ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ވާހަކަ

ނަމާދުކޮށް ނިމުމާ އެކު މީހުންތައް ފައިބަން ފެށިއެވެ. ކޮނޑުމަތިންނާއި ބޯމަތިން ވެސް މީހުން ހުރަސްކުރަން ފެށިއެވެ. އެކަކަށް ވުރެ އަނެކަކު އަވަހަށް ފޭބޭތޯ އުޅޭހެން ވެސް ހީވެއެވެ. އަހަރެން މަޑުކޮށްލައިގެން އިނީ އެ ބައިގަނޑުގެ ތެރެއަށް ނުވަނުމަށެވެ. މިސްކިތުގެ ހުދު، ފުޅާ، ސިނޑި، ކިތަންމެ ފުޅާ ނަމަވެސް އެ ސިޑި އެ ވަގުތު އޮންނަނީ ހަނިވެފައެވެ. ތޮއްޖެހިފައިވާ މީހުންގެ ސަބަބުން ކުޑަވެފައެވެ. އެހެންވެ އަހަރެން މަޑުކޮށްލީއެވެ.

މީހުން މަދުވެލުމާ އެކު މަޑު ހިނގުމުގައި އަހަރެން ވެސް ހިނގައިގަތީމެވެ. މިސްކިތުގެ ދެކުނު ފަރާތަށް ނުކުމެވުނު އިރު ފެނުނީ ގުދުލީ ރެއްސެއްހެން ދަމާލާފައި އޮތް ދިގު ކިއުއެކެވެ. ހައިރާނުގެ ނަޒަރުން އެ ދިގު ކިއުއަށް އަހަރެންނަށް ބަލައިލެވުނީ ނުރުހުންވެ ހުރެއެވެ. ހިތަށް އެރީ އަރަން ނުވާ ޒާތުގެ ވާހަކަތަކެއްކަން ހަނދާން ކޮށްދިނީ ބަނޑުގައިވާ ހާންތިކަމެވެ. އެ ތަނުގައި ފަގީރުން ތިބޭނެކަމުގެ ޔަގީންދިނީ ހިތެވެ. އެ މީހުންނަށް އެހީވާން ޖެހޭކަން ވެސް ބުނެދިނީ ހަމަ އެ ހިތެވެ. ނަމަވެސް އެ ހިތުން ވެސް ޝަކުވާ ކުރެއެވެ. އެ އެހީ ދެވެނީ އެންމެ އައުލާ މީހާއަށްތޯ ސުވާލު އުފައްދައެވެ.

އަހަރެން ވެސް ހިނގައިގަތީ އެ ކިއުއާ ދިމާއަށެވެ. އަހަރެންގެ އަތުގައި ހުރި ފައިސާކޮޅުން ކިއުގައި ތިބި އެންމެންނަށް އެހީ ނުދެވޭނެކަން އެނގި ހުރެއެވެ.

ޖީބުގައިވާ 20 ރުފިޔާގެ ނޫޓުކޮޅު ނެގުމަށް ފަހު އަހަރެން ބަހަން ފެށީމެވެ. މީހުންތައް ހީވީ ކެކިއަރައިގަތް ހެންނެވެ. ދަމާލާފައި އޮތް ކިއު ބޮނޑިވެގަތީ އެ މީހުންނަށް ލައްވާނުލައިފާނެތީ ތޯއްޗެކެވެ. އެ ލަނޑު ލިބުމުން ތޯއްޗެކެވެ. މީހުންގަނޑު އުޅެގަތް ގޮތުން އަހަރެން ދެރަވިއެވެ. ލަދު ވެސް ގަތެވެ. އެކަން ނުކުރެވުނު ނަމަ މާ ރަނގަޅުވީހޭ ވެސް ހިތަށް އެރިއެވެ. އަހަރެންގެ އެ އެހީ ލައްވާލީ ބައެއް މީހުންނަށެވެ. އެކަމާ ޒުވާބު ކުރަންފެށީ އެ މީހުންނެވެ. ހަޅޭއްލަވައި އަޑުލައިހެދީ ވެސް ހަމަ އެ މީހުންނެވެ.

އެ އެންމެންގެ ތެރެއިން ވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ފުރާވަރުގެ ކުއްޖެކެވެ. ހަމްދަރުދީ އުފެދުނީ އެ ކުއްޖާ ޢަމަލުކުރި ގޮތުންނެވެ. އޭނާ އަތަށް ދިން ވިހި ރުފިޔާ، އެހެން މީހަކަށް އޭނާ ދިނުމުންނެވެ. އެ މަންޒަރު ފެނުނު އަހަރެންގެ ލޯ އެ ކުއްޖާއަށް ހުއްޓުނެވެ.

މާ އަލިނޫން މޫނެވެ. ކޮންމެވެސް ވަރަކަށް އަނދާފައި ހުރި، ބިހި ގިނަ ފުރާވަރުގެ މޫނެކެވެ. ގަޔަށް މަހާލާފައި އޮތް ހޮޔޮވަރު ނޫން ބާ، ނޫ ގަމީހުގެ ކުލަ ހުރީ ވެއްޓިފައެވެ. ލައިގެން ހުރި ޖިންސުގެ ކަށިމައްޗާ ދިމާގައި ބޮޑު ކަޅު ދެލިގަނޑެއް ޖެހިފައިވާ އިރު އަރައިގެން ހުރި ފައިވާނުން ބޮޑު ބައެއް ފުންނާބުން ބޭރަށް ހުއްޓެވެ. ފެނުނު މަންޒަރުގެ ސަބަބުން އަހަރެން ޝައުގުވެރިވީ އެއީ ކާކުތޯ ބެލުމަށެވެ. ނަމަވެސް އެ އެންމެންގެ ތެރޭން އޭނާގެ ގާތަށް ހިނގައްޖެ ނަމަ ދެންވާނެ ގޮތް އަހަރެންނަށް އެނގެއެވެ. އަހަރެން ހުރީ އޭނާ ހަދާ ގޮތް ބަލާށެވެ. އޭނާގެ އަތުގައި އޮތް ނޫޓު އެހެން މީހަކަށް ދިނުމަށް ފަހު އޭނާ ހިނގައި ގަތީ ޗާނދަނީ މަގުން އުތުރަށެވެ.

އޭނާ ދާ ގޮތް ބަލަމުން އަހަރެން ގޮސް އެރީ އަހަރެންގެ ސައިކަލަށެވެ. ބާރު ހިނގުމުގައި ހިނގާފައި ދިޔަ އެ ޒުވާނާގެ ފަހަތުން އަހަރެން އަޅުވާލީމެވެ. އެއީ ކާކުތޯ ދެނެގަތުމުގެ ބޭނުމުގައެވެ. އޭނާ ސަލާން ޖަހަން އެ ތަނަށް އައި ސަބަބު ހޯދުމުގެ ނިޔަތުގައެވެ. އެއީ އެހެންޏާ ދުވަހަކު ވެސް އެ މީހުންގެ ތެރެއިން ފެނުނު މަންޒަރެއް ނޫނެވެ. އެ ޒުވާނާއަށް ވުރެ ފަނަރަ ވަރަކަށް ފޫޓު ފަހަތުގައި ސައިކަލުގައި އިނދެ، އަހަރެން ކުރިއަށް ދިޔައީމެވެ.

މާވެޔޮ މަގުން ގޯޅިއަކަށް އެޅުމަށް ފަހު ޒުވާނާ މަޑުކޮށްލިއެވެ. އަހަރެން ވެސް ސައިކަލު ޕާކުކުރާކަމަށް ހަދައި އެހިސާބުގައި މަޑުކޮށްލީމެވެ. ނުވާކަމަށް ހަދާފައި އޭނާއަށް ބަލައިލީމެވެ. އޭރު އޭނާ އެތާ ހުރި ގެއަކަށް ވަންނަނީއެވެ.

ބާރު ހިނގުމުގައި ގޮސް އަހަރެން އެ ގޭ ދޮށުގައި މަޑުކޮށްލީމެވެ. ވަރަށް އާދައިގެ ގެއެކެވެ. އުވައިން ރާނާފައިވާ އިހުގެ ގެއެކެވެ. ދަބަރަށްވެ ހުލިވެފައިވާ ޓިނުން ގޭގެ މުސްކުޅިކަން ހާމަވެއެވެ. ދެ ކޮޅު ބަލައިލުމަށް ފަހު އެ ގެއަށް ދެމިގަންނަން ހިތަށް އެރި ވަގުތު ގޭތެރެއިން އިވުނީ ހަޅޭކުގެ ބާރު އަޑުފަށްގަނޑެކެވެ.

"ކަލޯގާތުގައި ބުނެފީމެއްނު. މިގެއަށް ނާންނާށޭ. މަށަކަށް ނުބެލޭނޭ. ކަލެއަށް ދޭނެ އެއްޗެއް އަހަރެންގެ އަތަކު ނެތޭ. ކަލޭ ބަފަޔަށް ކާންދޭށޭ" އަޑުގައި ނެތްތަނަށް ހަޅޭއްލަވަމުން އައި އަންހެނެއްގެ އަޑު އަހަރެންނާ ކައިރިވާކަން އެނގުމުން އަހަރެން އެގޭ ދޮރުމަތިން ދުރަށް ޖެހިލީމެވެ. ހަމަ އެ ވަގުތު ދުންޖަހާފައި އެ ގެއިން ނުކުތީ އަންހެނެކެވެ. އޭނާ ކިޔަމުން ދިޔަ ފަތިވަރު އެ ގޭ ދޮރޯށިން ނުކުތް އިރު ވެސް ހުރީ ކިޔާލަކިޔާލައެވެ. އޭނާ އައިސްފައި ހުރި ނުރުން ބޭލީ ބާވެ ރޫޅެން ކައިރިވެފައިވާ ދޮރުފަތަށެވެ. އެ އަނހެން މީހާ ބަން ކިޔާފައި ދޮރު ޖަހަމުން ހިނގައިގަތީ ބޭރަށެވެ.

ފުރުޞަތުގެ ބޭނުން ކޮށް އަހަރެން އެތެރެއަށް ވަނީމެވެ. ހީވީ މާޒީއަށް ވަދެވުނުހެންނެވެ. މުސްކުޅި އާސާރީ ހިސާބަކަށް ވަދެވުނުހެންނެވެ. މާލޭގައި އެފަދަ ތަނެއް ހުރެދާނެ ބާއެވެ؟ އެހާ ހާލުގައި ބަޔަކު އުޅެދާނެ ހެއްޔެވެ؟

"އައްސަލާމް ޢަލައިކުމް" ދޮރުން އެތެރެވެ އޮތް ހަނި ގޯޅިން ހިނގައިގަންނަމުން އަހަރެން ދެ ފަހަރަކު ސަލާން ގޮވައިލީމެވެ. އަޑެއް ބަޑެއް ނުއިވުމުން އަހަރެން ކުޑަކޮށް އެތެރެއަށް ޖެހިލުމަށް ފަހު އިތުރަށް ސަލާން ގޮވާލީމެވެ.

"މަންމަވީ ބޭރުގައި" ގޭތެރެއިން ކުއްޖަކު ގޮވާލާ އަޑު އިވުނެވެ. އަހަރެން އަނެއްކާ ވެސް ކުރިއަށް ވުރެ ބާރަށް ސަލާން ގޮވާލީމެވެ.

"މަންމަ ދިޔައީ ބޭރަށް. ދެންމެ ދިޔައީ" ކުރިއަށްވުރެ ބާރަށް އެ ކުއްޖާ ވެސް ގޮވައިލިއެވެ.

"މަންމަ ހޯދާކަށް ނޫން" އަހަރެން ވެސް ކުރިއަށް ވުރެ ބާރަށް ބުނެލީމެވެ. އެހެން ބުނެ ނުނިމެނީސް އެއްކަލަ ޒުވާނާ އަހަރެންގެ ކުރިމަތީ ހުއްޓުނެވެ.

"ކިހިނެއްވީ؟ ކާކު ހޯދަން؟" އޭނާ ސުވާލު ކުރިއެވެ.

"އަހަރެން ހޯދަން އައި ކުއްޖާއާ މިހުރީ ބައްދަލުވެފައި. އަހަރެން ވާހަކަދައްކާލަން ވަގުތު ކޮޅެއް ދެވިދާނެތަ؟" ހިނިތުންވެ ހުރެ އަހަރެން ބުނީމެވެ.

"ކިހިނެއްވީ؟" ހައިރާންވެ ހުރެ އެ ކުއްޖާ ސުވާލުކުރިއެވެ.

"މާ ބޮޑު ކަމެއް ނުވޭ. އަހަރެން ބޭނުމީ ހަމަ ވާހަކަދައްކާލަން" އަހަރެން އަނެއްކާ ވެސް ބުނީމެވެ. އޭނާ އުޅުނުގޮތުން ބިރުން އުޅޭހެން އަހަރެންނަށް ހީވިއެވެ.

"އަހަރެން ހޯދަން މީހުން އަންނަންޏާ މަންމަ ވަރަށް ރުޅި އަންނާނެ. ކަމެއް ނެތިއްޔާ އަވަހަށް ދޭ" އެ ކުއްޖާ ބޭނުންވީ އަހަރެން ފޮނުވާލާށެވެ. އެހެން ބުނިތަނާ ބޭރު ދޮރު ހުޅުވާލުމަށް ފަހު ލެއްޕުނު އަޑު އިވުނެވެ. އަހަރެން ކުރިމަތީ ހުރި ސޮރަށް ވީނުވީއެއް ނޭނގުނެވެ. އަހަރެންނަށް ހުރެވުނީ ހަދާނެ ގޮތް ހުސްވެފައެވެ.

"ކީއް ކުރަނީ މިތާ؟" ސުވާލުކުރީ ގޭތެރެއަށް ވަދެގެން އައި ދޮށީ ޢުމުރުގެ އަންހެން މީހާއެވެ. އަހަރެން ވިސްނައިލީމެވެ. ތެދަށް ޖަވާބު ދީފި ނަމަ ވެދާނެ ގޮތް އަހަރެންގެ ހިތުގައި ތަސައްވަރު ކުރެވުނެވެ.  

"ޚާއްޞަ އެހީއަށް ބޭނުންވާ މީހަކު އުޅޭތަ މި ގޭގައި" ދޭނެ ޖަވާބެއް ނޭނގުމުން ކޮންމެ ވެސް ސުވާލެއް ކޮށްލީމެވެ.

"ތީ ކާކު؟" އަނެއްކާ ވެސް އޭނާ ކުރީ ސުވާލެކެވެ.

"މިއީ އެފަދަ ފަރާތްތަކަށް އެހީތެރިވާ ފަރާތެއް" އަހަރެން ޖަވާބުދިނީމެވެ.

"ތިޔަ ކަހަލަ އެހީތެރިކަން ރަނގަޅީ ނުވިއްޔާ. ތިޔަ ގޮތަށް މޮޅު ވާހަކަދައްކާނެ ކަމެއް ނެތް. ކަލޭމެންނަށް ކުރެވޭނެ ހަމަ އެއްކަމެއް ވެސް ނޯންނާނެ. ވާކަމެއް ހަރާން. ބޮޑު އަށީގައި އެ އޮތް މީހާގަނޑު ގެންދާށޭ އަހަރެން ކިޔައިތާ ކިހައި ދުވަހެއް. އެ މުސީބާތުން ސަލާމަތް ނުވިތާނގައި އެ ދުއްޕާން ވެސް މި ޖެހުނީ މަށަށް. މޮޅު ވާހަކަތަކެއް ދައްކަން ކޮންމެހެން މި ގެއަށް އަންނާނެކަމެއް ނެތް" ހިތަށް އެރިހާ ވާހަކައެއް ގޮވަމުން އެ އަންހެން މީހާ ވަނީ ގޭތެރެއަށެވެ. އަހަރެން ހުރީ ބަސްހުއްޓިފައެވެ. ހިނގައިގަންނަން ވެސް ނޭނގިފައެވެ.

މާޔޫސްކަންމަތީ ހުރެ އަހަރެން އެގެއިން ނުކުތީމެވެ. އިރުތަކެއް ވަންދެން އަހަރެން ބޭރުގައި މަޑުކުރީމެވެ. އެ ކުއްޖާ ނުކުމޭތޯއެވެ. އެ މީހުން އުޅޭ ހާލު އިތުރަށް އޮޅުންފިލުވަން ބޭނުންވީތީއެވެ.

އެ އިންތިޒާރުގައި މާ ގިނަ އިރަކު ހުންނާކަށް ނުޖެހުނެވެ. އެ ކުއްޖާ ނުކުތެވެ. އޭނާ ލައިގެން ހުރީ ހަމަ ކުރިން ލައިގެން ހުރި ގަމީހެވެ. އަރައިގެން ހުރީ ހަމަ އެ ފައިވާނެވެ. އަހަރެން ފެނުމުން އޭނާއަށް ކުޑަކޮށް އުނދަގޫވިކަން އަހަރެންނަށް އިހުސާސް ކުރެވުނެވެ. އެ ކުއްޖާ އަހަރެންނާ އަރާ ހަމަވުމުން އަހަރެން ވާހަކަދައްކަން ފެށީމެވެ.

"އަހަރެން މަޑުކޮށްލައިގެން މި ހުރީ ނުކުންނަން ދެން" ގާތް ރައްޓެއްސަކު ވާހަކަދައްކަން ފަށާ ކަހަލަ ގޮތަކަށް އަހަރެންގެ ވާހަކަ ފެށީމެވެ.

"އަހަރެން ހޯދަނީ ކީއްކުރަން؟" ހައިރާންވެ ހުރެ އެ ކުއްޖާ ސުވާލުކުރިއެވެ.

"އަހަރެން ބޭނުން ބައެއް ކަންކަން އޮޅުން ފިލުވަން. އެހެންވެ މި މަޑުކުރީ" އޭނާ ކުރި ސުވާލަށް އަހަރެން ޖަވާބުދިނީމެވެ.

"ކޮންތާކަށް ދާން ތި އުޅެނީ؟" އެ ކުއްޖާގެ މޫނަށް ބަލަހައްޓައިގެން ހުރެ އަހަރެން ފެށީމެވެ.

"މާރުކޭޓް ކައިރިއަށް" އެ ކުއްޖާ ޖަވާބު ދިނެވެ.

"އަހަރެންނާ އެކު ސައިކަލުގައި ދާންވީނު. އަހަރެން ވެސް މި ދަނީ މާރުކޭޓަށް. އަހަރެން ގެންގޮސްދީފާނަން" އަހަރެން ދިނީ ދައުވަތެކެވެ. އޭނާއާ ގިނަ ވާހަކަދައްކާލެވޭނޭ ހިތައެވެ. ގިނަ މައުލޫމާތު ހޯދައިގަތުމުގެ ބޭނުމުގައި ވެސް މެއެވެ. އަހަރެންގެ މި އެދުމަށް އެ ކުއްޖާ ވަރަށް ވިސްނިއެވެ. ޖަވާބު ނުދީ އިރުކޮޅަކު ހުރުމަށް ފަހު އަހަރެންނާ އެކު ސައިކަލާ ދިމާއަށް އޭނާ ވެސް ހިނގައިގަތެވެ.

ސައިކަލު ދުއްވާލަމުން އަހަރެންގެ ވާހަކަ ފެށީމެވެ.

" ކޮއްކޮއަށް ކިޔަނީ ކޮން ނަމެއް؟" ފުރަތަމަ ވެސް އަހަރެން އެހީ އޭނާގެ ނަމެވެ.

"އަހުސަން" އެ ކުއްޖާ ޖަވާބުދިނީ ވަރަށް ކުރުކޮށެވެ.

"އަހުސަން ކޮންމެ ހުކުރު ދުވަހަކު ވެސް މަރުކަޒު ދޮށަށް ދަންތަ؟" ގިނަ ވާހަކަތަކެއް ނުދައްކާ އަހަރެން އަމާޒު ހިފީ އަހަރެން ބޭނުންވާ ސުވާލުތަކުގެ ޖަވާބު ހޯދުމަށެވެ.

"ނޫން ނުދަން. ބައެއް ދުވަސް ދުވަހު ދަން" ވަރަށް މަޑުމަޑުން އަހުސަން ޖަވާބުދިނެވެ.

"މިއަދު ކީއްވެ އަހަރެން ދިން ވިހި ރުފިޔާ އެހެން މީހަކަށް ދިނީ؟" އަހަރެންގެ ސުވާލަށް ޖަވާބު ނައިސް އިރުކޮޅެއް ވުމުން އަނެއްކާ ވެސް އަހަރެން އަހައިލީމެވެ.

"ކީއްވެ އެހެން ހެދީ؟"

"އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެންނަށް ވުރެ ބޮޑަށް ފައިސާ ބޭނުންވާ މީހުން އެ ތަނުގައި ތިބި. އެހެންވެ އަހަރެން ބޭނުންނުވީ. ބައެއް ފަހަރު އެ މީހުން އުޅޭގޮތުން އަހަރެން ވަރަށް ދެރަވޭ. އެ ތަނަށް ދާން އަހަރެން ބޭނުން ނުވަނީ އެ މީހުން ޒުވާބުކުރާތީ" އަހުސަންގެ ޖަވާބުން އަހަރެން އިތުރު ދެ ސުވާލު އުފެއްދީމެވެ.

"އަހުސަނަކީ ފަގީރެއްތަ؟ އެ ތަނުގައި ހުންނަން ޖެހޭ ކުއްޖެއްތަ؟"

"އަހަރެން އެ ތަނަށް ދާކަށް ބޭނުމެއް ނޫން. ނަމަވެސް ފައިސާ ނުހޯދާ ނަމަ މަންމަ ވަރަށް ރުޅި އަންނާނެ. އަހަރެންނަށް ފައިސާ ލިބެނީ ސަލާން ޖަހައިގެން. އެނޫން ގޮތަކުން ފައިސާއެއް ނުލިބޭ. ރޭ ވެސް އަހަރެން މި ހުރީ ހާރުނުކައި. ބައްޕައަށް ގަންނަން ޖެހޭ ބޭހެއް ވެސް އެ ހުރީ ނުގަނެވި. މަންމަ ހަޅޭއްލަވަނީ އެކަމާ. ބައްޕައަށް ޚަރަދު ކުރުމަކީ ވެސް މަންމައަށް އުނދަގޫ ކަމެއް." އަހުސަނު އޭނާގެ ހާލު އޮޅުންފިލުވައިދެމުން ދިޔައެވެ. އާއިލާގެ އެތައް ވާހަކައެއް އޭނާ، އަހަރެންނާ ހިއްސާކުރިއެވެ.

"މަންމަމެން މަސައްކަތެއް ނުކުރޭތަ؟ އެހެން މީހުން ކޮބާ؟" އެ މީހުންގެ ހާލު ތަސައްވަރު ކުރެވުނު ނަމަވެސް އަހުސަނުގެ ދުލުން އެ ވާހަކަތައް އަޑުއަހަން އަހަރެން ބޭނުންވިއެވެ.

"މަންމައަކީ ގޭގައި ހުންނަ މީހެއް. ބައްޕައަކީ ބަލި މީހެއް. ދެން ހުންނަނީ ކޮއްކޮ. އެއީ ކުޑަ ކުއްޖެއް. ފައިސާ ލިބޭނެ ގޮތެއް ނެތް" އަހުސަންގެ އާއިލީ ހާލަތު އޭނާ އޮޅުން ފިލުވައިދިނެވެ.

"ތި އުޅެނީ ކާކުގެ ގެއެއްގައި؟" އަހަރެން އިތުރު ސުވާލެއް ކުރީމެވެ.

"އެއީ އަހަރެމެންގެ ގެ. ބައްޕައަށް ލިބިފައިވާ ތަންކޮޅެއް" އަހުސަނު ޖަވާބު ދިނެވެ. އަހަރެން ހިތަށް އެރިއެވެ. މާލޭގައި ވެސް ފަގީރުން އުޅެއެވެ. ގެދޮރު ހުއްޓަސް އުޅެވޭނެ ގޮތެއް ނެތިފައި ތިބި މީހުން ތިބެއެވެ. އެ މީހުން އެ ހާލުގައި އުޅޭ އިރު އެހެން މީހުންގެ ހާލަކީ ކޮބައި ހެއްޔެވެ؟

ވާހަކައިގައި އެ ހިސާބަށް ދެވުމުން އަހަރެން ބުނީމެވެ.

"އަހަރެން އަހުސަނަށް އެހީތެރި ވާނަން" އަހަރެންގެ ޖީބުން 1000 ރުފިޔާ ނަގައި އަހުސަނަށް ދިއްކޮށްލަމުން އަހަރެން ބުނީމެވެ. ހިފަން ނުހިފަން އުޅެފައި 500ގެ އެ ދެ ނޫޓުގައި އޭނާ ހިފިއެވެ.

"މިހާ ގިނަ ފައިސާ ގެން ގޮސްފި ނަމަ މަންމަ ސުވާލު ކުރާނެ. ކީކޭ އަހަރެން ބުނަންވީ؟" އަހުސަނު ކުރި ސުވާލުން އަހަރެން ހައިރާންވިއެވެ.

"މަންމަ ކީއްވެ ސުވާލުކުރަންވީ؟" އަހަރެންނަށް އަހައިލެވުނެވެ.

"މަންމަ ބުނެފައި އޮންނަނީ ސަލާންޖަހައިގެން ހޯދާ ފައިސާ ނޫނީ ނުނެގުމަށް. މި ގޮތަށް މީހުން ފައިސާ ދޭނީ ކޮންމެ ވެސް އެދުމެއް އޮތީމާ ކަމަށް މަންމަ ބުނާނެ. މި ގޮތަށް ފައިސާ ހޯދިކަން އެނގިއްޖެ ނަމަ މަންމަ ހިތްހަމަ ނުޖެހޭނެ" އަހުސަނުގެ ވާހަކަތަކުން އަނެއްކާ ވެސް އުފެދުނީ އިތުރު ސުވާލެކެވެ.

"ކީއްވެ މަންމަ އެ ގޮތަށް ވިސްނަނީ؟"

"އެއީ ތި ގޮތަށް ފައިސާ ދިން މީހަކު އަހަރެމެންގެ ގެ ބޭނުންވެގެން އުޅުމުން. އެނާ އުޅުނީ އޭނާގެ މުއްސަނދިކަމުގެ ދަޅަ ދައްކައިގެން މަންމައަށް އޮޅުވާލަން" އަހުސަންގެ ޖަވާބުން އަހަރެންނަށް ވިސްނުނީ އެ މަންމަގެ ބުއްދިއެވެ. އޭނާގެ ވިސްނުން ހުރި ދުރުމިނެވެ.

"ބުނަން ކޮންމެ ދުވަހަކު އަހަރެމެން ގެއަށް އާދޭ. އަހުސަނަށް ފައިސާ ލިބޭނެ. އަހަރެންގެ ފިހާރައަށް ދިޔަޔަސް ފައިސާ ލިބޭނެ. އެ އިންތިޒާމު އަހަރެން ހަމަޖައްސާނަން. އަހަރެން އެހީ މި ވަނީ ހަމަ ލިއްލާހިއަށް ޓަކައި. އެއްވެސް އެހެން އެދުމެއްނެތް" އަހަރެން އެހީތެރިވާން ނިންމި ސަބަބު އަހުސަނަށް ބުނެދިނީމެވެ. އަހަރެން އުޅޭ ގެއާއި ފިހާރަ ވެސް ދެއްކީމެވެ. އޭނާ ކަންކުރަންވީ ގޮތް ވެސް އޮޅުން ފިލުވައި ދިނީމެވެ.

އަހުސަނަށް އެހީތެރިވުމަކީ އަހަރެންނަށް ލިބުނު އުފަލެކެވެ. ކޮންމެ ހުކުރު ދުވަހަކު އޭނާއާ ބައްދަލުވެއެވެ. އޭނާއަށް 500 ރުފިޔާ އަހަރެން ދެމެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި އެއީ އެހީތެރިވާން ޖެހޭ ފަރާތެކެވެ. އަޅާލާނެ އިތުރު ބަޔަކު ނެތް ފަގީރެކެވެ. މީހެއްގެ ފަގީރުކަން އެނގެނީ އޭނާ ހިނގާހިނގުމަކުންނެއް ނޫނެވެ. އޭނާ އުޅޭ އުޅުމަކުން ވެސް ނޫނެވެ. އޭނާ ޖަހާ ސަލާމަކުން ވެސް ނޫނެވެ. އަހުސަނު ފެނުނު ފުރަތަމަ ދުވަހު އޭނާ ޖެހި ސަލާމަކީ އަހަރެންގެ ހިތުން އޭނާ ޖާގަ ހޯދި ސަބަބެވެ. މި ހިތުން އެ ހިތުގެ ހަގީގަތް ހޯދަން މަޖުބޫރުވި ސަލާމެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 day ago 0 Comments
ލޯގޯ ފަރުމާކުރުމުގެ މުބާރާތުން 1ވަނަ މަތީނަށް
4 days ago 0 Comments
ވާދަމައިގެން މޮޅުވި ޓީމުތަކަށް ލިބުނު 21 ހާސް ރުފިޔާ އިޖުތިމާޢީ ޚިދުމަތަށް
5 days ago 0 Comments
ސިލްސިލާ ފުޓްބޯޅަ މެޗު ތުޅާދޫއަށް
5 days ago 0 Comments