
ތަޢުލީމީ ދާއިރާއިން ދިވެހި ގައުމަށް ޚިދުމަތްކޮށްދެއްވި ބ. އަތޮޅުގެ ޚިދުމަތްތެރީންގެ ލިސްޓެއް އެކުލަވައިލާ ނަމަ އެ ލިސްޓުން ޖާގަ ހޯއްދަވާނެ އެއް ބޭފުޅަކީ ބ. ކުޑަރިކިލު، ކަރަންކާގޭ އަލްމަރުޙޫމް ޢަލީ މުޙައްމަދު މަނިކެވެ. 1 ޖެނުއަރީ 1929ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ޢަލީ މުޙައްމަދު މަނިކަކީ މަޖީދިއްޔާ ސުކޫލުން ތަޢުލީމު ހާސިލުކުރައްވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ޢިލްމީ ނޫރު ފެތުރުއްވުމުގެ އަގުހުރި މަސައްކަތްޕުޅު ކުރެއްވި ޚިދުމަތްތެރިއެކެވެ.
ޢަލީ މުޙައްމަދު މަނިކަކީ އުނގަންނަވާއި ދެއްވުމަށް ލޯބިކުރެއްވި އަދި ޢިލްމު ފެތުރުއްވުމުގެ ބުރަ މަސްޢޫލިއްޔަތު އުފުލެއްވި ހިންގުންތެރިއެކެވެ. މިގޮތުން ބ.ތުޅާދޫ މަކުތަބުލް ހިދާޔާއާއި ބ.ހިތާދޫ މަކުތަބުލް ހިލާލް އާއި ބ.އޭދަފުށީ މަދަރުސަތުލް ބަހިއްޔާ އާއި ބ.ދަރަވަންދޫ އަތޮޅު މަދަރުސާ އާއި ބ.ކެންދޫ ސްކޫލާއި ބ.ކުޑަރިކިލު ސުކޫލަށް ޚިދުމަތްކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން ށ. މާކަނޑޫދޫއާއި އެ އަތޮޅު ކަނޑީތީމުގައި ވެސް ގިނަ އަހަރުތަކެއް ވަންދެން އުނގަންނަވައި ދެއްވުމުގެ މަސައްކަތްޕުޅު ވަނީ ކުރައްވާފައެވެ.
ޢަލީ މުޙައްމަދު މަނިކުގެ ތަޢުލީމީ ދަތުރުގައި ބަނދަރު ކުރެއްވި އެއް ހިޔާވައްސަކީ ތުޅާދޫ މަދަރުސާއެވެ. ބ.ތުޅާދޫގައި އަހަރުތަކަކު އޭނާ މަސައްކަތް ކުރެއްވިއެވެ. އެއްފަހަރަށް ވުރެ ގިނަ ފަހަރު މަތީން ތުޅާދޫ ސްކޫލަށް ޚިދުމަތް ކުރައްވާފައިވެއެވެ.
" އަލިބެއަކީ އަޅުގަނޑުމެންގެ އެދުރެއް. ހަނދާން ހުންނަނީ އެއީ 1970ގެ ކުރީކޮޅުކަމަށް. އޭރު އަޅުގަނޑުމެންނަށް ޢަރަބި ކިޔަވައިދެއްވި. އަދި ދީނީ ކަންކަން އޮޅުންފިލުވައިދެއްވައި ދުރޫސުލް އަޚުލާގުގެ ބައިތައް ނަންގަވާދެއްވި. ދަރިވަރުން ތަރުބިއްޔަތު ކުރެއްވުމުގައި ވެސް މުހިންމު ދައުރެއް އަދާކުރެއްވި އުސްތާޛެއް އެއީ" އަލީ މުޙައްމަދު މަނިކުގެ އަރިހުން ދަރިވަރުވި މުޙައްމަދު ޞާދިޤު ވިދާޅުވިއެވެ.
ޞާދިޤު ވިދާޅުވީ އަލިބެގެ އެހީތެރިކަން އެދުވަސްވަރު ކިޔެވި ގިނަ ދަރިވަރުންނަށް ލިބިފައިވާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
" އޭރު އަޅުގަނޑުމެންނާ އެކު ކިޔެވި ގިނަ ދަރިވަރުންނަށް އަލިބެގެ އެހީތެރިކަން ލިބުނު. މުދައްރިސެއްގެ ގޮތުން މަސައްކަތް ކުރެއްވި ނަމަވެސް ކަންކަން ރޭވުމާއި ހިންގެވުމުގައި ވެސް އަލިބެގެ އެހީތެރިކަން ފުޅާދާއިރާއެއްގައި އޮތްހެން ހީވޭ. ޚާއްޞަކޮށް ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި އަލިބެ ދައުރު އޭރު އޮތް" ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޞާދިޤު ވިދާޅުވިއެވެ.
ޢަލީ މުޙައްމަދު މަނިކުގެ ޢިލްމީ ޚިދުމަތުގެ ނަން ބ. އަތޮޅުގައި ވިދާހެން ށ. އަތޮޅުގެ ޢިލްމީ އުޑުގައި ވެސް ފިޔަޖަހައެވެ. ޚާއްޞަކޮށް އެއީ ށ. މާކަނޑޫދޫއާއި އެ އަތޮޅު ކަނޑުތީމު ރައްޔިތުންގެ އިޙުތިރާމާއި ލޯބި އޮހެމުންދާ ނަމެކެވެ. އެ އަތޮޅުގެ ގިނަ ބަޔަކު ޢަލީ މުޙައްމަދު މަނިކަށް ނިސްބަތްކުރަނީ އެދުރުބެ ނަމުންނެވެ. އެދުރުބެ ވަނީ 1979 ވަނަ އަހަރުން ފެށިގެން 1980 ވަނަ އަހަރާ ހަމައަށް ށ. މާކަނޑޫދޫގައި އުނގަންނަވަދެއްވުމުގެ މަސައްކަތްޕުޅު ކުރައްވާފައެވެ.
ނަންގަވާފައިވާ ބައެއް ފާސްތައް
" އެދުރުބެ ރަށަށް ވަޑައިގެންނެވި އިރު ރަށުގައި ހުރީ މަކުތަބުލް ޢިލްމު ކިޔާ ތަނެއް. އެތަން ފަހުން ބަދަލުވީ މާކަނޑޫދޫ ޕްރައިމަރީ ސުކޫލަށް. އޭގެ ފަހުން ށ. އަތޮޅު މަދަރުސާއަށް. މިކަންކަން ކުރެއްވުމުގެ މޭސްތިއަކީ އެދުރުބެ. އެދުރުބެއަކީ މި ރަށުގައި ތަޢުލީމީ ޚިދުމަތް އާއްމުކުރައްވައި ފުޅާކުރެއްވި ބޭފުޅާ" އެދުރުބެގެ ދަރިވަރެއްކަމަށްވާ މިލަންދޫ ސަންދާ، މުޙައްމަދު ނާޒިމް މޫސާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރަށު ސްކޫލު ސްކޫލެއްގެ ގޮތުގައި ހިންގެވި ފުރަތަމަ ނާޒިރަކީ އެދުރުބެ ކަމަށެވެ.
" އެ ދުވަސްވަރު ވަރަށް ގިނަ ކަންކަން ފައްޓަވައިދެއްވި. އެ ދުވަސްވަރު ކެޑޭޓް ހަރަކާތްތަކެއް ގޮތަށް ކަންތައްތަކެއް އެދުރުބެ ހިންގެވި. ޓީޓީފަދަ ބައެއް ކުޅިވަރުތައް ވެސް ތަޢާރަފު ކުރެއްވި. ޚާއްޞަކޮށް ދަރިވަރުންގެ އަޚުލާގަށް ސަމާލުކަންދެއްވައި ގިނަ ހަރަކާތަކެއް ހިންގެވި" ނާޒިމް 47އ އާކުރެއްވީ މާޒީގެ ހަނދާންތަކެވެ.
އޭގެ އިތުރުން ށ. އަތޮޅު މަދަރުސާ ކަނޑިތީމުގައި އިފްތިތާޙު ކުރެވިގެން ދިޔައިރު އެ މަދަރުސާގެ ނާޟިރެއްގެ ގޮތުގައި ހުންނެވީ ވެސް ޢަލީ މުޙައްމަދު މަނިކެވެ. އެ ރަށުގެ ރައްޔިތުންގެ ވެސް އެދުރުބެއެވެ. އެ ދުރުބެއަކީ ށ. ކަނޑުތީމު ޒަމާނީ ތަޢުލީމާ ދިމާއަށް މިސްރާބު ކުރެއްވި މުރުޝިދެވެ.
" އަޅުގަނޑު ހަނދާންވާ ގޮތުން 1984 ން ފެށިގެން 1992 އާ ހަމައަށް އެދުރުބެ ކަނޑިތީމުގައި މަސައްކަތްކުރެއްވި. އޭރު އެދުރުބެއަކީ ނާޟިރު. އެދުރުބެއަކީ އަސްލު މި ޒަމާނުގެ ސްކޫލުގެ ބާނީކަމަށް ބުނެވޭނީ" އެދުރުބެ އަރިހުން ދަރިވަރުވި މޫސާ އިޖުލާލް 42، ވިދާޅުވިއެވެ.
" އެދުރުބެއަކީ ރަށުގެ ދީނީ ހެލުންތެރިކަން އިތުރުކުރާން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ނާޟިރެއް. ގުރުއާން މާއްދާ ވެސް ނަންގަވައިދެވި. ރޭގަނޑު ގޭގައި ވެސް ޢަރަބި ކުލާސްތަކެއް ހިންގެވި. ޢަރަބި ބަސް ދަރިވަރުންނަށް އުނގަންނަވައިދެއްވާން މަސައްކަތްކުރެއްވި" މޯލްޑިވްސް ޕޮލިސް ސަރވިސްގެ ށ. އަތޮޅުގެ ކޮމާންޑަރު އިޖުލާލް ވިދާޅުވިއެވެ.
އިޖުލާލް ވިދާޅުވީ އެދުރުބެއަކީ ދަނޑުވެރިކަމަށް ލޯބި ކުރެއްވި އަދި ދަރިވަރުން ގޮވައިގެން މަސައްކަތްޕުޅު ކުރެއްވި ވިޜަނަރީ ބޭފުޅެއް ކަމަށެވެ.
" ހޮބީއެއްގެ ގޮތުން ދަނޑުހެއްދުމާއި ބަކަރިގެންގުޅުއްވުން ފަދަ ކަންކަން ކުރެއްވި. އަޅުގަނޑު މިހާރު ވެސް ވަރަށް ރަނގަޅަށް ހަނދާން އެބަހުރި އެ ދުވަސްވަރު ރަށުގައި ބަކަރި ކޮށްޓެއް ހައްދަވައިގެން ބަކަރި ގެންގުޅުއްވިކަން. އަދި ސުކޫލަށް އަލަށް ލިބުނު ކުޅޭ ބިމުގައި ދަރިވަރުންނާއެކު ދަނޑުވެރިކަން ކުރެއްވި. ވަރަށް ގަދައަށް ފޮޅޯ ހެއްދެވި" އެދުރުބެއާއެކު ކުރެއްވުނު ސުކޫލު ދައުރުގެ ބައެއް ތަޖުރިބާތައް އިޖުލާލް ހިއްސާ ކުރެއްވިއެވެ.
ޢަލީ މުޙައްމަދު މަނިކުގެ ތަޢުލީ ދަތުރުން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ބ. ކުޑަރިކިލު މަދަރުސާގެ ނާޟިރެއްގެ ގޮތުގައި ހޭދަކުރެއްވި 14 އަހަރެވެ.
" މިރަށު މަދަރުސާގައި 1994 ން ފެށިގެން މަސައްކަތް ކުރައްވަން ފެއްޓެވިކަމަށް ވަނީ. އަޅުގަނޑު މި ރަށު މަދަރުސާގެ ވަގުތީ ޓީޗަރެއްގެ މަގާމާ ހަވާލުވި އިރު ވެސް އަލިމަނިކުބެ އަކީ މަދަރުސާގެ ނާޟިރު. އެއީ 1998" އަލިމަނިކާއެކު މަސައްކަތް ކުރެއްވި ފަތުޙުﷲ ނަޢީމް ވިދާޅުވިއެވެ.
ފަޠުޙުﷲ ނަޢީމް
ފަތުޙުﷲ ވިދާޅުވީ އަލިމަނިކުބެއަކީ ރަށުގެ ތަޢުލީމަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ތެރެއިން ނަމޫނާ ބޭފުޅެއް ކަމަށާއި އެއީ ރަށަށާއި އަތޮޅަށާއި އަދި ދިވެހިރާއްޖޭގެ ތަޢުލީމަށް ވެސް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.
" މިރަށު މަދަރުސާގެ ނާޟިރެއްގެ ގޮތުގައި 14 އަހަރު ހުންނެވި. ގިނަ ކަންތައްތަކެއް ތަޢާރަފު ކުރެއްވެވި. ޢިލްމީ ހޭލުންތެރިކަން އިތުރު ކުރެއްވި. ޒަމާނީ ތަޢުލީމުގެ އޮށް ރަށުގައި އިންދަވައި ދެއްވި ޚިދުމަތްތެރިއަކީ އަލިމަނިކުބެކަމަށް ގަބޫލުކުރެވެނީ" މި ވަގުތު ކުޑަރިކިލު ސުކޫލުގެ ލީޑިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ފަޠުޙުﷲ 43އ ވިދާޅުވިއެވެ.
ޢަލީ މުޙައްމަދު މަނިކުގެ ތަޢުލީމީ ޚިދުމަތުގެ ބޮޅުތައް ވެރިރަށް މާލޭގައި ވެސް ގަތާލެވެއެވެ. މިގޮތުން މަދްރަސަތުލް ފަލާޙުގެ މުދައްރިސްކަމާއި މަދްރަސަތުލް ޝަހީދު ޢަލީގެ މުދައްރިސްކަމުގައި އުޅުއްވިއެވެ. ކިޔަވައި ދެއްވުމުގެ އިތުރަށް އޭނާއަކީ އޭނާ އެއިރަކު ކިޔަވައިދެއްވި މަދަރުސާއެއްގެ ހިންގެވުމުގެ މަސްއޫލިއްޔަތު ވެސް އުފުއްލަވަމުން ގެންދެވި ހިންގުންތެރިއެކެވެ.
ޢަލީ މުޙައްމަދު މަނިކުވަނީ ކިޔަވައިދެއްވުމުގެ ދާއިރާގެ އިތުރުން ސަރުކާރުގެ ތަފާތު ވަޒީތައް ފުރުއްވާފައެވެ. އެގޮތުން މުދިންކަމާއި ކަތީބުކަމާއި ނައިބުކަން ފުރުއްވާފައިވެއެވެ. މި މަގާމުތައް ފުރުއްވާފައިވާއިރު ޢަލީ މުޙައްމަދު މަނިކުވަނީ މިސްކިތު މުދިންކަމުގެ ސަނަދު ނަންގަވާފައެވެ. އަދި ހަމަ އެ އަހަރު ކަންވެރިކަމާއި ދުޢާވެރިކަމާއި މުންނާރުން ގޮވުމުގެ ސަނަދު ވެސް ނަންގަވާފައެވެ. އޭގެ އިތުރުން 1991 ވަނަ އަހަރު ކަތީބުކަމުގެ ސަނަދު ވެސް ނަންގަވާފައި ވެއެވެ. މީގެ އިތުރަށް ތަފާތު އެކި ދާއިރަތަކުން ސަނަދުތައް ނަންގަވާފައިވާއިރު ޢަލީ މުޙައްމަދު މަނިކު ވަނީ 40 އަހަރަށް ވުރެ ގިނަ އަހަރު ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވާފައެވެ.
އަލީ މުހައްމަދު މަނިކަށް ޤައުމީ އިނާމު އަރުވަނީ
ޢަލީ މުޙައްމަދު މަނިކުގެ ތަޢުލީމީ ޚިދުމަތުގެ އަގުވަޒަންކުރައްވައި ދިވެހި ސަރުކާރުންވަނީ ތަޢުލީމަށް ޚިދުމަތް ކުރުމުގެ ރޮނގުން ޢާއްމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 1985 ވަނަ އަހަރު އޭނާއަށް އަރުވާފައެވެ. މިއީ ތަޢުލީމީ ދާއިރާއިން ހިތްވަރުދިނުމުގެ އިނާމު ބ. އަތޮޅުގެ ދަރިއަކަށް ލިބިވަޑައިގެންނެވި ފުރަތަމަ ބޭފުޅެވެ. މީގެ އިތުރުން ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި ދިވެހި ސަރުކާރުންވަނީ ޝަރަފުގެ ހަނދާނީ ލިޔުމެއް 2008 ވަނަ އަހަރު، ޢަލީ މުޙައްމަދު މަނިކަށް އަރުވާފައެވެ.
ޢުމުރުފުޅުން 84 އަހަރުގައި އަވަހާރަވި ޢަލީ މުޙައްމަދު މަނިކުގެ ޚިދުމަތަކީ ދިވެހި ދައުލަތުން ބަލައިގަތް ޚިދުމަތެކެވެ. އެއީ ހަމައެކަނި އުފަން ފަސްގަނޑަށް ކުރެއްވި ޚިދުމަތެއް ނޫނެވެ. ހަމައެކަނި ބ. އަތޮޅަށް ކުރެއްވި ޚިދުމަތެއް ވެސް ނޫނެވެ. އަދި ހަމައެކަނި ށ. އަތޮޅަށް ކުރެއްވި ޚިދުމަތެއް ވެސް ނޫނެވެ. އެއީ މުޅި ރާއްޖެއަށް ފެތުރިފައިވާ ފުޅާ، ނަމޫނާ ޚިދުމަތެކެވެ.