
"ކޮބާ އަދިވެސް ތި އިންނަނިއްޔޯ. މިހާރު އެހަރަ ގަޑި ޖެހެނީ" މަންމަގެ ޒީލަ އަޑުއައިސް އަހަރެންގެ ކަންފަތަށް ވިހަލިއެވެ.
"މި އުޅެނީ ކުޑަކޮށް ބޮލުގައި ރިއްސާތީ" ބޮލުގައި އަތް އުނގުޅައިލަމުން ބަލި ރާގެއްގައި އަހަރެން ޖަވާބުދިނީމެވެ.
"މަކަރު ހަދާނެ ކަމެއް ނެތް. ނުކިޔަވާ މި ގެއަކު ނޫޅެވޭނެ. މަށަށް ޔަގީން ތި އުޅެނީ ފިލާވަޅެއް ނުހަދާ އޮވެގެންކަން. ހަމަ މިހާރު ނުކުމޭ" މަންމަގެ އަމުރުވެރި ރާގުގެ ކުރިމަތީ އަހަރެން ދައްކާނެ ވާހަކައެއް ނޯންނާނެއެވެ. ދޭނެ އިތުރު ޖަވާބެއް ވެސް ނޯންނާނެއެވެ. ބަލި ވާހަކަ ދައްކައިފި ނަމަ މަންމައަށް ހީވަނީ މަކަރު ހަދާކަމަށެވެ. އެއީ ކޮންމެވެސް ކަމެއް ނުކޮށް އޮވެގެން ނުވަތަ ނުނިންމާ އޮވެގެން އަހަރެން ދައްކާ ބަހަނާއެއް ކަމަށެވެ.
މިއަދުވެސް ކަންވީ އެހެންނެވެ. ކަންވާނީ އެހެންކަން ވެސް އަހަރެންނަށް އެނގެއެވެ. މަންމައަށް ގަބޫލުކުރެވިފައި އޮންނަނީ ކިޔެވުމަކީ ސްކޫލަށް ދިއުން ކަމަށެވެ. ކޮންމެ ދުވަހަކު ފޮތް ދަބަސް ހިފައިގެން ސްކޫލަށް ފޮނުވުމުން މަންމަގެ ވާޖިބު އަދާކުރެވުނީ ކަމަށެވެ. އެކަމަކު އެ ތަނަށް އަހަރެން ދާހިތެއް ނުވެއެވެ. އެ ތަނުގައި ވަގުތު ހޭދަކުރާ ހިތެއް ވެސް ނުވެއެވެ. އަހަރެން ބޭނުންވަނީ ގޭގައި އޮންނާށެވެ.
މަންމަގެ އަމުރާ އެކު އަހަރެން ގެއިން ނުކުތީ ފޫހިވެފައި ހުރެއެވެ. އެ ބަރު ދަބަސް ކޮނޑުގައި އަޅުވައިގެން އަހަރެން ހިނގައިގަތީ އެ ނޫންގޮތެއް ނެތިގެންނެވެ. އޭރު އަހަރެންނާ އެއް އުމުރުގެ އެތައް ކުދީންނެއް ސްކޫލާ ދިމާއަށް މިސްރާބު ޖަހާފައި ވެއެވެ. އެތައް ބެލެނިވެރިއަކާއި ތުއްތު ކުދީންނެއް ސްކޫލާ ދިމާއަށް ދެއެވެ.
"ގަޅިބޯ. ގަޅިބޯ. މަޑުކޮށް ބަލަ؟" ފަހަތުން ކުއްޖަކު ގޮވާ އަޑު އިވުނެވެ. އިވޭކަމަށް ނުހަދައި އަހަރެން ކުރިއަށް ދިޔައީމެވެ.
" އޭތް ގަޅިބޯ... ހާދަ ބާރަކަށް" ކުރިއަށް ވުރެ ބާރަށް ގޮވާލި އަޑު އިވުމުން ފަހަތް ބަލަން އަހަރެންނަށް މަޖުބޫރުވިއެވެ. ފަހަތަށް ނޭނބުރެން ހިތް ބުންޏަސް އެ ހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ. އެހެން ހަދައިފި ނަމަ ކުލާސް ކުދިން ކުރާނެ މަލާމަތާއި ފުރައްސާރަ ޚުދު އަހަރެންނަށް ވިސްނެއެވެ.
ހިނގުން މަޑުކޮށްލުމަށް ފަހު އަހަރެން ފަހަތް ބަލައިލީމެވެ. އޭރު އަހަރެންނާ ދިހަ ވަރަކަށް ފޫޓު ފަހަތުގައި ހުރީ އަހަރެންނާ އެއް ކުލާހެއްގައި އުޅޭ ވަޖީހުއެވެ. އެއީ އަހަރެންނަށް ވުރެ ހަގު ކުއްޖެކެވެ. ކުލާހުގައި ބަސް މަދު މަޑުން އިންނަ ކުއްޖެކެވެ. ހަށިގަނޑުގެ ގޮތުން ނިކަމެތި ކުއްޖެއް ވެސް މެއެވެ. ހިތްހަމަ ނުޖެހުމުގެ ބެލުމަކުން އޭނާއާ ދިމާއަށް ބަލަހައްޓައިގެން އަހަރެންނަށް ހުރެވުނީއެވެ. ވަޖީހު އަހަރެންނާ އަރާ ހަމަވުމުން އޭނާގެ އަނގަމަތީ އަހަރެންގެ އަތުން ބޮނޑިއެއް އަޅާލީމެވެ. އެއާ އެކު ހިތުގައި ކެކެމުން ދިޔަ ލޭގެ ހޫނުކަމުން އިތުރު ހިތްވަރު ލިބިގަތީމެވެ. ބަލާކަށް ނުހުރެ ކުރިއަށް ވުރެ ބާރަށް އަހަރެން ހިނގައި ގަތީމެވެ.
ކިޔެވުން ފެށުނުތާ މާގިނަ އިރެއް ނުވެއެވެ. ސްޕަވައިޒަރު ދުރުވެ އަހަރެން ކުލާހުން ނެރުނެވެ. ވީގޮތް އަހަރެންނަށް އެނގުނެއެވެ. ކުށްވެރިވީކަން ގަބޫލުކުރެވުނެވެ. އަހަރެން ވާހަކަދެއްކީ ތެދުބަހުންނެވެ.
"އެންމެ ފުރަތަމަ އޭނާ އަހަރެންނާ ދިމާއަށް ވަނަމުން ގޮވީ. އެކަމާ އަހަރެން ހިތްހަމަ ނުޖެހުނީ. އެހެންވެ އޭނާގެ އަނގަމަތީ އަހަރެން ޖެހީ" އަހަރެން ކަންތައް ކުރި ގޮތް އޮޅުންފިލުވައިދިނީމެވެ.
"ކީކޭ އޭނާ ބުނީ؟ ކީކޭ ކީ؟" ސްޕަވައިޒަރު ސުވާލުކުރެއްވިއެވެ.
"އޭނާ ވަނަމުން އަހަރެންނަށް ގޮވީ" އަހަރެން ޖަވާބު ދިނީމެވެ.
"ކީކޭހޭ އޭނާ ކީ؟" އަނެއްކާ ވެސް ކުރިއަށް ވުރެ ބާރަށް ސްޕަވައިޒަރު އެއްސެވިއެވެ. ސްޕަވައިޒަރު ބޭނުންވެ ލެއްވީ އެ ނަން އަހަރެންގެ ދުލުން ބުނުވަންކަން އަހަރެންނަށް ޔަގީންވިއެވެ. ޖަވާބު ނުދީ އަހަރެން ހުރީއެވެ. ސްޕަވައިޒަރުގެ މޫނަށް ބަލަހައްޓައިގެންނެވެ.
"ކީއްވެ ތި ހުރީ؟ ކޮބާ ޖަވާބު؟" އަނެއްކާ ވެސް ސްޕަވައިޒަރު ސުވާލުކުރެއްވިއެވެ. އަހަރެން ޖަވާބެއް ނުދެމެވެ. ހަމަ ހުރީއެވެ. އޭރު މުޅި މީހާގެ ލޭ ކެކިއަރައެވެ. ސްޕަވައިޒަރު ވެސް ރުޅިދުރުވީއެވެ. އަހަރެންގެ ބެލެނިވެރިންނާ ބައްދަލުކުރައްވަން ބޭނުންވީއެވެ. އެ ނޫން ގޮތެއް ނެތްކަމަށް ބުނުއްވީއެވެ. ކަންތަކާ ޖެހުނީ އެހިސާބުންނެވެ. އަހަރެންގެ ބެލެނިވެރިންނާ ބައްދަލުކުރީ މީގެ 3 ދުވަސް ކުރިންނެވެ. އަހަރެންގެ ޢަމަލުތަކާ މެދު ހިތްހަމަ ނުޖެހިގެން މުދައްރިސުންގެ ޝަކުވާތަކާ ގުޅިގެންނެވެ. އަނެއްކާ ވެސް ޖެހުނީ މަންމަ ގޮވައިގެން އަންނާށެވެ. މަންމަ އަންނާނެ ރުޅިއާއި ލަވާނެ ހަޅޭއް، އަހަރެންނަށް އިހުސާސްކުރެވުނެވެ. އެކަމަކު ވެސް ވަރިހަމަކޮށްލީމެވެ.
ގެއަށް ގޮސް މަންމަ ގާތުގައި އެ ވާހަކަ ބުނުމާ އެކު ހީވީ އަލިފާން ޖެހިހެންނެވެ. މުޅި ހިސާބުގަނޑަށް އަޑު އިވޭ ވަރަށް އަހަރެންނާ ދިމާއަށް ހަޅޭއްލަވަން ފެށިއެވެ. ނުކިޔަވާތާ ކުލާހުގައި މަޑުން އިންނަން ނޭނގޭކަމާއި އެހެން ކުދިންނަށް ޖެއްސުން ނުކޮށް ނުއިނދެވޭކަމުގެ ވާހަކަ ތަކުރާރު ކުރަންފެށިއެވެ. އެއީ މަންމަގެ ހަޅޭކުގެ ބަސްތަކާ އެކު އާންމުކޮށް އަންނަ ޖުމުލަތަކެކެވެ. އިވޭ އަޑުތަކެކެވެ. އެ ހަޅޭކާ އެކު މަންމަ އަހަރެން ފަހަތުން ސްކޫލަށް ވަނެވެ.
ސްޕަވައިޒަރު އަހަރެންނާ އެކު މަންމައާ ބައްދަލުކުރިއެވެ.
"އިސްހާގު މަންމަ މި ގެނެވުނީ މިއަދު ކުއްޖެއްގެ އަނގަމަތި ފަޅާލައިގެން އެ މައްސަލަ ހުށަހެޅިފައި ވާތީ. މިހާރު އެތައް ފަހަރަކު އިސްހާގަށް ނަސޭހަތް ދެވިއްޖެ" ކަންތައް ވީގޮތް ސްޕަވައިޒަރު އޮޅުންފިލުވައިދެއްވީ މަންމައަށެވެ. އޭރު މަންމަގެ ދޮން މޫނު ވަނީ ރަތްވެފައެވެ. ތިން ހަތަރު ފޫޓް ދުރުގައި ކޮޅަށް ހުރި އަހަރެން ހުރީ ހާސްވެފައެވެ.
"އިސްހާގު ކިޔައިދީ ބަލަ ކަންތައް ވީ ގޮތް" ސްޕަވައިޒަރު އަނެއްކާ ވެސް އަހަރެންނާ ކުރީ ކުރިން ކުރެއްވި ސުވާލެވެ. އަހަރެން ދިނީ ހަމަ ކުރިން ވެސް ދިން ޖަވާބެވެ. އަހަރެން ނިންމާލީ ވަނަން ކިޔުމުން ނުރުހުނީ ކަމަށް ބުނެފައެވެ.
"ވަނަން ކިއްޔޭ؟ ކީކޭތަ އޭނާ ކީ؟" ސްޕަވައިޒަރު ސުވާލުކުރެއްވިއެވެ. އަހަރެން ހުރީ އިސްދަށަށް ޖަހައިގެންނެވެ. އިތުރު އެންމެ ލަފުޒެއް ވެސް އަނގަޔަކުން ނުބުނަމެވެ. އެތައް ފަހަރަކު އެ ސުވާލު ކުރުމުން ވެސް ބުނަން ބޭނުން ނުވީއެވެ. އަހަރެންނާ ދިމާއަށް ކިޔަނީ ކީކޭކަން ސްޕަވައިޒަރަށް އެނގިލައްވާނެއެވެ. މަންމައަށް ވެސް އެނގޭނެއެވެ. އެ ޝަކުވާތައް އެތައް ފަހަރަކު އަހަރެން ވާނީ ކޮށްފައެވެ. ގޮތްދޫކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ.
އެންމެ ފަހުން އަހަރެންގެ ނުކިޔަމަންތެރިކަން މަންމައަށް ވެސް ފެނުނީއެވެ. ގެއަށް އައުމުން ލިބޭނެ އަނިޔާ ކިތަންމެ ބޮޑުވިޔަސް އެ ނަން އަހަރެންގެ ދުލުން ބުނާކަށް ބޭނުމެއް ނުވިއެވެ. އެންމެ ފަހުން އަހަރެން ގެއަށް ފޮނުވާލީ ދެ ހަފުތާއަށް ސަސްޕެންޑުކޮށްފައެވެ.
ގެއަށް އައި މަގުމަތީ މަންމަ އެއްވެސް ވާހަކައެއް ނުދައްކައެވެ. ޖެހިލުންވެފައި ހުރި އަހަރެން ހުރީ މަންމަގެ ފަހަތުގައެވެ. މަޑު ހިނގުމުގައި އައިސް އަހަރެން ގެއަށް ވަނުމާ އެކު މަންމަގެ އަޑު ފަޅައިގެން ދިޔައެވެ. ހިތުގައި އޮތް ރުޅިގަނޑު ބާލަންފެށިއެވެ.
"ކަލޯ ހުންނާތި އަނގައިން ނުބުނެ. ތިހެން ހުރެވޭނީ އިރުކޮޅަކު" އަތުޖެހުނު ދަނޑިގަނޑަކުން އަހަރެންގެ ގައިގައި މަންމަ ފެށީ ތަޅާށެވެ. ވަމުން ދިޔަ ތަދާއި ނަގަމުން ދިޔަ ދިލައާ އެކު އަހަރެން ރޯން ފެށީމެވެ. އެ އަޑަކަށް މަންމަގެ ތެޅުން ހުއްޓައެއް ނުލިއެވެ. އިހުނަށް ވުރެ ބާރަށް ތަޅަން ފެށިއެވެ.
" ކީކޭ އޭނާ ކީ؟ ކީކޭހޭ އޭނާ ބުނީ؟ ބުނި އެއްޗެއް ބުނޭ؟ ނުބުނަނީހެއް ހުއްޓައެއް ނުލާނަން." މަންމަ ވެސް ކުރަމުން ދިޔައީ ސްޕަވައިޒަރު ކުރެއްވި ސުވާލުތަކެވެ. އަހަރެންނަކަށް ކެތެއް ނުކުރެވުނެވެ. އެންމެ ފަހުން ޖެހުނީ އަހަރެންގެ ދުލުން ބުނާށެވެ.
"އޭނާ އަހަރެންނަށް ގޮވީ ގަޅިބޯ. ގަޅިބޯ....." ތުރުތުރު އަޅާ ހާލު އަހަރެންނަށް ދެ ފަހަރަކު ބުނެވުނެވެ. އެ ބުނުމާ އެކު މަންމަ ގެންގުޅުނު ދަނޑިގަނޑުން އަހަރެންގެ އަނގަމަތީ ޖެއްސެވެ.
"ގަޅިބޮލަށް މިހާރު ވިސްނޭނެ. އެހެން ކުއްޖެއްގެ އަނގަމަތި ފަޅާލީމާ ވާނީ ތިހެން" މަންމަގެ ވިހަ ގަދަ ޖުމުލައިން ހިތުގައި ލީ ޢުމުރު ދުވަހަށް ދެމި ހުންނާނެ ލަކުނެކެވެ. ތުރުތުރު އަޅަމުން ދިޔަ ހަށިގަނޑަށް ލިބުނު އަނިޔާއިން އަޅަމުން ދިޔަ ވޭނަށް ވުރެ މަންމަގެ އެ ޖުމުލައިން އަހަރެންގެ ހަށިގަނޑުގައި އެޅި ވޭން ބޮޑުވިއެވެ. ނާރުތަކުގައި ހިނގަމުން ދިޔަ ލޭގެ ހިނގުން އަވަސްވިއެވެ. އެ ޖަޒުބާތުގައި ދަތްކުނޑި ވިކައިލައި އެތެރެއަށް ފުންނޭވާއެއް ދަމާލެވުނެވެ. އެއާއެކު ބަނޑަށް ދަތެއް އެރިހެން ހީވިއެވެ. ނޭވާ ކުރުވެ، ވަރު ދެރަވާ ގޮތްވިއެވެ. އެ ހާލުގައި އެ ދުވަސް ފާއިތުވެގެން ދިޔައީ އެ ހަނދާންތައް ހަޔާތުން ދުވަހަކު ވެސް ފިލައިގެން ނުދާނެ ދުވަހެއްގެ ގޮތުގައެވެ.
ލިބުނު އަނިޔާއާއި ވޭނުގައި އަހަރެން ވަނީ ކޮޓަރިއަށެވެ. ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބޭނީ އެ ތަނުންކަން އެނގޭތީއެވެ. އަހަރެންގެ އަތުން ފައިން އިތުރު ގޯހެއް ހަދަން ބޭނުން ނުވާތީއެވެ. އެ ތަނުގައި އަހަރެން ރުއީމެވެ. ގިސްލީމެވެ. އަހަރެންގެ ނަފުސާ މެދު ވިސްނީމެވެ.
ގަބޫލުކުރަމެވެ. އަހަރެންނަކީ ގަޅި މީހެކެވެ. ގާތް އެކުވެރީން ދެކެނީ އެ ގޮތަށެވެ. އަހަރެންގެ މުދައްރިސުން އެކަން ގަބޫލުކުރެއެވެ. އަހަރެންގެ ހުރިހާ ކަމެއް ބަލަމުންދާ މަންމަ ވެސް އެކަން ގަބޫލުކޮށްފިއެވެ. ކިޔަވަން މޮޅު ނުވުމަކީ އަހަރެންގެ މައްސަލައެވެ. ހިސާބުން ފާސް ނުވުމަކީ އަހަރެންގެ ކުށެވެ. އަވަހަށް ރުޅި އައުމަކީ ކުދިން ދިމާކުރަން ފެށި ސަބަބެވެ. ހައްތަހާ ވެސް މައްސަލައެވެ. މަންމަ ރުޅި އަންނަހާ ކަންކަމެވެ. އެކަމަކު މުޅި ސުކޫލުގައި ހުރި އެންމެ ދަށް ކުއްޖަކީ އަހަރެންނެއް ނޫނެވެ. އެންމެ މައްސަލަ ބޮޑު ކުއްޖަކީ ވެސް އަހަރެންނެއް ނޫނެވެ. އެންމެ ގިނައިން އޮފީހަށް ގެންދަނީ ވެސް އަހަރެންނެއް ނޫނެވެ. އެހެން ކުދިން އަހަރެންނާ ދިމާއަށް އެ ނަމުން ގޮވާކަށް ނުޖެހެއެވެ. ކޮންމެ ކުއްޖަކަށް ވެސް ނަމެއް ދީފައި އޮވެއެވެ. އެ ނަމުން ނުގޮވެންވީ ސަބަބެއް ނެތެވެ. ހިތުގެ ޝަކުވާތައް އަމިއްލަ ނަފުސަށް ބަންޑުން ކުރަމުން ދިޔައީމެވެ. އަދި ދެން ކަންކުރާނެ ގޮތެއް ހިތުގައި ރާވަމުން ދިޔައީމެވެ.
އަހަރެން އެންމެ ދެރަވީ މަންމަ ކަންތައް ކުރި ގޮތުންނެވެ. މަންމައަށް އަހަރެން ނޭނގުނީތީއެވެ. ނަމަވެސް މަންމައަކީ ކާކުކަން އަހަރެންނަށް އެނގެއެވެ. މަންމައަށް ވެސް އެކަން އެނގޭނެއެވެ. އަހަރެންނަށް ކިޔަވައިދޭން މަންމަ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އަހަރެން ދެކެ މަންމަ ލޯބި ނުވާކަން އަހަރެންނަށް ގަބޫލުކުރެވެއެވެ. އަހަރެންނަށް ހިތާމައެއް ލިބުނަސް އެ ކަމުގައި މަންމަ ބައިވެރި ނުވާކަން އަހަރެންނަށް ފާހަގަކުރެވެއެވެ. މަންމައަށް އަބަދު ވެސް ފެންނާނީ އަހަރެންގެ ގޯސް ކަންކަމެވެ. ދުވަހަކު ވެސް ރަނގަޅު ކަމެއް ފެނިގެން އުފާވި ވާހަކައެއް ނުބުނެއެވެ. އަހަރެންނަށް މޮޅު ކަމެއް ކުރެވިގެން ހިތްހަމަ ޖެހުނު ވާހަކައެއް ވެސް ނުބުނެއެވެ. ގަބޫލުކުރަމެވެ. އަހަރެންނަށް ކާންދެއެވެ. ބޯންދެއެވެ. ބޭނުންވާ ގިނަ ކަންކަން ކޮށްދެއެވެ. ނަމަވެސް ލޯބި ދޭކަމަކަށް ގަބޫލެއް ނުކުރާނަމެވެ. ނުވެސް ކުރެވޭނެއެވެ. އެ ގޮތަށް ގަބޫލު ނުކުރަނީ މަންމަގެ ޢަމަލުތައް ހުންނަ ގޮތުންނެވެ. އަހަރެންނާ މެދު ކަންތައްތައް ކުރެވިފައިވާ ގޮތުންނެވެ. މަންމަގެ ފަރާތުން އަހަރެންގެ ހަށިގަނޑުގައި ލާފައި ހުރި ލަކުނުތަކުންނެވެ.
އެންމެ ފަހުން ހުރިހާ ކަމެއް ވެސް ގޮސް ނިމުނީ ބައްޕައާ ހަމައިންނެވެ. ގަބޫލުކުރަމެވެ. އަހަރެންނަކީ ބައްޕަ ނެތް ކުއްޖެކެވެ. އެ ލަދު މަންމަގެ ބޮލުގައި އޮތީ އެޅިފައެވެ. އެ ކަން ކުރީ އަހަރެން ހެއްޔެވެ؟ އެކަމުގެ ޒިންމާ އަހަރެން އުފުލަން ޖެހެނީ ކީއްވެ ހެއްޔެވެ؟ ކުރި ކަމެއް ކުރީ މަންމައެއްނޫން ހެއްޔެވެ؟ ބައްޕައެއް ނޫން ހެއްޔެވެ؟ އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ އެތައް ސުވާލެއް ހިތަށް އަރުވަމުން އަހަރެންގެ އަމިއްލަ ނަފުސުން އެ ސުވާލުތަކަށް ޖަވާބުދެމުން ދިޔައީމެވެ. މަންމައާ ކުރިމަތިލާނެ ގޮތެއް އަހަރެން ވިސްނީމެވެ. އެ ވިސްނުމުގައި އޮއްވާ ކޮޓަރީގެ ދޮރުގައި ތަޅައިގަތް އަޑު އިވުނެވެ.
"ނުކައި އޮތަސް މަށަށް ވާނެ ގެއްލުމެއް ނޯންނާނެ" ކޮޓަރީގެ ބޭރުގައި ހުރި މަންމަގެ ޒީލަ އަޑު ކޮޓަރިތެރޭ ގުގުމާލިއެވެ. ސީދަލަށް ނުބުނި ނަމަވެސް އެ ބުނީ ކާންއަންނާށޭކަން އަހަރެންނަށް އެނގުނެވެ. އަހަރެންނަށް ވެފައި އޮތްވަރު ބަލާކަށް މަންމަ ބޭނުމެއް ނުވާނެއެވެ. އެކަމާ ވިސްނާކަށް ވެސް ބޭނުމެއް ނުވާނެއެވެ. ކާ ހިތް ނުވިޔަސް ބަނޑުހައި ވާނީ ހަމަ އަހަރެންނެވެ. އެހެންވެ ހިތްވަރު ކޮށްލާފައި އަހަރެން ކާން ދިޔައީމެވެ.
ކާން އުޅެއުޅެ އަހަރެންނަށް އެ ކަމެއް ނުވިއެވެ. ތުންފަތް ދުޅަވެފައި ހުރުމުން އުނދަގޫވަނީއެވެ. އަނގަ ޙަރަކާތްކުރުމުން ތަދުވަނީއެވެ. ނަމަވެސް ވަރަށް ވަރުން އަހަރެން ކޭމެވެ. ކުޑަކުޑަ އެތިކޮޅެއް ކެއުމަށް ފަހު ދެ ތަށި ފެން ދަމާލީމެވެ. އެއަށްފަހު ކޮޓަރިއާ ދިމާއަށް ހިނގައިގަތީމެވެ.
"ކަލޯ ނުކެޔަސް މަށަށް ވަރިހަމަ. ބަނޑުހައިވާނީ ހަމަ ކަލޯ" އަނެއްކާ ވެސް އިވުނީ މަންމަގެ ޖުމުލަތަކެވެ. ނުރުހުމުގެ ބަސްތަކެވެ. އެއީ އަބަދު ވެސް އާދައެވެ. ކަމަކާ ހިތްހަމަ ނުޖެހިފައި ހުރި ނަމަ ވަކިން ބޮޑަށް އެ ރާގާއި އެ ދިމާކުރުމާ ކުރިމަތިލާން ޖެހޭނެއެވެ.
ހިތްހަމަ ނުޖެހިގެން ހުރެ އަހަރެން އައިސް ކޮޓަރިއަށް ވަނީ އެ ނޫން ގޮތެއް ނެތްކަމަށް ގަބޫލުކުރެވޭ ހާލުއެވެ. ނަމަވެސް އެ ފިކުރުގައި ވިސްނަން އިނދެވުނީ އިރުކޮޅަކުއެވެ. އަހަރެންގެ ޒަމީރު ހޭލިއެވެ. އަހަރެންނަކީ ކުޑަކުއްޖެއް ނޫންކަމުގެ އިހުސާސް ކުރެވުނެވެ. މަންމަގެ އެ އަނިޔާތަކަށް ރުހިގެން އެގޮތަށް އަބަދު އުޅެން ނުޖެހޭނެކަން ގަބޫލު ކުރެވުނެވެ. އެ ވިސްނުމުގައި އަހަރެން ނުކުތީ ބޭރަށެވެ. މަގުމައްޗަށެވެ. އަހަރެން ކަންކުރާނެ ގޮތް ހިތުގައި ރޭވިފައި އޮތެވެ.
މަގުމަތިން ދިމާވާ ބައެއް މީހުން އަހަރެންނަށް ބަލައެވެ. އަހަރެން އަޅައެއް ނުލަމެވެ. ކުރިއަށް ދިޔައީމެވެ. މީހަކު އަހަރެންނަށް ގޮވާލަންދެން ހިނގީމެވެ.
"އިސްހާގު އަނގަމައްޗަށް ކިހިނެއް ވެފައި ތި ހުރީ؟" އަހަރެންގެ ކުރިމަތީ ހުއްޓި މީހަކު ސުވާލުކުރިއެވެ. އިސް އިފުލައި ބަލައިލި އިރު އެއީ ރަށުގެ ހެލްތު ވޯކަރު ރަމީޒުއެވެ.
"މަންމަ އަހަރެންގެ ގައިގައި ތެޅީ. ތަދުވާތީ ގޭގައި ނޯވެވިގެން މި އައީ" އަހަރެން ޖަވާބު ދިނީމެވެ.
"ކީއްވެ ތެޅީ؟" ރަމީޒު އަނެއްކާ ވެސް ސުވާލުކުރިއެވެ. އަހަރެން ދޮގު ހަދާކަށް ބޭނުމެއް ނުވިއެވެ. ހަގީގަތް ކިޔައިދޭން ބޭނުންވިއެވެ.
"އަހަރެން ކުއްޖެއްގެ އަނގަމަތި ފަޅާލީމާ އެކަމާ މަންމަ ހިތްހަމަ ނުޖެހިގެން އަހަރެންގެ އަނގަމަތި ވެސް ފަޅާލީ" ކަންވީ ގޮތް ހަގީގަތަށް އަހަރެން ކިޔައި ދިނީމެވެ. އެ ޖަވާބާ އެކު އަހަރެން ގޮވައިގެން ރަމީޒު ދިޔައީ ސިއްހީ މަރުކަޒަށެވެ. އެތަނަށް ގޮސް އަހަރެންނަށް ފަރުވާ ދިނެވެ. ކާނެ ބޭހަކާއި އުނގުޅާނެ ބޭހެއް ވެސް ދިނެވެ.
"ދެން އަވަހަށް ދޭ ގެއަށް. އެހެން ތަނަކަށް ނުދާތި" ރަމީޒު ބޭނުންވީ އަހަރެން ފޮނުވާލަންކަން އަހަރެންނަށް އެނގުނެވެ. އެ ބުނުމަށް ނޫނެކޭ ބުނެ އަހަރެން ބޯ ހޫރާލީމެވެ.
"އެއީ ކީއްވެ؟ ނުދާނީ" ރަމީޒު ސުވާލުކުރިއެވެ.
"އަހަރެން ބޭނުމެއް ނޫން ގެއަށް ދާކަށް. މަންމަ ހަދާނެ ގޮތް އަހަރެންނަށް އެނގޭ. މި ބޭހެއް ނޫނގުޅޭނެ. މި ބޭހެއް ނުކެވޭނެ. މިކަން ކުރިކަން އެނގިއްޖެ ނަމަ މަންމަ ވަރަށް ރުޅި އަންނާނެ" ކަންތައް ވާނެ ގޮތް އަހަރެން ކިޔައިދޭން ފެށީމެވެ.
"އެކަމަކު ގެއަށް ނުގޮހެއް ނުހުރެވޭނެއްނު. އަވަހަށް ދޭ. މިހާރު މަންމަ ހޯދާނެ" އަނެއްކާ ވެސް ރަމީޒު ވާހަކަދެއްކިއެވެ. އެތައް ވާހަކައެއް އަހަރެން ދައްކަން ބޭނުންވިއެވެ. އަހަރެންގެ ހާލަތު ކިޔައިދޭން ވެސް ބޭނުންވިއެވެ. އެ ނިޔަތުގައި އަހަރެންނަށް ހުރެވުނީއެވެ. ލޮލުން ކަރުނަ ނީރުނީއެވެ. ޖަޒުބާތުތައް ހޭލީއެވެ.
"މަންމަ އަހަރެންނަށް އަނިޔާ ކުރޭ. އަހަރެން ގައިގައި ތަޅާ. އަހަރެން ލަދު ގަންނުވާ. އަހަރެން ދެން ގެއަކަށް ނުދާނަން. މަންމަ ގާތަކު އުޅޭކަށް ބޭނުމެއް ނޫން" މަންމަގެ ކަންތައް ހުންނަ ގޮތް އަހަރެން ކިޔައިދޭން ފެށީމެވެ.
"ތިޔައީ ވަރަށް ގިނަ މީހުން ދައްކާ ވާހަކައެއް. އެކަމަކު ތިހެން ވާންވީ ކީއްވެ؟ އަނިޔާ ކުރާ ނަމަ ކުރާ ސަބަބެއް ވެސް އޮންނާނެއްނު؟" ރަމީޒު ބުންޏެވެ.
"އަހަރެންނަށް އެނގެނީ އަހަރެން ދެކެ މަންމަ ނަފުރަތު ކުރާކަން. އެންމެ ކުޑައިރުއްސުރެ އަހަރެން ދެކެ ފޫހިވާކަން. އަހަރެންނަކީ ބައްޕަ ނެތް ކުއްޖަކަށް ވާތީ އަހަރެންދެކެ އެކަމާ ރުޅި އަންނަކަން. މި ކަމުގައި އަހަރެންގެ ކުށަކީ ކޮބާ؟" ރޯން ބޭނުން ނުވިޔަސް އަހަރެންނަށް ރޮވޭ ގޮތްވިއެވެ. ބުނަން ބޭނުންނުވާ އެތައް ވާހަކައެއް ކިޔައިދޭން އަހަރެންނަށް މަޖުބޫރުވިއެވެ. މީގެ ކުރިން ދައްކާފައި ނުވާ އެތައް ވާހަކައެއް އަހަރެން ހިއްސާކުރީމެވެ. އެތައް ޝަކުވާއެއް އަހަރެން ކުރީމެވެ. އެ ޝަކުވާތަކުގެ އަޑު ރަމީރުގެ ހިތަށް ކުރިއެވެ. އެ ހިތުގެ ހަމްދަރުދީގެ ލޮލުން އަހަރެންނަށް ބަލައިލިއެވެ. އެ ޝަކުވާތަކުގެ އަޑު އެ ކަންފަތުން އެއްސެވެ. ރަމީރު އަހަރެންނާ އެކު ގެއަށް ހިނގައި ގަތީ ގޮތެއް ނިންމައިގެންނެވެ. ޢަޒުމެއް ކަނޑައަޅައިގެންނެވެ. އަހަރެންނަށް އިތުރު ގޮތެއް ހޯދައި ދެވިދާނެކަމަށް ބުނެފައެވެ.
ގެއާ ހަމައަށް ގޮސް ރަމީރު ބޭރުގައި ހުރެފައި އަހަރެން ގެއަށް ވަނުމަށް އެދުނެވެ. އަހަރެން ގެއަށް ވަނުމާ އެކު މަންމަގެ ހަޅޭކުގެ އަޑު ގަދަވިއެވެ. އަހަރެން ބޭރުގައި އުޅެފައި އައިކަން އެނގުމުން ރުޅިއައެވެ. ހަމައެކަނި ރުޅި އައީކީ ނޫނެވެ. ހިތްހަމަ ނުޖެހުމުގެ ސުވާލުތައް ކުރަން ފެށީއެވެ. ބޮޑު ތަހުގީގެއް ކުރަން ފެށީއެވެ. އަހަރެން ޖަވާބުދެމުން ދިޔައީ ތެދަށެވެ. އެ ތެދުވެރިކަމުން މަންމަގެ ލޭ ދިޔައީ ކެކެމުންނެވެ. އެ ރުޅި ދިޔައީ ގަދަވަމުންނެވެ.
"ކަލޯ ބޭނުންވަނީ އަހަރެން ލަދުގަންނުވަން ދޯ؟ ތިއެއް ދައްކާލާނަން މިއަދު. މަށަށްތޯ ކެރެނީ ކަލޯއަށްތޯ ކެރެނީ؟" މަންމަގެ ހޫނު ބަސްތަކާ އެކު އަތަށް ހެޔޮ ވަރު ދަނޑިގަނޑަކުން އަހަރެންނަށް ހަމަލާދޭން ފެށިއެވެ. ދެ ބޮނޑި ހަމައަށް ނާޅަނީސް މަންމަގެ އަތުން މަޅާލެވިފައި އޮތް ދަނޑިގަނޑު ކުއްލި ސިހުމާ އެކު ހުއްޓުނެވެ. ރަމީޒު ގޭތެއަށް ވަންނަތަން ފެނިގެންނެވެ.
"މިހާރު މަށަކަށް ނެތް އުޅެވޭކަށް. މަ މި އަވަދިވަނީ މި ސޮރާ ހެދި. ކޮންމެ ދުވަހަކު ކުށްވެރިވެގެން ސްކޫލަށް އެބަ ހާޒިރުކުރޭ. އެ ވަރަށް ކުދިންނަށް އެބަ އަނިޔާކުރޭ. ތަޅައި މަރައިގެން ވެސް މިކަން ހުއްޓުވޭތޯ ބަލަން އެބަ ޖެހޭ" މަންމަގެ ވާހަކައާއި ރާގު ބަދަލުކޮށްލިއެވެ. ކުރިން ދެއްކި ވާހަކަ ނޫން އެހެން ވާހަކައެއް ދައްކަން ފެށިއެވެ. ތެޅުންގަނޑު ހުއްޓާލީ ރަމީޒު އައިސް މަންމައާ ވާހަކަދައްކަން ފެށުމުންނެވެ. އެ ވާހަކަތަކަށް ޖާގަ ދިނުމަށް ފަހު އަހަރެން ވަނީ ކޮޓަރިއަށެވެ. ހިތަށް އެރިއެވެ. އަހަރެން ބޭނުންވާ ގޮތް ވެއްޖެ ނަމަ ކިތަންމެހާ ވެސް ރަނގަޅެވެ. އޭރުން މަންމަ އެ ގަންނަ ލަދުން ވެސް ސަލާމަތްވާނެއެވެ.
އިރުކޮޅެއް ފަހުން އަހަރެންގެ ކޮޓަރީގެ ދޮރުގައި މަންމަ ތަޅައިގަތެވެ. އަހަރެން ދޮރު ހުޅުވީމެވެ. ވީ ކީއްތޯ މަންމަގާތު އެހީމެވެ.
"ކަލޯ ބޭނުންވަނީ މި ގޭގައި ހުންނަންތަ؟ ނޫނީ އެހެން ރަށަކަށް ދާންތަ؟" ސުވާލުކުރީ މަންމައެވެ. އޭރު މަންމަގެ ފަހަތުގައި ރަމީޒު ހުއްޓެވެ. އަހަރެން އިސްދަށަށް ޖަހާލީމެވެ. އެއަށް ފަހު މަންމައަށް ބަލައިލީމެވެ.
"އަހަރެން ބޭނުމީ ކިޔަވަން. މި ރަށުގައި ހުރެގެން އެ ކަމެއް ނުވާނެ" އަހަރެން ޖަވާބު ދިނީމެވެ.
"ތީގެ މާނައަކީ މި ގޭގައި ހުންނާކަށް ބޭނުމެއް ނޫނޭތަ؟" ކުރިއަށްވުރެ ބާރަށް މަންމަ ސުވާލުކުރިއެވެ. އެ ސުވާލަށް އަހަރެން ޖަވާބު ދިނީ ބޮލުންނެވެ. އާއެކޭ ބުނެ އިސް އުފުލައިލައިލާ ތިރި ކޮށްލީމެވެ.
އަހަރެން ނިންމި ނިންމުމާއެކު ރަށާ ޖެހިގެން އެންމެ ކައިރީގައި އޮތް ރަށަށް އަހަރެން ބަދަލުވާ ގޮތަށް ހުރިހާ ކަމެއް ރަމީޒު ހަމަޖައްސައިދިނެވެ. އެ ރަށުގައި އުޅޭ ރަމީޒުގެ ބޭބެގެ ގާތުގައި ހުރެވޭނެ އިންތިޒާމު އަހަރެންނަށް ފަހިކޮށްދިނެވެ. އަހަރެންނަށް ކިޔެވޭނެ ގޮތް ހަދައިދިނެވެ. ދަތުރުގެ ހުރިހާ ކަމެއް ހަމަޖެއްސުމުގައި ވެސް އެހީތެރިވެދިނެވެ.
އަހަރެންނަށް ކުރެވުނީ ކުށް ހީއެކެވެ. މަންމައަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އަހަރެން ހީކުރީ އަހަރެން ވަކިވެގެން ދާތީ އެ ކަމާ މަންމަ ހިތާމަ ކުރާނެކަމަށެވެ. މަންމަ ކޮންމެ ވެސް ވަރަކަށް ދެރަވާނެކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި މަންމަގެ ފަތާރުން އިވުނީ މަލާމާތުގެ ބަސްތަކެވެ. އެންމެ ފަހު ވަގުތު ވެސް އަހަރެންގެ ހިތުގައި އެޅީ ގަޅިއެވެ.
"މަ ބަލާނަން ކަލޯއަށް ކިޔެވޭތޯ؟ ތިޔަ ގަޅިކަން ފިލައިފިއްޔާ ކިތަންމެހާ ވެސް ރަނގަޅު. މަށަށް ހެޔޮ ދުވަހަކު މަ ގާތަށް ނަޔަސް. ރަނގަޅީ ވެސް ނައްޔާ" އެންމެ ފަހުން އެ މަންމަގެ ދުލުން ދޫކޮށްލި ޖުމުލަތައް ތޮރުފަމުން އައިސް އަހަރެންގެ ކަންފަތަށް ވަނެވެ. ހިތަށް އަސަރު ކުރިއެވެ. ދެރަވިއެވެ. ދުވަހަކު ރަށަށް ނާންނާނަމޭ ވެސް ހިތަށް އެރިއެވެ. އެކަމަކު އެއީ މަންމައެވެ. މިއަދު ނުރުހިފައި ހުއްޓަސް އަދި ރަނގަޅު ވާނެއެވެ. ކިޔަވައިގެން މޮޅުވެއްޖެ ނަމަ މަންމަ ވެސް ލޯބިވާނެއެވެ. އަހަރެން ދާނީއެވެ. މަންމައާ ވަކިވާނީއެވެ.
އެންމެ ފަހު ނަޒަރުން އަހަރެން މަންމައާ ދިމާއަށް ބަލައިލީމެވެ. މަންމަގެ ދޮން މޫނު ރަތެވެ. އެ ނުރުހުމުގެ މޫނުން އަހަރެންނަށް އެތައް އިހުސާސެއް ކުރުވިއެވެ. ލޯބިން މަންމަގައި ބައްދައިގަންނަން ބޭނުންވިއެވެ. މަންމަގެ ކޮލުގައި ބޮސްދޭން ވެސް ބޭނުންވިއެވެ. މަންމަ ދެކެ ކިތަންމެ ހިތްހަމަ ނުޖެހުނަސް މަންމައާ ވަކިވާން ޖެހުމުން ހިތަށް އަސަރުކުރިއެވެ. ލޮލުން ކަރުނަހިލުނެވެ.
އަހަރެން އަތިރިމައްޗަށް ހިނގައިގަތީމެވެ. އެކަނިމާ އެކަންޏެވެ. ގެންގުޅުނު އަންނައުނާއި ކިޔަވާ ފޮތްތައް ދަބަހަކަށް އަޅައިގެންނެވެ. ބޭރަށް ނުކުމެ ވެސް ގެއާ ދިމާއަށް ބަލައިލީމެވެ. އުޅެބޮޑުވީ ގެއަށް އެންމެ ފަހު ފަހަރު ނަޒަރު ހިންގައިލީމެވެ.
ހިންދިރުވާ ލަމުން އެނބުރި ކުރިއަށް ހިނގައި ގަތީމެވެ. ކުޑަކޮށް ލަދުގަންނަ ގޮތް ވިއެވެ. ކުޑަކޮށެއް ނޫނެވެ. ވަރަށް ބޮޑަށެވެ. އެއް އުމުރެއްގެ ކުދީން ޔުނީފޯމުގައި އެހަރަ ސްކޫލަށް ދަނީއެވެ. ހިނިތުންވުމާ އެކު ކިޔެވުމުގައި ކުރިއަރަނީއެވެ. ގަމާރު އަހަރެން މިހެރަ ބާކީ ވަނީއެވެ. އެކަނިވެރި ވަނީއެވެ. އަމިއްލަ ގެއިން ނުކުމެގެން މި ދަނީއެވެ. އަމިއްލަ ރަށުން ވެސް ފައިބައިގެން މި ދަނީއެވެ. މަންމައާ ވަކިގެން މި ދަނީއެވެ. ކިހައި ބަދު ނަޞީބު ހެއްޔެވެ؟ ކިހައި ބާކީ ހެއްޔެވެ؟
އަހަރެންނަށް އެ ރަށުގައި އުޅެވުނީ ތިން މަހެވެ. ހަތަރު ވަނަ މަހު އެނބުރި ރަށަށް އައީމެވެ. އޭރު މުޅި ވިސްނުން ވެސް ވަނީ ބަދަލުވެފައެވެ. އިތުރަށް ނުކިޔެވޭނެކަން ވަނީ ޔަގީން ވެފައެވެ. ޢުމުރުގައި ބަކީ އޮތްތަން ބާކީވެގެން އުޅުން ނޫން ގޮތެއް ނެތްކަން ވަނީ ވިސްނިފައެވެ. ގަބޫލުކުރަމެވެ. ހުރިހާ ގޯހަކީ އަހަރެންނެވެ. ރުޅި ގަދަވަނީ އަމިއްލައަށެވެ. ގަމާރީ ނުކިޔަވާތީއެވެ. ވަނަމުން އަހަރެންނަށް މުޚާތަބު ކުރިޔަސް އެއީ ހަގީގަތެވެ. އެ ހަގީގަތް ގަބޫލުނުކޮށް އުޅުމުން ބަކީވީއެވެ. ބާކީވާނެއެވެ. ދެން ވެސް ވަނީ ބާކީއެވެ.
އަހަރެން އަމިއްލަ ރަށަށް ބަދަލުވެ އޮތީ ގޭގައެވެ. ކޮންމެހެން ނުކުންނަން ޖެހުމުން ނޫނީ ބޭރަކަށް ނުނިކުންނަމެވެ. ނުކުންނަށް ބޭނުން ނުވަނީއެވެ. ސްކޫލަކަށް ނުދަމެވެ. ގޭގައި އޮވެ މަންމަގެ ބަދު ބަސްތަކަށް ހޭނެން ފަރިތަކުރީމެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް ވަރިހަމަ ކޮށްލީމެވެ. އަމިއްލަ ހިތާއި އުންމީދުތައް ހަޔާތުން ބާކީ ކޮށްލީމެވެ. މިއީ މިއަދު އޮތް ގޮތެވެ. އަހަރެންނަށް މިންވަރުވެފައިވާ ގޮތެވެ.