ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ރިޕޯޓު

ބޮޑުގޭ މުހައްމަދު ހޯދި ބޮޑު ކާމިޔާބީ

މާލެ ފުރަން ހަމަޖެހިފައި އޮތީ އެ ރޭގެ ޢިޝާނަމާދު ކޮށްގެންނެވެ. މާލެ ގެންދަން ހުރި ލަކުޑި ފޮށްޓަށް ހަމަ އެންމެ ގަމީހަކާއި އެންމެ މުންޑެއް ލުމަށް ފަހު، ފޮށި ކޮނޑަށް ލައިގެން މަންމައާ އެކު ގެއިން ނުކުތީ ނިކަން މާލެ ދާހިތުންނެވެ. އަތިރިމައްޗަށް ނިކުމެ ފުރަން ތައްޔާރުވުމާ އެކު ގިސްލަގިސްލާފައި އޭނާއަށް ރޮވެން ފެށުނެވެ. އުފަން ރަށުން ފުރަންޖެހޭތީއެވެ. އެކު އުޅުނު އެކުވެރިންނާ ވަކިވާންޖެހޭތީއެވެ. އެހެނަސް އެ ވަގުތު އެންމެ ގާތުގައި ހުރި އޭނާގެ މަންމަ ދެއްވަމުން ދިޔަ ހިތްވަރުން، ހިތްވަރު ލިބިގެން މާލެ ދިއުމަށް ޓަކައި އާބަހާރު ބައްތެއްޔަށް އެރީ ހިތުގައި އޮތް، ރަށުވަންތަ ލޯބި، ކަރުނައިން ބަންޑުން ކުރަމުންނެވެ. މާލެއަށް އާދެވުމާ އެކު މާލޭގައި ހުރުމަށް ހަމަޖެހިފައިވާ، ގޭގައި ފޮށި ތަންމަތި ބެހެއްޓުމަށް ފަހު މަޑުނުވެ އެނބުރި އޭނާ ދިޔައީ އާބަހާރު ބައްތެއްޔަށެވެ. ކިޔަވަން މާލެ އައި ނަމަވެސް އެ ދަތުރު، އާބަހާރު ބައްތެލި ފުރަންވަންދެން، ކޮންމެ ރެޔަކު ވެސް އެ ބައްތެލީގައި ނިދަމުން އެ ދިޔައީ ބ. ތުޅާދޫ ބޮޑުގޭ އައްޔަބެގެ ކާފަ ދަރިފުޅެކެވެ. ރަށުގެ ހަނދާންތަކާ އެންމެ ހިނދުކޮޅަކަށް ވެސް ދުރަށް ނުދެވިގެން އެ އުޅުއްވީ ބ. ތުޅާދޫ ފިޔަޖަހާގޭ މުހައްމަދު ޔޫސުފެވެ.

ރަށު ތަޢުލީމާއި މަސްވެރިކަމަށް އޮތް ލޯބި 

1964 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު އުފަންވެ ވަޑައިގެންނެވި މުޙައްމަދު ޔޫސުފަކީ ބ. ތުޅާދޫ ފިޔަޖަހާގޭ ޔޫސުފު ޢަލީއާއި ޝަހީމާ ޔޫސުފުގެ ހަތަރުވަނަ ދަރިފުޅެވެ. މުޙައްމަދުގެ ތައުލީމީ ދަތުރު ފެށްޓެވީ، އުފަން ރަށް ބ.އަތޮޅު ތުޅާދޫންނެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އުނގެނުމުގެ ބިންގާ އެޅުނީ ގޭތެރެއިންނެވެ. އެންމެ ފުރަތަމަ ވޮށިފިލާ އަޅައިދެއްވައި ކިޔަވައިދެއްވީ ކާފައާއި މާމައެވެ. ގުރުއާން ކިޔެވުމަށް އެންމެ ފުރަތަމަ އެހީތެރިވެދެއްވީ މުހައްމަދުގެ އަންހެނުންގެ މަންމަ ފާޠިމަތު އިބްރާހީމް (ކުޑާއްތަ ފާތުމައްތަ)އެވެ.

your imageމުޙައްމަދު ޔޫސުފްގެ މަންމައާއި ބައްޕަ

މުހައްމަދު ރަށު ސްކޫލުގައި ކިޔަވަން އުޅުއްވި އިރު އެކުގައި އެއް ކްލާހެއްގައި ކިޔެވި ބައެއް ދަރިވަރުންގެ ނަންތައް މިއަދު ވެސް ހަނދުމަފުޅު އެބަ ހުއްޓެވެ.

"އުޑުވިލާގޭ އަބުދުއްރަޙީމް، ބާރޑްވިލާ، އިގުބާލް، ޅޮސްމާގޭ ޒަކަރިއްޔާ، އަތަގަސްދޮށުގޭ މުޙައްމަދު ޢާމިރު، އަތިރީގޭ ޔޫސުފް ހުސައިން، އުނިމާގެ އަބުދުއްރަޙުމާން މެން ފަދަ ކުދީންތައް އޭރު އުޅެނީ. މުދައްރިސުންގެ ތެރެއިން އަބަދުވެސް އެންމެ ބޮޑަށް ހަނދާންވާ މުދައްރިސަކީ އިބްރާހީމް ޙުސައިންފުޅު. ދެން އޭރު ވަރަށް ގިނައިން މޫދަށް އެރެން. އެހެންވެ ކެންދޫ އަލިފުޅުބެ އަބަދު ވެސް ހުންނާނީ އަޅުގަނޑުމެން މޫދަށް އެރޭތޯ ބަލަބަލަ." ތުޅާދޫ ސްކޫލުގައި ކިޔެވި ދުވަސްވަރުގެ ހަނދާންތައް މުހައްމަދު އާކުރެއްވިއެވެ.

މުހައްމަދުގެ އެންމެ ކުޑައިރުގެ ހަނދާންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހަނދާނަކީ މުހައްމަދުގެ ބައްޕަ ޔޫސުފު އަލީގެ އެބަނޑު އެއްބަފާ ޙުސައިން ޢަފީފާއި ޢުމަރު ޢަލީއާއި ޢުޘްމާނު ޢަލީއާ މި 4 ބެއިންގެ ހުރިހާ ކުދިން އެއްކޮށް ފިޔަޖަހާގެ ތެރޭގައި ކައިބޮއި އުޅުނު ހަނދާނެވެ.

"ކުޑައިރުގެ އެންމެ ދުރު ހަނދާނަކީ ބޮޑުގޭތެރޭގައި އުޅުނު އިރު އެއް ތަނެއްގެ ކައްކައިގެން ކޭ ހަނދާން. އަދި ވަރަށް ފާހަގަކުރެވޭ ކަމެއް އެއީ، ޅަސޮރު އާކުރުބެ އިން ކައީދަ، ޒުވާރި މުގުރާފައި ވަރަށް ބޮޑު ތާހެއްގައި ބަތްޕެން ކައްކައިގެން އެންމެންނަށް ދޭ ހަނދާން. ބައްޕަގެ އެއްބަނޑު އެއްބަފާ 4 ފިރިހެން ކުދިން ތިބޭނީ. އޭރު އުޅޭނީ ދެޝަފީގު. އަދުނާނު، ޝަހީއްތަ، އައިސައްތަ މި އެންމެން އުޅޭނީ. އަލީއައްތަގޭ ޞާދިގުބެ ވެސް އުޅޭނެ. އަޅުގަނޑުމެން އެންމެން ހެނދުނު ސައިބޯންތިބޭ އިރު ހުރިހާ ކުދިން މުޅޯށިދޮށުގައި ވަށައިގެން ހާމަސް ކާންތިބޭ ހަނދާން މިހާރު ވެސް ވޭ" މުހައްމަދު އާކުރެއްވީ އެންމެ ކުޑައިރު މުހައްމަދުގެ ދެބެންގެ ދެދަރި ކުދިންނާ އެކު މުޅި ޢާއިލާ އެއްކޮށް ބޮޑުގޭގައި ކައިބޮއި އުޅުނު ހަނދާންތަކެވެ. 

your imageމުޙައްމަދުގެ މަންމައާއި އެ އާއިލާގެ ހުރިހާ ކުދިން

މުހައްމަދު ބައްޕަމެންގެ ޢާއިލާ އެއްކޮށް އެއްގޭތެރޭގައި އުޅުނު އިރު އެ އާއިލާއަކީ އޮޑިދޯނިފަހަރު ދުއްވައި އުޅުނު އާއިލާއެކެވެ. އެހެންވުމާ އެކު ވަރަށް ކުޑައިރު ވެސް ބައްޕައާ އެކުގައި އެ ދޯނިފަހަރަށް އަރުއްވައި އުޅުއްވިއެވެ. އަދި އެ ކަމުގެ ތެރޭގައި މޫދަށް އެރުއްވައި މަސްބާނާ އުޅުއްވުމަކީ އެންމެ ކުޑައިރު ވެސް މުޙައްމަދު ވަރަށް ކުރާހިތްޕުޅުވި ކަމެކެވެ.

"ސްކޫލުގައި ކިޔަވަން އުޅުނު އިރު ވެސް ބައެއް ފަހަރު ރޮއެގެން މަހަށް ދާން ވެސް ދޯންޏަށް އަރަން. އޭރު މަހަށް ދާނީ ސިތާރާ ދޯނީގައި. ރަށު ސްކޫލް ނިންމާލާފައި މާލެ ދާންވަންދެން ވެސް ދޭތެރެދޭތެރެއިން ބައްޕައާ އެކު، މަހަށް ދިޔައިން. އެއީ އަބަދުވެސް އެންމެ  ކުރާހިތްވާ ކަމަކީ" ރަށު ސްކޫލުގައި ކިޔަވާވިދާޅުވި ދުވަސްވަރު ވެސް މުޙައްމަދުގެ ހިތްޕުޅުގައި މަސްވެރިކަމަށް ދެއްވުނު މަގާމު ވިދާޅުވެދެއްވިއެވެ.  

މުންޑު އަނދެގެން ގޯނި ސުކޫލަށް 

ތުޅާދޫ ސްކޫލުގައި އުޅުއްވި އުފާވެރި ދުވަސްތަކަށް ފަހު އިތުރަށް ކިޔަވާ ވިދާޅުވުމަށް ޓަކައި މުހައްމަދު ޔޫސުފު، ބަދަލުވެ ވަޑައިގަތީ މާލެއަށެވެ. މާލެ ވަޑައިގަތުމަށް ތައްޔާރުވެވަޑައިގެންނެވީ ނިކަން ގަޔާވެގެންނެވެ. އެ ދަތުރަށް ތައްޔާރުވެވަޑައިގަތުމަށް ޓަކައި ގަމީހެއް ހޯއްދެވި ގޮތް މުހައްމަދު ހިއްސާކުރެއްވިއެވެ. 

your imageމުޙައްމަދު ޔޫސުފް

"މާލެ އަންނަން ވެގެން ގަމީހެއް ކަނޑަން، ފޮތި ގަންނަން ބައްޕައާ އެކު ދިޔައީ ކަޅުދާއޫދުބެ ގެއަށް. އެ ގެއަށް ދިޔަ އިރު ފޮތިގަންނަން އައިސް، ސަލީމުގޭ މަރުޙޫމް ވާހިދު ވެސް އެތާ އުޅޭ. ފޮތީގެ އަގު ހުރީ ދޮޅު ރުފިޔާއަށް މުށަކާއި ދެ ރުފިޔާ ބަޔަށް މުށެއް. ދެން ބައްޕަ ގާތުގައި ބުނެފިން ދެ ރުފިޔާ ބަޔަށް ހުރި ފޮތި ވަރަށް ރިއްޗޭ، އެ ފޮތި ގަނެދޭށޭ. ބައްޕަ ބުނުއްވައިފި ގަނެވޭކަށް ނެތޭ. ލާރިއެއް އެ ވަރަކަށް ނެތޭ. އެހެންވެ ދެން ދޮޅު ރުފިޔާއަށް މުށެއް ދޭ ފޮތި ގަތީ. އެއީ ނޫކުލައިގެ ފޮތިގަނޑެއް. އެ ގަމީސް ފަހައިދިނީ ކަރޯ އަބުދުބެ. އެއީ މާލެ އަންނަން ވެގެން ފެހި ގަމީހެއް" މުހައްމަދު ވިދާޅުވީ އޭރުގެ ހާލަތެވެ. 

"މާލެ ދާންވެގެން ހޯދީ ލަކުޑި ފޮށްޓެއް. ޒުބޭއްތަގެ ބައްޕަ ކުޑޭ މުހުދު އަހަންމަދު ދިން ލަކުޑި ފޮށްޓެއް އެއީ. އެ ފޮށްޓަށް ލީ ގަމީހަކާއި މުންޑަކާ. ދެން ޢިޝާނަމާދުން އައިސް ކައިގެން ފޮށި ކޮނޑަށްލައިގެން މަންމައާ އެކު އަތިރިމައްޗަށް ދިޔައީ. އަތިރިމައްޗަށް ދެވުމާ އެކު ހަމަ ރޮވެނީރޮވެނީ. އެކަމަކު ވަރަށް މާލެ ދާހިތުން ތައްޔާރުވީ. އެ ވަގުތު މަންމަ ވެސް ކައިރީގައި ހުރި. މަންމަ ވަރަށް ހިތްވަރު ލައިދިން، ދެން ހިތާ ދެކޮޅަށް ބައްތެއްޔަށް އަރައިފިން. އެއީ ހަމަ މަންމަގެ ހިތްވަރު. އާބަހާރު ބައްތެލީގައި މާލެއައީ" ކިޔެވުމަށް ޓަކައި މާލެ ވަޑައިގަތުމަށް ފުރުއްވި ރޭ، ކަން ހިނގައި ދިޔަ ގޮތް މުޙައްމަދު ވިދާޅުވެދެއްވިއެވެ.

މުހައްމަދު ވިދާޅުވި ގޮތުގައި ކިޔެވުމަށް މާލެ ވަޑައިގަތުމުގެ ވިސްނުން އައީ އޭނާގެ ދެބެންގެ ދެދަރި ބޭފުޅެއް ކަމަށްވާ އަލްއުސްތާޛް އަޙުމަދު ޝަފީޤުގެ ސަބަބުންނެވެ.

"އަޙުމަދު ޝަފީގު، ޗުއްޓީގައި ރަށަށް އައިސް އުޅޭ އިރު، އަބަދުވެސް އުޅޭނީ އޭނާއާ އެކު. އެގޮތަށް ޗުއްޓީއެއްގައި ޝަފީގު ރަށަށް އައި ފަހަރެއްގައި ޝަފީގު ބުނެފި ހިނގާށޭ މާލެދާން. އެ ހިސާބުން މާލެއަށް ބަދަލުވުމުގެ ވިސްނުން އައިސްގެން ޝަފީގާ އެކު މާލެ އައީ. އެއީ 1978 ވަނަ އަހަރު" މާލެ ބަދަލުވެވުނު ގޮތް މުހައްމަދު ވިދާޅުވިއެވެ.

މުޙައްމަދުގެ އެންމެ ގާތް އެއް އެކުވެރިޔާ އަޙުމަދު ޝަފީގު ވިދާޅުވީ އާއިލާގެ ހުރިހާ މީހުންގެ ތެރެއިން ވެސް ޚާއްޞަ ގާތްކަމެއް މުޙައްމަދާ އޮންނަ ކަމަށާއި ދެ މީހުން ވެސް އެކަކު އަނެކަކު ދެކެނީ އެއްބަނޑު އެއްބަފާ ދެ މީހުންގެ ގޮތަށްކަމަށެވެ.

"ރަށު ސްކޫލުގައި އުޅުނު ދުވަސްވަރު ދެ މީހުންނަކީ މަސްވެރިކަމާއި މޫދާ ވަރަށް ގުޅޭ ދެ މީހުން. ސްކޫލުގައި ކިޔަވަމުން ވެސް ދެ މީހުން އެކީ މަހަށް ގޮސް އުޅުނިން. އެހެންވީމާ މި ގުޅުން ދިޔައީ ބަދަހިވަމުން. އެހެން އުޅެނިކޮށް އަޅުގަނޑުގެ އާއިލާއިން ކިޔެވުމަށް ޓަކައި އަޅުގަނޑު މާލެ ފޮނުވީ. އެހިސާބުން ކިޔެވުމުގެ މުހިންމުކަން އިހުސާސްވި. އެހެން އުޅެނިކޮށް އަހަރެއް ވަރު ފަހުން، ރަށަށް ދެވުނީ. އެ ފަހަރު މުޙައްމަދު ގާތުގައި ބުނިން މުހައްމަދު ވެސް ކިޔަވަން އެބަ ޖެހެޔޭ. ކިޔަވައިގެންނޭ ކުރިއަށް ދެވޭނީ. އެގޮތަށް ވިސްނައިދިނީ. އަދި މުހައްމަދު މަންމައާއި ބައްޕައާ ވާހަކަދައްކައިގެން އެ ކަންކުރުމަށް ބާރުއެޅިން. މިއަދު އެކަމާ ވަރަށް އުފާވޭ" ލޯޔަރު ޝަފީގު ވިދާޅުވިއެވެ.

މާލެއަށް ވަޑައިގެންނެވި ފުރަތަމަ ދަތުރު ކަންތައްތައް ހިނގައިދިޔަ ގޮތް މުހައްމަދު އިތުރަށް އޮޅުންފިލުވައިދެއްވިއެވެ. 

your imageކިޔެވުމަށް ޓަކައި މާލެ ވަޑައިގެން މުޙައްމަދު ހުންނެވި ގޭގައި 

"އެ ދަތުރު މާލެ އައިސް ޝަފީގާ އެކު ދެ މީހުން ދިޔައީ މާވަރަށް. މާވަރުގައި ފޮށި ބަހައްޓާފައި އެ ދިޔަގޮތަށް ދިޔައީ އާބަހަރު ބައްތެއްޔަށް. އެރޭ ނިދީ ވެސް އާބަހާރު ބައްތެލީގައި. ރަށްމަތިން ހަނދާންވާ ވަރުން އެއްގޮތަކަށް ވެސް ގޭގައި އެންމެ އިރުކޮޅަކު ވެސް ހުންނަ ހިތެއް ނުވި. އާބަހާރު ބައްތެލި ފުރަންވަންދެން ކޮންމެ ރެއަކު ނިދަންދިޔައީ މާލޭ ފަޅުތެރޭގައި އޮތް އާބަހާރު ބައްތެއްޔަށް." މުހައްމަދު ޔޫސުފު ވިދާޅުވީ އުފަން ރަށާ މެދު އޭނާގެ ހިތްޕުޅުގައި އުފެދިފައިވާ ލޯތްބެވެ.

މުޙައްމަދުގެ މާލެ ވަޑައިގެންތާ ގިނަ ދުވަސްތަކެއްނުވެ އޭނާގެ މަދަރުސީ ޙަޔާތުގެ ދެވަނަ ސްކޫލެއްގެ ގޮތުގައި މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) ހަމަޖެހިގެން ދިޔައެވެ.

"މާވަރުގައި އެހެން އުޅެނިކޮށް އަހުމަދު ޝަފީގު ކިޔައިފި، ސްކޫލަށް ވަންނަން ހިނގާށޭ. އެއީ އެމްއީއެސް ގޯނި ސްކޫލު އިމާރާތް ހުރި ދުވަސްވަރު. ފުރަތަމަ ދިޔައީ އެ ސްކޫލުގެ ގުރޭޑް ކުލާހަށް ވަންނަން ޓެސްޓް ހަދަން. އެއްރޭ އިރުއޮއްސުނު އިރު ދިޔައީ. ޓެސްޓަށް ދިޔައީ، މުންޑެއް އަނދެގެން ކުލަ ގަމީހެއް ލައިގެން. އެރޭ ޓެސްޓް ހަދައިގެން ފާހެއް ނުވި. އެހެންވެ ދާންޖެހުނީ ޚާއްޞަ ކުލާހަކަށް. އޭރު ދިމާވި މައްސަލައަކީ އިނގިރޭސިއަށް ދަށްވުން. އެހެންވެ ޖެހުނީ އިތުރަށް އިނގިރޭސި ކިޔަވަން. އޭރު އިނގިރޭސި ދަސްކުރަން ވެގެން އިނގިރޭސި ލަފުޒު ހުންނަ ފޮތްތައް ހިތުން ދަސްކުރަނީ" މާލެއަށް ބަދަލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ސްކޫލަށް ވަދެވަޑައިގެންނެވުނު ގޮތް މުހައްމަދު ވިދާޅުވިއެވެ.

އެމްއީއެސް ގެ ޚާއްޞަ ކުލާހުގައި މުޙައްމަދު ކިޔަވާވިދާޅުވާން ފެށްޓެވިތާ ވީ އެންމެ ތިން ހަފުތާއެވެ. އެ ހިސާބުން ގުރޭޑް ކުލާހުގައި ކިޔެވުމުގެ ފުރުޞަތު އޭނާއަށް ތަނަވަސް ވިއެވެ. އެ ފުރުޞަތުގެ ބޭނުންކުރައްވައި އޭރުގެ ގޯނި ސްކޫލުގެ ގޮތުގައި މަޝްހޫރުވި އެމްއީއެސްއިން އޭނާ ކިޔަވާވިދާޅުވާން ފެއްޓެވިއެވެ. އެ ސްކޫލުގައި 1979، 1980 އަދި 1981ވަނަ އަހަރު ކިޔަވައިވިދާޅުވުމަށް ފަހު ދެން މުޙައްމަދު ބަދަލުވެވަޑައިގަތީ އޭރު ނަން މަޝްހޫރު އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑްރީ ސްކޫލް (އީޕީއެސް)އަށެވެ. އީޕީއެސްގައި ގުރޭޑް 5، 6 އަދި 7ގެ ކިޔެވުން ނިންމެވިއެވެ. ގްރޭޑް 7ގެ ކިޔެވުމަށް ފަހު އޭރު ބާއްވަމުން އަންނަ ޖޭއެސްސީ އިމްތިހާނުގައި މުޙައްމަދު ބައިވެރިވެވަޑައިގަތީ 1981 ވަނަ އަހަރު ފަހުކޮޅުގައެވެ.

ފަޚުރިވެރި މަޖީދިއްޔާގެ ފުރުޞަތު 

މި އަންނަ 2027ވަނަ އަހަރު، 100 އަހަރު ފުރޭ މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގައި ހުރި އެންމެ ގިނަ ދުވަސްވީ ސްކޫލެވެ. މިހާތަނާ ޖެހެންދެން މެދުނުކެނޑި އެންމެ ރަނގަޅު ތައުލީމެއް ފޯރުކޮށްދެމުން އަންނަ ފަޚުރުވެރި އެއް ސްކޫލެވެ. އެ ދުވަސްވަރު މަޖީދިއްޔާ ސްކޫލުގައި ކިޔެވުމުގެ ފުރުޞަތަކީ ކޮންމެ ކޮންމެ ކުއްޖަކަށް ލިބޭ ފުރުޞަތެއް ނޫނެވެ. ޚާއްޞަކޮށް ރަށްރަށުން އަންނަ ދަރިވަރުންނަށް އެއީ އުނދަގޫ ކަމެކެވެ. އެހެންވެ އެފަދަ ފުރުޞަތެއް ލިބުމަކީ ކޮންމެ ކުއްޖަކަށް ވެސް ލިބޭ ވަރަށް ބޮޑު ފަޚުރެކެވެ. އެ ފަޚުރުވެރި ސްކޫލުން އެ ދުވަސްވަރު ތަޢުލީމު ޙާޞިލް ކުރި ތުޅާދޫގެ މަދު ދަރިވަރުންގެ ލިސްޓުގެ ވަރަށް ކުރީގެ ޖާގައެއް މުހައްމަދު ޔޫސުފު ވަނީ ހޯއްދަވާފައެވެ.

your imageމަޖީދިއްޔާ ސްކޫލުގެ ޔުނީފޯމުގައި މުޙައްމަދު ފޮޓޯއަކަށް ހުއްޓިގެން

"ޖޭ.އެސް.ސީ އިމްތިހާނު ހަދާފައި ނަތީޖާ ނުލިބި ހުއްޓާ އެއް ދުވަހެއްގެ ހަވީރުކޮޅު ފޮތެއް ހިފައިގެން މީހަކު މއ.މާވަރަށް އައި. އެ މީހަކު ބުނީ މުޙައްމަދު ޔޫސުފް ކިޔާ ކުއްޖަކާ ބައްދަލުކޮށްލާށޭ މި އައީ. ދެން އޭނާ ބުނީ ޖޭ.އެސް.ސީ އިމްތިތިހާނުން ފާސްވެގެން މަޖީދިއްޔާއަށް ވަންނަން ފުރުޞަތު ލިބުނު ވާހަކަ. އޭރު އަހުމަދު ޝަފީގާއި ޞާދިގު ވެސް ދިޔައީ މަޖީދިއްޔާގައި ކިޔަވަމުން" މަޖީދިއްޔާ ސްކޫލުން ފުރުޞަތު ލިބުނު ގޮތް މުހައްމަދު ވިދާޅުވިއެވެ.

މަޖީދިއްޔާ ސްކޫލުގައި މުޙައްމަދު އުޅުއްވި އިރު ތަފާތު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތެވެ. ޚާއްޞަކޮށް އަދަބީ ހަރަކާތްތަކުގައެވެ. މަޖީދިއްޔާގެ އަދަބީ ޖަމިއްޔާ "އެކުވެރިންގެ ގުޅުމުން ހިންގި އަދަބީ މުބާރާތްތަކުން ވެސް ފަޚުރުވެރި ކާމިޔާބީތައް މުޙައްމަދު ހޯއްދެވިއެވެ. އެގޮތުން 1986ވަނަ އަހަރު މަޖީދިއްޔާގެ "އެކުވެރިންގެ ގުޅުމުން" ގުރޭޑް 9،8 އަދި 10ގެ ދަރިވަރުންނަށް ހުޅުވާލައިގެން ބޭއްވި ދިވެހި ދުވަހުގެ މަޒުމޫނުލިޔުމުގެ މުބާރާތުން މުޙައްމަދު ވަނީ 2ވަނަ ހޯއްދަވާފައެވެ. އަދި 1987ވަނަ އަހަރު މަޖީދިއްޔާގެ އެކުވެރިންގެ ގުޅުމުން ގުރޭޑް9،8، އަދި 10ގެ ދަރިވަރުންނަށް ހުޅުވާލައިގެން ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތުން މުޙައްމަދު ވަނީ ފަޚުރިވެރި 1ވަނަ ވެސް ހޯއްދަވާފައެވެ.

your imageމުޙައްމަދަށް ލިބިވަޑައިގެންނެވި ބައެއް ކާމިޔާބީތަކުގެ ހަނދާން

1987ގައި މަޖީދިއްޔާއިން ވަކިވެވަޑައިގެންނެވި އިރު މުހައްމަދާ އެކު އެ ސްކޫލުގައި ކިޔަވަމުން ގެންދެވި ގިނަ ބޭފުޅުންނަކީ މިއަދު ތަފާތު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ ބޭބޭފުޅުންނެވެ.

"އޭރު އަޅުގަނޑުމެންނާއެކު ހޯރަފުށީ ސައްލޭ، މޮންދު، ތޮއްޔިބުމެން ފަދަ ބޭފުޅުން މަޖީދިއްޔާގައި އުޅުއްވި. މަޖީދިއްޔާ އިން ވަކިވިއިރު، އެޓޮލްސް މިނިސްޓްރީގައި އުޅުއްވާނެ އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެއް. އެއީ ނިޒާމު. ނިޒާމު އަޅުގަނޑަށް ވަރަށް ނަޞޭޙަތް ދެއްވާފައި ވިދާޅުވެއްޖެ، ޓްއަރިޒަމް ދާއިރާއަކީ ވަރަށް ރަނގަޅު ދާއިރާއެކޭ. އެހެންވީމާ ހޮޓެލްސްކޫލް ހަދައިގެން އެ ދާއިރާއިން ކުރިއަށް ދާން މާސައްކަތް ކުރާށޭ. ދެން އެ ހިސާބުން އެ ދާއިރާއިން ކުރިއަށް ދާން ވިސްނީ" މުހައްމަދުގެ މަދަރުސީ ހަޔާތް ނިންމާލެއްވުމަށް ފަހު މަސައްކަތުގެ މައިދާނަށް މިސްރާބުޖެއްސެވުނު ގޮތް މުހައްމަދު ވިދާޅުވިއެވެ.

ހޮޓެލް ސްކޫލުގެ ތަމްރީނާ އެކު ހޯދި ރަންވަނަ

މަޖީދިއްޔާ ސްކޫލުން ވަކިވެވަޑައިގެންނެވި ހިސާބުން ވެސް  މުހައްމަދު ޔޫސުފުގެ ތަޢުލީމީ ޙަޔާތް ނިންމަވާލައްވާކަށް ބޭނުންފުޅެއް ނުވިއެވެ. އޭނާ ބޭނުންފުޅުވީ ރަނގަޅު ދާއިރާކުން ކުރިއަށް ވަޑައިގަންނަވާށެވެ. އެގޮތުން ރައްޓެހިންގެ އިރުޝާދާ އެކު މުޙައްމަދު އިޚުތިޔާރުކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާއެވެ. ނަމަވެސް އެ ދާއިރާއާ ގުޅިވަޑައިގަތުމަށް މުޙައްމަދު ޔޫސުފު ބޭނުންފުޅުވީ އެ ދާއިރައިން ތަޢުލީމާއި ތަމްރީން ހޯއްދަވައިގެންނެވެ. އެ ނިޔަތުގައި 1988ވަނަ އަހަރު ހޮޓެލް ސްކޫލާ މުޙައްމަދު ގުޅިވަޑައިގެން އެ ތަނުން ހިންގި ޑިޕޮލޮމާއިން ހޮޓެލް އޮޕަރޭޝަން ސަރވިސް ކޯހުގެ ތިއަރީ ބައި އޭނާ ފުރިހަމަކުރެއްވިއެވެ. އެއަށް ފަހު ކޯހުގެ އަމަލީ ބައި މަސައްކަތަށް މުޙައްމަދު ނުކުންނެވިއެވެ.

"އެ ކޯހުގައި އޮންނަ ބައެއް އެއީ އިންޑަސްޓްރީ ޓްރޭނިންގ ހެދުން. އެއީ އެއް މަހުގެ ޓްރޭނިންގެއް. އޭރު، އޭދަފުށީ އިސްމާޢިލް ކަލޭފާނުގެ ނަޒީރަކީ މާވަރު މޫސަ ވަރަށް ރައްޓެހި މީހެއް. ދެން މޫސަ ބުނި ބުނުމަކަށް ދިޔައީ ނަޒީރު ގާތަށް އޭނާއާ ބައްދަލުކޮށްލަން. އެތަނަށް ގޮސް ސީދާ ނަޒީރާ ބައްދަލުކުރީ. އަޅުގަނޑު ދެންނެވިން އަޅުގަނޑަކީ ތުޅާދޫ ކުއްޖެކޭ. ވިދާޅުވި މައްސަލައެއް ނެތޭ. އެކު މަސައްކަތް ކުރަމާ ހިނގާށޭ. އެ ހިސާބުން ކޯހުގެ ޓްރެއިން ހަދަން ދިޔައީ ވެލިގަނޑަށް" މުޙައްމަދު ވިދާޅުވީ ހޮޓެލްސްކޫލްގެ ތަޢުލީމާއި އެ ކޯހުގެ ތެރެއިން ހޯދަންޖެހޭ އަމަލީ ތަޖުރިބާ ފުރިހަމަ ކުރެއްވި ގޮތެވެ. 

your imageކުޑައިރުގެ ހަނދާންތަކުން 

"އިންޑަސްޓްރީ ޓްރޭނިން ފުރިހަމަ ކުރުމަށް ފުރަތަމަ ވެލިގަނޑަށް ދިޔަތަނުން ދިމާވަނީ، އަހުމަދު ހަފީޒް (ޑިކޭ)އާ. އެންމެ ފުރަތަމަ އިންނަން ޖެހުނީ ރިސެޕްޝަނުގައި. އެ ތަނުން ހަވާލުކުރީ ރިސެޕްޝަނިސްޓެއްގެ އެހީތެރިކަން. ކޮންމެ ދުވަހަކު ވެސް ހެނދުނު 6 ޖަހާ އިރު މަސައްކަތަށް ނުކުންނަންޖެހޭ. ވަރަށް ގިނަ ކަންކަން އެ ތަނުގައި ކުރަން ޖެހުނު. އަބަދު ވެސް އޭރު އިންނަންޖެހެނީ އޮފީހުގައި. ރިސެޕްޝަނަށް ފޯނެއް އަޔަސް އެހެން މީހަކަށް ނަގާކަށް ނުދޭނެ. ދެން އޭރު އުޅޭނެ އޭދަފުށީ ކުޑަ މުޙައްމަދު ވެސް. އެއީ، މޫސުން ރަބީޢު މުހައްމަދު ރިޒާ. އޭދަފުށި، ހިރުނދުގަސްދޮށުގޭ މުހައްމަދު ހުސައިން ވެސް. އެ ތަނުގައި އެއް މަސް ދުވަހު ހުރިން. އެއް މަސް ނިމުނީމާ އެމީހުން ދިން އެ ތަނުގައި މަސައްކަތް ކުރިކަމުގެ ސިޓީއެއް" ވެލިގަނޑު ރިސޯޓުގައި އިންޑަސްޓްރީ ޓްރެއިނިންގ ކުރިއަށްދިޔަ ގޮތާ ގުޅޭގޮތުން މުޙައްމަދު ވިދާޅުވިއެވެ.

އެ ކޯސް އޭނާ ނިންމަވާލެއްވީ ތާރީޚީ ކާމިޔާބަކާއެކުގައެވެ. 1988ވަނަ އަހަރު އެ ކޯސް ފުރިހަމަ ކުރެއްވި ދަރިވަރުންގެ ތެރެއިން ހައުސްކީޕިން އެންޑް އެކަމޮޑޭޝަން އޮޕަރޭޝަންގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ވެސް މުޙައްމަދު ޔޫސުފެވެ.

ރިޒޯޓް އޯނަރެއްގެ ހުށަހެޅުން

1988ވަނަ އަހަރު ހޮޓެލް ސްކޫލުގެ ބައެއްގެ ގޮތުގައި ހިމެނުނު އިންޑަސްޓްރީ ޓްރެއިނިންގ ވެލިގަނޑު ރިސޯޓުގައި ފުރިހަމަކުރެއްވުމާ އެކު މުހައްމަދަށް ލިބިވަޑައިގެންނެވި ހުށަހެޅުމަކީ ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ވަޑައިގަތުމަށް އޭނާއަށް ހުޅުވުނު އެންމެ ތަނަވަސް ފުރުޞަތެވެ. އެ ހުށަހެޅުން މުހައްމަދަށް ހުށަހެޅުއްވީ، ވެލިގަނޑު ރިސޯޓުގެ އޯނަރުންގެ ތެރެއިން އެއް އޯނަރުކަމުގައިވާ އަޙުމަދު ނަޒީރެވެ.

"ޓްރެއިނިންގ ނިމުނީމާ ސީދާ ނަޒީރު ވިދާޅުވި އެ ތަނަށް އަންނަންވީ ނޫންހޭ. ހޮޓެލް ސްކޫލު ނިންމާފައި ވެލިގަނޑު ރިސޯޓަށް އައުމުގެ ދައުވަތު ރަސްމީކޮށް ނަޒީރު ދެއްވި. އެ ހިސާބުން ދެން ރަސްމީކޮށް އެ މަސައްކަތުގެ ތެރެއަށް ވަނީ." މުޙައްމަދު ވިދާޅުވިއެވެ.

ރިސެޕްޝަނިސްޓަކުން ޖެނެރަލް މެނޭޖަރަކަށް

1989ގެ ޖަނަވަރީ މަހުގެ 23ވަނަ ދުވަހު ވެލިގަނޑު ރިސޯޓުގެ ރިސެޕްޝަނިސްޓެއްގެ ވަޒީފާއާ މުޙައްމަދު ގުޅިވަޑައިގެންނެވި އިރު،  މުސާރައަކީ 1100 ރުފިޔާއެވެ. 4 އަހަރުވަންދެން އެ ވަޒީފާގައި މުޙައްމަދު މަސައްކަތް ކުރެއްވިއެވެ.

"އޭރު އަންނަމުން ދިޔައީ އިޓަލީ މީހުން. ޓްރޭވެލް އެޖެންސީއަކުން މީހުން ފޮނުވަނީ. އެގޮތުން ތިން ހަތަރު މަހު ދާނެ ގެސްޓުން ނައިސް ވެސް. އެ ދުވަސްވަރު އޮންނާނީ ރިސޯޓް މަސައްކަތްކުރުން. އޭގެ ފަހުން ފްރޮންޓް އޮފީސް މެނޭޖަރަކަށް ބަދަލުވި. ސާވިސްޗާރޖަކަށް އޭރު މަހަކު ލިބެނީ އެންމެ 25 ޑޮލަރު" ފަތުވެރިކަމުގެ ދާއިރާގައި އޭނާ އެންމެ ފުރަތަމަ އަދާކުރެއްވި ވަޒީފާއާ އެ ދާއިރާގައި ކުރިއަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވުނު ގޮތާއި އޭރު އެ ތަނުގެ ހާލަތު ހުރި ނެތްގޮތް މުޙައްމަދު ވިދާޅުވިއެވެ.

your imageމުޙައްމަދު ރިސެޕްޝަނިސްޓެއްގެ ވަޒީގައި

ފަތުވެރިކަމުގެ ދާއިރާގައި މުޙައްމަދު މަސައްކަތް ކުރައްވަމުން ގެންދެވީ ވަރުބަލިފުޅުވުމެއް ނެތިއެވެ. އެ ދާއިރާއިން ކުރިއަށް ވަޑައިގަތީ ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާ ކުރައްވައި އިތުރު ތަމްރީނާ ތަޖުރިބާ ހޯއްދަވަމުންނެވެ.

"1992ވަނަ އަހަރާ ހަމައަށް ހައުސްކީޕިން މެނޭޖަރަކަށް އުޅުނިން. އަދި ފްރޮންޓް އޮފީސް މެނޭޖަރަކަށް ވެސް އުޅުނިން. އޭރު ވެސް އޮފީސް މަސައްކަތް ނިމުމާ އެކު އިތުރު ކަންކަން ދަސްކުރުމުގެ މަސައްކަތް ކުރަމުން ދިޔައީ. އެއީ ސީދާ ނަޒީރު ދެއްވި ނަސޭހަތެއް. އެ ކަމުގެ ތެރެއިން ހައުސްކީޕިންގ ދާއިރާގައި އުޅުމުގެ ފުރުޞަތު ލިބުނު. ފްރޮންޓް އޮފީހުގައި މަސައްކަތް ކުރަމުން ކޮންމެ ރޫމެއް ވަކިން ޗެކުކުރުމުގެ މަސައްކަތް ވެސް ކުރިން. ޚާއްޞަކޮށް މަސައްކަތް ނިންމާލުމަށް ފަހު އިތުރު ގަޑީގައި އެ ދާއިރާގެ އިތުރު އެތައް މަސައްކަތެއް ކުރުމުގެ ނަސީބު ލިބުނު. އެއީ ވަރަށް ގިނަ ކަންކަން ދަސްވިކަމެއް. ޓީމެއް ގޮވައިގެން އިސްވެ ހުރެ މަސައްކަތް ކުރުމުގެ ފުރުޞަތު ވެސް އެކަމުގެ ތެރެއިން ލިބުނު" ފަތުރުވެރިކަމުގެ ދާއިރާއިން ދަސްކުރައްވަމުން ގެންދެވި ކަންތައްތަކާއި ލިބިވަޑައިގެންނެވި ގިނަގުނަ ތަޖުރިބާތަކާ ގުޅޭގޮތުން މުޙައްމަދު ޔޫސުފު ވިދާޅުވިއެވެ.

ޚިދުމަތުގައި 3 އަހަރު ވީ އިރު މުޙައްމަދަކީ އޭނާ މަސައްކަތް ކުރައްވަމުން ގެންދެވި ރިސޯޓްގެ އޯނަރުންގެ އިތުބާރު ފުރިހަމައަށް ހޯއްދެވި މުވައްޒަފެކެވެ. އެހެންކަމުން އިތުރު ކުރިއެރުންތަކާ އެކު މުޙައްމަދު ގެންދެވީ އެ ދާއިރާއިން އިތުރު ހަރުފަތްތައް ގިރާކުރައްވަމުންނެވެ.

"ވެލިގަނޑުގައި އުޅެނިކޮށް ނަޒީރުމެން ވިދާޅުވީ އެހެން ރިސޯޓެއް ހެދުމުގެ މަސައްކަތްކުރާ ވާހަކަ. އަދި ވިދާޅުވީ އެ ތަނަށް ދެވިދާނެ ހެއްޔޭ؟ އަޅުގަނޑު ދެންނެވިން ދެވިދާނޭ، އެކަމު ކައިވެނިކޮށްގެން އައިހޭ އެކޮޅަށްދެވޭނީ. ދެން ކައިވެނިކުރުމަށް ފަހު ދުވަސްކޮޅެއްގެ ޗުއްޓީއެއް ނެގުމަށް ފަހު ދިޔައީ ރަންގައްޔަށް. އެތަނުގައި ފުރަތަމަ ފެށީ 40 ރޫމް މަރާމާތުކުރުމުގެ މަސައްކަތް" ރަންގަލި ރިސޯޓުގައި މަސައްކަތް ފެށިގެން ދިޔަގޮތް މުޙައްމަދު ވިދާޅުވިއެވެ.

your imageރަންގަލި ރިސޯޓްގެ މަސައްކަތުގައި މުޙައްމަދު ބައިވެރިވަނީ

"އެ ތަނަށް ފުރަތަމަ ދިޔައީ ސައިޓްމެނޭޖަރެއްގެ ގޮތުގައި. އެއީ ވަރަށް ތަފާތު ތަޖުރިބާއެއް. ދުވާލުގެ ގިނަ ވަގުތު އުޅެނީ މަސައްކަތުގައި. ކެއުމުގެ ކަންކަން އޮންނަނީ އެއް ތަނެއްގައި. އެންމެން ކާނީ ވެސް އެކައްޗެއް. އޭރު އެއްޗެހި ދޮވެ އުޅުނީ ބާލިދީއަކަށް އޯމޯ އަޅާފައި ބަހައްޓާފައި ފަހުން މޫދަށް ގޮސް ދޮންވެލި ގަނޑުމަތީގައި އަންނައުނުތައް ތަޅައިގެން. އޭރު މަސައްކަތުގައި 300އެއް ހައި މުވައްޒަފުން އުޅުނު. އޭރު އަޅުގަނޑުމެންނަށް ކާންލިބޭނީ، މުވައްޒަފުން ކައި ނިމުނީމާ. ހަމަ އެ މީހުން ކޭތަކެތި ކާން ވެސް ހުންނަނީ. އެއްވެސް ތަފާތެއް ނުވާނެ" ރަންގަލި ރިސޯޓުގައި މުޙައްމަދު ފުރަތަމަ މަސައްކަތް ކުރެއްވި އިރު އެ ރިސޯޓުގެ ޙާލަތާ ގުޅޭގޮތުން މުޙައްމަދު ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ރަންގަލިން ނިންމި، 40 ރޫމު ހުޅުވުމަށް ޓަކައި ބޭނުންވާ ތަކެތި ގަތުމަށް ނަޒީރުގެ އަރިހުގައި މުޙައްމަދު ޔޫސުފު އެ ދުވަހު މާލެ ވަޑައިގަތީ ސްޕީޑް ލޯންޗެއްގައެވެ. ވެލިގަނޑު އެކްސްޕްރެސްގައެވެ.

"ނަޒީރު ވިދާޅުވެއްޖެ މާލެދާން ހިގާށޭ ރިސޯޓް ހުޅުވަން އެއްޗެހި ގަންނަން. ދެން މާލެދާން ލޯންޗު ޖެޓީން ނައްޓާލާފައި ވަކި ހިސާބަކަށް ނުދެވެނީސް ކުންފުނީގެ ޑައިރެކްޓަރ ސަލީމް ގޮވާލައްވާފައި ވިދާޅުވެއްޖެ މުހައްމަދު ޔޫސުފް އައިސްބަލަށޭ ކުރިއަށް. ދެން ވިދާޅުވެއްޖެ، މުޙައްމަދު ޔޫސުފުގެ މަސައްކަތް އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލައިގަންނަމޭ. އަދި ވިދާޅުވީ ރަނގަލި ރިސޯޓަކަށް ނާންނާނެޔޭ އިތުރު މެނޭޖަރެއް. އެ ރިސޯޓުގައި އުޅޭ އެ ހުރިހާ ކުދިން ގޮވައިގެން ރަންގަލީގެ ފުރަތަމަ މެނޭޖަރަކަށް ހުންނާނީ މުޙައްމަދު ޔޫސުފޭ. އެހެންވީމާ މާލެ ގޮސް ބޭނުންވާ އެއްޗެހި ގަނެލައިގެން އަންނާށޭ. އެއީ 1992ގައި" ރަންގަލީގައި ފުރަތަމަ ހުޅުވި 40 ކޮޓަރި ހުޅުވަން ތައްޔާރުވަމުން ދިޔަގޮތާއި އަދި އެ ވަގުތު ކުންފުނީގެ ވެރިންގެ ފަރާތުން މުޙައްމަދަށް އިވިވަޑައިގެންނެވި އުއްމީދީ ވާހަކަފުޅުތައް މުޙައްމަދު ވިދާޅުވިއެވެ.

your imageރިސޯޓް ފެހިކުރުމުގެ މަސައްކަތުގެ ތެރެއިން

މުޙައްމަދަށް ލިބިވަޑައިގެންނެވި ހިތްވަރާއެކު އާ ރޫހެއްގައި މުޙައްމަދު މަސައްކަތް ފެއްޓެވީ އެ ރިސޯޓް އޯނަރުންގެ ފުރިހަމަ އެއްބާރުލެއްވުމާ އެކުއެވެ. އެ ރިސޯޓް ހިންގެވުމުގެ ހުރިހާ ކަމެއްގެ ޒިންމާ އުފުއްލަވަމުންނެވެ. 150ވަރަކަށް މުވައްޒަފުންގެ ކަންކަން ބަލަހައްޓަވަމުންނެވެ.

"އެ ރިސޯޓަށް ފުރަތަމަ ގެސްޓުން އައި ސީގަލް އެއަރވޭސް ހެލިކޮޕްޓަރެއްގައި އެތާ ކައިރީގައި އޮންނަ ކުޑަ ރަށެއްގައި އޮންނަ ހެލިޕޭޑަށް. ދެން ދޯނީގައި އެ މީހުން ބަލައި ދިޔައީ ސީދާ އަޅުގަނޑު. އެ މީހުންނަށް ރިސީވްކޮށް އެ މީހުން ގެނެސް ރަޖިސްޓްރޭޝަން ކަންކަން ނިމައި އެ މީހުން ރޫމަށް ލުމުގެ މަސައްކަތް ވެސް އެ ދުވަހު ކުރީ ހަމަ އަޅުގަނޑު." ރަންގަލި ރިސޯޓުން ޚިދުމަތް ލިބިގަތް ފަތުރުވެރީންގެ ފުރަތަމަ ގުރޫޕަށް ކަންތައްތައް ކޮށްދެއްވި ގޮތް މުޙައްމަދު ވިދާޅުވިއެވެ. 

އެ ހިސާބުން ވެސް މުޙައްމަދު މަސައްކަތްޕުޅަކަށް މަޑުޖެއްސެވުމެއް ނުގެންނަވައެވެ. އޭގެ ފަހުން މަސައްކަތް ކުރިއަށް ގެންދެވީ އަދި މާ ބާރަށެވެ.

"އޭގެ ފަހުން ރަންގަލި އަޕްގްރޭޑަށް ދިޔައީ 40 ކޮޓަރިން 100 ކޮޓަރިއަށް. 100 ކޮޓަރީގެ މަސައްކަތް ނިންމުމަށް ފަހު 1993ގައި ދެން ހުޅުވީ. އެ ފަހަރު ހުޅުވާފައި ރެސިޑެންސް މެނޭޖަރުކަން ދެއްވި" ރަންގަލި ރިސޯޓުގެ މަސައްކަތް ފުޅާކުރައްވަމުން ދިޔަ ގޮތް މުޙައްމަދު ވިދާޅުވިއެވެ.

މުޙައްމަދަކީ އެ ދާއިރާގެ ތަޖުރިބާ ހޯއްދަވައިގެން އެ ދާއިރާގެ އެންމެ އުހަށް ވަޑައިގެންނެވި ޚިދުމަތްތެރިއެކެވެ. ދާއިރާގައި ރިސޯޓް ތަމްސީލުކުރެއްވުމާއި ދާއިރާއިން ރިސޯޓަށް ކާމިޔާބީތައް ހޯއްދަވައިދެއްވުމުގައި މުޙައްމަދުގެ ދައުރު ބޮޑެވެ.

ރަންގަލި ރިސޯޓުގައި މަސައްކަތް ކުރެއްވި ދުވަސްވަރު އައިޓީބީ ފެއަރގައި ބައިވެރިވެވަޑައިގަތުމަށް 4 ފަހަރެއްގެ މަތިން މުހައްމަދު ޖަރުމަނަށް ވަޑައިގެންފައިވާ އިރު، އެ މަސައްކަތުގައި 1996ގައި މޮސްކޯއަށް ވެސް މުހައްމަދު ވަނީ ވަޑައިގެންފައެވެ. 1994 އަދި 1995ގައި ރާއްޖޭގެ ރަޖިސްޓްރީކުރެވިފައިވާ ރޫމުގެ ނިސްބަތަށް ބަލައި އެންމެ މަތީ އޮކިއުޕެންސީ ހޯދި ރިސޯޓަކަށް ސަރުކާރުން ދެއްވާ އިނާމު ރަންގައްޔަށް ލިބުނު އިރު އެ ރިސޯޓްގެ މެނޭޖަރަކަށް ހުންނެވީ ވެސް މުޙައްމަދެވެ.

your imageއައިޓީބީ ފެއާރގައި މުޙައްމަދު ބައިވެރިވަނީ

1997ވަނަ އަހަރަކީ ރަންގަލި ރިސޯޓަށް ތާރީޚީ އަހަރެކެވެ. އެ އަހަރަކީ ރަންގަލި ރިސޯޓް، އިންޓަނޭޝަނަލް ހިލްޓަން މޯލްޑިވްސްއަށް ބަދަލުވެ، ކްރައުން ކޮމްޕެނީން ތާރީޚީ މުހިންމު ފިޔަވަޅެއް އެޅި އަހަރެކެވެ. އެ ތާރީޚީ ބަދަލު އައި އިރު ރަންގަލީގެ ރެސިޑެންސް މެނޭޖަރުކަމުގައި ހުންނެވީ ވެސް މުޙައްމަދެވެ. އެ ދުވަސްވަރު ކްރައުން ކޮމްޕެނީ ފާހަގަކުރެވެނީ  ފަތުރުވެރިކަމުގެ ދާއިރާއަށް ގެނައި ބޮޑެތި ބަދަލުތައް ގެނައުމުގައި ނަމޫނާ ކުންފުންޏެއްގެ ގޮތުގައެވެ.  އެ ބަދަލުތައް ގެންނެވުމުގައި މުޙައްމަދުގެ ހިއްސާ ކުޑައެއް ނޫނެވެ.

ކްރައުން ކޮންޕެނީގެ އޮޕަރޭޝަނަލް މެނޭޖަރެއްގެ ގޮތުގައި މާލޭ އޮފީހުގައި ވެސް މުޙައްމަދު ވަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ.  

"މާލޭ އޮފީހުގައި އުޅުނު އިރު ހިލްޓަންގެ ހުރިހާ ކަމެއްގައި ހެން އުޅުނިން. އޭގެ އިތުރުން ވެލިގަނޑާއި ރަންގަލީގެ ކަންކަން ވެސް ކުރަމުން ގެންދިޔައިން. އަދި  އޭގެ އިތުރުން މިރިހި އަދި ހެލެނގެލީގެ ކަންކަން ވެސް ބަލަހައްޓަމުން ދިޔައިން. 2021 ވަނަ އަހަރު ނިމެންދެން އެ އޮފީހުގައި މަސައްކަތްކުރިން. އަދި ކުންފުނީގެ ތެރެއިން ކުރަން ޖެހުނު ސަރުކާރާ ގުޅުން ހުރި ކަންކަން ފަހުން ބޮޑަށް ބަލަހައްޓަމުން ގެންދިޔައީ" 2021 ވަނަ އަހަރު ނިމެންދެން ކްރައުން ކޮމްޕެނީގައި މުޙައްމަދު ކުރައްވަމުން ގެންދެވި މަސައްކަތްތަކުގެ ކުރު ޚުލާޞާއެއް އޭނާ ދެއްވިއެވެ.  

your imageރާއްޖޭން ބޭރުގައި ދިވެހި ފަތުރުވެރުކަން މުޙައްމަދު ތަމްސީލުކުރައްވަނީ

"އެ ދުވަސްވަރު، ޗެކްގައި ސޮއިކުރަން ޖެހުނީ. ކުންފުނީގެ މާލޭ އޮފީހުގައި އޭރު އިސްކޮށް އުޅުނީ އެކައުންޓެންޓާއި އަޅުގަނޑާ. އެ ތަނުގައި 15 އަހަރުވީ އިރު ދުވަހަކު ވެސް މައްސަލައެއް ނުޖެހޭ. ކޮންމެ ދުވަހަކު 100 ނުވަތަ 200 ޗެކްގައި ސޮއިކުރަންޖެހޭ. އެ ދުވަސްވަރު ކޮންމެ އެއްޗެއް ގަތަސް ޗެކް ދޭނީ. މުޅި ދުވަހު ތިބޭނީ އެ ޗެކްތައް ލިޔެލިޔެ" މުޙައްމަދު އާކުރެއްވީ އަވަދިނެތި އުޅުއްވި ބުރަ ދުވަސްތަކެވެ.

މުޙައްމަދަކީ ކްރައުން ކޮމްޕެނީގެ މެނޭޖުމަންޓްގެ ދަށުން ތަރައްގީ ކުރި ޓްރީޓޮޕް ހޮސްޕިޓަލްގެ އިނީޝިއަލް ޕްލޭނިންގގައި ކުރަންޖެހުނު ގިނަ މަސައްކަތްތަކެއްގެ އަމަލީ ދައުރު އަދާކޮށްދެވި ޚިދުމަތްތެރިއެކެވެ.

"އެންމެ ފުރަތަމަ ޕްލޭނިންގ މަރުހަލާއިން ފެށިގެން ޓްރީޓޮޕް ހުޅުވަންދެން ވެސް ހަމަ ހުރިހާ ކަމެއްގައިހެން އުޅެވުނު. ޓްރީޓޮޕުގެ މަސއްކަތް ފުރަތަމަ ފެށިއިރު ވަރަށް ދަތިގޮތަކަށް ކަންކަން ކުރަން ޖެހުނީ. ދެން ޓްރީޓޮޕް ހަދަން ޓާރމެކްސް ކިޔާ ބޭރުގެ ކުންފުންޏެއް ގެނައީ. އެއީ ތުރުކީ ބައެއް. އެ މީހުންގެ ފަރާތުން ރާއްޖޭގައި ހުންނަންޖެހޭ ޑިރެކްޓަރެއް. ދެން ކުންފުނީގެ ފަރާތުން އަޅުގަނޑަށް އޮފަރ ކުރީ ޑިރެކްޓަރަކަށް ވާން. އެ ހިސާބުން ތުރުކީގެ އެ ކުންފުނީގެ ރާއްޖޭގެ ޑިރެކްޓަރެއްގެ ގޮތުގައި އަޅުގަނޑު ހުރެގެން މަސައްކަތް ކުރީ" މުޙައްމަދު ވިދާޅުވިއެވެ.

1993ވަނަ އަހަރުން ފެށިގެން 1997ވަނަ އަހަރާ ހަމައަށް ރެސިޑެންސް މެޖޭޖަރުކަން ކުރެއްވި މުޙައްމަދުގެ މުޅި ހަޔާތް ހޭދަކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ޚިދުމަތްތަކުގައެވެ. އެ ދާއިރާގައި 32 އަހަރަށް ވުރެ ގިނަ ދުވަހު އޭނާ މަސައްކަތްކުރައްވާފައިވެއެވެ.

ފަތުރުވެރިކަމަށް، ރަށުގެ ގިނަ ދަރިން ނެރެދެއްވި އެދުރު

އެންމެ ފުރަތަމަ މާލެ އަތޮޅުގައި ފެށިގެން ދިޔަ ފަތުވެރިކަމުގެ މަސައްކަތް، ރާއްޖޭގެ އެކި އަތޮޅުތަކަށް ފުޅާވެ މާލެއަތޮޅުން ބޭރުގައި ރިސޯޓްތައް ތަރައްގީކުރަމުން ދިޔަ ދުވަސްވަރަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ރަސްމީކޮށް މުޙައްމަދު ޔޫސުފު ނުކުންނެވި ދުވަސް ވަރެވެ.  އޭރު ބ. އަތޮޅުގެ ބައެއް ރަށްރަށުގެ ޒުވާނުން ރިޒޯޓްތަކުގެ ވަޒީފާގައި އެކަށީގެންވާ އަދަދަކަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މުހައްމަދު ޔޫސުފުގެ އުފަން ރަށް ތުޅާދޫން ރިސޯޓް ވަޒީފާގައި އުޅެނީ ދެތިން ހަތަރު ޒުވާނެކެވެ. އެހެނަސް ފަތުރުވެރިކަމުގެ ދާއިރާއަށް މުޙައްމަދު ޔޫސުފު ނުކުންނެވި ހިސާބުން ތުޅާދޫގެ ގިނަ ޒުވާނުންތަކަކަށް އެ ދާއިރާއިން ފުރުޞަތު ތަނަވަސް ވެގެން ދިޔައެވެ. ޚާއްޞަކޮށް މުޙައްމަދު ޔޫސުފު މަސައްކަތް ކުރައްވަމުން ގެންދެވި ވެލިގަނޑު ރިސޯޓާއި ރަންގަލި ރިސޯޓުންނެވެ. އަދި އެ ތަންތަނުން ލިބިވަޑައިގެންނެވި ފުރުޞަތުތަކާ އެކު ރާއްޖޭގެ އެކި ހިސާބުތަކުގެ ރިސޯޓްތަކުގައި ވެސް ތުޅާދޫގެ އެފަދަ ދަރިން ޙަރަކާތްތެރިވަމުން ދިޔައެވެ.

"އަޅުގަނޑު މި ތަނުގައި މަސައްކަތް ފެށީ މުޙައްމަދު ޔޫސުފްގެ އެހީތެރިކަމާ އެކު. އަދި މި ދާއިރާއަށް ތުޅާދޫގެ ވަރަށް ގިނަ ކުދިންނަށް އެ ފުރުޞަތު ތަނަވަސްކޮށްދެއްވި. އަޅުގަނޑު މި ރިސޯޓާ ގުޅުނީ 1993ގައި. އެންމެ ފުރަތަމަ އަޅުގަނޑަކީ ވެއިޓަރެއް. މިހާރު މި މަސައްކަތްކުރަނީ އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް މި ލިބުނު ކުރިއެރުންތަކުގައި މުޙައްމަދަކީ ވަރަށް ބޮޑު އެހީތެރިއެއް. އެއީ މީހުންނަށް ރަނގަޅު ނަމޫނާ ދެއްކެވި، ވަރަށް  އަޚުލާޤު ވެސް ރަނގަޅު ވެރިއެއް. ގުޅިގެން މަސައްކަތް ކުރެއްވުމުގައި ހަމަ ނަމޫނާ މެނޭޖަރެއް" މުޙައްމަދަކާ އެކު ރިސޯޓް ދާއިރާގައި މަސައްކަތް ކުރެއްވި ބ.ތުޅާދޫ ޕިޔާނާގޭ އަބްދުލްފައްތާޙު ވިދާޅުވިއެވެ. މުހައްމަދުގެ އެހީތެރިކަމާއި އޭނާގެ ފަރާތުން ލިބުނު ފުރުޞަތުތަކުގެ ވާހަކަ ދައްކަވަނީ ހަމައެކަނި ފައްތާހު އެކަންޏެއް ނޫނެވެ. މުޙައްމަދުގެ ޖެނެރަލްމެނޭޖަރުކަމުގެ ދަށުގައި މަސައްކަތްކުރި ތުޅާދޫގެ ކޮންމެ ދަރިއަކު ވެސް އެ ކަން ފާހަގަކުރެއެވެ.

"އަޅުގަނޑަށް އެންމެ ފުރަތަމަ އެ ދާއިރާއަށް ފުރުޞަތު ލިބުނީ މުޙައްމަދުގެ ފަރާތުން. އެންމެ ފުރަތަމަ މަސައްކަތް ކުރީ ވެސް މުހައްމަދުގެ މެނޭޖަރުކަމުގައި. ހަގީގަތުގައި އަޅުގަނޑު މި ދާއިރާއަށް ލޯހުޅުވިގެން ދިޔައީ މުޙައްމަދުގެ އެހީތެރިކަމާ އެކު އޭނާގެ މެނޭޖަރުކަމުގެ ދަށުން. އެއީ ވަރަށް ފްލެކްސިބަލް، މީހުންނަށް ވަރަށް ކަމޭހިތާ ސްޓާފުންގެ ކަންކަން ވަރަށް ގާތުން، ވަރަށް ރަނގަޅަށް ބެލެހެއްޓެވި ވެރިއެއް. ވަރަށް އެހީތެރިވި ވެރިއެއް. އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއްކަމަކީ އެ މަގާމުގައި ހުންނަވާފައި ވެސް ދީނީކަންކަމަށް ބެހެއްޓެވި ލޯތްބާއި ސަމާލުކަން. އަޅުގަނޑުގެ ހަޔާތުގައި ދީނީކަންކަމަށް އެގޮތަށް ސަމާލުކަން ދެއްވި ޖީއެމްއެއް ނުދެކެން. ގަވައިދުން ނަމާދުކުރާނެ. އެއީ ޖީއެމްގެ ތެރެއިން އަޅުގަނޑު ދުށް އެންމެ ރަނގަޅު އެކަކު" ތުޅާދޫ އުއްސަކުރުވާދީ ޙަސަން އިނާޒު ވެސް މުޙައްމަދުގެ ޚިދުމަތަށް ކުރެއްވީ ތަޢުރީފެވެ.

"ފަތުރުވެރިކަމުގެ ދާއިރާއަށް ނުކުތުމުގައި މުޙައްމަދު ޔޫސުފަކީ ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވި ފަރާތެއް. ސްކޫލް ނިންމާފަ އަޅުގަނޑު ބޭނުންވީ ހޮޓެލް ސްކޫލް ހަދައިގެން މި ދާއިރާއިން ކުރިއަށް ދާން. އެގޮތުން އެންމެ ފުރަތަމަ ހޮޓެލް ސްކޫލް ހެދުމަށް ކްރައުން ކޮމްޕެނީގެ ސްޕޮންސަރޝިޕް ލިބުނީ މުޙައްމަދު ޔޫސުފު މެދުވެރިވެގެން. ދެން އެ ކޮމްޕެނީގެ ސްޕޮންސަރގައި ކޯސް ހެދީމާ އެ ކޮމްޕެނިން ވަޒީފާ ހަމަޖައްސައިދިނީ ރަންގަލި އައިލޭންޑް ރިސޯޓުން. މި ހުރިހައި ކަމެއްގެ އެހީތެރިޔަކީ ހަމަ މުޙައްމަދު ޔޫސުފު. މިގޮތަށް މުޙައްމަދު ޔޫސުފުގެ އެހީތެރިކަމުގައި ކްރައުންގެ ސްޕޮންސަރ ހޯދައިދެއްވީ އަޅުގަނޑު އެކަންޏަކަށް ނޫން. ކިތަންމެ ކުއްޖަކަށް ވެސް އެ ފުރުޞަތު މުޙައްމަދު ހޯއްދަވައިދެއްވި" ތުޅާދޫ ގުލިސްތާނުގޭ ޢަބްދުﷲ ޝަފީޤު ވިދާޅުވިއެވެ. 

your imageމުޙައްމަދާ އެކު ޢަބްދުﷲ ޝަފީޤު. އަބްދުﷲ ފަތުރުވެރިކަމުގެ ދާއިރާއަށް ނެރެދެއްވުމުގައި މުޙައްމަދުގެ ދައުރު ބޮޑު

ޢަބްދުﷲ ޝަފީޤު އިތުރަށް ވިދާޅުވީ މުހައްމަދު ޔޫސުފުގެ އެހީތެރިކަމާ އެކު، ފަތުރުވެރިކަމުގެ ދާއިރާއަށް ތުޅާދޫން ވަރަށް ގިނަ ކުދީން ނުކުތް ކަމަށެވެ. 1996 ވަނަ އަހަރު އޭނާ އެންމެ ފުރަތަމަ ރަންގަލި ވަޒީފާއަށް ނުކުންނެވި އިރު ވެސް އެ ރިސޯޓުގެ މެނޭޖަރަކީ މުޙައްމަދު ޔޫސުފުކަމަށާއި އޭރު ވެސް ތުޅާދޫގެ ކިތަންމެ ކުއްޖަކު އެ ރިސޯޓުގެ ވަޒީފާގައި އުޅެމުން ދިޔަކަން ޢަބްދުﷲ ފާހަގަކުރެއްވިއެވެ.  

"ޕިޔާނާގޭ ފައްތާހު، އަޙުމަދު ނިޔާޒު، ހަސަން އިނާޒު، ކާމިޔާބުގޭ އަބުސީ، ލިލީއާގެ މުހައްމަދު ޔޫސުފު، މުހައްމަދު އަލީ (ޝެހޭ). މީގެ އިތުރުން ވެސް ކިތަންމެ ކުއްޖެއް އުޅޭ. އަނެއްކާ ހަމަ އެކަނި ރަންގައްޔަކު ނޫން ރަށު ކުދީން އުޅުނީކީ. ކްރައުން އެހެން ރިސޯޓްތައް އެހެރީތާ ރަނގަލި ރިސޯޓުގެ އިތުރުން ރަށު ކުދީން އުޅުނު. ވެލިގަނޑާއި މީރުފެންފުށި ފަދަ ރިސޯޓުންތަކުން ވެސް މުހައްމަދުގެ އެހީތެރިކަމުގައި ވަޒީފާ އަދާކުރި ތުޅާދުގެ ކިތަންމެ ކުއްޖެއް އުޅޭނެ. ކަނބުރުގޭ ފައްތާހު، ޗާންދަނީގޭ މޫސާ ރަޝީދު، ޖާފާނުގޭ ޢަލީ ނިޔާޒު، ސާދާގޭ ހުޝާމް ވެސް. މި ކުދީންނަށް ވެސް ވަޒީފާ ހޯދައިދީފައި ހުންނާނީ މުހައްމަދު ޔޫސުފު މެދުވެރިކޮށް. އަދި ވެސް މުޙައްމަދު ޔޫސުފުގެ އެހީތެރިކަމުގައި ވަޒީފާއަށް އައިކުދީން އުޅޭނެ. އުއްދަނޑިގޭ ޢަބުދުއްރަޝީދު، ދެރަހަ އަޙުމަދު ޝިފާޢު، ސަމަންދަރު ސާނީ، އިބްރާހީމް ރައޫފު، އަޙުމަދު ރައޫފު، މުހައްމަދު ނާޖީ، މުހައްމަދު ޢިމާދު ދެން މިހެން ކުއްލިއަކަށް ހަނދާނަށް ނާންނަ ކުދީން ވެސް އުޅޭނެ. އެކަމަކު އަދި ވެސް ރަށުގެ ކިތަންމެ ކުއްޖެއް އުޅޭނެ" ފަތުވެރިކަމުގެ ދާއިރާގައި 29 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަދި މިހާރު ވެސް ޚިދުމަތުގައި ހުންނެވި ޢަބްދުﷲ ޝަފީޤު ވިދާޅުވިއެވެ.

ޢަބްދުﷲ ޝަފީޤު ޤަބޫކުރައްވާ ގޮތުގައި މުހައްމަދު ޔޫސުފަކީ މި ދާއިރާއަށް ވަރަށް ރަނގަޅު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެއީ މި އިންޑަސްޓްރީގައި ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާ ފައިވާ، ވަރަށް ޑިސިޕްލިން، މަސައްކަތަށް ވަރަށް ފަރުވާތެރި، ގަޑިއަށް ބަރާބަރު އަދި ދީނީ ކަންތައްތަކަށް ވެސް ވަރަށް އިސްކަމެއް ދެއްވި ބޭފުޅެއް ކަމަށެވެ. އަދި މުއައްޒަފުންނަށް ވެސް ވަރަށް ރަނގަޅު ހެޔޮ ނަސޭހަތް ދެއްވައި  މީހުން މީހުންނަށް ހެއްދެވުމަށް ވަރަށް ބާރުއެޅުއްވި އަދި މީހުންނާ ވަރަށް ގުޅިވަޑައިގެން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް ވެސް ޢަބްދުﷲ ޝަފީޤު ވިދާޅުވިއެވެ.

"އަޅުގަނޑުވެސް އެންމެ ފުރަތަމަ ރަނގައްޔަށް ދިޔައީ ރިސެޕްޝަނިސްޓެއްގެ މަގާމަށް. ފުރަތަމަ މި ދާއިރާއަށް ވަޒީފާއަށް ނުކުތުމުގައި ވެސް އަދި ވަޒީފާގައި އުޅުނު އިރު ވެސް މުޙައްމަދު ޔޫސުފު ވަރަށް އެހީތެރިވެދެއްވި. ރަނގަޅު ނަޞޭޙަތްދެއްވައި ހެއްދެވި. ޓެކްނިކަލީ ވެސް ވަރަށް އެހީތެރިވެދެއްވި. އެއީ ކަންނޭނގެ މި ދާއިރާގައި މިހާ ގިނަ ދުވަހު މި ދެމިހުރުގެ ސަބަބަކީ ވެސް. ހަގީގަތަށް ބުނާ ނަމަ ތުޅާދޫގެ ދަރިން އެންމެ ފުރަތަމަ މި ދާއިރާއަށް ނެރެދިން މީހަކީ މުހައްމަދު ޔޫސުފު. މި ދާއިރާގައި އަޅުގަނޑުގެ މެންޓޯ އަކީ މުހައްމަދު ޔޫސުފު" މި ވަގުތު ވެސް ސަން އައިލޭންޑް ރިސޯޓުގެ އެގްޒެކްޓިވް ހައުސްކީޕަރ މަގާމުގައި ހުންނެވި ޢަބްދުﷲ ޝަފީޤު ވިދާޅުވިއެވެ.

ކައިވެންޏާއެކު ދެމަފިރިންގެ ދިރިއުޅުން ރިސޯޓަށް 

1992ވަނަ އަހަރުގެ މެއި މަހުގެ 17ވަނަ ދުވަހު މުޙައްމަދު ޔޫސުފުގެ ޙަޔާތުގެ ބައިވެރިއެއްގެ ގޮތުގައި އިޚުތިޔާރުކުރެއްވީ އޭނާއާ އެކު އުޅުއްވި ގާތް އެކުވެރިއެކެވެ. މާ ކުރީއްސުރެ ފެށިގެން ގުޅުން ބޮޑު އަވަށްޓެރިންގެ ތެރޭގައި ހިމެނޭ ރަށްޓެއްސެވެ. އެއީ މުޙައްމަދު ޔޫސުފުގެ ޢާއިލާއާ ވެސް ގާތްގުޅުމެއް އުފެދިފައިވާ ތުޅާދޫ ކުޑާއްތަ އާއިލާއަށް ނިސްބަތްވާ ބ. ތުޅާދޫ އަތަގަސްދޮށުގޭ ޢާއިޝަތު ފަހީމާއެވެ.

"ކައިވެންޏާ ހަމައަށް ދިޔަ އިރު އަޅުގަނޑު ހުރީ ވެލިގަނޑު ރިސޯޓްގައި. ނަމަވެސް ކައިވެނިކުރަން ބޭނުންވެއްޖެ. އެހެންވީމާ ޗުއްޓީއެއް ނަގަން ވެގެން އަޅުގަނޑު ޖެހޭނެތާ ނަޒީރުގާތު ބުނަން. އެ ވާހަކަ ނަޒީރަށް ދެންނެވުމުން ނަޒީރު ވިދާޅުވީ މެރީކުރަން ދިޔަޔަސް ވަރަށް އަވަހަށް ރިސޯޓަށް އެނބުރި އަންނަންވާނޭ" މުޙައްމަދު ވިދާޅުވިއެވެ. ނަޒީރުގެ އެ ޝަރުތަށް އާނބަސް ވިދާޅުވެ ކައިވެނީގެ ޗުއްޓީއެއް މުޙައްމަދު ނެންގެވިއެވެ. ނަމަވެސް ހަނީމޫނަށް ވެސް އިޚުތިޔާރުކުރެއްވީ އޭނާ މަސައްކަތް ކުރައްވަމުން ދިޔަ ރިސޯޓެވެ. 

your imageމުޙައްމަދާއި އަނބިކަނބަލުން އައިސްތު

"ކައިވެނީގެ ޕާޓީ ބޭއްވީ މާލޭގައި. ރިސޯޓްގެ ވެރީން ވެސް އެ ހަފުލާގައި ބައިވެރިވެ ވަޑައިގެންނެވި. ނަޒީރު ވެސް ވަޑައިގެންނެވި. އެއާ އެކު ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ދެ ޓަނު ބައިގެ ކާފޫރު ލަކުޑި ނަޒީރު އަޅުގަނޑަށް ދެއްވި. އެ ހަދިޔާ ވެގެން ދިޔައީ އާއިލާއަށް ލިބުނު ވަރަށް ބޮޑު ހަދިޔާއަކަށް. އެއީ ދެވަނަ އަބުހަރީ ވުޖޫދުވުމުގެ އަސްލު. ހަގީގަތުގައި ވެސް އެއީ ޢާއިލާގެ އުފާވެރިކަން އިތުރުވި ކަމެއް." ކައިވެނީގެ އުފާވެރިކަން ދެގުނަވީ ސަބަބު މުޙައްމަދު ވިދާޅުވިއެވެ.

މުޙައްމަދުގެ ކައިވެންޏަށް ފަހު 20 ދުވަސް ފަހުން އޭނާ މަސައްކަތަށް އެނބުރި ވަޑައިގަތީ ރަންގައްޔަށެވެ. ނަމަވެސް އެކަންޏެއް ނޫނެވެ. އަނބިކަނބަލުންނާ ވެސް އެކުގައެވެ.

"ކައިވެނި ކޮށްގެން ދެ މީހުން އެއްކޮށް ދިޔައީ ރަންގައްޔަށް. ދެން ރަންގަލީގައި އުޅެމުން ދިޔައީ. އެ ދުވަސްތަކަކީ ވަރަށް އުފަލުގައި އުޅުނު ދުވަސްތަކެއް. އޭރު އެ ތަނުގައި ދިޔައީ 40 ކޮޓަރި ހެދުމުގެ މަސައްކަތް. އަންހެނުން އައިސްތު ގޮވައިގެން އުޅުމުގެ ހުއްދަ ވެސް އެ ބޭފުޅުން ދެއްވި. އެ ތަން ހެދި އިރު އަދި ހުޅުވި އިރު ވެސް އަޅުގަނޑުގެ ގާތުގައި އަންހެނުން އުޅުނު. އެއީ ވަރަށް ހިތްހަމަ ޖެހުނު ކަމެއް" ރިސޯޓް ދިރިއުޅުމާ މެދު މުޙައްމަދު ވިދާޅުވިއެވެ.

ރިސޯޓް ދިރިއުޅުމުގައި އުޅުނު އިރު މުޙައްމަދު އެންމެ ކަންބޮޑުވީ އެއް ކަމަކީ 3 އަހަރު ވީއިރު ވެސް އެ ދެމަފިރީންގެ ހަޔާތަށް ބޭފުޅަކު ލިބިވަޑައިގެންފައި ނެތުމެވެ. އެ ހިތާމާގައި ހުންނަވަނިކޮށް އެ ރިސޯޓުން މުޙައްމަދުގެ ދެމެފަރީންނާ ބައްދަލުވަނީ ބޭރުގެ ޑޮކްޓަރެކެވެ. އެ ޑޮކްޓަރުގެ ނަސޭހަތްވީ މުޙައްމަދުގެ ނަސީބަށެވެ.

"އަޅުގަނޑުމެން ދެ މީހުން މެރީކޮށްގެން ދެން ކުއްޖަކު ނުލިބި މިހެން އުޅެނިކޮށް ނަޒީރު އަނބިކަނބަލުން ޖަބީން ވަޑައިގަންނަވަނީ ބޭރުގެ ޑޮކްޓަރަކާ އެކު ރިސޯޓަށް. ޑޮކްޓަރ ގުއްތަ ކިޔާ މީހެއް. ޖަބީން ވިދާޅުވެއްޖެ، މުޙައްމަދު ޔޫސުފަށް ވަރަށް ރަނގަޅު މީހަކު ގޮވައިގެންނޭ މި އައީ. މުހައްމަދު ޔޫސުފު ބޭނުމިއްޔާ މީނަޔާ ވާހަކަދައްކައިގެން ފަރުވާގެ ކަންތަކުގައި ކުރިއަށް ދާންވީއޭ. އެހެން ވިދާޅުވެފައި އޭނައަށް އަޅުގަނޑުމެން ތަޢާރަފުކޮށްދެއްވި. ދެން ދިރިއުޅެންވީގޮތާއި އުޅޭއިރު ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭ ގޮތުން އެޑުވައިސް ވެސް އޭނާ ދެއްވި. އެ ހިސާބުން ޢާއިޝަތު އޮފީހުން ކަނޑާލައިގެން ގެނައި ގޮތަށް ރިސޯޓުގައި ހުރިހާ ދުވަހަކު ވެސް އުޅުނީ. ދެން މާގިނަ ދުވަހެއް ނުވެ ޢާއިޝަތު ބަނޑުބޮޑުވެއްޖެ. އެ އުފާވެރި ޚަބަރު ލިބުނު. އެ ޚަބަރު ލިބުނީ ވެސް އަޅުގަނޑު ރިސޯޓްގައި ހުއްޓާ" ޒަވާޖީ ހަޔާތުގެ ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަމުގެ އުފާވެރި ޚަބަރާ ހަމައަށް ދެވުނު ގޮތް މުޙައްމަދު ހިއްސާކުރެއްވިއެވެ.

your imageމުޙައްމަދުގެ ފުރަތަމަ ދަރިފުޅު މާނީއާއެކު ރިސޯޓްގައި

ހަޔާތަށް ލިބިވަޑައިގެންނެވި އުފާވެރިކަމާ އެކު ވެސް މުޙައްމަދާއި އަނބިކަނބަލުން އިޚުތިޔާރު ކުރެއްވީ ރިސޯޓް ދިރިއުޅުއްވުމެވެ. ދަރިފުޅުގެ ހަޔާތުގެ ތުއްތު ދުވަސްތައް ހޭދަކުރެއްވީ އެ ހިތްފަހި މާހައުލުގައެވެ.

"ފުރަތަމަ ދަރިފުޅަށް އަންހެނުން ބަލިވެއިނދެ ވިހަންވަންދެން ވެސް ދެ މީހުން އުޅުނީ ރިސޯޓުގައި. ވިހެއުމަށް ޓަކައި 4 މަސްދުވަހަށް އަންހެނުން މާލެ އައި ނަމަވެސް އެ ތުއްތު ދަރިފުޅާ އެކު ދެ މީހުން އަނެއްކާ ވެސް އުޅުނީ ރަންގަލި ރިސޯޓުގައި. އެ ރިސޯޓް ދިރިއުޅުން، މާލެއަށް ބަދަލުކުރީ އެ ދަރިފުޅު ސްކޫލަށް ވައްދާ އުމުރަށް އެޅުމުން. އެ ހުރިހާ ވަގުތަކު އައިސްތުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. އަދި ކައިވެނި ކުރީއްސުރެ މިއަދާ ޖެހެންދެން ވެސް ދެގޮތެއް ނުވެ އަބަދުވެސް އައިސްތު ހުންނަނީ އެންމެ ގާތުގައި. ކޮންމެ ކަމެއްގެ ވެސް އެހީތެރިއެއްގެ ގޮތުގައި." މުޙައްމަދު އޭނާގެ އަންހެނުންނަށް ތަޢުރީފްކުރެއްވިއެވެ. 

your imageމުޙައްމަދާއެކު އަނބިކަނބަލުން އައިސްތު

"އަޅުގަނޑުގެ މި ކާމިޔާބު ދިރިއުޅުމުގައި އައިސްތަކީ ވަރަށް މުހިންމު މީހެއް. އަޅުގަނޑަށް މި ލިބުނު ކާމިޔާބު ލިބުނީ އައިސްތުގެ ސަބުންނޭ ބުނެވޭނީ. ނަޒީރުމެން ހިތްހަމަޖެހޭ ވަރުގެ މަސައްކަތެއް ކުރެވުނީ އަޅުގަނޑުގެ ގާތުގައި އައިސްތު ހުރެގެން. އައިސްތު އެ ދިން ހިއްވަރުންނޭ ހަމަ ބުނެވޭނީ" މުޙައްމަދު ވިދާޅުވިއެވެ.

ބޮޑުގޭ މުޙައްމަދު، ބޮޑުގޭގެ ބޮޑު ތަނބަށް

ބޮޑުގެއަކީ ތުޅާދޫގައި މަޝްހޫރު އާއިލާއެކެވެ. އެކުވެރިކަމުގެ ރީތި ތާރީޚެއް އޮތް އާއިލާއެކެވެ. އެ ރީތި ތާރީޚު ދެމެހެއްޓުމުގެ މެދުވެރިއަކީ މިއަދު މުޙައްމަދެވެ. މުޙައްމަދަކީ އޭނާގެ ރިސޯޓް ދާއިރާއަށް ވަދެވަޑައިގަތުމަށް ފަހު ވެސް އާއިލާއަށް ވަރަށް އިސްކަން ދެއްވި ބޭފުޅެކެވެ. ޚާއްޞަކޮށް އާއިލާގެ މީހުންނަށް ދިމާވާ ހިތާވެރި އެކި ހާލަތްތަކުން އަރައިގަތުމުގައި މުޙައްމަދުގެ ދައުރު ބޮޑެވެ.

"މުޙައްމަދުބެއަކީ އަޅުގަނޑަށާއި އަޅުގަނޑުގެ އާއިލާއަށް ވެސް ވަރަށް މުހިންމު މީހެއް. އަޅުގަނޑުގެ ހުރިހާ ކުދީން މިހާ ހިސާބަށް އައުމުގެ މުޅި އާއިލާގެ އެހީތެރިކަން ލިބުނު. އެހެނަސް އާއިލާގެ އެންމެންގެ ހުރިހާ ކަމެއްގައި މިހާރު އެންމެ އިސްކޮށް އުޅުއްވަނީ މުޙައްމަދުބެ. ބައްޕަ ދުނިޔެ ދޫކުރެއްވި ފަހުން ޢާއިލާގެ އެންމެ އިސްމީހަކީ ދޮންބެ. ދޮންބެ ބަލިވި ފަހުން އެ ހުރިހާ ޒިންމާއެއް ނަންގަވައިގެން އެންމެ އިސް ދައުރެއް އަދާކުރައްވަނީ މުޙައްމަދުބެ. އަޅުގަނޑުގެ ކުދީންގެ ބައްޕަ ނިޔާވި ހިސާބުން ފެށިގެން މިއަދާ ޖެހެންދެން އަދި މިހާރު ވެސް މުޙައްމަދުބެ އެހީތެރިކަން ދަނީ ވަރަށް ބޮޑަށް ލިބެމުން. މުޙައްމަދުބެގެ ފަރާތުން އަޅުގަނޑާއި އަޅުގަނޑުގެ ހުރިހާ ކުދީންނަށް ލިބުނު އެހީތެރިކަމުގައި މުޙައްމަދުގެ އަންހެނުންގެ ދައުރު ވަރަށް ބޮޑު. އަޅުގަނޑުގެ ކުދީންނަށް ލިބޭ ކޮންމެ ކާމިޔާބީއެއްގައި ވެސް އެންމެ ފުރަތަމަ ހުންނާނީ މުޙައްމަދުބެގެ ދެމަފިރިން" ތުޅާދޫ ފިޔަޖަހާގޭ އާމިނަތު ވަޙީދާ ވިދާޅުވިއެވެ.  

your imageމުޙައްމަދުގެ އާއިލާގެ ބައެއް ބޭފުޅުން

މުޙައްމަދު ޔޫސުފުގެ އެހީތެރިކަން ސިފަކުރައްވަމުން އޭނާގެ ކޮއްކޮ އަބޫބަކުރު ޔޫސުފު ވިދާޅުވީ މުޙައްމަދަކީ މިއަދު އެ އާއިލާގެ އެންމެ އިސް ތަނބުކަމަށާއި ބައްޕަގެ ލެގަސީ މުޙައްމަދު ދަމަހައްޓަވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑު މާލެ ބަދަލުވި ފަހުން ތަޢުލީމީ ހަޔާތުގެ ހުރިހާ ކަމެއް ބެލެހެއްޓެވީ މުޙައްމަދުބެ. މުޅި ޢާއިލާއަށް ބަލަންޏާ ބައްޕަގެ އެ ލެގަސީ މުހައްމަދުބެ މިއަދު އެބަ ދަމަހަޓަވާ. ބައްޕަ ނެންގެވި ޒިންމާ، އެއްވެސް ތަފާތެއް ނެތި މުހައްމަދުބެ އެބަ ނަންގަވާ. އަޅުގަނޑުމެންގެ އާއިލާގެ ތެރޭގައި މި އޮތް އެކުވެރިކަމާއި އެއްބައިވަންތަން އަންނަން އޮތް ޖީލަށް ފޯރުކޮށް ދިނުމަށް  ވެސް މުހައްމަދުބެ އެ ދަނީ އަޅުގަނޑުމެން އެންމެންނަށް ނަމޫނާ ދައްކަވަމުން. އެގޮތުން އާއިލީ ކޮންމެ ކަމެއްގައި މުޙައްމަދުބެ އިސްވެ ހުންނަވައި މަޝްވަރާ ކުރައްވާނެ. ޢާއިލީ ހަފުލާތައް ބާއްވަވާނެ. އަދި މިހާރަކަށް އައިސް އާއިލާގެ ކޮންމެ ކަމެއްގައި ވެސް އަޅުގަނޑާ ވަރަށް ބޮޑަށް މަޝްވަރާކުރައްވާނެ. މުޙައްމަދުބެއަކީ  އެންމެންނަށް ވެސް އިޙުތިރާމު އަދާކުރުމާއެކު އެންމެން އެކުގައި ގުޅިގެން އުޅުމުގެ ނަމޫނާ ދައްކަވާ ފުރިހަމަ ނަމޫނާ އެއް" އަބޫބަކުރު ވިދާޅުވިއެވެ. 

your imageމުޙައްމަދާއި އާއިލާގެ އިތުރު ދެ ބޭފުޅަކު ރާއްޖޭން ބެރުގައި އޮތް ބައްދަލުވުމެއްގައި

މުޙައްމަދުގެ ޙަޔާތުގެ ބައިވެރިޔާ ޢާއިޝަތު ފަހީމާ ވިދާޅުވީ މުޙައްމަދަކީ އާއިލާއަށް ވަގުތުދެއްވައި އާއިލީ ކަންކަމަށް އިސްކަން ދެއްވި ބައިވެރިއެއް ކަމަށެވެ.

"މުޙައްމަދަކީ ވަރަށް ރަނގަޅު މީހެއް. އަޅުގަނޑުގެ ފެމިލީއަށް ވެސް، މުޙައްމަދުގެ ފެމިލީއަށް ވެސް މުޙައްމަދު ވަރަށް ރަނގަޅު. ދެ ފަރާތުގެ ޢާއިލާއަށް އަޅާލައި އެންމެންނަށް ވެސް ދިމާވާ ހުރިހާ ކަމެއްގައި ވެވުނު ވަރަކުން މުހައްމަދުދަނީ އަބަދުވެސް އެހީތެރިވަމުން. އަނެއްކާ އެންމެން ގުޅިގެން އެއްކޮށް އުޅެ، އެންމެންގެ މެދުގައި ގުޅުންބަދަހި ކުރުމުގައި ވެސް މުހައްމަދުގެ ދައުރު ވަރަށް ބޮޑު" މުޙައްމަދުގެ އަނބިކަނބަލުން ޢާއިޝަތު ފަހީމާ ވިދާޅުވިއެވެ.

މުޙައްމަދުގެ އާއިލާގެ އެންމެ ހަގަށް ހުންނެވި އިބްރާހީމް ރަޝީދު ވިދާޅުވީ މުޙައްމަދަކީ އާއިލާގެ ރޯލްމޮޑެލްކަމަށާއި މިއަދު އާއިލާގެ ރޫހަކީ ވެސް މުޙައްމަދު ކަމަށެވެ.

"އަޅުގަނޑުމެން އެންމެނަށް ވެސް ދަރީން ލިބި، ދިރިއުޅުމުގެ އެކި ކަންކަމުގައި ބިޒީކޮށް އުޅެން ޖެހުނު ނަމަވެސް، އެއްކޮށް ދިމާވެ، ކައިބޮއިހަދާ، މަސްދަތުރާއި ޕިކުނިކު ދަތުރުދިއުން ފަދަ ގުޅުން ބަދަހިވާ ކަންކަމަކީ މިހާރު ވެސް ގަވާއިދުން ކުރަމުން އަންނަ ކަންކަން. މި ކަންކަން ރާވައި ހިންގުމުގައި އަބަދުވެސް އިސްވެ އުޅުއްވާނީ މުޙައްމަދުބެ. މުޙައްމަދުބެއަކީ އާއިލީ ގުޅުން ދެމެހެއްޓުމުގައި ލާމަސީލު މިސާލެއް. އެއީ އާއިލާގެ ރޫހް. މިހާރު ވެސް، ގަވާއިދުން، އާއިލާގެ ހުރިހާ ކުދިންނާ ގުޅާނެ ނުވަތަ ބައްދަލުކޮށް ހާލުއަހުވާލު އަހާނެ. އަދި ވީވަރަކުން ކަންކަމުގައި އެހީތެރި ވެސް ވެދޭނެ. މުހައްމަދުބެ އެއީ އަޅުގަނޑުމެންގެ ކުދީންގެ ވެސް ފޭވަރިޓް އަންކަލް. މުހައްމަދުބެއަކީ އަޅުގަނޑުމެން އެންމެނަށް ވެސް ނަމޫނާއެއް" މެލޭޝިއާގައި ކިޔަވާވިދާޅުވާން ހުންނެވި އިބްރާހީމް ވިދާޅުވިއެވެ.

your imageމުޙައްމަދުގެ އާއިލާގެ މެންބަރުން އީދުގެ އުފާފާޅުކުރުމުގެ ތެރެއިން 

"އާއިލާގެ 12 މެންބަރުންގެ ތެރޭން އެންމެ ހަގަށް މި ހުރީ އަޅުގަނޑު. އަޅުގަނޑު ވެސް އުމުރުގެ ކުރީކޮޅު މާލެ ބަދަލުވެއްޖައިން ކިޔަވަން. މުހައްމަދުބެގެ ބެލުމުގެ ދަށުގައި މާލެ ބަދަލުވީއްސުރެ އުޅެމުން ދިޔައީ. މުހައްމަދުބެއަކީ ކިޔެވުމަށް ވަރަށް ބޮޑަށް ބާރު އެޅުއްވި ބޭބެއެއް. އެކަމަކު އަޅުނގަޑަށް އެންމެ ޚާއްސަވާ ކަމަކީ، ކިޔެވުމުގެ އިތުރަށް ދުނިޔެވީ ކަންކަމަށް ލޯހުޅުވުމަށް މުހައްމަދުބެ އެ ކުރެއްވި މަސައްކަތް. ވެދާނެ އޭރުގެ ހާލަތުގެ ގޮތުންކަމަށް ވެސް.  ގޭތެރޭގެ ކަންކަމުގެ އިތުރުން ވިޔަފާރީގެ ކަންކަމާއި އާއިލީ ކަންކަމުގައި ވަރަށް ބޮޑަށް ޝާމިލުވާނެ ފުރުސަތު އަޅުގަނޑަށް ލިބުނު. ވަރަށް ގިނަ ކަންކަން ދަސްވި. އަޅުގަނޑުގެ ޕްރޮފެޝަނަލް ކެރިއަރުގައި ވެސް މުޙައްމަދުބެއަކީ ވަރަށް މުހިންމު މީހެއް" މުޙައްމަދު ޔޫސުފުގެ މުހިއްމުކަން އިބްރާހީމް ރަޝީދު އިތުރަށް ބަޔާންކޮށްދެއްވިއެވެ.

މުޙައްމަދު ޔޫސުފު ރިސޯޓް ދާއިރާގައި ހޭދަކުރެއްވި 32 އަހަރު އިސްކަން ދެއްވީ ރިސޯޓް މުވައްޒަފުންނަށް  އެކަންޏެއް ނޫނެވެ. މުޙައްމަދު ޔޫސުފުގެ އެއްބަނޑު އެއްބަފާ ކުދީންނާއި އަނބިކަނބަލުން އެކަންޏަކަށް ވެސް ނޫނެވެ. މުޙައްމަދުގެ އެ ބުރަ ތާވަލުގައި ހިމެނޭ ހުރިހައި ކަމެއް ކުރެއްވުމުގައި އެހައި ބުރަކޮށް އުޅުއްވި އިރު ވެސް އެންމެ ލޯބިވާ ދެ ކުދީންގެ މަތިން އެންމެ ހިނދުކޮޅަކަށް ވެސް އޭނާ ހަނދާން ނައްތައެއް ނުލައްވައެވެ.

"ބައްޕައަކީ އެންމެ ކުރީއްސުރެ ވެސް ވަރަށް އާއިލީ މީހެއް. އަޅުގަނޑު ހަންދާންވޭ އެންމެ ކުޑައިރުއްސުރެ ފެށިގެން އަޅުގަނޑު ބޭރަށް ކިޔަވަން ދިއުމާ ހަމައަށް ވެސް ޗުއްޓީގައި ރަށަށް ދާއިރު ވެސް އަފީފުބެ ވިޔަސް އުސްމާނުބެ ވިޔަސް އުމަރުބެ ވިޔަސް ބައްޕަގެ ހުރިހާ ބޮޑުބޭބެމެންގެ ގާތަށް ހަމަ ކޮންމެ ގެއަކަށް ވަކިވަކިން ގެންދާ ހަނދާން. އެހެންވީމާ ބައްޕަގެ ޢާއިލީ ހުރިހާ އެންމެންނާ ވެސް އަޅުގަނޑު ވަރަށް ގުޅުން ބޮޑުވާނެ" މުޙައްމަދުގެ ދޮށީ ދަރިފުޅު މާނީ މުޙައްމަދު އޭނާގެ ބައްޕަ ސިފަކުރެއްވިއެވެ.

your imageމުޙައްމަދާއި އަނބިކަންބަލުން އަދި ދެ ބޭފުޅުން

"ބައްޕައަކީ ވަރަށް މަސައްކަތްތެރި މީހެއް. ވަރަށް ހާޑްވާރކިން މީހެއް. ވަރަށް ސެލްފުލަސް މީހެއް. އަޅުގަނޑުމެން ބޮޑުކުރަމުން ދިޔައިރު ވެސް އެ ކަންކަން އިހުސާސްވޭ. ބައްޕަ ބޭނުންވެލައްވާ ބައިވަރު ކަންތައްތައް ބަހައްޓާފައި އަޅުގަނޑުމެން ދެ ކުދީންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން ބައްޕަ އަބަދު ވެސް މަސައްކަތް ކުރެއްވި. އަޅުގަނޑުމެން ދެ ކުދީން ވެސް މިއަދު މި ތިބީ ކިޔަވާ ނިމި ރަނގަޅު ދިރިއުޅުމެއް ފެށިފައި. އަލްޙަމްދު ލިﷲ. ބައްޕަ އަބަދުވެސް ވަރަށް ހިތްވަރުދެއްވާ ކަމެއް އެއީ ޢާއިލީ ގުޅުން ދެމެހެއްޓުން. މިއަދާ ހަމައަށް ހަމަ ބޮޑުގެ އާއިލާއަކީ ހަފްތާއަކު އެއް ފަހަރު ނޫނީ މަހަކު އެއްފަހަރު ވިޔަސް އެންމެން އެއްވެލާ އުޅޭ ޢާއިލާއެއް. އެއީ ހަމަ ބައްޕަ ވަރަށް ބޭނުންވެލައްވާ ކަންކަން" މާނީ އިތުރަށް އޮޅުންފިލުވައިދެއްވިއެވެ.

ޖެނެރަލް މެނޭޖަރުގެ ރިވެތި އަޚުލާޤު

މުޙައްމަދަކީ ވެލިގަނޑު ރިސޯޓާއި ރަންގަލި ރިސޯޓުގައި މަސައްކަތް ކުރެއްވި އިރު ރިސޯޓުގެ ވެރިންގެ އިތުބާރު ހޯއްދަވައި ވަރަށް ތެދުވެރިކަމާއި އިޚުލާސްތެރިކަމާ އެކު މަސައްކަތް ކުރެއްވި ޚިދުމަތްތެރިއެކެވެ. އޭނާގެ އެ ޚިދުމަތް މިއަދު ވެސް އެ ރިސޯޓްތަކުގެ ވެރީން ބަލައިގަނެވެ.

"މުހައްމަދަކީ ރިޒޯޓް ވިޔަފާރީގެ ކުރީކޮޅުގައި ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން މުއައްޒަފެއް. މުހައްމަދު ރިސޯޓް ލައިފް ފެށީ އަޅުގަނޑުގެ ބެލުމުގެ ދަށުން ވެލިގަނޑު ރިސޯޓުން. އޭގެ ފަހުގައި ރަންގަލީ ރިސޯޓުގައި ވެސް މުހިންމު ދައުރެއް އަދާކުރި. މުހައްމަދަކީ މަސައްކަތުގައި ވަރަށް ހީވާގި ނިކަން ތެދުވެރި އަދި އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އިތުބާރު ކުރެވޭ ފަރާތެއް. އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމާއި ވިޔަފާރިއާ ގުޅުން ހުރި ކަންކަމުގައި މިހާރު ވެސް މިދަނީ މުޙައްމަދުގެ އެހީތެރިކަން ހޯދަމުން" ކްރައުން ކޮމްޕެނީގެ ޙިއްޞާދާރެއްކަމުގައި ނަޒީރު ވިދާޅުވިއެވެ.

your imageމުޙައްމަދާއި އޭނާގެ މަންމަ

މުހައްމަދު ޔޫސުފު، ރިސޯޓް ދާއިރާގައި މަސައްކަތް ކުރެއްވި ދިގު މުއްދަތުގައި އިތުބާރު ހޯއްދެވީ ހަމަ އެކަނި ރިސޯޓުގެ ވެރިންގެ އެކަންޏެއް ނޫނެވެ. އެ ތަންތަނުގައި މަސައްކަތް ކުރެއްވި މުއައްޒަފުންގެ ރުހުމާއި ލޯބި ވެސް ހޯއްދެވީ އެ މުއައްޒަފުންނާ އެކު ގުޅިގެން މަސައްކަތް ކުރައްވަމުންނެވެ.

"މުޙައްމަދަކީ ފަތުރުވެރިކަމުގެ ދާއިރާއިން މުޅި ރާއްޖެއިން ވެސް އަޅުގަނޑަށް ފާހަގަކުރެވޭ މުހިންމު އެކަކު. ދިވެހިރާއްޖޭގައި ރިސޯޓްތަކުގައި ޖެނެރަލް މެނޭޖަރުކަން ކުރެއްވި މީހުންގެ ތެރެއިން އެއީ އެންމެ އަޚުލާގު ރަނގަޅު މީހާއޭ ބުނަން ކުރެދާނެ. ޔަގީނުން ވެސް އޭނާ ގޯސް ކަމެއް ނުކުރާނެ.  ދާއިރާގެ ހުރިހާ ކަމެއް އޭނާއަށް އެނގޭނެ. ރިސޯޓް ފެށި އިރު އިނިރޭސިވިލާތުން އެ ދާއިރާގެ ޚާއްޞަ މާހިރަކު ގެނެސް ސީނިއަރ މެނޭޖްމަންޓްގެ އެންމެންނަށް ޚާއްޞަ ޓްރޭނިންގއެއް ދިން. އޭގައި އަޅުގަނޑު ވެސް ބައިވެރިވިން. އެހެންވީމާ އެންމެ އާދައިގެ މުވައްޒަފަކު ކުރާ މަސައްކަތުން ފެށިގެން ޖެނަރަލް މެނޭޖަރުގެ ވަޒީފާއާ ދެމެދު ކުރަންޖެހޭ ހުރިހާ މަސައްކަތްތެއް އޭނާއަށް އެނގޭނެ. އެއީ ހަމަ ނަމޫނާއެއް" މުޙައްމަދުގެ ޚިދުމަތް ފާހަގަކުރައްވައި ބ. އޭދަފުށީ މޫސުން ރަބީޢު، މުޙައްމަދު ރިޒާ (ކުޑަ މުޙައްމަދު) ވިދާޅުވިއެވެ.

އެންމެ ހިތްދަތި ހަނދާން 

ފަތުރުވެރި ކަމުގެ ދާއިރާގައި އަމަލީ ގޮތުން މުޙައްމަދު  މަސައްކަތް ކުރެއްވި ދުވަސްވަރު ވެލިގަނޑުގެ މުވައްޒަފުންނަށް އެންމެ ފަރިތަ އެއް ނަމަކީ މުޙައްމަދު ޔޫސުފެވެ. ރަންގަލި ރިސޯޓްގައި އެއީ ރަންގަލި މުޙައްމަދެވެ. މިހާރުގެ އެ ދާއިރާގެ ގިނަބައެއްގެ މެދުގައި އެއީ ރަންގަލި މުޙައްމަދެވެ. 32އަހަރަށް ވުރެ ގިނަ ދުވަހު މުޙައްމަދު އުޅުއްވީ ކްރައުން ކޮންޕެނީގެ ޚިދުމަތުގައެވެ. ރިސޯޓްތަކާ ގުޅޭ އެކި މަސައްކަތްތަކުގައެވެ. އެކަމުގައި އުޅުއްވަން ކިތަންމެ ބޭނުންފުޅު ވިޔަސް، އަދި އެ ކަމަށް ކިތަންމެ ލޯބިކުރެއްވިޔަސް އެ ކަމަށް ވެސް ނިމުން އައެވެ. ކޮންމެ ކަމަކަށް ވެސް ނިމުމެއް އަންނަ ފަދައިންނެވެ. އެއީ ދުނިޔަވީ ޠަބީޢަތެވެ. އެ އުސޫލުން މުޙައްމަދު ވެސް އެ ވަގުތާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.

"އެންމެ ހިތްދަތިވި ދުވަހަކީ، ރިސޯޓް ލައިފް ދޫކޮށްލާފައި މާލެ ބަދަލުވާން ޖެހުނު ދުވަސް. އެކަމަކު މިހާރު ވެސް އުފާވަނީ އެ އެންމެންގެ ތެރޭގައި އަދި ވެސް ރަންގަލި މުހައްމަދު ޔޫސުފް، އެ ނަން އެ މީހުންގެ ތެރޭގައި އޮންނާތީ،  އެ އިހުތިރާމް މިހާރު ވެސް އެ މީހުންގެ ފަރާތުން ލިބޭތީ. އެންމެ ދެރަވި ދުވަހަކީ 32 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ކްރައުން ކޮމްޕެނީގައި އުޅެފައި، 2022 ގައި އެ ތަން ދޫކޮށްލަން ޖެހުނު ދުވަސް" މުޙައްމަދު އާކުރެއްވީ މީގެ 3 އަހަރު ކުރީގެ އެ ހިތާމަވެރި ދުވަހެވެ.

your imageއާއިލާގެ ތުއްތު ކުދިން ބެންސް އަންކަލްގެ ލަގަބު މުޙައްމަދަށް ދެނީ

"އެ ދުވަހު ނަޒީރު ވިދާޅުވީ ކޮމްޕެނީން ދުރުވިޔަސް އަޅުގަނޑުގެ ކަންކަން ވަރަށް ގާތުން ބަލަމުން ދާނެކަމަށް. އެއްގޮތަކަށް ވެސް ދެރަވާނެ ކަމެއް ނެތޭ. މަޑުމަޑުން ރީތިކޮށް ހުންނާށޭ. އެއީ ދެން ވަރަށް ހަނދާންވާ ދުވަހެއް. އެއީ އަބަދުވެސް ހަނދާނުގައި ހުންނަ ވާހަކަ ކޮޅެއް" އެ ހިތްދަތި އިހުސާސްތައް ބަންޑުކޮށްލަވަމުން ކަރުނަޔާ އެކު މުޙައްމަދު ވިދާޅުވިއެވެ.

އެ ދުވަހުގެ ނެގިމަޑުކަމުގައި މުޙައްމަދު ގެއަށް ވަޑައިގަތެވެ. އަމިއްލަ ގެއެއް ފަދައިން އުޅުއްވި ވަޒީފާއަށް، ދެން ނުކުންނަވަން ޖެހިވަޑައި ނުގަންނަވާނެ ހިތާމަވެރި ޚަބަރާއެކުއެވެ. އެ ހިތްދަތި ވަގުތު މުޙައްމަދާ އެންމެ ގާތުގައި ހުންނެވީ އޭނާގެ އަނބިކަނބަލުންނެވެ. އެއާއެކު ދެ ކުދީންނެވެ. އޭގެ ފަހަތުން ބޮޑުގޭ ބޮޑު ފެމިލީއެވެ. 

"ވަރަށް ފާހަގަކުރެވުނު ދުވަހެއް އެއީ.  32 އަހަރަށް ވުރެ ގިނަ ދުވަހު ބައްޕަ އުޅުއްވި ރިސޯޓް ލައިފް ދޫކޮށްލައްވާފައި ގެއަށް ވަޑައިގެންނެވި ދުވަސް. އެ ދުވަހު މުޅި ޢާއިލާ އެންމެން އެއްކޮށް ގޭގައި ބޮޑު ކެއުމެއް ތައްޔާރުކޮށް ބެސްޓް އަންކަލްގެ އެ ބުރަ މަސައްކަތް އެޕްރިޝިއޭޓް ކުރި. އެއީ ބައްޕައަށް ލިބިލެއްވި ވަރަށް ބޮޑު ހިތްވަރެއް. ބައްޕައަށް ގަބޫލުކުރެއްވުނު އެ ދާއިރާއަށް ޚިދުމަތްތަކެއް ބައްޕައަށް ކޮށްދެއްވުނުކަން. އަދި އާއިލާއިން ވެސް ބައްޕަގެ އެ ޚިދުމަތް ބަލައިގަތްކަން." މުޙައްމަދު ޔޫސުފުގެ ދަރިފުޅު މާނީ މުޙައްމަދު އުފާވެރިކަމުގެ ކަރުނަޔާއެކު އޭނާގެ ބައްޕައަށް ތަޢުރީފުކުރެއްވިއެވެ.

ކާމިޔާބީގެ އެހީތެރިން 

މުޙައްމަދު ޔޫސުފުގެ ދިރިއުޅުއްވުން މިހައި ހިސާބަށް ގެންނެވުމުގައި ވަރަށް ގިނަ ފަރާތްތަކެއް ގެ އެހީތެރިކަން ލިބިވަޑައިގެންފައި ވެއެވެ. އެ ލިސްޓުން އެންމެ ފުރަތަމަ ވެސް މުޙައްމަދު ފާހަގަކުރެއްވީ އޭނާގެ ރިސޯޓް ހަޔާތަށް އުފާވެރިކަން ގެނެސްދެއްވި ކްރައުންކޮންޕެނީއެވެ. އެ ކޮންޕެނީގެ ވެރީންނެވެ. ޚާއްޞަކޮށް ނަޒީރެވެ.

your imageކްރައުން ކޮންޕެނީގެ ޑިރެކްޓަރުންނާއެކު މުޙައްމަދު 

"އެއީ އަޅުގަނޑު ކެރިއަރުގެ ނަސީބު. ޚާއްޞަކޮށް ނަޒީރަކީ ވަރަށް ގިނަ ކަންކަމުގައި އެހީތެރިވި ބޭފުޅެއް. މިއަދު ވެސް އެކި ކަންކަމުގައި އެހީތެރިވެދެއްވާ. އަޅުގަނޑަށް އިއްޔެ ކުރެއްވި އިތުބާރު މިއަދު ވެސް ކުރައްވާ. މި ދިގު ދަތުރުގެ ކޮންމެ ކަމެއްގައި ވެސް ނަޒީރާއި ކްރައުން ކޮންޕެނީއަކީ މުހިންމު ހިއްސާދާރެއް. އެ ޝުކުރު ހުހެއްނުވާނެ" މުޙައްމަދު ވިދާޅުވިއެވެ.

"އަޅުގަނޑު އެންމެ ކުޑަ އިރު ވެސް މަންމަ ވަރަށް ނަޞޭޙަތް ދެއްވާނެ. ކިޔެވުމަށް ވަރަށް ބާރުއަޅުއްވައި ވާހަކަ ދައްކަވާނެ. މަންމައާއި ބައްޕައަކީ އަޅުގަނޑުގެ މި ކާމިޔާބީގެ އެންމެ މުހިއްމު ދެ ފަރާތް. ހަމަ އެފަދައިން އަޅުގަނޑުމެންގެ ޢާއިލާ ކުރިއެރުވުމުގައި ދޮންބެއަކީ ވަރަށް ވަރަށް މުހިންމު މީހެއް. ދެން މާލެ ބަދަލުވުމަށް ފަހު މއ.މާވަރު އެއީ އަޅުގަނޑުގެ އަމިއްލަ ގެ ގޮތަށް އުޅެމުން އައި ގެ. މާވަރުގެ ބޭބެއާ ދައްތައާއި އެ އާއިލާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ހަމައެއާ އެކު ރަންވިނަ ދައްތައާއި ދޮންބެއަކީ ވެސް ވަރަށް ޚާއްޞަ އެހީތެރީން." މުޙައްމަދު ވިދާޅުވިއެވެ.

"މާލޭގައި ހުރި އިރު ފުއާދުބެއަކީ އަޅުގަނޑުމެން ހުރިހާ ކުދީންގެ ބެލެނިވެރިޔާ. އަޅުގަނޑުމެން ހުރިހާ ކުދީންގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ސްކޫލްތަކަށް ވަޑައިގަންނަވާނީ ފުއާދުބެ. ދެން އަޅުގަނޑު މާލެއައުމާއި މާލޭގެ ސްކޫލަށް ވަނުމުގައި އަޙުމަދު ޝަފީޤަކީ އަޅުގަނޑަށް ވަރަށް އެހީތެރިވެ ދެއްވި ފަރާތެއް. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އަޙުމަދު ޝަފީގަކީ އަޅުގަނޑާ ވަރަށް ގާތް ފަރާތެއް. މިހާރު ވެސް އަޙުމަދު ޝަފިޤާ އެ ގާތްކަން އޮވޭ" މުޙައްމަދު އާކުރެއްވީ އެކި ދުވަސްވަރުގެ އެހީތަކެވެ.

"އައިސްތުއާ ކައިވެނި ކުރި ހިސާބުން އައިސްތުގެ ބޭބެ މުޙައްމަދު ޢާމިރާކީ ފާހަގަނުކޮށް ދޫކޮށްލެވޭ ވަރަށް ވުރެ މުހިއްމު ފަރާތެއް. މާލޭގައި އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމެއް ފެށުމަށް ކުރެވުނު މަސައްކަތުގައި މުޙައްމަދު އާމިރުގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބުނު. އެހެންވީ ބޮޑުގޭ އާއިލާއާއި އައިސްތުގެ އާއިލާގެ ފަރާތުން ލިބުނު އެހީތެރިކަން ވެސް ފާހަގަކުރަން" މުހައްމަދު ވިދާޅުވިއެވެ.

your imageމުޙައްމަދާއި އޭނާގެ އާއިލާ 

"އަޅުގަނޑަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރަކީ ހަމަ އަޅުގަނޑުގެ އަންހެނުން އައިސްތު. އައިސްތުގެ ހެޔޮދުޢާ. އަޅުގަނޑުގެ މި ހުރިހާ މަސައްކަތެއްގައި އައިސްތު އަޅުގަނޑަށް ދިން ހިތްވަރު އެއީ އަޅުގަނޑުގެ މި ކާމިޔާބު ދިރިއުޅުމުގެ އެންމެ ބޮޑު ބަޔަކީ. އަސްލު އެހެން މީހަކަށް ބުނާ ކުޑައިމީސް ބަހެއް ނޫން. އައިސްތު ކަހަލަ ހެޔޮލަފާ އަންބަކު ވަރަށް މަދުވާނެ. އެއީ އަޅުގަނޑުގެ ހުރިހާ ވެސް ނަސީބަކީ" މުޙައްމަދު ޔޫސުފުގެ އަނބިކަނބަލުން ޢާއިޝަތު ފަހީމާގެ ތެދުވެރި އިޚުލާޞްތެރި ދިރިއުޅުއްވުމާގުޅޭ ގޮތުން އޭނާގެ ހިތުގައި ކެކި އުތުރި އަރަމުން ދިޔަ އުފާވެރި ކަމުގެ އިޙުސާސްތައް އޭނާ ބަންޑުންކޮށްލެއްވިއެވެ.

ބޮޑުގޭ މުޙައްމަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ބޮޑު ނަމެކެވެ. ރަންގަލި ރިސޯޓްގެ ފުރަތަމަ ޖެނެރަލް މެނޭޖަރެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ރިވެތި އަޚުލާގެއް ދެއްކެވި ނަމޫނާއެކެވެ. 32 އަހަރަށް ވުރެ ގިނަ އަހަރު އެ ދާއިރާއަށް ގުރުބާނީތަކެއް ވެވަޑައިގެންނެވި ޚިދުމަތްތެރިއެކެވެ. ތުޅާދޫގެ އެތައް ދަރިންނަކަށް ފަތުރުވެރިކަމުގެ ދާއިރާއިން ފުރުޞަތު ތަނަވަސްކޮށްދެއްވައި އެ ދާއިރާއަށް ލޯހުޅުވާލަދެއްވި އެދުރެކެވެ. މިއަދު މުޙައްމަދަކީ ބޮޑުގޭ އާއިލާގެ މައި ތަނބެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
20%
އުފާވި
0%
ދެރަވި
0%
ރުޅިއައި
80%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 day ago 0 Comments
ލޯގޯ ފަރުމާކުރުމުގެ މުބާރާތުން 1ވަނަ މަތީނަށް
4 days ago 0 Comments
ވާދަމައިގެން މޮޅުވި ޓީމުތަކަށް ލިބުނު 21 ހާސް ރުފިޔާ އިޖުތިމާޢީ ޚިދުމަތަށް
5 days ago 0 Comments
ސިލްސިލާ ފުޓްބޯޅަ މެޗު ތުޅާދޫއަށް
5 days ago 0 Comments