް އެނގޭނޭ. އެކަން ކުރީ ވާހަކަ ލިޔުނު މީހާއޭ ވެސް އެބަ ބުނޭ. ކޮމެންޓްތަކުގައި ވެސް ވަރަށް ފޯރި އެބަ ހުރި" އެކުވެރިޔާ އިތުރަށް ވާހަކަދެއްކިއެވެ. އެ ވާހަކަތަކުން ބައެއް ވާހަކަތައް ގަބޫލުކުރަން އަހަރެންނަށް މަޖުބޫރުވިއެވެ. ދެން ވާނީ ކިހިނެއްކަން ލަފާކުރެވުނެވެ. އެކަމަކު އެގޮތަށް ކަންތައްތައް އެ ހިނގަނީ ކީއްވެ ބާއެވެ؟ ސިކުނޑިން އުފެއްދި ބޮޑު ސުވާލެއް މުޅި މީހާ ވަށާލިއެވެ. އިތުރަށް ވިސްނަން މަޖުބޫރުވިއެވެ. އެކަމަކު ސަބަބެއް ނުހޯދުނެވެ. ނުވެސް ވިސްނުނެވެ.

"އެ މީހާ ފެންނާނީ ފަޅު ގެއެއްގައި އޮއްވާ ދޯ؟" އެކުވެރިޔާ އަހަރެންނަށް ދޯ އަޅާލިއެވެ.

"ވާހަކައިގައި ވަނީ އެގޮތަށް. ދެން ބަލަމާ ހިނގާ" އަހަރެން ދިނީ ފިނޑި ޖަވާބެކެވެ. އެ ގޮތަށް ކަންތައްތައް ވާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

"އަހަރެން މި ހުންނަނީ ހަމަ އަޖައިބުވެފައި. މި ވާހަކައިގައި ވާގޮތަށް ހުރިހާ ކަމެއް ހިނގާތީ. އެންމެ ފަހުން މި ކަމުގައި މި ބެދެނީ ސިޔާސީ ބަޔަކު ދޯ؟" އެކުވެރިޔާ އަހަރެންނާ ސުވާލުކުރިއެވެ.

"ދެން ކީކޭ އަހަރެން ބުނާނީ. އަހަރެންނަކީ ތަގުދީރު އެނގޭ މީހެއް ނޫން. އެއީ އިންސާނުންގެ އަތްމަތީގައި އޮންނަ ކަމެއް ނޫން. ކޮންމެ ކަމެއް ވެސް ހިނގަން އޮންނަ ގޮތަކަށް ހިނގާނެ" އަހަރެން ޖަވާބު ދިނީމެވެ.

"މަށަށް ފެންނަނީ ވާހަކައިގެ ދެން ހުރި ބައި ޕަބްލިޝް ނުކޮށް އިހަށް މެދުކަނޑާލަން" ހިތަށް ވަން ބިރުވެރިކަމާ އެކު އަހަރެން ބުނީމެވެ.

"އޭރުން ވާނީ ކިހިނެއް؟" އެކުވެރިޔާ ސުވާލުކުރިއެވެ.

"ކޮންމެ ގޮތެއް ވިޔަސް މައްސަލައެއް ނެތެއްނު. އޭރުން މި ވާހަކައަކާ އެ ހާދިސާއަކާ ނުގުޅުވާނެއެއްނު" އަހަރެންނަށް ވިސްނުނު ގޮތަށް ޖަވާބު ދިނީމެވެ.

"އޭރުން އަދި މާ ބޮޑަށް ތިކަން ގުޅުވާނެ. ވާހަކަ ނުނިމެނީސް މެދުކަނޑާލައިފި ނަމަ އެންމެނަން ގަބޫލުކުރެވޭނީ ޖަލީލްގެ އަތެއް އެ ކަމުގައި އޮތީކަމަށް. އޭރުން އަދި މާ ގޯހެއްނު" އެކުވެރިޔާ ޖަވާބުދިނެވެ. އެއީވެސް ދެތެކެވެ. ބައެއް މީހުން އެގޮތަށް ގަބޫލުކޮށްފާނެއެވެ. އެކަމަކު މި ޖެހުނީ ބޮޑުކަމެކެވެ. މި ވަނީ ކިހިނެއް ހެއްޔެވެ؟ މިއީ އިއްތިފާގު ހެއްޔެވެ؟ އަހަރެންގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ނުތަނަވަސްކަން ދިޔައީ ވެރިވަމުންނެވެ.

އެ ރޭގެ ދަންވަރުގެ ވަގުތެވެ. ކޮންޕިއުޓަރާ ކައިރިވެލުމަށް ފަހު ވާހަކަ ފޯލްޑާރ ހުޅުވާލީމެވެ. އެންމެ ފަހުން ލިޔުނު ވާހަކައަށް ކްލިކް ކޮށްލީމެވެ. އެ ފައިލް ހުޅުވުމާ އެކު ވާހަކަ ކިޔަން ފެށީމެވެ. ހަލީމުގެ މަރާ ގުޅިގެން ތުހުމަތު ކުރެވުނު ތިންވަނަ މީހާ ހޯދަން ފުލުހުން އިޢުލާން ކުރިއެވެ. އޭނާގެ ފޮޓޯ ފުލުހުން އާއްމު ކުރިއެވެ. ވާހަކައިގައި ވެސް ވީ އެހެންނެވެ. އެއީ ހަމްޒާ ކިޔައި މީހެކެވެ. ވާހަކައިގައި ވެސް ފިލައިގެން އުޅުނީ ހަމްޒާއެކެވެ. އަހަރެންނަށް ގަބޫލެއް ނުކުރެވެއެވެ. ވާހަކައިގައި ވާގޮތަށް ހުރިހާ ކަމެއް ދިމާވާތީ ހާސްވާން ފެށިއެވެ.

ލިބުނު ހަސްކަމާ އެކު މައްސަލަ އިތުރަށް ދިރާސާކުރަން ބޭނުންވިއެވެ. އެނިޔަތުގައި އަ ހަރެން ވަނީ މިހާރު އޮންލައިނަށެވެ. ލިބުނީ އިތުރު ޝޮކެކެވެ. ކުއްލި ޚަބަރުގައި އެވަނީ ހަމްޒާ އަތުލައިގަތް ވާހަކައެވެ. ހުޅުމާލެއިންނެވެ. ފަޅުގެއެއްގައި އޮއްވައެވެ. އަހަރެންގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އަހަރެންނަށް ހަމަ އިނދެވެނީއެވެ. ހަދާނެ ގޮތެއް ކުރާނެކަމެއް ނޭނގިފައެވެ.

އެތައް އިރަކު އިނުމަށްފަހު އަހަރެން ތެދުވެ ބެލްކަންޏަށް ނުކުތީމެވެ. އަހަރެންނަށް ފެނުނީ ފުލުހުންގެ ޓީމެއް ގޭގެ ތިރީގައި ޙަރަކާތަތްރިވާތަނެވެ. އެ މަންޒަރު ބަލަން ހުއްޓާ ކުއްލިއަކަށް ގޭތެރެއަށް ވަނީ ފުލުހުންގެ ބައެކެވެ. ބާރު އަޑުފައްގަނޑާ އެކު މުޅި ގޭތެރޭގައި އަޑު ގަދަވިއެވެ. ނިދާފައި އޮތް މަންމައާއި ކުޑަ ކޮއްކޮ ތެދުވެ ރޯންފެށިއެވެ. ލިބުނު ހާސްކަމާ އެކު އަހަރެންނަށް ހުރެވުނީއެވެ. އެ މީހުން އައިސް އަހަރެންގެ އަތުގައި ބިޑިއެޅުވިއެވެ. އަހަރެން ހައްޔަރުކުރިއެވެ. އަހަރެން އުޅޭ ކޮޓަރި ބަލައި ފާސްކުރިއެވެ. އަހަރެންގެ ކޮމްޕިއުޓަރުގެ ހާޑު ނަގައިގެން ގެންދިޔައެވެ.

"މި ހިނގާ ހުރިހާ ކަމެއް ޖަލީލަށް އެނގޭނެ. ރީތިކޮށް ހުރިހާ ކަމެއް ކިޔައިދީ. މި ކަމުގައި އެއްބާރުން ނުދީފި ނަމަ މިއީ ސީދާ ޖަލީލުކުރި ކަމެއްކަމަށް ބެލުމުގެ ފުރުޞަތު އެބަ އޮތް." ފުލުހުންގެ ދެ މީހަކު ތިބެގެން ސުވާލުކުރަމުން ދިޔައީ އަހަރެންނާއެވެ.

"ހަމަ ހުވާކޮށްފައި ބުނަން. މި ހިނގާ އެއްވެސް ކަމެއް އަހަރެންނަކަށް ނޭނގޭ. އެއީ އަހަރެން ލިޔުނު ވާހަކައެއް. އަހަރެންނަކަށް ނޭނގެ" ވަރަށް ބިރުން އިނދެ އަހަރެން ވާހަކަދައްކަން ފެށީމެވެ.

"ނޭނގޭ. ބަލަ ހުރިހާ ކަމެއް ނަންތަކާ އެކު ލިޔާ އިރު ނޭނގެޔޭތަ ތިބުނަނީ؟ ނޭނގޭ ނަމަ ތިހާ ފުރިހަމައަށް ލިޔެވޭނެތަ؟ ބުނޭ. ހަމަ މިހާރު ބުނޭ؟" ފުލުހުންގެ މީހާ އަޑު ގަދަވާން ފެށިއެވެ. އަހަރެން ތުރުތުރު އަޅަންފެށިއެވެ. އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟ ކިޔާނީ ކީކޭ ހެއްޔެވެ؟ ހަލީމުގެ މަރުގެ އެއްވެސް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެނގޭހާ ވެސް ކަމަކީ އެ ހާދިސާ ހިނގަނީ އަހަރެން ލިޔެފައިވާ ވާހަކައާ އެއްގޮތަށް ކަމެވެ.

"އަހަރްނަކަށް ނޭނގެ. ހަމަ ހުވާކޮށްފައި މި ބުނަނީ އަހަރެންނަށް ތިޔަ ކަން ހިނގި ގޮތެއް ނޭނގެ. އަހަރެން އެ ވާހަކަ ނޫހަށް ފޮނުވީ މީގެ ތިން ހަފުތާ ކުރިން. އޭރު މި ކަމެއް ނުހިނގާ. މި ކަމެއް ހިނގީ އޭގެ ފަހުން. ވާހަކައިގައި ވާ ގޮތް ވާނެކަމެއް އަހަރެންނަށް ކިހިނެއް އެނގެނީ. ހަމަ ހުވާ މި ބުނީ އަހަރެންނަކަށް ނޭނގޭ" އަހަރެން ރޮމުންރޮމުން ބުނީމެވެ.

ފުލުހުންގެ ސުވާލުތައް މެދުކަނޑާލީ އަހަރެން ދެއްކި ވާހަކަތަކުގެ ސަބަބުން ކަމެއް ނުވަތަ އެހެން ކަމެއް ވެގެންކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެން އިނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަހަރެންނަށް ކުރެވެނީ މީހަކު މަރާލިކަމުގެ ތުހުމަތެވެ. އެކަމާ އަހަރެން އެއްބަހެއް ނުވަމެވެ.

އެ ބަންދުގައި އިންނަން ޖެހުނީތީ އަހަރެން ދެރަވިއެވެ. ލޮލުން ކަރުނަ ހިލުނެވެ. ލިޔެވުނު ވާހަކައާ މެދު ނަފުރަތު ކުރެވުނެވެ. އެންމެ ކަންބޮޑުވީ ވާހަކައިގައި ވާ ގޮތް ވެދާނެތީއެވެ. އެ ވާހަކަ ނިމޭނީ އަހަރެންނާ މެދު ކުރެވުނު ތުހުމަތުގައި އަހަރެން ހައްޔަރުވެގެންނެވެ. އަހަރެންނަށް އަންނަ ޖަލު ހުކުމާއެކުގައެވެ. ކަންކަން ތަރުތީބުވެ ހިނގަމުން ދިޔައީ އެގޮތަށެވެ. ގޮތްނޭނގޭ ކަމެއްގެ ތެރެއަށް އަހަރެން ބެދިގެން ދިޔައީ ކިހިނެއް ކަމެއް ޚުދު އަހަރެންނަކަށް ވެސް ނުވިސްނުނެވެ. އަހަރެންނަށް އެނގެނީ އަހަރެން ލިޔުނީ ޚިޔާލީ ވާހަކައެއްކަމެވެ. އެ ވާހަކަ ހަގީގަތަކަށްވީ ކީއްވެ ހެއްޔެވެ؟ އެ ހުރިހާ ކަމެއް އެ ގޮތަށް ދިމާވަމުން އެ ދަނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟

އެންމެ ފަހުން ވާހަކައިގެ ކުންނުގައި އުޅޭ ސިޔާސީ ދެ މީހުން ވެސް މިކަމުގައި ބެދުނެވެ. ދެ މީހުން ހައްޔަރު ވެސް ކުރިއެވެ.

"ކޮބާ ސިޔާސީ ދެ މީހުން ވެސް މިހާރު ހައްޔަރު ވެއްޖެ. އަދިވެސް އެއްބަހެއް ނުވާނަންތަ މި ކަންކުރީ ޖަލީލުކަމަކަށް. އެ މީހުން އެ ބުނަނީ ހަލީމު މަރާލީ ޖަލީލޭ. އެކަން ހިނގިގޮތް އެނގޭނީ ޖަލީލަށޭ. ޖަލީލަށް އެކަން ކިޔާދިން މީހަކު ހުންނާނެޔޭ. އޭނާއަށް މި ކަން އެނގޭނޭ. ބުނޭ ޖަލީލު. ޖަލީލަށް އެނގޭނީ" އަހަރެން ހުރީ ދޭނެ ޖަވާބެއް ނޭނގިފައެވެ. ހަތަރު އުދަރެސް ފެނުޖެހުނީއެވެ. އަހަރެން މި ކަމުގައި ބެދުނީކަން ކަށަވަރުވީއެވެ.

"ނޫން.... ނޫން... އަހަރެންނެއް ނޫން. އަހަރެން ތި ކަމުގައެއް ބައިވެރިއެއް ނުވަން. އަހަރެންނަކަށް ނޭނގެ. ހުވާ ކޮށްފައި މި ބުނަނީ. އަހަރެންނަކަށް ތިއިން އެއްވެސް ކަމެއް ނޭނގެ. އަހަރެން ލިޔުނީ ޚިޔާލީ ވާހަކައެއް." އަހަރެން ރޮއިގަތީމެވެ. އަޑު ނަގައި ރޮމުން ދިޔައީމެވެ.

"ބަލަ މިވަރު ކަމެއް ކުރި އިރު ދެރަވާކަށް ނޭނގުނެއްނު؟" ފުލުހުންގެ މީހާ ބުނި ޖުމުލައިން ވެސް އަހަރެންނަށް ރޮއިގަނެވުނީއެވެ.

ތިން ދުވަސްފަހުން އަހަރެން ހާލު ދެރަވާން ފެށިއެވެ. އެއްޗެއް ނުކެވޭތާ އެއްޗެއް ބޯން ވެސް ބޭނުން ނުވަނީއެވެ. ހަމަ ވިސްނެނީއެވެ. އަހަރެން ބަންދުކުރި ސަބަބާ މެދު ފިކުރު ކުރެވެނީއެވެ. ދެން އޮތީ ޖަލުކަން އަހަރެންނަށް ޔަގީންކުރެވުނެވެ. މިކަމުން ސަލާމަތް ވާން ނެތްކަން ކަށަވަރު ކުރެވުނެވެ. ސިޔާސީ ބައެއްގެ އަތްދަށުން ސަލާމަތްވުމަކީ ނާދިރު ކަމެކެވެ. ވާހަކަގައި ވެސް އެކަން ހިނގީ އެގޮތަށެވެ. ވާހަކަ އެގޮތަށް ނުލިޔެވުނު ނަމައެވެ. ވާހަކައިގައި ސިޔާސީ މީހުންތައް ހައްޔަރުކޮށް ޖަލަށް ލެވުނު ނަމައެވެ. އެކަމަކު މިހާރު މާ ލަސްވެޖެއެވެ. އެކަން އެ އޮތީ ނިމިފައެވެ.

"ޖަލީލް... ވަރަށް ބޮޑަށް މައާފުކުރާތި. އަހަރެމެން ޖަލީލާ މެދު ކަންތައް ކުރެވުނީ އެންމެ ރަނގަޅަކަށް ނޫން. ހަލީމުގެ މަރާ ގުޅުން ހުރި އެއްވެސް ކަމެއްގައި ޖަލީލުގެ އަތެއް ނުވާކަން ޔަގީން ވެއްޖެ. މި ކަމުގައި މިހާރު ހައްޔަރުކޮށްފައިވާ އެންމެން އެ ވަނީ އެއްބަސްވެފައި." ފުލުހުންގެ އޮފިސަރު ދެއްކި ވާހަކަތަކުން އަހަރެންނަށް ފުން ނޭވާއެއް ލެވުނުވެ.

"ތިބުނީ އަހަރެން ލިޔުނު ވާހަކައިގައި އަހަރެން ސަލާމަތް ނުވިނަމަވެސް އަހަރެން ސަލާމަތް ވިއްޔޭތަ؟" އަހަރެންނަށް އަހައިލެވުނެވެ.

"އާނ.. ސަލާމަތްވެއްޖެ. ޖަލީލުގެ ކުށެއް ނެތް. ތި ވާހަކައަކީ އަހަރެމެންގެ ތަހުގީގަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް. ފަހުން އަހަރެމެން ހިންގި ގިނަ އޮޕްރޭޝަންތައް ހިންގީ ވާހަކައަށް ވެސް ބަލާފައި" ފުލުހުންގެ އޮފިސަރު ބުންޏެވެ.

"ޖަލީލު އަދި މި ތަނުގައި ދެ ހަފުތާވަރު މަޑުކޮށްލަން ޖެހޭނެ. ހުރިހާ ކަމެއް މުޅިން ހަމަޖެހުމުން ދެވޭނީ. އެކަމަކު އާއިލާ މީހުންނާ ގުޅޭނެ. ހުރިހާ ޚިދުމަތެއް މި ތަނުން ލިބޭނެ. މިކަން މިކުރަނީ ޖަލީލުގެ ރައްކަލަކަށް" އޮފިސަރުގެ ވާހަކައަށް އަހަރެން ބޯޖަހާލީމެވެ.

ހިތަށް އެރިއެވެ. ދެން ދުވަހަކު ވެސް ވާހަކައެއް ނުލިޔާނަމެވެ. މިފަދަ ތުހުމަތެއް ޚިޔާލަކަށް ވެސް ނުގެންނާނަމެވެ. އަހަރެން ސަލާމަތްވިކަން ޔަގީން ކުރެވުމުން ހެއްދެވި ފަރާތަށް ޝުކުރު އަދާކުރެވުނެވެ. ޝުކުރުގެ ސަޖިދައެއް ޖެހުނެވެ. ނަމަވެސް ޚިޔާލީ ވާހަކައެއް ހަގީގަތަކަށް އެވީ ގޮތާ މެދު އޮތް ބިރުވެރިކަން އަދިވެސް ހިތުގައި އެބަ އޮތެވެ. އެ ތުހުމަތު އަމިއްލަ ބޮލުގައި އެޅުނު ގޮތް ހަމަ ދެންމެ ވީ ކަމެއްހެން ހަނދާނުގައި އެބަ ހުއްޓެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 day ago 0 Comments
ލޯގޯ ފަރުމާކުރުމުގެ މުބާރާތުން 1ވަނަ މަތީނަށް
4 days ago 0 Comments
ވާދަމައިގެން މޮޅުވި ޓީމުތަކަށް ލިބުނު 21 ހާސް ރުފިޔާ އިޖުތިމާޢީ ޚިދުމަތަށް
5 days ago 0 Comments
ސިލްސިލާ ފުޓްބޯޅަ މެޗު ތުޅާދޫއަށް
5 days ago 0 Comments